Wednesday, October 21, 2020

ވިޓްރީއަސް ހިޔުމަރ

ވިޓްރީއަސް ހިޔުމަރ

ވިޓްރީއަސް ހިޔުމަރ(vitreous humor)އަކީ ލޮލުގެ އަލިދުއްޔާއި ލޮލުގެ ލެންސް އާއި ދެމެދުގައިވާ ބައިގައި ނުވަތަ "ވިޓްރީއަސް ޗެމްބަރ"(Vitreous chamber) ގައި ދުލިފަށައަކުން ނިވާކުރެވިފައިޥާ އެތެރެ ފެންނަ ސާފު ޖެލީގަނޑެއް-ފަދަ އެއްޗެކެވެ. ވިޓްރީއަސް ހިޔުމަރ އަށް ބައެއް ފަހަރު ވިޓްރީއަސް ބޮޑީ(Vitreous body) ވެސް ކިޔައެވެ. ލޮލުގައި ހިމެނޭ 3 ޗެމްބަރުގެ ތެރެއިން އެންމެ ބޮޑު ޗެމްބަރ އަކީ ވިޓްރީއަސް ޗެމްބަރ އެވެ. މިބައި އިންނަނީ ކުރިން ވެސް ބުނިހެން ލޮލުގެ ފަހަތުގައި ލޮލުގެ ލެންސް އާއި ލޮލުގެ އަލިދުއްޔާއި ދެމެދުގައެވެ.


ވިޓްރީއަސް ބޮޑީ އަކީ ޖެލީގަނޑެއްފަދަ ސެމިސޮލިޑް (ކޮންމެވެސް ވަރަކަށް ހަރުކަމެއް ވެސް ހުންނަ) ހުންނަ އެއްޗެކެވެ. ވިޓްރީއަސް ބޮޑީ ނުވަތަ ވިޓްރީއަސް ހިޔުމަރ ގައި ހިމެނޭ ސެމިސޮލިޑް ބައި އެކުލެވިގެންވަނީ ވިޓްރޯސިން، ހައިއެލޫރޮނިކް އެސިޑް (މިޔުކޯޕޮލިސެކަރައިޑް) އަދި ކޮލަޖަން ގެ މައްޗަށެވެ. ވިޓްރީއަސް ހިޔުމަރ ގައި ހިމެނޭ ޖެލީ ދޫކުރަނީ ލޮލުގެ އަލިދުލީގައި ހިމެނޭ ވަކި ސެލްތަކަކުންނެވެ.

ގާތްގަނޑަކަށް މުޅި ލޮލުެގެ ބަލްބް ގެ 5/4 ނުވަތަ %80 ހިއްސާކުރަނީ ވިޓްރީއަސް ޗެމްބަރ އެވެ. އާންމު ގޮތެއްގައި ވިޓްރީއަސް ހިޔުމަރގެ ވޮލިޔުމް އަކީ 3.9 މިލިލީޓަރެވެ. ބަރުދަނަކީ 3.9މިލިގްރާމް އެވެ. ބައެއް ރިފަރެންސްތަކުގައި ވޮލިޔުމްގައި 4 މިލިލީޓަރު އަދި ބަރުދަނުގައި 4 ގްރާމް ހުންނަ ކަމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް އުމުރާއި، ލޮލުގެ ސައިޒަށް ރިޢާޔަތްކޮށް، ވިޓްރީއަސް ހިޔުމަރގެ ވޮލިޔުމް އަަދި ބަރުދަނަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ. ފެނުގެ މިންވަރަކީ %99 އެވެ.

އުމުރުން ދުވަސްވާވަރަކަށް ޖެލީގަނޑެއް ގޮތަށް ހުންނަ ވިޓްރީއަސް ހިޔުމަރ ދިޔާވެ، ތުނިވެ، ހިނދެއެވެ. ބައެއް ފަހަރު މިހެންވުމުން  ފަހަތުން ވިޓްރީއަސް ލޮލުގެ އަލިދުލީގައި ތަތްވެ ހަރުލާފައިވާ ހިސާބުން ވަކިވެ، ނެއްޓިގެންދާގޮތް ވެއެވެ.  އާންމު ގޮތެއްގައި މިގޮތަށް ވިޓްރީއަސް ނެއްޓިގެން ދިއުމަކީ އުމުރުން 70 އަހަރު ވުމަށްފަހު  ބައެއް މީހުންނަށް ވެދާނެ ގޮތެކެވެ.

މިއީ ހިފެހެއްޓިފައި ނޫނީ ދައުރުނުވެ ހުންނަ ދިޔަ އެކެވެ. އެއްވެސް ލޭހޮޅިއެއް ވިޓްރީއަސް ހިޔުމަރ ގައެއް ނުވެއެވެ. ވިޓްރީއަސް ހިޔުމަރ އަކީ އޭގެ ޒާތުގައި އުފެދި، އާވާ އާލާވާ އެއްޗެއް ވެސް ނޫނެވެ. އެހެންކަމުން އެއްވެސް އެއްޗެއް ވިޓްރީއަސް ހިޔުމަރ ގެ ތެރެއަށް އެޅިއްޖެނަމަ، ނޫނީ ވަދެއްޖެނަމަމ އޮޕަރޭޝަންކޮށްގެން ނަގަންދެން އެއެއްޗެއް ވިޓްރީއަސް ހިޔުމަރގެ ތެރޭގައި އިންނާނެ އެވެ. މިސާލަކަށް ގަނޑުލޭކޮޅެއް ނޫނީ ލޭތިއްކެއް ނޫނީ އެއްވެސް ފުނިޖެހިފައިވާ ސެލްތަކެއް ވިޓްރީއަސް ހިޔުމަރ އަށް އެޅިއްޖެނަމަ އެއަށް ނިސްބަތްކުރެވެނީ "ފްލޯޓަރސް"(floaters) ގެ ގޮތުގައެވެ. ފްލޯޓަރސް ނުނަގައިފިނަމަ، އެމީހެއްގެ ފެނުމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.  

ލޮލަށް އައްޔަށް އެޅުމަށްފަހު އެއަލި ދަތުރުކުރަނީ ލޮލުގެ ހާމަދުލިން، ލޮލުގެ ކޮއި އިން، ލޮލުގެ ލެންސް އިން ވިޓްރީއަސް ހިޔުމަރ ހުރަސްކޮށް ލޮލުގެ އަލިދުއްޔަށެވެ. އެހެންކަމުން ލޮލަށް އަލިއެޅުމަށްފަހު އެއަލި ރިފެރިކުރުމުގެ މަސައްކަތުގައި ވިޓްރީއަސް ހިޔުމަރ ވެސް ބައިވެރިވެއެވެ.

ސަތަހަ ތަކާއި ގުޅުންތައް

ޖެލީގަނޑެއް ގޮތަށް ބޮޑަށް ހުންނަނީ ވިޓްރީއަސް ހިޔުމަރ ގެ އަރިމަތީ ބައިގައި ނުވަތަ އޭގެ އަރިމަތިންވާ "ޕެރިފެރަލް ކޯޓެކްސް"(peripheral cortex / cortical vitreous) އޭ ކިޔޭ ބައެވެ. މެދަށްވާބައިގައި ނުވަތަ ވިޓްރީއަސް ހިޔުމަރގެ މެދުބައިގައި (medullary vitreous)ކޮންމެވެސް މިންވަރަކަށް ދިޔާކަން ހުރެއެވެ. ކޯޓިކަލް ވިޓްރީއަސް ހިއްސާކުރަނީ ވިޓްރީއަސް ބޮޑީގެ އެންމެ %2 އެވެ. ވިޓްރީއަސް ބޮޑީގައި މެޓަބޮލިޒަމްގެ މަސައްކަތް ހިންގާ މައި މަރުކަޒަކީ ކޯޓިކަލް ވިޓްރީއަސް އެވެ. އެއީ މިބައިގައި ހެލޯސައިޓް އޭ ކިޔޭ ސެލްތަކުގެ އިތުރުން ގުޅުވާދެނިވި ސެލް އެއް ކަމުގައިވާ ފައިބްރޯސައިޓް ތައް ވެސް ހުންނާތީ އެވެ. މެޑިޔުލަރީ ވިޓްރީއަސް އަކީ ވިޓްރީއަސް ބޮޑީގެ ބޮޑު ބައި ހިއްސާކުރާ ބައެވެ. އެގޮތުން މިބައިގައި ހައިއެލޫރޮނިކް އެސިޑް އަދި ކޮލަޖަން ފައިބަރުތައް ހުރެއެވެ.

ވިޓްރީއަސް ބޮޑީ އަކީ ލޮލުގެ އެހެން ބައިތަކާ ސަތަހަ ކުރެވިފައިވާ ޓިޝޫ އެކެވެ. އެގޮތުން ކުރިމަތިން ވިޓްރީއަސް ހިޔުމަރ އެންމެ ބޮޑަށް ހަރުލާފައި އިންނަނީ ސިލިއަރީ ބޮޑީގައެވެ. އެގޮތުން ވިޓްރީއަސް ހިޔުމަރ ހަރުލާ ނޫނީ ތަތްލާފައިވަނީ ސިލިއަރީ ބޮޑީގައި އޯރާ ސިރޭޓާ(Ora serrata)  އާއި ޖެހިގެން އިންނަ ޕާރސް ޕްލޭނާ (pars plana) އޭ ކިޔޭ ހިސާބުގައެވެ. މީގެ އިތުރުން ލެންސް އާއި، ލެންސް ސިލިއަރީ ބޮޑީ އާއި ގުޅުވައިދޭ ސަސްޕެންސަރީ ލިގަމެންޓްގައި ވެސް ވިޓްރީއަސް ހިޔުމަރ ތަތްވެ ހަރުލާފައި ވެއެވެ. ފަހަތުން ވިޓްރީއަސް ހިޔުމަރ ހަރުލައި، ތަތްވެފައިވަނީ އޮޕްޓިކް ޑިސްކު ގައެވެ. އެހެންކަމުން ކުރިމަތިން ވިޓްރީއަސް ހިޔުމަރ ގުޅިފައިވަނީ ސިލިއަރީ ބޮޑީ، އަދި ލެންސް އާއި ސަސްޕެންސަރީ ލިގަމެންޓްގެ ފައިބަރުތަކާ އެވެ. ފަހަތުން ގުޅިފައިވަނީ ލޮލުގެ އަލި ދުއްޔާ އެވެ.

 ވިޓްރީއަސް ބޮޑީ ނުވަތަ ހިޔުމަރ އުފެދިފައިވާ ގޮތުން ލޮލުގެ އަލިދުލި އިންނަ "ކޮންކެވިޓީ"(concavity) މިއިން ފުރާލަދެއެވެ. ވިޓްރީއަސް ބޮޑީ އިންނަނީ ސްފެރިކަލް ބައްޓަމަށް ނޫނީ ވަށްކޮށެވެ. ނަމަވެސް ކުރިމަތިން ހޮއެއްގެ ސިފަޔަށް ނޫނީ ފުން ވަޅުގަނޑެއްގެ ސިފަޔަށް  އިނދެއެވެ. މިބުނި ވަޅުގަނޑަކީ ނުވަތަ އަޑިގަނޑަކީ "ހައިއެލޮއިޑް ފޮއްސާ"(Hyaloid fossa) އެވެ. ހައިއެލޮއިޑް ފޮއްސާ އަކީ ލޮލުގެ ލެންސް އެއަށް ގެނބިފައިވާ ނޫނީ އޭގެތެރެއަށް ފައްތަރުވެފައިވާ އަޑިގަނޑެކޭ ބުނެވިދާނެ އެވެ.

ވިޓްރީއަސް ހިޔުމަރ ނުވަތަ ވިޓްރީއަސް ބޮޑީ ވަނީ ދެފަރާތުން ތުނި އެތެރެފެންނަ ސާފު ދުލިފަށަލައަކުން ނިވާކުރެވި ރައްކާކުރެވިފައެވެ. މިދުލިފަށަލަ އަށް ކިޔަނި "ހައިއެލޮއިޑް މެންބްރޭން"(Hyaloid membrane) އެވެ. ވިޓްރީއަސް ބޮޑީ ގެ މެދުން ފަހަތުން ލޮލުގެ މައިނާރު ފެށޭތަނުން ލޮލުގެ ލެންސްގެ ފަހަތަށް ވާގޮތަށް ދިގު މަގެއް ވެއެވެ. މިމަގަށް ކިޔަނީ "ހައިއެލޮއިޑް ކެނަލް"(Hyaloid canal) އެވެ. މިމަގު ފުރިފައި ހުންނަނީ ލިމްފް ދިޔަ އިންނެވެ.

ވިޓްރީއަސް ހިޔުމަރ ގައި ހިމެނޭ މާއްދާތައް ނޫނީ ބައިތައް

ވިޓްރީއަސް ހިޔުމަރ ގެ %99 އަކީ ފެނެވެ. ބާކީ ހުންނަ %1 ތެރޭގައި ކޮލަޖަން، ޕްރޮޓީންތައް، ހަކުރު، އަދި ލޮނުގެ ބައިތައް ހިމެނެއެވެ. ވިޓްރީއަސް ހިޔުމަރ ގައި އަލްބިޔުމިން، އަދި ހައިއެލޫރޮނިކް އެސިޑް ހުރެއެވެ. ވިޓްރީއަސް ހިޔުމަރ އަށް އޭގައި ހުންނަ ތަތްކަން ގެނެސްދެނީ މިމާއްދާގެ ސަބަބުންނެވެ. އެކޫއިއަސް ހިޔުމަރ އަށްވުރެ ވިޓްރީއަސް ހިޔުމަރ ގައި ހަކުރު ނުވަތަ ގުލްކޯޒު ހުންނަ ނިސްބަތް މަދެވެ. ލޮލުގެ އަލިދުލިން  ވިޓްރީއަސް ހިޔުމަރ އަށް ލެކްޓިކް އެސިޑް އަދި ޕައިރުވިކް އެސިޑް އިތުރުކޮށްދެއެވެ.

އާންމު ގޮތެއްގައި ވިޓްރީއަސް ހިޔުމަރ ގައި ހައިއެލޫރޮނިކް އެސިޑް ހުންނަނީ ސޯޑިއަމް ސޯލްޓް ނުވަތަ ސޯޑިއަމް ހައިއެލޫރޮނިޑޭޓް(Sodium hyaluronidate) ގެ ގޮތުގައެވެ. ވިޓްރީއަސް ހިޔުމަރގެ އަރިމަތީގައިވާ ޕެރިފެރަލް ކޯޓެކްސްގައި ހުންނަނީ ޓައިޕް 2 ކޮލަޖަން ފައިބަރު ތަކެވެ. މިފައިބަރުތަކުގެ ދެމެދުގައި ހުންނަނީ "ހެލޯސައިޓް"(halocyte) އޭ ކިޔޭ ސެލްތަކެކެވެ. ވިޓްރީއަސް ހިޔުމަރ ގައި ވިޓަމިން ސީ ގެ އިތުރުން އިންއޯގަނިކް ސޯލްޓް، އަދި ހަކުރު ހުރެއެވެ.

ވިޓްރީއަސް ހިޔުމަރގެ މަސައްކަތް ނުވަތަ ވަޒީފާ

1. ލޮލުގެ ބައްޓަން ދަމަހައްޓައިދިނުމުގައި އެހީތެރިވުން

2. ކޮރޮއިޑަލް ލޭހޮޅިތަކުން ޕްރެޝަރު ލޮލުގެ ކުރިމަތީ ބައިތަކަށް ގެންގޮސްދިނުން

3. ލޮލުގެ އަލިދުއްޔަށް ސަޕޯޓްދީ، ލޮލުގެ އަލިދުއްޔަށް ބޭނުންވާ ހަކުރު ނުވަތަ ގުލްކޯޒު ފޯރުކޮށްދިނުން

4. ލޮލަށް ވަންނަ އަލި ނުވަތަ އެޅޭ އަލި ރިފެރިކުރުމުގެ މަސައްކަތުގައި (ލޮލުގެ އަލިދުއްޔާއި ހަމައަށް ފޯރުކޮށް ދިނުމުގައި) ނޫނީ ނިޒާމުގައި ބައިވެރިވުން.

5. ލޮލުގެ އަލިދުލި އޭގެ މަގާމުގައި ހިފެހެއްޓިހުރުމަށް އެހީތެރިވެދިނުން

ހަވާލާ

·         https://visioneyeinstitute.com.au/eyematters/the-vitreous-humour/

·         https://entokey.com/vitreous-humor/

·         https://www.tedmontgomery.com/the_eye/vitreous.html

·         https://radiopaedia.org/articles/vitreous-body

·         https://www.healthline.com/human-body-maps/vitreous-humor#1

·         https://www.britannica.com/science/human-eye/The-retina

·         https://www.bartleby.com/107/226.html 

No comments:

Post a Comment