Friday, August 9, 2024

މެނިންގޯކޯކަލް ބަލި

 

މެނިންގޯކޯކަލް ބަލި

މެނިންގޯކޯކަލް ބަލި(Meningococcal disease)  ނުވަތަ ބައްޔަކީ ނުރައްކާތެރި ގައިންގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ، ކޮންމެ ޖިންސެއްގެ އަދި ކޮންމެ ނަސްލެއްގެ މީހަކަށް ވެސް މިބަލިޖެހިދާނެ އެވެ. މިއީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ ބައްޔެކެވެ (ސީޑީސީ، 2024).މެނިންގޯކޯކަލް ބަލި ޖައްސާ ޖަރާސީމް އަށް ކިޔަނީ "ނެސީރިއާ މެނިންޖިޓިޑިސް"(Neisseria Meningitidis)  އެވެ. މިޖަރާސީމުގެ ސަބަބުން ކުރިމަތިވާ ކޮންމެ ބައްޔަކީ ވެސް މެނިންގޯކޯކަލް ބަލި ކަމުގައި ބެލެވެއެވެ (ސީޑީސީ، 2024).

މަގުފަހިކުރާ ކަންތައްތައް ނޫނީ ބަލިޖެހުމުގެ ފުރުޞަތު އިތުރުކުރާ ހިރާސްތައް

މެނިންގޯކޯކަލް ބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި :-


·         އުމުރު

o       އުމުރުން 1 އަހަރުން ދަށުގެ ކުޑަކުދިން

o       އުމުރުން 23-16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ފުރާވަރު ކުދިންނާއި ޒުވާނުން

o       އުމުރުން 65 އަހަރުން މަތީގެ މީހުން

·         ބައެއް ކަހަލަ ބަލިތައް ހުރުން ނޫނީ ބައެއް ކަހަލަ ހާލަތްތައް

o       ކޮމްޕްލިމެންޓް ކޮމްޕޮނަންޓް ޑެފިސިއެންސީޒް : މިއީ ދިފާޢީ ނިޒާމުގައި ހަށިގަނޑު އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބައިވެރިވާ "ކޮމްޕްލިމެންޓް ސިސްޓަމް" ގައި އުނިކަމެއް ހުރުމެވެ. އެގޮތުން ކޮމްޕްލިމެންޓް ސިސްޓަމްގެ ބައިތަކުގެ ތެރެއިން ،  C3، C5-9، ޕްރޮޕާރޑިން، ފެކްޓަރ D އަދި ފެކްޓަރ H ފަދަ ބައިތަކުގައި އުނިކަމެއް ހުރެދާނެއެވެ.

o       ހުންކޮށި މަސައްކަތް ނުކުރުން ނޫނީ އުފެދުމުގައި ހުންކޮށި ނުހުރުން : ހުންކޮއްޓަކީ މެނިންގޯކޯކަލް ބައްޔާއި ދެކޮޅަށް ހަށިގަނޑު ހަނގުރާމަކުރުމުގައި މުހިއްމު އެއްޗެކެވެ. އެއީ ބެކްޓީރިޔާތައް ފުރާނައި ފިލްޓަރުކުރުން އަދި ހަށިދަމަނަ ތައް އުފެއްދުމަށް ހުންކޮށި އެހީތެރިވެދޭތީ އެވެ. މިސާލަކަށް ސިކްލް ސެލް ޑިޒީޒް ހުންނަ މީހުންގެ ހުންކޮއްޓަކީ މަސައްކަތް ކުރާ އެއްޗެއް ނޫނެވެ.

o       އޭޑްސް ބަލި ޖެހިފައިވުން : އޭޑްސް ޖެހިފައިވާ މީހުންގެ ވައިރަސް ލޯޑް އިތުރުވުން ނޫނީ ސީޑީ4 ކައުންޓް ދަށްވުމަކީ މެނިންގޯކޯކަލް ބަލި ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : ކޮމްޕްލިމެންޓް އިންހިބިޓަރސް ގެ ގޮތުގައި ބެލެވޭ ބޭސްތައް މިސާލަކަށް އެކިޔުލިޒުމެބް، އަދި ރެވިޔުލިޒުމެބް ފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މެނިންގޯކޯކަލް ބަލި ޖެހުމުގެ ހިރާސް އިތުރުކުރުވައެވެ. މިފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މެނިންގޯކޯކަލް ބަލި ޖެހުމުގެ ހިރާސް 2 ހާސް ގުނަ އިތުރެވެ. މިފަދަ ބޭސްތައް ބޭނުންކުރަން ޖެހިދާނެ ހާލަތްތަކުގެ ތެރޭގައި:-

o       އެޓިޕިކަލް ހިމޮލިޓިކް ޔުރިމިކް ސިންޑްރޯމް – ލޭގެ ބައްޔެއް

o       މައެސްތީނިއާ ގްރެވިސް – މަސްތައް ވަރުދެރަވާ ބައްޔެއް

o       ނިއުރޯމައިއެލައިޓިސް އޮޕްޓިކާ ސްޕެކްޓްރަމް ޑިސްއޯޑަރ – ސިކުނޑިއާއި ނާރުތަކަށް ދިމާވާ ބައްޔެއް

o       ޕެރޮކްސިމަލް ނޮކްޓާރނަލް ހިމޮގްލޮބިނޫރިއާ – ލޭގެ ބައްޔެއް

·         ބަލިޖެހިފައިވާ މީހަކާ މާބޮޑަށް ގައިގޯޅިވެއުޅުން ނޫނީ ގިނައިރުތަކެއް ވަންދެން އެކުގައި އުޅެފައިވުން : އެގޮތުން ކްލޯޒް ކޮންޓެކްޓް އެއް ކަމަށް ބެލެވޭނީ އަންނަނިވި ފަރާތް ތަކެވެ.

o       މެނިންގޯކޯކަލް ބަލިޖެހިފައިވާ ބަލިމީހުންނާއި އެއްގޭގައި ދިރިއުޅޭ މީހުން

o       ބަލިމީހާ އާޢި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރު ވަންދެން ދަތުރުކޮށްފައިވާ މީހުން

o       ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

ބަލިމީހާ އާއި އެއްފުޅިން ފެންބޮއި، އެކުގައި ކައިބޮއި ހަދައިފައިވާ މީހުން، ބަލިމީހާއާއި ކުޑަ ވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން، އަދި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން ކްލޯޒް ކޮންޓެކްޓް ކަމުގައި ނުބެލެވޭނެ އެވެ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 2024).

ސަބަބުތައް

ނިސީރިއާ މެނިންޖިޓިޑިސް(Neisseria menigitidis)  ބެކްޓީރިޔާ އަކީ އިންސާނާގެ ނޭފަތުގެ އެތެރެއިން ފަހަތުގައި އަދި އަރުތެރޭގައި ހުރެދާނެ އެވެ. އެގޮތުން ކޮންމެ 10 މީހުންކުރެން 1 އެކެއްގެ ކަރުތެރޭގައި މިޖަރާސީމު ހުރެއެވެ. ނަމަވެސް މިގޮތަށް ޖަރާސީމު ހުއްޓަސް އެމީހުން ކިބައިން ބަލީގެ އަސަރު ނުފެންނާނެ އެވެ. ބައެއް ފަހަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ޖަރާސީމު ދަތުރުކޮށް އިންފެކްޝަން ކުރިމަތި ކުރުވައެވެ (ސީޑީސީ، 2024).

އެހެން މީހުންނަށް ބަލި ފެތުރުވުން ނޫނީ އެހެން މީހުންނަށް ބަލިޖެހުން

ބަލިޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ (ނޭވާލާ ނިޒާމު ނޫނީ ކަރުތެރެ އިން ބޭރުވާ ދިޔަ) ނޭވާލާ ނިޒާމުން ބޭރުވާ ދިޔަ (ކުޅު، އަރިދަފުސް، ދަވަ) އިގެ ޒަރީޢާ އިންނެވެ (ސީޑީސީ، 2024). އެހެންގޮތަކަށް ބުނާނަމަ މެނިންގޯކޯކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިޢާއިންނެވެ. ބަލިޖެހިފައިވާ މީހުންނާއި އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. މިބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ (ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ) 1 ދުވަހާ 10 ދުވަހާއި ދެމެދުގެ މުއްދަތެއް(incubation period) ގެ ތެރޭގައެވެ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 2024). ބަލިޖެހިފައިވާ މީހުންގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަނީ(infectious period)  ބަލީގެ އަލާމާތްތައް ފެނުމުގެ 7 ދުވަސް ކުރިއްސުރެ، އެންޓިބަޔޮޓިކް ބޭނުންކުރުމަށްފަހު 24 ގަޑިއިރު ވަންދެނެވެ.

ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވުން

އާންމު ގޮތެއްގައި ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރެނީ ކްލޯޒް ކޮންޓެކްޓް (މާބޮޑަށް ގައިގޯޅިވުން ނޫނީ ގާތުން އެއްތާކުވުން) ނޫނީ ލެންތީ ކޮންޓެކްޓް (ގިނައިރަށް ގައިގޯޅިވުން ނުވަތަ ގިނައިރު އެއްތާކުވުން) އެއްގެ ސަބަބުންނެވެ. މާބޮޑަށް ގައިގޯޅިވުން ނޫނީ ގާތުން އެއްތާކުވުމުގެ މިސާލަކީ ބޮސްދިނުން ނޫނީ ކިސް ކުރުމެވެ. ގިނައިރު އެއްތާކުވުމުގެ މިސާލަކީ ބަލިޖެހިފައިވާ މީހަކާ އެއްގޭގައި އެކުގައި އުޅުމެވެ (ސީޑީސީ، 2024).

ކްލޯޒް ކޮންޓެކްޓް އެއް ކަމަށް ބެލެވޭނީ ކޮންބައެއް؟

·         މެނިންގޯކޯކަލް ބަލިޖެހިފައިވާ ބަލިމީހުންނާއި އެއްގޭގައި ދިރިއުޅޭ މީހުން

·         ބަލިމީހާ އާޢި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރު ވަންދެން ދަތުރުކޮށްފައިވާ މީހުން

·         ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން

ބަލިމީހާ އާއި އެއްފުޅިން ފެންބޮއި، އެކުގައި ކައިބޮއި ހަދައިފައިވާ މީހުން، ބަލިމީހާއާއި ކުޑަ ވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން، އަދި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާއި ދިމާވެފައިވާ މީހުން ކްލޯޒް ކޮންޓެކްޓް ކަމުގައި ނުބެލެވޭނެ އެވެ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ، 2024).

މެނިންގޯކޯކަލް ބަލި ޖައްސާ ޖަރާސީމަކީ އަރިދަފުސް ރޯގާ އިންފުލުއެންޒާ ފަދަ އިން ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ނޫނީ ފެތުރޭ ޖަރާސީމެއް ނޫނެވެ (ސީޑީސީ، 2024).

ވައްތަރުތައް 

މެނިންގޯކޯކަލް ބަލީގެ އާންމު ދެވައްތަރެއް ހުރެއެވެ. އެއީ މެނިންޖައިޓިސް ނުވަތަ ސިކުނޑިއާއި މައިނާރުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން އަދި ލޭގެ އިންފެކްޝަން ނުވަތަ ސެޕްޓިސީމިއާ އެވެ. މެނިންގޯކޯކަލް މެނިންޖައިޓިސްގެ ސަބަބުން ސިކުނޑިއާއި މައިނާރުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވެއެވެ. މެނިންގޯކޯކަލްގެ ސަބަބުން ކުރިމަތިވާ ލޭގެ އިންފެކްޝަންގައި ލޭގެ ތެރެއަށް ޖަރާސީމު ދިއުމުން، ލޭހޮޅީގެ ފާރު ހަލާކުކޮށްލައެވެ. އޭގެ ސަބަބުން ގުނަވަންތަކަށް ލޭހިލި، އަދި ހަމުގެ ދަށަށް ލޭހިލި ލޭއަރާގޮތް ވެއެވެ (ސީޑީސީ، 2024).

އަލާމާތްތައް

މެނިންގޯކޯކަލް ބަލީގެ ސަބަބުން ކުރިމަތިވާ އަލާމާތްތައް އޭގެ ވައްތަރަށް ރިޢާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ (ސީޑީސީ، 2024).

މެނިންގޯކޯކަލް މެނިންޖައިޓިސް(meningococcal meningitis) ގެ އަލާމާތްތައް

މެނިންގޯކޯކަލް މެނިންޖައިޓިސްގެ އެންމެ އާންމު އަލާމާތްތަކަކީ:-

·         ހުންއައުން

·         ބޮލުގައި ރިހުން

·         ކަނދުރާ ވާންވުން ނޫނީ ހަރުއެރުން

މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         ވާނުވާ ނޭނގޭގޮތްވުން

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         އަލިގަދަވުމުން އުދަނގޫވުން

ތުއްތު ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތައް

ތުއްތު ކުދިންގެ ކިބައިން އިސްވެދިޔަ އަލާމާތްތައް ނުފެނިދާނެއެވެ. އަދި ފެނުނަސް ފާހަގަނުވެ ހިނގައިދާނެ އެވެ. ތުއްތު ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         ފެންނަ ފެނުމަށް ހިމޭނުން ނޫނީ މަޑުން އޮތުން

·         އުނދަގުލެއްވާތީ އުޅުން

·         ރަނގަޅަށް ނުކެއުން ނޫނީ ނުކެވުން

·         ސިކުނޑިވަޅު ފުއްޕުން

·         ހޮޑުލެވުން /ހޮޑުލުން

·         އާންމުކޮށް ހުންނަންޖެހޭ ގޮތަށް ރިފްލެކްސް ތައް ނުހުރުން

މެނިންގޯކޯކަލް ޖަރާސީމު ލޭގައި އަށަގަތު(meningococcal bloodstream infection)މުން ފެނިދާނެ އަލާމާތްތައް

މެނިންގޯކޯކަލް ޖަރާސީމު ލޭގައި އަށަގަތުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         ކުއްލިއަކަށް ހީކަރުވައި ހުންއައުން

·         އަތްފައި ފިނިވުން

·         މޭނުބައިކުރުން، ހޮޑުލެވުން

·         ބޭރަށް ހިންގުން

·         ވަރުބަލިވުން އަދި ވާޅުވުން ނޫނީ ވަރުދެރަވުން

·         ނޭވާ އަވަސްވުން

·         ރިހުން އަދި ތަދުވުން : މަސްތަކުގައި ރިހުން، ހުޅުތަކުގައި ރިހުން، މޭގައި ރިހުން، ބަނޑުގައި ރިހުން 

·         ގައިގައި ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުން

ނުރައްކާތައް

އެންޓިބަޔޮޓިކް ބޭނުންކޮށްގެން ފަރުވާ ދިން ނަމަވެސް، ބަލިޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން 15-10 މީހުން މަރުވެއެވެ. ބަލިޖެހި ރަނގަޅުވާ ކޮންމެ 5 މީހުންގެ ތެރެއިން 1 އަކަށް ދިގުމުއްދަތަށް ދެމިހުންނަ ނުކުޅެދުންތެރިކަން ކުރިމަތި ކުރުވައެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި:-

·         ސިކުނޑިއަށް ގެއްލުންވުން / ފިޓުޖެހުން

·         އަޑުއިވުމުން މަހުރޫމުވުން ނޫނީ ބީރުވުން

·         އަތެއް ނޫނީ ފަޔެއް ބުރިކޮށްލަންޖެހުން

·         ނާރުތަކުގެ މައްސަލަތައް ދިމާވުން

ޓެސްޓުކޮށް ދެނެގަތުން

މެނިންގޯކޯކަލް ބައްޔަކީ ދެނެގަންނަށް އުދަނގޫ ބައްޔަކަށް ވެދާނެއެވެ. ސަބަބަކީ އަލާމާތްތައް އެހެން ބަލިތަކާ އެއްގޮތްވުމެވެ. މިބަލި ދެނެގަތުމަށް އަދި ލޭ އަދި މައިބަދައިން ފެން ނަގައިގެން ޓެސްޓު ކުރެވެއެވެ. ލޭގެ ނޫނީ މައިބަދައިގެ ފެނުން ބެކްޓީރިޔާ ފާހަގަވެއްޖެނަމަ، އޭގެ ކަލްޗަރ ހަދައެވެ. ކަލްޗަރ ހެދުމުން އިންފެކްޝަން ކުރިމަތިކުރުވީ ކޮންބެކްޓީރިޔާއެއްކަމާ، އަދި އެބެކްޓީރިޔާއަށް އެންމެ ރަނގަޅީ ނޫނީ އެބެކްޓީރިޔާ ގުޑަނީ ކޮން އެންޓިބަޔޮޓިކް އަކަށް ކަން ކަނޑައަޅަން ފަސޭހަވެއެވެ.

ފަރުވާ

މެނިންގޯކޯކަލް ބައްޔަށް ފަރުވާގެ ގޮތުގައި އާންމުގޮތެއްގައި އެންޓިބަޔޮޓިކް ދެވެއެވެ. މިބައްޔަށް ޝައްކުވާނަމަ ވަގުތުން އެންޓިބަޔޮޓިކް ފެށެއެވެ. އެންޓިބަޔޮޓިކް ދިނުން ފުރާނަޔަށް ގެއްލުންވުމުގެ ހިރާސް ކުޑަކުރެއެވެ. އަދި އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވައިދެއެވެ.  ބަލީގެ ނުރައްކާތެރިކަމަށް ބަލައި ފަހަރުގައި އަންނަނިވި ފަރުވާތައް ދީފާނެއެވެ.

·         ނޭވާލުމަށް އެހީތެރިވުމުގެ ގޮތުން ވެންޓިލޭޓަރަށްލުން

·         ލޭގެ ޕްރެޝަރު ދަށްވުމަށް ފަރުވާގެ ގޮތުގައި ބޭސް ދިނުން

·         މަރުވެފައިވާ ސެލޯށިތައް ނެގުމަށް އޮޕަރޭޝަންކުރުން

·         ހަމުގައި އުފެދޭ ފާރުތަކަށް ފަރުވާކުރުން

ރައްކާތެރިވުން

ވެކްސިންދިނުން

މެނިންގޯކޯކަލް ބަލިން ރައްކާތެރިވެވޭނެ އެންމެ ފަސޭހަ ގޮތަކީ ވެކްސިން ޖެހުމެވެ. އެމެރިކާގެ ސީޑީސީ އިން ލަފާދޭގޮތުގައި ޅަފުރާގެ ކުދިންނާޢި، ފުރާވަރުގެ ކުދިން އަދި މެނިންގޯކޯކަލް ބަލި ޖެހުމުގެ ހިރާސް އިތުރު ކުޑަކުދިންނާއި ބޮޑެތި މީހުން ވެކްސިން ޖެހުމަކީ އެދެވިގެންވާ ކަމެކެވެ (ސީޑީސީ، 2024). މެނިންގޯކޯކަލް ބަލި އުޅޭ ގައުމުތަކަށް ދިވެހިރާއްޖެއިން ދަތުރުކުރާއިރު، މިވެކްސިން ޖެހުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ހައްޖާއި އުމުރާގެ އަޅުކަމަށް ވަޑައިގެންނެވުމުގެ ކުރިން މިވެކްސިން ކޮންމެހެން ވެސް ޖެހުން މުހިއްމެވެ. ވެކްސިން ގެ އަސަރު ކުރުމަށް އާންމު ގޮތެއްގައި 2 ހަފްތާގެ މުއްދަތެއް ހޭދަވެއެވެ. އެހެންކަމުން ދަތުރު ފެށުމުގެ 2 ހަފްތާ ކުރިން ވެކްސިން ޖެހުމަކީ މުހިއްމު ކަމެކެވެ.

އެންޓިބަޔޮޓިކް ދިނުން

ބަލިޖެހިފައިވާ މީހުންނާއި ގާތުންއެއްތާކުވި މީހުންނަށް ނޫނީ ކްލޯޒް ކޮންޓެކްޓުންނަށް ބަލިވުން ކުޑަކުރުމަށް ރައްކާތެރިވުމުގެ ގޮތުން އެންޓިބަޔޮޓިކް ދެވިދާނެއެވެ (ސީޑީސީ، 2024). ބަލިޖެހިފައިވާ މީހުންނާއި ގާތުން އެއްތާކުވި ކްލޯޒް ކޮންޓެކްޓުން ނަށް އާންމުކޮށް މިފަދަ އެންޓިބަޔޮޓިން ދެވެނީ ޕްރޮފައިލެކްޓިކް އެންޓިބަޔޮޓިކް އެއްގެ ގޮތުގައެވެ.

އަލުން ބަލިޖެހުން

މަދުން ނަމަވެސް އަލުން މެނިންގޯކޯކަލް ބަލި ނޫނީ ދެވަނަ ފަހަރަށް ނޫނީ އެއްފަހަރަށްވުރެ ގިނައިން މެނިންގޯކޯކަލް ބަލި ޖެހުމަކީ ވެދާނެ ގޮތެކެވެ. ދެވަނަ ފަހަރަށް މެނިންގޯކޯކަލް ބަލިޖެހޭ މީހުން އެމީހުންގެ ދިފާޢީ ނިޒާމުގެ މައްސަލައެއް ހުރިތޯ ޓެސްޓުކޮށް ބެލުމަކީ މުހިއްމު ކަމެކެވެ. (ސީޑީސީ، 2024).

މައުލޫމާތު :

·         https://www.cdc.gov/meningococcal/about/index.html

·         https://www.cdc.gov/meningococcal/index.html