Wednesday, September 1, 2021

ޒަކަރު

 

ޒަކަރު

ޒަކަރަކީ ފިރިހެނާގެ ޖިންސީ ގުނަވަން(Penis) ނުވަތަ ފިރިހެން ހަށްޓެވެ. ފިރިހެނުން ކުޑަކަމުދާއިރު ކުޑަކަމުދާ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގާއިރު މަނި ބޭރުވެގެންދަނީ ޒަކަރުގެ މެދުން ބޭރަށް ހުޅުވިފައިވާ ކުޑަކަމުދާ ހޮޅީގެ ދޮރުންނެވެ.

ފިރިހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމުން އޮށާއި، ފިރިހެން ހަށި (ޒަކަރު) އަދި ނަސްލު އުފައްދާ ނިޒާމްގެ އެހެން ބައިތައް ވެސް ހެދިބޮޑުވާން ފަށައެވެ. އެގޮތުން އުމުރުން 18 އަހަރުން ވަންދެން ފިރިހެން ހަށި ދިގުވަމުން ދެއެވެ. ފިރިހެން ހަށި ފުޅާވެ ފަލަވަން ފަށަނީ އުމުރުން 11 އަހަރުން ފެށިގެންނެވެ.

ޒަކަރުގެ މައިގަނޑު ވަޒީފާ

ޒަކަރުން ފުރިހަމަކޮށްދެނީ މައިގަނޑު 2 މަސައްކަތެކެވެ.

·         ޖިންސީގުޅުން ހިންގުން : ޖިންސީ ހިިލިގަތުން ނުވަތަ ޝައުގުވެރިކަން އައުމުން ޒަކަރުގައި ބާރުޖެހި، ކޮޅުވެ، ވާންވެއެވެ. މަނީގެ ބައިތައް ކުޑަކަމުދާ ހޮޅިން ޕްރޮސްޓޭޓް ގްލޭންޑްގައިވާ ބައިގެ ތެރޭގައި އެއްވެ، އެކުވުމުން މަނިބޭރުވުން ކުރިމަތި ވެއެވެ. މަނި ކުޑަކަމުދާ ހޮޅީގެ ތެރެއިން އައިސް ހަށީގަނޑުން ބޭރުވަނީ ކުޑަކަމުދާ ހޮޅީގެ ދޮރުން ނުވަތަ ހޮއިންނެވެ. މިގޮތަށް މަނިބޭރުވުމަށްފަހު ޒަކަރު، ހިނދި ވަޅޯވެ، އާންމު ހާލަތަށް ދެއެވެ.

·         ކުޑަކަމުދިއުން : ޒަކަރުގެ ތެރޭގައި ކުޑަކަމުދާ ހޮޅި ވެއެވެ. ކުޑަކަމުދިއުމުގެ ތެރޭގައި މަސާނާގައި ހުންނަ ކުޑަކަމު ނަޖިސް ބޭރުވެގެންދަނީ ކުޑަކަމުދާ ހޮޅީގެ ތެރެއިން ގޮސް ކުޑަކަމުދާ ހޮޅިން ބޭރަށް ހުޅުވިފައިވާ ހޮއިންނެވެ.

ޒަކަރުގެ އޮނިގަނޑު

އެނަޓޮމިކަލް ގޮތުން ބަލާއިރު އުފެދުމުގައި ޒަކަރު ބެހިގެންވަނީ 3 ބަޔަކަށެވެ.

(ހ) ޒަކަރުގެ މޫ (root of penis): ޒަކަރުގެ މުލަކީ ޒަކަރުގެ އެންމެ އެތެރޭގައިވާ އަދި އެންމެ ސާބިތުކަންމަތީ ހުންނަ ބައެވެ. ނުވަތަ އެންމެ ބޮޑަށް ހިފެހެއްޓިފައިވާ ބައެވެ. ޒަކަރުގެ މޫ އިންނަނީ ކަށިވަތުގެ ތަޅުމުގައިވާ "ސްޕަފިޝަލް ޕެރިޓޯނިއަލް ޕޯޗް"  ގައެވެ. މިއީ ބޭރަށް ފެންނަން އިންނާނެ ބައެއް ނޫނެވެ. ޒަކަރުގެ މުލުގައި 3 އިރެކްޓައިލް ސެލޯށި ވެއެވެ. އެއީ ދެފަރާތުގައިވާ ދެ "ކުރޫރާ" އާއި، ދެކުރޫރާ ގެ ދެމެދުގައިވާ ޒަކަރުގެ "ބަލްބް" އެވެ. މީގެ އިތުރުން ޒަކަރުގެ މުލުގައި ވެސް 2 މަސްކޮޅު ވެއެވެ. އެއީ "އިސްކިއޯކެވަރނޯސަސް" އަދި "ބަލްބޯސްޕަންޖިއޯސަސް" އެވެ.

(ށ) ޒަކަރުގެ ޖިސްމު (body of penis):މިއީ ހަށިގަނޑުން ބޭރުގައިވާ ނޫނީ ޒަކަރުން ހަށިގަނޑުގެ ބޭރުން ފެންނަ ބައެވެ. ނުވަތަ ޒަކަރުގެ ދަނޑި އެވެ. މިބައި އިންނަނީ ޒަކަރު މުލާއި، އޮމާމަސް އާއި ދެމެދުގައެވެ. މިބައިގައި ވެސް 3 އިރެކްޓައިލް ސެލޯށި ހިމެނެއެވެ. އެއީ ކުރިމަތީގައި ދެފަރާތުންވާ 2 ކޯރޕަސް ކެވަރނޯސަސް އާޢި، ފަހަތުން މެދުގައިވާ ކޯރޕަސް ސްޕަންޖިއޯސަމް އެވެ.   

(ނ) އޮމާމަސް (Glans penis): އޮމާމަހަކީ ޚިތާނު ކުރީމާ ޒަކަރުން ފާޅުވާ ހިސާބެވެ. ނުވަތަ މިއީ ފިރިހެން ހަށީގެ ކޮޅު ނުވަތަ ބޮލެވެ. ދިވެހި ބަހުގެ ރަދީފުގައި ޚިތާނުކުރީމާ ޒަކަރުން ފާޅުވާ ހިސާބަށް "އޮމާމަސް" އަދި "ޙަޝަފަތު" މި ދެނަން ބަޔާންކޮށްފައި ވެއެވެ. އޮމާމަސް ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް (ނޫނީ އެއްކޮށް) ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ޙަޝަފަތު އަބަދު ވެސް ފެންނަށް އިންނާނެއެވެ.

ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށީގައި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ޙަޝަފަތު ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ޙަޝަފަތު ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ،ދެމި، ފަހަތަށް ޖެހިގެންދާތީއެވެ.

އޮމާމަސް ނިވައިކޮށްދޭ ހަންކޮޅަ(Foreskin)ކީ ހަމާ، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ޚިތާނު ނުކުރާ މީހުންގެ ޒަކަރުގައި ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެކެވެ.

އިރެކްޓައިލް ސެލޯށި

ޒަކަރުގައި ހިމެނޭ އިރެކްޓައިލް ސެލޯށި(erectile tissue)  އަކީ ޖިންސީ އެދުންވެރިކަން ކުރިމަތިކުރުވުމުގައި ބައިވެރިވާ އެންމެހައި ސެލޯށި ތަކެވެ. ޖިންސީ ހިލިގަތުން އައުމުން މިސެލޯށިތަކަށް ލޭއެޅި، ޖިންސީ ގުނަވަނުގައި ނޫނީ ޒަކަރުގައި ބާރުޖެހި، ވާންވެ، ކޮޅުވެއެވެ. ޒަކަރުގެ މުލާއި، ޒަކަރުގެ ޖިސްމުގައި މިފަދަ 3 އިރެކްޓައިލް ސެލޯށީގެ ބޮޑިވަރު ވެއެވެ.

ޒަކަރުގެ މުލުގައި ހިމެނޭ 3 އިރެކްޓައިލް ސެލޯށީގެ ތެރޭގައި ހިމެނެނީ ކަނާތް ފަރާތުގައިވާ ކްރޫރާ(Left crura) އާއި، ވާތް ފަރާތުގައިވާ ކްރޫރާ(Right crura) އާއި، އަދި މެދުގައިވާ ޒަކަރުގެ ބަލްބް(bulb of penis)  އެވެ. ބަލްބް އިންނަނީ ޒަކަރުގެ މުލުގެ މެދު ރޮނގުގައެވެ. ކުޑަކަމުދާ ހޮޅި މަސާނާއިން ނިކުމެ ޒަކަރުގެ ޖިސްމުގެ ތެރެއަށް ވަންނަނީ ޒަކަރުގެ މުލުގެ ތެރެއިން ގޮހެވެ.

ޒަކަރުގެ މޫ ދޫކޮށް ދެން އިރެކްޓައިލް ސެލޯށިތައް ކުރިޔަށް ގޮސްފައިވަނީ ޒަކަރުގެ ޖިސްމުގައެވެ. ނޫނީ ދަނޑީގައެވެ. ޒަކަރުގައި މުލުގައިވާ ކަނާތު ކުރޫރާ، އަދި ވާތު ކުރޫރާ ޒަކަރުގެ ޖިސްމުގައި ކުރިޔަށް ގޮސްފައިވަނީ ކުރިމަތިން ދެފަރާތުގައިވާ ކޯރޕަސް ކެވަރނޯސާ(corpus cavernosa) ގެ ގޮތުގައެވެ. ދެފަރާތުގެ ދެ ކޯރޕަސް ކެވަރނޯސާ ވަކިކޮށްދެނީ ޒަކަރުގެ "ސެޕްޓަމް"(septum) އިންނެވެ. ޒަކަރުގެ ދަނޑީ(Shaft of penis)ގެ ފަހަތުން ވެސް ކުރިޔަށްގޮސްފައިވަނީ ޒަކަރުގެ މުލުގައިވެސް ޒަކަރުގެ ބަލްބް އެވެ. ޒަކަރުގެ ބަލްބް އުފެދިފައިވަނީ ކޯރޕަސް ސްޕަންޖިއޯސަމް(Corpus spongiosum) އިންނެވެ. އެހެންކަމުން ޒަކަރުގެ ޖިސްމުގައި ނޫނީ ދަނޑީގައި ކުޑަކަމުދާ ގޮޅި ގޮސްފައިވަނީ ޒަކަރުގެ ބަލްބް ނުވަތަ ކޯރޕަސް ސްޕަންޖިއޯސަމް ގެ ތެރެއިންނެވެ. ކޯރޕަސް ސްޕަންޖިއޯސަމް ނިމޭކޮޅުން ފުޅާވެގެން ގޮސް އުފެދިފައިވަނީ ޒަކަރުގެ ކުރީކޮޅުގައިވާ ޚިތާނު ކުރިމާ ޒަކަރުން ފާޅުވާ ހިސާބު ނޫނީ ޙަޝަފަތް(Glans penis) ނޫނީ އޮމާމަހެވެ.  

ޒަކަރުގައި ހިމެނޭ މަސްކޮޅުތައް

ޒަކަރުގެ މުލުގައި ޖުމުލަ 4 މަސްކޮޅު ހުރެއެވެ.

(ހ) – ބަލްބޯސްޕަންޖިއޯސަސް (bulbospongiosus): މިއީ ޒަކަރުގެ ބަލްބް ގައި އިންނަ ދެމަސްކޮޅެކެވެ. ކުޑަކަމުދާ ހޮޅީގައި ހުސްނުވެ ހުންނަ ކުޑަކަމު ނަޖިހާއި، މަނި ހަށިގަނޑުން ބޭރުކޮށް ހުސްކޮށްލުމަށްޓަކައި މިމަސްކޮޅު ކުރުގެޅިގެންދާނެ އެވެ. ނޫނީ މަސްކޮޅަށް ވާންވެ، ފިތި، ކުރުގެޅޭނެ އެވެ. މިމަސްކޮޅު ކުރިމަތީ ފައިބަރުތަކުން ޒަކަރުގެ ބަލްބްގެ ޕްރެޝަރު މަތިކުރުމަކީ ޒަކަރުގެ ވާންކަން ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ. ނުވަތަ ޒަކަރުގައި ވާންވެ ވަރުޖެހިފައި ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.

(ށ) - އިޝީއޯކެވަރނޯސަސް (Ischiocavernosus): މިދެމަސްކޮޅު އިންނަނީ ޒަކަރުގެ ވާތު އަދި ކަނާތު ކުރޫރާގެ ވަށައިގެންނެވެ. ޒަކަރުގެ ކުރޫރޫ ތަކުގެ ތެރޭގައިވާ ކޯރޕަސް ކެވަރނަސް ސްޕޭސް ތަކުގެ ތެރޭގައި ހުންނަ ލޭ ކޯރޕަސް ކެވަރނޯސާއަށް ފޮނުވުމަށްޓަކައި މިމަސްކޮޅު ކުރުގެޅި ފިތި ވާންވެއެވެ. މިއީ ޒަކަރުގެ ވާންކަން ދެމެހެއްޓުމަށް ނޫނީ ޒަކަރުގެ ވާންވެ ވާގިޖެހުމަށް ބޭނުންތެރި ކަމެކެވެ.

ޒަކަރުގެ ވަށައިގެންލެވިފައިވާ ފޭޝިއާގެ ނިވާފަތްގަނޑު

ޒަކަރުގެ އިރެކްޓައިލް ސެލޯށީގެ ބޭރުން ފޭޝިއާގެ ދެނިވާފަތްގަނޑު(Fascial coverings) ވެއެވެ. އެއީ އެންމެ މައްޗަށް އިންނަ "އެކްސްޓާރނަލް ފޭޝިއާ އޮފް ކޮލީސް"(external fascia of colles) އާއި، އެންމެ އެތެރޭގައިވާ ނުވަތަ ފުނުގައިވާ ޑީޕް ފޭޝިއާ އޮފް ޕީނިސް(deep fascia of penis)  ނުވަތަ ބަކްސް ފޭޝިއާ(Buck’s Fascia)  އެވެ. ފޭޝިއާ އޮފް ކޮލީސް ކުރިޔަށް ގޮސްފައިވަނީ ބަނޑުގެފާރު ނިވައިކޮށްދޭ "ފޭޝިއާ އޮފް ސްކާރޕާ"(Fascia of scarpa) ގެ ގޮތުގައެވެ. ބަކްސް ފޭޝިއާ އަކީ "ޑީޕް ޕެރިނިއަލް ފޭޝިއާ"(deep perineal fascia) އިން ކުރިއަށް ގޮސްފައިވާ ބައެކެވެ. އިރެކްޓައިލް 3 ސެލޯށި އެކައްޗެއްގެ ގޮތުގައި އެއް ނިވާފަތްގަނޑެއްގެ ދަށުގައި ވަރުގަދަކަމާއެކު ހިފަހައްޓައިދެނީ ބަކްސް ފޭޝިއާ އިންނެވެ. ޑީޕް ޕެރިނިއަލް ފޭޝިއާ ގެ ދަށުގައި "ޓިޔުނިކާ އަލްބުގިނީއާ"(tunica albuginea) ކިޔާ ވަރުގަދަ ފޭޝިއާ އެއް ވެއެވެ.

ޒަކަރުގައިވާ ލިގަމެންޓް ތައް

ޒަކަރުގެ މޫ ހިފަހައްޓައިދެނީ މައިގަނޑު 2 ލިގަމެންޓް އަކުންނެވެ.

(ހ) – ސަސްޕެންސަރީ ލިގަމެންޓް (suspensory ligament): މިއީ ޒަކަރުގެ އިރެކްޓައިލް ސެލޯށި " ޕިޔުބިކް ސިމްފީސިސް"(pubic symphysis) ކަށިގަނޑާއި ގުޅުވައިދީ، ހިފަހައްޓައިދޭ ލިގަމެންޓް އެވެ.

(ށ) – ފަންޑިފޯރމް ލިގަމެންޓް (fundiform ligament): މިއީ ބަނޑުގެ ތިރީ ފާރުގައިވާ "ލިނީއާ އަލްބާ"(linea alba) އޭ ކިޔާ ފައިބަރީ ބޭންޑް އިން އުފެދިގެން ތިރިއަށް ގޮސް، ވާފަށެއްގެ ސިފަޔަށް ޒަކަރު ވަށާލާފައި ގޮސް، ޕިޔުބިކް ސިމްފީސިސް އާއި ގުޅުވައިދީގެން ޒަކަރު ހިފަހައްޓައިދޭ ލިގަމެންޓެކެވެ.

ޒަކަރުގެ ހަން

ޒަކަރުގެ ހަމަކީ ހަށިގަނޑުގެ އެހެން ހިސާބުތަކަށްވުރެ ބޮޑަށް "ޕިގްމެންޓް"(pigmented) އެކުލެވޭ ތަނެކެވެ. މާނައަކީ ހަށިގަނޑުގެ އެހެން ހިސާބުތަކުގެ ހަމަށްވުރެ ޒަކަރުގެ ހަން އަދިރިވެފައި ކަޅުވާނެއެވެ. ޒަކަރުގެ ހަމުގައި ސަރުބީ ސެލޯށި(adipose tissue) ތަކެއް ނުހުންނާނެ އެވެ. ޒަކަރުގެ ހަން އޭގެ ދަށުގައިވާ ފޭޝިއާ ތަކާއި ގުޅުވައިދެނީ ދޫދޫކޮށް ހުންނަ "ގުޅުވައިދެނިވި ސެލޯށި"(loose connective tissue) ތަކުންނެވެ. ޒަކަރުގެ ކުރީކޮޅުގައިވާ ހަންކޮޅު އުފެދިފައިވަނީ ހަމާއި، ފޭޝިއާ ގުޅިގެންވާ ދެފަށަލައިންނެވެ. މިތަންކޮޅު އިންނަނީ އޮމާމަސްގެ ކަރުގަ(neck of the glans)އެވެ. ޒަކަރުގެ ކުރީކޮޅުގައިވާ ހަންކޮޅުން ކޮންމެވެސް ވަރަކަށް އޮމާމަސް ނިވައިކޮށްދޭނެ އެވެ. ޒަކަރުގެ ކުރީގައިވާ ހަންކޮޅު އޮމާމަސްގެ ސަތަހަ އާއި ގުޅުވައިދެނީ "ފްރެނިޔުލަމް"(frenulum) އިންނެވެ. މިއީ ޒަކަރު ދަށުން މެދުގައިވާ ސްކިން ފޯލްޑް(skin fold) އެކެވެ. އޮމާމަސް އާއި، ޒަކަރުގެ ކުރީކޮޅު ނިވައިދޭ ހަންކޮޅާއި ދޭތެރޭގައި އުފެދޭ ހުސްޖާގަ ކިޔަނީ "ޕްރިޕިޔުޝަން ސެކް"(preputial sac) އެވެ.

ލޭދައުރުވުން / ފަތިނާރުތައް

ޒަކަރަށް ސާފުލޭ ފޯރުކޮށްދެނީ އިންޓާނަލް އިލިއެކް އާޓަރީ(internal iliac artery)  އިން ކުރިފަޅައި ނިކުމެފައިވާ އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ(interna pudendal artery)ގެ 3 ގޮތްޕަކުންނެވެ. އެއީ ޒަކަރުގެ މަތިން ނުވަތަ ކުރިމަތިންވާ "ޑޯރސަލް އާޓަރީ"(dorsal arteries)ތައް، ޒަކަރުގެ އަޑީގައިވާ ނުވަތަ "ފުނުގައިވާ އާޓަރީ"(deep arteries) ތައް، އަދި "ބަލްބޯޔުރެތުރަލް އާޓަރީ"(bulbourethral artery) އިންނެވެ.

ޒަކަރުން ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް ދައުރުކުރުވަނީ ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކުގެ ޖޯޑަކުންނެވެ. އެގޮތުން ކެވަރނަސް ސްޕޭސް ތަކުން ލޭ އުފުލައިދެނީ ޒަކަރުގެ "ޑީޕް ޑޯރސަލް ވެއިން"(deep dorsal vein) އިންނެވެ. މިތަނުން ނުސާފުލޭ ގޮސް ހުސްވަނީ "ޕްރޮސްޓޭޓްގެ ވީނަސް ޕްލެކްސަސް"  (Prostatic venous plexus)އަށެވެ. ޒަކަރުގެ ހަމާއި އޭގެ ދަށުގައިވާ ސެލޯށިތަކުން ނުސާފުލޭ ހުސްވަނި "ސްޕަފިޝަލް ޑޯރސަލް  ވެއިން"(superficial dorsal vein) ތަކަށެވެ.

ޒަކަރަށް އިހުސާސްތައް ގެނައުމުގައި އަދި "ސިމްޕެތެޓިކް ނާރވް"(sympathetic innervation)ގެ ގޮތުގައި ބައިވެރިވަނީ ޕިޔުޑެންޑަލް ނާރވް(pudendal nerve) އައިސްފައިވާ "ޑޯރސަލް ނާރވް އޮފް ޕީނިސް"(dorsal nerve of penis) އެވެ. "ޕެރެސިމްޕެތެޓީކް ނާރވް"(parasympathetic innervation) ގެ ގޮތުގައި އައިސްފައިވަނީ "ޕެރިޕްރޮސްޓެޓިކް ނާރވް ޕްލެކްސަސް"(peri-prostatic nerve plexus) އިން އައިސްފައިވާ "ކެވަރނަސް ނާރވް"(cavernous nerve) އިންނެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

·         https://www.bartleby.com/107/262.html

·         https://teachmeanatomy.info/pelvis/the-male-reproductive-system/penis/

·         Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

·          Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

 

2 comments: