Wednesday, September 8, 2021

އަދުންހުލި

އަދުންހުލި

އަނދުންހުލި(sty) އަކީ ލޮލުގެ ބޮޑީގެ މަތީގައި (ލޮލުގެ މަތީބޮޑި ނުވަތ ތިރީ ބޮޑީގައި)  ނުވަތަ ބޮޑީގެ ތެރޭގައި ނުވަތަ ލޮލުގެ ވަށައިގެން ޖަހާ ނުވަތަ ނަގާ ކުޑަ، ރިހުން އެކުލެވޭ ރަތްކުލައިގެ ބިއްސެކެވެ. ނުވަތަ މުލިއްސެއްގެ ސިފަޔަށް އިންނަ/ ނަގާ / އުފެދޭ ފުއްޕުމެކެވެ. އާންމު ގޮތެއްގައި އަނދުންހުލި ނަގަނީ އެސްފިޔަތަކުގެ ބުޑުންނެވެ. ނުވަތަ ލޮލުގެ ރަވައިގައެވެ.ނުވަތަ ލޮލުގެ ބޮޑީގައެވެ. މިއީ ވަރަށް އާންމުކޮށް ލޮލުގެ ބޮޑީގައި އުފެދޭ އެއްޗެކެވެ. ގިނަ ފަހަރު އެއްވެސް ކަމެއް ނުކުރިކަމުގައި ވިޔަސް، އޭގެ ޒާތުގައި 2-1 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނދުންހުލި ހިނދި ނެތިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވަރަށް މަދުން ނޫނީ އެކަމުގައި ސީރިޔަސް ކަމެއް މެދުވެރިކުރުވާ ކަމެއް ނޫނެވެ. ނަމަވެސް ނެގުމަށްފަހު، އެއްކޮށް ހިނދި ނެތިދަންދެން ވެސް ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަނދުންހުލި ވަށައިގެންވާ ހިސާބު ދުޅަވެ، ރަތްވެ، އެތެރޭގައި ދޮސް ޖަމާވެފައި ހުރުމަކީ ވެދާނެ ގޮތެކެވެ. ހަމުގެ ކުލަ ކަޅު ނުވަތަ އަދިރި މީހެއްނަމަ، އަދުންހުލީގެ ވަށައިގެން ހުންނަ ރަތްކަން ފާހަގަކުރުމަކީ ދަތިކަމަކަށް ވެދާނެ އެވެ. ނުވަތަ އެފަދަ ރަތްކަން ފާހަގަނުވެދާނެ އެވެ. އަނދުންހުލި ނަގާފައި ހުންނަ ދުވަސްވަރު ލޯރަތްވެ، ލޮލުން ފެން އައިސްފާނެ އެވެ. ނަމަވެސް މިއީ ލޮލުގެ ފެނުމަށް އަސަރުކުރުވާ ކަމެއް ނޫނެވެ. އެންމެ އާންމުކޮށް އަނދުންހުލި ނަގަނީ ބެކްޓީރިޔާގެ ސަބަބުން ޖެހޭ އިންފެކްޝަންގެ ސަބަބުންނެވެ.


އަނދުންހުލި އާންމު ގޮތެއްގައި ނަގަނީ ކޮންމެވެސް އެއް ލޮލެއްގައެވެ. ނަމަވެސް އެއްލޮލުގައި އެކައްޗަށްވުރެ ގިނަ އަނދުންހުލި ނެގުމަކީ ވެދާނެ ގޮތެކެވެ.

ބައެއް ފަހަރު ލޮލުގެ ބޮޑީގެ ސަތަހަ މަތީގައި ދިރިއުޅޭ ނުވަތަ ހުންނަ ބެކްޓީރިޔާއެއްގެ ސަބަބުން ބޮޑީގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑް ތައް ބައްދާލައި، އެކަމުގެ ސަބަބުން ދުޅަވެދާނެ އެވެ. އަނެއްބައި ފަހަރު ލޮލުގެ ރަވައިގައި ޖަރާސީމުތައް ނުވަތަ މަރުވެފައި ހުންނަ ހަމުގެ ސެލްތައް ހަރުލާގޮތް ވެއެވެ.

ގިނަ ފަހަރު އަނދުންހުލި ފެށިގެން އަންނަނީ އެސްފިޔައެއް ޖެހިގެން ނަގާ ބިއްސެއްގެ ގޮތުގައެވެ. އެއަށްފަހު ރަތްކުލައިގައި އިންނަ ރިހުން އެކުލެވޭ ދުޅައަކަށް ބަދަލުވެ، އެގޮތުގައި ދުވަސްކޮޅެއް ހޭދަވެ، ފަޅައިގެން ގޮސް، އެއަށްފަހު ރަނގަޅުވެދެއެވެ. ބައެއް ފަހަރު އެއްވެސް ކަމެއް ނުކުރިޔަސް އޭގެ ޒާތުގައި އަނދުންހުލި ހިނދި ރަނގަޅުވެދެއެވެ.

އާންމު ގޮތެއްގައި އަނދުންހުލި ނަގަނީ ލޮލުގެ ބޮޑީގައި ކަމުން ވަރަށް ރީތިކޮށް އަނދުންހުލި ފެންނަށް ހުންނާނެ އެވެ. ނަމަވެސް ބައެއް ފަހަރު ބޮޑީގެ އެތެރޭގައި ނުވަތަ ދަށްފުށުގައި އަނދުންހުލި ނަގައެވެ. މިގޮތަށް ނަގާ އަނދުންހުލި ވެސް އެ ނެގުމަށް ކުރިމަތިވި އިންފެކްޝަން ފިލައި ދިއުމުން ރަނގަޅުވެދެއެވެ.

ސަބަބު / މަގުފަހިކުރާ ކަންތައްތައް

އަނދުންހުލި ނަގަނީ ލޮލުގެ ބޮޑީގައި ހިމެނޭ ތެޔޮ އުފައްދާ ގްލޭންޑް ތަކުގައި އިންފެކްޝަން ހެދުމުންނެވެ. އެގޮތުން މިގްލޭންޑްތަކުގައި އިންފެކްޝަން އެންމެ ބޮޑަށް އަށަގަންނަނީ "ސްޓެފައިލޮކޯކަސް" ބެކްޓީރިޔާގެ ސަބަބުންނެވެ. ގިނަ ފަހަރު އަނދުންހުލި ނަގަނީ ލޮލުގެ ބޮޑީގައި ހުންނަ ތެޔޮ އުފައްދާ ގްލޭންޑް ތައް ބެދުމުންނާއި، އިންފެކްޝަން ހެދުމުގެ ސަބަބުންނެވެ.

އަނދުންހެލި ނެގުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އަތްނުދޮވެ ލޮލުގައި އަތްލައި، އުގުޅައި، ހާކައި ހެދުން

·         އަތް ނުދޮވެ، ލޮލަށް ލައްވާ ލެންސްގައި އަތްލުން، ނުވަތަ ރަނގަޅަށް ސާފުނުކޮށް ލެންސް ލޮލަށްލެއްވުން

·         ލޮލުގައި މޭކަޕްގެ އަސަރު ހުއްޓައި، މޭކަޕް ނުފިލުވައި ނިދުން

·         ދުވަސްވީ ނުވަތަ މުއްދަތު ހަމަވެފައި ހުރި ރީތިވާ ސާމާނު ބޭނުންކުރުން (ޚާއްޞަކޮށް ލޮލުގައި އުގުޅުން)

·         ލޮލުގެ ބޮޑި ދުޅަވުން

·         "ރޯޒޭޝާ"(rosacea) ކިޔާ ހަމުގެ ބައްޔެއް ހުރުން

·         ހަކުރު ބަލިޖެހުން

·         ސެބޯރިކް ޑާމަރޓައިޓިސް ކިޔާ ހަމުގެ ބައްޔެއް ހުރުން

އަނދުންހުލީގެ ވައްތަރުތައް

ދެވްތަރެއްގެ އަނދުންހުލި ހުރެއެވެ. އެއީ ލޮލުގެ ރަވައިގައި (އެސްފިޔަތަކުގެ ބުޑުގައި) ނަގާ އަނދުންހުއްޔާއި، ލޮލުގެ ބޮޑީގައި ނަގާ އަނދުންހުއްޔެވެ. އާންމު ގޮތެއްގައި ލޮލުގެ ރަވައިގައި ހުންނަ އެސްފިޔަތަކުގެ ބުޑުގައި އަނދުންހުލި ނަގަނީ އެސްފިޔަތަކުގެ ބުޑުގައި ހުންނަ އިސްތަށީގެ ބުޑުގައި އިންފެކްޝަން ހެދުމުންނެވެ. މިގޮތަށް ނަގާ އަނދުންހުލި އިންނާނީ ކުޑަކުޑަ ބިއްސެއްގެ ސިފައިގައެވެ. މިއީ އެކްސްޓާރނަލް ހޯރޑިއޯލަމް(external hordeolum)  އެވެ. ލޮލުގެ ބޮޑީގައި ނަގާ އަނދުންހުލި އާންމު ގޮތެއްގައި ނަގަނީ ލޮލުގެ ބޮޑީގައި ހުންނަ ތެޔޮއުފައްދާ ގްލޭންޑް ތަކުގައި އިންފެކްޝަން ހެދުމުންނެވެ. މިއީ އިންޓާރނަލް ހޯރޑިއޯލަމް(internal hordeolum)  އެވެ.

ލޮލުގެ ބޮޑި ދުޅަވުމުން ވެސް އަނދުންހުލި ނަގައިފާނެއެވެ. މިއީ އެސްފިޔަތަކުގެ ބުޑާއި ހަމައިން ލޮލުގެ ބޮޑި ދުޅަވެ، ރަތްވާނެ ހާލަތެކެވެ. އަނދުންހުލި އެންމެ ފުރަތަމަ ނަގާއިރު ލޮލުގެ ބޮޑިރަތްވެ، ބީހިލުމުން ރިހުން ހުންނާނެއެވެ. ފަހަރުގައި އަނދުންހުލީގައި ހިރުވައި ކެހުން ހުރެދާނެއެވެ.

އަލާމާތްތައް

·         ރަތްކުލައިގެ ބިއްސެއް ނުވަތަ މުލިއްސެއް ލޮލުގެ ބޮޑީގައި ނެގުން

·         ލޮލުގެ ބޮޑީގައި ރިހުން

·         ލޮލުގެ ބޮޑި ދުޅަވުން

·         ލޮލުން ފެންއައުން

ދެނެގަތުން

އަނދުންހުލި ހުރިކަން ދެނެގަންނަނީ ލޮލުގެ ބޮޑި ބަލައި ޗެކުކޮށްގެންނެވެ. ބައެއް ފަހަރު ބޮޑުވާ ބިއްލޫރި ފަދަ އެއްޗެއް ބޭނުންކޮށްގެން ލޮލުގެ ބޮޑި ޗެކުކޮށްދާނެ އެވެ.

ފަރުވާ

އަނދުންހުއްޔަކީ ގިނަ ފަހަރު އެއްވެސް ފަރުވާއެއް ބޭނުންވާނެ ކަމެއް ނޫނެވެ. އެކަމަކު ތާފަނާ ފެނުން ބޮޑިތާން ކޮށްހެދުމުން އަނދުންހުލި ފަސޭހަވުން އަވަސް ވެއެވެ. އެގޮތުން ދުވަސްކޮޅެއް ވަންދެން ދުވާލަކު 4- 2 ފަހަރާއި ދެމެދު، ފަހަރަކު 15-10 މިނިޓް ވަންދެން ތާފަނާ ފެނުން އަނދުންހުލި ނަގާފައިވާ ލޮލުގެ ބޮޑި، ބޮޑިތާންކުރެވިދާނެ އެވެ. ތާފަނާ ފެނުން ބޮޑިތާން ކޮށްލުމަށްފަހު ސާފު އެއްޗަކުން ނޫނީ އިގިލި ރީތިކޮށް ދޮވެ ސާފުކުރުމަށްފަހު، އިގިލިން އަނދުންހުލި މަސާޖު ކޮށްލެވިދާނެއެވެ. އޭރުން އަނދުންހުލީގެ ތެރޭގައި ހުންނަ ދޮސްތައް ބޭރުވުމަށް އެހީތެރިވެދޭނެ އެވެ. މިގޮތަށް ހެދުމުން ތަދުވި ނަމަވެސް އަނދުންހުލި އަވަހަށް ފަސޭހަވާގޮތް ވެއެވެ. އާންމުކޮށް އަނދުންހުލި އޭގެ ޒާތުގައި ހިނދި ރަނގަޅުވެދާނެ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އަނދުންހުލި ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

އަނދުންހުލި ރަނގަޅުނުވެ، ދިގުދެމިގެންދާނަމަ އަންނަނިވި ކަންތައްތައް ފަރުވާގެ ގޮތުގައި ކޮށްފާނެ އެވެ.

·         އެންޓިބަޔޮޓިކް ބޭނުންކުރުން : ލޮލުގައި އުގުޅުމަށް އެންޓިބަޔޮޓިކް ކްރީމް، ނުވަތަ ލޮލަށް އެޅުމަށް އެންޓިބަޔޮޓިކް ލޮލަށް ޖައްސާތިކި ބޭނުންކުރަން ޑޮކްޓަރުން ލަފާދީފާނެއެވެ. އަނދުންހުލި ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ނުވަތަ ލޮލުގެ ބޮޑިން ވެސް ބޭރަށް ފެތުރިފައިވާނަމަ، ގުޅަ ބޭހުގެ ގޮތުގައި ވެސް އެންޓިބަޔޮޓިކް ނަގަން ޖެހިދާނެއެވެ.

·         ފަޅާލައިގެން ދޮސްތައް ނެރެ ސާފުކޮށްލުން : އަނދުންހުލި ރަނގަޅުނުވެ، އެތެރޭގައި ދޮސްހެދިފައިވާނަމަ ބައެއް ފަހަރު ފަޅާލައިގެން ދޮސްތައް ނެރެ ސާފުކޮށްލަން ޖެހިދާނެއެވެ.

ރައްކާތެރިވުން

އަނދުންހުލި ނެގުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ގިނަގިނައިން އަތްދޮވުން

·         ރަނގަޅަށް އަތްނުދޮވެ ލޮލުގައި އަތްނުލުން

·         އެހެން މީހުންގެ ރީތިވާ ސާމާނު ބޭނުންނުކުރުން

·         ދުވަސްވެ، މުއްދަތު ހަމަވެފައި ހުންނަ ރީތިވާ ސާމާނު ބޭނުންނުކުރުން

·         ލޮލަށް ލައްވާ ލެންސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން

·         ތާފަނާ ފެނުން ލޯ ބޮޑިތާންކުރުން

·         ލޮލުގެ ބޮޑި ދުޅަވެ ކަމެއްވެއްޖެނަމަ ޑޮކްޓަރަށް ދައްކައި ފަރުވާކުރުން

ހަވާލާ

·         https://www.nhs.uk/conditions/stye

·         https://www.aao.org/eye-health/diseases/what-are-chalazia-styes

·         https://www.mayoclinic.org/diseases-conditions/sty/symptoms-causes/syc-20378017

·         https://www.webmd.com/eye-health/understanding-sty-treatment 

No comments:

Post a Comment