Saturday, September 21, 2013

އަލްފާ ތެލެސީމިޔާ

އަލްފާ ތެލެސީމިޔާ
އަލްފާ ތެލެސީމިޔާ(Alpha Thalassemia) އަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ގައިވާ އުނިކަމަކުން ވާގޮތެކެވެ. ނުވަތަ މިއީ އަލްފާ ޗެއިން އުނިވުމުން ވާގޮތެކެވެ.ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. މީގެތެރެއިން އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިޔާ އަށެވެ.

މިއީ ދެކުނު އޭޝިޔާގައި ވަރަށް އާންމު ވައްތަރެކެވެ. މިވައްތަރު ދިވެހިރާއްޖެއިން ފެންނަލެއް ވެސް މަދެއް ނޫނެވެ. އަލްފާ ތެލަސީމިޔާގެ ދެ ވައްތަރެއް ވެއެވެ. އެއީ އަލްފާ ޒީރޯ ކެރިއަރުންނާއި، އަލްފާ ޕްލަސް ކެރިއަރުންނެވެ.

އަލްފާ ތެލެސީމިޔާ ކެރިއަރ
އަލްފާ ތެލެސީމިޔާ ކެރިއަރުން(Alpha Thalassemia Carrier) (އަލްފާ ޕްލަސް، އަދި އަލްފާ ޒީރޯ ކެރިއަރުން)ނަކީ ޞިއްޙަތު ސަލާމަތުން ތިބޭ ބައެކެވެ. މިއީ މައިންބަފައިންގެ ކިބައިން ވާރުތަވާ ކަމެކެވެ. ކެރިއަރެއްކަން އެނގޭނީ މިކަމަށްޓަކައި ހަދާ ޚާއްޞަ ޓެސްޓް ތަކަކުންނެވެ.އަލްފާ ޒީރޯ ކެރިއަރުން(Alpha Zero carrier)ނާއި، އަދި އަލްފާ ޕްލަސް ކެރިއަރުން (Alpha plus carrier) ވަކިކުރެވޭނީ ޑީއެންއޭ ޓެސްޓްކޮށްގެންނެވެ. އަލްފާ ތެލެސީމިޔާ (އަލްފާ ޕްލަސް، އަދި އަލްފާ ޒީރޯ ކެރިއަރުން) ކެރިއަރަކާއި، އެހެން ބާވަތެއްގެ ކެރިއަރަކާއި ކައިވެނި ކުރިކަމުގައި ވިޔަސް އާންމުކޮށް ލޭއަޅާ ކުދިންނެއް ނުލިބޭނެ އެވެ. އެހެންކަމުން އަލްފާ ތެލެސީމިޔާ ކެރިއަރުންނަކީ ބީޓާ ތެލެސީމިޔާ އަށްވުރެ ނުރައްކާތެރިކަން ކުޑަ ވައްތަރެކެވެ.

އަލްފާ ތެލެސީމިޔާ ކުރިމަތިވާގޮތް
ތެލެސީމިޔާގައި ވާގޮތަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދެނީ އެވެ. ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިޔާ އަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިޔާ އަށެވެ.

ހީމަގްލޯބިން ގައި ހިމެނޭ އަލްފާ ގްލޯބިން ޕްރޮޓީން ޗެއިން އުފެދުމަށް 4 ޖީން ( މައިން ބަފައިންކުރެ ކޮންމެ މީހެއްގެ ފުށުން 2 ޖީން ) ބޭނުން ވެއެވެ. މި 4 ޖީންގެ ތެރެއިން އެންމެ ޖީންއެއް މަދުވި ނަމަވެސް އޭގެ މާނައަކީ އެކަށޭނަ ވަރަކަށް އަލްފާ ގްލޯބިން ޕްރޮޓީން ނުއުފެއްދުމެވެ.

·         ހަމައެކަނި އެންމެ ޖީން އެއް މަދުވުން : ސައިލެންޓް ކެރިއަރ (އަލްފާ ޕްލަސް ތެލެސީމިޔާ ކެރިއަރ)
·         2 ޖީން މަދުވުން : އަލްފާ ތެލެސީމިޔާ ޓްރެއިޓް / އަލްފާ ތެލެސީމިޔާ މައިނަރ / އަލްފާ ޒީރޯ ތެލެސީމިޔާ ކެރިއަރ
·         3 ޖީން މަދުވުން : އެޗްބީއެޗް ބަލި
·         4 ޖީން މަދުވުން : އަލްފާ ތެލެސީމިޔާ މޭޖަރ / ހައިޑްރޮޕްސް ފީޓާލިސް

އަލްފާ ތެލެސީމިޔާ ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
އަލްފާ ތެލެސީމިޔާ ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ އަލްފާ ތެލެސީމިޔާ ކެރިއަރަކަށްވީތީ، ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން އަލްފާ ތެލެސީމިޔާ މީހަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(1)- އަލްފާ ތެލެސީމިޔާ ކެރިއަރަކާއި، ބީޓާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނީގެ ގޮތުން ގުޅުން ރަގަޅުތަ؟
ދިވެހިރާއްޖޭގައި އާންމުކޮށް އެންމެ ގިނަ ވައްތަރަކީ ބީޓާ ތެލެސީމިޔާ އެވެ. އަލްފާ ތެލެސީމިޔާ ކެރިއަރަކާ (އަލްފާ ޕްލަސް، އަދި އަލްފާ ޒީރޯ ކެރިއަރުން)  ބީޓާ ތެލެސީމިޔާ ކެރިއަރަކާއި ކައިވެނިކޮށްގެން ލޭއަޅާކުއްޖެއް ނުލިބޭނެ އެވެ. މީގެ ދެމީހުން (އަލްފާ ތެލެސީމިޔާ ކެރިއަރުގެ ތެރޭގައި ހިމެނޭ އަލްފާ ޕްލަސް، ނުވަތަ އަލްފާ ޒީރޯ ކެރިއަރަކާއި، ބީޓާ ތެލެސީމިޔާ ކެރިއަރަކާއި) ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު :-



·         %25 – އަލްފާ ތެލެސީމިޔާ ކެރިއަރެއް (އަލްފާ ޕްލަސް ނުވަތަ އަލްފާ ޒީރޯ ކެރިއަރެއް)
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރެއް
·         %25 – އާދައިގެ ކުއްޖެއް
·         %25 – އަލްފާ – ބީޓާ ތެލެސީމިޔާ ކެރިއަރެއް
މިއިން ވައްތަރެއްގެ ކުއްޖަކު ލިބުން އެކަށީގެންވެއެވެ.
އަލްފާ- ބީޓާ ތެލެސީމިޔާ ކެރިއަރ:ކުދިންނަކީ ތެލެސީމިޔާ ކެރިއަރެކޭ އެއްފަދައިން ޞިއްޙަތު ސަލާމަތުން ތިބޭ ރަގަޅު ކުދިންނެވެ. މިއީ ލޭއަޅަންޖެހޭ ވައްތަރެއް ނޫނެވެ.

(2)- އަލްފާ ޕްލަސް ދެކެރިއަރުން ކައިވެނީގެ ގޮތުން ރަގަޅުތަ؟
އަލްފާ ޕްލަސް ދެކެރިއަރުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 އަލްފާ ޕްލަސް ކެރިއަރެއް
·         %50 –އާދައިގެ ކުއްޖެއް
މިއިން ވައްތަރެއްގެ ކުއްޖެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

(3) - އަލްފާ ޕްލަސް ކެރިއަރަކާ އަލްފާ ޒީރޯ ކެރިއަރަކާ ކައިވެނީގޮތުން ގުޅުން ރަގަޅުތަ؟
އަލްފާ ޕްލަސް ކެރިއަރަކާ އަލްފާ ޒީރޯ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އަލްފާ ޒީރޯ ކެރިއަރެއް
·         %25 – އަލްފާ ޕްލަސް ކެރިއަރެއް
·         %25 – އެޗްބީއެޗް ބަލި ކުއްޖެއް
·         %25 – އާދައިގެ ކުއްޖެއް
މިއިން ވައްތަރެއްގެ ކުއްޖެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

އެޗްބީއެޗް ބަލި
އާންމު ގޮތެއްގައި އެޗްބީއެޗް ބަލި(Hb H disease ) ކުދިންނަކީ ޞިއްޙީ ގޮތުން މައްސަލައެއް ހުރި ބައެއް ނޫނެވެ. އަދި އާންމު ގޮތެއްގައި މިކުދިންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. ނަމަވެސް މިވައްތަރުގެ ކުދިންގެ ތެރެއިން ވަރަށް މަދު ކުއްޖަކަށް ދިމާވާ މައްސަލަ އަކީ ތުއްތުއިރުއިރު ލޭދަށަށް ނުދިޔަ ނަމަވެސް، ބޮޑުވަމުން އަންނަ ވަރަކަށް ލޭ ދަށްވަމުން ދިއުމެވެ. މިހެން ދިމާވުމުން މިކުދިންނަށް ލޭއަޅަންޖެހެއެވެ. އެހެންކަމުން ކަށިތައް ފުޅާވެ، ހުންކޮށި ދުޅަވެ، ލޭއަޅާ ކުއްޖެއްގެ ސިފަތައް ފެނެއެވެ. ނަމަވެސް މިއީ ވަރަށް މަދުން ދިމާވާ ގޮތެކެވެ. އާންމުގޮތެއްގައި އެޗްބީއެޗް ކުދިންގެ ލޭ ހުންނާނީ އާދައިގެ މީހުންނަށްވުރެ ތަންކޮޅެއް ދަށްކޮށެވެ. ނަމަވެސް މިކުދިންނަކީ އާދައިގެ ކުދިންނެކޭ އެއްފަދައިން ދިރިއުޅެވޭނެ ބައެކެވެ.
 
(4) - އަލްފާ ޒީރޯ ދެކެރިއަރުން ކައިވެނީގެ ގޮތުން ގުޅުން ރަގަޅުތަ؟
އަލްފާ ޒީރޯ ދެކެރިއަރުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 އާދައިގެ ކުއްޖެއް
·         %50 އަލްފާ ޒީރޯ ހައިޑްރޮޕްސް ފީޓާލިސް
މިއިން ވައްތަރެއްގެ ކުއްޖެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

ހައިޑްރޮޕްސް ފީޓާލިސް
ހައިޑްރޮޕްސް ފީޓާލިސް(hydrops fetalis) ކުދިން ލިބުމުގެ ފުރުޞަތު އޮންނަނީ އަލްފާ ޒީރޯ ދެ ކެރިއަރުން ގުޅުމުންނެވެ. މިކުދިން ދުނިޔެއަށް އުފަންވާއިރު ވެސް ތިބޭނީ މަރުވެފައެވެ. މިހެން ދިމާވާ ސަބަބަކީ ކުއްޖާ ބަނޑުގައި އޮންނައިރު އުފައްދާ ލޭކަމަށްވާ ފީޓަލް ހިމޮގްލޯބިން އެކުދިންގެ ގައިގައި ނުއުފެދޭތީ އެވެ. މިފަދަ ކުދިން ތިބޭނީ ހަށިގަނޑުގެ ގުނަވަންތައް ދުޅަވެފައި، ހުރުމުގެ ސަބަބުން ބޮޑެތިކޮށެވެ.

(5) - އާދައިގެ މީހަކާ އަލްފާ (ޕްލަސް ނުވަތަ ޒީރޯ) ކެރިއަރަކާ ކައިވެނީގެ ގޮތުން ރަގަޅުވާނެތަ؟
އާދައިގެ މީހަކާ އަލްފާ (ޕްލަސް ނުވަތަ ޒީރޯ) ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 އަލްފާ ތެލެސީމިޔާ ކެރިއަރ ( ޕްލަސް ނުވަތަ ޒީރޯ )
·         %50 އާދައިގެ ކުއްޖެއް
މިއިން ވައްތަރެއްގެ ކުއްޖެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

(6) - އަލްފާ ތެލެސީމިޔާ ކެރިއަރަކާއި، އަލްފާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނީގެ ގޮތުން ގުޅުން ރަގަޅުތަ؟
އަލްފާ ތެލެސީމިޔާ ކެރިއަރަކާ އަލްފާ ތެލެސީމިޔާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – އަލްފާ ތެލެސީމިޔާ ކެރިއަރެއް : އަލްފާ ޕްލަސް ކެރިއަރެއް ނުވަތަ އަލްފާ ޒީރޯ ކެރިއަރެއް
·         %25 – އާދައިގެ ކުއްޖެއް
·         %25 – އެޗްބީއެޗް ބަލި ކުއްޖެއް : އަލްފާ ޕްލަސް ކެރިއަރަކާއި އަލްފާ ޒީރޯ ކެރިއަރަކާއި ކައިވެނިކުރުމުން ނުވަތަ
·         %25 – ހައިޑްރޮޕްސް ފީޓާލިސް : އަލްފާ ޒީރޯ ދެކެރިއަރުން ކައިވެނިކުރުމުން
މިއިން ވައްތަރެއްގެ ކުއްޖެއް ލިބުމުގެ ފުރުޞަތު އޮވެއެވެ.

(7) - އެޗްބީއީ ކެރިއަރަކާ + އަލްފާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީއީ ކެރިއަރުން، އަލްފާ ތެލެސީމިޔާ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީއީ އަލްފާ ތެލެސީމިޔާ ކެރިއަރ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީއީ އަލްފާ ތެލެސީމިޔާ ކެރިއަރުންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. މިއީ ކެރިއަރުންނާއި އެއްގޮތް ބައެކެވެ.
އެޗްބީއީ ކެރިއަރަކާ އަލްފާ ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 - އާދައިގެ ކުދިން
·         %25 - އަލްފާ ތެލެސީމިޔާ ކެރިއަރުން
·         %25 - އެޗްބީއީ ކެރިއަރުން
·         %25 - އެޗްބީއީ އަލްފާ ތެލެސީމިޔާ
(8) - އަލްފާ ތެލެސީމިޔާ ކެރިއަރަކާ + އެޗްބީޑީ ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީޑީ ކެރިއަރުން، އަލްފާ ތެލެސީމިޔާ ކެރިއަރުން، އާދައިގެ ކުދިން، އަދި އެޗްބީޑީ އަލްފާ ތެލެސީމިޔާ ކެރިއަރ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީޑީ އަލްފާ ތެލެސީމިޔާ: ކެރިއަރުންނަށް ލޭއަޅާކަން ނުޖެހޭނެ އެވެ. މިއީ ކެރިއަރުންނާއި އެއްގޮތް ބައެކެވެ.
އެޗްބީޑީ ކެރިއަރަކާ، އަލްފާ ތެލެސީމިޔާ ކެރިއަރަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – އަލްފާ ތެލެސީމިޔާ ކެރިއަރުން
·         %25 – އެޗްބީޑީ އަލްފާ ތެލެސީމިޔާ

ތެލެސީމިޔާގެ އަލާމާތްތައް
·         ވާޅުވުން
·         ވަރުބަލިވުން
·         ނޭވާކުރުވުން
·         ދޮންފޫޑުވުން
·         ރީނދޫވުން
·         މޫނުގެ ކަށިތައް އައިބުވުން
·         ކުއްޖާ ބޮޑުވާންވީ ވަރަށް ނުވުން
·         ބަނޑުފުއްޕުން
·         ކުޑަކަމުދާ ތަކެތި ކުލަގަދަކޮށް ހުރުން
·         ކާހިތްނުވުން
·         ބާލިޣުވުން ލަސްވުން
·         ހުންކޮށި، ހިތް، ފުރަމޭ ބޮޑުވުން
ތުއްތު ކުއްޖެއްގެ ކިބައިން މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

ތެލެސީމިޔާގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް
(1) - ހަށިގަނޑުގެ ގުނަވަންތަކުގައި ދަގަނޑު ހަރުލުން: ލޭއަޅާ ކުދިންނަކީ މަހަކު 1 ފަހަރު މަދުވެގެން ލޭއަޅަންޖެހޭ ބަޔަކަށް ވުމުން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވެގެން ދެއެވެ. އެގޮތުން ހަށިގަނޑުގައި އިތުރުވެގެންދާ ދަގަނޑުގެ ބައި އެތެރެހަށީގެ ބައެއް ގުނަވަންތަކުގައި ހަރުލާގޮތް ވެއެވެ. އެގޮތުން ހިތް، ފުރަމޭ އަދި އެންޑަކްރިން ގްލޭންޑްތަކުގައި ހަރުލައި އެގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރުވައެވެ. ނަތީޖާއަކަށްވަނީ އެގުނަވަންތަކުގެ މަސައްކަތް ހުއްޓޭގޮތް ދިމާވުމެވެ. ތެލެސީމިޔާގެ ސަބަބުން ހިތަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި، ހާރޓް އެޓޭކް ޖެހުން، ހިތް ހުއްޓުން، އަދި ހިތުގެ ވިންދުޖަހާ ތަރުތީބު ގެއްލުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުން ފުރަމޭގައި ދަގަނޑު ހަރުލައި ފުރަމޭ ހަލާކުވާގޮތް ވެއެވެ.

(2) - އިންފެކްޝަންތައް : ތެލެސީމިޔާ ކުދިންނަކީ ގިނަގިނައިން ލޭއަޅަންޖެހޭ ކުދިންނަށް ވުމުން ލޭގެ ޒަރީޢާއިން ފެތުރޭ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އެފަދަ ކުދިންނަށް ބޮޑުވެފައި ފަސޭހަ އެވެ. މިސާލަކަށް ފުރަމޭ ދުޅަވުންގެ ވައްތަރެއް ކަމުގައިވާ ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ހުންކޮށްޓަކީ އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކުރާ ގުނަވަނަކަށް ވުމުން ހުންކޮށި ނަގާފައިވާ މީހުން އިންފެކްޝަން އަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑެވެ.
(3) - ކަށްޓަށް ލިބޭ އުނިކަން : ތެލެސީމިޔާގެ ސަބަބުން ކަށީގެ މަދު ފުޅާވެ، ކަށިތައް ފުޅާވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބައެއް ހިސާބުތަކުގެ ކަށީގެ ބައްޓަމަށް ޚާއްޞަކޮށް ބޮލުގެ ނާށިގަނޑާއި މޫނުގެ ކަށިތަކުގެ ބައްޓަމަށް ބަދަލު އާދެއެވެ. ކަށީގެ މަދު ފުޅާވުމުން ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވެއެވެ. ޚާއްޞަކޮށް މައިބަދައިގެ ކަށިތައް ފަސޭހައިން ބިނދޭގޮތް ވެއެވެ. މައިބަދައެއް ބިނދިއްޖެނަމަ އޭގެ ސަބަބުން މައިބަދައިގެ ތެރެއިން ގޮސްފައިވާ ނާރުވާފަށް ނުވަތަ ސްޕައިނަލް ކޯޑް އަށް ފިތި، އޭގެ ސަބަބުން އިތުރު އުދަނގޫތަކާއި ކުރިމަތި ލާންޖެހިދާނެ އެވެ. އަދި ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭގޮތް ވުމުން ކަށިފީވުން ނުވަތަ ކަށިގިރޭ ބަލީގެ އުދަގޫތައް ފެންނަށް ފަށައެވެ.

(4) - ހުންކޮށި ބޮޑުވުން: ހުންކޮށި އަކީ އިންފެކްޝަންއާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރުމުގައި އެހީތެރިވެދީ، ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ހަށިގަނޑުން ސާފުކޮށްދީ، ހަލާކުވެ ދުވަސްވެފައިވާ ލޭގެ ސެލްތައް ފުރާނައި ހަށިގަނޑު ސާފު ކުރުމުގައި ބައިވެރިވާ ގުނަވަނެކެވެ. ތެލެސީމިޔާ އާއި ގުޅިގެން ލޭގެ ރަތްސެލްތައް އާދަޔާ ޚިލާފަށް ގިނައިން ހަލާކުވާތީ ހުންކޮށި އެސެލްތައް ސާފުކުރުމުގައި މަސައްކަތުގައި އަވަދިނެތި އުޅެންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ހުންކޮށި ފުއްޕައި ދުޅަވެ ބޮޑުވެގެން ދެއެވެ. ހުންކޮށި ބޮޑުވުމުން ހަށިގަނޑަށް އެޅޭ ލޭގެ ސެލްތަކުގެ ދިރިހުރުމުގެ މުއްދަތު ކުޑަކޮށްދީ، ތެލެސީމިޔާގެ ޙާލަތު އިތުރަށް ގޯސްކުރުވައެވެ. މާބޮޑަށް ހުންކޮށި ބޮޑުވެއްޖެނަމަ އޮޕަރޭޝަން ކޮށްގެން ހުންކޮށި ނަގަންޖެހެއެވެ.

(5) - ބޮޑުވާންވީ ވަރަށް ނުވުން: ތެލެސީމިޔާގެ ސަބަބުން ތުއްތުކުދިން ބޮޑުވާންވީ ވަރަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ ކުދިން އާންމުކޮށް އެއުމުރުގެ ކުދިންގެ އިސްކޮޅާއި އެއްވަރަށް ދިގުނުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތެލެސީމިޔާއާއި ގުޅިގެން އެންޑަކްރިން ގްލޭންޑް ތަކަށް ދިމާވާ މައްސަލަތަކުން ބާލިޣުވުން ލަސްވެގެން ދެއެވެ.

މަޢުލޫމާތު:
·         "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·         'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·         "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް

No comments:

Post a Comment