ލޭގެ ކެންސަރުގެ ތެރެއިން – މައިއެލޯމާ
މައިއެލޯމާ(myeloma) އަކީ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މައިއެލޯމާ
އަށް ބައެއް ފަހަރު މަލްޓިޕްލް މައިއެލޯމާ(multiple
myeloma) އޭ ވެސް ކިޔައެވެ. މައިއެލޯމާ
އަކީ ލޭގެ ހުދު ސެލްގެ ވައްތަރެއް ކަމުގައިވާ ޕްލާޒްމާ ސެލް ތަކަށް ޖެހޭ
ކެންސަރެވެ. ޕްލާޒްމާ ސެލް ތަކަކީ އިންފެކްޝަން އާއި ދެކޮޅަށް މަސައްކަތްކުރާ
ހަށިދަމަނަތައް(antibodies) އުފައްދާ ލޭގެ
ހުދުސެލްގެ ވައްތަރެކެވެ. ހަށިދަމަނަ ތަކަކީ ހަށިގަނޑުގައި އުޅޭ ޖަރާސީމުތައް
ހޯދައި، ހަމަލާ އެއްޗެކެވެ. މައިއެލޯމާ ޖެހުމުން މިގޮތަށް ހަށިދަމަނަތައް
އުފެއްދުން ހުއްޓުވައި ހަށިގަނޑުގެ ދިފާޢީ ބާރުގެ މަސައްކަތް ހުއްޓުވުމަކަށް
ގެނެއެވެ.
މަލްޓިޕްލް މައިއެލޯމާ ގައި ކެންސަރުގެ އަސަރު ހުރި ޕްލާޒްމާ ސެލްތައް ކަށީގެ މަދުގެ ތެރޭގައި ޖަމާވެއެވެ. ކަށީގެ މަދަކީ ލޭގެ ސެލްތައް އުފައްދައިދޭ މަރުކަޒެވެ. ނުވަތަ ތަނެވެ. ކަށީގެ މަދުގެ ތެރޭގައި ކެންސަރުގެ އަސަރު ހުރި ސެލްތަކުން ކަށީގެ މަދުގައި ހިމެނޭ ރަނގަޅު ދުޅަހެޔޮ ލޭގެ ސެލްތައް ބޭރުކޮށްލައެވެ. ކެންސަރުގެ އަސަރުހުރި ޕްލާޒްމާ ސެލްތަކުން އާންމުކޮށް ޕްލާޒްމާ ސެލްތަކުން އުފައްދާ ހަށިދަނަމަ ތައް އުފެއްދުމުގެ ބަދަލުގައި އޭގެ ޒާތުގައި ރަނގަޅަށް މަސައްކަތްނުކުރާ ޕްރޮޓީން އެއް އުފައްދައެވެ. މީގެ ސަބަބުން މަލްޓިޕްލް މައިއެލޯމާ ގައި ކުރިމަތިވާ ނުރައްކާތައް ފެންމަތި ކުރުވައެވެ
މައިއެލޯމާގެ ވައްތަރު ތަކުގެ ތެރޭގައި މަލްޓިޕްލް
މައިއެލޯމާ(multiple myeloma) ،
ޕްލާޒްމާސައިޓޯމާ(plasmacytoma) އަދި އަމައިލޮއިޑޯސިސް(Amyloidosis) ހިމެނެއެވެ
ސަބަބު
މައިއެލޯމާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް
ނުވެއެވެ.
މަލްޓިޕްލް މައިއެލޯމާ ފެށިގެން އަންނަނީ ކަށީގެ މަދުގައި
އެންމެ ޕްލާޒްމާ ސެލް އަކުންނެވެ. ކަށީގެ މަދަކީ ލޭގެ ސެލްތައް އުފައްދައިދޭ
މަރުކަޒެވެ. ވިރާސީ ގޮތުން އަންނަ ބަދަލަކާއި ގުޅިގެން ނޫނީ ދިމާވާ ކަމަކާ
ވިދިގެން، ދުޅަހެޔޮ ޕްލާޒްމާ ސެލް ކެންސަރުގެ އަސަރުހުރި މައިއެލޯމާ ސެލް އަށް
ބަދަލުވެއެވެ. އެއަށްފަހު ކެންސަރުގެ އަސަރުހުރި މައިއެލޯމާ ސެލް ތަކުން
ހަލުވިކަމާއެކު އިތުރު މައިއެލޯމާ ސެލްތައް އުފައްދައެވެ.
ދުޅަހެޔޮ ސެލްތައް ވަކި އުސޫލަކުން ހެދިބޮޑުވެ، ވަކި
އުސޫލަކުން މަރުވެ ނެތިދެއެވެ. ނަމަވެސް ކެންސަރުގެ ސެލްތައް މި އުސޫލަށް ތަބާއެއް
ނުވެއެވެ. ކެންސަރުގެ އަސަރުހުރި ސެލްތަކުން އެތަކެއް ސެލް އެއް އިތުރަށް
އުފައްދައެވެ. އަދި ދުޅަހެޔޮ ސެލްތައް އޮންނަ އުސޫލުން މަރުވެ ނެތިދާއިރު ވެސް
ކެންސަރުގެ އަސަރުހުރި ސެލްތައް ދިރިހުރެއެވެ. މައިއެލޯމާގައި ކެންސަރުގެ ސެލްތައް
ކަށީގެ މަދުގައި ޖަމާވެ ހަރުލައި، ދުޅަހެޔޮ ސެލްތައް ކަށީގެ މަދުން ބޭރުކުރެއެވެ.
މީގެ ސަބަބުން ހަށިގަނޑު ވަރުބަލިވެ، ނޫނީ ލޮޑުވެ، އިންފެކްޝަންތަކާއި ދެކޮޅަށް
މަސައްކަތްކުރުމަށް ނުކުޅެދެއެވެ.
މައިއެލޯމާ ސެލްތަކުން ދުޅަހެޔޮ ޕްލާޒްމާ ސެލްތަކެކޭ އެއްގޮތަށް ހަށިދަމަނަތައް އުފެއްދުމަށް މަސައްކަތްކުރެއެވެ. ނަމަވެސް މިގޮތަށް އުފައްދާ ހަށިދަމަނަތައް ހަށިގަނޑަށް ބޭނުމެއް ނުކުރެވެއެވެ. މިހަށިދަމަނަ ތަކަށް ކިޔަނީ "މޮނޯކްލޯނަލް ޕްރޮޓީން"(monoclonal protein) ނޫނީ "އެމް ޕްރޮޓީން"(M protein) އެވެ. ހަށިގަނޑުގައި މޮނޯކްލޯނަލް ޕްރޮޓީންތައް ޖަމާވެ، އޭގެ ސަބަބުން ގުރުދާއަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ. މައިއެލޯމާ ސެލްތަކުން ކަށިތަކަށް ގެއްލުންދީ، ކަށިތައް ފީވެ، ބިއްދައިގެން ދިއުމުގެ ހިރާސް އިތުރުކުރުވައެވެ.
މަގުފަހިކުރާ ކަންތައްތައް
މައިއެލޯމާ އަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) އުމުރުން ދުވަސްވުން : ގިނަ
މީހުންނަށް މައިއެލޯމާ ހުންނަކަން ފާހަގަކުރެވެނީ އުމުރުން 60 އަހަރުގެ ފަހުކޮޅުގެ
އަހަރުތަކުގައެވެ.
(ށ) ފިރިހެނަކަށްވުން : އަންހެނުންނަށްވުރެ
ފިރިހެނުންނަށް މައިއެލޯމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.
(ނ) ކަޅު ނަސްލުގެ މީހަކަށްވުން : ފާހަގަކުރެވިފައިވާ
ގޮތުގައި ކަޅު ނަސްލުގެ މީހުންނަށް ނޫނީ ހަންގަނޑު ކަޅު މީހުންނަށް އެހެން ނަސްލު
ތަކުގެ މީހުންނަށްވުރެ މައިއެލޯމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ރ) އާއިލާގެ ތެރޭގައި މައިއެލޯމާ ދައުރުވަމުން
އައުން : އާއިލާގެ މެންބަރުންގެ ތެރޭގައި މިސާލަކަށް
މައިންބަފައިންގެ ކުރެ މީހެއްގެ ކިބައިގައި، ނޫނީ އެއްބަނޑު އެއްބަފާ މީހެއްގެ
ކިބައިގައި ކުރިން މައިއެލޯމާ ހުރިނަމަ، އެމީހަކަށް މައިއެލޯމާ ޖެހުމުގެ ފުރުޞަތު
ބޮޑެވެ.
(ބ) މާހައުލުން ކުރިމަތިވާ ކަންތައްތައް : މިސާލަކަށް
މަސައްކަތުގެ ތެރެއިން ރޭޑިޔޭޝަނަށް ހުށަހެޅުން، ދަނޑުވެރިކަމުގައި ބޭނުންކުރާ
ޕެސްޓިސައިޑް އަދި ފާޓިލައިޒަރ އަށް ހުށަހެޅުން ފަދަ ކަންތައްތަކަކީ ލޭގެ ކެންސަރު
މައިއެލޯމާ ޖެހުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ.
(ޅ) އިންފްލޭމަރީ ޑިޒީޒް އެއް ހުރުން : މިސާލަކަށް
ހަކުރުބަލި، ރާއްޖެބަލި އަދި ހިތުގެ ބަލި ފަދަ މައްސަލަ އެއް ހުރުމަކީ މައިއެލޯމާ
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
(ކ) ބަރުދަން އިތުރުވެ، ބަރުހެލިވުން : އާދަޔާ
ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަކީ މައިއެލޯމާ ފަދަ ކެންސަރުތަކަށް
މަގުފަހިކުރާނެ ކަމެކެވެ.
އަލާމާތްތައް
މަލްޓިޕްލް މައިއެލޯމާގެ ކުރީކޮޅު އެއްވެސް އަލާމާތެއް
ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި މަލްޓިޕްލް މައިއެލޯމާގައި
ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ކަށީގައި
ރިހުން : އެގޮތުން މޭމަތީގެ ކަށިތައް، މައިބަދައިގެ ކަށިތައް އަދި އުކުޅުވަޅުގެ
ކަށިތަކުގައި ރިއްސައެވެ.
·
މޭނުބައިކުރުން
·
ބަނޑުހަރުވުން
·
ކާހިތްނުވުން
·
ވާނުވާ ނޭނގުން
·
ވަރުބަލިވުން
އަދި ވާޅުވުން
·
ގާތްގާތުގައި
އިންފެކްޝަންތައް ޖެހުން
·
ބަރުދަން
ލުއިވުން
·
ވަރުދެރަވުން
·
ކަރުހިއްކުން
·
އަވަސް
އަވަހަށް ކުޑަކަމުދާންޖެހުން
·
އަތްފައިގެ
ބާރުދަށްވެ، އައްސިވާހެން ހީވުން
·
މޭނުބައިކުރުން
އަދި ހޮޑުލެވުން
·
ކަރުހިއްކުން
ނުރައްކާތައް
މަލްޓިޕްލް މައިއެލޯމާގެ ސަބަބުން ދިމާވެދާނެ
ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) އިންފެކްޝަންތައް ޖެހުން : މަލްޓިޕްލް
މައިއެލޯމާ ހުރުމަކީ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްކޮށްލާނެ ކަމެކެވެ. ހަށިގަނޑުގެ
ދިފާޢީ ބާރު ދަށްވުމަކީ ތަފާތު އިންފެކްޝަންތައް ޖެހުމުގެ ހިރާސް އިތުރުކުރާނެ
ކަމެކެވެ.
(ށ) ކަށީގެ މައްސަލަތައް : މަލްޓިޕްލް
މައިއެލޯމާގެ ސަބަބުން ކަށިތަކުގައި ރިއްސައި، ކަށިތައް ތުނިވެ، ކަށިތައް
ބިއްދައިގެންދާ ގޮތް ވެއެވެ.
(ނ) ގުރުދާގެ މައްސަލަތައް : މަލްޓިޕްލް
މައިއެލޯމާގެ ސަބަބުން ގުރުދާގެ މައްސަލަތައް މެދުވެރިވެ، ގުރުދާ ފޭލްވުމަކީ
އެކަށީގެންވާ ކަމެކެވެ.
(ރ) ލޭމަދުވުން : މަލްޓިޕްލް
މައިއެލޯމާގެ ސަބަބުން ލޭގެ ސެލްތައް އުފެއްދުން މަދުވެ، ލޭމަދުވުން
ކުރިމަތިވާގޮތް ވެއެވެ.
ދެނެގަތުން
ބައެއް ފަހަރު މައިއެލޯމާ ދެނެގަނެވެނީ އެހެން ކަމަކަށް
ލޭގެ ޓެސްޓު ހެދުމުގެ ތެރެއިންނެވެ. އަނެއްބައި ފަހަރު ބަލިމީހާއަށް
ކުރިމަތިވެފައިވާ އުދަނގޫތަކާއި ވިދިގެން މަލްޓިޕްލް މައިއެލޯމާ ހުރިތޯ ބެލުމަށް
ޓެސްޓުތައް ހެދެއެވެ. މައިއެލޯމާ ދެނެގަތުމަށް އާންމުކޮށް ހެދޭ ޓެސްޓުތަކުގެ
ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
(ހ) ލޭގެ ޓެސްޓުތައް : މައިއެލޯމާ ގެ
ކެންސަރު ސެލްތަކުން އުފައްދާ އެމް ޕްރޮޓީން( M protein) ލޭގެ ޓެސްޓު ހެދުމުން ފާހަގަވެ ފެންނަށް
ހުރެއެވެ. މީގެ އިތުރުން މައިއެލޯމާ ސެލްތަކުން އުފައްދާ "ބީޓާ 2
މައިކްރޯގްލޯބިއުލިން"(beta 2 – macroglobulin) ވެސް ލޭގެ ތެރެއިން ދެނެގަނެވެއެވެ. މީގެ
އިތުރުން ލޭގެ ޓެސްޓުތަކުގެ އެހީގައި ގުރުދާގެ މަސައްކަތް ހުރިނެތްގޮތް، ޔޫރިކް
އެސިޑްގެ މިންވަރު، ކެލްސިއަމް ގެ މިންވަރު، އަދި ލޭގެ ސެލްތަކުގެ ކައުންޓް
ބެލެއެވެ.
(ށ) ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން : މައިއެލޯމާ
ސެލްތަކުން އުފައްދާ އެމް ޕްރޮޓީން ކުޑަކަމުދާ ތަކެތީގައި ވެސް ހުރެއެވެ.
ކުޑަކަމުދާ ތަކެތީގައި ހުންނަ މިފަދަ ޕްރޮޓީން އަށް ކިޔަނީ "ބެންސް ޖޯންސް
ޕްރޮޓީން"(Bence jones protein) އެވެ.
(ނ) ކަށީގެ މަދު ޓެސްޓުކުރުން : ޓެސްޓްކުރުމަށްޓަކައި
ކަށީގެ މަދުގެ ނަމޫނާ ނެގެނީ ކަށީގެ މަދު ބަޔޮޕްސީ(bone marrow
biopsy) ނޫނީ ބޯންމެރޯ
އެސްޕައިރޭޝަން(bone marrow aspiration) ހަދައިގެންނެވެ. މިދެގޮތަކީ ވެސް ކަށީގެ މަދު
ޓެސްޓު ކުރުމަށްޓަކައި ބޭނުންކުރެވޭ ގޮތްތަކެވެ. ކަށީގެ މަދުގައި ދެބަޔެއް
ހިމެނެއެވެ. އެއީ ދިޔާ ބަޔަކާއި ހަރު ބަޔެކެވެ. ބޯންމެރޯ ބަޔޮޕްސީ ހެދުމަށް
ކައްޓެއް ހަރައިގެން ކަށީގެ މަދުގެ ހަރުބައިން ސެލޯށި ކޮޅެއް ނެގެއެވެ. ބޯންމެރޯ
އެސްޕައިރޭޝަންގައި ކައްޓެއް ހަރައިގެން ކަށީގެ މަދުގެ ދިޔާ ބައިން ދިޔަކޮޅެއް
ނެގެއެވެ. އާންމު ގޮތެއްގައި މިދެގޮތަށް ވެސް ކަށީގެ މަދުން ނަމޫނާ ނަގަނީ
އުކުޅުވަޅުގެ ކަށިގަނޑުންނެވެ. ނެގުނު ނަމޫނާ އިން ލެބޯޓަރީ ގައި މައިއެލޯމާ
ސެލްތައް ހުރިތޯ ބަލައެވެ.
(ރ) އިމޭޖިންގ ޓެސްޓުތައް : އިމޭޖިންގ
ޓެސްޓުތަކުގެ އެހީގައި މައިއެލޯމާ އާއި ގުޅިގެން އުފެދޭ ކަށީގެ މައްސަލަތައް
ދެނެގަނެވޭނެ އެވެ. އާންމުކޮށް ހަދައިފާނެ އިމޭޖިންގ ޓެސްޓުތަކުގެ ތެރޭގައި
އެކްސްރޭ ނެގުން، ސީޓީ ސްކޭން ހެދުން، އެމްއާރުއައި ހެދުން، އަދި ޕެޓް ސްކޭން
ހެދުން ފަދަ ކަންތައްތައް ހިމެނެއެވެ.
ޓެސްޓުތަކުގެ ނަތީޖާއަށް ބަލައި މައިއެލޯމާ ހުރި މަރުހަލާ
ކަނޑައެޅެއެވެ. މައިއެލޯމާގައި 3 މަރުހަލާއެއް ކަނޑަތުކުރެއެވެ. މަރުހަލާ އިން
މައިއެލޯމާ ހެދިބޮޑުވަމުން އަންނަނީ ކިހާ މިންވަރަކަށް ނޫނީ ކިހާ ހަލުވިމިނެއްގައި
ކަން ބުނެދޭނެއެވެ. މައިއެލޯމާ މަރުހަލާ 1 ގައި މައިއެލޯމާ އުފެދެމުން އަންނާނީ
ނޫނީ ހެދިބޮޑުވާނީ ވަރަށް ލަހުންނެވެ. ދެވަނަ މަރުހަލާއަށް ދާއިރު އޭގެ ނުރައްކާ
އިތުރަށް ބޮޑުވާނެއެވެ. ނޫނީ އެއިން ކުރިމަތިވާ ގެއްލުންތައް ގިނަވެ،
އިތުރުވާނެއެވެ. 3 ވަނަ މަރުހަލާގައި ކުއްލިއަކަށް މައިއެލޯމާގެ ސަބަބުން ބަލިމީހާގެ
ހާލަތު ގޯސްވެގެންދާނެއެވެ.
ފަރުވާ
މަލްޓިޕްލް މައިއެލޯމާ އަކީ ސީދާ ވަގުތުން ފަރުވާ
ފަށަންޖެހޭ ކަމެއް ނޫނެވެ. ނޫނީ ބަލީގެ ފަރުވާ އަކީ ސީދާ ވަގުތުން ވަގުތަށް
ފަށަންޖެހޭ އެއްޗެއް ނޫނެވެ. އަލާމާތެއް ފެންނަށް ނެތްނަމަ، ޓެސްޓުތައް ހަދައި
ބަލަމުން ގެންދެވިދާނެ އެވެ. އެއީ އިތުރަށް ގޯސްވޭތޯ އެވެ. މަލްޓިޕްލް
މައިއެލޯމާގެ ފަރުވާ ފަށަނީ އަލާމާތްތައް ފެންނަށް ފެށުމުންނެވެ. ފަރުވާ އިން
ރިހުންތައް ލުއިކޮށްދީ، ނުރައްކާތައް ކޮންޓްރޯލްކޮށްދީ، އަދި މައިއެލޯމާ ސެލްތައް
ހެދިބޮޑުވުން ލަސްކުރުމަށް އެހީތެރިވެދެއެވެ.
ފަރުވާ ވަގުތުން ފަށަން ނުޖެހުން
ބައެއް ފަހަރު މަލްޓިޕްލް މައިއެލޯމާ އާއި ގުޅިގެން
އެއްވެސް އަލާމާތެއް ނުފެނި ނޫނީ އުދަނގުލެއް ކުރިމަތިނުވެ ހިނގައިދާނެ އެވެ.
މިވައްތަރަށް ކިޔަނީ "ސްމޯލްޑަރިންގ މަލްޓިޕްލް މައިއެލޯމާ" އެވެ.
މިވައްތަރުގެ މައިއެލޯމާ އަކަށް ސީދާ ވަގުތުން ފަރުވާއެއް ބޭނުމެއް ނުވާނެއެވެ.
މައިއެލޯމާގެ ކުރީކޮޅު، ލަސްލަހުން ހެދިބޮޑުވަމުން އަންނަ އިރު ވެސް ސީދާ ވަގުތުން
ފަރުވާ ފަށާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޓެސްޓުތައް ހަދައި ބަލަލުން ގެންދަން
ވާނެއެވެ. މައިއެލޯމާ ގޯސްވަމުން ދޭތޯ ބެލުމަށް ލޭ އަދި ކުޑަކަމުދާ ތަކެތި
ޓެސްޓުކުރެވިދާނެ އެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި އަލާމާތްތައް ފެންނަށް
ފެށުމާއެކު ފަރުވާ ކުރިޔަށް ގެންދަން ފަށާނެ އެވެ.
އާންމުކޮށްދެވޭ ފަރުވާތައް
(ހ) ޓާގެޓެޑް ތެރަޕީ (targeted
therapy): މިއީ ކެންސަރުގެ ސެލްގެ ތެރޭގައި ހުންނަ ޚާއްޞަ ޣައިރު ތަބީކަމަށް
އަމާޒުކޮށްދެވޭ ބޭހުގެ ފަރުވާ އެކެވެ. އެގޮތުން ކެންސަރުގެ ސެލްތަކުގެ ތެރޭގައި
ހުންނަ "ޣައިރު ތަބީޢީކަން" ހުއްޓުވައިގެން ކެންސަރުގެ ސެލްތައް
މަރާލައެވެ. ޓާގެޓެޑް ތެރަޕީގެ އަސަރު ކުރޭތޯ ބެލުމަށް މައިއެލޯމާ ކެންސަރުގެ
ސެލްތައް ޓެސްޓު ކުރެވޭނެ އެވެ.
(ށ) އިމިޔުނޯތެރަޕީ (immunotherapy): އިމިޔުނޯތެރަޕީ ދިނުމުން ދިފާޢީ
ނިޒާމުން ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާނެއެވެ. އާންމު ގޮތެއްގައި ދިފާޢީ
ނިޒާމުން ކެންސަރުގެ ސެލްތަކަށް ހަމަލާ ނުދީފާނެއެވެ. އެއީ ކެންސަރު ސެލްތަކުން
އުފައްދާ ޕްރޮޓީން އަކުން ދިފާޢީ ނިޒާމަށް ކެންސަރުގެ ސެލްތައް ފޮރުވައިލުމަށް
އެހީތެރިވާތީ އެވެ. އިމިޔުނޯތެރަޕީގެ ބޭނުމަކީ މިދެންނެވި ކެންސަރު ސެލްތައް
ފޮރުވައިލުމުގެ މަސައްކަތަށް ހުރަސްއެޅުމެވެ. ވީމާ ކެންސަރު ސެލްތައް ނުފޮރުވި
ހާމައަށް ހުރުމުން، އިމިޔުނޯތެރަޕީ ދީގެން، ދިފާޢީ ނިޒާމުން ކެންސަރުގެ ސެލްތަކަށް
ހަމަލާދެވެއެވެ.
(ނ) ކާރ-ޓީ ސެލް ތެރަޕީ (CAR-T
cell therapy): ކިމެރިކް އެންޓިޖަން ރިސެޕްޓަރ ޓީ ސެލް ތެރަޕީ އަކީ ވެސް ލޭގެ ކެންސަރަށް
ދެވޭ ފަރުވާ އެކެވެ. މިފަރުވާގައި މައިއެލޯމާ ސެލްތަކަށް ހަމަލާ ދިނުމަށް ދިފާޢީ
ނިޒާމުގެ ސެލްތައް ތަމްރީނު ކުރުވައެވެ. މިފަރުވާ ފަށާއިރު ލެއިން ލޭގެ ހުދުސެލްގެ
ވައްތަރެއް ކަމުގައިވާ ޓީ ސެލް ވަކިކުރެވެއެވެ. ނޫނީ ވަކިކޮށް ނެގެއެވެ.
އެއަށްފަހު ވަކިކުރެވުނު ސެލްތައް ލެބޯޓަރީ އަށް ފޮނުވި، ލެބޯޓަރީގައި މި
ސެލްތަކުން ޚާއްޞަ ރިސެޕްޓަރެއް އުފެއްދޭގޮތަށް ފަރުވާ ދެވެއެވެ. ނޫނީ
ތައްޔާރުކުރެވެއެވެ. މިގޮތަށް އުފެދޭ ރިސެޕްޓަރު ތަކުން މައިއެލޯމާ ސެލްތަކުގެ
ސަތަހައިގައި ހުންނަ މާރކަރުތައް ދެނެގަތުމަށް އެހީތެރިވެދެއެވެ. އެއަށްފަހު
ލެބޯޓަރީގައި ފަރުވާ ދެވުނު ސެލްތައް އަނބުރާ ލޭގެ ތެރެއަށް ފޮނުވެއެވެ. އަދި
އަނބުރާ ފޮނުވުނު ސެލްތަކުން މައިއެލޯމާގެ ސެލްތައް ދެނެގަނެ، ނައްތާލުމަށް
އެހީތެރިވެދެއެވެ.
(ރ) ކީމޯތެރަޕީ (chemotherapy): އާންމުކޮށް ލޭގެ ކެންސަރަށް ދޭ މައި
ފަރުވާ އަކީ ކީމޯތެރަޕީ އެވެ. އެގޮތުން މިއީ ލޭގެ ކެންސަރުގެ ތެރެއިން
މައިއެލޯމާގައި ވެސް ދެވޭ ފަރުވާ އެކެވެ. ބޭހުގެ ގޮތުގައި ދޭ މިފަރުވާ އިން
ކެންސަރުގެ ސެލްތައް މަރާލަނީ ކެމިކަލް އެއް ބޭހުގެ ގޮތުގައި ބޭނުންކޮށްގެންނެވެ.
ލިޔުކީމިޔާގެ ވައްތަރަށް ބަލައި، ކީމޯތެރަޕީ އެންމެ ބޭހެއް ނޫނީ ދެބޭހެއް
އެއްކޮށް، ދޭންޖެހިދާނެ އެވެ. މިބޭސްތައް ހުންނަނީ ގުޅަ ބޭހުގެ ގޮތުގައެވެ. ނޫނީ
އިންޖެކްޝަންގެ ސިފައިގައި ވެސް ދޭންޖެހިދާނެއެވެ. މިއީ ހަލުވިކަމާއެކު
ހެދިބޮޑުވަމުން އަންނަ ކެންސަރުގެ ސެލްތައް ނައްތާލުމަށް ދެވޭ ފަރުވާއެކެވެ.
(ބ) ކޯޓިކޯސްޓީރޮއިޑް (corticosteroids): މިއީ ކެންސަރާއި ގުޅިގެން ހަށިގަނޑުގައި
އުފެދޭ ދުޅައާއި ރިހުން ނުވަތަ އިންފްލެމޭޝަންގެ އަސަރު ކުޑަކޮށްދީ، ކެންސަރުގެ
އުދަނގޫތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ ބޭސް ތަކެކެވެ.
(ޅ) ކަށީގެ މަދު ބަދަލުކުރުން
(bone marrow transplantation) ކަށީގެ މަދު ބަދަލުކުރުމަކީ ވެސް ލޭގެ
ކެންސަރުގެ ފަރުވާގައި ކުރެވޭ ކަމެކެވެ. ކަށީގެ މަދު ބަދަލުކުރުމަށް ސްޓެމް ސެލް
ޓްރާންސްޕްލާންޓް ވެސް ކިޔައި އުޅެއެވެ. މިއީ ކަށީގެ މަދުގައި ހުރި ސެލްތައް
ނަގައި، އޭގެ ބަދަލުގައި ދުޅަހެޔޮ ސްޓެމް ސެލްތަކެއް ފޮނުވައިގެން އޭގެ އާސެލްތައް
ނުވަތަ މުޅިން އައު ކަށީގެ މަދު (މައިއެލޯމާގެ ނޫނީ ކެންސަރުގެ ސެލްތައް ނެތް)
ކަށީގައި އަށަގަންނުވައި، އުފެއްދުމަށް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ކަށީގެ
މަދު ބަދަލުކުރުމުގެ ކުރިން މަތީ މިންވަރަކަށް ކީމޯތެރަޕީ ނޫނީ ރޭޑިޔޯ ތެރަޕީ
ދީއުޅެއެވެ. މީގެ ބޭނުމަކީ ލިޔުކީމިޔާގެ ސެލްތައް އުފައްދާ ކަށީގެ މަދު ހަލާކުކޮށް
ނައްތާލުމެވެ. އޭގެ ފަހުން ލޭގެ އާސެލްތައް އުފައްދާ އާ ސްޓެމް ސެލްތަކެއް ކަށީގެ
މަދަށް ފޮނުވި، އަލަށް ފޮނުވުނު ސްޓެމް ސެލްތަކުން މުޅިން އާ ކަށީގެ މަދެއް
އުފެދި، އެއިން ލޭގެ އާ ސެލްތައް އުފައްދަންފަށައެވެ.
(ކ) ރޭޑިޔޯތެރަޕީ (radiotherapy): މިއީ ރޭޑިއޭޝަންގެ ފަރުވާއެވެ.
މިފަރުވާގައި ކެންސަރުގެ ސެލްތަކަށް ގެއްލުންދީ ހަލާކުކޮށް، ސެލްތައް ހެދިބޮޑުވުން
ހުއްޓުވުމަށް ބޭނުންކުރަނީ މަތީ-ހަކަތައިގެ ދޯދިތައް ނުވަތަ އެކްސްރޭ އެވެ.
މިފަރުވާ ދިނުމަށް މޭޒެއްގެ މަތީގައި ބަލިމީހާ ބޭއްވުމަށްފަހު ހަށިގަނޑުން
ރޭޑިޔޯތެރަޕީ ދޭ ވަކި ހިސާބަކަށް ފަރުވާ ފޯރުކޮށްދެވެއެވެ. އެގޮތުން ވަކި
ހިސާބަކަށް ވެސް (ކެންސަރުގެ ސެލްތައް ގިނައިން ހުރި ދިމާލަކަށް ނޫނީ ހިސާބެއް
އެނގޭނަމަ އެހިސާބަކަށް) ނޫނީ މުޅި ހަށިގަނޑަށް ވެސް ރޭޑިޔޯތެރަޕީ ދީފާނެއެވެ. ބައެއް
ފަހަރު ކަށީގެ މަދު ބަދަލުކުރުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ވެސް
ރޭޑިޔޯތެރަޕީގެ ދީފާނެއެވެ.
ނޯޓް
: މިއީ
މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ -
މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
- https://www.mayoclinic.org/diseases-conditions/multiple-myeloma/symptoms-causes/syc-20353378
·
https://my.clevelandclinic.org/health/diseases/22883-blood-cancer
No comments:
Post a Comment