Saturday, September 21, 2013

ސިކްލް ސެލް ބަލި


ސިކްލް ސެލް ބަލި
ސިކްލް ސެލް ބަލި(sickle cell disease) ނުވަތަ ސިކްލް ސެލް އެނީމިޔާ(sickle cell anemia) އަކީ ލޭގެ ހީމަގްލޯބިން ގައިވާ އާދަޔާ ޚިލާފު އުނިކަމެކެވެ. ލޭގައި ހުންނަ މިއުނިކަމަކީ މައިންބަފައިންގެ ފުށުން ނުވަތަ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ. މިއީ އެހެން ގޮތަކުން ޖެހޭ ބައްޔެއް ނޫނެވެ. އަދި އެހެން ގޮތަކުން މިއުނިކަން ކުޑަ ދަރިފުޅުގެ ހަށިގަނޑުގައި ނުއުފެދޭނެ އެވެ. މިއީ ވާރުތަކުރާ ބައްޔެކެވެ. މިއީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. ކެވޭ އެއްޗަކުން، ނޫނީ ބޭހަކުން އަދި ޖަރާސީމަކުން ވެސް މިބައްޔެއް ނުޖެހޭނެ އެވެ.

މިއީ ލޭގެ ރަތް ސެލް ތަކުގައި ހިމެނޭ މާއްދާއެއްކަމަށްވާ ހިމޮގްލޮބިން އުފެދުމުގައި ހުންނަ އުނިކަމެއްގެ ސަބަބުން، ބައެއް ރަތް ސެލްތައް ހަށިގަނޑުގައި ދަތުރުކުރުމުގައި އޮކްސިޖަން މަދު ހިސާބުތަކަށް ވާޞިލްވުމުން، ލޭގެ ރަތް ސެލް، ސިކްލް ސެލް އަށް ނުވަތަ ހަނދުފަޅި އެއްގެ ސިފަޔަށް ބަދަލުވެ، ބައެއް ސެލްތައް އަވަހަށް ހަލާކުވެ ލޭމަދުވުމެވެ.

މިގޮތަށް ދިމާވަނީ ހިމޮގްލޮބިން ގައި ހިމެނޭ ގްލޮބިން އުފެދުމަށް ބޭނުންވާ ޑީއެންއޭގެ ބައިތައް ތަރުތީބުވެފައި ހުންނަ ހުރުން، މިއުޓޭޝަނެއްގެ ސަބަބުން މުޅި ސެލްގެ އޮނިގަނޑަށް ބަދަލުތަކެއް އައުމުންނެވެ. މިހެން ދިމާވުމުން އޮކްސިޖަން އުފުލުމުގައި ވެސް ދަތިތައް ކުރިމަތިވެ، ސެލްގެ އުމުރު ހަމަވުމުގެ ކުރިން ހަލާކުވަނީ އެވެ.

ލޭގެ ރަތް ސެލްގައި ހުންނަ އާދަޔާ ޚިލާފު ހީމަގްލޯބިން ގެ ސަބަބުން ރަތް ސެލްގެ ބައްޓަށް "ރާވަޅި" ނުވަތަ "ބަޅުވަޅި"(Sickle) އެއްގެ ބައްޓަމަށް ނުވަތަ "ހަނދުފަޅި" އެއްގެ ބައްޓަމަށް ބަދަލުވެއެވެ. ބަޅުވަޅީގެ ބައްޓަމަށް ހުންނަ ލޭގެ ރަތް ސެލްތަކަކީ ވަރަށް ނާޒުކު ވަރަށް ފަސޭހައިން ބައިބައިވެ،ފަޅައިގެންދާނެ(Hemolysis) ސެލްތަކެކެވެ. މިގޮތަށް ލޭގެ ރަތް ސެލްތައް ފެޅި ބައިބައިވުމުން ލޭގެ ރަތް ސެލްތަކުގެ އަދަދު މަދުވެ، ލޭގައި ހިމެނޭ ހީމަގްލޯބިންގެ މިންވަރު ދަށްވެ، "ލޭދަށްވުން"(Anemia) ކުރިމަތި ކުރުވައެވެ. އެހެންކަމުން "ސިކްލް ސެލް އެނީމިޔާ"(Sickle cell anemia) އަކީ ލޭދަށްވުމުގެ ވައްތަރެކެވެ. އާދަޔާ ޚިލާފަށް ބަޅުވަޅި ބައްޓަމަށް ހުންނަ ލޭގެ ރަތް ސެލްތަކުގެ ސަބަބުން ލޭހޮޅިތައް ބެނދި، ހަށިގަނޑުގެ އެކިއެކި ސެލޯށި ތަކާއި ގުނަވަންތަކަށް ގެއްލުން ދެއެވެ.

ދުނިޔޭގެ އާބާދީގެ %5 މީހުންނަކީ ސިކްލް ސެލް ބަލި ހުންނަ މީހުންނެވެ. ތާރީޚު ހެކިދޭ ގޮތުގައި މިބަލި ގިނައިން ފެންނަނީ މެލޭރިޔާ އާންމުވެފައިވާ ސަރަހައްދު ތަކުންނެވެ. ބެލެވޭގޮތުގައި މިކަން މިގޮތަށް ދިމާވެފައިވަނީ މެލޭރިޔާ އިން ދިފާއުވުމަށްޓަކައި ގުދުރަތީ ގޮތުން އެބައިމީހުންގެ ލޭގެ ރަތް ސެލްތަކަށް އައިސްފައިވާ ބަދަލަކާ ގުޅިގެންނެވެ. މިބީދައިން ބަދަލުވެފައިވާ ލޭގެ ރަތް ސެލް ވާރުތަކުރާގޮތް ހުންނަ ދެމީހަކު ގުޅުމުން ދުނިޔެއަށް އަންނަ ކުއްޖަކީ ގަރުބަތީއްސުރެ، ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވެފައިވާ ކުއްޖަކަށް ވެގެން ދެއެވެ.
މިބަލި ދުނިޔޭގައި އެންމެ ގިނަކަމަށް ބެލެވެނީ އެފްރިކާ ބައްރުގަޔާ، އަދި އެފްރިކާ ނަސްލުގެ ކަޅުމީހުންގެ ކިބައިގައި ކަމަށް ފާހަގަ ކުރެވުނަސް، އެހެނިހެން ނަސްލުތަކުގެ މީހުންގެ ކިބައިން ވެސް މިބަލި ފެނެއެވެ.

ސިކްލް ސެލް ބައްޔަކީ ލޭމަދުވުމުގެ ވައްތަރެކެވެ. އިގިރޭސި ބަހުން ސިކްލް އަކީ ދަނޑުވެރިން ވިނަކޮށަން ގެންގުޅޭ މިޔަ ވަށްކޮށް އޮންނަ ކަންފައްޗެކެވެ. ސިކްލް ސެލް ބަލީގައި ކުއްޖާ އުފަންވަނީ ބައްޔާއެކުގައި ކަމަށް ވިޔަސް، ބަލީގެ އަލާމާތްތައް ފެންނާނީ އުމުރުގެ އެކި ފުރާވަރުގައެވެ. ސިކްލް ސެލް ބަލީގެ ތެރޭގައި ސިކްލް ސެލް އެނީމިޔާގެ އިތުރުން، ސިކްލް ސެލް އާ ތެލެސީމިޔާ އެއްވެފައި ހުންނަ ވައްތަރުތައް ހުރެއެވެ. ރާއްޖޭގައި ގިނައީ ސިކްލް ބީޓާ ޕްލަސް ތެލެސީމިޔާ އެވެ.

ހިމޮގްލޮބިން އަކީ ލޭގެ ތެރޭގައި ފުއްޕާމެއިން އޮކްސިޖަން ބަރުކޮށްގެން، ގުނަވަންތަކަށް އެއުފުލާ މާއްދާ އެކެވެ. ހިމޮގްލޮބިން ގައި 2 އަލްފާ އަދި 2 ބީޓާ ފައި ހުރެއެވެ. މިފައި ތައް ވާރުތަވަނީ މައިންބަފައިންގެ ފަރާތުންނެވެ. މިކަމުގައި އައިބެއް ހުރެއްޖެނަމަ ލޭމަދުވާގޮތް ވެއެވެ. ސިކްލް ސެލް ބަލީގައި މައްސަލަ ހުންނަނީ ބީޓާ ފައިގައެވެ. އަދި ރަތް ސެލް ތަކުގެ ތެރޭގައި ހިމޮގްލޮބިން ގަނޑުވެ، ކުދި ލޭނާރުތަކުގެ ތެރޭގައި ތާށިވެ، ފަޅައިގެން ގޮސް ލޭނާރުތައް ބެދެއެވެ.

ނޯޓް : ދިވެހި ބަހުން ލިޔެފައިވާ އެކި ލިޔުންތަކުގައި ސިކްލް މިލަފުޒު ތަރުޖަމާ އެކި ގޮތްގޮތަށް ކޮށްފައި ވެއެވެ. އެގޮތުން "ހަނދުފަޅި"، "ކަންފަތި"، އަދި "ކުރާކަނޑާ ވަޅި"، "ބަޅުވަޅި" މިނަންމުގައި ތަރުޖަމާކޮށްފައި ވެއެވެ. "ރާވަޅި" މިގޮތަށް ވެސް ސިކްލް މިލަފުޒު ތަރުޖަމާ ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ސިކްލް ސެލް ބަލީގެ ވައްތަރުތައް
1- ސިކްލް ސެލް އެނީމިޔާ (sickle cell anemia): މިވައްތަރުގައި ދެބީޓާ ފައި ކަށީގައި ސިކްލް ސެލް ހުރެއެވެ. މިއީ އެންމެ ނުރައްކާތެރި ވައްތަރެވެ. ތުއްތުއިރު ލޭއަޅަންޖެހެއެވެ. ހުންކޮށީގެ މަސައްކަތް ހުއްޓި ދިފާއީ ނިޒާމު ރޫޅެއެވެ. ބޮލުގަޔާ ހަށިގަނޑުގެ އެތަން މިތާގައި ރިއްސައެވެ. ސްޓްރޯކްޖެހި، ނޭވާ ހާސްވެ ގުރުދާ ފޭލް ވެއެވެ. އާންމު ގޮތެއްގައި މިވައްތަރުގެ މީހެއްގެ އުމުރަކީ 50 އަހަރެވެ.
2- ސިކްލް ބީޓާ ޕްލަސް ތެލެސީމިޔާ (sickle beta plus thalassemia): ބައެއް ހިމޮގްލޮބިން ރަގަޅަށް ހުރެފައި އަނެއްބައި ހިމޮގްލޮބިންގައި ބީޓާ ތެލެސީމިޔާ އާ ، ސިކްލް ސެލް ހުރެއެވެ. މިހެންވުމުން ހުންކޮށި ދުޅަވުމާ، ދިފާއީ ނިޒާމް ހަލާކުވުމުގެ މައްސަލަ ކުރިމަތިވަނީ އުމުރުން ތަންކޮޅެއް ދުވަސްވުމުންނެވެ. ޅަފަތުގައި ރަގަޅަށް ހުރެފައި، ބޮޑުވަމުން އަންނަ ވަރަކަށް ގޯސްވެއެވެ.
3- ސިކްލް ބީޓާ ޒީރޯ ތެލެސީމިޔާ (sickle beta zero thalassemia): މިވައްތަރުގައި ހުރިހާ ހިމޮގްލޮބިން އެއް ހުންނާނީ އައިބުކޮށެވެ. އަލާމާތްތައް ވެސް ހުންނާނީ ސިކްލް ސެލް އެނީމިޔާ އާ ދާދި އެއްގޮތަކަށެވެ.

ސިކްލް ސެލް ބަލި ރާއްޖޭގައި
ދިވެހިރާއްޖޭގައި ވެސް މަދުން ނަމަވެސް ސިކްލް ސެލް ބަލި ފެނެއެވެ. އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގައި ބީޓާ ތެލެސީމިޔާ (ލޭއަޅާ ބަލި) ނިސްބަތުން ގިނަވުމުން، ސިކްލް ސެލް ބީޓާ ތެލެސީމިޔާ، ފަދަ ލޭއަޅަންޖެހިދާނެ ބަލިމީހުން އިތުރުވުމަކީ ވެސް ވެދާނެ ކަމެކެވެ.

ސިކްލް ސެލް އަކީ ބައެއް މީހުންގެ ލޭގައި ހުންނަ އާދަޔާ ޚިލާފު ސެލް އެކެވެ. މިއީ މަންމައާ ބައްޕަގެ ފަރާތުން ކުއްޖާއަށް ވާރުތަކުރާ ކަމެކެވެ. ކުއްޖާ ދުނިޔެއަށް އުފަންވާއިރު ކުއްޖާއަށް މިބަލިޖެހިފައި ނުވާނަމަ އެކުއްޖާއަކަށް ދުވަހަކު ވެސް މިބައްޔެއް ނުޖެހޭނެ އެވެ. މިއީ ގައިންގަޔަށްއަރާ ބައްޔެއް ނޫނެވެ. އަދި ޖަރާސީމަކުން ވެސް ޖެހޭ ބައްޔެއް ނޫނެވެ.
އާންމު ގޮތެއްގައި ލޭގައި ހުންނަ ރަތް ސެލް ތައް ހުންނަނީ ވަށްކޮށެވެ. ނަމަވެސް ސިކްލް ސެލް ބަލި މީހުންގެ ހަށިގަނޑުގައި އޮކްސިޖަން މަދުވާ ހާލަތެއް ދިމާވެއްޖެނަމަ ރަތް ސެލް ތަކުގެ ބައްޓަން "ކުރާކަނޑާ ވަޅީ" ގެ ބައްޓަމަށް ބަދަލުވެއެވެ. މިހެން ދިމާވުމުން ހަށިގަނޑުގެ ހިމަ ލޭހޮޅިތަކުގައި ލޭދައުރުވުމަށް ދަތިވެއެވެ.

2011 – 2008 ވަނަ އަހަރާ ދެމެދު ނޭޝަނަލް ތެލެސީމިޔާ ސެންޓަރުން ޓެސްޓުކޮށްފައިވާ އާބާދީގެ ތެރޭގައި 46 ސިކްލް ސެލް ކެރިއަރުން ޓެސްޓުކުރެވިފައި (ފާހަގަކުރެވިފައި) ވެއެވެ. މީގެ އިތުރުން ސިކްލް ސެލް ބީޓާ ތެލެސީމިޔާގެ 10 މީހަކު ވަނީ ތަހުލީލުކުރެވިފައި (ތަހުލީލުތަކުން ފާހަގަކުރެވިފައި) ވެއެވެ. މިމުއްދަތުގެ ތެރޭގައި ތެލެސީމިޔާ ސެންޓަރުގައި 7 ސިކްލް ސެލް ބީޓާ ތެލެސީމިޔާ ކުދިންނެވެ. ހަމައެއާއެކު އެޗްބީޑީ ސިކްލް ސެލް އެނީމިޔާގެ ކުއްޖަކު ވެސް ރަޖިސްޓްރީ ކުރެވިފައި ވެއެވެ. މިދެންނެވި ކުދިންގެ ތެރެއިން ގިނަ ކުދިން ޓެސްޓުކުރެވިފައިވަނީ "ޝީ" އިންނެވެ.

ދިވެހިރާއްޖޭގެ އާބާދީގެ %0.14 މީހުންނަކީ ސިކްލް ސެލް ކެރިއަރުންނެވެ. މިކަން ހޯދިފައިވަނީ މުޅި ރާއްޖޭގައި ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަންގެ ފަރާތުން ހިންގި ތެލެސީމިޔާ ސްކްރީނިންގ ޕްރޮގްރާމުގެ ދަށުން 70000 މީހުން ޓެސްޓުކުރުމަށް ފަހުގައެވެ. މިދިރާސާއިން ދެއްކި ގޮތުގައި ތެލެސީމިޔާ ރާއްޖޭގެ ހުރިހާ ހިސާބަކުން ފެނުނު ފަދައިން ސިކްލް ސެލް ބަލީގެ މީހުންނެއް ނުފެނެއެވެ. މިފަދަ މީހުން ފެންނަނީ ރާއްޖޭގެ ވަކި ހިސާބު ތަކަކުންނެވެ.

ރާއްޖޭގެ އާބާދީގެ %18.1 މީހުންނަކީ ބީޓާ ތެލެސީމިޔާ ކެރިއަރުންނެވެ. ސިކްލް ސެލް ކެރިއަރުންގެ އާބާދީ އަކީ %0.14 އެވެ. މިއީ ނިސްބަތުން މަދު އަދަދެކެވެ. ނަމަވެސް މިފަދަ މީހުން ބީޓާ ތެލެސީމިޔާ، އަދި ލޭގެ ބައެއް ތަފާތު ވައްތަރުގެ ކެރިއަރުންނާ ގުޅުމުން، އެކި މިންވަރަށް ބަލީގެ އަސަރު ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އޮވެއެވެ. ސިކްލް ސެލް ކެރިއަރަކާ، އެޗްބީޑީ ޕަންޖާބު ކެރިއަރަކާ ގުޅިގެން އެޗްބީޑީ/އެސް (އެޗްބީޑީ ސިކްލް ޑިޒީޒް) މިދެބައި ވާރުތަކޮށްފިނަމަ، އެކުއްޖާއަކީ މުޅި އުމުރަށް ވެސް ލޭއަޅަންޖެހޭ، އަދި މީގެ ސަބަބުން ދިމާވާ އިތުރު ކަންކަމަށް ދާއިމީ ފަރުވާ ހޯދަންޖެހޭ ކުއްޖަކަށް ވެއެވެ. ރާއްޖޭގައި ވެސް މިފަދަ ކުދިން ތިބިކަން ފާހަގަ ކުރެވެއެވެ. ހަމަ މިފަދައިން ރާއްޖޭގައި ވަރަށް އާންމު ކަމެއްކަމަށްވާ ބީޓާ ތެލެސީމިޔާ ކެރިއަރަކާ، ސިކްލް ސެލް ކެރިއަރަކާ ގުޅުމުން މިދެބައި (ސިކްލް ސެލް ބީޓާ ތެލެސީމިޔާ) ވާރުތަވާ ކުއްޖާއަށް ވެސް ލޭމަދުވާގޮތް ދިމާވެއެވެ. މީގެ އިތުރުން ހުޅުހުޅު ދުޅަވުމާ ވަރަށް ބޮޑަށް ގައިގައި ރިއްސުމުގެ އުދަނގޫތައް ދިމާވެއެވެ.

ދެމަފިރިން ކުރެ އެކަކު ފަރާތުން މިކަން ވާރުތަކޮށްފިނަމަ އެކުއްޖަކު ވާނީ ސިކްލް ސެލް ކެރިއަރަކަށެވެ. މިކަން ހުރިކަން ނުވަތަ ނޫންކަން އެނގޭނީ މިކަމަށް ކުރެވޭ ޚާއްޞަ ލޭގެ ޓެސްޓަކުންނެވެ.

ބަލި ވާރުތަކުރުން
ސިކްލް ސެލް އެނީމިޔާ އަކީ މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަކުރާ ބައްޔެކެވެ. ސިކްލް ސެލް ކެރިއަރ ނުވަތަ ވާރުތަކުރާގޮތް ހުންނަ ދެމީހަކު ކައިވެނިކޮށްގެން، ދަރިން ލިބުމުގައި ބަލިވެ އިންނަ ކޮންމެ ފަހަރަކު ވެސް، ސިކްލް ސެލް ޑިޒީޒް، ނުވަތަ ސިކްލް ސެލް އެނީމިޔާ ބަލިކުއްޖަކަށްވުމުގެ %25 ފުރުޞަތު، އަދި ރަގަޅު ކުއްޖަކަށްވުމުގެ %25 ފުރުޞަތު، އޮވެއެވެ. އަދި ހަމައެއާއެކު %50 ކުދިންނަކީ މިބަލި ވާރުތަކުރާގޮތް ހުންނަ ކުދިންނަށް ވުމުގެ ފުރުޞަތު ވެސް އޮވެއެވެ. މިއިން ކޮންމެ ގޮތަކަށްވުމުގެ ފުރުޞަތު ބަލިވެ އިންނަ ކޮންމެ ފަހަރަކު ވެސް އޮންނާނެ އެވެ. އެހެންކަމުން އާއިލާގައި މިބަލިއުޅޭކަން އެނގިފައިވާނަމަ، ކައިވެނިކުރުމުގެ ކުރިން މިބަލި ވާރުތަކުރާގޮތް ހުރިތޯ އެނގުން މުހިއްމެވެ. މިބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި މިފަދަ ބަލި ކުއްޖަކު ލިބުމުގެ ފުރުޞަތު އޮންނަ މައިން، ބަނޑުގައި އޮންނަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުކޮށް، އަދި ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ކަންތައް ކުރިޔަށް ރާވައި، މިފަދަ ބަލިކުދިން ނުހޯދާ ވެދާނެ އެވެ.

ސިކްލް ސެލް އެނީމިޔާ ވާރުތަވަނީ އުޓޯސޯމަލް ރިސެސިވް(ވިރާސީ ބަހާއާއި ޖިންސީ ހޯރމޯން އާއި ގުޅުމެއްނެތުން) އެއްގެ ގޮތުގައެވެ. މީގައި ސިކްލް ސެލް ޓްރެއިޓް ވާރުތަވަނީ އުޓޯސޯމަލް ޑޯމިނަންޓް ޓްރެއިޓް އެއްގެ ގޮތުގައެވެ. މީގެ މާނައަކީ ބަލީގެ ވިރާސީ ބަހާ ނުވަތަ ޖީން މައިންބަފައިންގެ ފުށުން އަންހެން ދަރިންނާއި ފިރިހެންދަރިންނަށް ވެސް ވާރުތަވުމެވެ. އެހެންކަމުން ސިކްލް ސެލް އެނީމިޔާ ކުރިމަތިވުމަށް މަންމައާއި ބައްޕަގެ ފުށުން ބަލީގެ ވިރާސީ ބަހާ އެއް ދަރިފުޅަށް ވާރުތަވާން ޖެހޭނެ އެވެ. އެހެންކަމުން ދަރިފުޅަށް ސިކްލް ސެލް 2 ޖީން (ކޮންމެ މީހެއްގެ ފުށުން އެއް ޖީން) ލިބިފައި ހުންނާނެ އެވެ.

އެންމެ ސިކްލް ސެލް ޖީން އެއް ވާރުތަވުމަށް (މަންމަ ނުވަތަ ބައްޕަ ފުށުން ސިކްލް ސެލް ޖީން އެއް ވާރުތަވުން) ކިޔަނީ "ސިކްލް ސެލް ޓްރެއިޓް"(Sickle cell trait) އެވެ. މިއީ ސިކްލް ސެލް އެނީމިޔާ ވާރުތަކުރާގޮތް ހުރުމެވެ. ނުވަތަ ސިކްލް ސެލް އެނީމިޔާގެ ކެރިއަރަކަށް ވުމެވެ. ސިކްލް ސެލް އެނީމިޔާ ވާރުތަވާގޮތް ހުރުމަކީ ސިކްލް ސެލް އެނީމިޔާ ޖެހުމެއް ނޫނެވެ. ސިކްލް ސެލް އެނީމިޔާ ވާރުތަކުރާގޮތް ހުންނަ މީހުންނަކީ ނުވަތަ ކެރިއަރުންނަކީ ޞިއްޙަތު ސަލާމަތުން ތިބޭ ބައެކެވެ. ސިކްލް ސެލް އެނީމިޔާ ވާރުތަކުރާގޮތް ހުންނަ 2 މީހުން އިނދެފިނަމަ ލިބޭ ކޮންމެ 4 ކުދިންގެ ތެރެއިން އެއްކުއްޖަކަށް ސިކްލް ސެލް އެނީމިޔާ ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ.

ސިކްލް ސެލް އެނީމިޔާގައި ލޭގެ ރަތް ސެލްތައް ބަޅުވަޅި ބައްޓަމަށް ބަދަލުވުމަށް މެދުވެރިވަނީ ކިހިނެއް؟
ސިކްލް ސެލް އެނީމިޔާ ޖެހިފައިވާ ބަލިމީހުންގެ ލޭގެ ރަތް ސެލްތައް ބަޅުވަޅި ބައްޓަމަށް ބަދަލުވަނީ އެސެލްތަކުގެ ބައްޓަމާއި، ސެލްއަށް ލިބިފައިވާ އެކި ފަރާތަށް ލެނބި ދެމި ހެދުމުގެ ގާބިލިއްޔަތަށް ބަދަލު އައުމުންނެވެ. އެގޮތުން ބަޅުވަޅި ބައްޓަމަށް ސެލްތައް ބަދަލުވުމަށް މެދުވެރިކުރުވާ ކަންތައްތަކުގެ ތެރޭގައި ލޭގައި އޮކްސިޖަންގެ މިންވަރު ދަށްވުން، ލޭގައި އެސިޑް ގިނަވެ މަތިވުން، ލޭގެ ވޮލިއުމް ދަށްވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންކަން ކުރިމަތިވަނީ ހަށިގަނޑުގެ ސެލޯށިތަކާއި، ގުނަވަންތަކަށް ލިބޭ އަނިޔާ، ހޭނެއްތުމާއި އައްސިކުރުން، އަދި ހަށިގަނޑުގައި ފެން އެކުލެވޭ މިންވަރަށް ބަދަލު އައުމުގެ ސަބަބުންނެވެ.

ގުރުދާ، މޭގަނޑު، ހުންކޮށި ފަދަ ގުނަވަންތަކަކީ ނިސްބަތުން އޮކްސިޖަން މަދުވުން އަދި އެސިޑް ގިނަވުމުގެ ފުރުޞަތު ބޮޑު ހިސާބު ތަކެވެ. ސިކުނޑިއާއި ހަށިގަނޑުގައިވާ މަސްތައް ފަދަ މެޓަބޮލިކް ރޭޓް މަތި ތަންތަނުގައި ލޭގެ ރަތް ސެލް ބައިބައިވުމުގެ ނިސްބަތް މަތިކުރަނީ ލޭގެ އާރުގައި ހުންނަ އޮކްސިޖަން މޮލިކިޔުލް ތައް ވަކިކޮށްގެންނެވެ. މިކަންކަމުގެ ސަބަބުން ސިކްލް ސެލް އެނީމިޔާ އާއި ގުޅިގެން ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވާގޮތް މެދުވެރިވެއެވެ.

ބަލީގެ އަލާމާތްތައް
ސިކްލް ސެލް ބަލި ވާރުތަކުރާ ގޮތް ހުންނަ މީހުންނަކީ މިބަލީގެ އަލާމާތެއް ނުވަތަ މިބަލި ވާރުތަކުރާގޮތް ހުރުމުގެ ސަބަބުން މިބަލީގެ އެއްވެސް ކަމެއް ތަހައްމަލުކުރަންޖެހޭ ބައެއް ނޫނެވެ. ނަމަވެސް ސިކްލް ސެލް އެނީމިޔާ ހުންނަ ބަލިމީހުންނަކީ މިބަލީގެ އަލާމާތްތައް އެކި ހާލަތުގައި އެކިވަރަށް ހުރެދާނެ، އަދި ބައެއް ހާލަތްތަކުގައި ފުރާނަޔަށް ނުރައްކާވާފަދަ ހާލަތަށް ވެސް ހިގައިދާނެ ބައެކެވެ. މިފަދަ މީހުންނަށް ތަފާތު އުދަނގޫތަކާ ކުރިމަތިލާންޖެހެއެވެ. އަދި ޚާއްޞަކޮށް ބައެއް ހާލަތްތަކުގައި ވަރަށް ވޭންދެނިވި، ތަދު އިހުސާސްކުރަންޖެހޭ ހާލަތަށް މިބަލި ދެއެވެ. މިގޮތަށް ދިމާވަނީ ސިކްލް ސެލް ތައް ހަށިގަނޑުގެ ބައެއް ހިސާބުތަކުގައި ހުންނަ ކުދި ލޭހޮޅި ފަދަ ތަންތަނުގައި "ސިކްލިންގ"(sickling) ވުމުގެ ސަބަބުން، ތާށިވެ، އެފަދަ ތަންތަނުން ލޭދައުރުކުރުން ހުއްޓި، ސިކްލް ސެލްތައް ޖަމާވުމުންނެވެ. މިއީ "ސިކްލް ކްރައިސިސް"(sickle crisis) އަކަށް ބަލިމީހާ ދިއުން ކަމުގައި ބެލެވެއެވެ. މިގޮތަށް ދިމާވުން ތަކުރާރުވުމުން ބައެއް ބަލިމީހުންނަށް ކަށީގެ ބަލިތަކާ، ފުއްޕާމޭގެ އުދަނގޫތަކާ، އަދި ބައެއް ކަހަލަ އިންފެކްޝަން ތަކުގެ ސަބަބުން މިފަދަ ހާލަތްތަކުގައި ބަލިބޮޑުވެ، އިތުރަށް ގޯސްވުމަށް މަގުފަހި ވެއެވެ.

ބަލި ތަހުލީލުކޮށް ދެނެގަތުން
ސިކްލް ސެލް އެނީމިޔާ ނުވަތަ ސިކްލް ސެލް ބައްޔަކީ ވަރަށް ބޮޑަށް ތަހުލީލުކުރެވި ތަފާތު ގިނަ ހޯދުންތައް ހޯދިފައިވާ ބައްޔެކެވެ. މިގޮތުން މިބައްޔަކީ ހިމޮގްލޮބިން އާ އަދި ލޭގެ ރަތް ސެލް އާ ގުޅިފައިވާ ބައްޔެއްކަމުން، މައިގަނޑު ގޮތެއްގައި މިބަލި ހޯދުމުގައި ބަލި ޔަގީންކުރެވޭ ޓެސްޓަކީ ހިމޮގްލޮބިން ގައި "ހިމޮގްލޮބިން އެސް"(HbS) ހުރި ނިސްބަތް ހޯދުމެވެ. މިޓެސްޓު އުސޫލެއްގެ ގޮތުން "ހިމޮގްލޮބިން އިލެކްޓްރޯފޮރޭސިސް"(hemoglobin electrophoresis)، ކިޔާ ތަހުލީލަކުން، ނޫނީ ޑީއެންއޭ ޓެސްޓުކޮށްގެން ވެސް ހޯދިދާނެ އެވެ. އަދި ހަމައެއާއެކު "ލޭގެ ސްމިއަރ"(blood smear) އިން މައިކްރޮސްކޯޕުން ވެސް ސިކްލް ސެލް ފެންނާނެ އެވެ. ދިވެހިރާއްޖޭގައި މިބަލި ޓެސްޓުކުރެވެނީ ހަމައެކަނި ތެލެސީމިޔާ ސެންޓަރާ، ޝީގެ ލެބޯޓްރީ އިންނެވެ.

ބަލީގެ ފަރުވާ
މިބައްޔަކީ މުޅިން ރަގަޅުނުކުރެވޭ ބައްޔަކަށް ވިޔަސް، ބަލީގެ ސަބަބުން ދިމާވާ ގިނަ އުދަނގޫތަކަކީ މިހާރު އެކަމަށް ފަރުވާ ކުރެވޭ ކަންތަކެވެ. މިގޮތުން ލޭމަދުވުމުން ލޭއެޅުމާ، އަދި އެންޓިބަޔޮޓިކް ފަދަ ތަކެތި މިބަލި ބޮޑުވިޔަ ނުދިނުމަށްޓަކައި ބޭނުން ކުރެވެއެވެ. ސިކްލް ސެލް އެނީމިޔާ އަށް މިހާރު ދެވޭ އެންމެ އެކަށީގެންވާ ފަރުވާ އަކީ ކެންސަރަށްދޭ ފަރުވާއެއް ކަމުގައި ހިމެނޭ "ހައިޑްރޮކްސީ ޔޫރިއާ"(hydroxyurea) ނަމަކަށް ކިޔާ ބޭހެކެވެ. މިބޭސް ބޭނުންކުރުމުން މިބަލީގެ މީހުންނަށް ލޭއެޅުމުގެ ދޭތެރެ ދުރުވެ، އަދި އެހެންޏާ އިހުސާސް ކުރަންޖެހޭ ތަދު އިހުސާސްވުން ވެސް ކުޑަވާ ކަމުގައި ދިރާސާތަކުން ދައްކައެވެ. މިބަލީގެ މީހުންނަކީ ރަގަޅު ޞިއްޙަތެއްގައި ތިބުމަށްޓަކައި، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަންޖެހޭ ބައެކެވެ. އެގޮތުން ސާފުތާހިރުކަމަށް ސަމާލުވުމާ، ރަގަޅުކާނާ ފަދަ ތަކެތި ކެއުން މުހިއްމެވެ. އަދި ހަމައެއާއެކު އޮކުސިޖަން މަދުން ލިބޭފަދަ މާޙައުލެއްގައި ނޫޅުމަކީ ރަގަޅު ކަމެކެވެ. މިގޮތުން އުސްފަރުބަދަ ފަދަ ތަންތަނަށް އެރުމާ، ފުނަން ފީނުން ފަދަ ކަންތައްތައް ނުކުރުން މުހިއްމެވެ. ގަވާއިދުން ލޭއަޅަންޖެހޭ މިފަދަ ބަލިމީހުން ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ނިސްބަތް ހުރިވަރު ދަނެގަނެ، އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ ހޯދުމަކީ ވެސް މުހިއްމު ކަމެކެވެ.

މިބަލިން ދުރުވުމަށްޓަކައި އެންމެ ބުއްދިވެރީ ދުރާލާ ޓެސްޓުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ޓެސްޓުކުރުމަށްފަހު ޑޮކްޓަރަށް ނަތީޖާ ދައްކަންވާނެ އެވެ. މިބަލީގެ ކުއްޖެއްނަމަ ނޭޝަނަލް ތެލެސީމިޔާ ސެންޓަރުގައި ރަޖިސްޓްރީ ކުރަންވާނެ އެވެ. އަދި ގަވާއިދުން ޑޮކްޓަރުންގެ ލަފާ ހޯދަންވާނެ އެވެ.

ސިކްލް ސެލް އެނީމިޔާގައި ދިމާވެދާނެ އުދަނގޫތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ރަގަޅަށް ފެންބުއިން، މާބޮޑަށް ފިނި ނުވަތަ ހޫނު ތަންތަނާ ދުރުވުން، އަދި ގަވާއިދުން ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. ރާއްޖޭގައި ގަވާއިދުން ޖަހާ ހުރިހާ ވެކުސިނެއް ޖެހުމުގެ އިތުރުން، ނިއުމޯކޮކަސް ވެކްސިން، ހިމޮފިލަސް އިންފުލުއެންޒާ ބީ ވެކްސިން، އަދި ފުލޫ ވެކްސިން ޖެހުމަކީ މުހިއްމު ކަމެކެވެ.

ސިކްލް ސެލް ބައްޔާ ގުޅިފައިވާ އެހެން ބަލިތައް
ސިކްލް ސެލް އެނީމިޔާ އަކީ ހިމޮގްލޮބިން ގެ ސަބަބުން ވާރުތަކުރާ ބައްޔެއް ކަމުން ހިމޮގްލޮބިން ގެ އެހެން ބަލިތަކާ އެކުވެގެން މިބަލި ވާރުތަކުރެއެވެ. އެގޮތުން ބީޓާ ތެލެސީމިޔާ، ހިމޮގްލޮބިން ސީ، ހިމޮގްލޮބިން ޑީ، އަދި ހިމޮގްލޮބިން އީ އާއެކު މިބަލި ވާރުތަކޮށްފާނެ އެވެ. މިގޮތަށް ދިމާވާ ބައެއް ބަލިމީހުން ލޭމަދުވެ، ގަވާއިދުން ލޭއަޅަން ވެސް ޖެހެއެވެ. ދިވެހިރާއްޖެއިން މަދުން ނަމަވެސް "ސިކްލް ބީޓާ ތެލެސީމިޔާ ބަލި"(sickle cell beta thalassemia) ހުންނަ މީހުން ފެނެއެވެ.

ސިކްލް ސެލް ޑިޒީޒް އަދި ސިކްލް ސެލް ކެރިއަރުންނާއި ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން
ސިކްލް ސެލް ޑިޒީޒް ގެ އަހުލުވެރިން އަދި ސިކްލް ސެލް ކެރިއަރުން ޒަވާޖީ ޙަޔާތެއް ފެށުމުގެ ކުރިން، އޭނާއަކީ ސިކްލް ސެލް ޑިޒީޒް ޖެހިފައިވާ ނުވަތަ ސިކްލް ސެލް ކެރިއަރަކަށްވީތީ، ކައިވެނީގެ ފަހުން ދިމާވެދާނެ ކަންކަމާމެދު، ނުވަތަ ލިބޭ ދަރިންނަށް ވާނެގޮތެއް އެނގިފައި އޮތުން މުހިއްމެވެ. އެގޮތުން ސިކްލް ސެލް ބަލި ޖެހިފައިވާ ނުވަތަ ސިކްލް ސެލް ކެރިއަރަކު ، ލޭއަޅާ ބައްޔާއި ގުޅުންހުރި އެކި އެކި ބަލިތަކުގެ މީހުންނާއި ކައިވެނި ކުރުމުން ނިކުމެދާނެ ނަތީޖާތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

(1) – ސިކްލް ސެލް ކެރިއަރަކާ + އާދައިގެ މީހަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ސިކްލް ސެލް ކެރިއަރުން އަދި އާދައިގެ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އާދައިގެ މީހަކާ،ސިކްލް ސެލް ކެރިއަރެއް ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – އާދައިގެ ކުދިން 
·         %50 – ސިކްލް ސެލް ކެރިއަރުން

(2) – ސިކްލް ސެލް ބަލީގެ މީހަކާ + އާދައިގެ މީހަކާ : މިފަދަ ދެމީހުން ކައިވެނިކުރުމުން ލިބޭ ހުރިހާ ކުދިންނަކީ ވެސް ސިކްލް ސެލް ބަލީގެ ކެރިއަރުންނެވެ.
އާދައިގެ މީހަކާ،ސިކްލް ސެލް ބަލިމީހަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %100 – ސިކްލް ސެލް ކެރިއަރުން
(3) – ސިކްލް ސެލް ބަލީގެ މީހަކާ + ސިކްލް ސެލް ބަލީގެ މީހަކާ : މިފަދަ ދެމީހުން ކައިވެނިކުރުމުން ލިބޭ ހުރިހާ ކުދިންނަކީ ވެސް ސިލް ސެލް ބަލީގެ ކުދިންނަށް ވާނެ އެވެ.
ސިކްލް ސެލްބަލި މީހަކާ، ސިކްލް ސެލް ބަލިމީހަކާ ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %100 – ސިކްލް ސެލް ބަލި ކުދިން

(4) – ސިކްލް ސެލް ބަލީގެ ކެރިއަރަކާ + ސިކްލް ސެލް ބަލީގެ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކުރުމުން އާދައިގެ ކުދިން، ސިކްލް ސެލް ބަލީގެ ކެރިއަރުން އަދި ސިކްލް ސެލް ބަލި ޖެހިފައިވާ ކުދިން ލިބުމުގެ ފުރުޞަތު އޮވެއެވެ.
ސިކްލް ސެލް ބަލީގެ ދެކެރިއަރުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %50 – ސިކްލް ސެލް ޑިޒީޒް ޖެހިފައިވާ ކުދިން
(5) – ސިކްލް ސެލް ބަލިމީހަކާ + ސިކްލް ސެލް ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކުރުމުން ސިކްލް ސެލް ބަލިޖެހިފައިވާ ކުދިންނާ، ސިކްލް ސެލް ބަލީގެ ކެރިއަރުން ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.
ސިކްލް ސެލް ބަލިމީހަކާ ސިކްލް ސެލް ކެރިއަރެއް ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %50 – ސިކްލް ސެލް ކެރިއަރުން
·         %50 – ސިކްލް ސެލް ޑިޒީޒް ޖެހިފައިވާ ކުދިން

(6) – ސިކްލް ސެލް ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ އާދައިގެ ކުދިން ، ސިކްލް ސެލް ކެރިއަރުން، ބީޓާ ތެލެސީމިޔާ ކެރިއަރުން، އަދި ސިކްލް ބީޓާ ތެލެސީމިޔާ ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. ސިކްލް ބީޓާ ތެލެސީމިޔާ އަކީ މަދުން ނަމަވެސް ލޭއަޅަންޖެހިދާނެ ވައްތަރެކެވެ.
ސިކްލް ސެލް ކެރިއަރަކާ + ބީޓާ ތެލެސީމިޔާ ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްފިނަމަ ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – ރަގަޅު ކުދިން
·         %25 – ސިކްލް ސެލް ކެރިއަރ
·         %25 – ބީޓާ ތެލެސީމިޔާ ކެރިއަރ
·         %25 – ސިކްލް ސެލް ބީޓާ ތެލެސީމިޔާ

(7) - އެޗްބީޑީ ކެރިއަރަކާ + އެޗްބީއެސް(ސިކްލް) ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން އެޗްބީޑީ ކެރިއަރުން، އެޗްބީއެސް ކެރިއަރުން، އާދައިގެ ކުދިން އަދި އެޗްބީޑީ އެޗްބީއެސް ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
އެޗްބީޑީ އެޗްބީއެސް ޑިޒީޒް (އެޗްބީޑީ ސިކްލް ޑިޒީޒް) ކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެއެވެ. މީގެ އިތުރުން މިކުދިންނަށް ހުޅުހުޅުގައި ރިއްސުން މެދުވެރިވެ، އަދި އެހެނިހެން ބަލިތައް ޖެހުން ވެސް އިތުރުވެދާނެ އެވެ. މިސަބަބުތަކަށްޓަކައި މިކުދިން ގަވާޢިދުން ޑޮކްޓަރަށް ދެއްކުން ވަރަށް މުހިއްމު ވާނެއެވެ.
އެޗްބީޑީ ކެރިއަރަކާ، ސިކްލް ސެލް ކެރިއަރެއް ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – އެޗްބީޑީ ކެރިއަރުން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %25 – އެޗްބީޑީ ސިކްލް ސެލް ޑިޒީޒް
(8) - އެޗްބީއީ ކެރިއަރަކާ + އެޗްބީއެސް(ސިކްލް) ކެރިއަރަކާ : މިފަދަ ދެކެރިއަރުން ކައިވެނިކޮށްގެން ލޭއަޅާ ކުދިން ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ. އެއީ އެޗްބީއީ ސިކްލް ޑިޒީޒް ކުދިންނެވެ. މިކުދިންނަށް މަދުން ނަމަވެސް ލޭއަޅަން ޖެހޭނެ އެވެ.
އެޗްބީއީ ކެރިއަރަކާ އެޗްބީއެސް (ސިކްލް) ކެރިއަރަކާ ކައިވެނިކޮށް ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އާދައިގެ ކުދިން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %25 – އެޗްބީއީ ކެރިއަރުން
·         %25 – އެޗްބީއީ ސިކްލް ޑިޒީޒް
(9) – އެޗްބީސީ ކެރިއަރަކާ + އެޗްބީ އެސް (ސިކްލް ސެލް) ކެރިއަރަކާ : މިފަދަ ދެމީހުން ކައިވެނިކޮށްގެން ބަލިވެ އިންނަ ކޮންމެ ފަހަރަކު:-
·         %25 – އެޗްބީސީ ކެރިއަރުން
·         %25 – އާދައިގެ ކުދިން
·         %25 – ސިކްލް ސެލް ކެރިއަރުން
·         %25 – އެޗްބީސީ ސިކްލް ޑިޒީޒް (ސިކްލް ހިމަގްލޯބިން ސީ ޑިޒީޒް)
ސިކްލް ހިމަގްލޯބިން ސީ ޑިޒީޒް : މިފަދަ ކުދިންގެ ލޭހުންނާނީ ތަންކޮޅެއް ދަށްކޮށެވެ.  ގައިގެ އެކި ހިސާބުތަކުގައި ތަދުވުން، އަދި ހަށިގަނޑުގެ އެކިއެކި ޓިޝޫތައް ހަލާކުވުން ފަދަ ކަންތައްތައް ކުރިމަތިވާތީ، މިފަދަ ކުދިން ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :
·         "ހަނު ތިބެވޭކަށެއްނެތް! ރާއްޖޭގައި ވެސް ސިކްލް ސެލް އެނީމިއާ" - ޑރ. ނުސައިބާ ފާރޫޤް ޙަސަން (އެމްބީބީއެސް) - ދުނިޔޭގެ ސިކްލް ސެލް ދުވަސް ސަޕްލިމެންޓް -  19 ޖޫން 2012 – މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ހަވީރު ނޫސް
·         "ސިކްލް ސެލް ރާއްޖޭގައި" – ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން - ދުނިޔޭގެ ސިކްލް ސެލް ދުވަސް ސަޕްލިމެންޓް -  19 ޖޫން 2012 – މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ހަވީރު ނޫސް
·         "ސިކްލް ސެލް އެނީމިއާ" - ޑރ. އިބްރާހީމް މުސްތަފާ (ޕީއެޗްޑީ އިން ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިން) - - ދުނިޔޭގެ ސިކްލް ސެލް ދުވަސް ސަޕްލިމެންޓް -  19 ޖޫން 2012 – މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ހަވީރު ނޫސް
·         "ސިކްލް ސެލް ބަލި : ޞިއްޙީ ނަޒަރަކުން" – ޑރ. އަޙުމަދު ފައިޞަލް (އެމްޑީ ޕީޑިއެޓްރިކްސް) - ދުނިޔޭގެ ސިކްލް ސެލް ދުވަސް ސަޕްލިމެންޓް -  19 ޖޫން 2012 – މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން – ހަވީރު ނޫސް
·         "ތެލެސީމިއާ" ލީފްލެޓް : ކުލުނު 118 – ޖަނަވަރީ 1998 – ޝީ – މާލެ – ދިވެހިރާއްޖެ
·         'އަލްފާ ތެލެސީމިޔާ" ލީފްލެޓް : ކުލުނު 135 – ޖޫން 1999 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން އީ" ލީފްލެޓް : ކުލުނު 143 – ފެބުރުއަރީ 2000 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިޔާ އަށް ޓެސްޓުކުރުމުގައި ނަތީޖާ ޔަގީންނުވާ ސަބަބުތައް" ލީފްލެޓް : ކުލުނު 177 – ޑިސެމްބަރ 2002 – ޝީ – މާލެ – ދިވެހިރާއްޖެ
·         "ހިމޯގްލޮބިން ޑީ" ލީފްލެޓް : ކުލުނު 198 – ސެޕްޓެމްބަރ 2004– ޝީ – މާލެ – ދިވެހިރާއްޖެ
·         "ތެލެސީމިއާގެ ފަރުވާ " ލީފްލެޓް : ކުލުނު 235 – އޮކްޓޯބަރ 2007 – ޝީ – މާލެ – ދިވެހިރާއްޖެ
·         "އަލްފާ ތެލެސީމިޔާ" އާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ މައުލޫމާތު ގަނޑެއް

No comments:

Post a Comment