Monday, October 19, 2020

އަންހެނާގެ ކުރިމަތި ފަރާތަށް ޖެހޭ ކެންސަރު

 

އަންހެނާގެ ޖިންސީ ގުނަވަނަށް (ކުރިމަތި ފަރާތަށް) ޖެހޭ ކެންސަރު

އަންހެނާގެ ކުރިމަތިފަރާތަށް ޖެހޭ ކެންސަރު ނުވަތަ އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރަ(vaginal cancer)ކީ އަންހެނުންނަށް މަދުން ނަމަވެސް ޖެހޭ ކެންސަރެކެވެ. އެންމެ އާންމު ގޮެތެއްގައި މިކެންސަރު ކުރިމަތިވަނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ބަތާނަ ފަށުގެ ސެލްތަކަށެވެ. ވަރަށް ގިނަ ވައްތަރުގެ ކެންސަރުތައް ހުރުމާއެކު ބައެއް ފަހަރު އެހެން ތަނެއްގައި ހުންނަ ކެންސަރުގެ އަސަރު އަންހެނާގެ ޖިންސީ ގުނަވަނާއި ހަމައަށް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސީދާ އަންހެނާގެ ޖިންސީ ގުނަވަނަށް ކެންސަރު އަސާސީ ގޮތެއްގައި ޖެހި، ފެށިގެން އަންނަނީ ވަރަށް މަދުންނެވެ.

އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރަކީ އެހާ އާންމު ކެންސަރެއް ނޫނެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ކުރިމަތި ފަރާތަށް ޖެހޭ ކެންސަރުގެ ނިސްބަތަކީ އެންމެ %2 އެެވެ.


އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރުގެ ވައްތަރުތައް

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަަރުގެ ވައްތަރުތައް ބަހާލެވިފައިވަނީ ކެންސަރުގެ ފެށިގެން އަންނަ ސެލްތަކުގެ ވައްތަރަށް ރިޢާޔަތްކޮށެވެ. އެގޮތުން ބަހާލެވިފައިވާ ކެންސަރުގެ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(1) - ވެޖައިނަލް ސްކޭމަސް ސެލް ކާސިނޯމާ (vaginal squamous cell carcinoma): މިއީ އެންމެ އާންމު ވައްތަރުގެ ކެންސަރެވެ. މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ވެޖައިނާގެ ބަތާނަ ފަށުގައި ތުނި ފަތާ ސެލް ތަކުންނެވެ. ނުވަތަ ސްކޭމަސް ސެލްތަކުންނެވެ. އަންހެނާގެ ކުރިމަތި ފަރާތަށް ޖެހޭ ކެންސަރުގެ %90 - %80 ހިއްސާކުރަނީ ވެޖައިނަލް ސްކޭމަސް ސެލް ކާސިނޯމާ އެވެ. އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހޭ މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުންނަށް ޖެހެނީ ވެޖައިނަލް ސްކޭމަސް ސެލް ކާސިނޯމާ އެވެ. މިކެންސަރު ބޮޑަށް އުފެދިގެން އަންނަނީ އަންހެނާގެ ކުރިމަތި ފަރާތް ނުވަތަ ޖިންސީ ގުނަވަނުގެ މަތީ ބައިގައި ރަހިމުގެ ދޮރާއި ކައިރިވީ ހިސާބު ގައެވެ. ފަރުވާ ނުކުރެވިއްޖެނަމަ ދުވަސްވާވަރަކަށް ކެންސަރުގެ ސެލްތައް ބަތާނަފަށް ފަހަނައަޅައި ފުނަށް (ކުރިމަތި ފަރާތުގެ ފާރަށް) ނޫނީ އަޑިއަށް ފެތުރިގެންދެއެވެ. އަދި ކައިރި ހިސާބުތަކަށް ވެސް ފެތުރިގެން ދެއެވެ.

އަންހެނާގެ ޖިންސީ ގުނަވަނުގައި ނޫނީ ކުރިމަތި ފަރާތުގައި އުފެދޭ ކެންސަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ފެތުރެއެވެ. އެގޮތުން ފުއްޕާމޭ، ފުރަމޭ، އަދި ކަށިތަކަށް ވެސް ފެތުރެއެވެ. އާންމު ގޮތެއްގައި އަންހެނާގެ ޖިންސީ ގުނަވަނުގައި އުފެދޭ ކެންސަރަކީ ވަރަށް ލަހުން އުފެދި ހެދިބޮޑުވަމުން އަންނަ ކެންސަރެކެވެ. 

(2) - ވެޖައިނަލް އެޑީނޯ ކާސިނޯމާ (vaginal adenocarcinoma): މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ވެޖައިނާގެ ބަތާނަ ފަށުގައި ހުންނަ ގްލޭންޑިޔުލަރ ސެލް ތަކުންނެވެ. އަންހެނާގެ ކުރިމަތި ފަރާތަށް ޖެހޭ ކެންސަރުގެ %10 - %5 ހިއްސާކުރަނީ ވެޖައިނަލް އެޑީނޯ ކާސިނޯމާ އެވެ. މިވައްތަރުގެ ކެންސަރު އާންމުކޮށް ފެންނަނީ އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހޭ ކޮންމެ 10 މީހުންގެ ތެރެއިން 1 ގެ ފުށުންނެވެ. އެންމެ އާންމުކޮށް ޖެހޭ ވެޖައިނަލް އެޑީނޯކާސިނޯމާ ފެންނަނީ އުމުރުން 50 އަހަރުން މަތީ އަންހެނުންގެ ފުށުންނެވެ. ވެޖައިނަލް އެޑީނޯކާސިނޯމާގެ އެހެން ވައްތަރެއްކަމަށްވާ "ކްލެއަރ ސެލް އެޑީނޯކާސިނޯމާ" ބޮޑަށް ފެންނަނީ ޑައިއީތައިލް ސްޓިލްބެސްޓްރޯލް އަށް ހުށަހެޅޭ(މަންމަގެ ރަހިމުގައި އޮއްވައި މިމާއްދާއަށް ހުށަހެޅިފައިވާ) ޅަ އަންހެނުންގެ ފުށުންނެވެ.

(3) - ވެޖައިނަލް މެލަނޯމާ (vaginal melanoma): މިވައްތަރުގެ ކެންސަރު އުފެދިގެން އަންނަނީ ވެޖައިނާގައި ހުންނަ ޕިގްމެންޓް އުފައްދާ ސެލް ތައް (ހަމަށް އޭގެ ކުލަ ގެނެސްދޭ ސެލްތައް) ނުވަތަ މެލާނޯސައިޓް ތަކުންނެވެ. އާންމު ގޮތެއްގައި މިވައްތަރުގެ ކެންސަރު އުފެދެނީ އިރުގެ އައްޔަށް ހުށަހެޅޭ ހިސާބުތަކުގެ ހަމުގައެވެ. އެހެން ނަމަވެސް އަންހެނާގެ ޖިންސީ ގުނަވަނާއި އެހެން ހިސާބުތަކުގައި ވެސް މިވައްތަރުގެ ކެންސަރު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރުޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން 3 ނުވަތަ އެއަށްވުރެ މަދު މީހުންގެ ފުށުން ވެޖައިނަލް މެލަނޯމާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

(4) – ވެޖައިނަލް ސާރކޯމާ (vaginal sarcoma): އާންމު ގޮތެއްގައި ސާކޯމާ އަކީ ކަށިތަކާއި، މަސްތަކާއި، ގުޅުވާދެނިވި ސެލޯށި ތަކުގައި އުފެދޭ ކެންސަރެވެ. އެގޮތުން ވެޖައިނަލް ސާރކޯމާ ނުވަތަ މިވައްތަރުގެ ކެންސަރު ފެށިގެން އަންނަނީ ވެޖައިނާގެ ފާރުގެ މަހުގެ ސެލް ތަކުންނެވެ. ނުވަތަ ވެޖައިނާގައި ހިމެނޭ ގުޅުވާދެނިވި ސެލޯށިތަކުގެ ސެލް ތަކުންނެވެ. އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރުޖެހޭ ކޮންމެ 100 މީހުންގެ ތެރެއިން 3 ނުވަތަ އެއަށްވުރެ މަދު މީހުންގެ ފުށުން ވެޖައިނަލް މެލަނޯމާ ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ވެޖައިނަލް ސާރކޯމާގެ ތެރެއިން އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކަމަށް އެންމެ ބޮޑަށް ފާޙަގަކުރެވެނީ ބޮޑެތި މީޙުންނަށް ވުރެ ކުޑަކުދިންގެ ކިބައިން ފާހަގަވާ ވައްތަރެއް ކަމުގައިވާ "ރަބްޑޯމެޔޯސާރކޯމާ" އެވެ. ވެޖައިނަލް ސާރކޯމާގެ ވައްތަރެއް ކަމުގައިވާ "ލެއިއޯމެޔޯސާރކޯމާ" ބޮޑަށް ފެންނަނީ އުމުރުން 50 އަހަރުން މަތީގެ އަންހެނުންގެ ފުށުންނެވެ.

ސަބަބު

އަންހެނާގެ ޖިންސީ ގުނަވަނަށް ކެންސަރު ޖެހޭ ވަކި ސަބަބެއް ސީދާ ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި ކެންސަރު ފެށިގެން އަންނަނީ ދުޅަހެޔޮ ދިރު (ސެލް) ތަކަށް ވިރާސީގޮތުން ބަދަލު އައިސް، ޣައިރު ތަބީޢީ ސެލްތަކަކަށް ބަދަލުވުމުންނެވެ. އާންމު ގޮތެއްގައި ދުޅަހެޔޮ ސެލްތައް ހެދިބޮޑުވެ، މަރުވެދަނީ ކަނޑައެޅިފައިވާ ވަކި އުސޫލަކާ ތަރުތީބެއްގެ ދަށުންނެވެ. ނަމަވެސް ކެންސަރުގެ ސެލްތައް ކޮންޓްރޯލް ނުވާ ވަރަށް އިތުރުވެ، އަދި އެ ސެލްތައް މަރެއް ނުވެއެވެ. އަދި މިގޮތަށް އާދަޔާ ޚިލާފަށް އިތުރުވަމުންދާ ޣައިރު ތަބީޢީ ސެލްތައް ފުންޏެއްގެ ސިފައިގައި ޖަމާވެ، ޓިއުމަރެއް އުފައްދައެވެ. އެއަށްފަހު ކެންސަރުގެ ސެލްތައް ވަށައިގެންވާ ސެލޯށި (ޓިޝޫ) ތަކަށް ފެތުރި، އަދި އޭގެ ފަހުން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެން ދެއެވެ.

 

މަގުފަހިކުރާ ސަބަބުތައް

(ހ) - އުމުރުންމަތިވުން :އުމުރުންދުވަސްވާރަކަށްއަންހެނާގެޖިންސީގުނަވަނަށް ކެންސަރުޖެހުމުގެފުރުޞަތުއިތުރުވެއެވެ. ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތި ފަރާތަށް ކެންސަރުގެ ޖެހުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުގޮތެއްގައިއަންހެނާގެޖިންސީގުނަވަނަށްކެންސަރުޖެހިފައިވާކަމަށްދެނެގަނެވެނީ އުމުރުން 60 އަހަރު ވާފަހުންނެވެ. ނޫނީ އެގޮތަށް ދެނެގަނެވިފައިވާ މީހުންނަކީ އުމުރުން 60 އަހަރަށްވުރެ މަތި މީހުންނެވެ. ނަމަވެސް މަދުން ނަމަވެސް އުމުރުން 40 އަހަރުން ދަށުގެ މީހުންގެ ކިބައިންވެސް ކުރިމަތި ފަރާތަށް ކެންސަރު ޖެހުން ފާހަގަ ކުރެވިފައި ވެއެވެ.

(ށ) –ވެޖައިނަލް ޕްރީ ކެންސަރު ނުވަތަ އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ(Intraepithelial neoplasia / VAIN):މިއީ އަންހެނާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި އުފެދޭ ޕްރީ ކެންސަރަސް ލީޒަން އެކެވެ. އާންމު ގޮތެއްގައި ކެންސަރު ޖެހުމުގެ ކުރިން ސެލްތަކަށް އަންނަ ބަދަލުތަކަކީ ޣައިރު ތަބީޢީ ބަދަލުތަކެވެ. އެކަމަކު މިއީ އަދި މުޅިން ކެންސަރެއް ނޫނެވެ. ނަމަވެސް ގިނަ ދުވަސްވާވަރަކަށް ކެންސަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. ވެޖައިނަލް އިންޓްރަ އެޕިތީލިއަލް ނިއޯޕްލޭޒިއާ ގެ މާނައަކީ ބަދަލުައައިސްފައިވާ ސެލްތައް އަންހެނާގެ ޖިންސީ ގުނަވަނުގެ އެންމެ އެތެރޭ ސަތަހައިގެ ސެލްތަކުން ފާހަގަވުމެވެ. ނޫނީ ފެނުމެވެ. މިހާލަތު އެންމެ އާންމުކޮށް ފާހަގަވަނީ ކުރިން ރަހިމު ނަގާފައި ތިބޭ މީހުން ނޫނީ ކުރިން ރަހިމުގެ ދޮރަށް ކެންސަރު ޖެހިފައިވާ މީހުންގެ ކިބައިންނެވެ.

(ނ) - ޑައިއީތައިލްސްޓިލްބެސްޓްރޯލް (Diethylstilbestrol) ކިޔާ ބޭހަކަށް ހުުށަހެޅުން : މިއީ ބައިގެންދިއުމުން ރައްކާތެރިކުރުމަށް ކުރިން ބޭނުންކޮށް އުޅުނު ބޭހެކެވެ. މިއީ މިހާރު ބޭނުންކުރާ ބޭހެއް ނޫނެވެ. މިބޭސް ބޭނުންކޮށްފައިވަނީ 1940 ގެ އަހަރުތަކުން ފެށިގެން 1971 ވަނަ އަހަރާއި ހަމައަށެވެ. މިއީ ހޯރމޯން އެކުލެވޭ ބޭހެކެވެ. އެމީހަކަށް އެމީހަކުގެ މަންމަ ބަލިވެ އިންދުވަސްވަރު މިބޭސް ނަގާފައިވާނަމަ، އެމީހަކަށް ކުރިމަތި ފަރާތުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެއެވެ. އާންމު ގޮތެއްގައި މާބަނޑު ދުވަސްވަރު މިބޭސް ބޭނުންކޮށްފައިވާ މައިންގެ ތެރެއިން ކެންސަރު ފާހަގަވަނީ ކޮންމެ 1000 މައިންނަށް ލިބޭ ދަރިންގެ ތެރެއިން އެންމެ މަޔަކަށް ލިބޭ ދަރިއެއްގެ ކިބައިންނެވެ.

(ރ) – ހިޔުމަން ޕެޕިލޯމާ ވައިރަހުން ޖެހޭ އިންފެކްޝަން ކުރިމަތިވުން (HPV infection): ހިޔުމަން ޕެޕިލޯމާ ވައިރަހުން ޖެހޭ އިންފެކްޝަން ޖެހުމަކީ އަންހެނާގެ ކުރިމަތިފަރާތަށްޖެހޭ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ޖިންސީ ގުޅުމުން އަރާ މިފަދަ އިންފެކްޝަންތައް ފެތުރުމުގެ ފުރުޞަތު އިތުރުވާ ކަމެކެވެ. ހިޔުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ކެންސަރު ޖެހިދާނެ ބައިތަކުގެ ތެރޭގައި ރަހިމުގެ ދޮރު، ފަރުޖު، ޒަކަރު، ފުރަގަސްފަރާތް، ކަރު ފަދަ ބައިތައް ހިމެނެއެވެ. ހިޔުމަން ޕެޕިލޯމާ ވައިރަަސްގެ ވައްތަރުތަކުގެ ތެރެއިން (އަންހެނާގެ ޖިންސީ ގުނަވަނަށް) ކެންސަރު ޖެހުމުގެ ހިރާސް އެންމެ ބޮޑީ ހިޔުމަން ޕެޕިލޯމާ ވައިރަސް16 އަދި ހިޔުމަން ޕެޕިލޯމާ ވައިރަސް 18 ގެ ސަބަބުންނެވެ. ހިޔުމަން ޕެޕިލޯމާ ވައިރަސް އިން ޖެހޭ އިންފެކްޝަންތަކުން ރައްކާތެރިވުމަށް ވެކްސިނެއް ތައްޔާރު ކުރެވި ބޭނުން ކުރެވެމުން ދެއެވެ.

(ބ) ވެޖައިނަލް އެޑީނޯސިސް (vaginal adenosis):އާންމު ގޮތެއްގައި އަންހެނާގެ ކުރިމަތި ފަރާތުގެ ބަތާނަ ފަށުގައި ހުންނަ ތުނި ފަތާ ސެލްތަކެކެވެ. މިއީ ސްކޭމަސް ސެލް ތަކެވެ. މައްސަރު ކަންތައް ޖެހެން ފަށާފައިވާ %40 އަންހެނުންގެ  ކުރިމަތި ފަރާތުގެ ބަތާނަ ފަށުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ހިސާބުތަކުގައި ސްކޭމަސް ސެލްތަކުގެ ބަދަލުގައި ގްލޭންޑިޔުލަރ ސެލްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިސެލްތައް ވައްތަރުވާނީ ރަހިމުގެ ދޮރު ނޫނީ ރަހިމުގެ ބަތާނަ ފަށުގައި ހުންނަ ގްލޭންޑް ތަކުގެ ސެލްތަކާ އެވެ. ނޫނީ ބިސްދަތުރުކުރާ ހޮޅީގެ ބަތާނަ ފަށުގައި ހުންނަ ސެލްތަކާ އެވެ. އެޑީނޯސިސް ގެ މާނައަކީ މިގޮތަށް ގްލޭންޑް ސެލްތައް ހުންނަ ހިސާބު ތަކެވެ. ނޫނީ ސަރަހައްދު ތަކެވެ. އެމީހަކަށް އެމީހެއްގެ މަންމަ މާބަނޑުވެ އިން ދުވަސްވަރު ޑައިއީތައިލް ސްޓިލްބެސްޓްރޯލްއަށް ހުށަހެޅިފައިވާ ހުރިހާ މީހުންގެ ކުރިމަތި ފަރާތުގައި މިގޮތަށް ވެޖައިނަލް އެޑީނޯސިސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވެޖައިނަލް އެޑީނޯސިސް ހުރުމަކީ ކްލެއަރ ސެލް ކާސިނޯމާ އުފެދުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ނާދިރު ކެންސަރެކެވެ. ޑައިއީތައިލްސްޓިލްބެސްޓްރޯލް އަށް ހުށަހެޅިފައިނުވާ މީހަކަށް ކްލެއަރ ސެލް ކާސިނޯމާ އުފެދުމަކީ ނޫނީ ޖެހުމަކީ އަދި ވަކިން ނާދިރު ކަމެކެވެ.

(ޅ) -– ރަހިމުގެ ދޮރަށް ކެންސަރު ޖެހުން : ރަހިމުގެ ދޮރަށް ކެންސަރު ޖެހުން ނޫނީ ވެޖައިނަލް އިންޓްރައެޕިތީލިއަލް ނިއޯޕްލޭޒިއާ ފަދަ ހާލަތްތައް މެދުވެރިވުމަކީ ވެޖައިނަލް ސްކޭމަސް ސެލް ކާސިނޯމާ ޖެހުމުގެ ހިރާސް އިތުރުކޮށްދޭ ކަމެކެވެ. މިގޮތަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ކުރިމަތި ފަރާތުގެ ކެންސަރާއި، ރަހިމުގެ ދޮރުގެ ކެންސަރުގައި ހިޔުމަން ޕެޕިލޯމާ ވައިރަސްގެ އިންފެކްޝަން ޖެހުމާއި، ދުންފަތުގެ އިސްތިއުމާޅުކުރުން ފަދަ އެއް ހިރާސްތަކެއް ހުރުމެވެ.

(ކ) -– ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ ހިރާސް ދެގުނަ އިތުރުކުރާ ކަމެކެވެ.

(އ) އޭޑްސް / އެޗްއައިވީ ޖެހުން : އެޗްއައިވީ ވައިރަސްގެ ސަބަބުން އޭޑްސް ބަލި ޖެހުމަކީ އަންހެނާގެ ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރުކޮށްދޭ ކަމެކެވެ.

(ވ) - ކުރިން ރަހިމު ނަގާފައިވުން (H/O Hysterectomy): ކުރިން ބިނައިން ޓިއުމަރެއް ހުރެގެން ނޫނީ ކެންސަރަށް ޝައްކުވާ ކަހަލަ ކަމެއް ހުރެގެން ރަހިމު ނަގާފައިވާ މީހުންނަށް ކުރިމަތި ފަރާތަށް ކެންސަރު ޖެހުމުގެ ހިރާސް އިތުރުކަމަށް ހެދިފައިވާ ބައެއް ދިރާސާތަކުން ހެކިދެއެވެ.

އަލާމާތްތައް

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރު ކުޑަކޮށް އިންނައިރު، އަދި ހަމައެކަނި ބަތާނަ ފަށުގައި ކެންސަރު ހުންނައިރު އޭގެ އަލާމާތްތައް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި އިންވޭސިވް ވެޖައިނަލް ކެންސަރ (އެތެރެއަށް ވަދެގެންދާ ކަހަލަ ކެންސަރ) ސައިޒުން ބޮޑުވެފައި، ކައިރި ހިސާބުތަކަށް ފެތުރި، މިސާލަކަށް ކުރިމަތި ފަރާތުގެ ފާރުގެ ތެރެއަށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

ވެޖައިނަލް ކެންސަރަކީ ކެންސަރުގެ ކުރީކޮޅު އާންމު ގޮތެއްގައި މާބޮޑު އަލާމާތްތަކެއް ފެންނަ ކެންސަރެއް ނޫނެވެ. މިކެންސަރު ގޯސްވަމުންދާ ވަރަކަށް ތަފާތު އަލާމާތްތައް ފެންނަމުން ދިއުމަކީ ނޫނީ ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އިންވޭސިވް ވެޖައިނަލް ކެންސަރުގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :

·         އާދަޔާޚިލާފަށްކުރިމަތިފަރާތުންލޭއައުން : މިސާލަކަށް ޖިންސީ ގުޅުން ހިންގުމަށްފަހު ލޭއަތުވެދާނެ އެވެ. ނޫނީ އިއްދައިން ކެނޑުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭއަތުވެދާނެ އެވެ.

·         ކުރިމަތި ފަރާތުން ފެން ކަހަލަ ހަޑިއެއްޗެހި އައުން

·         ކުރިމަތިފަރާތުގައިއުން،މުލިހި،ނުވަތަބިހިޒާތުގެއެއްޗެހިނެގުން

·         ޖިންސީގުޅުންހިންގާއިރުތަދުވުން

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރު ކައިރި ހިސާބުތަކާއި، ވަށައިގެންވާ ލިމްފް ގޮށްތަކަށް ފެތުރި ކުރިމަތިވާ އެޑްވާންސްޑް ވެޖައިނަލް ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި:-

·         އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

·         ކުޑަކަމުދާއިރު ތަދުވުން

·         ބަނޑުހަރުވުން

·         އުނަގަނޑުގައިރިހުން

·         ދަށްބަނޑުގައި ރިހުން

·         ފައިދުޅަވުން

ދިމާވެދާނެ ނުރައްކާތައް

އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރު އެހެން ހިސާބުތަކަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފުއްޕާމޭ، ފުރަމޭ އަދި ކަށިތަކަށް މިކެންސަރުގެ އަސަރު ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

(ހ) - ޕެލްވިކް އެގްޒާމްހެދުން (pelvic examination): ޕެލްވިކް އެގްޒާމް ހެދުމަކީ އަންހެނާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެ ކަމެކެވެ. މިގޮތަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވި، ކުރީކޮޅުގައި ކެންސަރު ދެނެގަނެވިއްޖެ ނަމަ ކެންސަރުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެއެވެ. ޕެލްވިކް އެގްޒާމް ހެދުމުގެ ތެރޭގައި ފަރުޖުގެ ބޭރު ވަރަށް ރަނގަޅަށް ބަލައި ޗެކުކުރާނެއެވެ. އެއަށްފަހު އެއް އަތުގެ ދެއިގިލިން ފަރުޖުގެ ތެރެއަށް ލުމަށްފަހު، އަނެއް އަތުން ދަށްބަނޑަށް ފިއްތައި އޮއްބާނެ އެވެ. މިއީ ރަހިމާއި، ބިސްއުފައްދާތަން ނުވަތަ ބިިސްރަވަ އިހުސާސް ކުރެވޭތޯ ކުރާ ކަމެކެވެ. މީގެ އިތުރުން ކުރިމަތި ފަރާތަށް "ސްޕެކިޔުލަމް" އެއް ލެއްވުމަށްފަހު އެތެރެ ބަލާނެއެވެ. ސްޕެކިޔުލަމްގެ އެހީގައި އަންހެނާގެ ޖިންސީ ގުނަވަނުގެ އެތެރެ އާއި، ރަހިމުގެ ދޮރުގައި އެއްވެސް ކަހަލަ މައްސަލަ އެއް ހުރިތޯ ދެނެގަނެވޭނެ އެވެ.

(ށ) - ޕެޕްސްމިއަރ ހެދުން(pap smear): މިއީ އާންމު ގޮތެއްގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. ނަމަވެސް އަންހެނުންގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރުގެ ސެލްތައް ބައެއް ފަހަރު ޕެޕް ސްމިއަރ ޓެސްޓުގެ އެހީގައި ދެނެގަނެ ވެއެވެ.

(ނ) - ކޮލްޕޮސްކަޕީހެދުން(colposcopy): ކޮލްޕޯސްކޯޕް ގެ އެހީގައި އަންހެނާގެ ޖިންސީ ގުނަވަނުގެ ސަތަހަ އޭގެ އަސްލު ސައިޒަށްވުރެ ބޮޑުކޮށްގެން ބަލާލެވޭނެ އެވެ. މިގޮތަށް ހެދުމުން އަންހެނާގެ ޖިންސީ ގުނަވަނުގެ ސަތަހައިގައި ޣައިރު ތަބީޢީ ސެލްތައް ނުވަތަ ކެންސަރުގެ ސެލްތައް ހުރިނަމަ ދެނެގަތުމަށް ފަސޭހަވެގެން ދެއެވެ.

ޕެޕް ސްމިއަރ ޓެސްޓުގެ ނަތީޖާއިން ރަނގަޅު ނޫން ޣައިރު ތަބީޢީ ސެލްތަކެއް ފާހަގަވާނަމަ ކޮލްޕޮސްކަޕީ ހަދަން ޖެހިދާނެ އެވެ. މިޓެސްޓު ހަދާއިރު ކޮލްޕޮސްކޯޕް އެއްގެ އެހީގައި ރަހިމުގެ ދޮރާއި، އަންހެނާގެ ޖިންސީ ގުނަވަން ބަލައި ހެދޭނެ އެވެ. ކޮލްޕޮސްކޯޕް ހަށިގަނޑުން ބޭރުގައި އިނަސް އޭގައިވާ ބޮޑުވާ ބިއްލޫރިގެ އެހީގައި އެތެރެ ބަލާލެވޭނެ އެވެ. އެގޮުތުން ޖިންސީ ގުނަވަނުގެ ފާރާއި، ރަހިމުގެ ދޮރުގެ ސަތަހަ، ސާފުކޮށް، ކައިރިން ބަލާލެވޭނެ އެވެ. ބައެއް ފަހަރު ބަދަލު އައިސްފައިވާ ހިސާބުތައް ފަސޭހައިން ފާހަގަކުރުމަށްޓަކައި، އެސިޓިކް އެސިޑް ނޫނީ އަޔޮޑިން ބޭނުންކޮށްފާނެ އެވެ. ކޮލްޕޮސްކޯޕްގެ އެހީގައި އަންހެނާގެ ޖިންސީ ގުނަވަނުގެ ނޫނީ ކުރިމަތި ފަރާތުގެ އެތެރެ ބެލުމަށް ކިޔަނީ "ވެޖައިނޮސްކަޕީ" އެވެ.

ކޮލްޕޮސްކަޕީ އަކީ އޭގެ ޒާތުގައި ހަދާލަން ވަރަށް ފަސޭހަ ޓެސްޓެކެވެ. މާބަނޑު ދުވަސްވަރު ވެސް ރައްކާތެރިކަމާއެކު ހަދާލެވިދާނެ ޓެސްޓެކެވެ. ކޮލްޕޮސްކަޕީ ހެދުމުގެ ތެރޭގައި ރަހިމުގެ ދޮރުން، ނޫނީ ޖިންސީ ގުނަވަނުން އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވޭނަމަ، ބަޔޮޕްސީ ހެދުމަށް ލަފާދޭނެ އެވެ.

(ރ) - ބަޔޮޕްސީހެދުން(Biopsy): މިއީ އަންހެނާގެ ޖިންސީ ގުނަވަނުގައި ކެންސަރުގެ އަސަރު ހުރި ހިސާބުން އެތިކޮޅެއް ނަގައިގެން ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ޓެސްޓު ކުރުމެވެ. ފަހަރުގައި ކޮލްޕޯސްކަޕީ ހެދުމުގެ ތެރޭގައި ބަޔޮޕްސީ ހެދުމަށްޓަކައި ކެންސަރުގެ އަސަރު ހުރިކަމަށް ޝައްކުކުރެވޭ ހިސާބުން މިފަދަ އެތިކޮޅެއް ނަގައިފާނެ އެވެ.

(ބ) - މޭގެ އެކްސްރޭ ނެގުން (Chest X ray): އަންހެނާގެ ޖިންސީ ގުނަވަނަށް ކެންސަރު ޖެހިފައިވާ ހާލަތުގައި މޭގެ އެކްސް ރޭ ނެގުމުގެ ބޭނުމަކީ ޖިންސީ ގުނަވަނުގައި އުފެދިފައިވާ ކެންސަރު ފުއްޕާމެޔަށް ފެތުރިފައިވޭތޯ ބެލުމެވެ.

(ޅ) - ސީޓީ ސްކޭން ހެދުން (CT scan): ސީޓީ ސްކޭންގެ އެހީގައި ކެންސަރުގެ ސައިޒު، ބައްޓަން، ކެންސަރުގެ ޓިއުމަރު އުފެދިފައި ހުރި ހިސާބު، އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ކެންސަރު ފެތުރިފައިވާކަން ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ސީޓީ ސްކޭންގެ އެހީގައި ލިމްފް ގޮށްތައް ބޮޑުވެފައިތޯއާއި، ލިމްފް ގޮށްތަކުގައި ކެންސަރުގެ ސެލްތައް ހުރިތޯ ވެސް ދެނެގަނެވޭނެ އެވެ. ކެންސަރަށް ތުހުމަތު ކުރެވޭ ޓިއުމަރުން ބަޔޮޕްސީ ނެގުމަށްޓަކައި ކަށި ކެންސަރުގެ ޓިއުމަރާއި ހަމައަށް ގެންދިއުމުގައި ވެސް ސީޓީ ގެ އެހީތެރިކަން ބޭނުންކުރެވެއެވެ.

(ކ) -– މެގްނެޓިކް ރިސޮނަންސް އިމޭޖިންގ (އެމްއާރުއައި) ސްކޭން ހެދުން (MRI Scan):މިއީ އާންމު ގޮތެއްގައި އަންހެނާގެ ކަށިވަތް ނުވަތަ ޅިނދު ހިމެނޭ ހިސާބުގައި އުފެދޭ ކެންސަރުގެ ވައްތަރުތައް ދެނެގަތުމަށް ބައެއް ފަހަރު ހަދަންޖެހޭ ޓެސްޓެކެވެ. އަދި އެހާމެ ބޭނުންތެރި ޓެސްޓެކެވެ. އެމްއާރުއައި ސްކޭންގެ އެހީގައި އުކުޅުވަޅުގެ ލިމްފް ގޮށްތައް ދުޅަވެފައިވާނަމަ އެކަން ވެސް ދެނެގަނެވިދާނެ އެވެ. މީގެ އިތުރުން އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހިފައިވާ ކެންސަރުގެ އަސަރު ސިކުނޑިއާއި ސްޕައިނަލް ކޯޑާއި ހަމައަށް ފެތުރިފައިވޭތޯ ބެލުމަށް ވެސް އެމްއާރުއައި ސްކޭން ހަދަން ޖެހިދާނެއެވެ. ނަމަވެސް އަންހެނާގެ ޖިންސީ ގުނަވަނުގައި އުފެދޭ ކެންސަރު ސިކުނޑިއާއި ހިސާބަށް ފެތުރިގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.

(އ) - ޕެޓް ސްކޭން ހެދުން (PET Scan): ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ ސްކޭން ނުވަތަ ޕެޓް ސްކޭން އަކީ ކުރިމަތި ފަރާތަށް ކެންސަރު ޖެހޭތާ ކުރީކޮޅު ކެންސަރު ދެނެގަތުމަށް ހެދޭ ޓެސްޓެއް ނޫނެވެ. ނޫނީ އާންމު ގޮތެއްގައި ހަދާއުޅޭ ޓެސްޓެއް ނޫނެވެ. ނަމަވެސް ތަފާތު ކެންސަރުތަކުގައި ގިނަ ދުވަސްވެ، ކެންސަރު ފެތުރިފައިވާ ހިސާބުތައް ދެނެގަތުމަށް ޕެޓް ސްކޭން ހަދައި އުޅެއެވެ.

(ވ) –- ޕްރޮކްޓޮސިގްމޮއިޑްސްކަޕީ (Proctosigmoidoscopy):  ޕްރޮކޮޓޮސިގްމޮއިޑަސްކަޕީ ހަދާނީ އަންހެނާގެ ކުރިމަތި ފަރާތަށް ޖެހިފައިވާ ކެންސަރުގެ ޓިއުމަރު އާދަޔާ ޚިލާފަށް ބޮޑުނަމައެވެ. ނުވަތަ މިއީ އާންމު ގޮތެއްގައި އަންހެނާގެ ކުރިމަތި ފަރާތަށް ނޫނީ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރު ކުރިމަތި ފަރާތުގެ ފަހަތުގައިވާ ބޮޑު ގޮހޮރާއި، އަދި ފުރަގަސްފަރާތަށް ފެތުރިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ޕްރޮކްޓޮސިގްމޮއިޑަސްކަޕީ ގައި ކެމެރާގެ އެހީގައި ބެލެނީ ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ އެތެރެ އެވެ. މިގޮތަށް ކެމެރާގެ އެހީގައި ބަލާއިރު ކެންސަރަށް ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަވާނަމަ އެހިސާބަކުން ބަޔޮޕްސީ ހެދުމަށް އެތިކޮޅެއް ނެގޭނެ އެވެ.

(އ) - ސިސްޓޮސްކަޕީ (Cystoscopy): ސިސްޓޮސްކަޕީ ހަދަނީ އަންހެނާގެ ކުރިމަތި ފަރާތަށް ޖެހިފައިވާ ކެންސަރުގެ ޓިއުމަރު އާދަޔާ ޚިލާފަށް ބޮޑުނަމައެވެ. ނުވަތަ ކެންސަރު ޖިންސީ ގުނަވަނުގެ ކުރިމަތީ ފާރަށް ނުވަތަ މަސާނާ އާއި ކައިރީގައި ހުރިނަމައެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހުނު ކެންސަރު މަސާނާއަށް ފެތުރިފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ސިސްޓޮސްކަޕީ ގައި ކެމެރާގެ އެހީގައި ބެލެނީ މަސާނާގެ އެތެރެ އެވެ. މިގޮތަށް ކެމެރާގެ އެހީގައި ބަލާއިރު ކެންސަރަށް ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަވާނަމަ އެހިސާބަކުން ބަޔޮޕްސީ ހެދުމަށް އެތިކޮޅެއް ނެގޭނެ އެވެ.

ދަރަޖަކުރުން

އަންހެނާގެ ޖިންސީ ގުނަވަނުގައި ކެންސަރު ހުރިކަން ޔަގީންކުރުމަށްފަހު ދެން ކުރެވޭ ކަމަކީ ކެންސަރު ހުރި މިންވަރު ދަރަޖަ ކުރުމެވެ. ނޫނީ ގިންތި ކުރުމެވެ. ކެންސަރު ހުރި މިންވަރު ދަރަޖަކުރުމުން ، ކެންސަރަށް ފަރުވާ ކުރުމަށް ޑޮކްޓަރުންނަށް ފަސޭހަވެގެން ދެއެވެ. އަދި ދޭނެ ފަރުވާ ވެސް ކަނޑައަޅަން ފަސޭހަވެގެން ދެއެވެ. ކެންސަރު ހުރި މިންވަރު ދަރަޖަކުރުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

·         އިމޭޖިންގ ޓެސްޓުތައް : ކެންސަރު ފެތުރިފައި ހުރިތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް ހަށިގަނޑުގެ ސޫރަ ނޫނީ މަންޒަރު ސިފަކޮށްދޭ އެކި ކަހަލަ ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އެކްސްރޭ ނެގުން، ސީޓީ ސްކޭން ހެދުން، އެމްއާރުއައި ހެދުން، އަދި ޕެޓް ސްކޭން ހެދުން ފަދަ ޓެސްޓުތައް ހިމެނެއެވެ.

·         ކެމެރާއެއްގެ އެހީގައި ހަށިގަނޑުގެ އެތެރޭގެ ބައިތަކަށް ކެންސަރު ފެތުރިފައިވޭތޯ ބެލުން : އެގޮތުން ހަށިގަނޑުގެ އެތެރެ ކެމެރާއެއްގެ އެހީގައި ބަލާލެވިދާނެ އެވެ. އަދި ވަކި ހިސާބުތަކަކަށް ކެންސަރު ފެތުރިގެން ގޮސްފައިވޭތޯ ދެނެގަނެވި ދާނެއެވެ. އެގޮތުން ކެމެރާއެއްގެ އެހީގައި މަސާނާގެ އެތެރެބެލުން(cystoscopy)، ނޫނީ ފުރަގަސްފަރާތުގެ އެތެރެ ބެލުން  (proctoscopy)ފަދަ ކަންކަން ކުރެވިދާނެ އެވެ.

އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރު ބަހާލެވިފައިވާ ދަރަޖަތައް

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރު ދަރަޖަ ކުރުމަށް މައިގަނޑު 2 ނިޒާމެއް ބޭނުން ކުރެވެއެވެ. އެއީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ގައިނެކޮލޮޖީ އެންޑް އޮބްސްޓެޓްރިކްސް (ފިގޯ) ނިޒާމް، އަދި އޭޖޭސީސީ (އެމެރިކަން ޖޮއިންޓް ކޮމިޓީ އޮން ކެންސަރ ޓީއެންއެމް ސްޓޭޖިންގ ސިސްޓަމް) ނިޒާމް އެވެ. އަސާސީ ގޮތުން ބަލާއިރު 2 ނިޒާމު ވެސް ދާދި އެއްގޮތެވެ.

މިކެންސަރު ދަރަޖަކުރުމަށް ބޭނުންކުރެވޭ 2 ނިޒާމުގައި ވެސް މައިގަނޑު ގޮތެއްގައި ތަފާތު 3 ކަމަކަށް ބަލައެވެ.

(1) - ޓިއުމަރުގެ ސައިޒު ނުވަތަ ބޮޑުމިން (T= Tumor):ކެންސަރުގެ ޓިއުމަރުގެ ސައިޒު ކިހާ ބޮޑުތޯ؟ އަދި ކެންސަރުގެ އަސަރު ކުރިމަތި ފަރާތުގެ ފާރާ ހަމައަށް ފެތުރިފައިވޭތޯ؟ ކެންސަރުގެ އަސަރު ޅިނދުގެ ބައިތަކާއި ހަމައަށް ފޯރާފައިވޭތޯ؟

(2) - ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރުން (N=Node): އަންހެނާގެ ޖިންސީ ގުނަވަނުގައި އުފެދިފައިވާ ކެންސަރު ޅިނދު ނުވަތަ އުކުޅުވަޅުގެ ލިމްފް ގޮށްތަކަށް ފެތުރިފައިވޭތޯ؟

(3) - ދުރު ހިސާބުތަކަށް ފެތުރުން (M=Metastases):އަންހެނާގެ ޖިންސީ ގުނަވަނުގައި އުފެދިފައިވާ ކެންސަރު ދުރު ހިސާބުތަކުގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައިވޭތޯ؟ ނޫނީ ދުރުގައިވާ ގުނަވަންތަކަށް ފެތުރިފައިވޭތޯ؟

އަންހެނާގެ ޖިންސީ ގުނަވަނުގައި އުފެދިފައިވާ ކެންސަރު ގިންތިކުރެވި ދަރަޖަކުރެވޭގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

އޭޖޭސީސީގެ ދަރަޖަ

ފިގޯ ދަރަޖަ

ދަރަޖައިގެ ތަފްޞީލް

IA

I

ކެންސަރު ހުރީ ހަމައެކަނ ކުރިމަތި ފަރާތުގައި / ބޮޑުމިން 2ސމ އަށްވުރެ ބޮޑެއް ނޫން

ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައިނުވޭ / ދުރު ހިސާބުތަކަށް ފެތުރިފައި ނުވޭ

IB

I

ކެންސަރު ހުރީ ހަމައެކަނ ކުރިމަތި ފަރާތުގައި / ބޮޑުމިން 2ސމ އަށްވުރެ ބޮޑު

ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައިނުވޭ / ދުރު ހިސާބުތަކަށް ފެތުރިފައި ނުވޭ

IIA

II

ކުރިމަތި ފަރާތުގެ ފާރަށް ކެންސަރު ފެތުރުން/ އެކަމަކު ޅިނދުގެ ބައިތަކަކށް ފެތުރިފައި ނުވޭ/ ބޮޑުމިން 2ސމ އަށްވުރެ ބޮޑެއް ނޫން

ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައިނުވޭ / ދުރު ހިސާބުތަކަށް ފެތުރިފައި ނުވޭ

IIB

II

ކުރިމަތި ފަރާތުގެ ފާރަށް ކެންސަރު ފެތުރުން/ އެކަމަކު ޅިނދުގެ ބައިތަކަކށް ފެތުރިފައި ނުވޭ/ ބޮޑުމިން 2ސމ އަށްވުރެ ބޮޑު

ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައިނުވޭ / ދުރު ހިސާބުތަކަށް ފެތުރިފައި ނުވޭ

   IVA

IVA

ކުރިމަތި ފަރާތު އުފެދުނު ކެންސަރު މަސާނާ، ފުރަގަސްފަރާތް ނޫނީ ޅިނދުން ބޭރު ހިސާބުތަކަށް ފެތުރުން

ޅިނދުގެ ނޫނީ އުކުޅުވަޅުގެ ލިމްފް ގޮށްތަކަށް ފަހަރުގައި ފެތުރިވެސް ދާނެ! ނޫނީ ނުފެތުރި ވެސް ހިގައިދާނެ!/ ދުރު ހިސާބުތަކަށް ފެތުރިފައި ނުވޭ

    IVB

    IVB

ފުއްޕާމޭ، ފުރަމޭ، ކަށިތައް ފަދަ ދުރުގައިވާ ގުނަވަންތަކަށް ކެންސަރު ފެތުރުން! ކޮންމެ ސައިޒެއްގައި ވެސް ޓިއުމަރު އިނދެފާނެ! ގާތުގައިވާ ގުނަވަންތަކަށް ފަހަރުގައި ފެތުރިވެސް ދާނެ! ނޫނީ ނުފެތުރި ވެސް ހިގައިދާނެ!

ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިވެސް ދާނެ! ނުފެތުރިވެސް ހިގައިދާނެ

 

ފީގޯ ދަރަޖަކުރުމުގެ ނިޒާމަށް ބަލައި ކުރިމަތި ފަރާތަށް ޖެހޭ ކެންސަރު ދަރަޖަކުރެވޭގޮތަށް ބަދަލު ގެނެވި، ގިންތިކޮށް ދަރަޖަކުރެވިފައިވާގޮތް ތިރީގައި މިވަނީ އެވެ.

ފީގޯ ދަރަޖަ

ދަރަޖައިގެ ތަފްޞީލް

ދަރަޖަ I

ކެންސަރުގެ އަސަރު ހަމައެކަނި ކުރިމަތި ފަރާތުގެ ފާރުގައި ހުރުން

ދަރަޖަ  I I

ކުރިމަތި ފަރާތުގެ ކައިރި ހިސާބުތަކަށް ކެންސަރު ފެތުރުން، އެކަމަކު ޅިނދުގެ ބައިތަކަށް ނުފެތުރުން

ދަރަޖަ  I I I

ޅިނދުގެ ބައިތަކަށް ކެންސަރު ފެތުރުން

ދަރަޖަ  IV

ޅިނދުގެ ބައިތަކުން ކެންސަރު ބޭރުވެ، މަސާނާ އަދި ފުރަގަސްފަރާތް ފަދަ ބައިތަކަށް ފެތުރުން

IVa

ކުރިމަތި ފަރާތުގައި އުފެދުނު ކެންސަރު މަސާނާ ނުވަތަ ފުރަގަސްފަރާތަށް ކެންސަރު ފެތުރުން

IVb

ކުރިމަތި ފަރާތުގައި އުފެދުނު ކެންސަރު ދުރުގައިވާ ގުނަވަން(ފުއްޕާމޭ،ފުރަމޭ) ތަކަށް ކެންސަރު ފެތުރުން

 

ފަރުވާ

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރުގެ ފަރުވާ ވަރަށް ގިނަ ކަންތައްތަކަށް ބަރޯސާ ވެއެވެ. އޭގެ ތެރޭގައި ކެންސަރުގެ ވައްތަރާއި، ކެންސަރު ހުރި މިންވަރު ފަދަ ކަންތައްތައް ހިމެނެއެވެ. މިވައްތަރުގެ ކެެންސަރުގައި ދެވޭ އެންމެ އާންމު ފަރުވާ އަކީ އޮޕަރޭޝަން ކުރުމާއި، ރޭޑިޔޭޝަން ދިނުމެވެ.

އޮޕަރޭޝަންކުރުން

އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރަށް ފަރުވާ ކުރުމަށް ހަދައިފާނެ ސާޖަރީގެ ވައްތަރުތަކުގެ ތެރޭގައި އަންނަނިވި ވައްތަރުތައް ހިމެނެއެވެ.

(ހ) ކުދި ޓިއުމަރުތައް އޮޕަރޭޝަންކޮށްގެން ވަކިކޮށް ނެގުން : އަންހެނާގެ ޖިންސީ ގުނަވަނުގެ ސަތަހައިގައި އުފެދޭ ޓިއުމަރުތައް އޮޕަރޭޝަންކޮށްގެން ކަފައި ނެގިދާނެއެވެ. މިގޮތަށް ނަގާއިރު ޓިއުމަރުގެ އިތުރުން ވަށައިގެން ހުންނަ ރަނގަޅު ހިސާބުން ވެސް ބައެއް ނަގާނެއެވެ. މީގެ ބޭނުމަކީ ކެންސަރުގެ އަސަރު ހުރި ހުރިހާ ސެލްތަކެއް އޮޕަރޭޝަންކޮށްގެން ވަކިކޮށް ނެގުނުތޯ ޔަގީން ކުރުމެވެ.

(ށ) އޮޕަރޭޝަންކޮށްގެން އަންހެނާގެ ޖިންސީ ގުނަވަން ނެގުން : އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރުގެ ފަރުވާގައި ބައެއް ފަހަރު އަންހެނާގެ ޖިންސީ ގުނަވަނުން ބައެއް ނުވަތަ ޖިންސީ ގުނަވަން އެއްކޮށް ވެސް އޮޕަރޭޝަންކޮށްގެން ނަގަން ޖެހިދާނެ އެވެ. ކެންސަރު ފެތުރިފައި ހުރި މިންވަރަކަށް ރިޢާޔަތްކޮށް، ބައެއް ފަހަރު ޖިންސީ ގުނަވަނުގެ އިތުރުން ރަހިމާއި، ބިސްރަވަ ވެސް ނެގުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އަދި ވަށައިގެން ހުންނަ ލިމްފް ގޮށްތައް ވެސް ނަގައިފާނެ އެވެ.

(ނ) ކަށިވަތު ނުވަތަ ޅިނދުގައި ހިމެނޭ ހުރިހާ ގުނަވަންތަކެއް އޮޕަރޭޝަންކޮށްގެން ނެގުން : މިއީ ކަށިވަތުގެ ހުރިހާ ހިިސާބަކަށް ނުވަތަ ޅިނދު ހިމެނޭ ހިސާބުގެ ހުރިހާ ބައިތަކަށް ކެންސަރު ފެތުރިފައިވާނަމަ، ކޮށްދާނެ އޮޕަރޭޝަނެކެވެ. ބައެއް ފަހަރު ދެވަނަ ފަހަރަށް އަންހެނާގެ ޖިންސީ ގުނަވަނަށް ކެންސަރު ޖެހިއްޖެނަމަ ވެސް މިއޮޕަރޭޝަން ކޮށްފާނެއެވެ.

މިއޮޕަރޭޝަން ކުރުމުގެ ތެރޭގައި ކަށިވަތުގައި ހިމެނޭ ގިނަ ގުނަވަންތަކެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ނަގައިފާނެ ގުނަވަންތަކުގެ ތެރޭގައި ޖިންސީ ގުނަވަން، ރަހިމު، މަސާނާ، ބިސްރަވަ، ފުރަގަސްފަރާތް، އަދި ބޮޑުގޮހޮރުގެ ތިރީބައި ފަދަ ބައިތައް ހިމެނެއެވެ. މިއޮޕަރޭޝަންގެ ތެރޭގައި ކުޑަކަމު ނަޖިހާއި ބޮޑުކަމު ނަޖިސް ބޭރުކޮށް ކޮތަޅަކަށް ހުސްވާނެ ގޮތް ހެެދުމަށްޓަކައި ބަނޑުގައި ތޮރުފައި ލޮއިވަޅުތަކެއް އެޅޭނެ އެވެ.

ރޭޑިއޭޝަންދިނުން (ރޭޑިއޭޝަންތެރަޕީ)

ރޭޑިއޭޝަން ތެރަޕީ އަކީ ކެންސަރުގެ ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. މިއީ އާންމު ގޮތެއްގައި މަތީ ހަކަތައިގެ ދޯދިތައް(high energy rays) މިސާލަކަށް ގާމާ ރޭސް، ނޫނީ އެކްސް ރޭ ނުވަތަ ޓުކުޅިތައް(Particles) މިސާލަކަށް އިލެކްޓްރޯން، ޕްރޮޓޯން، ނޫނީ ނިއުޓްރޯން ތައް ބޭނުންކޮށްގެން ކެންސަރުގެ ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ.

އާންމު ގޮތެއްގައި އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ކެންސަރާއި ވިދިގެން ދެގޮތަކަށް ރޭޑިއޭޝަން ތެރަޕީ ދެވެއެވެ.

(ހ) އެކްސްޓާނަލް ރޭޑިއޭޝަން : އެކްސްޓާނަލް ރޭޑިއޭޝަން އަމާޒުކުރެވެނީ ސީދާ ބަނޑަށް، ނޫނީ ކަށިވަތް ހިމެނޭ ހިސާބަށެވެ. ޖިންސީ ގުނަވަނަށް ކެންސަރުޖެހޭ ގިނަ އަންހެނުންނަށް ދެވެނީ މިވައްތަރުގެ ރޭޑިއޭޝަން އެވެ. މިވައްތަރުގެ ރޭޑިއޭޝަން ތެރަޕީގައި ހަށިގަނޑުގެ ބޭރުން ހަށިގަނޑަށް ރޭޑިއޭޝަން ފޮނުވެއެވެ. މިއީ އެކްސް ރޭ ނެގުމާ އެއްފަދަ ގޮތަކަށް ކުރެވޭ ކަމެކެވެ. އޮޕަރޭޝަންގެ ކުރިން މިގޮތަށް ރޭޑިއޭޝަން ދިނުމުން ކެންސަރުގެ ޓިއުމަރު ހިންދައި ކުޑަކޮށްލައެވެ.އުކުޅުވަޅާއި، ޅިނދުގައި ހުންނަ ލިމްފް ގޮށްތަކަށް ކެންސަރުގެ އަސަރުކޮށްފައިވާނަމަ ފަރުވާ ކުރުމަށް ވެސް ފަހަރުގައި މިވައްތަރުގެ ރޭޑިއޭޝަން ތެރަޕީ ބޭނުންކޮށްފާނެ އެވެ. 

(ށ) އިންޓާނަލް ރޭޑިއޭޝަން : މިވައްތަރުގެ ރޭޑިއޭޝަން ދިނުމަށް "އިންޓްރަކެވިޓީ ބްރެކީތެރަޕީ" ވެސް ކިޔައެވެ. އިންޓާނަލް ރޭޑިއޭޝަން ދިނުމަށްޓަކައި އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރޭގައި ރޭޑިއޯ އެކްޓިވް ޑިވައިސް އެއް ބެހެއްޓެއެވެ. ބައެއް ފަހަރު އަންހެނާގެ ޖިންސީ ގުނަވަނަށްޖެހޭ ކެންސަރުގެ ކުރީކޮޅުގައި އިންޓާނަލް ރޭޑިއޭޝަން ދީފާނެއެވެ. އަނެއް ބައި ފަހަރު އެކްސްޓާނަލް ރޭޑިއޭޝަން ދިނުމަށްފަހުގައި އިންޓާނަލް ރޭޑިއޭޝަން ދީފާނެއެވެ. ދެވައްތަރެއްގެ އިންޓާނަލް ރޭޑިއޭޝަން ތެރަޕީ ހުރެއެވެ.

* ލޯ ޑޯޒް ރޭޓް ބްރެކީތެރަޕީ

* ހައި ޑޯޒް ރޭޓް ބްރެކީތެރަޕީ

ރޭޑިއޭޝަން ތެރަޕީ އަކީ ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރުވާނެ ކަމެކެވެ. ރޭޑިއޭޝަން ދިނުމަކީ ކެންސަރުގެ ސެލްތައް މަރާލުމުގެ އިތުރުން ކައިރީގައި ހުންނަ ދުޅަހެޔޮ ސެލްތަކަޚށް ވެސް ގެއްލުންވާނެ ކަމެކެވެ. ރޭޑިއޭޝަންގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރު ބަރޯސާވާ ކަންތައްތަކުގެ ތެރޭގައި ރޭޑިއޭޝަން ދެވޭ ހިސާބު، ދެވޭ މިންވަރު، އަދި ދެވޭގޮތް ފަދަ ކަންތައްތައް ހިމެނެއެވެ. އިންޓާނަލް ރޭޑިއޭޝަަން ތެރަޕީއަށްވުރެ އެކްސްޓާނަލް ރޭޑިއޭޝަން ތެރަޕީގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ބޮޑުކަން ފާހަގަ ކުރެވެއެވެ. އަދި ދިމާވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކުރުމުއްދަތަކަށް ދިމާވާ ވަގުތީ ކަންކަމާއި، ދިގުމުއްދަތަކަށް ދާއިމީކޮށް ދިމާވެދާން ކަންތައްތައް ހިމެނެއެވެ.

ރޭޑިއޭަޝަންގެ ސަބަބުން ކުރުމުއްދަތަކަށް ވަގުތީ ގޮތުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ވަރުބަލިވުން، މޭނުބައިކުރުން، ހޮޑުލެވުން، ބޭރަށްހިންގުން، ރޭޑިއޭޝަން ދެވޭ ހިސާބުގެ ހަމަށް އަންނަ ބަދަލުތައް (ހަމުުގައި ފެންފޮޅު ނެގުން، ހަން ރަތްވުން، އަދި ހަންފޮޅުން) އަދި ލޭގެ ސެލްތަކުގެ މިންވަރު ދަށްވުން ފަދަ ކަންތައްތަައް ހިމެނެއެވެ. ރޭޑިއޭޝަން ތެރަޕީ އާއެކު ކީމޯތެރަޕީ ކުރިޔަށް ގެންދާނަމަ ނޭދެވޭ އަސަރުތައް ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ރޭޑިއޭަޝަންގެ ސަބަބުން ދިގުމުއްދަތަކަށް ދާއިމީ ގޮތުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި އަވަހަށް އިއްދައިން ކެނޑުން، ކަށިތައް ތުނިވެ، ދެރަވެ، ފަސޭހައިން ރެނދުލައި، ބިނދޭގޮތްވުން، ބޭރަށްހިންގުން، ލޭބޭރަށްހިންގުން، ގޮހޮރު ފޫދިއުން، މަސާނާ ދުޅަވުން، މަސާނާ އާއި ކުރިމަތި ފަރާތާއި ދެމެދު މަގެއް ހެދުން ނުވަތަ ފިސްތުލާ އުފެދުން، ކުރިމަތި ފަރާތުގައި ލަކުނުލުން، ކުރިމަތި ފަރާތުގެ މަގުހިމަވެހަނިވުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ކީމޯތެރަޕީ

ކީމޯތެރަޕީ އަކީ ކެމިކަލްތައް ނުވަތަ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ބޭސްތައް ބޭނުންކޮށްގެން ކެންސަރުގެ ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. އާންމު ގޮެތެއްގައި އަންހެނާގެ ޖިންސީ ގުނަވަނަށް ޖެހޭ ފަރުވާގެ ގޮތުގައި ކީމޯތެރަޕީ އެއް ނުދެއެވެ. ނަމަވެސް ރޭޑިއޭޝަން ތެރަޕީ ދޭއިރު އެކަމަށް އެހީތެރިވުމުގެ ގޮތުން ބައެއް ފަހަރު ކީމޯތެރަޕީ ކުރިޔަށް ގެންގޮސްފާނެ އެވެ.

ކީމޯތެރަޕީ ފަހަރުގައި ލެޔަށް ޖަހާ އިންޖެކްޝަންގެ ސިފައިގައި ވެސް ދީފާނެ އެވެ. ކާ ގުޅަބޭހުގެ ގޮތުގައި ވެސް ދީފާނެ އެވެ. ނޫނީ ހަމުގައި އުގުޅާ ބޭހުގެ ގޮތުގައި ވެސް ދީފާނެއެވެ.ގުޅަ ބޭހުގެ ސިފައިގައި ނޫނީ އިންޖެކްޝަންގެ ސިފައިގައި ކީމޯތެރަޕީގައި ބޭނުންކުރާ ބޭސްތައް ދިނުމަށް ކިޔަނީ "ސިސްޓެމިކް ކީމޯތެރަޕީ" އެވެ. ސިސްޓެމިކް ކީމޯތެރަޕީ ބޭނުންކުރަނީ ކުރިމަތި ފަރާތަށް ޖެހުނު ކެންސަރުގެ އަސަރު ދުރުގައިވާ ގުނަވަންތަކަށް ފޯރާފައިވާނަމަ އެވެ.

ކުރިމަތި ފަރާތަށް ޖެހުނު ކެންސަރުގެ އަސަރު ދުރު ހިސާބުގައިވާ ގުނަވަންތަކަށް ފޯރާފައިވާނަމަ، ކެންސަރުގެ ފަރުވާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވެނީ ކީމޯތެރަޕީ އެވެ. ކީމޯތެރަޕީ އަކީ އޮޕަރޭޝަން ކުރުމުގެ ކެންސަރުގެ ޓިއުމަރު ހިންދާލައި، ކުޑަކޮށްލުމަށް ވެސް ދީއުޅޭ ފަރުވާ އެކެވެ. އޮޕަރޭޝަން ކުރުމުގެ ކުރިން ކީމޯތެރަޕީ ދޭނަމަ، ރޭޑިއޭޝަން ތެރަޕީ އާއެކުގައި ކީމޯތެރަޕީ ކުރިޔަށް ގެންދިއުމުން ރޭޑިއޭޝަން ތެރަޕީގެ ނަތީީޖާ ރަނގަޅުވާކަމަށް ދައްކައެވެ.

ކީމޯތެރަޕީގައި ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި ސިސްޕްލެޓިން، ކާބޯޕްލެޓިން، ފުލޫރޯޔުރެސިލް، ޕެކްލިޓެކްސެލް، ޑޮސިޓެކްސެލް، އަދި އިރިނޮޓިކަން ފަދަ ބޭސްތައް ހިމެނެއެވެ. ކީމޯތެރަޕީގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބޮލުން އިސްތަށި ފޭބުން، ކާހިތްނުވުން، ބޭރަށްހިންގުން، އަނގަފާރުއެޅުން، މޭނުބައިކުރުން، ހޮޑުލެވުން އަދި މައްސަރު ކަންތައް ޖެހުމަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން މާއަވަހަށް އިއްދައިން ކެނޑުން، އަދި ދަރިމައިނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކީމޯތެރަޕީގެ ސަބަބުން ކަށީގެ މަދުގައި ހުންނަ ލޭއުފައްދާ ސެލްތަކަށް ވެސް އަސަރުކުރެއެވެ. އެކަމުގެ ސަބަބުން ލޭގެ ސެލްތައް މަދުވާގޮތް ވެއެވެ. އަދި އެކަމުގެ ސަބަބުން ތިރީގައި މިވާ މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ.

·         އިންފެކްޝަން ތައް ޖެހުމުގެ ހިރާސް އިތުރުވުން : ލޭގެ ހުދު ސެލްތައް މަދުވުމުން!

·         ފަސޭހައިން ލޭފޭއްދުން : ލޭގެ ޕްލޭޓްލިޓްތައް މަދުވުމުން!

·         ވަރުބަލިވެ ވާޅުވުން : ލޭގެ ރަތް ސެލްތައް މަދުވުމުން!

ކީމޯތެރަޕީގެ ސަބަބުން ދިމާވާ ބައެއް ނޭދެވޭ އަސަރުތަކަކީ ދޭ ބޭހެއްގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރަކަށް ވުމަކީ ގާތް ކަމެކެވެ. މިސާލަކަށް ސިޕްލެޓިން ގެ ސަބަބުން ނާރުތަކަށް ގެއްލުންވެ، ކަށިހަރާހެންހީވުން، އައްސިވުން، އަދި އަތްފައިގައި ރިހުން ފަދަ ކަންތައްތައް ކުރިމަތިވެދާނެ އެވެ.

ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ގިނަ ނޭދެވޭ އަސަރުތަކަކީ ވަގުތީ ކަމެކެވެ. އަދި ފަރުވާ ނިމުމުން އެނޭދެވޭ އަސަރުތައް ވެސް ފިލައި ރަނގަޅުވެ ދެއެވެ. ނަމަވެސް ކީމޯތެރަޕީގައި ދޭ ބޭސްތަކުގެ ސަބަބުން މަދުން ނަމަވެސް ދިގުމުއްދަތަކަށް ދެމިގެންދާ ދާއިމީ ގެއްލުންތައް ވުމަކީ ދުރު ކަމެއް ނޫނެވެ.

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް

·         އެކަކަށްވުރެ ގިނަ މީހުންނާއެކު ޖިންސީ ގުޅުން ނުހިންގުން

·         އެޗްޕީވީ އިންފެކްޝަން އިން ރައްކާތެރިވުމަށް ވެކްސިން ދިނުން: އެޗްޕީވީ ވެކްސިން ދިނުމަކީ ހިޔުމަން ޕެޕިލޯމާ ވައިރަސް އިން ކުރިމަތިވާ ޖެނިޓަލް ވޯރޓްސް ފަދަ އިންފެކްޝަން ތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން އެޗްޕީވީ އިންފެކްޝަން ޖެހި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ކެންސަރު ތަކުން މިސާލަކަށް ރަހިމުގެ ދޮރުގެ ކެންސަރު، ރަހިމުގެ ކެންސަރު، ފަރުޖުގެ ކެންސަރު އަދި އަންހެނާގެ ޖިންސީ ގުނަވަނުގެ ކެންސަރު ފަދަ ކެންސަރުތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

·         ދުންފަތާ ދުރުހެލިވުން : ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން މަގުފަހިވާ ކެންސަރު ތަކުން ރައްކާތެރިވުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ.

·         ޕެލްވިކް އެގްޒާމް ހެދުން : ޕެލްވިކް އެގްޒާމް ހެދުމަކީ އަންހެނާގެ ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެ ކަމެކެވެ. މިގޮތަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވި، ކުރީކޮޅުގައި ކެންސަރު ދެނެގަނެވިއްޖެ ނަމަ ކެންސަރުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެއެވެ.

·         ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުން

·         އެޗްޕީވީ އިންފެކްޝަން އިން ރައްކާތެރިވުމަށް މަސައްކަތްކުރުން

ހަވާލާ

·         https://www.mayoclinic.org/diseases-conditions/vaginal-cancer/diagnosis-treatment/drc-20352453

·         https://www.cancer.org/cancer/vaginal-cancer/about.html

·         https://www.cancer.gov/types/vaginal/patient/vaginal-treatment-pdq

 

No comments:

Post a Comment