Wednesday, May 27, 2015

ބިންބި

ބިންބި
ބިންބި އަކީ ގޮވާމުގެ ބާވަތެކެވެ. މިއީ އިގިލިތަކެއް ހުންނަ ކުރާ ގަނޑެއްގައި ގަންނަ ފުއްކުދި ގޮވާމެކެވެ. މިގޮވާމުގެ ބޭރުގައި ހިލަ ތޮށްޓެއް ހުންނާނެ އެވެ. މިހަރުވީމާ ހުންނާނީ ގަދަ ރަތް ކުލައިގައި ނުވަތަ މުށިކުލައިގައެވެ. ނުވަތަ ކަޅު ރަތް ކުލައިގައެވެ. މިގޮވާމުގެ ފުށްތައް ހުންނާނީ ވަށްކޮށެވެ.
ދިވެހި ނަން : ބިންބި
އިގިރޭސި ނަން : Finger millet
ޢިލްމީ ނަން : Eleusine coracana
ބިންބީގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
328 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
72 ގްރާމް
ޕްރޮޓީން
7.3 ގްރާމް
ފެޓް
1.3 ގްރާމް
ފައިބަރު
11.5 ގްރާމް
ނިއެސިން
1.1 މިލިގްރާމް
ރައިބޯފްލޭވިން
0.19 މިލިގްރާމް
ތިއެމިން
0.42 މިލިގްރާމް
ސޯޑިއަމް
11 މިލިގްރާމް
ކެރޮޓީން
42 މައިކްރޯގްރާމް
ޕޮޓޭސިއަމް
408 މިލިގްރާމް
ކެލްސިއަމް
344 މިލިގްރާމް
ދަގަނޑު
3.9 މިލިގްރާމް
މެގްނީޒިއަމް
137 މިލިގްރާމް
ފޮސްފަރަސް
283 މިލިގްރާމް
ޒިންކު
2.3 މިލިގްރާމް
މެންގަނީޒް
5.49 މިލިގްރާމް
މޮލީބްޑިނިއަމް
0.102 މިލިގްރާމް
ކޮޕަރ
0.47 މިލިގްރާމް
ކްރޯމިއަމް
0.028 މިލިގްރާމް
ސަލްފަރ
160 މިލިގްރާމް
ކްލޮރިން
44 މިލިގްރާމް



ބިންބިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ބަރުދަން ލުއިކުރުމަށް އެހީތެރިވުން : ބިންބި ބޭނުންކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބިންބީގައި ހިމެނޭ "ޓްރައިޕްޓަފާން" ކިޔާ އެމިނޯއެސިޑް އަކީ ކާހިތްވުން ދަށްކޮށްދޭ މާއްދާ އެކެވެ. ގޮވާމުގެ އެހެން ބާވަތްތަކާ އަޅާބަލާއިރު، ފައިބަރު ވެސް ހުންނަލެއް މަދެއް ނޫނެވެ. ބިންބި އަކީ ސަރުބީ މަދު ގޮވާމެކެވެ. ބިންބީގައި ހުންނަ "އަންސެޗިޔުރޭޓެޑް ފެޓް" އެވެ. މިހުރިހާ ކަމެއް މިހެން ހުރުމަކީ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ބަރުދަން ލުއިކުރުމަށް ބިންބި ހޮވާލެވޭނެ ސަބަބުތަކެވެ. ބިންބީގައި ފައިބަރު ހުރުމުން، ބިންބި ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދެއެވެ. މީގެ ސަބަބުން އެތައް ބައިވަރު އިތުރު ހަކަތަ ހަށިގަނޑަށް ވަނުން (ކެވޭ މިންވަރު) މަދުކޮށްދެއެވެ. ކެވޭ މިންވަރު މަދުވާނަމަ، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބޭނެ އެވެ. 


ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ގަހުން ލިބިދޭ ކާނާގެ ތެރެއިން ކެލްސިއަމް އެންމެ ގިނައިން ހުންނަނީ ބިންބީގައެވެ. ކެލްސިއަމް އާއި، ވިޓަމިން ޑީ އަކީ ދުޅަހެޔޮ ކަށިތަކަކަށް ބޭނުންތެރި މާއްދާ ތަކެކެވެ. މިއީ ކުޑަކުދިންނާއި، މުސްކުޅިންނަށް، ކެލްސިއަމް ފޯރުކޮށްދެވޭނެ ރަގަޅު މަޞްދަރެކެވެ. ބިންބި އަކީ ކުޑަކުދިންގެ ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދީ، ބޮޑެތި މީހުންގެ ކަށިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންތެރި ކާނާގެ ބާވަތެކެވެ. އެހެންކަމުން ބިންބި ބޭނުންކުރުމަކީ ކަށީގެ މައްސަލަތަކުން ދުރުކޮށްދީ، ކަށިތައް ބިނދުމާއި، ރެނދުލުން ފަދަ މައްސަލަތަކުން މިންޖުކޮށްދޭނެ ކާނާގެ ބާވަތެކެވެ. 

ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ގަވާއިދުން ބިންބި ބޭނުންކުރުމަކީ ހަކުރު ބަލިޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ. މިގޮތަށް ދިމާވަނީ ބިންބީގައި މަތީ މިންވަރަކަށް ފައިބަރު، އަދި ޕޮލީފީނޯލް ހުންނާތީ އެވެ. ބިންބި އަކީ "ގްލައިސިމިކް އިންޑެކްސް" ދަށް ކާނާގެ ބާވަތެކެވެ. މިބާވަތުގެ ކާނާ ބޭނުންކުރުމުން ކުއްލިއަކަށް ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ގާބިލިއްޔަތު ދަށްކުރެއެވެ. ނުވަތަ ލޭގައި ހަކުރުގެ މިންވަރު މަތިކުރުމުގެ ގާބިލިއްޔަތު މިފަދަ ކާނާގެ ބާވަތްތަކުގައި ކުޑައެވެ. 

ލޭގައި ސަރުބީގެ މިންވަރު ދަށްކުރުން : ބިންބީގައި ހުންނަ އެމިނޯއެސިޑްތައް ކަމުގައިވާ ލެސިތިން، އަދި މެތިއަނިން ގެ ސަބަބުން، ފުރަމޭގައި އިތުރުވެފައި ހުންނަ ސަރުބީތައް ބޭރުކޮށްދީ، ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު ދަށްކޮށްދެއެވެ. މީގެ އިތުރުން ބިންބީގައި ހުންނަ އެމިނޯއެސިޑް "ތްރިއަނިން" ގެ ސަބަބުން ފުރަމޭގައި ސަރުބީ އުފެދުން ދަށްކޮށްދީ، ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު ދަށްކޮށް ދެއެވެ. މީގެ އިތުރުން ބިންބީގައި މަތީ މިންވަރަކަށް ފައިބަރު ހުރުމަކީ ވެސް ސަރުބީ ދަށްކޮށްދޭނެ ކަމެކެވެ. 

ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : ބިންބި އަކީ ކާނާގައި ހިމެނޭ ދަގަނޑުގެ ރަގަޅު މަޞްދަރެކެވެ. އެހެންކަމުން ބިންބި ބޭނުންކުރުމަކީ ލޭމަދުވުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. 

ހަށިގަނޑު ހަމައަކަށް އެޅުވުމަށް އެހީތެރިވުން : ބިންބި އަކީ ތަބީއީ ގޮތުން ވެސް ހަށިގަނޑު ހަމައަކަށް އެޅުވުމަށް ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. އެހެންވެ ހާސްވެ ފިކުރުބޮޑުވުން، މާޔޫސްވެ، ދެރަވެ މޮޅިވެރިވުން، ނިދިނައުން، އަދި ބޮލުގެ އެއްފަޅީގައި ރިހުން ފަދަ ހާލަތްތަކުގައި ބިންބި ބޭނުންކުރުމުން ލުއިކަން ލިބޭކަން ފާހަގަ ކުރެވެއެވެ. 

އެމިނޯއެސިޑްގެ ރަގަޅު މަޞްދަރަކަށްވުން : ބިންބި އަކީ ހަށިގަނޑަށް ބޭނުންތެރި އެމިނޯއެސިޑް ތަކުގެ ރަގަޅު މަޞްދަރެކެވެ.  ބިންބީގައި އެކުލެވޭ އެމިނޯއެސިޑް ތަކުގެ ތެރޭގައި ޓްރައިޕްޓަފާން، ތްރިއަނިން، ވޭލިން، އައިސޯލިއުސިން، އަދި މެތިއަނިން ހިމެނެއެވެ. އައިސޯލިއުސިން އަކީ މަސްތައް މަރާމާތުކޮށްދީ، ލޭއުފައްދައި، ކަށިތައް އުފައްދައި، ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ އެކެވެ. ވޭލިން އަކީ ހަށިގަނޑުގެ ޓިޝޫތައް މަރާމާތުކޮށްދީ، ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާ އެކެވެ. މެތިއަނިން އަކީ ހަށިގަނޑުން ސަރުބީ ބޭރުކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.  

ގުލޫޓަން ނުހުރުން : ބިންބީގައި ގުލޫޓަން ނުހުރުމަކީ "ސިލިއެކް ޑިޒީޒް" ހުންނަ މީހުންނަށް ފަސޭހަކަމާއެކު ބިންބި ބޭނުންކުރެވޭނެ ކަމެކެވެ. ގޮވާމުގެ ގިނަ ބާވަތްތަކުގައި ގުލޫޓަން ހުރުމަކީ އެފަދަ ބާވަތްތައް ސިލިއެކް ޑިޒީޒް ހުންނަ މީހުން ކެއުމުން ދުރުވާންޖެހޭ ކަމެކެވެ. ސިލިއެކް ޑިޒީޒް އަކީ ގުލޫޓަން އާއި ނުގުޅުމުން ދިމާވާ މައްސަލަ އެކެވެ. 

ކިރުއެރުން އިތުރުވުން : ގާތުން ކިރުދޭ މައިން ގަވާއިދުން ބިންބި ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރުން އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ބިންބި ބޭނުންކުރުމަކީ އުރަމަތީގައި އުފެދޭ ކިރުގައި ކެލްސިއަމް، ދަގަނޑު، އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމު އެމިނޯ އެސިޑްތައް ހިމެނޭނެ ކަމެކެވެ. 

ހަމުގެ ދުޅަހެޔޮކަން އިތުރުކުރުން : ބިންބި އަކީ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަމަށް ވާންކަމާ ތާޒާކަން ގެނެސްދިނުމަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. ބިންބީގައި ހިމެނޭ ލައިސިން އަދި މެތިއަނިން އަކީ ހަމުގައި ހުންނަ ކޮލަޖަން ފައިބަރު އުފެއްދުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކޮލަޖަން އަކީ ހަމުގައި ރޫޖެހުން ކުޑަކޮށްދީ، ހަމަށް ވާންކަން ގެނެސްދޭ މާއްދާ އެކެވެ. 

މައުލޫމާތު :

ބާދިރީ

ބާދިރީ
ބާދިރީ އަކީ ގޮވާމުގެ ބާވަތެކެވެ. މިއީ އޮނުފަތްހެން ހިމަދިގުކޮށް ފަތްހުންނަ، ގަހެއްގައި ނިކުންނަ ދިގުކުރާގަނޑެއްގައި އަޅާ އޮށްޓަރެކެވެ. މީގެ ކުލައަކީ ގަދަ މުށި ކުލައެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް 5-4 ފޫޓަށެވެ. މިއީ ކުދިބަތް ހުންނަ ފާޑަށް ހުންނަ، އެއަށްވުރެ ބޮޑެތިކޮށް ހުންނަ ގޮވާމެކެވެ.
ދިވެހި ނަން : ބާދިރީ
އިގިރޭސި ނަން : Pearl Millet
ޢިލްމީ ނަން : Pennisetum glaucum
ބާދިރީގެ ކޮންމެ 200 ގުރާމުގައި (އެއްޖޯޑުގައި)
ހަކަތަ
756 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
146 ގްރާމް
ޕްރޮޓީން
22 ގްރާމް
ފެޓް
8.4 ގްރާމް
ފައިބަރު
17 ގްރާމް
ނިއެސިން
9.4 މިލިގްރާމް
ރައިބޯފްލޭވިން
580 މައިކްރޯގްރާމް
ތިއެމިން
842 މައިކްރޯގްރާމް
ޕެންތޯނިކް އެސިޑް
1.7 މިލިގްރާމް
ޕައިރިޑޮކްސިން
768 މައިކްރޯގްރާމް
ފޮލިކް އެސިޑް
170 މައިކްރޯގްރާމް
ވިޓަމިން ކޭ
1.8 މައިކްރޯގްރާމް
ވިޓަމިން އީ
100 މައިކްރޯގްރާމް
ސޯޑިއަމް
10 މިލިގްރާމް
ޕޮޓޭސިއަމް
390 މިލިގްރާމް
ކެލްސިއަމް
16 މިލިގްރާމް
ދަގަނޑު
6 މިލިގްރާމް
މެގްނީޒިއަމް
228 މިލިގްރާމް
ފޮސްފަރަސް
570 މިލިގްރާމް
ޒިންކު
3.4 މިލިގްރާމް
ކޮޕަރ
1.5 މިލިގްރާމް
މެންގަނީޒް
3.3 މިލިގްރާމް
ސިލެނިއަމް
5.4 މައިކްރޯގްރާމް

ބާދިރީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ބަނޑުގައި ހެދޭ ފާރަށް ފަރުވާކުރުން : ބާދިރީ އަކީ ބަނޑުގައި އުފެދޭ ފާރު ފަސޭހަކުރުމަށް ބޭނުން ކުރެވިދާނެ ބާވަތެކެވެ. ބަނޑުގައި ފާރު އުފެދެން ދިމާވާ އެންމެ އާންމު ސަބަބަކީ ކެއުމަށްފަހު އާދަޔާ ޚިލާފަށް ބަނޑުގައި ގޭސް އުފެދުން އިތުރުވުމެވެ. ބާދިރީ ބޭނުންކުރުމުން ބަނޑު އެތެރޭގެ ތަބީޢަތު "އަލްކަލައިން" އަށް ބަދަލުކުރެއެވެ. މިގޮތަށްވުމުން ގޭހުގެ މިންވަރު މަދުވެ، ބަނޑުގައި ފާރު އުފެދުމުގެ ފުރުޞަތު ދަށްވެ، ފާރު އުފެދުނަސް އޭގެ އަސަރު ކުޑަކުރާގޮތް ވެއެވެ. 

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބާދިރީ ފާޑުގެ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ގަސްގަހާގެހީގައި ހުންނަ ލިގްނަން ހަށިގަނޑުގައި ޖަނަވާރުގައި ހުންނަ ލިގްނަން އަށް ބަދަލުވެއެވެ. މިގޮތަށް ލިގްނަން ބަދަލުކުރުވަނީ ގޮހޮރުގައި ހުންނަ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތަކުންނެވެ. ލިގްނަން އަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ބާދިރީގައި ހުންނަ ފައިޓޯނިއުޓްރިއެންޓް ތަކުގެ ސަބަބުން ވެސް ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ބާދިރީގައި މެގްނީޒިއަމް ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ މަސައްކަތަށް ބާރުކުޑަކޮށްދޭނެ ކަމެކެވެ. މިއީ ވެސް ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ. 


ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބާދިރީ އަކީ ކަށިތަކުގެ ހެދިބޮޑުވުމަށާއި ކަށިތަކުގެ މަރާމާތަށް ބޭނުންތެރި ބާވަތެކެވެ. ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވެގެންދަނީ އޭގައި އާދަޔާ ޚިލާފަށް ގިނައިން ފޮސްފަރަސް ހުންނާތީ އެވެ.
މެގްނީޒިއަމް ގިނައިން ހުރުމުން ލިބިދޭ ފައިދާ : ބާދިރީގައި މެގްނީޒިއަމް ގިނައިން ހުރުމުން ލިބިދޭ ފައިދާތަކުގެ ތެރޭގައި، ނޭވާހިއްލާ މީހުންނަށް އަރިދަފުސް ރޯގާގެ އުދަނގޫތައް ކުރިމަތިވާ މިންވަރު ކުޑަވުން، ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާ ނިސްބަތް ދަށްވުން، އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުން : ގޮވާމުގެ ގިނަ ބާވަތްތަކަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް ބޭނުންކުރެވިދާނެ ބާވަތްތަކެވެ. އެގޮތުން ކެންސަރުން ރައްކާތެރިވުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވަނީ އޭގައި ގިނަ އަދަދަކަށް މެގްނީޒިއަމް ހުރުމާއި، ފައިޓޯނިއުޓްރިއެންޓް ތައް އެކުލެވިގެންވާތީ އެވެ. 

ބަރުދަން ލުއިކުރުމަށް އެހީތެރިވުން : ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮށްޖެހުމަކީ ކެއުން ކޮންޓްރޯލް ކުރުމެވެ. ބާދިރީގައި ފައިބަރު ގިނައިން ހުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރު ހުރުމަކީ ކާތަކެތި ހަޖަމުވުން ލަސްކޮށްދީ، ކާތަކެތި ބަނޑުން ގޮހޮރަށް ދިއުން ލަސްކޮށްދޭ ކަމެކެވެ. ފައިބަރު ހުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ، އަބަދު ބަނޑުފުރިފައި ހުންނަ ހެން ހީވުމުން ކެވޭ މިންވަރު މަދުވެ، މިފަދަ ކާނާ ކެއުމުން ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެން ދެއެވެ. 

ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ބާދިރީ އަކީ ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ފައިދާހުރި ބާވަތެކެވެ. އެއީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުންނެވެ. ފައިބަރު ހުރުމަކީ ކާތަކެތި ހަޖަމުވުން ލަސްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފައިބަރު ހުރުމުން މިފަދަ ކާތަކެތީގައި ހިމެނޭ ހަކުރު ލޭގެ ތެރެއަށް ދޫކުރަނީ ލަސްލަހުން މަޑުމަޑުންނެވެ. މިހެން މިކަން ދިމާވުމަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް، ހަކުރު ކޮންޓްރޯލްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ސިލިއެކް ޑިޒީޒް ހުންނަ މީހުންނަށް ފައިދާހުރި ބާވަތަކަށްވުން : ސިލިއެކް ޑިޒީޒް އަކީ ކާބޯތަކެތީގައި ހިމެނޭ "ގުލޫޓަން" އާއި ނުގުޅުމުން ކުރިމަތިވާ ބައްޔެކެވެ. މިފަދަ މީހުންނަށް ގުލޫޓަން ހުންނަ ކާތަކެތި ކެއުމުން މައްސަލަތައް ކުރިމަތިވާނެ އެވެ. ބާދިރީ، ބިންބި، ކުދިބަތް ފާޑުގެ ގޮވާމުގެ ގުލޫޓަން ނުހުރުމަކީ ސިލިއެކް ޑިޒީޒްގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު މިފަދަ ގޮވާމުގެ ބާވަތްތައް ބޭނުންކުރެވޭނެ ކަމުގެ ހެއްކެކެވެ. 

ލޭގައި ސަރުބީގެ މިންވަރު ދަށްކުރުން : ލޭގައި ސަރުބީ ގިނަ މީހުންނަށް ވަރަށް ގިނަ ފަހަރު ބާދިރީ ކެއުމަށް ލަފާ ދެއެވެ. ބާދިރީގައި ހިމެނޭ ފައިޓިކް އެސިޑް އަކީ ކޮލެސްޓްރޯލް މެޓަބޮލިޒަމް ހަލުވިކޮށްދީ، ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. 

ފިތުހިލައިން ރައްކާތެރިކޮށްދިނުން : ބާދިރީ، ކުދިބަތް ފަދަ ގޮވާމުގެ ބާވަތްތަކަކީ ފިތުހިލައިން ރައްކާތެރިކޮށްދޭ ބާވަތްތަކެއްކަމަށް ވަނީ ބެލެވިފައެވެ. އެއީ މިފަދަ ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ފައިބަރުގެ ސަބަބުން، ފިތުހިލަ އުފެދުމަށް މަގުފަހިވާ ކަމެއްކަމުގައިވާ އާދަޔާ ޚިލާފަށް ގިނައިން ބައިލްދޫކުރުން ކުޑަކޮށް، އެކަމަށް ފައިބަރުގެ ސަބަބުން ހުރަސްއަޅާތީ އެވެ. 

މައުލޫމާތު :