Saturday, December 16, 2023

ސެރެބްރަލް އެންޔޫރިޒަމް - ސިކުނޑީގެ ލޭހޮޅިއެއް ފުއްޕުން

ސެރެބްރަލް އެންޔޫރިޒަމް - ސިކުނޑީގެ ލޭހޮޅިއެއް ފުއްޕުން

ސެރެބްރަލް އެންޔޫރިޒަމް(cerebral aneurysm)  އަކީ ސިކުނޑީގެ  ސާފުލޭދައުރުކުރާ ލޭހޮޅި(artery) އެއް ފުއްޕުމެވެ. ނުވަތަ ސިކުނޑީގެ ލޭހޮޅިއެއް އެތެރެއިން ބޭރަށްވާ ގޮތަށް ފުއްޕާހަމެންހެން ފުއްޕުމެވެ. ފެންނަ ފެނުމަށް އެންޔޫރިޒަމް ހީވަނީ ބެރީ ވެލުގެ ތަނޑިން ތިރިއަށް ފައިބައި(އެލިފައި) އިންނަ "ބެރީއެއް" ހެންނެވެ. ސެރެބްރަލް އެންޔޫރިޒަމް އަށް "ބްރެއިން އެންޔޫރިޒަމް"(brain aneurysm)، އަދި "އިންޓްރަކްރެނިއަލް އެންޔޫރިޒަމް"(intracranial aneurysm) ވެސް ފަދަ ނަންތައް ކިޔައި އުޅެއެވެ.

ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވަނީ ނުވަތަ އުފެދި ބޮޑުވަނީ (ލޭހޮޅި އެތެރެއިން ފުއްޕަނީ) ލޭހޮޅީގައި އިންނަ "ދެރަ ތަންކޮޅަކަށް" ލޭހޮޅީގެ ތެރޭގައި ދައުރުވާ ލެއިން ފިއްތައި ޕްރެޝަރުކުރާތީ އެވެ. ލޭހޮޅީގައި ދައުރުވާ ލެއިން މިގޮތަށް ލޭހޮޅީގައި އިންނަ ދެރަ ހިސާބަކަށް ނޫނީ ތަންކޮޅަކަށް ޕްރެޝަރު އިތުރުވުމުން، ލޭހޮޅި ފުއްޕާގޮތް ވެއެވެ. އަދި މިގޮތަށް ފިއްތާ ވަރަކަށް ފުއްޕާފައިވާ ތަންކޮޅު ނުވަތަ ސެރެބްރަލް އެންޔޫރިޒަމް ސައިޒުން ބޮޑުވާގޮތް ވެއެވެ. މިގޮތަށް ފުއްޕާފައިވާ ސެރެބްރަލް އެންޔޫރިޒަމް އިން ލޭ ލީކުވެ، ނޫނީ ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅިއްޖެނަމަ، އެއަށް ކިޔަނީ "ހީމޮރެޖިކް ސްޓްރޯކް "(hemorrhagic stroke) އެވެ. ނޫނީ ލޭނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅުމެވެ.


އާންމު ގޮތެއްގައި ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެން ދަނީ ސިކުނޑިއާއި އޭގެ ވަށައިގެންވާ ދުލިފަށަލައާއި ދެމެދުގައިވާ ހުސް ޖާގައިގެ ތެރޭ ގައެވެ. މިހިސާބަށް ލޭއެޅުމަށް ކިޔަނީ "ސަބްއަރަކްނޮއިޑް ހީމޮރޭޖް"(subarachnoid hemorrhage) އެވެ.

ސެރެބްރަލް އެންޔޫރިޒަމް އަކީ ވަރަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ. ނަމަވެސް ގިނަ ސެރެބްރަލް އެންޔޫރިޒަމް އަކީ އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ޚާއްޞަކޮށް އޭގެ ސައިޒުން ކުޑަނަމައެވެ. ގިނަ ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެނެއް ނުދެއެވެ. އަދި އޭގެ ސަބަބުން އުދަނގޫތައް މެދުވެރިއެއް ނުކުރެއެވެ. ނޫނީ ޞިއްހީ މައްސަލަތަކެއް ދިމާއެއް ނުވެއެވެ. ގިނަ ފަހަރު ސެރެބްރަލް އެންޔޫރިޒަމް ފާހަގަވަނީ އެހެން ކަމަކަށް ޝައްކުވެގެން ކުރާ ޓެސްޓުތަކުގެ ތެރެއިންނެވެ. ނަމަވެސް ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެންދިއުން(ruptured cerebral aneurysm) މިއީ ވަރަށް ނުރައްކާތެރި، ފުރާނައަށް ގެއްލުންވެދާނެ، އަދި އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ.

ސަބަބު

ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވަނީ ސިކުނޑީގައިވާ ސާފުލޭ ދައުރުކުރާ ހޮޅީ ގެ ފާރު ތުނިވުމުންނެވެ. އާންމު ގޮތެއްގައި އެންޔޫރިޒަމް އުފެދެނީ މިފަދަ ލޭހޮޅިތަކުން ކަފިވެގެން އުފެދިފައިވާ ގޮފިތަކުގައެވެ. ސަބަބަކީ ލޭހޮޅިތަކުން މިގޮތަށް ކަފިވެގެން އުފެދިފައިވާ ގޮފިތަކަކީ ލޭހޮޅިތަކުގެ އެންމެ ދެރަ ހިސާބު ތަކަށްވާތީ އެވެ. ސިކުނޑީގެ ކޮންމެ ހިސާބެއްގެ ސާފުލޭ ދައުރުކުރާ ހޮޅިތަކުގައި އެންޔޫރިޒަމް އުފެދުނު ކަމަށް ވިޔަސް، އެންމެ އާންމުކޮށް އެންޔޫރިޒަމް އުފެދެނީ ސިކުނޑީގެ ދަށުގައި ނޫނީ ބުޑުގައި ހުންނަ ސާފުލޭދައުރުކުރާ ލޭހޮޅި ތަކުގައެވެ.

މަގުފަހިކުރާ ކަންތައްތައް

ސާފުލޭ ދައުރުކުރާ ލޭހޮޅީގެ ފާރު ތުނިވުމަށް މެދުވެރިވާ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. މިކަންތައްތަކުގެ ސަބަބުން ސެރެބްރަލް އެންޔޫރިޒަމް އުފެދުމަށް ނޫނީ އެންޔޫރިޒަމް ފަޅައިގެން ދިއުމަށް މަގުފަހިކުރުވައެވެ. މީގެ ތެރެއިން ބައެއް ހިރާސްތައް އުފެދިގެން އަންނަނީ ގިނަ ދުވަހުންނެވެ. ނަމަވެސް ބައެއް ފަހަރު އުފަންވާއިރު ހުންނަ ބައެއް ކަންތައްތަކުގެ ސަބަބުން ވެސް ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ.

ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އުމުރުން ދުވަސްވުން : ކޮންމެ އުމުރެއްގައި ވެސް ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވެދާނެ އެވެ. ނަމަވެސް އުމުރުން 60-30 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

·         އަންހެނަކަށްވުން : ފިރިހެނުންނަށްވުރެ، އަންހެނުންނަށް ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުން ޚާއްޞަކޮށް ސިގިރޭޓް ބުއިން : ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިކުނޑީގައި އެންޔޫރިޒަމް އުފެދުމުގެ ފުރުޞަތު ބޮޑުކޮށް، އަދި ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް ވެސް އިތުރުކުރާ ކަމެކެވެ.

·         ލޭމައްޗަށް ދިއުން: ލޭމައްޗަށްދިއުމަކީ ލޭގެ ޕްރެޝަރު މަތިކޮށް، ސާފުލޭދައުރުކުރާ ލޭހޮޅި ތަކުގެ ފާރު ނިކަމެތިކޮށް ދެރަކުރާނެ ކަމެކެވެ. މިގޮތަށް ދެރަވެ، ނިކަމެތިވެފައި ހުންނަ ލޭހޮޅިތަކުގައި އެންޔޫރިޒަމް އުފެދުމާއި، އަދި އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކަން ފާހަގަކުރެވެއެވެ.

·         މަސްތުވާތަކެތި (ޚާއްޞަކޮށް ކޮކެއިން) ބޭނުންކުރުން (substance abuse): މަސްތުވާތަކެތި ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު މައްޗަށްދާނެ ކަމެކެވެ. މަސްތުވާތަކެތި އިންޖެކްކޮށްގެން ބޭނުންކުރާނަމަ، ލޭގައި އިންފެކްޝަން ހެދުމުގެ ހިރާސް އިތުރުވެއެވެ. ލޭގައި އިންފެކްޝަން ހެދުމަކީ މައިކޯޓިކް އެންޔޫރިޒަމް ކިޔާ ވައްތަރެއް ކުރިމަތިކުރުވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         ބަނގުރާބުއިން (alcohol use): ބަނގުރާ ބުއިމަކީ ވެސް ލޭގެ ޕްރެޝަރު މައްޗަށްދާ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ލޭގެ ލޭހޮޅީގެ ފާރު ނިކަމެތިކޮށް، އެންޔޫރިޒަމް އުފެދުމުގެ އަދި އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ.

·         ވާރުތަވަނިވި ކަނެކްޓިވް ޓިޝޫ ޑިސްއޯޑަރ އެއްހުރުން (inherited connective tissue disorder): މިސާލަކަށް "އީލާހޒް ޑެންލޯސް ސިންޑްރޯމް" ހުރުމަކީ އެކަމުގެ ސަބަބުން ލޭހޮޅިތަކުގެ ފާރު ނިކަމެތިވެ، އެންޔޫރިޒަމް އުފެދުމަށް މަގުފަހިކުރާ ކަމެކެވެ.

·         ޕޮލީ ސިސްޓިކް ކިޑްނީ ޑިޒީޒް ހުރުން (polycystic kidney disease): މިއީ ވާރުތަވާ ބައްޔެކެވެ. މިބަލީގައި ގުރުދާ ގައި ދިޔައިން-ފުރިފައި ހުންނަ ކޮތަޅުތަކެއް ނޫނީ ފެންކޮތަޅުތަކެއް އުފެދެއެވެ. މިބަލި ހުރުމަކީ ވެސް ލޭގެ ޕްރެޝަރު މައްޗަށްދާ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ލޭގެ ލޭހޮޅީގެ ފާރު ނިކަމެތިކޮށް، އެންޔޫރިޒަމް އުފެދުމުގެ އަދި އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ.

·         ހިތުން ލޭ ފޮނުވައިދޭ މައިލޭހޮޅި ހަނިވުން (coarctation of aorta): ހިތުން ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން އިން މުއްސަދި ސާފުލޭ ފޮނުވައިދޭ މައިލޭހޮޅި "އެއޯޓާ" ހަނިވުމަކީ އެކަމުގެ ސަބަބުން އެންޔޫރިޒަމް އުފެދުމަށް މަގުފަހިވެދާނެ ކަމެކެވެ.

·         ސިކުނޑީގައި އާޓެރިއޯވީނަސް މަލްފޯމޭޝަން އެއް ހުރުން (arterio-venous malformation/AVM): މިހާލަތުގައި ސިކުނޑީގައި ހުންނަ ސާފުލޭދައުރުކުރާ ލޭހޮޅި ތަކާއި، ނުސާފުލޭދައުރުކުރާ ލޭހޮޅި ތައް އެކަތި އަނެކައްޗަށް އެނބުރިއޮޅޭގޮތް ވެއެވެ. އޭގެ ސަބަބުން ލޭދައުރުވުމަށް އަސަރުކުރުވައެވެ. އަދި ސިކުނޑީގައި އެންޔޫރިޒަމް އުފެދުމަށް މަގުފަހިކުރުވައެވެ.

·         އާއިލާގެ ތެރޭގައި ސެރެބްރަލް އެންޔޫރިޒަމް ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުން (family history): އާއިލާގެ އެހެން މެންބަރަކަށް ކުރިން ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމަކީ އާއިލާގެ އެހެން މެންބަރުންނަށް ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ. ޚާއްޞަކޮށް ފުރަތަމަ ދަރަޖައިގެ ތިމާގެ މީހުންގެ ގޮތުގައި ބެލެވޭ މައިންބަފައިން، އެއްބަނޑު އެއްބަފާ މީހުން އަދި ދަރިންގެ ކިބައިގައި ސެރެބްރަލް އެންޔޫރިޒަމްގެ މައްސަލަ ކުރިން ހުރިނަމަ މިހިރާސް އިތުރުވެގެން ދެއެވެ.

ބައެއް ވައްތަރުގެ ސެރެބްރަލް އެންޔޫރިޒަމް ބޮލަށް ލިބޭ އަނިޔާއަކަށްފަހު، ނޫނީ ލޭގައި އަށަގަންނަ އިންފެކްޝަން އަކަށްފަހު އުފެދޭގޮތް ވެއެވެ

ސެރެބްރަލް އެންޔޫރިޒަމް އެއް ފަޅައިގެންދިއުމަށް މެދުވެރިކުރުވާ ހިރާސްތައް

ސެރެބްރަލް އެންޔޫރިޒަމް އެއް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާދަޔާ ޚިލާފަށް ބޮޑު އެންޔޫރިޒަމް އުފެދިފައި އިނުން

·         ވަކި ހިސާބުތަކެއްގައި (ސިކުނޑީގެ) އެންޔޫރިޒަމް އުފެދިފައި ހުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުން ޚާއްޞަކޮށް ސިގިރޭޓް ބުއިން

·         ލޭމައްޗަށްދިއުމަށް ފަރުވާނުކޮށް ހުރުން

ވައްތަރުތައް

(ހ) ބެރީ އެންޔޫރިޒަމް (berry aneurysm): ބޭރުފުށުން ފެންނަ ފެނުމަށް މިވައްތަރުގެ އެންޔޫރިޒަމް ހީވަނީ ބެރީ ވެލުގެ ތަނޑިން ތިރިއަށް ފައިބައި(އެލިފައި) އިންނަ "ބެރީއެއް" ހެންނެވެ. މިވައްތަރުގެ އެންޔޫރިޒަމް އިންނަނީ ވަށްކޮށް ލެއިން-ފުރިފައި(blood-filled)  އިންނަ ކޮތަޅެއް ހެންނެވެ. އާންމު ގޮތެއްގައި މިވައްތަރުގެ އެންޔޫރިޒަމް އިންނަނީ ސިކުނޑީގައި ސާފުލޭ ދަތުރުކުރާ މައި ލޭހޮޅި(main artery) ން ނުވަތަ އޭގެ ކަތްޕަކުން ބޭރަށް ފުއްޕާފައެވެ. އާންމު ގޮތެއްގައި މިވައްތަރުގެ އެންޔޫރިޒަމް އުފެދެނީ ސިކުނޑީގެ ދަށުގައި ނޫނީ ބުޑުގައި ހުންނަ ސާފުލޭދައުރުކުރާ ލޭހޮޅި ތަކުގައެވެ. ސެރެބްރަލް އެންޔޫރިޒަމް ގެ އެންމެ އާންމު ވައްތަރަކީ ބެރީ އެންޔޫރިޒަމް އެވެ. މިވައްތަރުގެ އެންޔޫރިޒަމް އަށް "ސެކިޔުލަރ އެންޔޫރިޒަމް"(saccular aneurysm) އޭ ވެސް ކިޔައެވެ.

(ށ) ފިޔޫސިފޯމް އެންޔޫރިޒަމް (fusiform aneurysm): މިވައްތަރުގެ އެންޔޫރިޒަމް ގައި ލޭހޮޅީގެ ހުރިހާ ފަރާތަކުން ލޭހޮޅި ފުއްޕާފައި ހުރެއެވެ.

(ނ) މައިކޯޓިކް އެންޔޫރިޒަމް (mycotic aneurysm): މިވައްތަރުގެ އެންޔޫރިޒަމް ކުރިމަތިވަނީ ލޭހޮޅިއަށް ކުރިމަތިވާ އިންފެކްޝަން އެއްގެ ސަބަބުންނެވެ. ސިކުނޑީގައި ސާފުލޭ ދައުރުކުރުވާ ލޭހޮޅި ތަކުގައި އިންފެކްޝަން އަށަގަތުމުން، ލޭހޮޅީގެ ފާރު ނިކަމެތިވެ، ދެރަވެއެވެ. އެކަމުގެ ސަބަބުން ލޭހޮޅި ފުއްޕައި، އެންޔޫރިޒަމް އުފެދޭގޮތް ވެއެވެ.

އަލާމާތްތައް

ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެން ނުދާނަމަ، އެކަމުގެ ސަބަބުން އަލާމާތްތަކެއް ނޫނީ އުދަނގޫތަކެއް ކުރިމައްޗެއް ނުވާނެއެވެ. ޚާއްޞަކޮށް ކުދިކުދި ސެރެބްރަލް އެންޔޫރިޒަމްގެ ސަބަބުން އެއްވެސް ކަހަލަ އުދަނގުލެއް ދިމާއެއް ނުވާނެއެވެ. އެހެން ކަމެއްގައި ހަދާ އިމޭޖިންގ ޓެސްޓުތަކުން ވެސް ސެރެބްރަލް އެންޔޫރިޒަމް ހުރިކަން ފަހަރުގައި ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް ސެރެބްރަލް އެންޔޫރިޒަމް އެއް ފަޅައިގެން ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ބޮލުގައި ރިއްސާނެއެވެ. ފަޅައިގެންނުދާ އެންޔޫރިޒަމް އެއްގެ ސަބަބުން ސިކުނޑިއާއި ނާރުތަކަށް ފިއްތާނަމަ، ރިހުމާއި، ތަދުތައް އަދި އެހެނިހެން އުދަނގޫތައް ކުރިމަތި ކުރުވައެވެ.

ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމް

އެންޔޫރިޒަމް އެއް ފަޅައިގެންދިއު(ruptured cerebral aneurysm)މުގެ މައިގަނޑު އަލާމާތަކީ ކުއްލިއަކަށް އާދަޔާ ޚިލާފަށް ބޮލުގައި ރިހުމެވެ. މިގޮތަށް އަންނަ ބޮލުގައި ރިހުމަކީ އެމީހަކަށް އެހިސާބަށް ކުރިމަތިވި އެންމެ ރިހުން ގަދަ ތަދުގެ ގޮތުގައި މީހުން ސިފަކުރެއެވެ. އާދަޔާ ޚިލާފަށް ބޮލުގައި ރިހުމުގެ އިތުރުން ފަޅައިގެން ގޮސްފައިވާ އެންޔޫރިޒަމް ނުވަތަ އެންޔޫރިޒަމް އެއް ފަޅައިގެން ދިއުމުން އަންނަނިވި އަލާމާތްތައް ކުރިމަތިވެދާނެ އެވެ.

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ކަދުރާ ހަރުއެރުން

·         އެއްޗެއް ތަކުރާރުކޮށް (ދޭއްޗެއްގެ ސިފަޔަށް) ފެނުން

·         އަލިވުމުން އުދަނގޫވުން ނޫނީ އައްޔަށް ހައްސާސްވުން

·         ފިޓުޖެހުން

·         ލޮލުގެ ބޮޑި ތިރިޔަށް ވެއްޓުން

·         ހޭވެރިކަންނެތުން / ޚަބަރު ހުސްވުން

·         ވާނުވާނޭނގުން

ލޭލީކުވާ އެންޔޫރިޒަމް

ބައެއް ފަހަރު އެންޔޫރިޒަމް އިން ފަހަރުގައި ލޭލީކު(leaking aneurysm)ވެދާނެ އެވެ. ނޫނީ ބޭރުވެދާނެ އެވެ. މިގޮތަށް މަޑުމަޑުން ކޮންމެވެސް ވަރަކަށް ލޭލީކުވަމުން ލީކުވަމުން ގޮސް، އެންޔޫރިޒަމް ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ކުރިން ދެތިން ދުވަހުން ފެށިގެން ގޮސް، ދެތިން ހަފްތާ ވަންދެން މަޑުމަޑުން ލޭލީކުވެ، ލީކުވެ ހުރެދާނެ އެވެ.

ލޭލީކުވާ ސެރެބްރަލް އެންޔޫރިޒަމްގެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސުން ހިމެނެއެވެ. އަދި މިރިހުން ނުފިލައި ދެތިން ދުވަހުން ފެށިގެން ގޮސް ދެ ހަފްތާގެ މުއްދަތަށް ދެމިހުރެދާނެ އެވެ.

ފަޅައިގެންނުދާ އެންޔޫރިޒަމް

ފަޅައިންނުދާ ސެރެބްރަލް އެންޔޫރިޒަމް(unruptured cerebral aneurysm)  ގެ ސަބަބުން އެއްވެސް ކަހަލަ އުދަނގުލެއް އާންމުކޮށް ކުރިމައްޗެއް ނުވާނެއެވެ. ޚާއްޞަކޮށް އެންޔޫރިޒަމް ކުޑަ ކަމުގައިވާނަމަ އެއްވެސް އުދަނގުލެއް ދިމާއެއް ނުވާނެއެވެ. ނަމަވެސް ފަޅައިގެންނުގޮސް ހުންނަ ބޮޑެތި އެންޔޫރިޒަމްގެ ސަބަބުން ސިކުނޑިއާއި ނާރުތަކަށް ފިއްތާގޮތް ވެއެވެ.

ފަޅައިގެންނުދާ އެންޔޫރިޒަމްގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އެއްލޮލުގެ މަތިން އަދި ފަހަތުގައި ރިއްސުން

·         ލޮލުގެ ކޮއި ފުޅާވެ ބޮޑުވުން

·         ލޮލުގެ ފެނުމަށް ބަދަލުއައުން ނޫނީ އެކައްޗެއް ތަކުރާރުކޮށް (ދޭއްޗެއްގޮތަށް) ފެނުން

·         މޫނުމަތީގެ އެއްފަޅި ނުވަތަ އެއްފަރާތް އައްސިވުން

ނުރައްކާތައް

ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެން ދިއުމުން އާންމުކޮށް ސިކުނޑިއަށް ލޭހިލެނީ މަދު ސިކުންތު ކޮޅަކަށެވެ. ނަމަވެސް ލީކުވާ ލެއިން ވަށައިގެންވާ ދިރުތަކަށް ސީދާ ގެއްލުންދެއެވެ. އަދި ސިކުނޑީގެ ސެލްތައް މަރާލައެވެ. މީގެ އިތުރުން ލީކުވާ ލޭގެ ސަބަބުން ބޮލުގެ ނާށިގަނޑުގެ އެތެރޭގެ ޕްރެޝަރު މަތިކުރުވައެވެ. ބޮލުގެ ނާށިގަނޑުގެ އެތެރޭގެ ޕްރެޝަރު މާ މަތިވެއްޖެނަމަ، ސިކުނޑިއަށް ލެޔާއި، އޮކްސިޖަން ފޯރުވުމަށް ހުރަސްއަޅަ އެވެ. ނޫނީ ދަތިތަކާ ކުރިމަތިވެއެވެ. އޭގެ ސަބަބުން ހޭވެރިކަން ގެއްލި، ފަހަރުގައި ފުރާނަޔަށް ވެސް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިކުނޑީގެ ތެރޭގައި އެންޔޫރިޒަމް އެއް ފަޅައިގެން ދިއުމަށްފަހު ކުރިމަތިވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

(ހ) އަލުން ލޭހިލުން (Rebleeding): ފަޅައިގެންދާ ނޫނީ ލީކުވި އެންޔޫރިޒަމް އަކުން އަނެއްކާ ވެސް ލޭހިލުމުގެ ފުރުޞަތު އޮވެއެވެ. މިގޮތަށް އަލުން ސިކުނޑީގެ ތެރެއަށް ލޭހިލުމަކީ ސިކުނޑީގެ ދިރު ތަކަށް އިތުރަށް ގެއްލުންތައް ލިބޭނެ ކަމެކެވެ.

(ށ) ސިކުނޑީގެ ލޭހޮޅިތައް ހަނިވެ، ހިމަވުން (narrowed brain blood vessels):ސިކުނޑީގެ ތެރޭގައި އެންޔޫރިޒަމް އެއް ފަޅައިގެން ދިއުމުން ސިކުނޑީގައިވާ ސާފުލޭދައުރުކުރާ ލޭހޮޅިތައް ފަހަރުގައި ފިތި، ހިމަވެ، ހަނިވެގެން ހިނގައިދާނެއެވެ.  މިގޮތަށް ލޭހޮޅިތައް ކުރުގެޅި، ފިތި، ހިމަވެ ހަނިވުމަށް ކިޔަނީ "ވޭސޯސްޕާޒަމް"(vasospasm) އެވެ. ސިކުނޑީގެ ލޭހޮޅިތައް ހިމަވެ ހަނިވުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ލޭދިއުން ދަށްވެ، "އިސްކީމިކް ސްޓްރޯކް"(ischemic stroke) ކުރިމަތިވެދާނެ އެވެ. މިއީ އެކަމުގެ ސަބަބުން ސިކުނޑިއަށް އިތުރަށް ގެއްލުން ލިބޭނެ ކަމެކެވެ.

(ނ) ސިކުނޑީގައި ފެންހަރުލުން (hydrocephalus): އާންމުގޮތެއްގައި ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެން ދިއުމުން ބޭރުވާ ލޭ އެޅެނީ ސިކުނޑިއާއި އެވަށައިގެން ނިވާކުރުމަށް ލެވިފައިވާ ދުލިފަށަލައާއި ދެމެދުގައިވާ ހުސް ޖާގަ އަށެވެ. މިގޮތަށް މިޖާގައަށް ލޭއެޅުމުން ސިކުނޑިއާއި ސިކުނޑިން ނިކުމެވަފައިވާ މައިނާރުވާފަށް ވަށައިގެން ހުންނަ ފެން ދައުރުވުމަށް ހުރަސް އަޅައެވެ. އޭގެ ސަބަބުން އިތުރުވާ ދިޔަ ނޫނީ ދިޔަ ނުވަތަ ފެން ގިނަވުމުން، ސިކުނޑިއަށް ފިއްތައި، ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ސެލޯއްޓަށް ގެއްލުން ދެއެވެ.

(ރ) ހަށިގަނޑުގެ ލޮނު (ސޯޑިއަމް) މިންގަނޑަށް ބަދަލުއައުން (change in sodium level): ސިކުނޑިއަށް ލޭއެޅުމަކީ ލޭގައި ސޯޑިއަމް ހުންނަން ޖެހޭ މިންގަނޑަށް ބަދަލުގެނުވާ ކަމެކެވެ. ޚާއްޞަކޮށް ތިރީގައިވާ ނޫނީ ދަށުގައިވާ "ހައިޕޯތަލަމަސް" އަށް ގެއްލުންވެއްޖެނަމަ މިގޮތަށް ދިމާވެދާނެ އެވެ. ލޭގައި ސޯޑިއަމްގެ މިންވަރު ދަށްވުމަކީ ސިކުނޑީގެ ދިރުތައް ދުޅަވެ، ދާއިމީ ގެއްލުން ލިބޭނެ ކަމެކެވެ.

ދެނެގަތުން

ކުއްލިއަކަށް އާދަޔާ ޚިލާފަށް ވަރަށް ބޮޑަށް ބޮލުގައި ރިހުމަކީ ފަހަރުގައި ސެރެބްރަލް އެންޔޫރިޒަމް އެއް ފަޅައިގެން ގޮސްގެން ކުރިމަތިވާ ކަމަކަށް ވެދާނެ އެވެ. އަދި މިހާލަތުގައި ޓެސްޓުކުރަން ޖެހިދާނެ އެވެ. ޓެސްޓު ހެދުމުން ސިކުނޑިއާއި އޭގެ ވަށައިގެންވާ ދުއްޔާއި ދެމެދުގައިވާ ހުސްޖާގަ އަށް ލޭއެޅިފައިވާނަމަ އެކަން ދެނެގަނެވޭނެ އެވެ. މިހިސާބަށް ލޭއެޅުމަށް ކިޔަނީ "ސަބްއަރަކްނޮއިޑް ހީމޮރޭޖް" އެވެ. މީގެ އިތުރުން އެހެން ވައްތަރެއްގެ ސްޓްރޯކް އެއް ޖެހިފައިވާނަމަ އެކަން ވެސް ދެނެގަނެވޭނެ އެވެ.

ފަޅައިގެންނުދާ ސެރެބްރަލް އެންޔޫރިޒަމް ގެ އަލާމާތްތައް މިސާލަކަށް ލޮލުގައި ފަހަތުގައި ރިހުން، ލޮލުގެ ފެނުމަށް ބަދަލުއައުން، އެއްޗެއް ތަކުރާރުކޮށް ފެނުން ފަދަ އަލާމާތްތައް ކުރިމަތިވެފައިޥާނަމަ، ފަހަރުގައި އެކަން ދެނެގަތުމަށް ވެސް ޓެސްޓުކުރަން ލަފާދީފާނެ އެވެ.

ސެރެބްރަލް އެންޔޫރިޒަމް ދެނެގަނެ، އެކަން ޔަގީންކުރުމަށް ކުރެވޭ ސްކްރީނިންގ ޓެސްޓުތަކާއި އިޖުރާއާތު ތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކޮމްޕިއުޓަރައިޑް ޓޮމޮގްރަފީ ނުވަތަ ސީޓީ ސްކޭން ހެދުން (computerized tomography scan / CT scan): ސީޓީ އަކީ އެކްސްރޭ ގެ ޚާއްޞަ ވައްތަރެކޭ ބުނެވިދާނެ އެވެ. ސިކުނޑިއަށް ލޭއެޅިފައިވުން ނޫނީ ސްޓްރޯކެއް ޖެހިފައިވާކަން ދެނެގަތުމަށް އެންމެ ފުރަތަމަ ހެދޭ އެއް ޓެސްޓަކީ ސީޓީ ސްކޭން އެވެ. މި ޓެސްޓުގެ އެހީގައި ސިކުނޑީގެ 2ޑީ ތަސްވީރުތަކެއް ކުރަހާލައެވެ.

ސީޓީ އެންޖީއޯގްރަފީ ނުވަތަ ސީޓީ އެންޖީއޯގްރާމް ހެދުމުން ސިކުނޑިއަށް ސާފުލޭ ގެންގޮސްދޭ ލޭހޮޅިތަކުގެ މާ ތަފްސީލީ ކުރެހުމެއް އުފައްދައި ދެއެވެ. މިޓެސްޓު ހެދުމަށް ލޭގެ ތެރެއަށް "ޑައި" އެއް ފޮނުވެއެވެ. އެކަމުގެ ސަބަބުން ލޭހޮޅިތަކުގައި ލޭދައުރުވާގޮތް ބަލަމުން ގެންދަން ފަސޭހަ ވެއެވެ. މީގެ އިތުރުން ސިކުނޑީގައި އެންޔޫރިޒަމް އެއް ހުއްޓަސް މި ޓެސްޓުގެ އެހީގައި ވެސް ދެނެގަނެވޭނެ އެވެ.

(ށ) ލަމްބަރ ޕަންކްޗަރ ނުވަތަ ސްޕައިނަލް ޓެޕް ހެދުން (lumber puncture or spinal tap): އެންމެ ސާދާކޮށް ބުނާނަމަ ލަމްބަރ ޕަންކްޗަރ ގެ މާނައަކީ މައިބަދައަށް ކައްޓެއް ހަރައިގެން މައިބަދައިން ފެންނެގުމެވެ. މައިބަދައިގެ ހުންނަ ފެނަކީ ސިކުނޑި އާޢި އޭގެ ވަށައިގެން އަދި ސިކުނޑިން ނިކުމެ މައިބަދައިގެ ތެރޭގައިވާ  މައިނާރުފަށް ވަށައިގެންލެވިފައިވާ ދުއްޔާޢި ދެމެދުގައި ވާ ހުސްޖާގަ އިގެ ތެރޭގައި ހުންނަ ފެނެކެވެ. މިފެނަށް "ސެރެބްރޯސްޕައިނަލް ފުލުއިޑް" މިހެން ކިޔައެވެ. ސިކުނޑިއަށް ލޭއެޅިފައިވާނަމަ އާންމު ގޮތެއްގައި މިގޮތަށް މައިބަދައިން ނެނގޭ ފެނުގައި ލޭގެ ރަތް ސެލްތައް ހުންނާނެ އެވެ. މާނައަކީ މިފެނުގައި ރަތްކަމެއް ނޫނީ ރަތްކުލައަށް ފެން ހުރެދާނެ އެވެ. ސިކުނޑީގައި އުފެދުނު ފަޅައިގެންގޮސްފައިވާނަމަ، އަދި ސީޓީ ސްކޭން އިން އެކަން ފާހަގަ ނުކުރެވުނުނަމަ، ލަމްބަރ ޕަންކްޗަރ ހަދައިގެން ސެރެބްރަލް އެންޔޫރިޒަމް ހުރިކަން ޔަގީންކުރެވޭނެ އެވެ.

(ނ)  މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި ހެދުން (magnetic resonance imaging or MRI): ސިކުނޑީގެ ތަފްޞީލީ ސޫރަ އެއް ކުރެހުމަށް ނޫނީ އުފެއްދުމަށް މިޓެސްޓު ހެދުމަށް "މެގްނެޓިކް ފީލްޑް" އަދި "ރޭޑިއޯ ވޭވްސް" ބޭނުންކުރެވެއެވެ. އެގޮތުން ކުރަހައިދެނީ 2ޑީ ނުވަތަ 3ޑީ ކުރެހުމެކެވެ. މިތަސްވީރުތަކުން ސިކުނޑިއަށް ލޭއެޅިފައިވާނަމަ އެކަން ދައްކައިދޭނެ އެވެ.

ސާފުލޭދައުރުކުރާ ލޭހޮޅި ތަކުގެ ތަފްޞީލީ ސޫރައެއް ނަގައިދޭ އެމްއާރުއައި އަށް ކިޔަނީ "އެމްއާރުއައި އެންޖީއޯގްރަފީ" އެވެ. މިވައްތަރުގެ އެމްއާރުއައިގެ އެހީގައި ސިކުނޑީގައި ފަޅައިގެންނުދާ އެންޔޫރިޒަމް ހުރި ހިސާބު، އޭގެ ބައްޓަން އަދި އޭގެ ސައިޒު ދެނެގަނެވޭނެ އެވެ.

(ރ) ސިކުނޑީގެ އެންޖީއޯގްރާމް ހެދުން (brain angiogram): މިޕްރޮސީޖަރ ހެދުމަށް ބޭނުންކުރެވެނީ ހިމަ ފަހެލި ހޮޅިއެއް ނުވަތަ "ކެތީޓަރ"އެކެވެ. މިކެތީޓަރު ލެއްވެނީ އާންމު ގޮތެއްގައި އުކުޅުވަޅުގައި ނޫނީ އަތުކުރީގައިވާ ސާފުލޭދައުރުކުރާ ބޮޑު ލޭހޮޅި އަކަށެވެ. ލެއްވުނު ކެތީޓަރު ލޭހޮޅީގެ ތެރެއިން ސިކުނޑީގައިވާ ސާފުލޭދައުރުކުރާ ލޭހޮޅިތަކަށް ވާޞިލްކުރެވެއެވެ. އެއަށްފަހު ޚާއްޞަ "ޑައި" އެއް ކެތީޓަރު މެދުވެރިކޮށް ސިކުނޑީގެ ލޭހޮޅިތަކުގެ ތެރެއަށް ފޮނުވާލެވެއެވެ. އެއަށްފަހު ސިލްސިލާ އެކްސްރޭ ތަކެއް ނެގެއެވެ. މީގެން ސިކުނޑީގައި އެންޔޫރިޒަމް އެއް ހުރިނަމަ އެކަން އެނގޭނެ އެވެ. އަދި ސިކުނޑީގެ ލޭހޮޅިތަކުގެ ހާލަތު ވެސް ދެނެގަނެވޭނެ އެވެ. ސެރެބްރަލް އެންޖީއޯގްރާމް އަށް ބައެއް ފަހަރު "ސެރެބްރަލް އާޓެރިއޯގްރާމް" ވެސް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މިޓެސްޓު ހަދަނީ ކުރިން ބަޔާންކުރެވުނު ޓެސްޓުތައް ހަދައިގެން އެދެވޭ ނަތީޖާއެއް ނުލިބޭނެ ނަމަ އެވެ.

ސެރެބްރަލް އެންޔޫރިޒަމް އަށް ސްކްރީންކުރުން

ސެރެބްރަލް އެންޔޫރިޒަމް އެއް ކުރިމަތިވުމުގެ ހިރާސް އެހާ ބޮޑަށް ނެތްނަމަ، ސެރެބްރަލް އެންޔޫރިޒަމް އަށް ސްކްރީން ކުރުމަށް އިމޭޖިންގ ޓެސްޓުތައް ހަދާކަން ލަފާއެއް ނުދެއެވެ. އަންނަނިވި ކަންތައްތައް ހުރިނަމަ، ސެރެބްރަލް އެންޔޫރިޒަމް އަށް ސްކްރީން ޓެސްޓު ހެދުމާއި ބެހޭގޮތުން ޑޮކްޓަރާއި މަޝްވަރާކޮށްލުން ރަނގަޅެވެ.

·         އާއިލާގެ މެންބަރުންގެ ތެރޭގައި (ޚާއްޞަ ފުރަތަމަ ދަރަޖައިގެ ދެ މެންބަރެކަށް މިސާލަކަށް މައިންބަފައިން، އެއްބަނޑުއެއްބަފާ މީހުން އަދި ދަރިން) ސެރެބްރަލް އެންޔޫރިޒަމް ދައުރުވަމުން އައުން ނޫނީ އާއިލާގެ މެންބަރުންނަށް ކުރިން ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުން

·         ސެރެބްރަލް އެންޔޫރިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެއް ނުވަތަ ބައްޔެއްހުރުން : މިސާލަކަށް ޕޮލީސިސްޓިކް ކިޑްނީ ޑިޒީޒް، ހިތުން ހަށިގަނޑަށް ލޭފޮނުވައިދޭ މައިލޭހޮޅި ހަނިވުން ފަދަ ކަމެއް ހުރުމަކީ ސްކްރީން ޓެސްޓު ހަދަންޖެހިދާނެ ކަމެކެވެ.

އާންމު ގޮތެއްގައި ސިކުނޑީގައި އުފެދޭ ގިނަ އެންޔޫރިޒަމް ފަޅައިގެނެއް ނުދެއެވެ. ވަރަށް ގިނަ މީހުންނަށް ފަޅައިގެންނުދާ އެންޔޫރިޒަމްގެ ސަބަބުން އުދަނގޫތަކެއް މެދުވެރިއެއް ނުކުރުވައެވެ. އެކަމަކު ސިނކުޑީގައި އުފެދޭ އެންޔޫރިޒަމް އެއް ފަޅައިގެން ގޮސްފިނަމަ، ނިކުމެދާނެ ނަތީޖާ ވަރަށް ގިނަ ކަންތައްތަކަށް ބަރޯސާ ވެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަލިމީހާގެ އުމުރާ އާންމު ދުޅަހެޔޮކަން

·         އެހެނިހެން ޞިއްހީ މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން

·         އެންޔޫރިޒަމް އުފެދިފައި ހުރި ހިސާބު އަދި އޭގެ ސައިޒު

·         ލޭހިލިފައިވާ މިންވަރު

·         ޞިއްހީ ފަރުވާ ފެށުމުގެ ކުރިން ހޭދަވީ ވަގުތު

ފަރުވާ

ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމް އެއް ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރަން ޖެހިދާނެ އެވެ. ނޫނީ އެންޑޯވެސްކިޔުލަރ ފަރުވާ ދޭންޖެހިދާނެ އެވެ. އެންޑޯވެސްކިޔުލަރ ފަރުވާ(endovascular treatment)ގެ މާނައަކީ ސާފުލޭދައުރުކުރާ ހޮޅީގެ އެތެރެއިން ފަރުވާގެ ގޮތުގައި ކަމެއްކޮށްގެން އެންޔޫރިޒަމް ރަނގަޅުކުރުވުމެވެ. މީގެ އިތުރުން އެންޔޫރިޒަމް އާއި ގުޅިގެން ކުރިމަތިވާ އަލާމާތްތައް ނޫނީ އުދަނގޫތަކަށް ވެސް ފަރުވާ ދީފާނެ އެވެ. ފަޅައިގެންގޮސްފައިވާ ނުވާ އެންޔޫރިޒަމް އެއް ސިކުނޑީގައި ހުރިނަމަ، ކުރެވިދާނެ ކަންކަމާއި ފަރުވާ އާއި ބެހޭގޮތުން ޞިއްހީ ތަޖުރިބާކާރުންނާއި މަޝްވަރާކޮށް މައުލޫމާތު އޮޅުން ފިލުވިދާނެ އެވެ. އެގޮތުން އެންޔޫރިޒަމް އަށް ފަރުވާކުރުން ނޫނީ ފަރުވާނުކޮށް ބެހެއްޓުމުގެ ފައިދާ އާއި ގެއްލުމާއި ބެހޭގޮތުން ބަލިމީހާއާއި ޞިއްހީ ތަޖުރިބާކާރާއި ދެމެދު މަޝްވަރާކުރެވިދާނެ އެވެ.

އޮޕަރޭޝަންކުރުން

ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމް އެއް މަރާމާތުކޮށް ރަނގަޅުކުރުމަށް އާންމުކޮށް ބޭނުންކުރެވޭ ނޫނީ ދެވޭ ފަރުވާގެ ދެގޮތެއް އޮވެއެވެ. ބައެއް ހާލަތްތަކުގައި ފަޅައިގެންނުދާ އެންޔޫރިޒަމް އަށް ފަރުވާކުރުމަށް ވެސް މިއިން ކަމެއް ކޮށްފާނެ އެވެ. އެގޮތުން ކުރެވޭ ދެކަމަކީ ސަޖިކަލް ކްލިޕް ޖެހުން އަދި އެންޑޯވެސްކިޔުލަރ ފަރުވާ އެވެ.

ސަޖިކަލް ކްލިޕިންގ

ސަޖިކަލް ކްލިޕިންގ(surgical clipping)  ނުވަތަ އެންޔޫރިޒަމްގައި ކްލިޕެއް ހަރުކުރުމަކީ ސެރެބްރަލް އެންޔޫރިޒަމް ބަންދުކޮށްލުމަށް ހެދޭ އިޖުރާއާތެކެވެ. މިކަންކުރުމަށް ސިކުނޑިއަށް ވާޞިލްވުމަށް ބޮލުގެ ނާށިގަނޑުން ބައެއް ނައްޓައެވެ. މިގޮތަށް ބޮލުގެ ނާށިގަނޑުން ބައެއް ނެއްޓުމަށްފަހު، އެންޔޫރިޒަމް އަށް ލޭފޮނުވައިދޭ ލޭހޮޅި ދެނެގަނެއެވެ. އެއަށްފަހު އެންޔޫރިޒަމް އަށް ލޭފޮނުވުން މަނާކުރުމަށްޓަކައި އެންޔޫރިޒަމްގެ ކަރުގައި ކުޑަ ދަގަނޑު ކްލިޕް އެއް ހަރުކުރެވެއެވެ.

ސެރެބްރަލް އެންޔޫރިޒަމް ގެ ކަރުގައި ކްލިޕް އެޅުވުމަކީ ވަރަށް ފައިދާހުރި ގޮތެކެވެ. ކްލިޕް އަޅުވައި ރަނގަޅު ކުރެވޭ އެންޔޫރިޒަމް އަލުން ނުއުފެދެއެވެ. ސަޖިކަލް ކްލިޕިންގ ގެ ސަބަބުން ކުރިމަތިވާ ހިރާސް ތަކުގެ ތެރޭގައި ސިކުނޑިއަށް ލޭއެޅުން، އަދި ސިކުނޑިއަށް ލޭލިބުން ދަށްވުން ހިމެނެއެވެ. ނަމަވެސް މިއީ ނިސްބަތުން ކުރިމަތިވުމުގެ ހިރާސް ކުޑަ ކަންތައްތަކެވެ.

ސަޖިކަލް ކްލިޕް އެޅުވުމަށްފަހު ރަނގަޅުވުމަށް ގާތްގަނޑަށް 6-4 ހަފްތާގެ މުއްދަތެއް ނަގައެވެ. ސަޖިކަލް ކްލިޕް ފަޅައިގެންނުދާ އެންޔޫރިޒަމް އެއްގައި އެޅުވުމަށްފަހު އާންމު ގޮތެއްގައި 2-1 ދުވަހުގެ ތެރޭގައި ހަސްފަތާލުން ދޫކޮށްލައެވެ. ފަޅައިގެން ގޮސްފައިވާ އެންޔޫރިޒަމް އެއްގައި ސަޖިކަލް ކްލިޕެއް އަޅުވައިފިނަމަ، ފަސޭހަވުމަށް ގިނަ ދުވަސްވާތީ، ހަސްފަތާލުގައި ގިނަ ދުވަހު ހޭދަކުރަން ޖެހިދާނެއެވެ.

އެންޑޯވެސްކިޔުލަރ ފަރުވާ

މިއީ ސަޖިކަލް ކްލިޕިންގ އަށްވުރެ ރައްކާތެރި އިޖުރާއާތެކެވެ. މިފަރުވާގައި ކެތީޓަރ އެއް ސިކުނޑީގައި އުފެދިފައިވާ އެންޔޫރިޒަމް އަށް ފޯރުވެއެވެ. އެއަށްފަހު ކޮއިލް ނޫނީ ސްޓެންޓް އެންޔޫރިޒަމް އަށް ލެއްވެއެވެ.

އެންޑޯވެސްކިޔުލަރ ކޮއިލް (endovascular coil): މި އިޖުރާއާތުގައި އުކުޅުވަޅު ނޫނީ އަތުގެ ކުރީގެ ސާފުލޭދައުރުކުރާ ލޭހޮޅިއެއް އެއްގެ ތެރެއިން ކެތީޓަރ އެއް ލައްވައި، އެކެތީޓަރ ސިކުނޑީގައި އުފެދިފައިވާ އެންޔޫރިޒަމް އަށް ފޯރުކުރެވެއެވެ. އެއަށްފަހު ސްޕައިރަލް (ވަށްކޮށް) ބައްޓަމަށް އޮންނަ "ކޮއިލް" އެއް އެންޔޫރިޒަމް އަށް ލެއްވެއެވެ. މީގެ ސަބަބުން އެންޔޫރިޒަމް އަށް ލޭފޯރުވުން މަނާކޮށް ކުޑަކޮށްދެއެވެ. މީގެ އިތުރުން ކޮއިލްގެ ސަބަބުން އެންޔޫރިޒަމްގެ ތެރޭގައި ހުންނަ ލޭގަނޑުވާގޮތް ވެއެވެ. އަދި އޭގެ ސަބަބުން އެންޔޫރިޒަމް ހަލާކުވެގެން ދެއެވެ.

އެންޑޯވެސްކިޔުލަރ ސްޓެންޓް ލެއްވުން (endovascular stents): ބައެއް ފަހަރު ބައެއް ވައްތަރުގެ އެންޔޫރިޒަމްގެ ފަރުވާގައި އެންޔޫރިޒަމް އަށް ލެއްވޭ ކޮއިލް އާއެކު ސްޓަންޓް އެއް ވެސް ލެއްވެއެވެ. ސްޓެންޓް އަކީ ހިމަ ހޮޅިއެކެވެ. މިއީ ކޮއިލް އޭގެ މަގާމުގައި ހިފެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ލެއްވޭ އެއްޗެކެވެ.

ސެރެބްރަލް އެންޔޫރިޒަމް ހުރި ހިސާބު އަދި އޭގެ ސައިޒަށް ބަލާފައި ، މިނޫން ގޮތްތައް ވެސް ނޫނީ ކަންކަން ވެސް އެންޑޯވެސްކިޔުލަރ ފަރުވާގެ ގޮތުގައި ކުރެވެއެވެ. ސަޖިކަލް ކްލިޕިންގ އެކޭ އެއްފަދައިން އެސްޑޯވެސްކިޔުލަރ ފަރުވާ ގެ ސަބަބުން ވެސް ސިކުނޑިއަށް ލޭއެޅުން، އަދި ސިކުނޑިއަށް ލޭލިބުން ދަށްވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަދި ބައެއް ފަހަރު މިގޮތަށް ރަނގަޅުކުރެވޭ އެންޔޫރިޒަމް އަލުން އުފެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނޫނީ ވެދާނެ ގޮތެކެވެ. މިގޮތަށް އުފެދިއްޖެނަމަ، ބަޔާންކުރެވުނު އިޖުރާއާތް ތަކުރާރު ކުރަންޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެންޔޫރިޒަމް އަލުން އުފެދިފައިވާ ނުވާކަން ކަށަވަރުކުރުމަށް އިމޭޖިންގ ޓެސްޓުތައް ހަދަންޖެހޭނެ އެވެ.

ލޭދައުރުވާގޮތް ބަދަލުކުރުން

ލޭދައުރުވާގޮތް ބަދަލުކުރުވުމަކީ ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް އަށް އަލަށް ފެށުނު ފަރުވާ އެކެވެ. މިއިޖުރާއާތުގައި ސިކުނޑީގައި އުފެދިފައިވާ އެންޔޫރިޒަމް އާއި ދުރަށް ލޭ ގެންދިއުމަށްޓަކައި، ލޭހޮޅީގެ ތެރެއަށް ސްޓެންޓް އެއް ލެއްވެއެވެ. މިގޮތަށް ލެއްވޭ ސްޓެންޓް އަށް ކިޔަނީ "ފްލޯ ޑައިވާޓަރ"(flow diverter) އެވެ.

އެންޔޫރިޒަމް އަށް ލޭދިއުން މަދުވުމުން އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް ކުޑަވެއެވެ. ސްޓެންޓް އިން އާ ސެލްތައް އުފެއްދުމަށް ބާރުއަޅައި، އެންޔޫރިޒަމްގެ އަސަރު ކުޑަކުރުމަށް އެހީތެރިވެދެއެވެ. ލޭދައުރުކުރާގޮތް ބަދަލުކުރުމަކީ އެހެން ގޮތެއް ހެދެން ނޫނީ އެހެން ފަރުވާއެއް ދެވެންނެތް އާދަޔާ ޚިލާފަށް ބޮޑުކޮށް ސިކުނޑީގައި އުފެދިފައި ހުންނަ އެންޔޫރިޒަމް އަށް ފަރުވާގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމެކެވެ. ނޫނީ ގޮތެކެވެ.

ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމް އަށްދޭ އެހެން ފަރުވާތައް

ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމް އަށްދޭ އެހެން ފަރުވާތަކުގެ ބޭނުމަކީ އުދަނގޫތައް ލުއިކޮށްދީ، ކުރިމަތިވެދާނެ ނުރައްކާތަކުން މިންޖުކޮށްދިނުމެވެ. އެގޮތުން ދެވޭ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ތަދުކަނޑުވާ ބޭސްތައް : ބައްޔާއި ގުޅިގެން އުފެދޭ ރިހުންތައް ކުޑަކުރުމަށް ތަދުވާ ކަނޑުވާ ބޭސް ދީފާނެއެވެ.

·         ކެލްސިއަމް ޗެނަލް ބްލޮކަރ : މިއީ ކެލްސިއަމް ލޭހޮޅީގެ ފާރުގެ ސެލްތަކުގެ ތެރެއަށް ވަނުން މަނާކުރާ ބޭސް ތަކެކެވެ. މިބޭސްތަކުގެ ސަބަބުން ލޭހޮޅި ހިމަވެ، ފިތުމުން ކުރިމަތިވެދާނެ އުދަނގޫތައް ކުޑަކޮށްދެއެވެ. ލޭހޮޅި ހިމަވެ ފިތުމަކީ ފަޅައިގެންދާ އެންޔޫރިޒަމްގައި ދިމާވެދާނެ ނުރައްކަލެކެވެ. ނިމޯޑިޕިން ކިޔާ ބޭހެއް ބޭނުންކުރުމުން ސިކުނޑިއަށް ލޭލިބުން ދަށްވުމުން ކުރިމަތިވާ އަނިޔާތައް ލިބުމުގެ ހިރާސް ކުޑަކޮށްދޭކަމަށް ހޯދިފައި ވެއެވެ.

·         ލޭހޮޅިތައް ފުޅާކޮށް ހުޅުވާލަން ދޭ ބޭސްތައް : ލޭހޮޅިތައް ފުޅާކޮށް ހުޅުވާލަދިނުމަށް އެހީތެރިދޭ ބޭސްތައް ހުރެއެވެ. މިފަދަ ބޭސްތައް ދެވެނީ އަތަށް އައިވީ ގުޅައިގެން ނޫނީ ކެތީޓަރ އެއްގެ އެހީގައި ސީދާ ސިކުނޑިއަށް ލޭފޮނުވައިދޭ ލޭނާރަކަށް މިބޭސް ފޮނުވައިގެންނެވެ. މިބޭސް ދިނުމުން ލޭ މިނިވަންކަމާއެކު ހުރަހެއްނެތި ދައުރުވުމަށް ފުރުޞަތުދީ، ސްޓްރޯކް ޖެހުމުން މިންޖުކޮށްދެއެވެ.

·         އެންޖީއޯޕްލާސްޓީ ހެދުން : މިއީ ސިކުނޑީގައި ހިމަވެ ފިތިވާ ލޭހޮޅި ފުޅާކޮށް ތަނަވަސްކުރުމަށް ހެދޭ އިޖުރާއާތެކެވެ. މިއީ ވެސް ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

·         ފިޓުޖެހުން ހުއްޓުވުމަށް ދޭ ބޭސްތައް : ފަޅައިގެންދާ އެންޔޫރިޒަމްގެ ސަބަބުން ކުރިމަތިވެދާނެ ފިޓުޖެހުން ފަދަ ކަންތައްތައް ކުޑަކުރުމަށް ފިޓުޖެހުން ހުއްޓުވުމަށް ބޭސް ދީފާނެއެވެ. ސިކުނޑީގައި އެންޔޫރިޒަމް އުފެދި، ފިޓުނުޖެހޭނަމަ މިބޭސްތަކެއް ނުދޭނެއެވެ.

·         ވެންޓްރިކިޔުލަރ ނުވަތަ ލަމްބަރ ޑްރެއިނިންގ ކެތީޓަރ އަދި ޝަންޓްލެއްވުން: ޝަންޓް ލެއްވުމަކީ ނޫނީ ލަމްބަރ ޑްރެއިނިންގ ކެތީޓަރ ލެއްވުމަކީ ސިކުނޑީގައި ހަރުލާ ފެނުގެ ސަބަބުން ސިކުނޑިއަށް ޕްރެޝަރު އިތުރުވުން ކުޑަކޮށްދޭނެ ކަމެކެވެ. ފަޅައިގެންގޮސްފައިވާ އެންޔޫރިޒަމްގެ ސަބަބުން ނޫނީ އެންޔޫރިޒަމް ފަޅައިގެންދިއުމަކީ ސިކުނޑީގައި ފެންހަރުލާނެ ކަމެކެވެ. ސިކުނޑީގައި ފެންހަރުލާފައިވާ ހިސާބަށް ކެތީޓަރ އެއް ލެއްވިދާނެއެވެ. ނޫނީ ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ހުސް ޖާގައިގެ ތެރެއަށް ކެތީޓަރު ލެއްވިދާނެއެވެ. މިކެތީޓަރު އިންނާނީ ހަށިގަނޑުން ބޭރުގައި ވާ ކޮތަޅަކާއި ގުޅުވިފައެވެ. އަދި ގިނަވާ ފެން މިކެތީޓަރުގެ އެހީގައި ސިކުނޑިން ބޭރުކޮށްދޭނެ އެވެ. މީގެ އިތުރުން ބައެއް ފަހަރު ޝަންޓް ވެސް ލައްވައިފާނެއެވެ. ޝަންޓް ސިސްޓަމް އަކީ ސިލިކޯން ރަބަރު ހޮޅި އަކާއި ފެން ބޭރުކުރުމަށް ވޭލް އެއް އިންނަ ނިޒާމެކެވެ. މީގައި ޝަންޓް ސިސްޓަމްގެ އެހީގައި ސިކުނޑީގައި އިތުރުވާ ފެން ފޮނުވޭނީ އެތެރެހައްޓަށެވެ. ނޫނީ ބަނޑަށެވެ.

·         ރިހިބިލިޓޭޓިވް ތެރަޕީ : ސަބްއަރަކްނޮއިޑް ހީމޮރޭޖް ގެ ސަބަބުން ސިކުނޑިއަށް ވާ ގެއްލުމަށް ފަހަރުގައި ފިޒިއޮތެރަޕީ، ސްޕީޗްތެރަޕީ އަދި އޮކިޔުޕޭޝަނަލް ތެރަޕީ ބޭނުންވެދާނެ އެވެ.

ފަޅައިގެންނުދާ އެންޔޫރިޒަމް އަށް ފަރުވާކުރުން

ސިކުނޑީގައި އުފެދޭ ފަޅައިގެންނުދާ އެންޔޫރިޒަމް އަށް ފަރުވާކުރުމަށް މަތީގައި ބަޔާންކުރެވުނު ސަޖިކަލް ކްލިޕް، އެންޑޯވެސްކިޔުލަރ ކޮއިލް، ނުވަތަ ލޭދައުރުވާގޮތް ބަދަލުކުރުން ފަދަ ކަންތައްތައް ކުރެވެއެވެ. މިއީ މުސްތަގުބަލުގައި ނޫނީ ފަހުން އެންޔޫރިޒަމް ފަޅައިގެން ދިއުމުން ރައްކާތެރިކޮށްދޭނެ ކަންކަމެވެ. ނަމަވެސް ބައެއް ފަހަރު ފަޅައިގެންނުދާ އެންޔޫރިޒަމް ފަޅައިގެންދިއުމުގެ ހިރާސް ހަގީގަތުގައި ވަރަށް ކުޑައެވެ. މިފަދަ ހާލަތުގައި ސްކްރީންކުރުމުގެ ކުރިން ހަދަންއުޅޭ އިޖުރާއާތުން ލިބޭ ފައިދާ އާއި، ގެއްލުން އަޅާކިޔުމަށްފަހު، އެޓެސްޓެއް ހެދުމަށް ނިންމުމަކީ މުހިއްމު ކަމެކެވެ.

ސިކުނޑީގައި އުފެދޭ ފަޅައިގެންނުދާ އެންޔޫރިޒަމް އަށް އެންމެ ރަނގަޅު ފަރުވާ އަކީ ކޮބައިކަން ކަނޑައަޅާނީ ނާރުގެ ޚާއްޞަ ޑޮކްޓަރުންނެވެ. މިފަދަ ހާލަތުގައި (ފަޅައިގެންނުދާ އެންޔޫރިޒަމްއަށް) ފަރުވާކުރުން ކަނޑައަޅަނީ އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކޮށްގެންނެވެ.

·         ސިކުނޑީގައި އުފެދިފައިވާ އެންޔޫރިޒަމް ހުރި ހިސާބު، އޭގެ ބައްޓަން އަދި ސައިޒު

·         ބަލިމީހާގެ އުމުރާއި އާންމު ޞިއްހަތު ހުރިނެތްގޮތް

·         އާއިލާގެ ތެރޭގައި ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް ފަޅައިގެންދިއުމުގެ މައްސަލަ ކުރިން ފެންމަތިވެފައިވުން

·         ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކުރާ ހާލަތެއް އުފަންވީއިރު ވެސް ހުރުން

ލޭމައްޗަށްދިއުން ފަދަ ބަލިތައް ހުންނަ މީހުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް ދީފައިވާ ބޭސްތައް ގަވާޢިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ސެރެބްރަލް އެންޔޫރިޒަމް އެއް ހުރިނަމަވެސް، ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓޭނަމަ، ސިކުނޑީގައި އުފެދިފައިވާ އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް ކުޑަވެގެން ދެއެވެ. ސެރެބްރަލް އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް ކުޑަކުރުމަށް ދުންފަތުގެ އިސްތިއުމާލުކުރާނަމަ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ބޭނުންތެރި ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް އުފެދުމާއި، އަދި ސިކުނޑީގައި އުފެދޭ އެންޔޫރިޒަމް ފަޅައިގެން ދިއުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/brain-aneurysm/symptoms-causes/syc-20361483

·         https://www.hopkinsmedicine.org/health/conditions-and-diseases/cerebral-aneurysm

 

  

No comments:

Post a Comment