Sunday, September 19, 2021

އިންގުއައިނަލް ހާނިއާ (ވައިފޭބުން)

އިންގުއައިނަލް ހާނިއާ (ވައިފޭބުން)

އިންގުއައިނަލް ހާނިއާ(inguinal hernia)  އަކީ ހާނިއާގެ އެންމެ އާންމު ވައްތަރެވެ. މިއީ އުކުޅުވަޅުގައި އުފެދޭ ހާނިއާ އެކެވެ.އިންގްއައިނަލް ހާނިއާ އަކީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގައި ހުރެފާނެ ނޫނީ ހުރި ދެރަކަމެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ. ނުވަތަ މިއީ އުމުރުން ދުވަސްވުމުން ކުރިމަތިވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި އިންގްއައިނަލް ހާނިއާ ފާހަގަވާނީ އުކުޅުވަޅުގައި އުފެދޭ ދުޅައެއް ނުވަތަ ފުއްޕުމެއްގެ ގޮތުގައި ނޫނީ އުރަވަޅި ދުޅަވެ ބޮޑުވެ، ވައިފޭބުމުގެ ގޮތުގައެވެ.


ހާނިއާގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. އަންހެނުންނަށްވުރެ ބޮޑަށް މިވައްތަރުގެ ހާނިއާ ކުރިމަތިވަނީ ފިރިހެނުންނަށްކަން ފާހަގަ ކުރެވެއެވެ. އެއީ އުފެދުމުގައި ފިރިހެނުންގެ ހަށިގަނޑުގެ މިހިސާބުގައި (ދަށްބަނޑާއި އުކުޅުވަޅު ހިމެނޭ ހިސާބު) ދެރަކަމެއް ހުންނާތީ އެވެ. މިއީ އުކުޅުވަޅުގެ ތެރޭގައި އުފެދޭ ހާނިއާ އެކެވެ. އުކުޅުވަޅުގައި އުފެދޭ ހާނިއާގެ ތެރެއިން %96 ހާނިއާ އަކީ އިންގްއައިނަލް ހާނިއާ އެވެ. އުމުރުން ދުވަސްވުމާއި، ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންތައްތައް މިސާލަކަށް ބަރުތަކެތި އުފުލައިހެދުން ކަންކަމުގެ ސަބަބުން މިވައްތަރުގެ ހާނިއާ ކުރިމަތިވެދާނެ އެވެ.

ފިރިހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް" އަކީ "ސްޕަމެޓިކް ކޯޑް"(spermatic cord)  އަދި ލޭހޮޅިތައް އުރަވަޅި އާއި އޮށުގެ ތެރެއަށް ގެންގޮސްދޭ މަގެވެ. އަންހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް"(inguinal canal) ގައި ހިމެނެނީ އަންހެނުންގެ ރަހިމު ހިފަހައްޓައިދޭ "ރައުންޑް ލިގަމެންޓް"(Round ligament) އެވެ. އިންގްއައިނަލް ހާނިއާ ގައި ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން އެހިސާބުގައި ހުންނަ ބާރުދެރަ ތަންކޮޅެއް (އިންގްއައިނަލް ކެނަލްގެ ދޮރު ނުވަތަ ހުޅުވުން ނުވަތަ "ޑީޕް އިންގްއައިނަލް ރިންގ"(deep inguinal ring)  ހުރަސްކޮށް، ފައިގެ ފަލަމަސްގަނޑަށް، އުކުޅުވަޅަށް ނުވަތަ އިންގްއައިނަލް ކެނަލްގެ ތެރެއަށް ނިކުންނަނީ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި މިވައްތަރުގެ ހާނިއާ އިންގްއައިނަލް ކެނަލްގެ ތެރެއިން ތިރިއަށް ގޮސް އުރަވަޅިއަށް ފައިބައި އުރަވަޅި ބޮޑުވެ ދުޅަވާގޮތް ވެއެވެ. މިހާލަތަށް ދިވެހި ބަހުން "ވައިފޭބުން" ކިޔައި އުޅެއެވެ.

ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ މީހަކަށް ވެސް އިންގްއައިނަލް ހާނިއާ ކުރިމަތިވެދާނެ އެވެ. ނަމަވެސް އުފެދުމުގައި ހުންނަ ގޮތަކުން ނަމަވެސް އަންހެނުންނަށްވުރެ ފިރިހެނުންނަށް އިންގްއައިނަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. އާބާދީގެ %25 ފިރިހެނުންނަށް އަދި %2 އަންހެނުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި އިންގްއައިނަލް ހާނިއާ ކުރިމަތިވާ ކަމަށް ހޯދުންތަކުން ފެންނަށް އެބަހުއްޓެވެ. އިންގްއައިނަލް ހާނިއާ މެދުވެރިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އާއިލާގެ ތެރޭގައި ބައްޔެއްގެ ސިފައިގައި ހާނިއާ ދައުރުވަމުން އައުން، ދުންފަތުގެ އިސްތިއުމާލުކުރުން، އަދި ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ސަބަބު

އިންގްއައިނަލް ހާނިއާ އަކީ ތަކުރާރުކޮށް އުކުޅުވަޅާއި، ބަނޑަށް ބާރުވެ، ވާންވާ ފަދަ ކަމެއްކުރުމުން ނޫނީ އެހިސާބަށް ބާރުބޮޑުވާ ފަދަ ކަމެއް ކުރުމުން (މިސާލަކަށް އާންމުކޮށް ބަރުތަކެތި އުފުލައިހެދުން) ދިމާވެދާނެ ކަމެކެވެ. އެގޮތުން އުކުޅުވަޅާއި ބަނޑަށް މިދެންނެވި އުސޫލުން ބާރުބޮޑުވެ، ބަނޑަށް ބާރުވެ، ވާންވުން ކުރިމަތި ކުރުވައިފާނެ ކަންކަމުގެ ތެރޭގައި ބަރުތަކެތި އުފުލައިހެދުން، މާބޮޑަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުން، މާބަނޑުވުން، ތަކުރާރުކޮށް ގިނައިން ކެއްސުން، އަދި ބަނޑުހަރުވުމުގެ ސަބަބުން ބޮޑުކަމުދާއިރު މާބޮޑަށް ހިފާލަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންގްއައިނަލް ހާނިއާ ކުރިމަތިވުމަކީ އާންމު ގޮތެއްގައި އެހާ ނުރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު މިފަދަ ހާނިއާ އުފެދުމަކީ ވަރަށް ވޭންހުރި ކަމެކެވެ. އާންމު ގޮތެއްގައި ހާނިއާގައި ރިހުން އިތުރުވާ ހާލަތްތަކުގައި ތެރޭގައި ގުދުވުން، ހަށިގަނޑު ލަންބާލުން، ކެއްސުން ، އަދި ބޮޑުކަމުދާއިރު ހިފާލަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

އިންގްއައިނަލް ހާނިއާ ކުރިމަތިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

·         ބަނޑުގެ އެތެރޭގެ ޕްރެޝަރު މަތިވުން

·         ބަނޑުގެ މަސްފަށަލައިގައި ކުރިއްސުރެ ދެރަ ނުވަތަ ބާރުދޫވެފައިވާ ތަންކޮޅެއް ހުރުން

·         ކުޑަކަމު ނުވަތަ ބޮޑުކަމުދާއިރު މާބޮޑަށް ނޫނީ މާގިނައިން ހިފާލަންޖެހުން

·         ބަނޑަށް ވާންވެ ޕްރެޝަރު އިތުރުވާ ފަދަ ބުރަ މަސައްކަތްތައް ކުރުން

·         މާބަނޑުވުން

·         މެދުނުކެނޑި ދިގުމުއްދަތަކަށް ކެއްސައި ކިނބިހިއެޅުން

·         ބަނޑަށް އަނިޔާއެއް ލިބުން

·         ބަނޑުގެ އޮޕަރޭޝަނެއް ކުރުން

މަގުފަހިކުރާ ކަންތައްތައް

އިންގްއައިނަލް ހާނިއާ އަށް މަގުފަހިކުރާ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ފިރިހެނަކަށްވުން

·         އުމުރުން ދުވަސްވުން

·         ދޮން ނަސްލުގެ މީހަކަށްވުން

·         އާއިލާގައި ބަލި ދައުރުވަމުން އައުން

·         ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއް ހުރުން

·         ދިގުމުއްދަތަކަށް ބަނޑުހަރުވުން އަދި ބޮޑުކަމުދާއިރު ހިފާލަންޖެހުން

·         މާބަނޑުވުން

·         ދުވަސްނުފުރާ ވިހެއުން އަދި އުފަންވިއިރު ބަރުދަން ލުއިކޮށްހުރުން

·         ކުރިން އިންގްއައިނަލް ހާނިއާހުރެގެން އޮޕަރޭޝަންކޮށްފައިވުން

ވައްތަރުތައް

އިންގްއައިނަލް ހާނިއާ ގެ ދެވައްތަރެއް ހުރެއެވެ.

އިންޑައިރެކްޓް އިންގްއައިނަލް ހާނިއާ

އިންޑައިރެކްޓް އިންގްއައިނަލް ހާނިއާ ކުރިމަތިވަނީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގައި ހުންނަ ޢައިބެއްގެ ސަބަބުންނެވެ.

ޑައިރެކްޓް އިންގްއައިނަލް ހާނިއާ

ޑައިރެކްޓް އިންގްއައިނަލް ހާނިއާ އާންމުކޮށް ކުރިމަތިވަނީ ބަނޑުގެ މަސްފަށަލައިގެ ފާރުގައި ހުންނަ އުމުރުން ދުވަސްވާވަރަކަށް އުފެދޭ ދެރަކަމެއްގެ ސަބަބުންނެވެ. ބަރުތަކެތި އުފުލާ ހެދުމާއި، ބަނޑަށް ބާރުވެ، ޕްރެޝަރު އިތުރުވާ ފަދަ ކަންކަމުގެ ސަބަބުން މިވައްތަރުގެ ހާނިއާ ކުރިމަތިވެއެވެ. އާންމުކޮށް މިވައްތަރުގެ ހާނިއާ ކުރިމަތިވަނީ ފިރިހެނުންނަށެވެ. ބަނޑުގެ ކޮންމެ ފަރާތެއްގައި ވެސް މިވައްތަރުގެ ހާނިއާ އުފެދިދާނެ އެވެ. މިވައްތަރުގެ ހާނިއާ އެންމެ ގިނައިން ކުރިމަތިވަނީ އުމުރުން ދުވަސްވީ ފިރިހެނުންނަށެވެ. އެއީ އުމުރުން ދުވަސްވާވަރަކަށް ބަނޑުގެ މަސްފަށަލައިގެ ފާރުގެ ބާރުދަށްވެ، ދެރަވާތީ އެވެ. އެހެންކަމުން ޑައިރެކްޓް އިންގުއައިނަލް ހާނިއާ އާންމުކޮށް ކުރިމަތިވަނީ ބަނޑުގެ މަސްފަށަލައިގެ ފާރުގައި ދެރަކަމެއް އުފެދިފައިވާ ބޮޑެތި ފިރިހެނުންނަށެވެ.

އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށް ޑައިރެކްޓް އިންގުއައިނަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު އަންހެނުންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

އިންގުއައިނަލް ހާނިއާ އެންމެ ފުރަތަމަ އުފެދިގެން އަންނަ އިރު އެއްވެސް ވަރަކަށް ތަދު ނުހުރެދާނެ އެވެ. އަދި އެއްވެސް ކަހަލަ އުދަނގުލެއް ވެސް ނުހުރެދާނެ އެވެ. އިންގުއައިނަލް ހާނިއާ ކުރިމަތިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އެއްފަރާތުގެ ނުވަތަ ދެފަރާތުގެ އުކުޅުވަޅުގައި ފުއްޕުމެއްހުރުން، އަދި އޮށޯތުމުން މިފުއްޕުން އެތެރެއަށްވަނުން : އާންމު ގޮތެއްގައި މިފުއްޕުން ބޮޑަށް ފާހަގަވާނީ ކޮށްޅަށް ހުންނައިރު ނޫނީ ބަނޑަށް ބާރުވާ ފަދަ މިސާލަކަށް ކެއްސުން، ބަރުތަކެތި އުފުލުން ފަދަ ކަމެއް ކުރާއިރު އެވެ.

·         އުކުޅުވަޅުގައި ރިހުން : ޚާއްޞަކޮށް ބަރުތަކެތި އުފުލުން، ކެއްސުން، ކަސްރަތުކުރާއިރު ރިހުން ހުރެދާނެ އެވެ.

·         އުކުޅުވަޅުގައި ވާޅުކަމަކާއި، ބަރުކަމެއް ހުރުމާއެކު އުކުޅުވަޅުން ދިލަނެގުން

·         އުރަވަޅި ދުޅަވެ ބޮޑުވުން (ވައިފޭބުން) : މިގޮތަށް ދިމާވަނީ ކުޑަގޮހޮރުން ބައެއް އިންގްއައިނަލް ކެނަލް ހުރަސްކޮށް ސްޕަމެޓިކް ކޯޑުގެ ތެރެއިން ތިރިއަށް އުރަވަޅިއަށް ފޭބުމުންނެވެ. 

އިންގްއައިނަލް ހާނިއާ ކުރިމަތިވާ މީހާގެ މިންތި އަށް ބަލައިގެން އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންނަށް އިންގްއައިނަލް ހާނިއާގެ ސަބަބުން ދިމާވެދާނެ އުދަނގޫތައް ތިރީގައި މިވަނީ އެވެ. އަދި ކުޑަކުދިންނަށް ވެސް ތަފާތު އަލާމާތްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ފިރިހެނުންނަށް ދިމާވެދާނެ އުދަނގޫތައް

·         އުކުޅުވަޅުގައި ނޫނީ ހާނިއާ ހުރި ހިސާބުގައި ދުޅައެއް ނުވަތަ ފުއްޕުމެއްހުރުން

·         ހާނިއާ ގުޅިގެން އުފެދޭ ދުޅަ ނުވަތަ ފުއްޕުމުގައި ރިހުން

·         ޕްރެޝަރު ހުންނަ ކަހަލަ (ފިއްތާ ކަހަލަ) އިހުސާސެއް ހާނިއާ ހުންނަ ހިސާބުގައި ހުރުން

·         އުރަވަޅި ބޮޑުވެ ދުޅަވުން (ވައިފޭބުން)

·         ހާނިއާ ހުރި ހިސާބަށް ވާންވެ ބާރުވާކަހަލަ ކަމެއް (ބަރުތަކެތި އުފުލުން، ކެއްސުން) ކޮށްލުމުން އެހިސާބުގެ ރިހުން ގޯސްވުން

އަންހެނުންނަށް ދިމާވެދާނެ އުދަނގޫތައް

·         ހާނިއާ ހުރި ހިސާބުގައި ތޫނު ރިހުމެއް ހުރުން

·         ހާނިއާ ހުރި ހިސާބަށް ދިލަނެގުން

·         ހާނިއާ ހުރި ހިސާބުގައި ދުޅައެއް ނުވަތަ ފުއްޕުމެއްހުރުން

·         ހާނިއާ ހުރި ހިސާބަށް ވާންވެ ބާރުވާކަހަލަ ކަމެއް (ބަރުތަކެތި އުފުލުން، ކެއްސުން) ކޮށްލުމުން އުދަނގޫ އިތުރުވުން

ކުޑަކުދިންގެ ފުށުން ފާހަގަ ކުރެވިދާނެ އަލާމާތްތައް

ތުއްތު ކުދިންނާއި ، ކުޑަކުދިންނަށް އިންގްއައިނަލް ހާނިއާ ކުރިމަތިވަނީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގެ ފާރުގައި ހުންނަ ދެރަކަމަކުންނެވެ. ހާނިއާ ހުންނަކަން ބައެއް ފަހަރު ފާހަގަވާނީ ކުޑަކުއްޖާ ރޯއިރު، ކެއްސާއިރު، ނޫނީ ބޮޑުކަމުދިއުމަށް ހިފާލާއިރު ފަދަ ހާލަތްތަކުގައެވެ. އުދަނގުލެއްވާތީ އުޅެފާނެއެވެ. ކެއުމާއި ދުރުހެލިވެދާނެ އެވެ.

ތަންކޮޅެއް ބޮޑެތި ކުދިންނަށް މިސާލަކަށް ފުރާވަރުގެ އުމުރުގެ ކުދިންގެ ފުށުން ގިނައިރު ކޮޅަށްހުރުން، ބަރުތަކެތި އުފުލުން، ބޮޑުކަމުދާއިރު ހިފާލުން، ކެއްސުން ފަދަ ހާލަތްތަކުގައި އިންގްއައިނަލް ހާނިއާ ގެ އަސަރު ފާޅުވެ، ފެންނަށް ހުންނާނެ އެވެ.

ދިމާވެދާނެ ނުރައްކާތައް

އިންގްއައިނަލް ހާނިއާ ގެ ސަބަބުން ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް އިތުރުކަން ފާހަގަ ކުރެވެއެވެ. އިންގްއައިނަލް ހާނިއާ އަށް ފަރުވާކޮށް ނުކޮށް ދޫކޮށްލައިފިނަމަ މަދުން ނަމަވެސް އަންނަނިވި ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން (obstruction): މީގެ މާނައަކީ ސަރުބީ ސެލޯށި، ނޫނީ ބަނޑުގައިވާ ކުޑަގޮހޮރުން ބައެއް  އުކުޅުވަޅުގައިވާ އިންގްއައިނަލް ކެނަލްގައި ނުވަތަ އުރަވަޅީގައި ތާށިވެ، މައްޗަށް ނުގޮސް އިންގްއައިނަލް ކެނަލް ބެދުމެވެ. މިގޮތަށް ދިމާވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިހުން، އަދި އުކުޅުވަޅުގައި ފުއްޕުމެއް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ސްޓްރެންގިޔުލޭޝަން (strangulation): މީގެ މާނައަކީ ކުޑަގޮހޮރުން ބައެއް ހިފެހެއްޓޭގޮތަކުން އެއަށް ލޭފޯރުކޮށްދިނުން ހުއްޓޭގޮތް ވުމެވެ. މިހާލަތުގައި ވީއެންމެ އަވަހަކަށް ފަރުވާ ނުކޮށްފިނަމަ ސެލޯށިތައް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ސްޓްރެންގިޔުލޭޝަން ކުރިމަތިވަނީ އިސްވެދިޔަ އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން ކުރިމަތިވެ، އެއަށް ފަރުވާ ނުކުރެވިއްޖެނަމަ އެވެ.

ސްޓްރެންގިޔުލޭޝަން ކުރިމަތިވުމުން އަންނަނިވި އަލާމާތްތައް ފާހަގަ ކުރެވިދާނެ އެވެ.

·         މޭނުބައިކޮށް ހޮޑުލެވުން

·         ހުންއައުން

·         ހާނިއާ ހުރި ހިސާބުގައި ކުއްލިއަކަށް ރިއްސަން ފެށުން

·         ހާނިއާގެ ދުޅަ ނުވަތަ ފުއްޕުމުގެ ކުލަ ރަތްވެ، ދަނބުވެ، އަދިރި ކުލައަށް ބަދަލުވުން

·         ބޮޑުކަމުދިއުމާއި، ވައިބޭރުކުރުމަށް އުދަނގޫވުން

މަތީގައިވާ ދެހާލަތަކީ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންޖެހޭނެ ދެހާލަތެވެ.

ދެނެގަތުން

އިންގްއައިނަލް ހާނިއާ ހުރިކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އިންގްއައިނަލް ހާނިއާ އަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބަލިމީޙާގެ ކިބައިން އާއިލާގެ ތެރޭގައި ހާނިއާ އެހެން މީހަކަށް ކުރިމަތިވެފައިވާތޯ ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ. އެއަށްފަހު އިންގްއައިނަލް ހާނިއާ އުފެދިފައިވާ ހިސާބު ބަލައި ޗެކުކުރާނެ އެވެ. ހާނިއާ ބޭރަށް ނިކުމޭތޯ ބެލުމަށްޓަކައި، ބަނޑަށް ބާރުލުމަށް ނުވަތަ ކެއްސާލުމަށް ޑޮކްޓަރުން ބުނެފާނެއެވެ.

އިންގްއައިނަލް ހާނިއާގެ ސަބަބުން އޮބްސްޓްރަކްޝަން ނޫނީ ސްޓްރެންގިޔުލޭޝަން ފަދަ ކަމެއް ކުރިމަތި ވެފައިވޭތޯ ޔަގީންކުރުމަށްޓަކައި ފަހަރުގައި އެކްސްރޭ ނަގަން ، ބަނޑުގެ އަލްޓްރާ ސައުން ސްކޭން އެއް ، އެމްއާރުއައި އެއް ނުވަތަ ސީޓީ ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

ފަރުވާ

ތަންކޮޅެއް ކުޑަކޮށް އުފެދިފައި ހުންނަ އިންގްއައިނަލް ހާނިއާ އިގިލިން އޮންބާލުމުން އެތެރެއަށްޖެހި ތިރިވެދާނެ އެވެ. ނަމަވެސް މިގޮތަށް އޮންބާލުމުން އެތެރެއަށް ނުވަންނަނަމަ، ފަހަރުގައި ހާނިއާ އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. އިންގްއައިނަލް ހާނިއާ އަކީ އޭގެ ޒާތުގައި ހިނދި، ރަނގަޅުވެދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން އިންގްއައިނަލް ހާނިއާ ހުރިކަމުގައިވާނަމަ ފަރުވާ އަކީ އޮޕަރޭޝަން ކުރުމެވެ.

އިންގްއައިނަލް ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުމަކީ ވަރަށް އާންމު އޮޕަރޭޝަނެކެވެ. އިންގްއައިނަލް ހާނިއާ ސާޖަރީއަށް ބައެއް ފަހަރު "ހާނިއޯރަފީ"(Herniorrhaphy)، ނޫނީ"ހާނިއޯޕްލާސްޓީ"(Hernioplasty) މިހެން ވެސް ކިޔައި އުޅެއެވެ. 3 ވައްތަރެއްގެ ހާނިއާ ސާޖަރީ ނުވަތަ ހާނިއާ ރިޕެއަރ(Hernia Repair) ހުރެއެވެ. އެވައްތަރުތައް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.  

(ހ) – ފަޅާލައިގެން  އޮޕަރޭޝަންކުރުން / ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުން (open hernia repair): ފަޅާލައިގެން އޮޕަރޭޝަން ކުރާއިރު ހާނިއާ ހުރި ހިސާބުން އުކުޅުވަޅުން ތަންކޮޅެއް ކަފާލެވެއެވެ. ބޭރަށް ނިކުމެފައިވާ ސެލޯށި އަނބުރާ ހުރި ތަނަށް ގެންދިއުމަށްފަހު، ދެރަވެފައިވާ މަހުގެ ފާރު ވަރުގަދަ ކުރުމަށްޓަކައި މެޝް އެއް ލެއްވުމަށްފަހު ރަނގަޅަށް ފަހައިލެވެއެވެ. ފަހަރުގައި ހަމައެކަނި ބަނޑު އައްސިކޮށްގެން ނޫނީ ހާނިއާ ހުރި ހިސާބު އައްސިކޮށްގެން ވެސް މިއޮޕަރޭޝަންކޮށްފާނެ އެވެ. ނުވަތަ އެއްކޮށް ހޭނައްތައިގެން ވެސް މިއޮޕަރޭޝަން ކޮށްފާނެ އެވެ. މިގޮތަށް އޮޕަރޭޝަންކުރުމަށްފަހު ރަނގަޅުވެ މަސައްކަތަށް އެނބުރި ދިއުމަށް ގާތްގަނޑަކަށް 6-4 ހަފްތާވަރު ނަގާނެ އެވެ.

(ށ) – ލޯވަޅު ތޮރުފައިގެން ހާނިއާ އޮޕަރޭޝަން ކުރުން (laparoscopic hernia repair): މިގޮތަށް އޮޕަރޭޝަންކުރާއިރު ދަށްބަނޑުން ބައި އިންޗި ވަރުގެ ތަންކޮޅެއް ކަފާލުމަށްފަހު އެތަނުން ލެޕަރޯސްކޯޕް އެތެރެ ކުރެވެއެވެ. ލެޕަރޯސްކޯޕްގައި ހަރުކުރެވިފައިވާ ވީޑިޔޯ ކެމެރާ އިން ނަގައިދޭ ފޮޓޯތައް ވީޑިއޯ މޮނީޓަރަށް ފޮނުވުމުން އެއަށް ބަލައިގެން ހާނިއާ އޮޕަރޭޝަން ކުރެވޭނެ އެވެ. ހާނިއާ އޮޕަރޭޝަން ކުރުމަށް އަދަވާތްތައް ވެއްދުމަށް އެހެން ކުޑަ ތަންކޮޅެއް ބަނޑުން ކަފާލާނެއެވެ. މިގޮތަށް އޮޕަރޭޝަންކުރުމަށްފަހު ރަނގަޅުވެ މަސައްކަތަށް އެނބުރި ދިއުމަށް ގާތްގަނޑަކަށް 2 ހަފްތާއެއްހާ ދުވަސް ނަގާނެއެވެ.

(ނ) – ރޮބޯޓިކް ހާނިއާ ރިޕެއަރ (robotic hernia repair): ލޯވަޅު ތޮރުފައިގެން ކުރާ އޮޕަރޭޝަނެކޭ އެއްފަދައިން މިވައްތަރުގެ އޮޕަރޭޝަން ގައި ވެސް ލެޕަރޯސްކޯޕް ބޭނުންކުރާނެއެވެ. އޮޕަރޭޝަން ކުރުމަށްޓަކައި ކަފާލާނީ އަދަވާތްތައް އެތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ކުޑަ ތަންކޮޅެކެވެ. ރޮބޯޓިކް ސާޖަރީގައި އޮޕަރޭޝަން ކުރާ ޑޮކްޓަރު އިންނާނީ ކޮންސޯލް ގައެވެ. އޮޕަރޭޝަންކުރަން ބޭނުންކުރާ އަދަވާތްތަކުގެ ބޭނުން އޮޕަރޭޝަން ޑޮކްޓަރު ކުރާނީ ކޮންސޯލް ގައި އިނދެގެންނެވެ. އާންމު ގޮތެއްގައި ތަންކޮޅެއް ކުޑަ މިންވަރަކަށް ހާނިއާގެ އަސަރު ހުރިނަމަ ރޮބޯޓިކް ސާޖަރީ ކުރެއެވެ. އަދި ބަނޑުގެ ފާރު އަލުންބިނާކުރުމަށް (އޮޕަރޭޝަންކޮށްގެން ބަނޑުގެ މަސްތަކުގެ ފާރުގައި ހުންނަ ބާރުދެރަ ހިސާބުތައް ރަނގަޅުކޮށްދީ ހެދުމަށް) ވެސް ރޮބޯޓިކް ސާޖަރީ ކޮށްއުޅެއެވެ.

އޮޕަރޭޝަނަށްފަހު ދިމާވެދާނެ ހިރާސްތައް

އިންގްއައިނަލް ހާނިއާ މަރާމާތުކޮށް ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށްފަހު ބައެއް ކަހަލަ ހިރާސްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އޮޕަރޭޝަން ކުރިތަނުގައި އިންފެކްޝަން ހެދުން

·         އޮޕަރޭޝަން ކުރިތަނުން ލޭފޭބުން

·         ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ވެސް އޮޕަރޭޝަންކުރި ހިސާބުގެ ރިހުން ނުފިލުން

ހާނިއާ އޮޕަރޭޝަން ކުރުމުގެ ސަބަބުން ދިގުމުއްދަތަކަށް ކުރިމަތިވާ މައްސަލަތައް ދިމާވުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހާނިއާ އަލުން އެނބުރި އުފެދުން

·         ހާނިއާ އުފެދުނު ހިސާބުގައި ލޭ ނުވަތަ ފެން (ދިޔާތަކެތި) ޖަމާވުން

·         އޮށް ދުޅަވެ، އޮށް ބޭރުކައިރި މަށައިގެންދިއުން

·         ނާރުތަކަށް ގެއްލުންވުން :މިކަމުގެ ސަބަބުން އެހިސާބު އައްސިވުން، ރިހުން ހުރުން

·         އޮށަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ގެއްލުންވުން

·         މަނިހޮޅިއަށް ގެއްލުންވުން

ހާނިއާ އޮޕަރޭޝަނަށްފަހު (ފަޅާލައިގެން ނޫނީ ލޯވަޅު ތޮރުފައިގެން ކުރިކަމުގައި ވިޔަސް) އޮޕަރޭޝަނާއި ގުޅިގެން އުފެދޭ ރިހުން ކުޑަކުރުމަށްޓަކައި ދެތިން ހަފްތާއެއް ހާ ދުވަހަށް ތަދުކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. މީގެ އިތުރުން ބަރުތަކެތި ނުއުފުލުމަށާއި، މާވަރުގަދަ ކަސްރަތުތަކާއި، މަސައްކަތްތަކުގައި ބައިވެރިނުވުމަށް ލަފާދޭނެ އެވެ.

ލޯވަޅު ތޮރުފައިގެން ކުރާ އޮޕަރޭޝަނަށްފަހު ފަސޭހަވުން އަވަސްވާނެ އެވެ. ނަމަވެސް ކުރިން ބަނޑުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހުންނާއި، އަދި ވަރަށް ބޮޑަށް ހާނިއާ އުފެދިފައިވާނަމަ މިއީ އެންމެ އޮޕަރޭޝަން ކުރަން އެމީހަކަށް އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ އެވެ. އިންގްއައިނަލް ހާނިއާގެ އޮޕަރޭޝަން ކުރުމަށްފަހު ބޮޑެތި މީހުންނަށްވުރެ އަވަހަށް ކުޑަކުދިންގެ އޮޕަރޭޝަން ކުރިތަން ފަސޭހަވެ، ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ.

ރައްކާތެރިވުން

·         ކަސްރަތުކޮށްގެންނާއި، ކެއުމުގައި ދުޅަހެޔޮގޮތްތައް ޚިޔާރުކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުން

·         ބަނޑުހިކުނަނުދިނުމަށްޓަކައި ކެއުމުގައި ތަރުކާރީ އާއި،މޭވާ އާއި،ފަތްޕިލާވެލި،ހޯލްގްރޭއިންސް ބާވަތްތައް ހިމެނުން

·         ބަރުތަކެތި އުފުލައި ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްހެދުން

·         ދިގުއްދަތަކަށް ކެއްސައި، ކިނބިހިއަޅައި ހެދޭނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން

·         ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/16266-inguinal-hernia 

·         https://my.clevelandclinic.org/health/diseases/15757-hernia

·         https://www.webmd.com/digestive-disorders/understanding-hernia-basics

·         https://www.nhs.uk/conditions/hernia/

·         https://www.hopkinsmedicine.org/health/conditions-and-diseases/how-to-tell-if-you-have-a-hernia

·         https://www.mayoclinic.org/diseases-conditions/inguinal-hernia/symptoms-causes/syc-20351547

·         https://www.nhs.uk/conditions/inguinal-hernia-repair/

 

 

 

  

No comments:

Post a Comment