Wednesday, November 18, 2015

މާބަނޑުދުވަސްވަރު ބޯއެނބުރުމާއި، ހޭނެތުން

މާބަނޑު ދުވަސްވަރު - ބޯއެނބުރުމާއި ހޭނެތުން
ބޯއެނބުރުމާއި، އަނބުރައިގަތުން ނުވަތަ ހޭނެތުން ފަދަ ކަންކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ކަންކަމެވެ. އާންމު ގޮތެއްގައި ބޯއެނބުރުމާއި، ހޭނެތުން ކުރިމަތިވަނީ ފުރަތަމަ 3 މަހުގައި ކަމަށްވިޔަސް، ބަލިވެއިނުމަށްފަހު، ވިހެއުމާއި ދޭތެރޭގެ ކޮންމެ ދުވަސްވަރެއްގައި ވެސް މިކަންކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

މިކަން ދިމާވަނީ މައިމީހާގެ ރަހިމާއި، ފަޔާއި، ދިމާލަށް ތިރިއަށް ލޭދައުރުވާން ފެށުމުންނެވެ. މިގޮތަށް ލޭ ދައުރުވަނީ ބަލިވެއިނުމާއި ގުޅިގެން (ފުރަތަމަ ދުވަސްކޮޅު / ކުރީކޮޅުގައި) ހަށިގަނޑުގައި އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ލޭހޮޅި ތައް ފުޅާވުމުންނެވެ. މިލޭހޮޅިތައް ފުޅާވުމުން ކުޑަދަރިފުޅުގެ ހަށިގަނޑަށް ސާފުލޭހޮޅިތަކުގެ އެހީގައި ލޭ ފޯރުކޮށްދިނުން ހަލުވިވެއެވެ. ނަމަވެސް ނުސާފުލޭހޮޅިތަކުން އަނބުރާ ހިތާ ދިމާލަށް ލޭއައުން ލަސްވާގޮތް ވެއެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ސިކުނޑިއަށް ލޭފޮނުވައިދިނުން ދަށްވެ، އާޚިރުނަތީޖާއެއްގެ ގޮތުން ވަގުތީގޮތުން (ހިނދުކޮޅަކަށް ނަމަވެސް) ބޯއަނބުރާގޮތްވެއެވެ. 

މާބަނޑުވުމާއި ގުޅިގެން ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތްތަކަށް ހަށިގަނޑުގެ ހޭނުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ލޭގައި ހަކުރުގެ ހުންނަ މިންވަރު ބައެއް ފަހަރު ދަށްވާގޮތް ވެއެވެ. މިއީ ވެސް ބޯނއެބުރުމާއި، ހޭނެތުން ކުރިމަތިވެދާނެ ކަމެކެވެ. ލޭމަދުވުން ހުންނަ މީހުންނާއި، ނާރު ފުއްޕުން ހުންނަ މީހުންނަށް ، ބަލިވެއިނުމުން ބޯއަނބުރައި، ހޭނެތުމުގެ ފުރުޞަތު ބޮޑެވެ.
މާބަނޑުވުމަށްފަހު، 2 ވަނަ 3 މަހުގެ ތެރޭގައި ބޯނއަބުރަން ދިމާވަނީ ރަހިމު ބޮޑުވަމުން އަންނައިރު، ލޭހޮޅިތަކަށް ފިއްތާތީ އެވެ. މާބަނޑުވުމަށްފަހު، އެންމެ ފަހު 3 މަހުގައި ބޯއަނބުރަން ދިމާވަނީ، އުއްޑުން އޮންނަ ޖެހިއްޖެ ހާލަތެއްގައި، އުއްޑުން އޮންނައިރު، ބޮޑުވެފައިވާ ރަހިމުން، ހިތާ ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ބޮޑު ލޭހޮޅިއަށް ފިއްތާތީ އެވެ. 

ސަބަބުތައް
މާބަނޑު ދުވަސްވަރު ބޯއަނބުރައި، އަނބުރައިގަންނަން މެދުވެރިވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.
(ހ) ކުއްލިއަކަށް ކޮޅަށްތެދުވުން : ގިނައިރު ތަކެއްވަންދެން ކޮޅަށް ނުވަތަ އިށީދެ އިންނައިރު، ފަޔާއި، ފައިތިލައިގައި ލޭޖަމާވާގޮތް ވެއެވެ. ކޮޅަށް ތެދުވާ ވަގުތުގައި، ފަޔާއި، ފައިތިލައިގައި ޖަމާވެފައި ހުރި ލޭ، އަނބުރާ ހިތާ ދިމާލަށް އެކަށޭނަ ވަރަށް، ނުފޮނުވިއްޖެނަމަ، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަ ގޮތް ވުމަކީ ވެދާނެ ގޮތެކެވެ. 

(ށ) އުއްޑުން އޮށޯވެ އޮތުން : މާބަނޑުވުމަށްފަހު، ފަހު 6 މަހުގެ ތެރޭގައި ފައިގެ ލޭހޮޅިތަކުން ހިތާ ދިމާލަށް ލޭފޮނުވައިދިނުން ލަސްވާގޮތް ވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން، ހަށިގަނޑުގެ ތިރީ ހިސާބުތަކުން ހިތާ ދިމާލަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި (އިންފީރިއާ ވީނާ ކޭވާ) އަށް ފިއްތާތީ އެވެ. އުއްޑުން އޮށޯވެ އޮތުމަކީ މިކަން އިތުރަށް ގޯސްކޮށްފާނެ ކަމެކެވެ. ބަލިވެއިންނަ 8 އިންސައްތަ މީހުންނަށް މާބަނޑުގެ ފަހު 6 މަހުގެ ތެރޭގައި "ސްޕައިން ހައިޕޯޓެންސިވް ސިންޑްރޯމް" ކިޔާ ހާލަތެއް މެދުވެރިކުރުވައެވެ. އެފަދަ ހާލަތުގައި އުއްޑުން އޮށޯވެ އޮންނައިރު، ހިތުން ލޭފޮނުވައިދިނުން ދަށްވެ، ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައި، މޭނުބައިކުރާގޮތް ވެއެވެ. 

(ނ) ވޭޒޯވޭގަލް ސިންކޯޕް : ކުޑަކަމުދިއުމާއި، ބޮޑުކަމުދިއުމަށް ބާރުލުން، ކެއްސާލުން ފަދަ ކަންކަމުގެ ސަބަބުން، ބައެއް މީހުންނަށް ބޯއަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ. މިކަންކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވެދާނެ ގޮތެކެވެ. ހަށިގަނޑުން ލޮނާއި ފެން މަދުވުން، ހާސްވެ ކަންބޮޑުވުން، އަދި އާދަޔާ ޚިލާފަށް ތަދެއް އިހުސާސްވުން ފަދަ ކަންކަމަކީ މިކަން އިތުރަށް ގޯސްކޮށްފާނެ ކަންކަމެވެ. މާބަނޑު އަންހެނުންނަށް ވޭޒޯވޭގަލް ސިންކޯޕް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. 

ވޭޒޯވޭގަލް ސިންކޯޕްގެ މާނައަކީ ވޭގަސް ފަތިނާރު(Nerve) ހީވާގިވުމުގެ ސަބަބުން، ލޭގެ ޕްރެޝަރާއި، ހިތުގެ ވިންދު ދަށްވެ، އަނބުރައިގަތުމެވެ. މިނާރަކީ ހިތުގެ ވިންދު އެއްވަރެއްގައި ހިފަހައްޓައިދީ، ހަޖަމުކުރުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ ސިކުނޑިން ނިކުމެފައިވާ 12 ނާރުގެ ތެރެއިން 10 ވަނަ ނާރެވެ. އާންމު ގޮތެއްގައި ލޭފެނުމުން ބިރުން ބައެއް މީހުން އަނބުރައިގަންނަނީ، އެފަދަ ހާލަތުގައި މިނާރު (ވޭގަސް ފަތިނާރު) ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުންނެވެ. 

(ރ) އެކަށޭނަ ވަރަށް ދިޔާތަކެތި ނުބޮވުމާއި، ނުކެއުން : މާބަނޑު ދުވަސްވަރު އެކަށޭނަ ވަރަށް ނުކެވޭނަމަ، މާބޮޑަށް ބަނޑުހައިވެ، ހަށިގަނޑުގައި ހަކުރުގެ މިންވަރު ދަށްވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެކެވެ. މީގެ އިތުރުން އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމުގެ ސަބަބުން، ހަށިގަނޑުން ފެނާއި، ލޮނު މަދުވެ، ބޯއަނބުރައި، އަނބުރައިގަންނަގޮތް ވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

(ބ) ލޭމަދުވުން : ލޭމަދުނަމަ، ލޭގެ ރަތް ސެލްތަކުގެ ނިސްބަތުން ދަށްވާނެ އެވެ. އޭގެ މާނައަކީ ހަށިގަނޑުގެ އެކިހިސާބުތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ދަށްވާނެއެވެ. ސިކުނޑި ފަދަ ގުނަވަންތަކަށް އޮކްސިޖަން ލިބުން ދަށްވުމަކީ ބޯއަނބުރާނެ ކަމެކެވެ. އެންމެ ގިނައިން ލޭމަދުވަނީ ހަށިގަނޑުން ދަގަނޑު އުނިވުމުގެ ސަބަބުންނެވެ. އެހެންކަމުން ދަގަނޑުން މުއްސަދި ކާނާގެ ބާވަތްތައް ކެއުމުގައި ހިމެނުން މުހިއްމެވެ. 

(ޅ) މާބޮޑަށް ހޫނުވުން : ހޫނު ތަނެއްގައި ގިނަ ވަގުތު ހޭދަކުރުން، ހޫނު ފެނުން ފެންވެރުން، ހޫނު ޓަބަށްއެރި ފެންވެރުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭގެ ޕްރެޝަރު ދަށްވެ، ބޯއަނބުރައިފާނެ ކަމެކެވެ. 

(ކ) ނޭވާލެވޭ މިންވަރު މާބޮޑަށް އިތުރުވުން : ގަދަޔަށް ކަސްރަތުކުރުން، ހާސްވެކަންބޮޑުވުން ފަދަ ހާލަތްތަކުގައި ނޭވާލެވޭ މިންވަރު މާބޮޑަށް އިތުރުވެ، އަނބުރައިގަންނަގޮތް ވުމަކީ ވެދާނެ ގޮތެކެވެ. ކަސްރަތުކުރުމަކީ ލޭދައުރުކުރުން ރަގަޅުކޮށްދޭ ކަމަކަށްވިޔަސް މާގިނައިން ކަސްރަތުކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ކަސްރަތުކުރާއިރު ލަސްލަހުން ފެށުން ރަގަޅެވެ. އަދި އުދަނގުލެއް ވާހެން ހީވާނަމަ، ކަސްރަތުކުރުން ހުއްޓާލުން ރަގަޅެވެ.
ސަބަބުތައް ކުރުކޮށް:
·         ޕްރެޝަރު ބަދަލުވުމުން
·         ބަނޑުހައިވުމުން
·         ލޭގައި ހަކުރު މަދުވުމުން
·         ލޭމަދުވުމުން
·         ހޯރމޯން އަށް ބަދަލުއައުމުން
އަލާމާތްތައް
·         އަނބުރައިގަންނަގޮތްވެ، ވެއްޓިދާނެހެން ހީވުން ނޫނީ ބޯއެނބުރުން، އަދި ހޭނެތުން
ބޯއެނބުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ކުރިމަތިވާ ބޯއެނބުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ގިނައިރުތަކެއް ވަންދެން އިށީދެ، ނުވަތަ ކޮއްޅަށް ނުހުރުން : މިގޮތަށް ހުންނަންޖެހިއްޖެނަމަ، ދޭތެރެއަކުން ހިނގާހަދާލައި، ހަށިގަނޑު ހަރަކާތްތެރިކޮށްލުން ރަގަޅެވެ. އިށީދެ އިންނަނަމަ، ފައިތަޅުވާލާ، ހަރަކާތްކޮށްލުން މުހިއްމެވެ. މިހެން ހެދުމުން ލޭދައުރުވުން ރަގަޅުކޮށްދޭނެ އެވެ.
·         އިށީދެ، ނުވަތަ އޮށޯވެ އޮވެފައި ތެދުވާއިރު، ކުއްލިއަކަށް ތެދުވުމުގެ ބަދަލުގައި މަޑުމަޑުން ލަސްލަހުން ތެދުވުން : އޮށޯވެ އޮވެ ތެދުވާއިރު، ފުރަތަމަ ތެދުވެ އެދުމަތީގައި ދެތިން މިނިޓްވަންދެން އިށީދެގެން އިދެވިދާނެ އެވެ. އެއަށްފަހު ކޮޅަށް ތެދުވެ، މަޑުޖެހިލުމަށްފަހު ހިނގަން ފެށިދާނެ އެވެ.
·         ބަނޑުހައިވިޔަނުދީ ބަރާބަރަށް ކުދިއެތިކޮޅުކޮޅުން ކެއުން : ގިނައިރުތަކެއް ވަންދެން ނުކައި ހައިބަނޑާ ހުރުމުގެ ބަދަލުގައި އިރުއިރުކޮޅާ ލުއިކޮށް ކަމުން ގެންދިއުން ރަގަޅެވެ.
·         ހޫނު ފެނުން ފެންނުވެރުން، ހޫނު ހިސާބުތަކުގައި ގިނަވަގުތު ހޭދަނުކުރުން، އަދި ހޫނު ހިސާބުގައި އުޅޭއިރު ގަޔަށްދޫ ތުނި، ހެދުންލުން
·         ބަނޑަށް 7 މަހުން ފެށިގެން އުއްޑުން ނުއޮތުން
·         ގަޔަށްދޫކޮށް ހުންނަ ފަސޭހަ އަންނައުނުލުން : މާގަޔަށްބާރު އަންނައުނު ލުމަކީ ލޭދައުރުވުމަށް ހުރަސްއަޅައިފާނެ ކަމެކެވެ.
·         ގިނައިން ދިޔާތަކެތި ބުއިން : އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިމަކީ ހަށިގަނޑުގައި ފެނާއި، ލޮނުގެ ނިސްބަތް އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ދުވާލަކު މަދުވެގެން 12-8 ތަށީގެ ފެންބުއިމަށް އާދަކުރުމަކީ މުހިއްމު ކަމެކެވެ.
·         އަރާމުކޮށްލަން އޮށޯވެލުން
·         ގޮނޑިއެއްގައި އިށީދެފައި ދެކަކޫ މައްޗަށް ބޯތިރިކޮށްލައިގެން އިނދެލުން
·         އޮށޯވެ ނުވަތަ އިށީދެފައި ތެދުވާއިރު މަޑުމަޑުން ތެދުވުން
·         ބޯއަނބުރާނަމަ ޑޮކްޓަރަށް ދައްކައި، ލޭމަދުވުމުގެ ސަބަބުންތޯ ބަލައި ފަރުވާކުރުން
އަނބުރައިގަންނަން އުޅޭހެން ހީވާނަމަ ކުރެވިދާނެ ކަންތައްތައް
މާބަނޑު ދުވަސްވަރު ބޯއަނބުރައި، އަނބުރައިގަންނަށް އުޅޭހެން ހީވާނަމަ ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެ އެވެ.
·         އޮށޯތުން، ނުވަތަ އިށީނުމަށްފަހު އިސްދަށަށް ޖަހާލައި ބޯތިރިކޮށްލުން
·         ފުންކޮށް ނޭވާލުން
·         ގަޔަށްބާރު އަންނަ އުނެއް ލެވިފައިވާ ހުރިނަމަ ދޫވާނެގޮތް ހެދުން
·         ދޮރުތައް ހުޅުވާލުމަށްފަހު، ފަސޭހައިން ވައިލިބޭނެތަނަކަށް ދިއުން
·         ދަގަނޑުން މުއްސަދި ކާނާ ކެއުން
·         ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެ، އޮތުން:  މިގޮތަށް އޮތުމުން ހިތް،އަދި ސިކުނޑިއަށް ލޭފޮނުވާދޭ މިންވަރު އިތުރުވެ، ބޯއެނބުރުން ކުޑަކޮށްދެއެވެ. ސަބަބަކީ ފައިގެ ހިސާބުތަކުން ހިތަށް ލޭގެންގޮސްދޭ މައި ލޭހޮޅި އައިސްފައިވަނީ ހަށިގަނޑުގެ ކަނާތް ފަރާތުންނެވެ. އޮށޯވެ އޮންނައިރު ކަނާތް ފަރާތަށް ބުރަވާގޮތަށް އޮވެއްޖެނަމަ، މިލޭހޮޅިއަށް ފިއްތާނެއެވެ. އަދި ބޯއަނބުރާގޮތްވުމަކީ ވެދާނެ ގޮތެކެވެ.
ބޯއަނބުރައި، އަނބުރައިގަންނަން އުޅޭހެން ހީވުމާއެކު، ދަށްބަނޑުގައި ރިއްސައި، ކުރިމަތި ފަރާތުން ލޭފައިބާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ. ފަހަރުގައި މިއީ ރަހިމުން ބޭރުގައި ގަރުބަގަތުން، މަސްތިރިއަށް ޖެހިފައި އިނުން، މަހުން ބައެއް ރަހިމާ ވަކިވުން ފަދަ ކަމެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. މީގެ އިތުރުން ބޯއެނބުރުމާއެކު، ނޭވާކުރުވުން، ހިތުގެ ވިންދު އަވަސްވުން، ލޮލުގެ ފެނުމަށް ބަދަލުއައުން، އާދަޔާ ޚިލާފަށް ބޮލުގައި ރިހުން، އަދި ހޮނޑުލުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. 

މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

މާބަނޑުދުވަސްވަރު ބުރަކަށީގައި ރިހުން

މާބަނޑު ދުވަސްވަރު - ބުރަކަށީގައި ރިހުން
ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ބަލިވެއިންނަ %70 -50  އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބަލިވެއިނުމުގެ ކުރިން ބުރަކަށީގައި ރިހުން ހުރުން، ކުރިން ބަލިވެއިންއިރު، ބުރަކަށީގައި ރިހުން ކުރިމަތިވެފައިވާނަމަ، އެކަން ތަކުރާރުކޮށް، ޖެހިގެން އަންނަ ފަހަރު ބަލިވެއިނުމުން ވެސް ކުރިމަތިވެދާނެ އެވެ. މާބަނޑުވުމުގެ ކުރިން ހެލިފެލިވެއުޅުން މަދުވުމަކީ ވެސް މާބަނޑުވުމުން ބުރަކަށީގައި ރިހުން ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެއިނުމާއި، މާބޮޑަށް ހަށިގަނޑު ބުރަހެލިވެ ފަލަވުމަކީ ވެސް ބަލިވެއިނުމުން ބުރަކަށީގައި ރިހުމުގެ ފުރުޞަތު އިތުރުކުރާ ކަންކަމެވެ. 

ސަބަބު
މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން ކުރިމަތިކޮށްފާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ހޯރމޯންގެ މިންވަރު އިތުރުވުން : މާބަނޑުވުމުން ދޫކުރާ ހޯރމޯންތަކާއި (މިސާލަކަށް "ރިލެކްސިން ހޯރމޯން") ގުޅިގެން، މައިބަދަ އަދި ޚާއްޞަކޮށް ޅިނދު ހިމެނޭ ހިސާބުގެ ލިގަމެންޓް ތައް މަޑުވެ ހަމަޖެހި، ހުޅުތަކަށް ދޫކަން ލިބެއެވެ. މިއީ ވިހެއުމަށް ތައްޔާރުކުރުމުގެ ގޮތުން އަންނަ ބަދަލެކެވެ. މިބަދަލުގެ ސަބަބުން އާންމު ގޮތެއްގައި ބުރަކަށްޓަށް ލިބިދޭ ވާގިވެރިކަމަށް (އެލިގަމެންޓްތަކާއ، ހުޅުތަކުން) ބަދަލުއާދެއެވެ. ނުވަތަ މިހޯރމޯންގެ ސަބަބުން ބުރަކަށްޓަށް ބާރުގެނެސްދޭ ލިގަމެންޓްތަކަށް ވެސް ދޫކަން އާދެއެވެ. ނަތީޖާއެއްގެ ގޮތުން ބުރަކަށީގައި ރިހުން މެދުވެރި ކުރުވައެވެ.
·         ބަރުދަން އިތުރުވުން : އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު ގާތްގަނޑަކަށް 12 ކިލޯވަރު ބަރުދަނުން އިތުރުވާނެ އެވެ. ބަރުދަން އިތުރުވުމުން ހަށިގަނޑަށް އަންނަ ބުރަހެލިކަމުގެ ބާރު ކުރާނީ ބުރަކަށްޓާއި، މައިބަދައަށެވެ. މިއީ ބުރަކަށީގައި ރިހުމަށް މެދުވެރިވާނެ ކަމެކެވެ. މީގެ އިތުރުން ރަހިމުގައި ދަރިފުޅު ބޮޑުވާވަރަކަށް، ބުރަކަށްޓާއި، ޅިނދުގައި ހުންނަ ލޭހޮޅި ތަކާއި، ފަތި ނާރު ތަކަށް ފިއްތާނެއެވެ. މިއީ ވެސް ބުރަކަށީގައި ރިއްސައިފާނެ ކަމެކެވެ.
·         ކޮޅަށް ހުންނަ ގޮތަށް ބަދަލުއައުން : މާބަނޑު ވުމަކީ އެމީހަކު ކޮޅަށް ހުންނަ (ހުރެވޭ) ގޮތަށް ބަދަލުގެނުވާނެ ކަމެކެވެ. ބަނޑުބޮޑުވަމުންދާ ވަރަކަށް މީހާގެ ބެލެންސް ހިފެހެއްޓުމަށްޓަކައި، މައިބަދަ އިދިފުށަށް ދެމެމުންދާދނެ އެވެ. މިހެންވުމުން މައިބަދައިގެ ހުޅުހުޅަށްދެމި ރިހޭގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާބަނޑުވެ، ދުވަސްވަމުން އަންނަ ވަރަކަށް ނޭނގި ނަމަވެސް ކޮޅަށް ހުރެވޭ ގޮތާއި، ހިނގޭގޮތް ރަގަޅުކުރުމަށް މަސައްކަތްކުރެވޭނެ އެވެ. މިއީ ބައެއް ފަހަރު ބުރަކަށީގައި ރިހުން ކުރިމަތިކޮށްފާނެ ކަމެކެވެ.
·         މަސްތައް ވަކިވުން : މާބަނޑުވެ، ރަހިމު ފުޅާވެ، ބޮޑުވަމުން އަންނައިރު، ބަނޑުގެ މެދުން ދެފަރާތަށްވާގޮތަށް އިންނަ މަސްގަނޑު (ރެކްޓަސް އެބްޑަމިނިސް) އޭގެ މެދުން ލެވިފައިވާ ކަނެކްޓިޝޫ ފޮތިން ވަކިވާގޮތް ވެއެވެ. މިއީ ބުރަކަށީގެ ރިހުން އިތުރަށް ގޯސްވެގެން ހިގައިދާނެ ކަމެކެވެ.
·         ފިކުރުބޮޑުވުން : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުން ތަކުގެ ސަބަބުން، ބުރަކަށީގެ މަސްތަކަށް ވަރުބަލިކަމާއި، ވާޅުކަން ގެނެސްދެއެވެ. މާބަނޑު ދުވަސްވަރު ފިކުރުބޮޑުވުން އިތުރުވާ ހާލަތްތަކުގައި ބުރަކަށީގައި ރިހުން އިތުރުވާކަން ފާހަގަ ކުރެވޭނެ އެވެ.
ތަދުގެ ވައްތަރު
މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިހުން ދެގޮތަކަށް ފާހަގަކުރެވިދާނެ އެވެ. ފުރަތަމަ ގޮތަކީ އުނަގަނޑާއި، އުނަގަނޑުން މަތީގައި ތަދު ހުރުމެވެ. މިއީ އާންމު ގޮތެއްގައި ބަލިވެއިނުމުގެ ކުރިން ވެސް އިހުސާސް ކުރެވެމުންދިޔަ ތަދަކަށް ވެދާނެ އެވެ. ބައެއް ފަހަރު މިތަދު ފަޔަށް ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ. ގިނައިރު ކޮޅަށްހުރުން، ގިނައިރު އިށީދެއިނުން، އަދި ބަރުތަކެތި އުފުލާހެދުމަކީ މިފަދަ ތަދު އިތުރަށް ގޯސްވެދާނެ ކަންކަމެވެ. މިތަދު އިރުއޮއްސި، ރޭގަނޑުވާ އަތަށްއަޅާއިރު ބޮޑުވުމަކީ ވެދާނެ ގޮތެކެވެ.
ދެވަނަ ގޮތަކީ އުނަގަނޑުގެ ތިރިން، ޅިނދުގެ ފަހަތުގައި ތަދު ހުރުމެވެ. މިތަދު ބައެއް ފަހަރު ފިދުމަސްގަނޑުގެ ދެފަޅީގައި ނުވަތަ އެއްފަޅީގައި ވެސް ހުރެދާނެ އެވެ. ހިނގުން، ސިޑިންއެރުން، އެދުގައި ފުރޮޅިލުން، ބަރުތަކެތި އުފުލާ ހެދުން ފަދަ ކަންކަމަށްފަހު މިހިސާބުގައި ތަދުހުންނަގޮތް ވެދާނެ އެވެ. އިށީދެ އިދެވޭ ގޮތަކުން، ނުވަތަ ގުދުވެ ހަށިގަނޑު ލެއްބޭ ގޮތަކުން މިތަދު ގޯސްވެދާނެ އެވެ. 

އަލާމާތްތައް
·         އުނަގަނޑުމަތީ ގައްޔާއި، އުނަގަނޑުގެ ތިރީ މަސްފަށަލަ ތަކުގައި ރިހުން
ބުރަކަށީގައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

·         ކަސްރަތުކުރުން : ގަވާއިދުން ކަސްރަތުކުރުމަކީ މަސްތައް ވަރުގަދަކޮށްދީ، ހަށިގަނޑަށް ލިބިދޭ އެކި ފަރާތަށް ގުދުވެ، ލެނބިހެދުމުގެ ގާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ މައިބަދައާއި، ބުރަކަށްޓަށް ކުރާ ބާރު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ރައްކާތެރިކަމާއެކު ގިނަ އަންހެނުންނަށް ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ހިނގުން، ފެތުން، އަދި ކަސްރަތީ ބައިސްކަލް ދުއްވުން، "ސްޓްރެޗިންގ އެކްސަސައިޒް" ފަދަ ކަންތައްތައް ހިމެނެއެވެ.

·         ހޫނު ކުރުމާއި، ފިނިކުރުން : ބުރަކަށްޓަށް ހޫނުކުރުމާއި، ފިނިކުރުމަކީ ވެސް ތަދުކުޑަކޮށްދީފާނެ ކަމެކެވެ. އެގޮތުން ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު، ތަދުވާ ހިސާބު، 20 މިނިޓް ވަންދެން، ދުވާލަކު ދެތިން ފަހަރު ފިނިފެނުން ބޮޑިތާން ކުރެވިދާނެ އެވެ. 3-2 ދުވަހު ފިނިފެނުން ބޮޑިތާންކުރުމަށްފަހު، ހަމައެގޮތަށް ތަދުވާ ހިސާބު ހޫނު ފެނުން، ބޮޑިތާން ކުރެވިދާނެ އެވެ. ނުވަތަ ހޫނުފެން ހަމާއި، ހޫނު ފެންފުޅި، ނުވަތަ ހޫނުފެން ޕެޑު ބޭނުންކޮށްގެން ވެސް ބޮޑިތާން ކުރެވިދާނެ އެވެ. މާބަނޑު ދުވަސްވަރު ބަނޑަށް ހޫނުކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

·         ކޮޅަށް، އިށީދެ، ގުދުވެ، އޮށޯވެ އޮންނަގޮތް ރަގަޅުކުރުން : މިސާލަކަށް ނިދާއިރު ވާތްފަރާތަށް ބުރަވެއޮވެ ނިދުމާއި،ދެފައި ދޭތެރެއަށް ބާލީހެއް ލައިގެން އޮތުމަކީ ވެސް ބުރަކަށީގެ ރިހުން ލުއިކޮށްދޭނެ ކަމެކެވެ. ގޮނޑިއެއް ފަދަ އެއްޗެއްގައި އިށީދެ އިންނަނަމަ ފަހަތަށް ބާލީހެއްލައި އޭގައި ލެގިލައިގެން ސީދަލަށް އިނުން މުހިއްމެވެ. އިށީދެ އިންނައިރު ފައިދަށަށް ގޮނޑިއެއް ކަހަލަ އެއްޗެއް ލައިގެން، ފައި ކުޑަކޮށް އުފުލާލާފައި ބެހެއްޓުން ރަގަޅެވެ. މާގިނައިން ކޮޅަށް ހުރުމަކީ ރަގަޅު ކަމެއް ނޫނެވެ. މިގޮތަށް ހުންނަނަމަ އެއްފައި މައްޗަށް ނަގައި ފައިދަށަށް ގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ލައިގެން ހުރުން ރަގަޅެވެ. ގޭތެރޭގައި މަސައްކަތްކުރާ އިރު ވީވަރަކުން ގުދުނުވެ އުޅެވޭތޯ ބަލާށެވެ. މާބަރުތަކެތި އުފުލާ ހެދުން ވެސް އެދެވިގެން ނުވެއެވެ.

·         ހަށިގަނޑު ސީދަލަށް ބަހައްޓައިގެން އުޅެވޭތޯ ބެލުން : އެގޮތުން ހިނގާ، އިށީދެ، އަދި ކޮޅަށް ހުރުމާއި، ތަކެތި އުފުލާ ހަދާއިރު ވެސް ހަށިގަނޑަށް ސީދަލަށް ބެހެއްޓޭތޯ ބަލާށެވެ. އެއްޗެއް އުފުލުމަށް ނުވަތަ ނެގުމަށް އުނަގަނޑު ލައްބާނަމަ ބުރަކަށި ސީދަލަށް ބެހެއްޓުމަށްފަހު ދެކަކޫ ލަންބާށެވެ.

·         ކައުންސެލިންގ ހޯދުން : ބުރަކަށީގައި ރިއްސަނީ ފިކުރުބޮޑުވުން ފަދަ ކަމެއްގެ ސަބަބުންނަމަ، ފިކުރުތަކާ ދުރުހެލިވުމަށް، ކައުންސެލިންގ ހޯދިދާނެއެވެ.

·         އެހެނިހެން ކަންތައްތައް :
o       ތާފަނާފެނުން ދުވާލަކު 2 ފަހަރު ފެންވެރުން
o       ހަރު ގޮދަނޑިއެއްގައި ނިދަން އާދަކުރުން
o       ފުންނާބު އުސް ފައިވާން، ނުވަތަ ބޫޓަށް ނޭރުން
o       އުއްޑުން އޮވެ ނުނިދުން
o       ބަރު އެއްޗެތި ނުއުފުލުން
o       އެކިޔުޕަންޗަރ ހެދުން
o       ނިދާއިރު ބަނޑުދަށަށް ބާލީހެއްލައްވައިގެން އޮތުން
މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

މާބަނޑުދުވަސްވަރު ނޭވާކުރުވުން

މާބަނޑު ދުވަސްވަރު - ނޭވާ ކުރުވުން
މާބަނޑު ދުވަސްވަރު ނޭވާކުރުވުމަކީ އާންމު ކަމެކެވެ. މާބަނޑު ވުމަށްފަހު ފުރަތަމަ 3 މަހާއި، އަދި ދެވަނަ 3 މަހުގެ ތެރޭގައި ވެސް ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ.
ސަބަބު
މާބަނޑު ދުވަސްވަރު ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވާނެއެވެ. މިކަން (އޮކްސިޖަން އިތުރަށް ބޭނުންވާ ބޭނުންވުން) ހަށިގަނޑުން ހަމައަކަށް އަޅުވަނީ ތަފާތު ގޮތްތަކުންނެވެ. ބަލިވެއިނުމުން ޕްރޯޖެސްޓަރޯން ހޯރމޯން އިތުރުވުމުން، އޭގެ އަސަރު ސީދާ ފުއްޕާމެޔަށް ކުރާގޮތްވެއެވެ. އަދި ސިކުނޑީގައިވާ ނޭވާލުމަށް އެހީތެރިވެދޭ މަރުކަޒު ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މިއަންނަ ބަދަލާއި ގުޅިގެން، ނޭވާލާއިރު އެތެރެވެ، ބޭރުވާ ވައިގެ ނިސްބަތް އިތުރުވަމުން ދެއެވެ. 

މާބަނޑު ދުވަސްވަރު ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކަށް (ހޯރމޯންތައް އިތުރުވުމުގެ ސަބަބުން) ހޭނެމުންދާއިރު ނޭވާކުރުވެ، ނޭވާލާން އުނދަގޫވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން ކުޑަދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިބޮޑުވަމުން އަންނައިރު އެތެރޭގެ ހުރިހާގެ ގުނަވަނެއްގެ ޕްރެޝަރު މައްޗަށް ދާގޮތްވެއެވެ. ފުއްޕާމޭގެ ޕްރެޝަރު މަތިވުމުން ނޭވާކުރުވެ، ނޭވާ ހިފަހައްޓަން އުދަގޫވާގޮތް މެދުވެރިވެއެވެ. 

ބަލިވެއިދެ ފަހު 3 މަހަށް އަޅާއިރު، ދަރިފުޅު ރަހިމުގައި ބޮޑުވަމުން އަންނަވަރަކަށް، ބޮޑުވަމުންދާ ދަރިފުޅުގެ ސަބަބުން މޭދަށުގައިވާ ޖާގަ ފުރެމުންދިޔަވަރަކަށް، މޭދަށަށް ފުރޭގޮތްވެ، ( ބަނޑުގައިވާ ގުނަވަންތައް ފިތުމާއި، ޑައިފްރަމް ފުއްޕާމޭޔާއި ދިމާލަށް ގޮސް ފުއްޕާމެޔަށް ފިއްތާގޮތް ވުމުން ވެސް) ނޭވާކުރުވާގޮތް ވެއެވެ. މާބަނޑު ދުވަސްވަރު ލޭމަދުވުމަކީ ވެސް ނޭވާކުރުވެދާނެ ސަބަބެކެވެ. 

އަލާމާތްތައް
·         ކިރިޔާ ކަމެއްކޮށްލާއިރަށް ވަރުބަލިވެ ނޭވާކުރުވާގޮތް ދިމާވުން
·         ސިނޑިން އަރާއިރު ނުވަތަ ބަރު އެއްޗެއް އުފުލާއިރު ނޭވާކުރުވާގޮތް ދިމާވުން

މަގުފަހިކުރާ ކަންތައްތައް
މާބަނޑު ދުވަސްވަރު މާބޮޑަށް ބަރުދަން އިތުރުވުން، ފެންކޮތަޅުގައި ފެންގިނަވުން، އެއްކުއްޖަކަށްވުރެ ގިނަކުދިންނަށް ބަލިވެ އިނުމަކީ ނޭވާކުރުވެ، ނޭވާލާން އުނދަގޫވުން އިތުރުވާ ކަމެކެވެ. ނޭވަޔަށް އުދަގޫކުރުން ނުވަތަ ނޭވާހިއްލުމުގެ މައްސަލަ ހުންނަނަމަ މާބަނޑުވުމުން ނޭވާހިއްލުން ބޮޑަށް ގޯސްވެއެވެ. ވިހަންކައިރިވާ ވަރަކަށް ފުއްޕާމޭގެ ޕްރެޝަރ ދަށްވެ، ފަސޭހަ ކަމާއި އެކު ނޭވާލުމަށް މަގުފަހިވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މާބޮޑަށް ލޭމަދުވުމަކީ ވެސް ނޭވާކުރުވުމަށް މެދުވެރިވެދާނެ ކަމެކެވެ. 

ނޭވާކުރުވެ، ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
·         ވަރަށް އަވަސް އަވަހަށް ނޭވާލެވުން
·         ނޭވާކުރުވުމާއެކު، ނޭވާލާން އުނދަގޫވެ ހިތުގެ ވިންދު އަވަސްވުން
·         ވަރަށް ބޮޑަށް ނޭވާލާން އުނދަގޫވެ އަނބުރައިގަތުން
·         މަސައްކަތެއް ކޮށްލަން ފެށުމާއެކު ނޭވާކުރުވުން
·         ނޭވާކުރުވުމާއެކު މޭގައި ރިއްސުން
·         އޮށޯތުމުން ނޭވާލާން އުނދަގޫވުން ނޫނީ ރޭގަނޑު ނޭވާލާން އުނދަގޫވުން
މާބަނޑު ދުވަސްވަރު ކުރިމަތިވާ ނޭވާކުރުވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
ވީހާ ވެސް ގިނައިން އަރާމު ކުރާށެވެ. ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުމަކީ ރަގަޅުކަމެކެވެ. ނިދާއިރު ފަސޭހަގޮތަކަށް އޮތުން މުހިއްމެވެ. އިތުރު ބާލީހެއް ބޭނުންވާނަމަ، ފަސޭހަ ގޮތަކަށް ބާލީސްތައް (ދެފައި ދޭތެރޭގައި ބާލީހެއް، ފުރަގަހުން ބުރަކަށީގައި ލައްކޮށްފައި ބާލީހެއް) ބެހެއްޓިދާނެއެވެ. އެހެނީ މިގޮތަށް އޮވެ ނިދުމުން ނޭވާލަން ފަސޭހަވުމުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދެއެވެ. 

ތަނެއްގައި އިށީދެ އިންނައިރު ސީދަލަށް (ހަށިގަނޑު ގުދުނުކޮށް) އިންނާށެވެ. މިގޮތަށް ހެދުމުން ފުއްޕާމެޔަށް ނޭވާބޭރަށްލުމުގެ ތެރޭގައި ފުޅާވުމަށް ބޭނުންވާ ޖާގަ ލިބުމަށް މަގުފަހިވެގެންދާނެއެވެ. 

ލަސްލަހުން ފުންކޮށް ދިގުކޮށް ނޭވާލުމަކީ ވެސް އެހީތެރިކަން ލިބިދީފާނެ ކަމެކެވެ. އެތެރެއަށް ނޭވާލަމުން އަތްމައްޗަށްނަގައި، ބޭރަށް ނޭވާލަމުން އަތްތިރިކޮށް ހެދުން ފަދަ ކަސްރަތެއް ކޮށްލެވިދާނެއެވެ. އަތްމައްޗަށް ނަގާގަޑީގައި ބޯ ވެސް މައްޗަށް އުފުލާފައި ބެހެއްޓިދާނެއެވެ. މިކަސްރަތު ކުރުމުން ފުއްޕާމޭ އޮންނަ ކަށީގެ ކޮށިގަނޑުގެ ފޭވެ، ފުޅާވުމަށް އެހީތެރިކަން ލިބިގެން ދެއެވެ. ލޭމަދުވެގެން ނަމަ ލޭ ރަނގަޅުކުރުމަށް ސަމާލުކަން ދެވިދާނެ އެވެ. 

މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

Saturday, November 14, 2015

ދުނިޔޭގެ ހަކުރު ބަލީގެ ދުވަސް

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް
މިއަދު 14 ނޮވެންބަރ އަކީ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ވަކި ޚާއްޞަ ޝިޢާރެއް ކަނޑައަޅައި، އެޝިޢާރުގެ ދަށުންނެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަދުގެ ހަރަކާތްތެރިކަން މާދަމާގެ ކުރިއެރުން" މިއެވެ.
ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހަކުރު ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ހަކުރު ބަލިން ރައްކާތެރިވުމަށް އެހީތެރިވެދީ، ހަކުރު ބައްޔާއި އެކު ވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެގޮތް ފަހިކޮށްދިނުމަށް އެހީތެރިވެދިނުމެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ %4.7 މީހުންނަކީ ހަކުރު ބަލިޖެހިފައިވާ މީހުންނެވެ. އާސަންދައިގެ ދަށުން ޚިދުމަތް ހޯދާމީހުންގެ ތެރޭގައި ވެސް ހަކުރު ބަލިޖެހިފައިވާ މީހުން ގިނަ އަދަދަކަށް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ދުނިޔޭގެ އާބާދީގެ %9 މީހުންނަށް ހަކުރު ބަލިޖެހިފައިވާ އިރު ހަކުރު ބަލީގައި ކޮންމެ އަހަރަކު 1.5 މިލިޔަން މީހުން މަރުވެދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހަކުރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން %90 މީހުންނަކީ ދެވަނަ ވައްތަރުގެ ހަކުރު ބަލިޖެހިފައިވާ މީހުންކަން ފާހަގަ ކުރެވެއެވެ. "އިންޓަނޭޝަނަލް ޑައެބެޓީސް ފެޑެރޭޝަން" އިން ލަފާކުރާގޮތުގައި މިހާރު ވެސް ދުނިޔޭގައި ހަކުރު ބަލިޖެހިފައިވާ 415 މިލިޔަން މީހުން (347 މިލިޔަން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބު) އެބަތިއްބެވެ. މިއަދަދު 2040 ވަނަ އަހަރާ ހަމައަށް ދާއިރު 642 މިލިޔަނަށް އަރާނެ ކަމަށް އިން ލަފާކުރެއެވެ. ބެލެވޭގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގައި 7 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވާނީ ހަކުރު ބަލީގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. ހަކުރު ބަލީގައި ކޮންމެ 6 ސިކުންތަކުން މީހަކު މަރުވެއެވެ. މިހާރު ކޮންމެ 11 މީހުންގެ ތެރެއިން އެކަކަށް ހަކުރު ބަލިޖެހިފައިވާ އިރު 2040 ވަނަ އަހަރު ކޮންމެ 10 މީހުންކުރެން އެކަކުގެ ގައިގައި ހަކުރު ބަލި ހުންނާނެ ކަމަށް ލަފާކުރެއެވެ.
ހަކުރު ބަލި .... އިތުރަށް ވިދާޅުވޭ