Wednesday, September 4, 2013

ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން

ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން
ސިކުނޑިއާ ސްޕައިނަލް ކޯޑު ގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވު(Meningitis)މަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ބޭސްވެރި ބަހުރުވައިގައި މިބައްޔަށް ކިޔަނީ "މެނިންޖައިޓިސް"(Meningitis) އެވެ. މިބަލިޖެހެނީ ސިކުނޑިއާ ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ދުލިފަށަލަ އަދި އެދުލީގެ ތެރޭގައި ހުންނަ ދިޔަ (ފެން)އިގައި ޖަރާސީމު އެޅުމުންނެވެ. ބަލީގެ ނުރައްކާތެރިކަމާ، ބަލީގެ ފަރުވާ ބަލި ބަރޯސާވަނީ ބަލިޖެހެން މެދުވެރިވި، ސަބަބެއްގެ މައްޗަށެވެ.
މެނިންޖައިޓިސް އާންމު ގޮތެއްގައި ޖެހެނީ ކުޑަކުދިންނާ، ފުރާވަރުގެ ކުދިން އަދި ޒުވާނުންނަށެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނާ، ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ މީހުންނަށް ވެސް ބަލިޖެހުމަކީ ވަރަށް ގާތް ކަމެކެވެ.


ވައްތަރުތައް
މެނިންޖައިޓިސް ގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ. އެއީ :-
(ހ) - ވައިރަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުން (viral meningitis): މިއީ ވަރަށް އާންމު އަދި މާބޮޑު މައްސަލަތަކެއް މެދުވެރިކުރުވާ ވައްތަރެއް ނޫނެވެ.  ނަމަވެސް ނުރައްކާތެރި ހާލަތުގައި ހުންއައުން ދިގުދެމި، ވާގިއަރައި ފިޓްޖެހުމަކީ ވެދާނެ ގޮތެކެވެ.

(ށ) - ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުން (bacterial meningitis): މިއީ އެހާ އާންމު ވައްތަރެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ވައްތަރެކެވެ. މިވައްތަރުގެ މެނިންޖައިޓިސް ޖެހިއްޖެނަމަ ލަސްނުކޮށް ފަރުވާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ މިބަލީގެ ސަބަބުން ސިކުނޑިއާ ނާރުތަކަށް ގެއްލުންލިބި ފުރާނަޔަށް ނުރައްކާވެދާނެތީ އެވެ.

(ނ) - ފަންގަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުން (fungal meningitis): ފަންގަސް ގެ ސަބަބުން މެނިންޖައިޓިސް އެންމެ އާންމުކޮށް ޖެހެނީ "ކްރިޕްޓަކޮކަސް"(Cryptococcus) ކިޔާ ފަންގަސް އެއްގެ ސަބަބުންނެވެ. ފަންގަސްގެ ސަބަބުން ޖެހޭ މެނިންޖައިޓިސް ގައިންގަޔަކަށް ނާރާނެއެވެ.

(ރ) - ޕެރަސައިޓްގެ ސަބަބުން މެނިންޖައިޓިސް ޖެހުން (parasitic meningitis): ޕެރަސައިޓްގެ ސަބަބުން މެނިންޖައިޓިސް ޖެހުމަކީ ވަރަށް މަދުން ނަމަވެސް ދިމާވެދާނެ ގޮތެކެވެ. އެގޮތުން މެނިންޖައިޓިސް ޖައްސާ ޕެރަސައިޓަކީ "ނަގްލެރިއާ ފައުލެރީ"(naegleria fowleri) އެވެ. މިޕެރަސައިޓް ހަށިގަނޑަށް ވަންނަނީ ކޯރު، ކުޅި، ފަދަ ތަންތަނުގައި ފީނާ ފަތާ ހެދުން ފަދަ ކަންތައް ކުރުމުގެ ތެރޭގައި ނޭފަތުގެ ތެރެއިންނެވެ. ޕެރަސައިޓާ ތަޣައްޔަރުވެފައި ހުރި ފެން ބުޔަކަސް މެނިންޖައިޓިސް އެއް ނުޖެހޭނެ އެވެ.

ސަބަބު
ތަފާތު ވައްތަރުގެ ޖަރާސީމު ތަކުން ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން ކުރިމަތި ކުރުވައެވެ. އެގޮތުން މެނިންޖައިޓިސް ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ވައިރަސް، ބެކްޓީރިޔާ، ފަންގަސް، ޕެރަސައިޓް ފަދަ ޖަރާސީމު ތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބެކްޓީރިޔާ އަދި ވައިރަސްގެ ސަބަބުންޖެހޭ މެނިންޖައިޓިސް އަކީ ގައިންގަޔަށްއަރާ ބައްޔެކެވެ. މިގޮތުން ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ދިއުން، އަދި ބަލިމީހާއާ މާބޮޑަށް ގައިގޯޅިވެ އުޅުމަކީ ބަލިޖެހިދާނެ ގޮތްތަކެވެ.

ވައިރަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުން : ވައިރަސްގެ ސަބަބުން މެނިންޖައިޓިސް އެންމެ އާންމުކޮށްޖެހެނީ "އެންޓީރަވައިރަސް"(enterovirus) ތަކުގެ ސަބަބުންނެވެ. ބަލީގެ ހާލަތެއް މެދުވެރި ކުރުވުމެއްނެތި، އިންސާނާގެ ގޮހޮރުގެ ތެރޭގައި އެންޓީރޯވައިރަސްތައް ދިރިހުރެދާނެ އެވެ. ނަމަވެސް ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ތަކެއްޗާ، ކާބޯތަކެތި، އަދި ފެނުގެ ތެރެއިން އެކަކު ގައިން އަނެކާގެ ގަޔަށް މިވައިރަސްތައް ހިނގައްޖެނަމަ، މެނިންޖައިޓިސް ޖެހިދާނެ އެވެ. އެންޓީރަވައިރަސް ތަކުގެ ސަބަބުން މެނިންޖައިޓިސް އާންމުކޮށް ޖެހެނީ ތުއްތުކުދިންނާ، ކުޑަކުދިންނަށެވެ. ވަރަށް މަދު ފަހަރަކު، އޭޑްސް ބަލި ޖައްސާ ވައިރަސް "އެޗްއައިވީ" އަދި "ކޯފުއްޕި ޖައްސާ ވައިރަސް"، "އެޕްސްޓެއިންބަރ ވައިރަސް"، "ހާރޕީޒް ވައިރަސް"، "ފާނަ ބަސަނދު ޖައްސާ ވައިރަސް"، އަދި "އާރބޯ ވައިރަސް" ގެ ސަބަބުން ވެސް މެނިންޖައިޓިސް ޖެހިދާނެ އެވެ.

ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުން : ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ. އެއީ ވެކުސިން ދިނުމުގެ ސަބަބުން ކުޑަކުދިން ބަލިން ދިފާޢުކޮށްދޭތީ އެވެ. ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް އާންމުކޮށް ޖެހޭކަމަށް ފާހަގަކުރެވެނީ މައިގަނޑު ދެބެކްޓީރިޔާ އަކުންނެވެ. އެއީ "ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ"(streptococcus pneumonia) ، އަދި "ނައިސީރީއާ މެނިންޖިޓިޑިސް"(neisseria meningitides) އިންނެވެ. މިބެކްޓީރިޔާތަކަކީ ބަލީގެ ހާލަތު މެދުވެރި ކުރުވުމެއްނެތި، ނޭފަތާ، ކަރުތެރޭގައި ދިރިއުޅޭ ބެކްޓީރިޔާ ތަކެކެވެ. ނަމަވެސް މިބެކްޓީރިޔާތައް ލޭގެ ތެރެއިން ގޮސް، ސިކުނޑިއާ ސްޕައިނަލް ކޯޑުގެ ވަށައިގެން ހުންނަ ދުލިފަށަލަތަކާ، އެދުލީގެ ތެރޭގައި ހުންނަ ދިޔައަށް ވާޞިލްވެއްޖެނަމަ މެނިންޖައިޓިސް ޖެހުމަކީ ވެދާނެ ގޮތެކެވެ. ބަލިޖެހިފައިވާ މީހުންގެ ފުށުން އަނެކާއަށް ބަލިފަތުރަނީ ބަލީގެ ޖަރާސީމުހުރި ކުޅާ، އަރިދަފުސް އަދި ދަވައިގެ ޒަރީޢާއިންނެވެ.

ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ބައެއް ފަހަރު "ގުރޫޕު ބީ ސްޓްރެޕްޓަކޮކަސް"(group B streptococcus) އަދި "ލިސްޓިރީއާ މޮނަސައިޓަޖީންސް"(listeria monocytogenes) ގެ ސަބަބުން ވެސް ޖެހިދާނެ އެވެ. ގުރޫޕް ބީ ސްޓްރެޕްޓަކޮކަސް ގެ ސަބަބުން މެނިންޖައިޓިސް އާންމުކޮށް ޖެހެނީ އަލަށްއުފަންވާ ތުއްތު ކުދިން، ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށްފަހު، ޖަރާސީމާ ތަޣައްޔަރުވެގެންނެވެ. ލިސްޓިރީއާ މޮނަސައިޓަޖީންސްގެ ސަބަބުން މެނިންޖައިޓިސް އާންމުކޮށް ޖެހެނީ އަލަށްއުފަންވާ ތުއްތު ކުދިން، އަދި އުމުރުން ދުވަސްވީ މީހުންނަށެވެ.
އެމެރިކާގެ ބަލިތައް ކޮންޓްރޯލްކުރާ މަރުކަޒުން ހުރިހާ މާބަނޑު އަންހެނުން 37-35 ހަފްތާއާ ދެމެދު، ގުރޫޕު ބީ ސްޓްރެޕްޓަކޮކަސް އަށް ސްކްރީން ކުރުމަށް ލަފާދެއެވެ. ޖަރާސީމު ހުރިނަމަ ވިހެއުމުގެ ތެރޭގައި އެންޓިބަޔޮޓިކް ދެވެއެވެ. އެއީ ތުއްތު ދަރިފުޅުން ބަލިން ރައްކާތެރިކޮށް ދިނުމަށްޓަކައެވެ.

ފަންގަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުން : ފަންގަސް ގެ ސަބަބުން މެނިންޖައިޓިސް އެންމެ އާންމުކޮށް ޖެހެނީ "ކްރިޕްޓަކޮކަސް"(Cryptococcus) ކިޔާ ފަންގަސް އެއްގެ ސަބަބުންނެވެ. ފަންގަސްގެ ސަބަބުން ޖެހޭ މެނިންޖައިޓިސް ގައިންގަޔަކަށް ނާރާނެއެވެ. މެނިންޖައިޓިސް ޖައްސާ ފަންގަސްގެ އެހެން ބާވަތްތަކުގެ ތެރޭގައި "ހިސްޓަޕްލާޒްމާ"(histoplasma)، އަދި "ކޮކްސިޑޮއިޑްސް"(coccidoides) ފަދަ ފަންގަސްތައް ހިމެނެއެވެ. މިގޮތަށް މެނިންޖައިޓިސް ޖެހެނީ ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި އުފެދޭ ފަންގަސްގެ އަސަރު ލެޔަށާ، ސިކުނޑިއާ ނާރުތަކަށް ކުރުމުންނެވެ. މީގެ އިތުރުން ސްޓީރޮއިޑް ފަދަ ދިފާއީ ބާރު ދަށްކޮލާ ބޭސް ތައް ބޭނުންކުރާނަމަ ވެސް ފަންގަސްގެ ސަބަބުން މެނިންޖައިޓިސް ޖެހިދާނެ އެވެ.
ފަންގަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިހުން، ކަރުހަރުއެރުން، މޭނުބައިކުރުން، ހޮނޑުލެވުން، އަލިވުމުން އުދަނގޫވުން، އަދި ހޭވެރިކަމަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޕެރަސައިޓްގެ ސަބަބުން މެނިންޖައިޓިސް ޖެހުން : ޕެރަސައިޓްގެ ސަބަބުން މެނިންޖައިޓިސް ޖެހުމަކީ ވަރަށް މަދުން ނަމަވެސް 
ދިމާވެދާނެ ގޮތެކެވެ. އެގޮތުން މެނިންޖައިޓިސް ޖައްސާ ޕެރަސައިޓަކީ "ނަގްލެރިއާ ފައުލެރީ"(naegleria fowleri) އެވެ. މިޕެރަސައިޓް ހަށިގަނޑަށް ވަންނަނީ ކޯރު، ކުޅި، ފަދަ ތަންތަނުގައި ފީނާ ފަތާ ހެދުން ފަދަ ކަންތައް ކުރުމުގެ ތެރޭގައި ނޭފަތުގެ ތެރެއިންނެވެ. ޕެރަސައިޓާ ތަޣައްޔަރުވެފައި ހުރި ފެން ބުޔަކަސް މެނިންޖައިޓިސް އެއް ނުޖެހޭނެ އެވެ.
ބައެއް ކަހަލަ ބަލިތަކާ، ބޭސްތައް، މޫނާ ބޮލަށްލިބޭ ބައެއް ކަހަލަ އަނިޔާތަކާ، އޮޕަރޭޝަން ތަކުގެ ސަބަބުން ވެސް މެނިންޖައިޓިސް ޖެހިދާނެ ހަދާންކުރަން ޖެހެއެވެ.

މެނިންޖައިޓިސް ފެތުރުން
މެނިންޖައިޓިސް ޖައްސާ ޖަރާސީމު އެކަކުގެ ގައިން އަނެކާގެ ގަޔަށް، އަދި ދިރޭ ތަކެތީގެ ގައިން އިންސާނުންގެ ގަޔަށް ވާޞިލްވެދާނެ އެވެ. ހަށިގަނޑަށް ޖަރާސީމު ވަނުމުގެ މާނައަކީ އަދި ބަލިޖެހުމެއް ނޫންކަން ހަދާންކުރަން ޖެހެއެވެ. އެކަކުގައިން އަނެކާގެ ގަޔަށް ބަލީގެ ޖަރާސީމު ފެތުރެނީ:-
·         ވިހެއުމުގެ ތެރޭގައި : މައިމީހާގެ ހަށިގަނޑުގައި ބަލީގެ ޖަރާސީމުހުރެ، އަލާމާތްތައް ނުފެނުނަސް، މައިމީހާގެ ފުށުން ވިހެއުމުގެ ތެރޭގައި ދަރިފުޅުގެ ހަށިގަނޑަށް ބަލީގެ ޖަރާސީމު ފޯރުމަކީ ވެދާނެ ގޮތެކެވެ. ބެކްޓީރިޔާ އަދި ވައިރަސްތައް ވެސް ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅުގެ ހަށިގަނޑަށް ދިއުމަކީ ވެދާނެ ގޮތެކެވެ.
·         ބޮޑުކަމުނަޖިހުން : ބޮޑުކަމު ނަޖިހުގައި އެންޓީރަވައިރަސްތައް އަދި ތަފާތު ބެކްޓީރިޔާ ތައް ހުރެދާނެ އެވެ. ފާޚާނާކޮށް ނިމިގެން ރަގަޅަށް ސައިބޯނި ލައިގެން އަތް ނުދޮންނަނަމަ، އެހެންމީހުންނަށް ބަލިފެތުރުމަކީ ވެދާނެ ގޮތެކެވެ.
·         ކެއްސާ ކިނބިއެޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ކުޅާ، އަރިދަފުސް، ނުވަތަ ދަވައާއެކު ބައެއް ކަހަލަ ބެކްޓީރިޔާ އެކަކު ގައިން އަނެކާގެ ގަޔަށް ދިއުމަކީ ވެދާނެ ގޮތެކެވެ.
·         ބޮސްދިނުން، ޖިންސީ ބީހުން، ޖަރާސީމާ ތަޣައްޔަރުވެފައިހުރި ލޭގައި ބީހުން : މެނިންޖައިޓިސް ޖައްސާ ކަމަށް ބެލެވޭ އެޗުއައިވީ ފެތުރެނީ ލޭގެ ޒަރީޢާއިންނާ، ޖިންސީގުޅުމުންނެވެ. ނަމަވެސް ބޮސްދީ ހެދުމަކުން އެޗުއައިވީ އެއް ނުފެތުރޭނެ އެވެ.
މެނިންޖައިޓިސް ޖެހުމަށް މަގުފަހިކުރާ ކަންތައްތައް
(ހ) – ވާރުތަވުން : ބައެއް މީހުންގެ ހަށިގަނޑުގައި މެނިންޖައިޓިސް ޖެހުމަށް މަގުފަހިވާ ވިރާސީ ބާރެއް ހުރުމަކީ އެބަލި ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެފަދަ މީހުން ބަލީގެ ޖަރާސީމަށް ހުށަހެޅިއްޖެނަމަ ފަސޭހައިން ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. ނަމަވެސް މިއީ ލޭއަޅާބަލި ފަދައިން ވާރުތަވާ ބައްޔެއް ނޫންކަން ހަދާންކުރަން ޖެހެއެވެ.
(ށ) – ޖިންސް : ފިރިހެނުންނަށް އަންހެނުންނަށްވުރެ މެނިންޖައިޓިސް ޖެހޭ މިންވަރު މަތިކަން ފާހަގަ ކުރެވެއެވެ.
(ނ) – އުމުރު : ތުއްތު ކުދިން، ކުޑަކުދިން، ފުރާވަރުގެ ކުދިން، އަދި މުސްކުޅިންނަށް މެނިންޖައިޓިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
(ރ) – ތޮށްޖެހިފައިވާ ތަނެއްގައި ދިރިއުޅުން : ތޮށްޖެހިފައިވާ ތަނެއްގައި ( ގިނަ މީހުން އެއްތަނެއްގައި ) ދިރިއުޅެން ޖެހިފައިވުމަކީ ވަރަށް ފަސޭޙައިން އެފަދަ މީހުންގެ ތެރޭގައި މެނިންޖައިޓިސް ފެތުރޭނެ ކަމެކެވެ.
(ބ) – އެއްގަމު ޖަނަވާރާ ފަނިފަކުސަ އަށް ހުށަހެޅުން : ހަށިގަނޑުގައި ބަލީގެ ޖަރާސީމު ހުންނަ އެއްގަމު ޖަނަވާރާ، ފަނިފަކުސަ އުޅޭ ހިސާބުތަކަށް ޒިޔާރަތް ކުރާ މީހުންނާ، އެފަދަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް، ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.
(ޅ) - ބައެއް ކަހަލަ ވެކުސިން ޖެހުން :  އުމުރުން 2 އަހަރުވުމުގެ ކުރިން މެނިންޖޮކޮކަލް ވެކުސިން، އެމްއެމްއާރު  ވެކުސިން، އަދި ހިބު ވެކުސިން ޖަހާފައިނުވާ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.
(ކ) – ހުންކޮށިނެގުން : ހުންކޮށި ނަގާފައިވާ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.
(އ) – މެނިންޖައިޓިސް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ބަލީގެ ހާލަތްތައް
·         އާންމު ޞިއްޙަތު ދަށްވުން : ޞިއްޙީ ގޮތުން ބަލިކަށި، ދިފާޢީ ބާރު ދަށްވެފައިވާ މީހުންނަށް ފަސޭހައިން ބަލިޖެހޭގޮތް ވެއެވެ.
·         އުފެދުމުގައި ބޮލުގެ ނާށިގަނޑުގައި ޢައިބެއްހުރުން، ބޮލަށް އަނިޔާއެއް ލިބުން، ސިކުނޑީގެ އޮޕަރޭޝަނެއް ކުރުން
·         ޑަޔަލިސިސް ގަވާއިދުން ހެދުން
·         ބައެއް ކަހަލަ ބަލިތައް ޖެހުން : މިސާލަކަށް އަރިދަފުސް ރޯގާ، ކޯފުއްޕި، ކެއްސުން ބަލި، ސިފިލިސް، ލައިމް ޑިޒީޒް، ހާރޕީޒް ވައިރަހުން ޖެހޭ ބަލިތައް ޖެހިފައިވުމަކީ މެނިންޖައިޓިސް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ.
·         ކޮކްލިއަރ އިމްޕްލާންޓް ލެއްވުން : ކޮކްލިއަރ އިމްޕްލާންޓް ލައްވާފައިވާ ކުދިންނަށް ބެކްޓީރިޔާގެ ސަބަބުންޖެހޭ މެނިންޖައިޓިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ.
·         ބަލީގެ ޖަރާސީމު ހުރި މާބަނޑުމީހުންނަށް ލިބޭ ދަރިން
·         ކުރިން މެނިންޖައިޓިސް ޖެހިފައިވުން

މެނިންޖައިޓިސް ކުރިމަތިވާގޮތް
މެނިންޖައިޓިސްގެ އުދަނގޫތައް ކުރިމަތިވަމުން އަންނަގޮތް ބަރޯސާވަނީ އެމީހެއްގެ އުމުރާ، އާންމު ޞިއްޙަތު ހުރިނެތްގޮތް، އަދި ބަލި ޖައްސާ ޖަރާސީމުގެ މައްޗަށެވެ. ބައެއް މީހުންނަށް އާދައިގެ ވަރަކަށް ބަލީގެ އުދަނގޫތައް ފެންނައިރު އަނެއް ބައިމީހުންނަށް ވަރަށް ބޮޑަށް ބަލީގެ އުދަނގޫތައް ކުރިމަތިވެދާނެ އެވެ.

ވައިރަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުމަކީ މާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް މެނިންޖައިޓިސްގެ އުދަނގޫތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި، ބަލިޖެހުނީ ކޮން ޖަރާސީމަކުންކަން ދެނެގަތުން މުހިއްމެވެ. ވައިރަސްގެ ސަބަބުން އާދައިގެ މިންވަރަކަށް މެނިންޖައިޓިސްގެ އުދަނގޫތައް ކުރިމަތިވިނަމަ ގޭގައި ވެސް ފަރުވާ ކުރެވިދާނެ އެވެ. އަދި އާންމުކޮށް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަގަޅުވެދެއެވެ. ނަމަވެސް ބައްޔަށްފަހު، ބައެއް މީހުންނަށް ދުވަސްތަކެއް ވަންދެން ވަރުބަލިވެ، ބޯއެނބުރުމަކީ ވެދާނެ ގޮތެކެވެ.

ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ބަލީގެ އުދަނގޫތައް ކުއްލިއަކަށް ފެނުމާއެކު 3-2 ހަފްތާ ވަންދެން އުދަނގޫތައް ނުފިލައި ދެމިހުރެއެވެ. މިގޮތުން ބަލިޖެހޭ މީހުންނަށް ފަރުވާކުރެވެނީ ހޮސްޕިޓަލްގައެވެ. ބަލީގައި ދިމާވާ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން އިތުރުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެފަދަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ފަރާތްތަކުގެ ތެރޭގައި، ތުއްތުކުދިން، 2 އަހަރުން ދަށުގެ ކުޑަކުދިން، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްމީހުން ހިމެނެއެވެ.

ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ފަރާތްތަކުގެ ތެރޭގައި، ތުއްތުކުދިން، 2 އަހަރުން ދަށުގެ ކުޑަކުދިން، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްމީހުން ހިމެނެއެވެ. ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި، ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އެންމެ ބޮޑީ، އުމުރުން 50 އަހަރަށްވުރެ މަތިވުން، ބަލިޖެހުނުތާ 24 ގަޑިއިރުގެ ތެރޭގައި ވާގިއެރުން ކުރިމަތިވުން ނުވަތަ ފިޓުޖެހުން، ހޮސްޕިޓަލްގައި އެދުމަތިކުރިއިރު ކޯމާގައި އޮތުން، ނުވަތަ ޝޮކުޖެހިފައިވުން، ފަރުވާ ނުލިބި ލަސްވުން، މެޝިންގެ އެހީގައި ނޫނީ ނޭވާނުލެވުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ސްޓްރެޕްޓަކޮކަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން އެހެން ބެކްޓީރިތަކުން މެނިންޖައިޓިސް ޖެހުމަށްވުރެ ފުރާނައަށް ނުރައްކާވާ ނިސްބަތް އިތުރެވެ. ނިއުމޯކޮކަލް ވެކްސިން ޖެހުމަކީ ބަލިން ދިފާޢުކޮށްދޭނެ ކަމެކެވެ.

އަލާމާތްތައް
ބެކްޓީރިޔާގެ ސަބަބުންޖެހޭ މެނިންޖައިޓިސް ގެ އުދަނގޫތައް ފެންނަށް ފަށަނީ ކުއްލިއަކަށެވެ. ވައިރަސްގެ ސަބަބުންޖެހޭ މެނިންޖައިޓިސްގެ އުދަނގޫތައް ކުއްލިއަކަށް ވެސް ފެނިދާނެ އެވެ. މަޑުމަޑުން ގިނަ ދުވަހުން ފެންނަމުން ހިގައިދާނެ އެވެ. މިސާލަކަށް ކޯފުއްޕި ޖެހުމަށްފަހު، މެނިންޖައިޓިސްގެ އުދަނގޫތައް ފެންނަށް އެތައް ދުވަހެއް ހޭދަވެދާނެ އެވެ.

މެނިންޖައިޓިސް ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
v     ހުންއައުން
v     ވަރަށް ބޮޑަށް ބޮލުގައި ރިހުން
v     ކަރަށް ބާރުވެ، ފިތި، ހަރުއަރައި ތަދުވުން : ޚާއްޞަކޮށް ކަރުތިރިއަށް މެޔާ ދިމާލަށް ގެންދާއިރު މިތަދު ބޮޑުވާނެ އެވެ.
v     ހޮނޑުލެވުން
v     ވާނުވާ ނޭނގުން
v     ހޭވެރިކަމަށް ބަދަލުއައުން
v     ވާގިއެރުން (ފިޓުޖެހުން)

މެނިންޖައިޓިސް ޖެހުމުން ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި:-
v     ގައިންވަރުދޫވެ ހަކަތަ ހުސްވެފައި އޮންނަހެން އޮތުން
v     މަސްތަކުގައި ރިހުން
v     ވަރުދެރަވުން
v     ވަރުބަލިވުން
v     ކަށިހަރާހެން ހީވުން
v     އައްޔަށް ތަހައްމަލުނުކުރެވުން ، އަލިވުމުން ލޮލަށް ތަދުވުން
v     ބިހިނެގުން
v     ހޭނެތުން
މެނިންޖައިޓިސް ޖެހުމުން ފުރާއުމުރުގެ ކުދިންނާ، ޒުވާނުންގެ ފުށުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، ބޮލުގައި ރިހުން، ތާއްޔަށްޖެހުން، ހޮނޑުލެވުން، ވާގިއެރުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނާ ބޮޑެތި މީހުންނަށް އަދި ދިފާޢީ ބާރު ދަށްމީހުންނަށް (އެހެން ޞިއްޙީ މައްސަލަތައް ހުންނަ މީހުންނަށް) ކުރިމަތިވާ އުދަނގޫތައް ތަފާތު ވެދާނެ އެވެ. ކުޑަކުދިން އުދަނގުލެއްވާތީ އުޅުމާއެކު، ނުކާންވެގެން އުޅެފާނެ އެވެ. ގައިން ބިހިނެގުމާއެކު އުރާލުމުން ވެސް ހުއްޓާނުލާ ރުއިމަކީ ވެސް ވެދާނެ ގޮތެކެވެ. ތަންކޮޅެއް ބޮޑެތި ކުދިންނަށް މެނިންޖައިޓިސް ޖެހުމުން ބައެއް ފަހަރު ރޯގާ ޖެހުމުންވާ އުދަނގޫތައް ވެދާނެ އެވެ. އެގޮތުން ކެއްސުމާއެކު ނޭވާލާން އުދަނގޫވުމަކީ ވެދާނެ ގޮތެކެވެ. އުމުރުން ދުވަސްވީ މީހުންނާ، އެހެނިހެން ޞިއްޙީ މައްސަލަތައް ހުންނަ މީހުންގެ ފުށުން ހަމައެކަނި ބޮލުގައި ރިހުމާ ހުންއައުން ފާހަގަ ކުރެވިދާނެ އެވެ.  

ދެނެގަތުން
މެނިންޖައިޓިސް ކަން ދެނެގަނެވެނީ ބަލިމީހާގެ ފުށުން އޮޅުން ފިލުވޭ މައުލޫމާތުތަކާ، ބަލާބެލުންތައް، ޖިސްމާނީ ގޮތުން ފާހަގަވާ ކަންތައްތަކާ އެނގޭ އެގުންތަކަށް ރިއާޔަތްކޮށްގެންނެވެ.

(ހ) - ލަމްބަރ ޕަންޗަރ (lumbar puncture): ލަމްބަރ ޕަންޗަރ އަކީ ސިކުނޑީގެ ވަށައިގެންވާ ދުލީގެ ތެރޭގައި ހުންނަ ދިޔަ ނަގައިގެން ޓެސްޓުކުރުމެވެ. މިއީ މެނިންޖައިޓިސް އާ ގުޅިގެން ހެދޭ އެންމެ މުހިއްމު އެއް ޓެސްޓެވެ. މިދިޔަ ކަލްޗަރ ކޮށްގެން އޭގައި ބަލީގެ ޖަރާސީމު ހުރިތޯ ބަލާނެ އެވެ. އެގޮތުން މިދިޔަ ކަލްޗަރކޮށްގެން ހަދާ ޓެސްޓުގެ ނަތީޖާ ލިބެން ދެތިން ދުވަހުން ފެށިގެން ގޮސް ދެތިން ހަފްތާ ވެސް ނަގައިފާނެ އެވެ.

(ށ) - އެހެނިހެން ޓެސްޓުތައް
v     ލޭގެ ޓެސްޓުތައް ހެދުން
v     ލޭގެ ކަލްޗަރ ހެދުން
v     ކުޑަކަމުނަޖިހުގެ ޓެސްޓުހެދުން
v     މޭގެ އެކްސްރޭ ނެގުން
v     ހަމުގައި ހުންނަ ބިހިތަކުން އެތިކޮޅެއް ނަގައިގެން ޓެސްޓުކުރުން (ބަޔޮޕްސީ ހެދުން)
v     ސީޓީ ސްކޭން ހެދުން
v     އެމްއާރުއައި ސްކޭން ހެދުން

ފަރުވާ
މެނިންޖައިޓިސްގެ ފަރުވާ ބަރޯސާވަނީ މެނިންޖައިޓިސް ޖެހުމަށް ދިމާވާ ސަބަބެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ބެކްޓީރިޔާގެ ސަބަބުންޖެހޭ މެނިންޖައިޓިސް އަށް ފަރުވާ ކުރެވެނީ ހޮސްޕިޓަލްގައި އެދުމަތިކޮށްގެންނެވެ. އެގޮތުން ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން ދެވޭ ފަރުވާގައި އެންޓިބަޔޮޓިކް، އަދި ސްޓީރޮއިޑް ވެސް ބޭނުންކޮށް އުޅެއެވެ.
ވައިރަސްގެ ސަބަބުން ޖެހޭ މެނިންޖައިޓިސް އާންމު ގޮތެއްގައި 3 ދުވަހުގެ ތެރޭގައި ރަގަޅުވާން ފަށައެވެ. އަދި  2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ރަގަޅުވެއެވެ. އާދައިގެ ވަރަކަށް އުދަނގޫތައް ހުރިނަމަ ގޭގައި ޕެނަޑޯލް ފަދަ ބޭސްތައް ބޭނުންކުރުމާއެކު، ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ބާރު އަޅައެވެ. ޕެނަޑޯލް ފަދަ ބޭސް ބޭނުންކޮށްގެން ރަގަޅުނުވާނަމަ، ނޫނީ އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދައްކައިގެން، ޓެސްޓުތައް ހަދައި ފަރުވާކުރިޔަށް ގެންދިއުން މުހިއްމެވެ.

ހޮސްޕިޓަލްގައި ދެވޭ ފަރުވާ
ބެކްޓީރިޔާގެ ސަބަބުން މެނިންޖައިޓިސް ޖެހުން، ނުވަތަ ނުރައްކާތެރި ދަރަޖައަކަށް ވައިރަސްގެ ސަބަބުން މެނިންޖައިޓިސް ޖެހިފައިވާނަމަ، ބައެއް ފަހަރު ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާކުރަން ޖެހެއެވެ. އެގޮތުން ހޮސްޕިޓަލްގައި ދެވޭ ފަރުވާގައި އަންނަނިވި ކަންތައްތައް ޝާމިލްވާނެ އެވެ.
·         އެންޓިބަޔޮޓިކް ދިނުން : އެންޓިބަޔޮޓިކް ދޭނީ ހަމައެކަނި ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކަށެވެ. ކޮންމެ ދޭންނުޖެހޭ ހާލަތްތަކުގައި އެންޓިބަޔޮޓިކް ދިނުމަކީ ބޭހަށް ނުގުޑާގޮތް މެދުވެރިވާ ކަމެކެވެ.
·         ސިކުނޑީގެ ޕްރެޝަރު ދަށްކުރުމަށް ބޭސް ދިނުން : އެގޮތުން އާންމުކޮށް ދެވެނީ ސްޓީރޮއިޑް އެވެ. މިސާލަކަށް ޑެކްސަމެތަޒޯން އަކީ މިގޮތުން ދީފާނެ ބޭހެކެވެ.
·         ތަދާއި، ހުންތިރިކުރުމަށް މަސައްކަތްކުރުން : އެގޮތުން ޕެނަޑޯލް ދިނުން، ގިނައިން ދިޔާތަކެތި ދިނުން، ވައިދައުރުވާ ފަދަ ތަނެއްގައި ބޭއްވުމަކީ މުހިއްމު ކަމެކެވެ.
·         ފިޓުޖެހުނަ ނުދިނުމަށް މަސައްކަތްކުރުން ނުވަތަ ފިޓުޖެހުން ކުޑަކޮށްދޭ ބޭސްތައް ދިނުން
·         އޮކުސިޖަން ދިނުން : ނޭވާލާން އުދަނގޫވެ، ރަގަޅަށް ނޭވާ ނުލެވޭނަމަ އޮކްސިޖަން ދޭންޖެހިދާނެ އެވެ.
·         ހަށިގަނޑުގެ ފެނުގެ މިންވަރު ބަލަމުންގެންދިއުން : ހަށިގަނޑުގައި ޖަރާސީމެއްގެ އަސަރު ހުރުމަކީ ހަށިގަނޑު ފެނަށް ބޭނުންވާ ނިސްބަތް އިތުރުކުރާ ކަމެކެވެ. ވީމާ ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ ހަށިގަނޑުން ފެންހުސްވުމުން ވެސް މިންޖުކޮށްދޭނެ ކަމެކެވެ. ރަގަޅަށް ދިޔާތަކެތި ނުބޮވޭނަމަ އައިވީ ގުޅައިގެން ފެން ދޭންޖެހިދާނެ އެވެ.
·         ލޭގައި ހަކުރު، އަދި ސޯޑިއަމް ފަދަ މާއްދާތައް ހުރިނެތްގޮތް ބަލަމުންގެންދިއުން

ގޭގައިކުރެވިދާނެ ކަންތައްތައް
ވައިރަސްގެ ސަބަބުން މެނިންޖައިޓިސް ޖެހުމުން ކުރެވޭ މައިގަނޑު ކަންކަމަކީ ގޭގައި ވެސް ކުރެވިދާނެ ފަސޭހަ ކަންތައްތަކެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ވީވަރަކުން އަރާމުކުރުން
·         ތަދުކެނޑުވުމަށާ، ހުންތިރިކުރުމަށް ޕެނަޑޯލް ފަދަ ބޭސް ބޭނުންކުރުން
·         ވީހާވެސް ގިނައިން ދިޔާތަކެތި ބުއިން
·         ފިޓުޖެހުން، ހުންގަދަވުމާ ހުން ދިގުލައިދިއުން ފަދަ ނުރައްކަލުގެ ނިޝާނެ ފެނޭތޯ ބަލަމުން ގެންދިއުން

ރައްކާތެރިވުން
މެނިންޖައިޓިސް އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ބަރާބަރަށް ވެކްސިންތައްދީ ހަމަކުރުމެވެ. އެގޮތުން ކޮންމެހެން ވެސް ދޭންޖެހޭ ވެކްސިން ތަކުގެ ތެރޭގައި، ހިމަބިހިން ރައްކާތެރިކޮށްދޭ ވެކުސިން، ފާނަބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން، ހިބް ވެކްސިން، ނިއުމޯކޮކަލް ކަންޖުގޭޓް ވެކްސިން، އަދި މެނިންޖޯކޮކަލް ކަންޖުގޭޓް ވެކުސިން ހިމެނެއެވެ.

މެނިންޖޯކޮކަލް ކަންޖުގޭޓް ވެކުސިން
މީގެ އިތުރުން ބެކްޓީރިޔާގެ ސަބަބުންޖެހޭ މެނިންޖައިޓިސް އިން ދިފާއުވުމަށް "މެނިންޖޯކޮކަލް ކަންޖުގޭޓް ވެކުސިން"(meningococcal conjugate vaccine) ދީއުޅެއެވެ. މިވެސިން ދިނުން އެދެވިގެންވަނީ"-
v     އުމުރުން 12-11 އަހަރުގެ ކުދިން – ބޫސްޓަރ ޑޯޒެއް އުމުރުން 16 އަހަރުގައި ދެވިދާނެއެވެ.
v     އުމުރުން 21 އަހަރުން ދަށުގެ ވެކުސިން ނުޖަހާ ތިބޭ ޒުވާނުން
v     މެނިންޖައިޓިސް އާންމު ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް
v     ހުންކޮށި ނަގާފައި ތިބޭ މީހުން
v     އޭޑްސް ބަލީގެ އަހުލުވެރިން
ބައެއް މީހުންނަށް ބޫސްޓަރ ޑޯޒު ކޮންމެ 5 އަހަރުން އެއްފަހަރު ޖަހަންޖެހިދާނެ އެވެ.

ކޮކްލިއަރ އިމްޕްލާންޓް ލެއްވުން : ކޮކްލިއަރ އިމްޕްލާންޓް ލައްވާފައި ތިބޭ ކުދިންނަށް މެނިންޖައިޓިސް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން މިފަދަ ފަރާތްތައް ސްޓްރެޕްޓަކޮކަސް ނިއުމޯނިއޭ އިން ޖެހޭ މެނިންޖައިޓިސް އިން ދިފާއުވުމަށް "ނިއުމޯކޮކަލް ކަންޖުގޭޓް ވެކުސިން"(pneumococcal conjugate vaccine) ޖެހުން މުހިއްމެވެ. ކޮކްލިއަރ އިމްޕްލާންޓް ލައްވާފައި ތިބޭ ކުދިންނާ މީހުންނަށް، މެނިންޖައިޓިސް ޖެހުމުގެ ކުރިން ކަންފަތުގައި ޖަރާސީމު އެޅުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން މިފަދަ ބަލިތަކަށް ދުރާލާ އެންޓިބަޔޮޓިކް ނެގުމަކީ ބޭނުންތެރި ކަމެކެވެ.
ގާތުން ދިނުން : ގާތުން ދިނުމަކީ އުމުރުން 5-2 މަހާ ދެމެދުގެ ކުދިންނަށް "ހީމާފިލަސް އިންފުލުއެންޒޭ ޓައިޕް ބީ" އިން މެނިންޖައިޓިސް ޖެހުން ކުޑަކޮށްދޭ ކަމެކެވެ. މިކަން މިހެން ހުރިނަމަވެސް މިބަލިން ރައްކާތެރިކޮށްދިނުމަށްދޭ ހިބު ވެކުސިން ގާތުންދޭ ކުދިންނަށް ވެސް ދިނުމަކީ ބޭނުންތެރި ކަމެކެވެ.

ބަލިޖެހުމުގެ ފުރުޞަތު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
v     މެނިންޖައިޓިސް ޖެހިފައިވާ މީހުންނަށް މާބޮޑަށް ގައިގޯޅިވެނޫޅުން
v     މެނިންޖައިޓިސް ޖެހިފައިވާ ތިބޭ މީހުން އެހެންމީހުންނާ ވަކިކުރުން
v     ގިނަ ގިނައިން އަތްދޮވުން
v     މެނިންޖައިޓިސް އާންމު ހިސާބުތަކަށް ދަތުރުނުކުރުން
v     މެނިންޖައިޓިސްގެ ޖަރާސީމު އުފުލާ ޖަނަވާރު ފަނިފަކުސަ ފަދަ ތަކެއްޗާ ގައިގޯޅިވެނޫޅުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :

No comments:

Post a Comment