Saturday, December 16, 2023

މަލްޓިޕްލް ސްކްލިރޯސިސް

މަލްޓިޕްލް ސްކްލިރޯސިސް

މަލްޓިޕްލް ސްކްލިރޯސިސް(multiple sclerosis)  އަކީ މަރުކަޒީ ނާރުތަކުގެ ނިޒާމަށް އަސަރުކުރުވާ ބައްޔެކެވެ. މިއީ މަރުކަޒީ ނާރުގެ މުހިއްމު އަސާސްކަމުގައިވާ ސިކުނޑިއާއި ސިކުނޑިން ނިކުމެފައިވާ މައިނާރުވާފަށް ނުވަތަ ސްޕައިނަލްކޯޑް ގެ ބައްޔެއްގެ ގޮތުގައި ބެލެވެއެވެ.

މަލްޓިޕްލް ސްކްލީރޯސިސް ގައި ނާރީ ފައިބަރު ގެ ވަށައިގެން ލެވިފައިވާ "ސަރުބީ ސެލޯށީ"(fatty tissue)ގެ ރައްކާތެރިކުރަނިވި ފަށަލަ "މައެލިން ޝީތު"(myelin sheath) އަށް ދިފާޢީ ނިޒާމުން ހަމަލާ ދެއެވެ. އޭގެ ސަބަބުން ސިކުނޑިއާއި ހަށިގަނޑުގެ އެހެން ބައިތަކާއި ދެމެދު ހިނގާ މުއާމަލާތަށް ހުރަސްއެޅޭގޮތް ވެއެވެ. އޭގެ އާޚިރު ނަތީޖާއެއްގެ ގޮތުން ނާރީ ފައިބަރު ތަކަށް ދާއިމީކޮށް ގެއްލުން ލިބިގެން ދެއެވެ.


މަލްޓިޕްލް ސްކްލީރޯސިސް ގެ އަލާމާތްތަކާއި އުދަނގޫތައް ނުވަތަ ނިޝާންތައް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަލާމާތްތަކާއި ނިޝާންތައް ބަރޯސާވަނީ މަރުކަޒީ ނާރުތަކުގެ ނިޒާމުގައި ހިމެނޭ ނާރީ ފައިބަރަށް ގެއްލުން ލިބިފައިވާ މިންވަރު އަދި ގެއްލުން ލިބުނު ނާރީ ފައިބަރު މަރުކަޒީ ނާރުތަކުގެ ނިޒާމު ގައި ހުރި ހިސާބަކަށެވެ. އާދަޔާ ޚިލާފަށް ބޮޑަށް މަލްޓިޕްލް ސްކްލިރޯސިސް ހުންނަ މީހުންނަށް ފަހަރުގައި އެކަނި ހިނގާބިނގާވެ އުޅެން ދަތިވެދާނެ އެވެ. މަލްޓިޕްލް ސްކްލީރޯސިސް ހުންނަ ބައެއް މީހުންނަށް ދިގުމުއްދަތަކަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެ އެވެ.

މަލްޓިޕްލް ސްކްލީރޯސިސް އަކީ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. ނަމަވެސް ފަރުވާގެ އެހީގައި ބަލީގެ އުދަނގޫތައް ކުޑަކޮށްދީ، ބަލީގެ ހާލަތު ކުރިއަރަމުން އަންނަގޮތް ބަދަލުކޮށް އަދި ބަލީގެ އެޓޭކް އިން ފަސޭހަވުން އަވަސްކޮށްދިނުމަށް އެހީތެރިވެދޭ ފަރުވާތައް ހުރެއެވެ.

ސަބަބު

މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވާ ސަބަބެއް ސީދާ ހޯދިފައެއް އަދި ނުވެއެވެ. ބެލެވިފައިވާ ގޮތުގައި މިއީ ދިފާޢީ ނިޒާމުން އެމީހާގެ އަމިއްލަ ހަށިގަނޑުގެ ސެލޯށި ތަކަށް ހަމަލާ ދިނުމުން ކުރިމަތިވާ ބައްޔެކެވެ. މަލްޓިޕްލް ސްކްލީރޯސިސް ގައި ސިކުނޑިއާއި ސިކުނޑިން ނިކުމެފައިވާ މައިނާރުފަށުގައި ހިމެނޭ ނާރީ ފައިބަރު ތަކުގެ ވަށައިގެން ނިވާކޮށް ރައްކާތެރިކުރުމަށް ލެވިފައިވާ ސަރުބީ މާއްދާއަށް ނުވަތަ  ސަރުބީ ސެލޯށިން އުފެދިފައިވާ ފަށަލަ(myelin sheath)  އަށް ދިފާޢީ ނިޒާމުން ހަމަލާދީ ހަލާކުކޮށްލައެވެ. މައިއެލިން އަކީ ކަރަންޓް ނަރުގައި ހުންނަ އިންސިއުލޭޓިންގ ކޯޓު ފަދަ އެއްޗެކެވެ. ނޫނީ އެއުސޫލުން ނާރީ ފައިބަރުތަކުގެ ބޭރުގައި ހުންނަ މާއްދާ އެކެވެ. ނާރީ ފައިބަރުގެ އެކި ހިސާބުތަކުން މައެލިން ފަށަލަ ހަލާކުވެ ނެއްޓުމުން އެހިސާބުގައި ލަކުނު އުފެދޭގޮތްވެއެވެ. މިގޮތުން ނާރީ ފައިބަރުން މައެލިން ފަށަލަ ނެއްޓި އެހިސާބުގައި އުފެދޭ ލަކުނަށް ކިޔަނީ "ސްކްލީރޯސިސް"(sclerosis) އެވެ. އަދި މިހެން ހުންނަ ހިސާބުތަކަށް "ޕްލޭކް"(palque) ނުވަތަ "ލީޒަން"(lesion) ވެސް ކިޔައި އުޅެއެވެ. ނާރީ ފައިބަރުގެ ބޭރުން ލެވިފައިވާ މައެލިން ފަށަލަ ހަލާކުވުމުން ނާރީ ފައިބަރު ހާމަވެ ފެންނަށް ހުރެއެވެ. މިހެންވުމުން ނާރީ ފައިބަރުން މެސެޖު ދަތުރުކުރުން ލަސްވެއެވެ. ނޫނީ މެސެޖު ދަތުރުކުރުމަށް ހުރަސްއެޅެއެވެ.

ބައެއް މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވެ، އަނެއްބައި މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިނުވަނީ ސީދާ ކީއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ވާރުތި ކަންތައްތަކާއި، މާހައުލީ ކަންތައްތަކެއް މިބަލި ކުރިމަތިވުމުގައި ޒިންމާވާ ކަމަށް ބެލެވިފައި ވެއެވެ.

ބައެއް ރިފަރެންސް ތަކުގައި މަލްޓިޕްލް ސްކްލީރޯސިސްގެ ކުރިމަތިކުރުވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމަނާފައި ވެއެވެ.

·         އުޓޯއިމިޔޫން ޑިސްއޯޑަރ ތައް

·         ގައިންގަޔަށްއަރާ ބަލިތައް ޖައްސާ ޖަރާސީމުތައް މިސާލަކަށް ބައެއް ކަހަލަ ވައިރަސްތައް

·         ވާރުތީ ސަބަބުތައް

·         މާހައުލީ ސަބަބުތައް ނުވަތަ މާހައުލުން ކުރިމަތިވާ ކަންތައްތައް

މަގުފަހިކުރާ ކަންތައްތައް

މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އުމުރު : މަލްޓިޕްލް ސްކްލީރޯސިސް ކޮންމެ އުމުރެއްގައި ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް ބަލީގެ އުދަނގޫތައް ފެންނަށް ފަށަނީ އުމުރުން 20 އަހަރުން ފެށިގެން ގޮސް 40 ގެ އަހަރުތަކާއި ދެމެދުގައެވެ. އުމުރުން ދުވަސްވީ މީހުންނާއި، ޅަފުރައިގެ ކުދިންނަށް ވެސް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވެދާނެއެވެ.

(ށ) ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމަށްފަހު، ބަލީގެ އުދަނގޫތައް ގޯސްވެ-ލުއިވުން ކުރިމަތިވުމުގެ ފުރުޞަތު 3-2 ގުނަ އިތުރެވެ.

(ނ) އާއިލާގެ ތެރޭގައި ބަލި ދައުރުވުން : މައިންބަފައިން ނޫނީ އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި މަލްޓިޕްލް ސްކްލީރޯސިސް ޖެހިފައިވާ މީހުން ތިބިނަމަ، މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އެމީހަކަށް އިތުރުވެގެން ދެއެވެ.

(ރ) ބައެއް ކަހަލަ އިންފެކްޝަންތައް : މިސާލަކަށް އެޕްސްޓަން ބަރ ވައިރަސް އާއި މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅުމެއް އޮންނަކަމަށް ބެލެވިފައި ވެއެވެ.

(ބ) ނަސްލު : ދޮން މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި ކަޅު މީހުންނަށް މިހިރާސް ކުޑަކަން ވެސް ފާހަގަ ކުރެވެއެވެ.

(ޅ) މޫސުން : ފިނިމޫސުން ބޮޑަށް އޮންނަ ގައުމުތަކުގައި ނޫނީ ފިނި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

(ކ) ވިޓަމިން ޑީ މަދުވުން : ވިޓަމިންޑީ ގެ މިންވަރު ދަށްވުމާއި، އަތްވަށް ހުށަހެޅޭ މިންވަރު މަދުވުމަކީ މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވާ ކަމެކެވެ.

(އ) ވަކި ވިރާސީ ބަހާ އެއްހުރުން : ކްރޯމޯސޯމް 6ޕީ21 ގައި އިންނަކަމަށް ހޯދިފައިވާ ވިރާސީ ބަހާއަކާއި ނޫނީ އެކްރޯސޯމްގައި ވިރާސީ ބަހާއެއް އިނުމަކީ މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ވ) ފަލަވުން : އަންހެނުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމާއި، ފަލަވުމާއި ގުޅުމެއް އޮތްކަން ފާހަގަ ކުރެވިފައި ވެއެވެ. ޚާއްޞަކޮށް ފުރާވަރުގައި ފަލަވުމާއި މިކަމާއި ގުޅުން އޮވެދާނެ ކަމަށް ބެލެވިފައި ވެއެވެ.

(މ) ބައެއް ކަހަލަ އުޓޯއިމިޔޫން ބަލިތައް : އުޓޯއިމިޔޫން ތައިރޮއިޑް ބަލި، ހަކުރުބަލި، ސޮރައިއެސިސް، އަދި އިންފްލެމޭޓަރީ ބަވަލް ޑިޒީޒް ފަދަ އުޓޯއިމިޔޫން މައްސަލަތައް ހުރުމަކީ ކޮންމެވެސް ވަރަކަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވާ ކަމެކެވެ.

(ފ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވުމުގެ ހިރާސް އޮވެއެވެ.

އަލާމާތްތައް

މަލްޓިޕްލް ސްކްލީރޯސިސް ގެ އަލާމާތްތަކާއި، ނިޝާންތައް އެކަކު އަނެކަކާއި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ބަލީގެ އެކި ދުވަސްވަރާއި، ގެއްލުން ލިބިފައިވާ ނާރީ ފައިބަރަށް ބަލައި މިއުދަނގޫތައް ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީއެވެ.

·         އައްސިވުން ނޫނީ ބާރުދޫވުން : ހަށިގަނޑުގެ އެއްފަރާތުގެ އަތް ނޫނީ އަތާއި ފައި އައްސިވުން ނޫނީ ބާރުދޫވުން

·         އަތްފައިގައި ކަށިހަރާހެންހީވުން

·         ކަރުގެ ބައެއް ހަރަކާތްތަކާއެކު (ޚާއްޞަކޮށް ކަރު ކުރިޔަށް ލަންބާލުމުން) ކަރަންޓް ޝޮކެއްގެ ކަހަލަ އިހުސާސެއްކުރެވުން

·         ހަށިގަނޑުގެ ވިލަރެސްކަން ގެއްލުން ނޫނީ ނުހުރުން

·         ހިނގާބިނގާވެ އުޅެން ދަތިވުން، ނޫނީ ހިނގާއިރު ކޮރެއްޖެހުން ނޫނީ އުދަނގުލެއްހުރުން

·         ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ގެއްލުން ނޫނީ އެއްކޮށްގެއްލުން ނުވަތަ ލޮލަށް އެއްކޮށް ނުފެނުން : އާންމު ގޮތެއްގައި މިގޮތަށް ލޮލުގެ ފެނުމަށް އަސަރުކުރަނީ އެއްލޮލަށެވެ. އަދި ލޯ ހަރަކާތްކުރުމުން ލޮލުގައި ރިއްސާނެއެވެ.

·         އެއްޗެއް ތަކުރާރުކޮށް (ދޭއްޗެއްގޮތަށް) ފެނުން އަދި މިކަން ގިނަ ދުވަހަށް ނޫނީ ގިނައިރަށް ދެމިހުރުން

·         ލޮލުގެ ފެނުން ފުސްވުން

·         ބޯއެނބުރުން

·         ޖިންސީގުޅުން ހިންގުން، ކުޑަކަމުދިއުން، އަދި ބޮޑުކަމުދިއުމުގައި ދަތިތަކާ ކުރިމަތިވުން

·         ވަރުބަލިވެ ވާޅުވުން

·         ވާހަކަ ދައްކާއިރު އާގަންނަ ގޮތެއްހުރުން

·         ވިސްނުމަށް ބަދަލުއައުން

·         މިޒާޖާއި އުޅުމަށް ބަދަލުއައުން

މަލްޓިޕްލް ސްކްލީރޯސިސް ގެ އަލާމާތްތައް ކުރިމަތިވުމަކީ ގޮތްކިޔަން އެނގޭ ކަމެއް ނޫނެވެ. ބައެއް ފަހަރު އާދައިގެ ވަރަކަށް އަނެއް ބައިފަހަރު ވަރަށް ބޮޑަށް ނޫނީ ނުރައްކާތެރި މިންވަރަށް އަލާމާތްތައް ކުރިމަތިވެދާނެ އެވެ. އެއްބައިފަހަރު ކުޑަ ދުވަސްކޮޅަކަށް އަނެއްބައިފަހަރު ދިގު މުއްދަތަކަށް ވެސް އުދަނގޫތައް ކުރިމަތިވެދާނެ އެވެ. ނާރުތަކުގެ ނިޒާމުން ބަލީގެ އަސަރުކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ކުރިމަތިވާ އުދަނގޫތައް ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެންމެ ފުރަތަމަ ފެންނަ އަލާމާތްތައް

މަލްޓިޕްލް ސްކްލީރޯސިސްގައި އެންމެ ފުރަތަމަ ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ލޮލުގެ ފެނުން ފުސްވުން ނޫނީ އެއްޗެއް ތަކުރާރުކޮށް (ދޭއްޗެއްގޮތަށް) ފެނުން

·         ރަތްފެހި ކުލަ ވަކިކުރަން ނޭނގުން

·         ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ގެއްލުން ނޫނީ އެއްކޮށްގެއްލުން ނުވަތަ ލޮލަށް އެއްކޮށް ނުފެނުން

·         ހިނގާބިނގާވެ އުޅެން ދަތިވުން، ނޫނީ ހިނގާއިރު ކޮރެއްޖެހުން ނޫނީ އުދަނގުލެއްހުރުން

·         ރިހުމާއި، އައްސިވުމާއި، އިހުސާސްދަށްވުމާއި، ކަށިހަރާހެން ހީވުން

އެހެނިހެން އަލާމާތްތައް

·         އަތްފައިގެ މަސްތަކުގެ ބާރުދޫވުން

·         ހަށިގަނޑު ވިލަރެސްކުރުމުގައި މައްސަލަތައް ކުރިމަތިވުން : މިސާލަކަށް ހިނގަން ދަތިވުން ނޫނީ ކޮއްޅަށް ހުންނަށް އުދަނގޫވުން

·         މަސްގުޅަކެއުން އަދި މަސްތައް ހަރުއެރުން

·         މަސްތައް ވާޅުވުން : ޚާއްޞަކޮށް ކަމެއްކޮށްލުމުން ވާޅުވުން ކުރިމަތިވުން

·         އިހުސާސް ނުހުރުން

·         ވާހަކަދައްކަން އުދަނގޫވުން

·         ތުރުތުރުއެޅުން

·         ބޯއެނބުރުން

·         އަޑުއިވުމުން މަހުރޫމުވުން ނޫނީ ބީރުވުން

·         ކުޑަކަމު އަދި ބޮޑުކަމުދިއުމުގައި މައްސަލަތައް ދިމާވުން

·         ޖިންސީ ގުޅުން ހިންގުމުގައި މައްސަލަތައް ދިމާވުން

·         މާޔޫސްވެ މޮޅިވެރިކަން ކުރިމަތިވުން ނޫނީ ޑިޕްރެޝަން ކުރިމަތިވުން

މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވާ މީހުންގެ ތެރެއިން %50 މީހުންނަށް ވިސްނުމުގައި މައްސަލަތަކާއި ދިމާވެއެވެ. އެގޮތުން ދިމާވެދާނެ ވިސްނުމާއި ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ސަމާލުކަން ދޭން އުދަނގޫވުން

·         ވަކިކަމަކަށް ސަމާލުކަންދީ ވިސްނުން ބަހައްޓަން އުދަނގޫވުން

·         ހަދާނުގެ މައްސަލަތައް

·         ކަންކަމުގައި ގޮތެއް ނިންމަން އުދަނގޫވުން ނޫނީ ގޮތެއް ނިންމަން ނޭނގިގެން އުޅުން

ބަލި ކުރިޔަށްދާގޮތް

ގިނަ މީހުންނަށް މަލްޓިޕްލް ސްކްލީރޯސިސް ކުރިމަތިވަނީ ދޭތެރެ ދޭތެރެއިން ބަލީގެ ހާލަތު ނޫނީ އުދަނގޫތައް ގޯސްވެ-ލުއިވާ ބައްޔެއްގެ ގޮތުގައެވެ. އެގޮތުން މިބަލީގެ މީހުންނަށް ދުވަސްތަކެއް ވަންދެން ބަލީގެ އާ އުދަނގޫތަކެއް ތަޖުރިބާކުރެވިދާނެއެވެ. ނޫނީ ދުވަސްތަކެއް ވަންދެން ބަލީގެ ހާލަތު ގޯސްވެފައި ހުރެދާނެއެވެ. އެއަށްފަހު ކޮންމެވެސް ވަރަކަށް ނޫނީ އެއްކޮށް ކަހަލަ ގޮތަކަށް ބަލީގެ އުދަނގޫތައް ފިލައި، ލުއިވެގެން ހިނގައިދާނެއެވެ. މިގޮތަށް ބަލީގެ ހާލަތު ލުއިވުމަށްފަހު، ގޯސްނުވެ، ދެތިން މަހަށް ނޫނީ އަހަރަށް ވެސް ދެމިގެން ހިނގައިދާނެއެވެ. ނޫނީ އެގޮތުގައި (ބަލީގެ ހާލަތު ރަނގަޅުވެ، އުދަނގޫތައް ލުއިވެފައި) ދެތިން މަހުން ފެށިގެން ގޮސް އަހަރުތަކެއް ވަންދެން ވެސް ހުރެދާނެއެވެ.

ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެވެސް ވަރަކަށް ނޫނީ ކުޑަ މިންވަރަކަށް މަތިވުމަކީ ވެސް މަލްޓިޕްލް ސްކްލީރޯސިސް ގެ އަލާމާތްތަކާއި، ނިޝާންތައް ވަގުތީގޮތުން ގޯސްވެގެން ހިނގައިދާނެ ކަމެކެވެ. މިއީ ސީދާ ބަލީގެ ހާލަތު ގޯސްވުން ކަމުގައި ނުބެލެވެއެވެ، މިހާލަތަށް ކިޔަނީ "ޝޫޑޯރިލެޕްސް"(pseudorelapse) އެވެ.މާނައަކީ މިއީ ހަގީގަތުގައި ބަލީގެ ހާލަތު ގޯސްވެގެން ދިއުމެއް ނޫނެވެ. މަލްޓިޕްލް ސްކްލީރޯސިސް ގައި ބަލީގެ އުދަނގޫތައް ގޯސްވެ-ލުއިވާ މީހުންގެ ތެރެއިން %40- %20 މީހުންނަށް ބަލިޖެހޭތާ 20-10 އަހަރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އުދަނގޫތައް ސާބިތުކޮށް، ދިގުމުއްދަތަކަށް (ބަލީގެ ހާލަތު ލުއިވުމާއެކު، ނޫނީ ބަލީގެ ހާލަތު ލުއިވުމަކާއި ނުލައި) ދެމިހުންނަގޮތް ވެއެވެ.

މިހާލަތަށް ކިޔަނީ " ސެކަންޑަރީ ޕްރޮގްރެސިވް މަލްޓިޕްލް ސްކްލީރޯސިސް"(secondary progressive multiple sclerosis) އެވެ. ބައެއް މީހުންނަށް މަޑުމަޑުން ބަލީގެ އުދަނގޫތަކާއި ނިޝާންތައް އިތުރުވަމުން ގޮސް، ބަލި ދިގުމުއްދަތަކަށް ސާބިތުވެހުރުން (ބަލީގެ ހާލަތު ގޯސްވެ-ލުއިވުމަކާއި ނުލައި) ކުރިމަތިވެއެވެ. މިގޮތަށް ބަލީގެ ހާލަތު ބަދަލުވުމަށް ކިޔަނީ "ޕްރައިމަރީ ޕްރޮގްރެސިވް މަލްޓިޕްލް ސްކްލީރޯސިސް"(primary progressive multiple sclerosis) އެވެ.

ނުރައްކާތައް

މަލްޓިޕްލް ސްކްލީރޯސިސް ހުންނަ މީހުންނަށް އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         މަސްތައް ގުޅަކެއުން ނޫނީ މަސްތައް ހަރުއެރުން

·         މަސްތަކުގެ ބާރުދޫވުން ނޫނީ ވާގިނެތުން ޚާއްޞަކޮށް ފައިގެ މަސްތަކުގެ ބާރުދޫވުން ނޫނީ ފައިގެ ވާގިނެތުން

·         ޖިންސީގުޅުން ހިންގުން، ކުޑަކަމުދިއުން، އަދި ބޮޑުކަމުދިއުމުގައި ދަތިތަކާ ކުރިމަތިވުން

·         ބަސްތައް ހޯދަށް އުދަނގޫވުން ނޫނީ ހަދާންނެތުން ފަދަ ވިސްނުމާއި ގުޅުންހުރި މައްސަލަތައް ދިމާވުން

·         ހާސްވެކަންބޮޑުވުން، މާޔޫސްވުން، މޮޅިވެރިވުން އަދި އުޅުމަށް ބަދަލުއައުން ފަދަ މިޒާޖާއި ގުޅުންހުރި މައްސަލަތައް ދިމާވުން

·         ވަރަށް މަދުން ނަމަވެސް ފިޓުޖެހުން

ދެނެގަތުން

މަލްޓިޕްލް ސްކްލީރޯސިސް ދެނެގަތުމަށް ވަކި ޚާއްޞަ ޓެސްޓުތަކެއް ނުހުރެއެވެ. ނަމަވެސް މަލްޓިޕްލް ސްކްލީރޯސިސް އަށް ޝައްކުކުރެވޭނަމަ މަލްޓިޕްލް ސްކްލީރޯސިސް އާއި ގާތްކުރާ އަލާމާތްތައް ހުރެދާނެ އެހެން ހާލަތްތަކަށް ޓެސްޓުކޮށް އަޅާ ކިޔާ ހެދެއެވެ. މަލްޓިޕްލް ސްކްލީރޯސިސް ކަން ދެނެގަތުމަށް ދެކަމެއް ސީދާ ވާންޖެހެއެވެ. ނޫނީ ދިމާވާން ޖެހެއެވެ. އެއީ އަންނަނިވި ދެކަމެވެ.

(ހ) 1 މަހުގެ މުއްދަތެއްގެ ދުރުމިނެއްގައި މަދުވެގެން މަލްޓިޕްލް ސްކްލީރޯސިސްގެ 2 އެޓޭކް ކުރިމަތިވުން : އެޓޭކް ގެ މާނައަކީ މަލްޓިޕްލް ސްކްލީރޯސިސްގެ އަލާމާތްތައް ކުއްލިއަކަށް ކުރިމަތިވުމެވެ. ނޫނީ ފާހަގަވުމެވެ. ނޫނީ ފެނުމެވެ. ނޫނީ މަލްޓިޕްލް ސްކްލީރޯސިސްގެ އަލާމާތެއް 24 ގަޑިއިރުވަންދެން ލުއިކަމެއް ނައިސް، ގޯސްވެފައި ހުރުމެވެ. ނޫނީ އެހުރި އުދަނގުލެއް ނޫނީ ކަމެއް ރަނގަޅުނުވެ އިތުރަށް ގޯސްވެ، 24 ގަޑިއިރަށް އެންމެ މަދުވެގެން ދެމިގެން ދިއުމެވެ.

(ށ) މަރުކަޒީ ނާރުތަކުގެ ނިޒާމުގައިވާ ނާރީ ފައިބަރުގެ ވަށައިގެން ލެވިފައިވާ މައެލިން ފަށަލައިގެ އެއް ދިމާލަށް ވުރެ ގިނަ ދިމާލަށް ގެއްލުން ލިބިފައިހުރުން : މައެލިން ފަށައަކީ ނާރުތަކުގެ ވަށައިގެން ރައްކާތެރިކުރުމަށް ލެވިފައިވާ ސަރުބީ ގެ ފަށަލަ އެކެވެ. މިގޮތުން ލިބޭ ގެއްލުން 1 ފަހަރަށްވުރެ ގިނައިން ލިބިފައިހުރުން އަދި އެހެން ބައްޔަކުން އެގެއްލުން ލިބިފައިނުވުމަކީ މަލްޓިޕްލް ސްކްލީރޯސިސް ދެނެގަތުމަށް ދިމާވާން ޖެހޭނެ ކަމެކެވެ.

މަލްޓިޕްލް ސްކްލީރޯސިސް ދެނެގަތުމަށް ދުޅަހެޔޮކަން ކުރިން ހުރިނެތްގޮތް، އަދި ނިއުރޯލޮޖިކަލް އެގްޒާމް ހަދަންޖެހޭނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނޭނެ އެވެ.

·         ނަފްސާނީ ދުޅަހެޔޮކަން ހުރިނެތްގޮތް

·         ޖަޒުބާތީ އިހުސާސްތައް ހުރިނެތްގޮތް

·         ވާހަކަދެއްކުމާއި މުޚާތަބުކުރުން ހުރިނެތްގޮތް

·         ހަށިގަނޑުގެ ހަރަކާތްތެރިކަމާއި، ވިލަރެސްކަން ހުރިނެތްގޮތް

·         ލޮލުގެ ފެނުން ހުރިނެތްގޮތް

·         ހަށިގަނޑުގެ ހަމަހިފެހެއްޓުން ހުރިނެތްގޮތް

·         5 ހިއްސުގެ މަސައްކަތްތައް ހުރިނެތްގޮތް

މަލްޓިޕްލް ސްކްލީރޯސިސް ހުރެއްޖެނަމަ ނޫނީ ދެނެގަތުމަށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ. އަދި އިލެކްޓްރޯޑް ގެ އެހީގައި ނާރީ މަގު ގައި މައުލޫމާތު ދައުރުވީ ނޫނީ ދަތުރުކުރީ ކިހާ މިންވަރަކަށް ނޫނީ ކިހާ އަވަހަކަށްކަން މިންކޮށްދޭނެ އެވެ.

·         ލޭގެ ޓެސްޓުތައް ހެދުން :ލޭގެ ޓެސްޓުތަކުގެ އެހީގައި މަލްޓިޕްލް ސްކްލީރޯސިސް އާއި އެއްގޮތް އަލާމާތްތައް ހުންނަ އެހެން ހާލަތްތައް ވެސް ދެނެގަނެވޭނެ އެވެ. މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން ވަކި "ބަޔޯމާރކާރސް"(biomarkers) ތަކެއް ވޭތޯ ބެލުމަށް މިހާރު ޓެސްޓުތައް ދަނީ ތައްޔާރުކުރެވުމުންނެވެ.

·         ލަމްބަރ ޕަންކްޗަރ ނުވަތަ ސްޕައިނަލް ޓެޕް ހެދުން :މިއީ މައިބަދައިން ފެން ނެގުމެވެ. އެގޮތުން މިޓެސްޓުގައި ޓެސްޓުކުރުމަށްޓަކައި މައިބަދައިން ފެން (ސެރެބްރޯސްޕައިނަލް ފުލުއިޑް) ނެގޭނެ އެވެ. ނެގޭ ފެނުގައި މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން އުފެދޭ (އާންމު ގޮތެއްގައި މައިބަދައިގެ ފެނުގައި ހުރެގެން ނުވާނެ ނޫނީ ނުހުންނަ) ހަށިދަމަނަ ތައް ހުންނަކަން ފާހަގަ ކުރެވިދާނެއެވެ. މީގެ އިތުރުން މައިބަދައިން ނެގޭ ފެން ޓެސްޓުކޮށްގެން އިންފެކްޝަން ފަދަ ކަމެއް ހުރިނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ. އަދި މަލްޓިޕްލް ސްކްލީރޯސިސް އާއި އެއްގޮތް އަލާމާތްތައް ހުންނަ އެހެން ހާލަތްތައް ވެސް ދެނެގަނެވޭނެ އެވެ.

·         މެގްނެޓިކް ރިސޮނަންސް އިމޭޖިން ނުވަތަ އެމްއާރުއައި ހެދުން :އެމްއާރުއައި ގެ އެހީގައި މަލްޓިޕްލް ސްކްލީރޯސިސް ގެ ސަބަބުން ސިކުނޑި، އަދި ސްޕައިނަލް ކޯޑުގައި ބަދަލު އައިސްފައިވާ ހިސާބު ދެނެގަނެވޭނެ އެވެ. ޓެސްޓު ހެދުމުގެ ކުރިން ބައްޔާއި ގުޅިގެން އައިސްފައިވާ ބަދަލުތައް ދެނެގަތުން ފަސޭހަކުރުމަށް ލޭގެ ތެރެއަށް "ކޮންޓްރާސްޓް މެޓީރިއަލް" އެއް ވާޞިލް ކުރެވެއެވެ.

·         އިވޯކްޑް ޕޮޓެންޝަލް ޓެސްޓުތައް : މިއީ ސްޓިމިޔުލަންޓް އެއް ދިނުމުން ނާރުތަކުގެ ނިޒާމުގައި އުފެދޭ އިޖާބަ ތައް ނޫނީ ނާރުތަކުގެ ނިޒާމުން ދޭ އިޖާބަތައް ރިކޯޑްކޮށްދޭ ޓެސްޓުތަކެކެވެ. މިގޮތުން ނާރުތަކަށް ދެވޭ ސްޓިމިއުލަންޓް އަކީ ފެނުމަށް ދެވޭ ސްޓިމިއުލަންޓް އަކަށް ވެދާނެއެވެ. ނޫނީ ކަރަންޓް ސްޓިމިއުލަންޓް އަކަށް ވެސް ވެދާނެއެވެ. މިޓެސްޓު ހެދުމަށްޓަކައި އަތްފަޔަށް ކުރު ކަރަންޓް ސިގުނަލްއެއް ދޭއިރު ހަރަކާތްކުރާ އެއްޗެއް ބަލަންޖެހިދާނެއެވެ.

ފަރުވާ

މަލްޓިޕްލް ސްކްލީރޯސިސް އަކަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ފަރުވާ އާންމު ގޮތެއްގައި އަމާޒުކުރަނީ މަލްޓިޕްލް ސްކްލީރޯސިސް ގައި ދޭތެރެ ދޭތެރެ އިން ދިމާވާ ބަލީގެ "އެޓޭކް" އިން ފަސޭހަވުން އަވަސްކުރުމާއި، ބަލީގެ ހާލަތު ގޯސްވުން ކުޑަކުރުމާއި، ބަލި ތަރައްގީވެ، ބޮޑުވަމުން ދިއުން ލަސްކުރުމާއި އަދި ބަލީގެ އުނދަގޫތަކަށް ލުއިކަން ހޯދައިދިނުމަށެވެ. އާދައިގެ ވަރަކަށް ބަލީގެ އުދަނގޫތައް ހުރިނަމަ، އެއްވެސް ބޭހެއް އެއްޗެއް ނަގާކަން ނޫނީ ފަރުވާއެއް ހޯދާކަށް ނުޖެހޭނެ އެވެ.

މަލްޓިޕްލް ސްކްލީރޯސިސް ގެ އެޓޭކް އަށް ދެވޭ ފަރުވާތައް

(ހ) ކޯޓިކޯސްޓީރޮއިޑް : މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން ކުރިމަތިވާއި ދުޅައާއި، އިންފްލެމޭޝަންގެ އަސަރު ކުޑަކުރުމަށް ގުޅަ ބޭހުގެ ގޮތުގައި ޕްރެޑްނިސޯން އަދި އިންޖެކްޝަންގެ ގޮތުގައި މީތައިލްޕްރެޑްނިސޯލޯން ދެވެއެވެ. މިބޭސްތައް ދިނުމުން ނޭދެވޭ އަސަރު ގެ ގޮތުގައި ހަކުރުމަތިވުން، ލޭމައްޗަށްދިއުން، ނިދިނައުން، ހަށިގަނޑުގައި ފެންހަރުލުން އަދި މިޒާޖަށް ބަދަލުއައުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ.

(ށ) ޕްލާޒްމާ ބަދަލުކުރުން : މިއީ ލެއިން ލޭގެ ދިޔާބައި ވަކިކުރުމެވެ. ނޫނީ ލޭގެ ސެލްތަކާއި ލޭގެ ޕްލާޒްމާ ވަކިކުރުމެވެ. އެއަށްފަހު ލޭގެ ސެލްތައް ޕްރޮޓީން ދިޔަ (އަލްބިޔުމިން) އާއި އެއްކުރެވެއެވެ. އަދި އަނބުރާ ހަށިގަނޑަށް ލޭގެ ގޮތުގައި އެޅެއެވެ. އާންމު ގޮތެއްގައި ޕްލާޒްމާ ބަދަލުކުރުން ކުރިޔަށް ގެންދަނީ އަލާމާތްތައް އަލަށް ފެނިފައި، ކޯޓިކޯސްޓީރޮއިޑް ދީގެން ރަނގަޅުނުވާ ކަމުގައި ވާނަމަ އެވެ.

ބަލިކުރިއަރަމުން އަންނަގޮތް ބަދަލުކުރުމަށް ދެވޭ ފަރުވާތައް

ގޯސްވެ-ލުއިވުން މެދުވެރިވާ މަލްޓިޕްލް ސްކްލީރޯސިސްގައި ބަލިކުރިއަރަމުން އަންނަގޮތް ބަދަލުކުރުމަށް ދެވޭ ވަރަށް ގިނަ ފަރުވާތައް ހުރެއެވެ. މީގެ ތެރެއިން ބައެއް ފަރުވާތަކުން ފައިދާވަނީ "ސެކަންޑަރީ ޕްރޮގްރެސިވް މަލްޓިޕްލް ސްކްލީރޯސިސް"(secondary progressive multiple sclerosis) އެވެ. "ޕްރައިމަރީ ޕްރޮގްރެސިވް މަލްޓިޕްލް ސްކްލީރޯސިސް"(primary progressive multiple sclerosis) އަށް އެއް ފަރުވާއެއް ބޭނުން ކުރެވެއެވެ.

މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން ދިފާޢީ ނިޒާމުން އަންނަ ގިނަ އިޖާބަތައް އަންނަނީ ނޫނީ މެދުވެރިވަނީ ބަލީގެ ކުރީކޮޅުގައެވެ. އެކަށޭނަ ފަރުވާ އެކަށޭނަ ވަގުތުގައި ދެވިއްޖެނަމަ، ބަލިގޯސްވުން ނޫނީ އަލުން ބަލީގެ އުދަނގޫތައް ފެންމަތިވުން ދަށްކޮށްދެއެވެ. އަދި މަލްޓިޕްލް ސްކްލީރޯސިސްގެ އާ ލީޒަން ތައް އުފެދުން ލަސްކޮށްދީ، ސިކުނޑި ސައިޒުން ކުޑަވެ ހިނދިގެން ދިއުމުގެ ހިރާސް ކުޑަކޮށްދީ، ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުޞަތު ވެސް ކުޑަކޮށްދެއެވެ. 

މަލްޓިޕްލް ސްކްލީރޯސިސްގައި ބަލިކުރިއަރަމުން އަންނަގޮތް ބަދަލުކުރުމަށް ދެވޭ ފަރުވާތަކުގެ ސަބަބުން ތަފާތު ހިރާސްތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން މިފަދަ ފަރުވާއެއް އެންމެ ރަނގަޅަށް ކަނޑައެޅެނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހުގައެވެ. އޭގެ ތެރޭގައި ބަލީގެ މުއްދަތު، ބަލީގެ ނުރައްކާތެރިކަމުގެ މިންވަރު، ކުރިން ދެވުނު ފަރުވާގެ ކާމިޔާބީ، އަގު އަދި ބަލިމީހާއަށް ފަރުވާ ތަހައްމަލުކުރެވޭ މިންވަރު ފަދަ ކަންތައްތައް ހިމެނެއެވެ. އެގޮތުން ދެވޭ ފަރުވާތައް ފޯރުކޮށްދެނީ އައިވީގެ ސިފައިގައި، އިންޖެކްޝަންގެ ސިފައިގައި ނޫނީ ގުޅަބޭހުގެ ގޮތުގައެވެ.

މަލްޓިޕްލް ސްކްލީރޯސިސްގައި ބަލިކުރިއަރަމުން އަންނަގޮތް ބަދަލުކުރުމަށް ދެވޭ ފަރުވާތަކުގެ ތެރެއިން އިންޖެކްޝަންގެ ގޮތުގައި ދެވޭ ފަރުވާތަކުގެ ތެރޭގައި މަސްގަނޑަށް ނޫނީ ހަމުގެ ދަށަށް އިންޖެކްޝަންގެ ގޮތުގައި ޖަހާ އިންޓަފިރޯން، ހަމުގެ ދަށަށް ޖަހާ ގްލެޓިރަމަރ އެސިޓޭޓް، އަދި ހަމުގެ ދަށަށް ޖަހާ މޮނޯކްލޯނަލް އެންޓިބޮޑީޒް ފަދަ ބޭސްތައް ފަދަ ފަރުވާ ހިމެނެއެވެ. މިފަދަ ގުޅަ ބޭސްތަކުގެ ތެރޭގައި "ޓެރިފުލުނޮމައިޑް"، "ޑައިމީތައިލް ފިއުމެރޭޓް"، ޑިރޮކްސިމެލް ފިއުމެރޭޓް، މޮނޯމީތައިލް ފިއުމެރޭޓް، ފިންގޮލިމޯޑް، ސިޕޮނިމޯޑް، އޮޒަނިމޯޑް، ޕޮނެސިމޯޑް އަދި ކްލެޑްރިބިން ފަދަ ބޭސްތައް ހިމެނެއެވެ. އަދި އިންފިއުޝަންގެ ގޮތުގައި ދެވޭ ފަރުވާ ތަކުގެ ތެރޭގައި "ނެޓަލިޒުމެބް"، "އޮކްރެލިޒުމެބް"، އަދި "އެލިމްޓުޒުމެބް"، ފަދަ ބޭސްތައް ހިމެނެއެވެ.

އެހެނިހެން ފަރުވާތައް

އެހެނިހެން ފަރުވާތަކުގެ ތެރޭގައި ފިޒިއޮތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ މެދުވެރިކޮށް ދެވޭ ސްޓްރެޗިންގ އަދި ސްޓްރެންތެނިންގ އެކްސަސައިޒް ފަދަ ކަންތައްތަކާއި، ބައްޔާއި ގުޅިގެން ކުރިމަތިވާ ހާލަތްތަކާއި ގުޅިގެން ބޭނުންކުރަންޖެހޭ ޑިވައިސްތައް ބޭނުންކުރަން ދަސްކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ ކަންތައްތަކަކީ ބަލިމީހާއަށް އާންމު ދިރިއުޅުމުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ.

އެހެނިހެން ބޭސްތައް ބޭނުންކުރުން

·         މަސްލް ރިލަކްސެންޓް : މިއީ ބައްޔާއި ގުޅިގެން އުފެދޭ ހަށިގަނޑުގެ އެކި ހިސާބުތަކަށް (ޚާއްޞަކޮށް ފަޔަށް) ކުރިމަތިވާ މަސްގުޅަކެއުމާއި، މަސްގަނޑު ހަރުއެރުން އަދި ރިހުންތައް ކުޑަކުރުމަށް އެހީތެރިވެދޭ ބޭސްތަކެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ބެކްލޯފެން، ޓިޒަނިޑިން، އަދި ސައިކްލޯބެންޒަޕްރިން ފަދަ ބޭސްތައް ހިމެނެއެވެ.

·         ވާޅުވުން ކުޑަކުރުމަށް ދެވޭ ބޭސްތައް : މަލްޓިޕްލް ސްކްލީރޯސިސް އާއި ގުޅިގެން ކުރިމަތިވާ ވާޅުވުން ކުޑަކުރުމަށް އެމެންޓަޑިން، މޮޑަފިނިލް، މީތައިލްފެނިޑޭޓް ފަދަ ބޭސްތައް ބޭނުންކުރެވެއެވެ. ނަމަވެސް ފަހުގެ ބައެއް ދިރާސާތަކުން މިބޭސްތަކުން އެންމެ އެދެވޭ ފައިދާ ނުލިބޭކަމަށް ހޯދިފައި ވެއެވެ. ޑިޕްރެޝަންގެ ފަރުވާގައި ބޭނުންކުރެވޭ ބައެއް ބޭސްތައް މިހާލަތުގައި ދިމާވާ ވާޅުވުން ކުޑަކުރުމަށް ބޭނުންކުރެވިދާނެ ކަމަށް ބައެއް ފަހަރު ލަފާދީފައި ވެއެވެ.

·         ހިނގުމުގެ ހަލުވިކަން އިތުރުކުރުމަށް ދޭ ބޭސްތައް : ޑެލްފެމްޕްރިޑިން ކިޔާ ބޭހެއް ބޭނުންކުރުމުން މަލްޓިޕްލް ސްކްލީރޯސިސް ގައި ހިނގުމުގެ ލަސްކަން ކުރިމަތިވާ މީހުންނަށް ހިނގުން ހަލުވިކުރުމަށް ބައެއް މީހުންނަށް ބޭނުންކުރެވިދާނެ ކަމަށް ލަފާދީފައި ވެއެވެ. މިބޭހުގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ނިދިނައުން، ބޯއެނބުރުން، ބޮލުގައި ރިހުން އަދި ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދުން ފަދަ ކަންތައްތައް ހިމެނެއެވެ. ފިޓުޖެހޭ މީހުންނާއި ގުރުދާގެ މައްސަލަތައް ހުންނަ މީހުން މިބޭސް ނެގުން އެދެވިގެން ނުވެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.hopkinsmedicine.org/health/conditions-and-diseases/multiple-sclerosis-ms

·         https://www.hopkinsmedicine.org/health/conditions-and-diseases/multiple-sclerosis-ms

 

 

  

No comments:

Post a Comment