Wednesday, September 1, 2021

މަނިގުދަން

 

މަނި ގުދަން

މަނި ގުދަނަ(epididymis)ކީ ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމުން ދެފަރާތުގައިވާ ކޮންމެ އޮށެއްގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މަނިގުދަނަކީ އޮށުގައި ތަތްވެފައި އިންނަ އެއްޗަކަށްވުމުން ބަނޑުގައި ހެދިބޮޑުވުމުގެ ތެރޭގައި  ދަށްބަނޑުގައި އިންނަ އޮށް ސްޕަމެޓިކް ކޯޑުގެ ތެރެއިން ތިރިއަށް އުރަވަޅިއަށް ފައިބާއިރު އެއާއެކު މަނިގުދަން ވެސް ތިރިއަށް އުރަވަޅިއަށް ފައިބާނެއެވެ. މަނިގުދަނަކީ އެތަނެއްގެ ތެރޭގައި މަނި ގުދަންކޮށް، ރައްކާކުރުމުގެ އިތުރުން، މަނި އިތުރަށް ފުރިހަމަވެގެންދާ މަރުކަޒެއް ވެސް މެއެވެ. މަނި ގުދަން''އިފެރެންޓް ޑަކްޓް''(efferent duct)ތަކާއި  އޮށާއި، ގުޅުވާދެއެވެ.


މަނިގުދަނަކީ ވަރަށް ބޮޑަށް އޮޅިއޮޅިފައިވާ(convoluted)  ހޮޅިއަކަށްވުމުން އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 6 މީޓަރު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.  މަނިގުދަން އިފެރެންޓް ޑަކްޓް ތަކާއި، މަނިހޮޅި ގުޅުވައިދެއެވެ. މާނައަކީ މަނިގުދަނަކީ އިފެރެންޓް ޑަކްޓް ތަކާއި، މަނިހޮޅި އާއި ދެމެދުގައިވާ ބައެކެވެ.

އުފެދިގެންއައުން

ތުއްތު ދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިގެން އަންނައިރު، މަނިގުދަން އުފެދިގެން އަންނަނީ "މީސޮނެފްރިކް ޑަކްޓް" (mesonephric duct)އިންނެވެ. މި މިސޮނެފްރިކް ޑަކްޓް، ހަށިގަނޑުގެ ކުރީކޮޅުން ދަތުރުކޮށް ގޮސް، އެއިން މަސާނާ އުފެދިގެން އަންނަ "ކްލޯކާ"(cloaca) އާއި އެއްވެއެވެ. މީސޮނެފްރިކް ޑަކްޓް އިން ވަށައިގެންވާ މީސޮންޗައިމް އިން މީސޮނެފްރިކް ޓިބިޔޫލް ތަކުގެ ސިލްސިލާއެއް އުފައްދައެވެ. މިކުދިކުދި ހޮޅިތައް ނުވަތަ ޓިބިޔޫލްތައް ފަހުން ބަދަލުވަނީ އިފެރެންޓް ޑަކްޓް ތަކަށެވެ.

ބެހިގެންވާ ބައިތައް

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ ބޯ، ހަށިގަނޑު(ޖިސްމު)، އަދި ނިގުލެވެ.

ބޯ (head): މަނި ގުދަނުގެ ބޮލަކީ އޮށާއި އެންމެ ކައިރީގައިވާ ބައެވެ. ނުވަތަ މިއީ މަނިގުދަނުގެ މަތީބައިން ނިމޭ ބޮޑުކޮޅެވެ. މަނިގުދަނުގައި އެންމެ ސައިޒުން ބޮޑުކޮށް ފެންނަށް އިންނާނީ މަނިގުދަނުގެ ބޮލެވެ. މަނިގުދަނުގެ ބޯ އުފެދިފައިވަނީ އޮށުގެ ތެރޭގައި ހުންނަ އީފެރެންޓް ޓިބިޔޫލް(efferent tubules) ތަކުންނެވެ. އޮށުން މަނިގުދަނަށް ދަރިފަނި ގެންދަނީ މި އީފެރެންޓް ޓިބިޔޫލް ތަކުންނެވެ. އެހެންކަމުން މަނިގުދަން އޮށުގެ މަތީ ބަޔާއި ގުޅިފައިވަނީ ވެސް މި އީފެރެންޓް ޓިބިޔޫލް ތަކުންނެވެ.

ހަށިގަނޑު (body): މިއީ މަނިގުދަނުގެ މެދަށްވާ ބައެވެ. މަނިގުދަނުގެ ހަށިގަނޑު އުފެދިފައިވަނީ ވަރަށް ބޮޑަށް އޮޅިފައިވާ ޑަކްޓް ތަކުންނެވެ. މަނިގުދަނުގެ ތެރޭގައި ދަރިފަނި އިތުރަށް ފުރާ ފުރިހަމަވަނީ މަނިގުދަނުގެ ހަށިގަނޑު ނުވަތަ ޖިސްމު ގައެވެ.

ނިގޫ (tail): މިއީ މަނިގުދަނުގެ އޮށާއި އެންމެ ދުރުވީ ބައެވެ. މިއީ ނިމޭކޮޅުގައި ކޮންމެވެސް ވަރަކަށް ހިމަކޮށް އިންނަ ބައެކެވެ. މަނިހޮޅި ފެށިގެން އަންނަނީ މަނިގުދަނުގެ ނިގުލުންނެވެ.

އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާކޮށް ރައްކާކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ. މަނިގުދަނުގެ ނިގޫޖެހިގެން އިންނަނީ މަނިހޮޅިއެވެ. ނުވަތަ ކުރިޔަށް ގޮސްފައިވަނީ މަނިހޮޅީގެ ގޮތުގައެވެ.

މަނިގުދަނުގެ އަރިމަތީ ސަތަހައާއި، މަނިގުދަނުގެ ބޯ އަދި ނިގޫ ނިވާކުރެވިފައިވާ ތުނި ދުލިފަށަލަ އަކުންނެވެ. މިބުނާ ދުލިފަށަލަ އިން މަނިގުދަނުގެ ޖިސްމު ބޮޑުބައެއް ނިވާކުރެވިފައި ވެއެވެ. ނިވާނުކުރެވި އިންނަނީ މަނިގުދަނުގެ ފުރަގަހު ބޯޑަރުގައި އިންނަ ސައިނަސް އޮފް އެޕިޑިޑައިމިސް(sinus of epididymis) ނުވަތަ ޑިޖިޓަލް ފޮއްސާ(digital fossae) އޭ ކިޔޭ އަޑިކޮޅެކެވެ.

މަނިގުދަނުގެ ބޮލުގައި ކުޑަ ސްޓޯކްޑް އެޕެންޑޭޖް(small stalked appendage)  އެއް އިނދެއެވެ. މިތަނަށް ކިޔަނީ ''އެޕެންޑިކްސް އޮފް އެޕިޑިޑައިމިސް"(appendix of epididymis)  އެވެ.

މަނިގުދަނުގެ ބަތާނަފަށް

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު މަނިގުދަނުގެ އެތެރޭގެ ބަތާނަފަށުގައި ހުންނަނީ "ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަލް ސެލް"(pseudostratified columnar epithelial cells) ތަކެވެ. މީގެ ވަރަށް ގިނަ ވައްތަރުގެ ސެލްތައް ހުރެއެވެ. އޭގެ ތެރޭގައި މައިގަނޑުގޮތެއްގައި ހުންނަނީ ދިގުކޮށް ހުންނަ ނަރުވާލީ ސެލް( principal tall cells with sterocilia)  ތަކާއި، ދެމެދުގައިވާ ބޭސަލް ސެލް(basal cells) ތައް ހިމެނެއެވެ.  މީގެ އިތުރުން މަދު މިންވަރަކަށް ވިޔަސް "ހަލޯ ސެލް"(halo cells) ކިޔާ ސެލްތަކެއް ހުރެއެވެ. ޕްރިންސިޕަލް ސެލްތައް އެންމެ ދިގުކޮށް ހުންނާނީ މަނިގުދަނުގެ ބޮލުގެ ސެލްތަކުގައެވެ. އެއަށްފަހު މަނިގުދަނުގެ ޖިސްމާއި، ނިގުލާއި ހަމައަށް ދާވަރަކަށް ޕްރިންސިޕަލް ސެލްތަކުގެ ދިގުމިން ކުޑަވަމުން އަންނާނެ އެވެ. މަނިގުދަނުގެ ބަތާނަ ފަށުގައި ހުންނަ އެހެނިހެން ސެލްތަކުގެ ތެރޭގައި ހަމައެކަނި މަނިގުދަނުގެ ބޮލުގައި ހުންނަ އެޕިކަލް ސެލް(apical cell) ތަކާއި، ނިގުލުގައި ހުންނަ ކްލެއަރ ސެލް(clear cell) ތައް ހިމެނެއެވެ.

މަނިގުދަނަކީ ދިޔަތައް ހަށިގަނޑަށް ދަމާ ނުވަތަ ނަގާ ހޮޅިއެއް ވެސް މެއެވެ. އެގޮތުން މަނިއުފައްދާ ހޮޅިތަކުން ދޫކުރާ %90 ދިޔަ މަނިގުދަނުގެ ތެރޭގައި ހަށިގަނޑަށް އަނބުރާ ނަގައެވެ. ނުވަތަ ދަމާލައެވެ. މިގޮތަށް މަނިގުދަނުގައި ހޮޅީތެރޭ ހުންނަ ދިޔަތައް ހަށިގަނޑަށް ދެމުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ ޕްރިންސިޕަލް ސެލް ތަކުގައި ހުންނަ ނަރުވާ ތަކެވެ. އެއީ ޕްރިންސިޕަލް ސެލްތަކުގެ ސަތަހައިގެ މިންވަރު އިތުރުކޮށްގެންނެވެ.

އަދާކޮށްދޭ ވަޒީފާ

·         މަނި އިފެރެންޓް ޑަކްޓްތަކުން މަނިހޮޅި އާއި ހަމައަށް އުފުލައިދިނުން

·         މަނިގުދަންކޮށް ރައްކާކުރުން

·         މަނި ކޮށާރުކޮށް ބަހައްޓައި އޭގެ ތަރުކީޒުމަތިކޮށް، މަނި އިތުރަށް ފުރިހަމަކުރުން

·         މަނިހެދިބޮޑުވުމުގެ އެންމެ ފަހު މަރުހަލާ ހޭދަކުރަނީ މަނިގުދަނުގެ ތެރޭގައެވެ. ދަރިފަންޏަށް ބޭނުންވާ ހަރަކާތްތެރިކަމާއި، ބިހެއް މުޑުވަށްކުރުމަށް ބޭނުންވާ ގާބިލިއްޔަތު ދަރިފަންޏަށް ފުރާ ފުރިހަމައަށް ލިބިގެންދަނި މަނިގުދަނުގައި ދަރިފަނި ހޭދަކުރާ މަރުހަލާގެ ތެރޭގައެވެ.

·         ދަރިފަންޏަށް ގެއްލުންދޭ މާއްދާތައް މިސާލަކަށް އޮކްސިޖަން ރެޑިކަލްތައް، އަދި ޒީނޯބަޔޮޓިކްސް ފަދަ މާއްދާތަކުން ދަރިފަނި ހިމާޔަތްކޮށް ރައްކާތެރިކޮށްދެނީ މަނިގުދަނެވެ.

މަނިގުދަނަށް ލޭފޯރުކޮށްދެނީ ޓެސްޓިކިޔުލަރ އާޓަރީ ގެ ގޮފިތަކުންނެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://teachmeanatomy.info/pelvis/the-male-reproductive-system/testes-epididymis

https://www.sciencedirect.com/topics/medicine-and-dentistry/epididymis

https://www.bartleby.com/107/258.html

 

No comments:

Post a Comment