Sunday, September 19, 2021

ހާނިއާ : އާންމު ނަޒަރަކުން

 

ހާނިއާ : އާންމު ނަޒަރަކުން

ހާނިއާ (Hernia)  ކުރިމަތިވަނީ އެތެރެ ހަށީގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނޫނީ ހަށިގަނޑުގެ އެހެން ބައެއް (މިސާލަކަށް ސަރުބީ ސެލޯށި) ، ހަށިގަނޑުގައި ހާނިއާ ނިކުންނަ ހިސާބެއްގެ ވަށައިގެންވާ މަސްތަކުގެ ނޫނީ މަސްގަނޑެއްގެ ފާރުގައި ނޫނީ  ފޭޝިއާ ފަދަ ގުޅުވައިދެނިވި ސެލޯށި ތަކުގައި ހުންނަ ބާރުދެރަ ތަންކޮޅެއް ތެރެއިން ނުވަތަ މަސްތަކުގެ ފާރުގައި ހުންނަ ދެރަކަމެއްގެ ސަބަބުން ބޭރަށް ނިކުތުމުންނެވެ.

ހާނިއާގެ ސަބަބުން ބަނޑުގައި ނޫނީ އުކުޅުވަޅުގައި ފުއްޕުމެއް ނުވަތަ ނިކުތުމެއް ނިކުމެފައި އިނަސް، ގިނަ ފަހަރު ހާނިއާގެ ސަބަބުން މާބޮޑެތި އުނދަގޫތަކެއް ކުރިމަތި ނުވެދާނެ އެވެ. މިގޮތަށް ބަނޑުން ނުވަތަ އުކުޅުވަޅުން ބޭރަށް ނިކުމެފައި އިންނަ ދުޅަ، ނުވަތަ ފުއްޕުން އޮށޯވެލުމުން އެތެރެއަށް ވަދެ، ފެންނަށް ނުހުރެދާނެއެވެ. ނަމަވެސް ބަނޑަށް ބާރުވާފަދަ ކަމެއް ކުރުމުން މިސާލަކަށް ކެއްސުން، ކިނބިހިއެޅުން، ބަރުއެއްޗެއް އުފުލައިހެދުން ފަދަ ކަމެއް ކުރުމުން މިފުއްޕުން ނިކުމެދާނެ އެވެ. ނުވަތަ ބޭރަށް ފުއްޕައި ނިކުމެދާނެ އެވެ.


ހާނިއާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން އާންމުކޮށް ކުރިމަތިވާ ހާނިއާގެ ވައްތަރުތަކުގެ ތެރެއިން %80-75 އަކީ އިންގްއައިނަލް ނޫނީ ފެމޯރަލް ހާނިއާ އެވެ. %2 ގެ ހާނިއާ އަކީ އިންސިޝަނަލް ނޫނީ ވެންޓްރަލް ހާނިއާ އެވެ. %10-3 އަކީ އަމްބިލިކަލް ހާނިއާ ނުވަތަ ފޫޅުދަނޑީ ވައި އެވެ. މިވައްތަރުގެ ހާނިއާ އަލަށްއުފަންވާ ތުއްތު ކުދިންގެ ތެރެއިން %20-10 ކުދިންނަށް ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު އެކުދިންގެ އުމުރުން 5 އަހަރުވުމުގެ ކުރިން އޭގެ ޒާތުގައި މިވައްތަރުގެ ހާނިއާ ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ. ހާނިއާގެ ވައްތަރުތަކުގެ ތެރެއިން %3-1 އަކީ ދެން ބާކީ ހުރި ވައްތަރުތަކުގެ ހާނިއާ އެވެ.

ހާނިއާގެ ވައްތަރުތައް

ހާނިއާގެ އެންމެ އާންމު ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) – އިންގްއައިނަލް ހާނިއާ (Inguinal Hernia): ފިރިހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް" އަކީ "ސްޕަމެޓިކް ކޯޑް"(spermatic cord)  އަދި ލޭހޮޅިތައް އުރަވަޅި އާއި އޮށުގެ ތެރެއަށް ގެންގޮސްދޭ މަގެވެ. އަންހެނުންގެ ހަށިގަނޑުގައި "އިންގްއައިނަލް ކެނަލް"(inguinal canal) ގައި ހިމެނެނީ އަންހެނުންގެ ރަހިމު ހިފަހައްޓައިދޭ "ރައުންޑް ލިގަމެންޓް"(Round ligament) އެވެ. އިންގްއައިނަލް ހާނިއާ ގައި ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން ފައިގެ ފަލަމަސްގަނޑަށް ނިކުންނަނީ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި މިވައްތަރުގެ ހާނިއާ އިންގްއައިނަލް ކެނަލްގެ ތެރެއިން ތިރިއަށް ގޮސް އުރަވަޅިއަށް ފައިބައި އުރަވަޅި ބޮޑުވެ ދުޅަވާގޮތް ވެއެވެ. މިހާލަތަށް ދިވެހި ބަހުން "ވައިފޭބުން" ކިޔައި އުޅެއެވެ. ހާނިއާގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. އަންހެނުންނަށްވުރެ ބޮޑަށް މިވައްތަރުގެ ހާނިއާ ކުރިމަތިވަނީ ފިރިހެނުންނަށްކަން ފާހަގަ ކުރެވެއެވެ. އެއީ އުފެދުމުގައި ފިރިހެނުންނަގެ މިހިސާބުގެ ދެރަކަމެއް ހުންނާތީ އެވެ. މިއީ އުކުޅުވަޅުގެ ތެރޭގައި އުފެދޭ ހާނިއާ އެކެވެ. އުކުޅުވަޅުގައި އުފެދޭ ހާނިއާގެ ތެރެއިން %96 ހާނިއާ އަކީ އިންގްއައިނަލް ހާނިއާ އެވެ. އުމުރުން ދުވަސްވުމާއި، ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންތައްތައް މިސާލަކަށް ބަރުތަކެތި އުފުލައިހެދުން ކަންކަމުގެ ސަބަބުން މިވައްތަރުގެ ހާނިއާ ކުރިމަތިވެދާނެ އެވެ.

(ށ) – ފެމޯރަލް ހާނިއާ (Femoral Hernia): މިވައްތަރުގެ ހާނިއާގައި ވެސް ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން ފައިގެ ފަލަމަސްގަނޑަށް ނިކުންނަނީ އެވެ. މިއީ އިންގްއައިނަލް ހާނިއާ ފަދައިން އާންމުކޮށް ކުރިމަތިވާ ވައްތަރެއް ނޫނެވެ. މިވައްތަރުގެ ހާނިއާ ގިނައިން ކުރިމަތިވަނި އުމުރުން ދުވަސްވީ އަންހެނުންނަށެވެ. މިއީ އުކުޅުވަޅުން ބޭރުގައި އުފެދޭ ހާނިއާ އެކެވެ. އިންގްއައިނަލް ހާނިއާ އެކޭ އެއްފަދައިން ފެމޯރަލް ހާނިއާ އަކީ ވެސް އުމުރުން ދުވަސްވުމާއި، ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންތައްތައް މިސާލަކަށް ބަރުތަކެތި އުފުލައިހެދުން ކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ހާނިއާ އެކެވެ.

(ނ) – އަމްބިލިކަލް ހާނިއާ (Umbilical Hernia): މިވައްތަރުގެ ހާނިއާގައި ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، ބަނޑުގެ މެދުން ފޫޅު ކައިރިން ބޭރަށް ނިކުންނަނީ އެވެ. މިވައްތަރުގެ ހާނިއާ އަށް ދިވެހި ބަހުން "ފޫޅުދަނޑީ ވައި" މިހެން ކިޔައި އުޅެއެވެ. މިވައްތަރުގެ ހާނިއާ އަލަށްއުފަންވާ ތުއްތު ކުދިންގެ ތެރެއިން %20-10 ކުދިންނަށް ކުރިމަތި ވެއެވެ. ނަމަވެސް ގިނަ ފަހަރު އެކުދިންގެ އުމުރުން 5 އަހަރުވުމުގެ ކުރިން އޭގެ ޒާތުގައި މިވައްތަރުގެ ހާނިއާ ރަނގަޅުވާކަން ފާހަގަ ކުރެވެއެވެ. މިވައްތަރުގެ ހާނިއާ ހަށިގަނޑު ބަރުހެލިކޮށް ތިބޭ އަންހެނުންނާއި، ގިނަ ދަރިން ވިހާފައިތިބޭ އަންހެނުންނަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންކަމުގެ ސަބަބުން ވެސް މިވައްތަރުގެ ހާނިއާ ބޮޑެތި މީހުންނަށް ކުރިމަތިވެދާނެ އެވެ.

(ރ) – ހިއެޓަލް ހާނިއާ (Hiatal Hernia): މިވައްތަރުގެ ހާނިއާ ގައި މެޔާއި ބަނޑު ވަކިކޮށްދޭ ހުރަސްފާރު ނުވަތަ "ޑައަފްރަމް" ގައި ހިމެނޭ ލޯވަޅަކުން ނުވަތަ ހުޅުވުމަކުން، (ކާތަކެތިހިނގާ ހޮޅި ނިކުމެފައިވާ މަގުން) މައިދާ އިން ބައެއް މައްޗަށް އުފުލި، މޭގެ ތެރެއަށް (ޗެސްޓް ކެވިޓީ) ނުވަތަ މޭމައްޗާއި ދިމާލަށް ޖެހި މައްޗަށް އުފުލޭގޮތް ނޫނީ ނިކުންނަގޮތް ވަނީ އެވެ. މިވައްތަރުގެ ހާނިއާގެ ސަބަބުން ފާހަގަކުރެވޭ މާބޮޑު އަލާމާތްތަކެއް ނުފެނިދާނެ އެވެ. ނަމަވެސް މެއިން ދިލަނެގުން މިވައްތަރުގެ ހާނިއާ ކުރިމަތިވުމުން ދިމާވާކަން ފާހަގަ ކުރެވެއެވެ. ހިއެޓަލް ހާނިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ފަހަރުގައި ހިއެޓަލް ހާނިއާ ކުރިމަތިވަނީ އުމުރުން ދުވަސްވުމުން ޑައަފްރަމްގެ ބާރު ދަށްވުމުންނާއި، އަދި ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން ކަމަށް އެކަށީގެންވެ އެވެ.

(ބ) - އިންސިޝަނަލް ހާނިއާ  (Incisional Hernia): މީގެ މާނައަކީ ޅިނދު، ނޫނީ ބަނޑުގެ އޮޕަރޭޝަނެއްކޮށް ލަކުނު ލާފައިވާ ހިސާބުން (ނުވަތަ އޮޕަރޭޝަނެއް ކުރުމަށްޓަކައި ކަފާލެވުނު ތަންކޮޅުން) ނޫނީ ރަނގަޅަށް ފާރުނުހިކި ހުރި ހިސާބުން ސެލޯށި ފުއްޕައި ނޫނީ ލަކުނު ފުއްޕައި، ސެލޯށިތައް ނުކުތުމެވެ. މިވައްތަރުގެ ހާނިއާ ބޮޑަށް ކުރިމަތިވަނީ އުމުރުން ދުވަސްވީ މީހުންނާއި، އޮޕަރޭޝަން ކުރުމަށްފަހު ބަރުހެލިކަމުގެ ސަބަބުން ހެލިފެލިވެއުޅުން މަދު މީހުންނަށެވެ.

(ޅ) - އެޕިގެސްޓްރިކް ހާނިއާ (Epigastric Hernia): މީގެ މާނައަކީ ފޫޅާއި ތިނަކަށިގަނޑާއި ދެމެދުން މޭދަށާވީ ހިސާބުން ކުޑަ ގޮހޮރުން ބައެއް ނުވަތަ ސަރުބީ ސެލޯށި ބޭރަށް ނިކުތުމެވެ. މިވައްތަރުގެ ހާނިއާ އަށް ދިވެހި ބަހުން "މޭދަށު ވައި" ކިޔައި އުޅެއެވެ.

(ކ) - ސްޕިޖީލިއަން ހާނިއާ  (Spigelion Hernia): މީގެ މާނައަކީ ބަނޑުގައި ފޫޅަށްވުރެ ތިރިން ބަނޑުގެ މަސްގަނޑުގެ އެއް އަރިމައްޗަކަށް ވާގޮތަށް، ކުޑަގޮހޮރުން ބައެއް ބޭރަށް ނިކުތުމެވެ.

(އ) - ޑައަފްރަމެޓިކް ހާނިއާ  (Diaphragmatic Hernia): މީގެ މާނައަކީ މެޔާއި ބަނޑު ވަކިކޮށްދޭ ހުރަސްފާރު ނުވަތަ "ޑައަފްރަމް" ގައި ހިމެނޭ ލޯވަޅަކުން ނުވަތަ ހުޅުވުމަކުން، އެތެރެހަށީގެ ގުނަވަނެއް ނޫނީ ބަނޑު ހިމެނޭ ހިސާބުގެ ގުނަވަނެއް މޭމައްޗާއި ދިމާލަށް ޖެހި، އުފުލިގެން ދިއުމެވެ. ތުއްތު ދަރިފުޅު މައިމީހާގެ ބަނޑުގައި ހެދިބޮޑުވަމުން އަންނައިރު ތުއްތު ދަރިފުޅުގެ ޑައަފްރަމް ރަނގަޅަށް ފުރިހަމަ ނުވާނަމަވެސް މިވައްތަރުގެ ހާނިއާ ކުރިމަތިވެދާނެ އެވެ.

(ވ) – މަސްލް ހާނިއާ (muscle hernia): މިއީ ބަނޑުގެ މަސްގަނޑަކުން ބައެއް ބޭރަށް ނިކުތުމެވެ. ކުޅިވަރު ކުޅުމުގައި ލިބޭ އަނިޔާއެއްގެ ސަބަބުން ބައެއް ފަހަރު ފައިގެ މަސްގަނޑަކުން ބައެއް ވެސް މިގޮތަށް ނިކުމެދާނެ އެވެ.

ހާނިއާ ކުރިމަތިވާ ސަބަބުތައް

އާންމު ގޮތެއްގައި ހާނިއާ ކުރިމަތިވަނީ މަސްގަނޑުގައި ނުވަތަ ފޭޝިއާ ގައި ދެރަކަމެއް ނުވަތަ ހުޅުވުމެއް ހުރުމާއެކު އެހިސާބަކަށް ޕްރެޝަރު ކުރިމަތިވުމުންނެވެ. މިގޮތަށް ޕްރެޝަރު ކުރިމަތިވުމުން، މަސްގަނޑުގައި ނުވަތަ ފޭޝިއާގައި ހުންނަ ހުޅުވުން ނުވަތަ ދެރަކަމުގެ ތެރެއިން ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ސެލޯއްޓެއްގެ ބައެއް ބޭރަށް ނިކުންނަ ގޮތް ވެއެވެ. ބައެއް ފަހަރު މަސްގަނޑުގައި ހުންނަ ދެރަކަން އުފެދުމުގައި ހުރެފާނެއެވެ. ނަމަވެސް މަދުން ވިޔަސް އުމުރުން ފަހުކޮޅުގައި މަސްކޮޅުގައި މިބުނާފަދަ ދެރަކަމެއް އުފެދިގެން އައުމަކީ ވެދާނެ ކަމެކެވެ.

އިންގްއައިނަލް ނޫނީ ފެމޯރަލް ހާނިއާ އަކީ އުފެދުމުގައި ބަނޑުގެ މަސްފަށަލައިގައި ހުރެފާނެ ނޫނީ ހުރި ދެރަކަމެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ. ނުވަތަ މިއީ އުމުރުން ދުވަސްވުމުން ކުރިމަތިވެދާނެ ކަމެކެވެ. ނުވަތަ މިއީ ތަކުރާރުކޮށް އުކުޅުވަޅާއި، ބަނޑަށް ބާރުވެ، ވާންވާ ފަދަ ކަމެއްކުރުމުން ނޫނީ އެހިސާބަށް ބާރުބޮޑުވާ ފަދަ ކަމެއް ކުރުމުން (މިސާލަކަށް އާންމުކޮށް ބަރުތަކެތި އުފުލައިހެދުން) ދިމާވެދާނެ ކަމެކެވެ. އެގޮތުން އުކުޅުވަޅާއި ބަނޑަށް މިދެންނެވި އުސޫލުން ބާރުބޮޑުވެ، ބަނޑަށް ބާރުވެ، ވާންވުން ކުރިމަތި ކުރުވައިފާނެ ކަންކަމުގެ ތެރޭގައި ބަރުތަކެތި އުފުލައިހެދުން، މާބޮޑަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުން، މާބަނޑުވުން، ތަކުރާރުކޮށް ގިނައިން ކެއްސުން، އަދި ބަނޑުހަރުވުމުގެ ސަބަބުން ބޮޑުކަމުދާއިރު މާބޮޑަށް ހިފާލަންޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.

ބޮޑެތި މީހުންނަށް ބަނޑަށް ވާންވެ، ބާރުވުމަކީ ފޫޅުދަނޑީ ވައި ކުރިމަތި ކުރުވައިފާނެ ކަމެކެވެ. ވިހެއުމަށްފަހުގަޔާއި، މާބޮޑަށް ފަލަވުން ، އަދި ތަކުރާރުކޮށް ދިގު މުއްދަތަކަށް ކެއްސުން ފަދަ ކަންކަމުގެ ސަބަބުން ވެސް ބޮޑެތި މީހުންނަށް ފޫޅުދަނޑީ ވައި ނުވަތަ އަމްބިލިކަލް ހާނިއާ ކުރިމަތިވެދާނެ އެވެ.

ހިއެޓަލް ހާނިއާ ކުރިމަތިވާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އުމުރުން ދުވަސްވުމުން ޑައަފްރަމްގެ ބާރު ދެރަވުމާއި، ބަނޑަށް ކުރިމަތިވާ ޕްރެޝަރުގެ ސަބަބުން މިވައްތަރުގެ ހާނިއާ މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބަނޑަށް ޕްރެޝަރު އިތުރުވެދާނެ ކޮންމެ ކަމެއްގެ ސަބަބުން ހާނިއާ ކުރިމަތިވުމަށް މަގުފަހިކުރުވައެވެވެ. އެފަދަ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަރުތަކެތި އުފުލައިހެދުން

·         ބަނޑުހިކުން

·         ބަނޑުދިޔާވެ ބޭރަށްހިންގުން

·         މެދުނުކެނޑި ނުފިލާ ކެއްސުމެއްހުރުން ނުވަތަ ކިނބިހިއެޅުން

ބަނޑުގެ މަސްތައް ދެރަވެ، ބާރުހިގައިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހަށިގަނޑު ބަރުހެލިވެ ފަލަވުން

·         ރަނގަޅުކާނާ ނުލިބުން

·         ދުންފަތުގެ އިސްތިއުމާލުކުރުން

ހާނިއާގެ އަލާމާތްތައް

ބަނޑުގައި ނޫނީ އުކުޅުވަޅުގައި އުފެދޭ ހާނިއާގެ ސަބަބުން ބަނޑުގެ ހާނިއާ އުފެދުނު ހިސާބުގައި ނުވަތަ އުކުޅުވަޅުގައި ދުޅައެއް ނޫނީ ފުއްޕުމެއް ނިކުމެފައި ހުރެދާނެއެވެ. ގިނަ ފަހަރު މިފުއްޕުމަށް ނޫނީ ދުޅައަށް ފިތާލުމުން ނޫނީ އޮބާލުމުން އެތެރެއަށް ވަންނާނެ އެވެ. ނޫނީ އޮށޯތުމުން މިދުޅަ، ނޫނީ ފުއްޕުން ހާމަވެ، ފެންނަން ނޫނީ ފާހަގަވާން ނުހުރެދާނެއެވެ. ހުނުން، ރުއިން، ކެއްސުން، ބަރުތަކެތި އުފުލުން، ބޮޑުކަމުދާއިރު ހިފާލުން ފަދަ ކަންކަމުގެ ސަބަބުން ހާނިއާގެ ސަބަބުން އުފެދިފައިވާ ދުޅަ ނުވަތަ ފުއްޕުން ބޭރަށް ނިކުމެ ހާމަވުމަކީ އެކަށީގެންވާ ކަމެކެވެ.

ހާނިއާގެ ސަބަބުން ފެނިދާނެ އެހެން ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

·         އުކުޅުވަޅު ނުވަތަ އުރަވަޅި ފުއްޕައި ދުޅަވުން

·         ހާނިއާގެ ދުޅަ ހުރި ހިސާބުގައި ތަދުވެ ރިހުން

·         ބަރުތަކެތި އުފުލާ ހަދާއިރު ހާނިއާ ހުރި ހިސާބުގައި ރިހުން

·         ގިނަ ދުވަސްވާވަރަކަށް ހާނިއާގެ ދުޅައިގެ ސައިޒު ބޮޑުވުން

·         ވަރަށް މަޑު ނުފިލާ ތަދެއް (ހާނިއާ ހުރި ހިސާބުގައި) ހުރުން

·         ފުރިފައި ހުންނަހެން އިހުސާސްވުން

ހިއެޓަސް ހާނިއާ ހުރި ކަމުގައި ވާނަމަ ބޭރު ފުށަށް ދުޅެއް ނޫނީ ފުއްޕުމެއް ނިކުމެފައި ނުހުރެދާނެ އެވެ. ނަމަވެސް މެއިން ދިލަނެގުން، މޭއެންދުން، މޭގައި ރިހުން، މަތިންއެރުން، ފުރިފައިހުރުން، އަދި ކާތަކެތި ދިރުވަން އުދަނގޫވުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

ފޫޅުދަނޑީވައި ނޫން އެހެން ވައްތަރުތަކުގެ ހާނިއާ އެއް އޭގެ ޒާތުގައި ރަނގަޅެއް ނުވާނެއެވެ. އަދި ކިއެއްތަ ދުވަސްވާ ވަރަކަށް ހާނިއާގެ ސައިޒުން ބޮޑުވެ، ހާނިއާ ހުރި ހިސާބުގައި ރިހުން ބޮޑުވެ، އިތުރު ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ދިމާވެދާނެ ބައެއް ނުރައްކާތައް ތިރީގައި މިވަނީ އެވެ.

(ހ) އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން (obstruction): މީގެ މާނައަކީ ސަރުބީ ސެލޯށި، ނޫނީ ބަނޑުގައިވާ ކުޑަގޮހޮރުން ބައެއް  އުކުޅުވަޅުގައިވާ އިންގްއައިނަލް ކެނަލްގައި ނުވަތަ އުރަވަޅީގައި ތާށިވެ، މައްޗަށް ނުގޮސް އިންގްއައިނަލް ކެނަލް ބެދުމެވެ. މިގޮތަށް ދިމާވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިހުން، އަދި އުކުޅުވަޅުގައި ފުއްޕުމެއް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ސްޓްރެންގިޔުލޭޝަން (strangulation): މީގެ މާނައަކީ ކުޑަގޮހޮރުން ބައެއް ހިފެހެއްޓޭގޮތަކުން އެއަށް ލޭފޯރުކޮށްދިނުން ހުއްޓޭގޮތް ވުމެވެ. މިހާލަތުގައި ވީއެންމެ އަވަހަކަށް ފަރުވާ ނުކޮށްފިނަމަ ސެލޯށިތައް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ސްޓްރެންގިޔުލޭޝަން ކުރިމަތިވަނީ އިސްވެދިޔަ އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން ކުރިމަތިވެ، އެއަށް ފަރުވާ ނުކުރެވިއްޖެނަމަ އެވެ.

ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

އާންމު ގޮތެއްގައި އަންނަނިވި ކަންތައްތައް ދިމާވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ އެވެ.

·         ހާނިއާގެ ސަބަބުން ދުޅަވެ ފުއްޕާފައިވާ ތަން އޮއްބާލުމުން ވެސް އެތެރެއަށް ނުވަނުން

·         ކުއްލިއަކަށް ވަރަށް ބޮޑަށް ހާނިއާ ހުރި ހިސާބުގައި ރިހުން

·         މޭނުބައިކުރުމާއެކު ހޮޑުލެވުން

·         ބޮޑުކަމުދާން ދަތިވުން

·         ވައިބޭރުކުރަން ދަތިވުން

·         ހާނިއާ ހަރުވެ، ބީހިލުމުން ރިއްސައި، އޮއްބާލުމުން ވެސް އެތެރެއަށް ނުވަނުން

·         ހިތުގެ ވިންދު އަވަސްވުން

·         ހުންއައުން

ދެނެގަތުން

ޖިސްމާނީ ބެލުންތަކުން އާންމު ގޮތެއްގައި ހާނިއާއާއި ގުޅިގެން އުފެދިފައިވާ ދުޅަ، ނޫނީ ބޭރަށް ނިކުމެފައިވާ ފުއްޕުން ފާހަގަވާން ހުންނާނެ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި އިންގްއައިނަލް ހާނިއާ ހުރިތޯ ޔަގީންކުރުމަށްޓަކައި އުރަވަޅި އާއި، އުކުޅުވަޅު ހިމެނޭ ހިސާބު ބަލައި ހަދާނެއެވެ. ބައެއް ފަހަރު ހާނިއާ ހުރިތޯ ޔަގީންކުރުމަށްޓަކައި އަލްޓްރާ ސައުންޑް ސްކޭން އެއް ނުވަތަ ސީޓީ ސްކޭން ވެސް ހަދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ފަރުވާ

އާންމު ގޮތެއްގައި ފޫޅުދަނޑީ ވައި ފިޔަވައި އެހެން ވައްތަރުތަކުގެ ހާނިއާ އަކީ އޭގެ ޒާތުގައި ރަނގަޅުވެދާނެ ބައްޔެއް ނޫނެވެ. އަދި ހާނިއާގެ ގިނަ ވައްތަރުތައް ރަނގަޅު ކުރުމަށް ކުރެވެނޭ ކަމަކީ ހަމައެކަނި އޮޕަރޭޝަން ކުރުމެވެ. ހާނިއާ އަށް ފަރުވާ ކުރާނީ އޮޕަރޭޝަން ޑޮކްޓަރުންނެވެ. އޮޕަރޭޝަން ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑު ބަލައި ހަދާ ބެލުމަށްތަކަށްފަހު އެމީހަކަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އަދި ކުރިޔަށްދާންވީ މިސްރާބަކީ ކޮބައިކަން ކަނޑައަޅާނެ އެވެ.

މިސާލަކަށް ކުޑަކުއްޖެއްގެ ފޫޅުދަނޑީ ވައި ހުރެފައި، އެހާނިއާގެ ސައިޒުން ބޮޑުވެފައި، އުމުރުން 5-4 އަހަރުވާއިރު ވެސް ރަނގަޅުނުވެ ހުރިނަމަ، އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ. އުމުރުން 5-4 އަހަރުވުމަށްފަހު އޮޕަރޭޝަން ކުރުމުން، އެއާއި ވިދިގެން އަންނަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަވެއެވެ.

ހަމަ މިގޮތަށް ބޮޑުމީހެއްގެ ފޫޅުދަނޑީ ވައި ހުރިނަމަ، އެމީހަކު ޖެހޭނީ އޮޕަރޭޝަން ކުރާށެވެ. ސަބަބަކީ މިފަދަ ހާނިއާ އޭގެ ޒާތުގައި ރަނގަޅުނުވުމެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުމެވެ.

އާންމު ގޮތެއްގައި ހާނިއާ ހުރިނަމަ އޮޕަރޭޝަން ޑޮކްޓަރުން 3 ވައްތަރެއްގެ އޮޕަރޭޝަނެއް ކޮށްއުޅެއެވެ. އެވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) – ފަޅާލައިގެން އޮޕަރޭޝަންކުރުން (open surgery): ފަޅާލައިގެން އޮޕަރޭޝަން ކުރާއިރު ހާނިއާ ހުރި ހިސާބަކުން ތަންކޮޅެއް ކަފާލެވެއެވެ. ބޭރަށް ނިކުމެފައިވާ ސެލޯށި އަނބުރާ ހުރި ތަނަށް ގެންދިއުމަށްފަހު، ދެރަވެފައިވާ މަހުގެ ފާރު ރަނގަޅަށް ފަހައިލެވެއެވެ. ބައެއް ފަހަރު މިގޮތަށް ފަހާލާއިރު، ބައެއް ވައްތަރުގެ "މެޝް" އެހިސާބަށް ލެއްވުމަށްފަހު ފަހާލައެވެ. މިފަދަ މެޝްގެ ސަބަބުން އެހިސާބަށް އިތުރު ބާރުލިބިގެންދެއެވެ.

(ށ) – ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކުރުން (laparoscopic surgery): ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރާއިރު ކުރިން ބުނެވިދިޔަ ގޮތަށް ތަންކޮޅެއް ކަފާލުމުގެ ބަދަލުގައި ކުޑަކުޑަ ދެ ތަންކޮޅެއް (ލޯވަޅެއްގެ މިންވަރު) ކަނޑާލުމަށްފަހު އެތަނުން ބޭނުންވާ އަދަވާތްތަކާއި، ލެޕަރޯސްކޯޕް، އެތެރެއަށް ފޯރުވައިގެން އޮޕަރޭޝަން ކުރާނީ އެވެ.

(ނ) – ރޮބޯޓިކް ހާނިއާ ރިޕެއަރ (robotic hernia repair): ލޯވަޅު ތޮރުފައިގެން ކުރާ އޮޕަރޭޝަނެކޭ އެއްފަދައިން މިވައްތަރުގެ އޮޕަރޭޝަން ގައި ވެސް ލެޕަރޯސްކޯޕް ބޭނުންކުރާނެއެވެ. އޮޕަރޭޝަން ކުރުމަށްޓަކައި ކަފާލާނީ އަދަވާތްތައް އެތެރެއަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ކުޑަ ތަންކޮޅެކެވެ. ރޮބޯޓިކް ސާޖަރީގައި އޮޕަރޭޝަން ކުރާ ޑޮކްޓަރު އިންނާނީ ކޮންސޯލް ގައެވެ. އޮޕަރޭޝަންކުރަން ބޭނުންކުރާ އަދަވާތްތަކުގެ ބޭނުން އޮޕަރޭޝަން ޑޮކްޓަރު ކުރާނީ ކޮންސޯލް ގައި އިނދެގެންނެވެ. އާންމު ގޮތެއްގައި ތަންކޮޅެއް ކުޑަ މިންވަރަކަށް ހާނިއާގެ އަސަރު ހުރިނަމަ ރޮބޯޓިކް ސާޖަރީ ކުރެއެވެ. އަދި ބަނޑުގެ ފާރު އަލުންބިނާކުރުމަށް (އޮޕަރޭޝަންކޮށްގެން ބަނޑުގެ މަސްތަކުގެ ފާރުގައި ހުންނަ ބާރުދެރަ ހިސާބުތައް ރަނގަޅުކޮށްދީ ހެދުމަށް) ވެސް ރޮބޯޓިކް ސާޖަރީ ކޮށްއުޅެއެވެ.

އޮޕަރޭޝަންކުރުން އެއީ ހާނިއާ އާއި ގުޅިގެން އެންމެ ރަނގަޅު ކަމެއްތޯ ކަނޑައަޅެމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރާނެއެވެ.

·         ހާނިއާ ގެ ވައްތަރު : ބައެއް ވައްތަރުގެ ހާނިއާ އިން ވަރަށް ފަސޭހައިން ސްޓްރެންގިޔުލޭޝަން ނުވަތަ އޮބްސްޓްރަކްޝަން ކުރިމަތިވެދާނެ އެވެ.

·         ހާނިއާގައި ހިމެނޭ ބައިތައް : ބައެއް ފަހަރު ހާނިއާ ގައި ގޮހޮރު، މަސްގަނޑު، ނޫނީ އެހެން ވެސް ސެލޯއްޓެއްގެ ބައެއް ހިމެނި އެކަމުގެ ސަބަބުން ސްޓްރެންގިޔުލޭޝަން ނުވަތަ އޮބްސްޓްރަކްޝަން ކުރިމަތިވުމުގެ ހިރާސް އިތުރުވެދާނެ އެވެ.

·         ދިމާވެފައިވާ އުނދަގޫތަކާއި، އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރާ މިންވަރު : އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަމަށް ކުރިމަތިވެފައިވާ ހާނިއާ ގެ ސަބަބުން އަސަރުކުރާނަމަ، ނުވަތަ ހާނިއާގެ އުދަނގޫތައް ދުވަހެއް ދުވަހަކަށް ގޯސްވެގެންދާނަމަ އޮޕަރޭޝަން ކުރަންޖެހިދާނެ އެވެ.

·         އާންމު ދުޅަހެޔޮކަން : އާންމު ދުޅަހެޔޮކަން ދަށްނަމަ، އޮޕަރޭޝަން ކުރުމުގެ ސަބަބުން އިތުރު ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެދާނެ އެވެ.

ރައްކާތެރިވުން

·         ކަސްރަތުކޮށްގެންނާއި، ކެއުމުގައި ދުޅަހެޔޮގޮތްތައް ޚިޔާރުކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުން

·         ބަނޑުހިކުނަނުދިނުމަށްޓަކައި ކެއުމުގައި ތަރުކާރީ އާއި،މޭވާ އާއި،ފަތްޕިލާވެލި،ހޯލްގްރޭއިންސް ބާވަތްތައް ހިމެނުން

·         ބަރުތަކެތި އުފުލައި ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށްހެދުން

·         ދިގުއްދަތަކަށް ކެއްސައި، ކިނބިހިއަޅައި ހެދޭނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން

·         ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/15757-hernia

·         https://www.webmd.com/digestive-disorders/understanding-hernia-basics

·         https://www.nhs.uk/conditions/hernia/

·         https://www.hopkinsmedicine.org/health/conditions-and-diseases/how-to-tell-if-you-have-a-hernia

 

No comments:

Post a Comment