މަނިހޮޅި
މަނިހޮޅި(Vas deferens) އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި
މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި
މިފަދަ ދެ މަނިހޮޅި ވެއެވެ. އެއީ ކޮންމެ ފަރާތެއްގައި ހޮޅި އެކެވެ. ވަށައިގެން
މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ދެފަރާތުގެ ވެސް މަނި ހޮޅި
ފެށިފައިވާ، މަނި ގުދަން(Epididymis)
އިޖެކިއުލޭޓަރީ ޑަކްޓާ ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ގުދަނުން ފެށިގެން ގޮސް
އިޖެކިއުލޭޓަރީ ޑަކްޓް އާ ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. އެހެންކަމުން
މަނިހޮޅީގެ މަގަކީ މަނިގުދަން ޖެހިގެން ނުވަތަ ވިދިގެން ކުރިޔަށް ގޮސްފައިވާ
މަގެއް ނުވަތަ ހޮޅިއެކެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 45 ސެންޓިމީޓަރު
ހުރެއެވެ. މަނިހޮޅީގެ ވަށަމިނުގައި ގާތްގަނޑަކަށް 5-3 މިލިމީޓަރު ހުރެއެވެ.
މަނިހޮޅި އަކީ މަހުން އުފެދިފައިވާ ސީދަލަށް އިންނަ ބޯފާރެއް އެކުލެވޭ ހޮޅިއެކެވެ. މަނިގުދަނުން އިޖެކިޔުލޭޓަރީ ޑަކްޓްގެ އެމްޕިޔުލާ(ampulla) އަށް އަދި އެއަށްފަހު އިޖެކިޔުލޭޓަރީ ޑަކްޓް އަށް މަނިގެންގޮސްދެނީ މިމަނިހޮޅިންނެވެ. މަނިބޭރުވާން ޖެހެންދެން މަނިތައް ހުންނަނީ އިޖެކިޔުލޭޓަރީ ޑަކްޓް ގައެވެ. އިޖެކިޔުލޭޓަރީ ޑަކްޓް އިން މަނިތައް ދޫކުރާނީ ޕްރޮސްޓޭޓް ގްލޭންޑްގައިވާ ހީސްހޮޅީގެ ބަޔަށެވެ. މަނިހޮޅި މަނިގުދަނުން ފެށިގެން އިޖެކިޔުލޭޓަރީ ޑަކްޓް އާއި ދިމާލަށް ދާއިރު ސްޕަމެޓިކް ކޯޑުގެ ތެރެއިން ދާކަން ފާހަގަ ކުރެވެއެވެ.
މަސައްކަތް
·
މަނިގުދަނުން މަނި އިޖެކިޔުލޭޓަރީ ޑަކްޓް އާއި ހަމައަށް ގެންގޮސްދިނުން
·
މަނި ގުދަނާއި ގުޅިގެން މަނިގުދަންކޮށް ކޮށާރުކުރުން : އެގޮތުން އެމްޕިޔުލާ
އަކީ މަނި ކޮށާރުކުރެވޭ ތަނެކެވެ.
·
މަނި ދަތުރުކުރުން ހަލުވިކޮށް ދިނުމަށް ބޭނުންވާ ދިޔައެއް އުފައްދައި
ދޫކުރުން
·
މަނިބޭރުވުމުގެ ތެރޭގައި ބޭރުނުވެ ހުންނަ ދަރިފަންޏާއި، މަރުވެފައި ހުންނަ
ދަރިފަނި އަލުން ހަށިގަނޑަށް ދެމުން ނުވަތަ ނެގުން
މަނި ދަތުރުކުރުން
ހަލުވިކޮށްދޭ ރީނދޫ ކުލައިގެ ދިޔައެއް އެމްޕިޔުލާ އިން ދޫކުރެއެވެ. މިދިޔައިގައި
އެކުލެވޭ މާއްދާތަކުގެ ތެރޭގައި އާގޯތިއޮނެއިން، ފްރަކްޓޯޒް، އަދި ނިއުޓްރިއެންޓް
ތައް ހިމެނެއެވެ. މިއީ މަނި ތެތްކަމުގައި ދަމަހައްޓައި، ދެމިހުރުމަށް އެހީތެރިވެދޭ
ދިޔައެކެވެ.
އުފެދިފައިވާގޮތް
މަނިހޮޅީގެ ފާރު
އުފެދިފައިވަނީ މަޑުމަހުންނެވެ. މިފާރު އުފެދިފައިވާ މަޑުމަހުގެ 3
ފަށަލައަކުންނެވެ. އެގޮތުން އެންމެ އެތެރޭގައިވާ ފަށަލައަކީ "ލޮންޖިޓިޔުޑިނަލް
ސްމޫތު މަސަލް "(longitudinal smooth muscle) އެވެ. މެދުތެރޭގައިވަނީ
"ސާކިޔުލަރ ސްމޫތު މަސަލް"(circular smooth muscle) އެވެ. އަދި އެންމެ ބޭރުގައިވަނީ ވެސް "ލޮންޖިޓިޔުޑިނަލް
ސުމޫތު މަސަލް" (longitudinal smooth muscle)އެވެ. އެންމެ އެތެރެއިން ލެވިފައިވާ ފަށަލައިގެ އެތެރެއަށް
ދެން އިންނަނީ ފައިބްރޯއިލާސްޓިކް "ލެމިނާ ޕްރޯޕްރިއާ"(lamina propria) އެވެ. މިފަށަލަ ބަތާނަ ލެވިފައިވަނީ ސޫޑޯ
ސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަމް އިންނެވެ. މިމަސްތަކަށް އައިސްފައިވާ
އޮޓޮނޮމިކް ފަތިނާރު ތަކުގެ ސަބަބުން މަނިގުދަނުން ހަލުވިކަމާއެކު ފަރިދުވެލީގައި
މަނިހޮޅީގެ ތެރެއިން އިޖެކިޔުލޭޓަރީ ޑަކްޓް އާއި ހަމައަށް މަނިގެންގޮސްދެއެވެ.
މަނީގެ މިހަލުވި ހަރަކާތަށް ބާރުފޯރުކޮށްދޭ އަނެއް ފަށަލައަކީ މަނިހޮޅީގެ އެންމެ
އެތެރޭގައި ތެތް ދުލިފަށަލަ ނުވަތަ ބަތާނަ ފަށެވެ. މިބަތާނަ ފަށުގެ ސެލްތަކުގައި
"މައިކްރޯވިލައި"(microvilli) ކިޔާ ނަރުވާތަކެއް ހުރެއެވެ. މިނަރުވާތަކުގައި ހުންނަ މޫދުވިނަ
ހަރަކާތްކުރާ ފަދައިން ހަރަކާތްކުރުމުގެ ސިފައިގެ ސަބަބުން ފަސޭހަކަމާއެކު
މަންޏަށް މަނިހޮޅިގެ ތެރޭގައި ދައުރުކުރެވެއެވެ.
ފުރާފުރިހަމަވެފައިވާ
މަނިހޮޅި އެއްގައި ނަމަ، ބޭސަލް ސެލް ފަށަލައިގެ އިތުރުން ނަރުވާ ފަޅާފައި ހުންނަ
"ސޫޑޯސްޓްރެޓިފައިޑް ކޮލަމްނަރ އެޕިތީލިއަމް"(pseudostratified
columnar epithelium) ހުރެއެވެ.
މަނިހޮޅީގެ ބަތާނަ ފަށުގައި 4 ވައްތަރެއްގެ ސެލްތައް ހުރެއެވެ. އެއީ ޗީފް ސެލް،
ބޭސަލް ސެލް، ޕެންސިލް ސެލް، އަދި މައިޓޮކޮންޑްރީއާ އިން މުއްސަދި ސެލް ތަކެވެ.
އެމްޕިޔުލާގެ މަގުގެ ތެރޭގައި
ބައިވަރު މެޝް-ލައިކް ޕާޓިޝަންތަކާއި ފޯލްޑް ތައް ހުރެއެވެ. މަނިހޮޅީގެ އެހެން
ހިސާބުތަކަށް އެމްޕިޔުލާގެ ފާރު ތުނިވާނެއެވެ. ނަމަވެސް އެތެރޭގެ މަގު ނިސްބަތުން
މަނިހޮޅީގެ އެހެން ހިސާބުތަކަށްވުރެ ބޮޑުވާނެ އެވެ.
ދައުރުވެ،
ކުރިޔަށްގޮސްފައިވާގޮތް
އެނަޓޮމިކަލް ގޮތުން
ބަލާއިރު މަނިހޮޅި ދައުރުވެ، ކުރިޔަށްގޮސްފައިވާގޮތް ތިރީގައި މިވަނީ އެވެ.
-
މަނިހޮޅި އަކީ މަނިގުދަނުގެ ނިގުލުން ފެށިގެން ކުރިޔަށް ގޮސްފައިވާ
ހޮޅިއެކެވެ.
-
މަނިހޮޅި ފެށޭ މަނިގުދަނުގެ ނިގޫ އިންނަނީ އުރަވަޅީގެ ތިރިއަށް އިންނަ
ބައިގައެވެ.
-
ސްޕަމެޓިކް ކޯޑުގެ ތެރެއިން ގޮސްފައިވާ ބައެއްގެ ގޮތުގައި އިންގުއައިނަލް
ކެނަލްގެ ތެރެއިން ދަތުރުކުރެއެވެ.
-
ޅިނދުގެ އަރިމަތީ ފާރު ކައިރިން ތިރިއަށް ގޮސްފައިވެއެވެ.
-
މަނިހޮޅި މައްޗަށް މަސާނާ އާއި އެއް ލެވެލް އަކަށް ހަމަކުރުމަށް މައްޗަށް
ދާއިރު، އޭގެ ވަށައިގެން ސާފުލޭ ހޮޅިތަކާއި، ނުސާފުލޭ ހޮޅިތަކުން އުފެދިފައިވާ
ޕެމްޕިނިފޯރމް ޕްލެކްސަސް އާއި ފަތިނާރު ފައިބަރުތައް މަނިހޮޅީގެ ވަށާލާފައި
ވެއެވެ.
-
ގަޔާކައިރިވީ ފަރާތުން މަސާނާއާއި ގުރުތާއާއި ދެމެދުން ގޮސް، ތިރިއަށްޖެހި
މަސާނާގެ ފަހަތު ސަތަހައިން ތިރިއަށް ދެއެވެ.
-
މަނިހޮޅި މަސާނާގެ ފުރަގަހުން އައިސް އޭގެ މަގު ފުޅާވެ، އެމްޕިޔުލާ
އުފެދެއެވެ. އެމްޕިޔުލާ އަކީ މިހިސާބުގައި މަނިހޮޅީގެ މަގު ފުޅާވެގެންދާ ދިއުމެވެ.
-
މަނިހޮޅި ނިމޭތަނުގައިވާ އެމްޕިޔުލާގެ ހިމަ ބަޔާއި، މަނިގޮށުން އައިސްފައިވާ
ޑަކްޓް ގުޅިގެން އިޖެކިޔުލޭޓަރީ ޑަކްޓް އުފެދިގެން ދެއެވެ.
މަނިހޮޅި ފެށޭ
ހިސާބުން ކޮންމެވެސް ވަރަކަށް އޮޅިފައި ހުރެއެވެ. ނަމަވެސް އޮށުގެ ފަހަތު ބޯޑަރާއި
ދިމާލުން މައްޗަށްދާ ވަރަކަށް މަޑުމަޑުން އޮޅިފައިވާ ބައިތައް ފިލައި، ސީދާވެގެން
ދެއެވެ. މިގޮތަށް ސްޕަމެޓިކް ކޯޑުގެ ތެރޭގައި މައްޗަށް ގޮސް، ޑީޕް އިންގުއައިނަލް
ރިންގ ހުރަސްކޮށް ސްޕަމެޓިކް ކޯޑުން ބޭރުވެއެވެ. މިގޮތަށް ސްޕަމެޓިކް ކޯޑުން
ބޭރުވުމަށްފަހު ، އިންފީރިއަރ އެޕިގެސްޓްރިކް އާޓަރީ އެއްއަރިމައްޗަކުން
އަބުރާލައި، އެކްސްޓާރނަލް އިލިއެކް އާޓަރީގެ ކުރިމަތިން 2.5 ސމ
މައްޗަށްޖެހިލައެވެ. އެއަށްފަހު ފަހަތަށް ތިރިއަށް ދެއެވެ. މިގޮތަށް
ތިރިއަށްދާއިރު އެކްސްޓާރނަލް އިލިއެކް ލޭހޮޅިތައް ހުރަސްކުރެއެވެ. މިގޮތަށް ގޮސް
ޕެރިޓޯނިއަލް ކެވިޓީގެ ތެރެއަށް ވަދެއެވެ. އެއަށްފަހު އޮބްލިޓެރޭޓެޑް އަމްބްލިކަލް
އާޓަރީ، އޮބްޓިޔުރޭޓަރ ނާރވް އަދި އޮބޓިޔުރޭޓަރ ލޭހޮޅިތައް ފަދަ ބައިތަކުގެ
ގަޔާކައިރިވީ ފަރާތުން ތިރިއަށް ގުރުތާ ހުރަސްކުރެއެވެ. ގުރުތާގެ ގަޔާކައިރިވީ
ފަރާތަށް ޖެހި، ތިރިއަށް ލެނބިލައި، އެކިޔުޓް އޭންގަލް އެއް މަނިހޮޅި ލެނބިލާ
ތަނުން އުފެދިގެން ދެއެވެ. އެއަށްފަހު މަނިގޮށުގެ މަތީކޮޅާއި، މަސާނާގެ ފަންޑަސް
އާއި ދެމެދުން ތިރިއަށްދެއެވެ. އެއަށްފަހު މަނިހޮޅި މަސާނާގެ ފުރަގަހުން އައިސް
އޭގެ މަގު ފުޅާވެ، އެމްޕިޔުލާ އުފެދެއެވެ. އެމްޕިޔުލާ އަކީ މިހިސާބުގައި
މަނިހޮޅީގެ މަގު ފުޅާވެގެންދާ ދިއުމެވެ. މަނިހޮޅި ނިމޭތަނުގައިވާ އެމްޕިޔުލާގެ
ހިމަ ބަޔާއި، މަނިގޮށުން އައިސްފައިވާ ޑަކްޓް ގުޅިގެން އިޖެކިޔުލޭޓަރީ ޑަކްޓް
އުފެދިގެން ދެއެވެ.
ލޭދައުރުކުރުވުން
/ފަތިނާރު ސަޕްލައިކޮށްދިނުން
މަނިހޮޅި އަށް ސާފުލޭ
ގެންގޮސްދެނީ އާޓަރީ ޓު ދަ ވެސް ޑިފެރެންސް(artery
to the vas deferens) އިންނެވެ.
މިއީ އިންޓާނަލް އިލިއެކް އާޓަރީ އިން ނިކުމެފައިވާ އިންފީރިއަރ ވެސައިކަލް
އާޓަރީގެ ގޮތްޕެކެވެ.
މަނިހޮޅިއަށް ތަފާތު ފަތިނާރުގެ
ނިމުންތަކުން ސިގުނަލް ލިބެއެވެ. އެގޮތުން މަނިހޮޅީގެ މަޑުމަހުގައި
"އެޑްރީނަޖިކް ސައިނަޕްސަސް"(adrenergic synapses) ތައް ހުރެއެވެ. "ކޮލީނާރޖިކް ސައިނަޕްސަސް"(cholinergic synapses) އާއި
"ވޭސޯއެކްޓިވް އިންޓެސްޓައިނަލް ޕެޕްޓައިޑް ސައިނަޕްސަސް" (vasoactive intestinal peptide synapses)އެތެރޭގެ ތެތްދުލިފަށް ނުވަތަ ބަތާނައިގެ ގުޅުވާދެނިވި ސެލޯށި ތަކުގައި
ހުރެއެވެ. އަދި މީގެ އިތުރުން "ނޯރއެޑްރީނާޖިކް ސައިނަޕްސަސް"(noradrenergic synapses)
ވެސް ފަހަރުގައި މަނިހޮޅީގައި ހުރެދާނެއެވެ.
ހަވާލާ
https://teachmeanatomy.info/pelvis/the-male-reproductive-system/spermatic-cord/
https://www.sciencedirect.com/topics/medicine-and-dentistry/spermatic-cord
https://www.sciencedirect.com/topics/immunology-and-microbiology/vas-deferens
https://www.britannica.com/science/ductus-deferens
https://www.bartleby.com/107/259.html
No comments:
Post a Comment