އެޕިގެސްޓްރިކް ހާނިއާ
(މޭދަށުވައި)
އެޕިގެސްޓްރިކް ހާނިއާ(epigastric hernia) އަކީ ބަނޑުގައި އުފެދޭ ހާނިއާގެ ވައްތަރެކެވެ. އެޕިގެސްޓްރިކް ހާނިއާގެ މާނައަކީ ފޫޅާއި ތިނަކަށިގަނޑާއި ދެމެދުން މޭދަށާވީ ހިސާބުން ނުވަތަ އެޕިގެސްޓްރިއަމް (މޭދަށުގެ މެދުން ނުވަތަ ހަށިގަނޑުގެ މެދުރޮނގުން ވާގޮތަށް) އިން ކުޑަ ގޮހޮރުން ބައެއް ނުވަތަ ސަރުބީ ސެލޯށި ބަނޑުގެ މަސްފަށަލައިގެ ފާރުގައި އިންނަ ބާރުދެރަ ތަންކޮޅެއްގެ ޒަރީޢާއިން، ބޭރަށް ފުއްޕައި ނިކުތުމެވެ. މިވައްތަރުގެ ހާނިއާ އަށް ދިވެހި ބަހުން "މޭދަށު ވައި" ކިޔައި އުޅެއެވެ.
އެޕިގެސްޓްރިކް ހާނިއާ އަކީ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް
ކުރިމަތިވެދާނެ ހާނިއާ އެކެވެ. އާންމު ގޮތެއްގައި ބަނޑުގައި އުފެދޭ ހާނިއާގެ ތެރެއިން
%3-2 ހިއްސާ ކުރަނީ އެޕިގެސްޓްރިކް ހާނިއާ އެވެ.އުފަންވީއްސުރެން ވެސް އެޕިގެސްޓްރިކް
ހާނިއާ ހުރެދާނެއެވެ. ކުޑަކުދިންގެ އިތުރުން ތުއްތު ކުދިންގެ ފުށުން ވެސް އެޕިގެސްޓްރިކް
ހާނިއާ ފާހަގަކުރެވެއެވެ. ގިނަ ފަހަރު މިވައްތަރުގެ ހާނިއާގެ އަލާމާތްތައް މާބޮޑަށް
ފާހަގަނުވާތީ މިވައްތަރުގެ ހާނިއާ ހުރިނަމަވެސް އެކަން ނޭނގި ހިނގައިދާނެއެވެ. މިއީ
އާންމު ގޮތެއްގައި ސައިޒުން ކުޑަކޮށް ހުންނަ ހާނިއާ އެއް ކަމުގައި ވިޔަސް ބައެއް ފަހަރު
ތަންކޮޅެއް ބޮޑަށް ހާނިއާގެ ދުޅަ ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސަބަބު
މޭދަށުވައި ކުރިމަތިވަނީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގެ
ފާރު ރަނގަޅަށް ބަންދު ނުވުމުންނެވެ. އަލާމާތްތައް ގިނަ ފަހަރު ނުފެނިދާތީ، އަދި ވެސް މޭދަށުވައި
އާއި ބެހޭގޮތުން މާގިނަ މައުލޫމާތުތަކެއް ނުވަތަ ކަންތައްތަކެއް ހޯދިފައެއް ނުވެއެވެ.
ނަމަވެސް ބައެއް ނަޒަރިއްޔާތައް ބުނާގޮތުގައި މޭދަށުވައި އުފެދެނީ މޭދަށާވީ ހިސާބުގެ
ބަނޑުގެ މަސްފަށަލަ، ޑައަފްރަމް އާއި ތަތްވެ ހަރުލާފައިވާ ހިސާބުގައި ޕްރެޝަރު މަތިވެ، އެހިސާބަށް ބާރުބޮޑުވުމުންނެވެ.
އެކި ސައިޒުގެ އެކިވަރުގެ ބޮޑުމިނުގައި ވެސް އެޕިގެސްޓްރިކް ހާނިއާ އުފެދެއެވެ. އަދި
އެއްފަހަރާ އެއްތަނަށް ވުރެ ގިނަ ތަނުގައި ވެސް އެޕިގެސްޓްރިކް ހާނިއާ އުފެދިދާނެ އެވެ.
އާންމު ގޮތެއްގައި އުފަންވީއްސުރެ ވެސް އެޕިގެސްޓްރިކް
ހާނިއާ އުފެދިފައި ހުރެދާނެ އެވެ. އެޕިގެސްޓްރިކް ހާނިއާ އުފެދެނީ ބަނޑުގެ މަސްފަށަލައިގައި
ހިމެނޭ ތަންކޮޅެއް ބާރުދެރަ ތަންކޮޅެއްގެ ސަބަބުންނެވެ. ނުވަތަ އުފެދުމުގައި ބަނޑުގެ
މަސްފަށަލައިގެ ފާރު ބެދެންޖެހޭ ގޮތަށް ނުބެދުމުންނެވެ.
އެޕިގެސްޓްރިކް ހާނިއާ ކުރިމަތިވުމަށް މަގުފަހިވެދާނެ
ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުން
·
މާބަނޑުވުން
·
މެދުނުކެނޑި ކެއްސުން
·
ބަރުތަކެތި އުފުލާ ހެދުން
·
ވިހެއުން
·
މާގަދަޔަށް ކަސްރަތުކުރުން ނޫނީ ކުޅިވަރެއް ކުޅުމުގައި ބައިވެރިވުން
އަލާމާތްތައް
މޭދަށުވައި ގެ އަލާމާތްތައް އެއްވެސް ވަރަކަށް ނުފެނި
ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ކުޑައިރާއި، ފުރާވަރު ފަހަނައަޅާ ދާއިރު
ވެސް މޭދަށުވައި ހުރިކަން ފާހަގަނުވެ ހިނގައިދާނެއެވެ. ނަމަވެސް ވަރަށް ގިނަ ކުދިންނަށް
އެންމެ ކުޑަ އިރުން ފެށިގެން ވެސް މޭދަށުވައިގެ އަލާމާތްތައް ފާހަގަ ކުރެވެއެވެ.
މޭދަށުވައިގެ ސަބަބުން ކުޑަކުދިންނާއި، ބޮޑެތި މީހުންގެ ފުށުން
ވެސް އަންނަނިވި އަލާމާތްތައް ފެނިދާނެ އެވެ.
·
މޭދަށުވައިގެ ދުޅަހުރި ހިސާބުގައި ރިހުން
·
މޭދަށުވައިގެ ދުޅަހުރި ހިސާބުގައި ބީހިލުމުން ރިއްސުން
·
މޭދަށުވައި ހުރި ހިސާބުގައި އޭގެ ދުޅަ ފެންނަށްހުރުމާއި އެދުޅަ އިހުސާސްވުން
މޭދަށުވައި ގެ ސަބަބުން ފޫޅާއި، ތިނަކަށިގަނޑު (އުރަމަތީ
ކަށިގަނޑު) އާއި ދެމެދުން މޭދަށުގައި ފުއްޕުމެއް ނުވަތަ ދުޅައެއް އުފައްދައެވެ. އާންމު
ގޮތެއްގައި މިދުޅަ ނުވަތަ ފުއްޕުމަކީ ހާނިއާގެ ތެރެއިން ނިކުންނަ ނުވަތަ ހާނިއާގެ ގޮތުގައި
ނިކުންނަ ސަރުބީގެ ބޮޑިވަރެކެވެ.
މޭދަށުވައިގެ ސަބަބުން މޭދަށުން ނިކުންނަ ދުޅަ އަބަދު
ފެންނަށް ހުރެދާނެ އެވެ. ނޫނީ މިދުޅަ ބޭރަށް ފާޅުވެ އެނގެން ހުންނަނީ ކެއްސުން، ކިނބިހިއެޅުން، ހުނުން، ބޮޑުކަމުދިއުން ފަދަ ކަންކަން ފުރިހަމަކުރުމުގެ ތެރޭގައެވެ.
ބައެއް ފަހަރު މޭދަށުވައިގެ ސަބަބުން އުފެދޭ ދުޅަ އިތުރަށް ފުއްޕައި ބޮޑުވުމަކީ އެކަށީގެންވާ
ކަމެކެވެ. އަދި ބައެއް ފަހަރު އެއް ތަނަށްވުރެ ގިނަ ތަނުގައި އެއްފަހަރާ މޭދަށު ވައި ގެ ސަބަބުން ދުޅަ އުފެދިދާނެއެވެ.
މޭދަށުވައިގެ ސަބަބުން މޭދަށުގައި ރިހުމާއި، އެހިސާބުގައި ބީހިލުމުން
ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މޭދަށުވައިގެ ސަބަބުން އެއްވެސް އަލާމާތެއް
ނޫނީ އުދަނގުލެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު މޭދަށުވައިގެ
އަލާމާތްތައް އައިސް ގޮސްފައި ވެދާނެ އެވެ. މިގޮތަށް ދިމާވުމަށް ކިޔަނީ "ރެޑިޔުސަބަލް
ހާނިއާ"(Reducible hernia) އެވެ.
ނުރައްކާތައް
މޭދަށުވައި ހުރެމެ، އެކަމަށް ފަރުވާ ނުހޯދައިފިނަމަ
ނޫނީ އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ އަންނަނިވި ނުރައްކާތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ
ކަމެކެވެ.
·
ހާނިއާގެ ދުޅަބޮޑުވުން، އަދި އެގޮތަށް ބޮޑުވުމުން ހާނިއާގެ ގޮތުގައި ގޮހޮރުން ބައެއް
ނިކުތުން
·
ހާނިއާ ހުރި ހިސާބުގައި ރިއްސުމާއި، ބީހިލުމުން ތަދުވެ ރިހުން
·
ގޮހޮރު ބެދުން
·
ހާނިއާގެ ދުޅަ އާދަޔާ ޚިލާފަށް ބޮޑުވުން
ދެނެގަތުން
މޭދަށުވައި ހުރިކަން ދެނެގަންނަނީ ބޭރުފުށުން ބަލާބެލުންތަކުންނެވެ.
މޭދަށުވައި ހުރިކަން ދެނެގަތުމަށް ޑޮކްޓަރުން ބަލިމީހާގެ ޞިއްހީ ޙާލަތާއި، ބަލިމީހާގެ އާއިލާގެ ޞިއްޙީ
ޙާލަތާއި، އަދި ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކަކީ ކޮބައިތޯ
އަހައި އޮޅުން ފިލުވާނެއެވެ. ބަނޑަށް ފިތައި، ހާނިއާގެ އަސަރު ހުރިތޯ
ބެލުމަށް މަސައްކަތްކުރާއިރު އެކިގޮތްގޮތަށް ހުރުމަށް، އިށީނުމަށް ، ނޫނީ އޮށޯތުމަށް ބުނެފާނެއެވެ.
ބައެއް ފަހަރު ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން އެއް
ނުވަތަ ބަނޑުގެ ސީޓީ ސްކޭން އެއް ވެސް ހަދައިފާނެއެވެ. މީގެ ބޭނުމަކީ އިތުރު އެހެން
މައްސަލަތަކެއް ހާނިއާއި އެކުގައި ހުރިތޯ ދެނެގަތުމެވެ.
ފަރުވާ
މޭދަށުވައި އަކީ އޭގެ ޒާތުގައި ހިނދި ރަނގަޅުވެގެންދާނެ
ހާނިއާ އެއް ނޫނެވެ. މޭދަށުވައި ގެ ހަމައެކަނި ފަރުވާ އަކީ އޮޕަރޭޝަންކޮށްގެން އެކަން
ރަނގަޅުކުރުމެވެ. އެންމެ ތުއްތު ކުދިންނަށް ވެސް މޭދަށުވައި ކުރިމަތިވެއްޖެނަމަ ފަރުވާއެއްގެ
ގޮތުގައި ކުރެވޭ ކަމަކީ އޮޕަރޭޝަން ކުރުމެވެ. ސަބަބަކީ ހާނިއާގެ ދުޅަބޮޑުވެ، އެކަމުގެ ސަބަބުން ތަދާއި، އިތުރު މައްސަލަތައް ދިމާވުމުގެ
ފުރުޞަތު އޮންނާތީ އެވެ. މިއީ އާންމު ގޮތެއްގައި އެއްކޮށް ހޭނައްތައިގެން ކުރާ އޮޕަރޭޝަނެކެވެ.
އޮޕަރޭޝަންކުރުމުގެ ކުރިން
އޮޕަރޭޝަންކުރުމަށް އެދުމަތިކުރުމުގެ ކުރިން ޕްރިއެޑްމިޝަން
އެސެސްމަންޓް އެއް ހަދާނެއެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ލޭގެ ޓެސްޓުުތައް
·
އީސީޖީ ހެދުން
·
މޭގެ އެކްސްރޭ ނެގުން
އޮޕަރޭޝަންގެ ތެރޭގައި ދިމާވެދާނެ ހިރާސްތައް
ކުޑަކުރުމަށްޓަކައި އޮޕަރޭޝަންގެ ކުރިން މާބަރުދަން އިތުރު ބަރުހެލި މީހެއް ނަމަ
ބަރުދަން ލުއިކުރުމަށް ލަފާދޭނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާނަމަ
އެކަން ހުއްޓާލުމަށް އިރުޝާދު ދޭނެ އެވެ. ބައެއް ފަހަރު އޮޕަރޭޝަންކުރާ ދުވަހު
ދޫކޮށްލިޔަސް ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް އަނެއްބައި ފަހަރު ހަސްފަތާލުގައި
ދެތިން ދުވަހު މަޑުކޮށްލަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އޮޕަރޭޝަންކުރުން
މޭދަށުވައި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަން
އާންމު ގޮތެއްގައި ކުރަނީ ހޭނައްތައިގެން ކަމުގައި ވިޔަސް، ބަލިމީހާގެ ޞިއްޙީ
ހާލަތާއި ދުޅަހެޔޮކަމަށް ރިއާޔަތްކޮށް، ބައެއް ފަހަރު ހާނިއާ ހުރި ހިސާބު
އައްސިކޮށްގެން ވެސް އޮޕަރޭޝަން ކޮށްދާނޭ އެވެ.
އޮޕަރޭޝަންކުރުމަށްޓަކައި ހޭނެއްތުމަށް ބަނޑުން
ނުވަތަ މޭދަށުން ދެލޯވަޅެއް ނޫނީ ދެތަންކޮޅު ކަފާެލެވޭނެ އެވެ. މީގެ އެއްތަނުން
އެތެރެކުރެވޭނީ ލޯވަޅު އަޅައިގެން އޮޕަރޭޝަންކުރާތީ އެކަން ބެލުމަށް ބޭނުންކުރާ
ލެޕަރޮސްކޯޕް އެވެ. އަނެއް ލޯވަޅުން އެެތެރެ ކުރެވޭނީ އޮޕަރޭޝަން ކުރުމަށް
ބޭނުންކުރެވޭ އަދަވާތް ތަކެވެ. އެއަށްފަހު ހާނިއާގެ ގޮތުގައި ފުއްޕައި ބޭރަށް
ނިކުމެފައިވާ ބައި އެެތެރެއަށް އޭގެ މަގާމަށް ގެންގޮސް، އޭގެ މަތިންވާ މަސްފަށަލަ
ރަނގަޅަށް ބައްދައި ހާނިއާ ނިކުމެފައިވާ ހޮއި ރަނގަޅަށް ފޮރުވައިލެވޭނެ އެވެ.
ހާނިއާ ނިކުމެފައިވާ ހޮޔަކީ ކުޑަކުޑަ ހޮޔެއްނަމަ
އެތަން ފަހާލެވޭނެ އެވެ. ނަމަވެސް އެހޮޔަކީ ބޮޑު ހޮޔެއް ނަމަ ހޮއިގެ މަތީގައި
ނައިލޯން މެޝް ކޮޅެއް އެޅުމަށްފަހު ރަނގަޅަށް ބައްދަައި ، ފޮރުވައި ފަހައިލެވޭނެ
އެވެ.
މޭދަށުވައި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނުގެ ސަބަބުން
އާންމުކޮށް ކޮންމެ އޮޕަރޭޝަނެއްގެ ސަބަބުން ވެސް ދިމާވެދާނެ ނުރައްކާތަކާއި، އޮޕަރޭޝަންކުރުމަށްޓަކައި
ހޭނެއްތުމުން ކުރިމަތިވެދާނެ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން
އޮޕަރޭޝަނަށްފަހު ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
އޮޕަރޭޝަން ކުރިތަނުން ލޭމަނާނުވެ ލޭއައުން
·
އޮޕަރޭޝަން ކުރި ތަން ދުޅަވެ، ރިއްސުން
·
އޮޕަރޭޝަން ކުރި ތަނުގައި އިންފެކްޝަން ހެދުން
·
އޮޕަރޭޝަން ކުރިތަނުގެ ފާރު ފަސޭހަވުމަށްފަހު ލަކުނުލުން
·
ފައިގައި ނޫނީ ފުއްޕާމޭގައި ގަނޑުލޭކޮޅު އުފެދުން
·
އޮޕަރޭޝަން ކުރި ހިސާބުގައި ހާނިއާ ނޫން އިތުރު ފުއްޕުމެއް ނުވަތަ ދުޅައެއް އުފެދުން
·
އޮޕަރޭޝަން ކުރި ހިސާބުގައި ލޭޖަމާވެ، ހީމަޓޯމާ އުފެދުން
·
އަލުން އަނބުރާ މޭދަށުވައި އުފެދުން
·
އޮޕަރޭޝަނުގައި ހާނިއާ ހުރި ހިސާބު ބައްދައި ރަނގަޅުކުރުމަށް މެޝް ބޭނުންކުރިނަމަ
ބޭނުންކުރި މެޝްގައި އިންފެކްޝަން އަށަގަތުން
އޮޕަރޭޝަނަށްފަހު އަމަލުކުރެވޭގޮތް
މޭދަށުވައި ރަނގަޅުކުރުމަށް ކުރެވޭ
އޮޕަރޭޝަނަށްފަހުު އޮޕަރޭޝަން ކުރިތަނުގައި ތަދުހުރުމާއެކު ދުޅައެއް ހުރެދާނެއެވެ.
ތަދު ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ޑޮކްޓަރުން ލިޔެދޭނެއެވެ. އޮޕަރޭޝަނަށްފަހު
ވެސް ހާނިއާގެ ދުޅަ ހުރެދާނެ އެވެ. މިއީ އޮޕަރޭޝަން ކުރިތަން ފެހުމުގެ ސަބަބުން
ހުރެދާނެ ދުޅައެވެ. މިފަދަ ދުޅަ ދުވަސްކޮޅެއްގެ ތެރޭގައި ތިރިވެ ރަނގަޅުވެދާނެ އެވެ. އޮޕަރޭޝަަނަށްފަހު
ދިޔާތަކެތި ބޭނުންކުރުމަށް ބާރުއަޅާނެއެވެ. އަދި ފުރަތަމަ ލުއިކެއުންތައް ޚިޔާރު
ކުރުމަށް އިރުޝާދު ދޭނެ އެވެ. އޮޕަރޭޝަނަށްފަހު ބަނޑުހިކިދާނެތީ ފައިބަރުން
މުއްސަދި ކާނާގެ ބާވަތްތައް ކެއުމުގައި ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ.
އާންމު ގޮތެއްގައި އޮޕަރޭޝަންކުރި ތަނުގައި
އަޅާފައިވާ ބޭސްގަނޑު ނައްޓާލާނީ ފާރުގަނޑު ރަނގަޅަށް ފަސޭހަވުމުންނެވެ. މިކަމަށް
ފަހަރުގައި 10-5 ދުވަހުގެ މުއްދަތެއް ހޭދަވެދާނެއެވެ. ބޭސްގަނޑު ނައްޓާލުމަށްފަހު
ރަނގަޅަށް ފެންވަރައި ހެދޭނެ އެވެ.
އޮޕަރޭޝަނަށްފަހު ގާތްގަނޑަކަށް މަހެއްހާ
ދުވަސްވަންދެން ބުރަ މަސައްކަތްތައް ކުރުމުން ދުރުހެލިވާންޖެހޭނެ އެވެ. ޚާއްޞަކޮށް
ބަރުތަކެތި އުފުލައި ހަދައިގެން ނުވާނެއެވެ. އޮޕަރޭޝަނަށްފަހު 7 ދުވަސް ވަންދެން
އެއްވެސް ކަހަލަ އުޅަނދެއް ދުއްވައި ހެދުން ރަނގަޅެއް ނޫނެވެ.
މީގެ އިތުރުން އޮޕަރޭޝަން ކުުރުމަށްފަހު އެއްކޮށް
ރަނގަޅުވަންދެން އަންނަނިވި ކަންތައްތައް ކުރުމުގައި ފަރުވާތެރި ވާންޖެހޭނެ އެވެ.
·
އޮންނަ، ނޫނީ ހުންނަ ގޮތް ނޫން އެހެންގޮތަކަށް ބަދަލުުވުން
·
ކެއްސުން، ކިނބިހިއެޅުން
·
ބޮޑުކަމުދިޔުން
·
ރުއިން
·
ހޮޑުލުން
ގިނަ މީހުންނަށް އޮޕަރޭޝަން ކުރުމަށްފަހު 4-2
ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ އެމީހަކު ކުރާ މަސައްކަތަކަށް
ނިކުމެވޭނެ އެވެ. ނަމަވެސް މަސައްކަތުގެ ގޮތުުން ބަރުތަކެތި އުފުލާ ހަދަންޖެހޭ
މީހެއްނަމަ، މަސައްކަތަށް ނިކުތުމުގެ ކުރިން ޑޮކްޓަރާއި މަޝްވަރާކޮށް ގޮތެއް
ނިންމުން ބުއްދިވެރި އެވެ.
މޭދަށުވައި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަންގެ ސަބަބުން
ބައެއް ފަހަރު ނުރައްކާތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އޮޕަރޭޝަނަށް ފަހު
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ
މުހިއްމު ކަމެކެވެ.
·
ވަރަށް ގަދަޔަށް ހުންއައުން
·
ކުޑަކަމުދާން އުދަނގޫވުން
·
އޮޕަރޭޝަން ކުރިތަނުން ހަޑިއެއްޗެހި އައުން
·
އޮޕަރޭޝަން ކުރި ތަން ދުޅަވެ، ރިއްސުން
·
އޮޕަރޭޝަން ކުރިތަނުން ލޭމަނާނުވެ ލޭއައުން
·
މޭނުބައިކުރުން އަދި ހޮޑުލެވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
https://my.clevelandclinic.org/health/diseases/15757-hernia https://www.healthdirect.gov.au/surgery/epigastric-hernia-repair-adult
No comments:
Post a Comment