Monday, October 19, 2015

ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް

ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ޖިންސީ ގުޅުން ހިންގުމުގެ ޒަރީއާއިން ޖެހޭ ބަލިތަކަކީ ޖުމްލަގޮތެއްގައި ވަރަށް ނުރައްކާތެރި ބަލިތަކެވެ. ވޭން ހުރި މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިނގައިދެއެވެ. މިފަދަ ހާލަތުގައި ބަލި ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށެވެ. ފިރިހެނުންނަށް ބައެއް ބަލިތައް ޖެހޭ ނިސްބަތް މަތިއިރު އަނެއްބައި ބަލިތައް އަންހެނުން ޖެހޭ ނިސްބަތް އިތުރެވެ. މިފަދަ ބަލިތައް އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިވާ އަނެއް ސަބަބަކީ ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަވެސް ގިނަބަޔަކު ޑޮކްޓަރުން ނުވަތަ ޞިއްހީލަފާ ދެއްވާ މީހުންގެ ގާތަށް ދިއުމަށް ފަސްޖެހުމެވެ. މިކަމުގެ ސަބަބުން ބަލިތައް އިތުރަށް ފުޅާވެ، ނުރައްކާތެރި ދަރަޖައަށް މީހާގެ ޞިއްޙީ ހާލަތު ބަދަލު ކުރުވައެވެ 
.
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް މީހުން ގިނަ ބައިބޯ މުޖުތަމައު ގައި އިތުރުކަން ފާހަގަކުރެވެއެވެ. މާގިނަ މީހުން އެއްތަނެއްގައި އުޅެންޖެހުމަކީ އަޚްލާގީ މައްސަލަތައް ފެންމަތިވެ، މިފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމެކެވެ. ސުނާމީ އާއި ގުޅިގެން އެއްރަށުން އަނެއްރަށަށް އެތައްބަޔަކު ހިޖުރަކޮށް އުޅެންޖެހިފައިވާ ގޮތުގެ ސަބަބުން މިމައްސަލަ ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ވަނީ ފެންމަތި ވެފައެވެ. އެކަކަށްވުރެ ގިނަ މީހުންނާއި އެކު ނޭދެވޭގޮތެއްގައި ޖިންސީ ގުޅުންހިންގުމުގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ ހަށިގަނޑު މިފަދަ ބަލިތަކަށް ހުށަހެޅުމެވެ 
.
ދިވެހި މުޖުތަމައަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ބޭސްފަރުވާ އަށާއި އެހެން ކަންކަމުގައި އިންޑިޔާ ބެންކޮކް ފަދަ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އަދި ވަރަށް ގިނަ ބަޔަކު އަވައްޓެރި އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާ ފަދަ ގައުމުތަކުގައި ދިރިއުޅެމުން ގެންދެއެވެ. ބެންކޮކް ފަދަ ގައުމުތަކަކީ ނިސްބަތުން މިފަދަ ބަލިތައް އިތުރުކަން ޚާއްޞަކޮށް އޭޑްސް ފަދަ ބަލިތައް ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ގައުމުތަކެވެ. ހަމަމިހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކިޔެވުމަށާއި، ބޯޓުދަތުރުކުރުން ފަދަ ކަންކަމުގައި ގޮސް އުޅޭ ދިވެހިންތައް އުޅެއެވެ. ކުރިން ބުނިހެން ބޭރުގެ ގިނަ މުޖުތަމައުތަކަކީ މިފަދަ ބަލިތައް ފަސޭހައިން ފެތުރެމުންދާ މުޖުތަމައަކަށް ވުމާއި އެކު އެގައުމު ތަކަށް ގޮސް އުޅޭއިރު އިސްލާމްދީނާއި ޚިލާފުނުވާ ގޮތުގެ މަތީން ތިމާގެ ޖިންސީ އަމަލުތަކާއި އެހެނިހެން ކަންތައްތައް ބެހެއްޓުމަކީ މިފަދަ ބަލިތަކުން މިންޖުވަށް އޮތް އެންމެ ރަގަޅު އެއްމަގު ކަމުގައި ބުނެވިދާނެއެވެ 
.
ބިދޭސީންގެ ނިސްބަތް ދިވެހި މުޖުތަމައުގައި އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މަސައްކަތު މީހުންނާއި ޓުއަރިސްޓުންނާއި އަދި މިނޫން ބޭނުންތަކުގައި ރާއްޖެއަށް އަންނަ މީހުންގެ ސަބަބުން ވެސް މިފަދަ ބަލިތައް ފެތުރިގެން ދެއެވެ 
.
ޖިންސީގުޅުމުގެ ޒަރީޢާއިން އަރާ ބަލިތައް ފެތުރިދާނެ ގޮތްތައް
·         ބަލިޖެހިފައިވާ މީހަކާއި އެކު އެއްވެސް ސިފައެއްގައި ޖިންސީ ގުޅުން ހިންގުން
o       ކުރިމަތި ފަރާތުން ޖިންސީގުޅުން ހިންގުން
o       ފުރަގަސް ފަރާތުން ޖިންސީ ގުޅުން ހިންގުން
o       އަނގައިން ޖިންސީ ގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހަކާ އެކު އެއްޖިންސުން ޖިންސީގުޅުން ހިންގުން
·         ބަލިޖެހިފައިވާ މީހަކު ކުޑަކުއްޖަކު ނަހަމަގޮތުގައި (ނުރުހުމުގައި) ބޭނުންކުރުން (ރޭޕުކުރުން)

ޖިންސީ ގުޅުމުން އަރާ ބަލިތައް، ބަލިޖެހިފައިވާ މީހަކާއެކު ޖިންސީ ގުޅުން ނުހިންގިޔަސް ޖެހިދާނެއެވެ. އެގޮތުން ބަލިޖެހިދާނެ އެހެން ގޮތްތައްތަކުގެ ތެރޭގައި:-

·         ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭއެޅުން
·         ބަލިޖެހިފައިވާ މީހަކަށް ބޭނުންކުރި އިންޖެކްޝަން ކަށި، ރޭޒަރު ތިލަ، ކުރަފަތް، ސިރިންޖް ނުވަތަ އެފަދަ އެހެން ތޫނު އެއްޗެއް ވެސް ސަލާމަތުން ހުރި މީހަކު ބޭނުންކުރުން ނުވަތަ ދިމާވާ ހާދިސާއެއްގައި އެފަދަ އެއްޗެއް ގަޔަށް ހެރުން : މިސާލަކަށް ހަށިގަނޑުގެ ތަނަށް ތޮރުފުން، ޓެޓޫޖެހުން، ކަށިހަރައިގެން ދޭފަރުވާ ނެގުން، މަސްތުވާތަކެތި އިންޖެކްޝަންގެ ޒަރީޢާއިން ނެގުން ފަދަ ކަމެއްކުރުމުގެ ތެރޭގައި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާޞިލްވެދާނެ އެވެ.
·         ނޭނގުމެއްގެ ތެރޭގައި ނޫނީ އޮޅިގެން ނަމަވެސް ބަލީގެ ޖަރާސީމު ހުރި  (ބައްޔާއިގުޅިގެން އުފެދޭ)ފާރުކޮޅެއްގައި ބީހުން
·         ބަލިޖެހިފައިވާ މައިމީހާގެ ފުށުން ބަނޑުގައިވާ ދަރިފުޅަށް ބަލި ވާޞިލްވުން
·         ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން، ނުވަތަ އާންމު ފާޚާނާ ބަރިތަކުން ފާކާނާ ކުރުން ފަދަ ކަމަކުން ބަލި ޖައްސާ ބެކްޓީރިއާ ހަށިގަނޑަށް ވާސިލްވެދާނެއެވެ 


ޖިންސީގުޅުމުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތައް
·         ބެކްޓީރިއަލް ވެޖައިނޯސިސް
·         ކަސްއެޅުން
·         ހެޕަޓައިޓިސް ބީ
·         ކިހުނުވުން
·         ސިފިލިސް
·         އޭޑްސް ބަލި
·         ކްލަމީޑިޔާ އިންފެކްޝަން
·         މޮނަލައިއެސިސް
·         ލިމްފޯގްރެނިއުލޯމާ ވިނީރިއަމް
·         ގްރެނިއުލޯމާ އިންގްވެނޭލީ
·         ޓްރައިކޮމޮނައިއެސިސް
·         ޖެނިޓަލް ހާރޕީޒް
·         ޖެނިޓަލް ވޯރޓްސް
ޝެންކްރޮއިޑް
ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން
ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އާންމުކޮށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         އިސްލާމީ ހަމަތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތީން ޖިންސީގުޅުން ހިންގުން
·         ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން
·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން
·         ބަލިޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·         ރާބުއިން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގެ ސަބަބުން އިސްލާމީ ހަމަތަކާއި އުސޫލްތަކާއި ޚިލާފަށް ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެން ދެއެވެ.
·         މާބަނޑު ދުވަސްވަރު ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ހުރިތޯ ދެނެގަނެ ފަރުވާކުރުން
·         އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން
·         ޖިންސީ ގުޅުމުން އަރާ ބަލިތައް ހުރިތޯ މަދުވެގެން އަހަރަކު 1 ފަހަރު ސްކްރީންކުރުން 

މީގެ އިތުރުން ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބައެއް ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ޑޮކްޓަރެއްގެ އެހީއާއި އެކު އެކަށޭނަ ދޭތެރެދުރާނެ ވަސީލަތެއް ޚިޔާރުކުރުން
·         އާންމު ފާޚާނާ ބަރިތަކާއި، ފަތާފެންގަޑު ފަދަ ތަންތަން ބޭނުންކުރުމާއި ދުރުހެލިވުން
·         ޖިންސީގުނަވަން ހިމެނޭ ހިސާބު ސާފުކުރާއިރު ފަހަތުން ކުރިމައްޗަށް ވާގޮތަށް ސާފުނުކުރުން
·         އުނަގަނޑާއި ގަޔަށް މާބާރުކޮށް ހުންނަ އަންނައުނު ބޭނުންކުރުމާއި ދުރުހެލިވުން
·         ފަރުޖާއި ޖިންސީ ގުނަވަން ސާފުކުރުމަށް ފާޑުފާޑުގެ ސާބޯނި ފަދަތަކެތި ބޭނުން ނުކުރުން
·         ހަށިގަނޑަށް ލޭއަޅާނަމަ އެޗް އައި ވީ އަށް ޓެސްޓްކޮށްފައި ހުރި ލޭއެޅުން
·         އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރު، ދަތްއުގުޅާ ބުރުސް، އަދި ސިރިންޖް ފަދަ ތަކެތި ބޭނުންނުކުރުން
·         އިންޖެކްޝަން ކަށި އަދި ސިރިންޖް ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ސްޓެރިލައިޒްކުރުން
·         އޭޑްސް ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ހަށިގަނޑުން ނަގާ ލޭ ނޭޅުން
·         ޓެޓޫ ޖެހުމާއި، ކަންފަތް ތޮރުފުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންކަމުގައި ބޭނުން ކުރެވޭ ތޫނު ހަތިޔާރަކީ ބައެއް ފަހަރު އޭޑްސް ގެ ވައިރަސްއާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް ވެދާނެތީއެވެ 
.
މައުލޫމާތު :
·         ކަވާސާ.ކޮމް
·         އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް

Friday, October 16, 2015

މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް

މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް
މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ވެސް ވަރަށް އާންމު ބަލިތަކެކެވެ. ދިވެހިރާއްޖޭގައި ވެސް މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް އުޅެއެވެ. ނަމަވެސް އެންމެ އާންމުކޮށް ދިވެހިރާއްޖެއިން ފެންނަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބައްޔަކީ ޑެންގީ ހުމެވެ. ދުނިޔޭގެހުރިހާ ހިސާބެއްގައި ވެސްމަދިރި އުޅެއެވެ. ނަމަވެސް ހޫނު ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރިގިނަކަން ފާހަގަކުރެވެއެވެ. އަހަރަކު އެއްމިލިޔަނަށްވުރެ ގިނަ މީހުން މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގައި މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


މަދިރިތަކުގެ އަސްލު
ދުނިޔޭގައި ތަފާތު އެކި ފާޑުގެ 2700 މަދިރިއުޅޭކަމަށް ހޯދިފައި ވެއެވެ. މިމަދިރިތައް ތަފާތު 13 އާއިލާއަކަށް ބަހާލާފައިވާއިރު މައިގަނޑު ގޮތެއްގައި މަދިރިތައް ނިސްބަތްވާ 3 ނަސްލެއް ވެއެވެ. އެއީ:-

(ހ) - އީޑީޒް މަދިރިތައް (Aedes): އީޑީޒް މަދިރި ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަދިރިތަކުގެ ތެރޭގައި، "އީޑީޒް އިޖިޕްޓައި" އަދި "އީޑީޒް އަލްބޮޕިކްޓަސް" ހިމެނެއެވެ. އާންމު ގޮތެއްގައި ޑެންގީހުން، ޗިކަންގުންޔާ، އަދި ރީނދޫ ހުން ފަތުރަނީ އީޑީޒް މަދިރިތަކެވެ. ބިސް އަޅާ ހިސާބުން ފެށިގެން 75 މޭލު ދުރަށް އުދުހި އުޅުމުގެ ކުޅަދާނަކަން މިމަދިރިތަކަށް ލިބިފައި ވެއެވެ. އާންމު ގޮތެއްގައި މިމަދިރި ހަފައި އުޅެނީ ހެދުނާއި،(ފަތިސް)، ހަވީރުގެ ވަގުތުތަކުގައެވެ. މިމަދިރި ހެފުމުން ވަރަށް ބޮޑަށް ތަދުވާނެ އެވެ.
އީޑީޒް އިޖިޕްޓައި އަކީ ޑެންގީ ހުން، ޗިކަންގުންޔާ، އަދި ރީނދޫ ހުން ވެސް ފަތުރާ މަދިރި އެކެވެ. މިއީ ވަރަށް ކުޑަކުޑަ ކަޅުކުލައިގެ މަދިރިއެކެވެ. މީގެ ފައިތަކާއި ބުރަކަށި މަތީގައި ހުދުކުލައިގެ ރޮނގުތަކެއް ހުރެއެވެ. ޑެންގީ ހުމުގެ ވައިރަސް ހުރި މަދިރިއެއް މީހެއްގެ ގައިގައި ހަފައިފިނަމަ ޑެންގީ ހުން ޖެހޭނެ އެވެ. މިމަދިރީގެ ސައިޒަކީ ގާތްގަނޑަކަށް 5 މިލިމީޓަރެވެ.

ޑެންގީ ހުން ޖައްސާ މަދިރި އާންމުކޮށް ގައިގައި ހަފަނީ ފަތިހާއި މެންދުރުފަހުގެ ވަގުތުތަކުގައެވެ. ޑެންގީ ހުން ޖައްސާ މަދިރި ޖައްސާލައި، މަޑުކޮށްލައިގެން ތިބެނީ ގޭގޭގެ ތެރޭގައާއި، ހިޔާވަހި ކަމުގެ ދަށުގަޔާއި، އަލަމާރި ފަދަ އަދިރި ތަންތަނުގައެވެ. މިފަދަ ތަންތަން ނޫން ތަންތަނުގައި މަޑުކޮށްލައިގެން ތިބެނީ އެތަންތަނަކީ ހިޔާލިބޭ ފިނިތަންތަން ކަމަށްވާނަމަ އެވެ. އަންހެން މަދިރި ބިސްއަޅާނީ ފެނުގެ ތެރެއަށެވެ. ގޭގެ އެކި ތަންތަނުގައި ހުންނަ ފެންފޮދަށާއި، ފެން ތާނގީ ތަކަށް ބިސް އަޅައެވެ. އަދި މީހުން ދިރިއުޅޭ ހިސާބުތަކުގައި ފެން ހަރުލާ ގޮތަށް ހުންނަ އެއްޗެތީގައި ހުންނަ ފެންފޮދަށް ވެސް ބިސްއަޅައެވެ.  މަދިރިފަނި ވިހަނީ މަދިރި ބިހުންނެވެ. މިފަނިތައް ފެނުގައި އުޅޭނީ ހަފްތާއެއް ހާ ދުވަހު އެވެ. އޭގެ ފަހުން ވަށްކޮށް އޮންނަ ކޮމާއެއްގެ ސިފަޔަށް ބަދަލުވެއެވެ. އޭގެ ފަހުން ދެދުވަހެއްގެ ތެރޭގައި މަދިރިއަކަށްވެ އުދުހެން ފަށައެވެ. އޭރު ހުންނާނީ މީހުންގެ ގައިގައި  ހަފާވަރަށް މަދިރި ބޮޑުވެފައެވެ.

ފެން ހަރުލާފައި ހުންނަ ކޮންމެ އެއްޗެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ވެސް ޑެންގީ މަދިރި އާލާވާނެ އެވެ. ހިޔަލުގައި ހުއްޓަސް، އަވީގައި ހުއްޓަސް ފެންއެޅި ހަރުލާފައި ހުންނަ އެއްޗިއްސަކީ މަދިރި އާލާވާނެ އެއްޗިއްސެވެ. ޑެންގީ މަދިރި އާލާވާން އެންމެ އެކަށީގެންވާ ތަންތަނަކީ ، ފެންއެޅިފައި ހުންނަ ފީފާ، ދަޅު، ފުޅި، ތެލި، އަދި ހަރުލާފައި ހުންނަ ނާށި، އުނބު، އަދި ފެންއަޅާފައި ހުންނަ ތާނގީއާއި، ފެން ހަރުލާފައި ހުންނަ ދިޔަ ދޮތްވާއި، ގަސްގަހާއި، ގަސްމުށްޓާއި، ވަޅުބުރިއާއި، ފެން ނުހިނގާ ނަރުދަމާ ތަކާއި، ފެން ހަރުލާފައި ހުންނަ ފަތްފަތާއި، ގަސްގަހާއި، ފެން ހަރުލާފައި ހުންނަ ތަންތަނާއި، މިނޫންވެސް މިފަދަ ކޮންމެ ތަނެކެވެ. މީގެ އިތުރުން ބޭނުންނުކޮށް ދޫކޮށްފައި ހުންނަ ވަޅުވަޅަކީ ވެސް ޑެންގީ މަދިރި އާލާވާނެ ތަންތަނެވެ.

(ށ) - އެނޯފީލްސް (Anopheles):  އެނޯފިލިންސްގެ ބާވަތްތަކުގެ ތެރޭގައި ''އެނޯފީލްސް ފެރޯއެންސިސް''،''އެނޯފީލްސް މަލްޓިކޮލަރ''، ''އެނޯފީލްސް ސާޖެންޓީ''، "އެނޯފީލްސް ކުއެޑްމެކިޔުލޭޓަސް"، އަދި ''އެނޯފީލްސްގެމްބިއާ'' ފަދަ ބާވަތްތައް ހިމެނެއެވެ.އާންމު ގޮތެއްގައި މިމަދިރިތައް ބިސްއަޅަނީ ތާޒާ ފެންގަނޑު ތަކަށެވެ. މެލޭރިޔާ ފަތުރަނީ މިވައްތަރުގެ މަދިރިތަކުގެ ސަބަބުންނެވެ.

(ނ) - ކިއުލެކްސް (Culex): ކިއުލެކްސް މަދިރިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ވައްތަރަކީ "ކިއުލެކްސް ޕައިޕިއެންސް" އެވެ. ކިއުލެކްސް މަދިރި ތަކަކީ އެހާ ދުރަށް އުދުހި އުޅޭ މަދިރިތަކެއް ނޫނެވެ. އަދި މިމަދިރިތައް ދިރިއުޅެނީ ވެސް ހޫނު މޫސުމުގައި މަދު ދުވަސްކޮޅެއް ވަންދެނެވެ. އާންމު ގޮތެއްގައި މިމަދިރި ހަފައި އުޅެނީ ހެދުނާއި (ފަތިސް)، އިރުއޮއްސުމަށްފަހުގެ ވަގުތުތަކުގައެވެ. މިމަދިރި ހެފުމުން ވަރަށް ބޮޑަށް ތަދުވާނެ އެވެ. ފައިލޭރިޔާ ފަތުރަނީ މިވައްތަރުގެ މަދިރިތަކުގެ ސަބަބުންނެވެ.

މަދިރިތަކުގެ ދިރިހުރުމުގެ ބުރު
މަދިރި ދިރިހުރުމުގެ ބުރުހަމަކުރުމުގައި ހަތަރު މަރުހަލާއެއްކަޑަތުކުރެއެވެ. މަދިރިގެ ފުރަތަމަ މަރުހަލާއަކީ ފެންގަޑަށް ދޫކުރާ ބިސްއެވެ. މަދިރި ބިސް އަޅަނީ ވަކިވަކި ބިސްތަކެއްގެ ގޮތުގައި ނުވަތަ ޖަމާއީކޮށެވެ. މަދިރި ބިސް އެޅުމަށްފަހު އެބިސް ކޮއްޓިގެން އެއިން ލާރވާނިކުތުމަށް ވަކި ފިނިހޫނުމިނެއް ބޭނުން ވެއެވެ. މިސާލަކަށް 52ޑިގްރީސެލްޒިއެސްއެވެ. ލާރވާ އަކީ މިބުރުގެ ދެވަނަ މަރުހަލާއެވެ. ލާރވާ ފެނުގައިހަފްތާއެއްގެ ތެރޭގައި 3ފަހަރު ތޮށިބޭލުމަށް ފަހު 4ވަނަ ފަހަރު ޕިއުޕާއަކަށް ބަދަލު ވެއެވެ. ޕިއުޕާ އަކީ މިބުރުގެ 3ވަނަ މަރުހަލާއެވެ. ޕިއުޕާފެނުގެ ތެރޭގައި ދެތިން ދުވަހު ހޭދަކުރުމަށް ފަހު ފުރިހަމަ މަދިރިއަކަށް ( 4ވަނަ މަރުހަލާ) ބަދަލުވެއެވެ. މިގޮތަށް މަދިރީގެ ދިރިހުރުމުގެބުރުހަމަކުރުމަށް 2ހަފްތާ ނަގައެވެ. މަދިރިތައް އުފެދި އާލާވަނީމިބީދައިންނެވެ.

މަދިރީގެ އާދަކާދައާދަކާދަ
މަދިރި ކޮންޓްރޯލްކޮށް ނައްތާލުމަށްޓަކައި މަދިރީގެ އާދަތައްދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން މަދިރީގެ އާދަ ކާދަތައްހުންނަގޮތް ދެދުވަސްވަރަކަށް ބަހާލެވެއެވެ. އެއީ ފެނުގައި ބޮޑުވާދުވަސްވަރާއި، ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރެވެ. ކުރިން ބަޔާންކުރެވުނު މަރުހަލާތަކުގެ ތެރެއިން ފުރަތަމަ 3މަރުހަލާއަކީފެނުގައި ބޮޑުވާ ދުވަސްވަރެވެ. 4ވަނަ މަރުހަލާއަކީ ފުރިހަމަ މަދިރިއެއްގެގޮތުގައި ހޭދަކުރާ ދުވަސްވަރެވެ.

ކުރިން ބަޔާންކުރެވުނު ފަދައިން މަދިރި ބިސްއެޅުމަށް ފެންގަނޑެއްއޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކިވައްތަރުގެ މަދިރީގެ ބިސްތައްފިނިހޫނުމިނަށް ތަހައްމަލު ކުރާ މިންވަރު ތަފާތެވެ. ހަމަމިހެންބިސްއެޅުމަށްޓަކައި ފެންގަނޑު އިޚްތިޔާރުކުރާ ގޮތް ވެސް ތަފާތެވެ. ބައެއްބާވަތުގެ މަދިރި ބާރަށް ނުވަތަ ލަސްލަހުން ދައުރުވާ ފެންގަނޑަށްބިސްއަޅާއިރު އަނެއް ބާވަތުގެ މަދިރި ބިސްއަޅަނީ ނުދެމޭ ނުވަތަ ދައުރުވާފެންގަނޑު ތަކަށެވެ.

ފުރިހަމަ މަދިރިއެއްގެ ގޮތުގައި ހޭދަކުރާ ދުވަސްވަރު އަންނަނިވި ކަންތައްތަކަށް ފާހަގަ ކުރެވޭނެއެވެ.

(ހ) - މަދިރި ލާރވާ ނިކުންނަގޮތާއި، އުދުހޭގޮތް، ބޮޑުވެ ފުރިހަމަވާގޮތްއަދި ބިސްދޫކުރާގޮތް އެއްބާވަތުގެ މަދިރިއާއި، އަނެއްބާވަތުގެ މަދިރިއާއިތަފާތެވެ.

(ށ) - މަދިރި އިންސާނުންގެ ހަށިގަނޑުން ލޭބުއިމަށް ފަހު ނުވަތަ އޭގެ ކާނާހޯދުމަށްފަހު އަރާމުކުރުމަށް ހޭދަކުރާތަން އެއްބާވަތުގެ މަދިރިއާއިއަނެއްބާވަތުގެ މަދިރިއާއި ތަފާތެވެ. މިސާލަކަށް ބައެއް މަދިރިތައް އަދިރިތަންތާގައި ތިބޭއިރު އަނެއްބައި މަދިރިތައް ސީލިންގ ފަދަ ތަންތާގައިޖައްސައިގެން ތިބެއެވެ.

(ނ) - އާންމުގޮތެއްގައި ފިނިމޫސުމައި މަދިރިތައް މަދުވެއެވެ. އެއީ ގިނަމަދިރި ފިނިމޫސުމުގައި ހޭދަކުރަނީ ހާރބިނޭޝަން އޭ ކިޔޭ ހާލަތެއްގައެވެ. މިހާލަތުގައި މަދިރިތައް ތިބެނީ ހަރަކާތް މަދުވެ، ވަޅޯވެފައެވެ.

(ރ) - ފިނިހޫނުމިނާ ރިޢާޔަތްކޮށް ދިރިހުންނަ މުއްދަތު ތަފާތެވެ. ހޫނުމޫސުމުގައި އަދި ހޫނު ގައުމުތަކުގައި މިމުއްދަތު މަދިރިތައް ހޭދަކުރާލެއްކުރެވެ.

(ބ) - އެކިބާވަތުގެ މަދިރި އުދުހޭ ދުރުމިން ވެސް ތަފާތެވެ.

(ޅ) - މަދިރި އިންސާނުންގެ ހަށިގަނޑުގައި ދަތްއަޅާގޮތްވެސް އެއްބާވަތްއަނެއްބާވަތާއި ތަފާތެވެ. ކިއުލެކްސް މަދިރިތައް އަންނައިރު ކަންފަތަށްއުދަގޫ އަޑެއް ހުރެއެވެ. އަދި ދަތްއަޅާތަނުގައި ރިއްސައި، ހިރުވުމާއި އެކުދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެނޯފީލްސް މަދިރިތައްކައިރިވަނީ މަޑުމަޑުން އަޑުލެއްވުމަކާއި ނުލައެވެ. އަދި ދަތްއެޅި ނަމަވެސްރިހުން އިހްސާސްކުރެވޭލެއް ކުޑައެވެ.

މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް
މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
އެންމެ އާންމު ބަލިތައް
·         ޑެންގީ ހުން
·         ޗިކަންގުންޔާ
·         ރީނދޫ ހުން
·         މެލޭރިޔާ
·         ފައިލޭރިޔާ (ލިމްފެޓިކް ފައިލޭރިއޭސިސް)
·         ރިފްޓް ވެލީ ހުން
·         އީސްޓަން އިކުއިން އެންސެފަލައިޓިސް
·         ޖަޕަނީޒް އެންސެފަލައިޓިސް
·         ލެ ކްރޮސީ އެންސެފަލައިޓިސް
·         ސެންޓް ލުއިސް އެންސެފަލައިޓިސް
·         ވެސްޓް ނައިލް ވައިރަސް
·         ވެސްޓަން އިކުއިން އެންސެފަލައިޓިސް
މަދުން ނަމަވެސް ފެންނަ ބަލިތައް
·         ޖޭމްސްޓައުން ކެންޔަން ވައިރަސްވައިރަސް ޑިޒީޒް
·         ޒިކާ ވައިރަސްވައިރަސް ޑިޒީޒް
·         ކުންޖިން ވައިރަސްވައިރަސް ޑިޒީޒް
·         މުރޭ ވެލީ އެންސެފަލައިޓިސް ވައިރަސް ޑިޒީޒް
·         ބާރމަހް ފޮރެސްޓް ވައިރަސްވައިރަސް ޑިޒީޒް
·         ރޮސް ރިވަރ ވައިރަސްވައިރަސް ޑިޒީޒް
މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން (މަދިރިންސަލާމަތްވުން)
މަދިރިން ސަލާމަތްވެ ތިބުމަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ޑެންގީ ހުން، ޗިކަންގުންޔާ، މެލޭރިޔާ، ރީނދޫ ހުން، ފަދަ ބަލިތަކުން ރައްކާތެރިވެ، މިފަދަ ބަލިތަކުން ގެއްލިގެންދާ ފުރާނަތައް ސަލާމަތްކުރުމަށާއި، މިކަމުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރެވެން އޮތް އެންމެ މުހިއްމު މަސައްކަތެވެ. ޚާއްޞަކޮށް މިކަން މުހިއްމުވާ އެންމެ މައިގަނޑު ސަބަބަކީ މިފަދަ ބަލިތަކުން ރައްކާތެރިވާނެ މާގިނަ ވެކްސިން ތަކެއް އުފައްދާފައި ނެތުމާއި، މިފަދަ ބަލިތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ފަރުވާއެއް ނެތުމެވެ. މަދިރިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތިމާގެ ގައިގައި މަދިރިހެފުމުން ރައްކާތެރިވުމާއި، މަދިރި އާލާވިޔަ ނުދިނުމެވެ.

މަދިރިހެފުމުން ރައްކާތެރިވުން
ޖަރާސީމް އަށަގެންފައިވާ މަދިރިއެއް ހެފުމުގެ ސަބަބުން ބަލިޖެހުމުން ސަލާމަތްވުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރުން އެދެވިގެންވެއެވެ.
(ހ) - ނިވާވުން : މަދިރި ހެފުމުން ސަލާމަތްވުމަށްޓަކައި ވީހާ ބޮޑަކަށް ހަށިގަނޑު ނިވާވާ، ގަޔަށްދޫ ހެދުމެއް ބޭނުންކުރުން ބުއްދިވެރި އެވެ.
(ށ) - މަދިރި ލޯޝަން އުގުޅުން : ބޭރަށް ނުކުމެއުޅޭއިރު ހަށިގަނޑުގެ ހާމަޔަށް ފެންނަން ހުންނަ ހިސާބުގައި މަދިރި ލޯޝަން ނުވަތަ ކްރީމެއް އުގުޅާށެވެ. ދުވާލު ގަޑީގައި މިކަމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ޑެންގީ ޖައްސާ މަދިރި ކަމަށްވާ އީޑީޒް އިޖިޕްޓައި (ޗިކުންގުންޔާ ޖެއްސުމުގައި ވެސް މިމަދިރި މުހިއްމު ދައުރެއް ކުޅެއެވެ) މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށްވާތީ އެވެ. އެންމެ އިތުބާރުހުރި އަދި އެންމެ ގިނައިރުވަންދެން އަސަރު ހުންނަ މަދިރި ލޯޝަން ނުވަތަ ކްރީމަކީ ޑީޓް އެވެ. މިގޮތުން ޑީޓް އެކުލެވިފައިވާ މިންވަރު 30 އިންސައްތަ އާއި 50 އިންސައްތަ އާއި ދެމެދު ހުންނަ ބާވަތްތައް ބެލެވިފައިވަނީ އެންމެ އިތުބާރު ހުރި އަދި ގިނައިރު އޭގެ އަސަރު ހުންނަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު މަދުވާވަރަކަށް އޭގެ އަސަރު ދެމިހުންނަ ވަގުތު ކުޑަވާނެއެވެ. މާނައަކީ މަދިރިން ސަލާމަތްވުމަށް ޓަކައި ލޯޝަން/ ކްރީމް އަވަސް އަވަހަށް އުގުޅަން ޖެހޭނެ އެވެ. ޑީޓް އެކުނުލެވޭ ލޯޝަނާއި ކްރީމް، ފަދަ ތަކެތި ބެލެވިފައިވަނީ އިތުބާރު ކުޑަ އޭގެ އަސަރު ދެމިހުންނަ ވަގުތު ކޮޅުވެސް ނިސްބަތުން ކުޑަ ތަކެތި ކަމަށެވެ.

ޑީޓްގެ މިންވަރު 50 އިންސައްތަ އާއި ހަމައަށް ހުންނަ ތަކެތި، ބޮޑެތި މީހުންނަށާއި، މާބަނޑު މީހުންނަށާއި، ދެމަހަށްވުރެ ދޮށީ ކުދިންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެއެވެ.

ދެމަހަށްވުރެ ކުޑަކުދިންގެ ގައިގައި މިތަކެތި އުގުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. މިފަދަ ކުދިން މަދިރިން ސަލާމަތްކުރުމަށްޓަކައި މަދިރިގެ ނުވަތަ ގޮށި ބޭނުންކުރުން އެދެވިގެން ވެއެވެ. މަދިރިން ސަލާމަތްވުމަށް ގައިގައި އުގުޅާ ލޯޝަން /ކްރީމް ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދޮންނަންވާނެ އެވެ.

(ނ) –މަދިރި ދުރުކުރާ ސްޕްރޭ ޖެހުން : ބައެއް ފަހަރަށް ލައިގެން ހުންނަ ހެދުމުގެ މަތިންވެސް މަދިރި ހަފައެވެ. ޚާއްޞަކޮށް އެއީ ގަޔަށް ބާރުކޮށްހުރި އެއްޗެއްނަމަ މަދިރީގެ އުދަގޫ ވަކިން ބޮޑުވާނެއެވެ. މިފަދަ ހާލަތްތަކުގައި މަދިރި ހެފުމުން ސަލާމަތްވުމަށް ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައި ހުންނަ ސްޕްރޭ ލައިގެން ހުންނަ ހެދުމަށް ޖެހިދާނެއެވެ. މިގޮތުން ފައިދާހުރި އަދި އެންމެ ރައްކާތެރި ސްޕްރޭ އަކީ ޕާރމެތްރިން އެކުލެވޭ ސްޕްރޭ އެވެ. ހެދުން އެންމެ ފަހަރަކު ދޮވެލުމުން ގިނަ ސްޕްރޭ ތަކުގެ އަސަރު ފިލާ ދިޔައެއް ކަމަކު ޕާރމެތްރިން އެކުލެވޭ ރަގަޅު  ސްޕްރޭއެއް ނަމަ ގާތްގަނޑަކަށް 5 ފަހަރު ދޮންނަށްދެން އޭގެ އަސަރު ދެމިހުރެއެވެ.

(ރ) - މަދިރިގެ ޖެހުން : މަދިރިން ސަލާމަތް ވުމަށްޓަކައި ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ މަދިރިގެ ބޭނުންކުރަން ފެށުމެވެ. ޚާއްޞަކޮށް ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަދި މިނޫންވެސް ދުވާލު ގަޑީގައި ނިދާފައި ތިބޭމީހުންނަށް މަދިރިގެ ބޭނުން ކުރުމުގެ މުހިއްމުކަން ބޮޑެވެ. ޑެންގީ ހުން ޖެހިފައިވާ ބަލިމީހަކު ގޭގައި އުޅޭނަމަ މަދިރިގެއެއްގެ ތެރޭގައި އެމީހަކު ބޭއްވުމުގެ މުހިއްމުކަން ވަކިން ބޮޑެވެ. އެއީ ބަލިވެ އުޅޭއިރު އޭނާގެ ހަށިގަނޑުގައި ޑެންގީ ގެ ޖަރާސީމް ހުންނާނެތީ އެވެ. އަދި އޭނާގެ ގައިގައި މަދިރި ހެފުމުގެ ސަބަބުން ޖަރާސީމް މަދިރިއަށް ވާޞިލްވެ، އެހެން މީހުންގެ ގަޔަށް ފެތުރޭނެ އެވެ. އެހެން ކަމުން ބަލިމީހެއްގެ ގައިގައި ހެފުމުގެ ފުރުޞަތު މަދިރިއަކަށް ނުދިނުމީ ބަލި ކޮންޓްރޯލްކޮށް، އެހެން މީހުންނަށް ބަލިޖެހުމުން ސަލާމަތްވުމަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅެވެ.

(ބ) - މަދިރި ދުންދަނޑި ޖެހުން : މަދިރިދުންދަނޑިޖެހުންނުވަތަކަރަންޓްގައިޖަހައިގެންމަދިރިދުރުކުރާދުންދަނޑިބޭނުންކުރުމަކީ މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. ވިއްސާރަމޫސުމްގައިމަދިރިދުންދަނޑި ބޭނުން ކުރިޔަސް ކަރަންޓުން ބޭނުންކުރާ މަދިރި ދުރުކުރާ ގުޅަބޭސް ބޭނުންކުރިޔަސް ރަގަޅުވާނެ އެވެ. މެންދުރުން އެބުރުނީއްސުރެ އިރުއޮއްސުމާއި ދޭތެރޭ ގައްޔާއި، އިރު އަރާ ވަގުތު އެންމެ ހެދުނާ މިތަކެތީގެ ބޭނުންކުރުން ރަގަޅެވެ. ސަބަބަކީ އެވަގުތު ތަކީ ޑެންގީ ހުން ޖައްސާ މަދިރި (އީޑީޒް މަދިރިތައް) އެންމެ ބޮޑަށް ހަފާނެ ވަގުތުތައް ކަމަށްވާތީ އެވެ.

(ޅ) - މަދިރި ދައު ޖެހުން : ކުޑަދޮރުތަކާއިމަދިރިވަންނަންހުންނައާނގަތަކުގައިމަދިރިދާޖެހުމަކީގޭތެރެއަށްމަދިރިނުވަންނާނެކަމެކެވެ. ގޭތެރެއަށް މަދިރި ނުވަންނަނަމަ، ގޭތެރޭގައި ތިބޭވަގުތު މަދިރި ހެފުން ކުޑަކޮށްދޭނެ އެވެ.

މަދިރި ލޯޝަން/ކްރީމް އަދި ސްޕްރޭ ބޭނުންކުރާއިރު ސަމާލުވާން ޖެހޭ ކަންތައްތައް
މަދިރި ލޯޝަން/ ކްރީމް އަދި ސްޕްރޭ ތަކަކީ އެތައް ތަޙްލީލު ތަކެއް ކުރެވި، އެތަކެތީގެ ރައްކާތެރިކަން ޔަގީން ކުރެވިފައިވާ ތަކެއްޗެވެ. އެހެނަސް ބޭނުންކުރާ ފަރާތުގެ ރައްކާތެރި ކަމަށްޓަކައި، ތިރީގައިވާ ކަންތައްތަކަށް ސަމާލުވުން ބުއްދިވެރި އެވެ.

ގައިގައި އުގުޅުމަށް ފުދޭވަރަށް ވުރެ އިތުރަށް ލޯޝަން/ކްރީމް ބޭނުން ނުކުރާށެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް އުގުޅުމަކުން އިތުރު ފައިދާތަކެއް ނުކުރާނެއެވެ. ހެދުމުން ނިވާވެފައިވާ ހިސާބުގައި ނުއުގުޅާށެވެ. ކަނޑައިގެން ދިއުން، މަށައިގެން ދިއުން އަދި ރަތްވުން ފަދަ ހަމަށް ގެއްލުން ލިބިފައިވާ ތަންތާގައި ނުއުގުޅާށެވެ. ބަންދުވެފައިވާ ތަނެއްގައި ސްޕްރޭ ބޭނުން ނުކުރާށެވެ. އަދި ނޭވަޔާއެކު ފުއްޕާމޭގެ ތެރެއަށް ދިޔަ ނުދޭށެވެ. ސްޕްރޭ ބޭނުން ކުރާނަމަ ސީދާ މޫނަށް ނުޖަހާށެވެ. މީގެ ބަދަލުގައި އަތަށް ސްޕްރޭ ޖެހުމަށްފަހު މޫނުގައި ހާކާށެވެ. ލޮލާއި އަނގަ މަތީގައި ނުހާކާށެވެ. ކުޑަކުދިންނާއި، މުސްކުޅިންނަށް މިފަދަ ތަކެތި ބޭނުންކުރާއިރު ސަމާލުކަން ދިނުން މުހިއްމެވެ.

މަދިރި ކޮންޓްރޯލް ކުރުން
(ހ) - މަދިރި ފަނި އާލާވިޔަ ނުދިނުން : މަދިރި އާލާވެފައި ގިނަވަނީ މަދިރިއަށް ބިސްއަޅާނެ ތަކެއްޗާއި ތަންތަން ލިބެން ހުންނާތީ އެވެ. މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، ދިގު މުއްދަތަކަށް އަމާޒުކުރެވިގެން ކުރެވޭ  އެންމެ މުހިއްމު އެއް މަސައްކަތަކީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. މިކަމަކީ ސަރުކާރުގެ ދާއިރާތަކާއި އެއްވަރަށް އަމިއްލަ ވަކިފަރުދުންގެ ޒިންމާވެސް އޮންނަ، އަދި މިދެފަރާތުންކުރެ އެއްވެސް ފަރާތަކުން އެކަށީގެންވާ ސަމާލުކަން ނުދެވިއްޖެނަމަ ނާކާމިޔާބު ވާނެ މަސައްކަތެކެވެ. ނަތީޖާއަކަށް ވާނީ ދޭތެރެ ދޭތެރެއިން މަދިރީގެ އާބާދީ ގިނަވެ ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިކަން  އިތުރުވާން ފެށުމެވެ. އަދި އެކަމުގެ ސަބަބުން މީހުން މަރުވެގެން ދިއުމެވެ. މަދިރި ހެފުމުގައި އަދި ޑެންގީ ފަދަ ބަލިތައް ޖެހުމުގައި ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ނުބަލައެވެ. އެހެން ކަމުން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ ތިމާގެ އެއްވެސް ދައުރެއް އެކަމުގައި ނުވާ އަނެކާގެ ނުވަތަ އެހެން ބައެއްގެ މަސައްކަތެއް ކަމަށް ހީކޮށްގެން ތިބުމަކީ މޮޔަކަމެކެވެ. އެއީ މިކަމަށް ސަމާލުކަން ނުދީ އަޅާނުލާ ދޫކޮށްލުމުން ބަލިޖެހި މަރުވެގެންދަނީ ޚުދު ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހެއް ނޫންކަން އެކަކަށްވެސް ކަށަވަރު ނުވާނެތީ އެވެ.

(ށ) - މަދިރި ބިސް އަދި ފަނި ނައްތާލުން : މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި މަސައްކަތަކީ މަދިރިއަށް ބިސް އެޅުމުގެ ފުރުޞަތު ނުދިނުމާއި، މަދިރި ފަނި ނައްތާލުމެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަ ކޮށްލާނަމެވެ.

·         ދަޅު، ފުޅި، ނާށި، އުނބުގަނޑު، ޓަޔަރު ފަދަ ފެންހަރުލާ ތަކެތި ނައްތާލާށެވެ. ކިތައްމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް ފެންހަރުލާފައި ހުންނަނަމަ މަދިރި ބިސްއަޅާ އާލާވާނެއެވެ. މިސާލަކަށް ފުޅީގެ މައްޗާއި، މެޓާކާފައި އެއްލާލާ ޕްލާސްޓިކް ކަރުދާސް ކޮޅުގައި ވެސް ފެންހަރުލައި މަދިރި ބިސްއަޅައި އާލާވެފައި އެބަހުއްޓެވެ.

·         ގަސްމުށި ގަނޑުގެ އަޑީގައި ހުންނަ ތައްޓާއި، ފެނުގައި ގަސް ހައްދާފައިވާ ފުޅި ފަދަ ތަކެތި މަދުވެގެން 5 ދުވަހުން އެއްފަހަރު ރަގަޅަށް ސާފުކުރާށެވެ.

·         ދިޔަ ދޮވީގައި ކުންޏާއި ފަތްފަދަ ތަކެތި ޖަމާވިޔަ ނުދޭށެވެ. އަދި ދިޔަ ދޮވީގައި ބަނޑިލާފައި ހުންނަ ނަމަ އެކަން ރަނގަޅުކުރާށެވެ.

·         ފެންތާންގީ، ބާލިދީ އަދި ހަން ފަދަ ފެންނަގާ ރައްކާކުރަން ބޭނުންކުރާ ތަކެތި މަދިރިއަށް ނުވަދެވޭގޮތަށް ރަނގަޅަށް ބަންދުކޮށްފައި ބަހައްޓާށެވެ.

·         އެއަރކޮންޑިޝަން ހޮޅި ފަދަ ފެންތިކިޖަހާ ތަންތަނުން، ފައިބާ ފެންޖަމާވެ، އަބަދު ތެތްކޮށް ހުރިޔަ ނުދޭށެވެ. މިފަދަ ތަންތަނަށް ވެސް މަދިރި ބިސްއަޅާނެއެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މަދިރީގެ ބިސް ހަލާކުނުވެ ދެމިހުރެއެވެ.

·         ވަޅު އަދި ހާމަކޮށް ހުންނަ ފެންގަނޑުތަކަށް ޖަޕާނުމަސް ކަށްޓަފުޅި، ފަދަ މަދިރި ފަނިކާ ބާވަތުގެ މަސްލާފައި ބަހައްޓާށެވެ.

·         ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ތަންތަނަކީ ތަފާތު ސަބަބުތަކާހުރެ ފެންހަރުލާފައި ހުންނަ އަދި ބައެއް ފަހަރު ބަހައްޓަން ޖެހޭ ތަންތަނެވެ. މިއީ ދިވެހިރާއްޖޭގައި މަދިރި އާލާވާ ތަންތަނުގެ ތެރެއިން ޚާއްޞަކޮށް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ތަންތަނުގައި މަދިރި އާލާވިޔަ ނުދިނުމަކީ މަސައްކަތް ކުރާ ފަރާތާއި، މަސައްކަތް ކުރުވާ ފަރާތުގެ ވެސް ޒިންމާއަކަށް ވާންޖެހޭނެއެވެ. މިއީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ ކަމެއްކަން ހަދާން ބަހައްޓަން ވާނެއެވެ.

(ނ) - އުދުހޭ މަދިރިން ސަލާމަތްވުން : މިއީ މަދިރި ކޮންޓްރޯލްކޮށް މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމުގެ މަސައްކަތުގެ ތެރެއިން އެންމެ އުނދަގޫ އަދި ނަތީޖާ އެންމެ ކުޑަ މަސައްކަތެވެ. އެހެނަސް މިއީ ފާޅުކަން ބޮޑު މަސައްކަތެއްގެ ގޮތުގައި ފެނިގެންދާ ކަމަކަށްވާތީ ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިއީ މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އަދި ހަމަ މިސަބަބާހުރެ މަދިރި ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޢާންމު ފަރުދުންނަށް އެންގުމަށްޓަކައި ނުވަތަ ދެއްކުމަށްޓަކައި މިފަދަ މަސައްކަތް ކުރާ އިދާރާތަކުން ކުރާ މައިގަނޑު މަސައްކަތަކީ ވެސް މިއީ އެވެ. މިހަގީގަތަކީ ހުރިހާ ފަރާތްތަކުން ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. އެހެންކަމުން މިބަލާލަނީ އުދުހޭ މަދިރިން ސަލާމަތްވުމަށް ގޭގައި ނުވަތަ ފަރުދުންގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކަށެވެ.

ގެއާއި ދިރިއުޅޭ މާހައުލުގެ ތެރެއަށް މަދިރި ވަނަ ނުދިނުމަށްޓަކައި ކުޑަ ދޮރާއި ފެން ލައިޓް ފަދަ ތަންތަނުގައި ދާޖަހާފައި ބެހެއްޓިދާނެއެވެ. މިގޮތުން ޖަހާ ދަލަކީ އެކަށީގެންވާ ސައިޒެއްގެ ގޮޅި ހުންނަ އެއްޗަކަށް ވާންޖެހޭނެއެވެ.

ސިޓިންގރޫމް ކޮޓަރީގައި ހަރުކޮށްފައި ހުންނަ ދޮރުފޮތި، ޕައިރެތްރޮއިޑް އެކުލެވޭ ކެމިކަލް އަކުން ދޮވެފައި ބެހެއްޓުމަކީ ވެސް އެފަދަ ތަންތަނުން މަދިރިވަނުން ކޮންޓްރޯލް ކުރުމަށް އެހީވެދޭނެ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މީހުންގެ ގައިން ލޭބުއިމަށްފަހު އަދި އެނޫން ވެސް ވަގުތުތަކުގައި އަރާމް ކުރުމަށްޓަކައި ދޮރުފޮތީގައި އަދި ދޮރުފޮއްޗާއި ފާރާއި ދޭތެރޭގައި މަދިރި ތިބޭ ތިބުން މަދުކުރެވޭނެއެވެ.

އެލެތްރިން، ރެސެމެތްރިން، ފަދަ ޕައިރެތްރޮއިޑްސް އެކުލެވޭ ސޫފާސޫފި މެރުމަށް ޖަހާ ސްޕްރޭ އެއް ގޭތެރޭގައި  ވެސް ބޭނުން ކުރެވިދާނެއެވެ. އެހެނަސް މަދިރިއަށް ވަދެވޭގޮތަށް ހުޅުވާފައި ހުންނަ ތަނެއްނަމަ އިސާހިތަކު މީގެ އަސަރު ފިލައިދާނެއެވެ. މިގޮތުން ބޭނުންކުރަންވާނީ ހަމައެކަނި އުދުހޭ ސޫފި މެރުމަށް ބޭނުންކުރެވޭނެ ކަމަށް ލިޔެފައިވާ ތަކެއްޗެވެ. މިކަމުގެ އެންމެ ރަގަޅު ނަތީޖާ ލިބޭނީ ސްޕްރޭކުރާއިރު އަދި އެއަށްފަހު 5 މިނިޓާއި 10 މިނިޓާއި ދެމެދުގެ ވަގުތަކަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމުންނެވެ. މިގޮތަށް ބަންދުކޮށްފައި ހުންނަ ވަގުތު އެތާގެ ތެރޭގައި މީހުން ތިބުން ރައްކާތެރިއެއް ނުވާނެއެވެ.

ކަރަންޓަށް ޖަހާ ފޮތި(މެޓް) އަދި ދިޔާ ބޭސް(ވެޕަރ) ފަދަ ތަކެއްޗާއި، މަދިރި ދުންދަނޑި އަކީވެސް ގޭތެރޭގައި ބޭނުންކުރެވިދާނެ ތަކެއްޗެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރާ ތަނެއްގެ ބޮޑުމިނާއި، އެކަށީގެންވާ މިންވަރަށް އެތަކެތި ބޭނުން ނުކުރެވޭނަމަ އޭގެ މާބޮޑު ފައިދާއެއް ނުކޮށްފާނެއެވެ.

މަދިރިއުފެދޭތަންތަންނައްތާލުން
·         ފެންއަޅާފައި ހުންނަ ތަކެތީގެ ރަގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. ފެން ނަގާ ތާނގީތަކަށް މަދިރި ނުވަދެވޭގޮތަށް މަތިޖަހާ ވައި ހިނގަށް ހުންނަ ހޮޅިހޮޅީގައި މަދިރިއަށް ނުވަދެވޭ ގޮތަށް ދާކޮޅެއް ޖަހާށެވެ.

·         ފެން ހިންދާ ވަޅުގަނޑާއި، ނަޖިސް ވަޅުގަނޑަށް މަދިރިއަށް ނުވަދެވޭގޮތަށް ބަންދު ކުރާށެވެ. ވަސް ހޮޅީގައި ވެސް މަދިރިއަށް ނުވަދެވޭ ގޮތަށް ދާ ޖަހާށެވެ. އެހެން ނޫނީ އެފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަން ކަމުގައި ވެދާނެއެވެ.

·         މަދިރި އުފެދޭގޮތަށް ހުންނަ ކުނި ބުނި ނައްތާލުން މުހިއްމު އެވެ. އުކާލާފައި ހުންނަ ދަޅު، ފުޅި، ތަށި އަދި ނާއްޓަކީ ފެން އެޅިގެން ފެން ހަރުލައި، އެފެނުގައި މަދިރި އުފެދޭނެ އެއްޗެއްސަށްވާނެ އެއްޗެއްސެވެ. މިފަދަ އެއްޗެތި އެއްކޮށް އުކާލާށެވެ. ނޫނީ ވަޅުލާށެވެ. ނޫނީ އަންދާލާށެވެ.

·         ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވިދާނެއެވެ. މަދިރި ފަނިއަޅާ ވަޅުވަޅަށް މަސްލައިގެން މަދިރި ގިނަވިޔަނުދީ ކޮންޓްރޯލް ކުރެވިދާނެއެވެ. މީގެ އެއްވައްތަރަކީ ގައްޕީޒް އެވެ. ފަނި މަރަން ޖަހާ ކަހަލަ ބޭސް ބޭނުންކުރުމުން މަދިރި ފަނި މަރުވާނެއެވެ.

·         މަދިރި މަރަން ބޭނުންކުރާ ބޭސް ބޭނުންކޮށްގެން މަދިރި ކޮންޓްރޯލް ކުރެވިދާނެއެވެ.

މަދިރީގެ މަރުހަލާތަކަށް ބަލައިގެން މަދިރި ކޮންޓްރޯލްކުރުން
ފެނުގައި ކަޑަތުކުރާ މަރުހަލާގައި މަދިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައް
·         ފަތާފެންގަނޑުފަދަތަންތަނުގެފެންބަދަލުބަދަލުކޮށް ބަދަލުކޮށް ބެހެއްޓުން
·         ވަޅު ދިޔަ ހިއްކުން އަދި ވަޅަށް ފަތްފަދަ ހަނޑި ނޭޅުން
·         ވަޅަށް ކްލޮރިން އެޅުން
·         ވަޅަށް ބޭންގ، ގުރުވަ، ކައްޓަފުޅި ފަދަ މަސްލުން
·         ފެން ހިފެހެއްޓޭގޮތަށް ކޮނެފައި ހުންނަ ވަޅުގަނޑުތައް ފަސް އަޅައި ބެއްދުން
·         މެލެރިއޯލް ނުވަތަ ޕެރިސް ގްރީން ފަދަ ކެމިކަލްތައް ސްޕްރޭކުރުން

އުދުހިއުޅޭ(ފުރިހަމަ މަދިރިއެއްގެ)މަރުހަލާގައި މަދިރި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް
·         މީހުންއުޅޭއިމާރާތްތަކާއިތަންތަނުގެދޮރުތަކުގައިމަދިރިނަރުދާހަރުކުރުން
·         ޕައިރެތުރަމް، ގަމެކްޒޭން، އަދި ކާރބަމޭޓް ފަދަ ފަނިފަކުސަފަނާކުރުވަނިވި ކެމިކަލްތައް މަދިރި ގިނަހެން ހީވާ ހިސާބުތަކަށް ސްޕްރޭކުރުން
·         ސިޓްރޮނެއްލާ ތެޔޮ ފަދަ މަދިރިއަށް ނުގުޅޭ އަސަރު ކުރިމަތި ކުރުވާ މާއްދާތައް ހަންގަނޑުގައި އުގުޅުން

މައުލޫމާތު :