ލޮލުގެ އަލިދުލި
ލޮލުގެ އަލިދުލި (Retina) އަކީ އިންސާނާގެ ފެނުމަށް ޒިންމާވުމުގައި ބައިވެރިވާ ސެލޯއްޓެކެވެ. ލޮލުގެ އަލިދުލި ހިމެނެނީ އުފެދުމުގައި ލޯ ބެހިފައިވާ 3 ފަށަލައިގެ ތެރެއިން އެންމެ އެތެރޭގައިވާ ނާރީ ފަށަލައިގެ ތެރޭގައެވެ. ލޮލުގެ އަލި ދުއްޔަކީ ލޮލުގެ ފަހަތުގެ 2/3 ބައި ނިވައިކޮށްދޭ ނާރީ ސެލޯށީގެ ނުވަތަ ނާރީ ދިރުތަކުގެ ފަށަލަ(Nerve tissue layer) އެކެވެ. އަލިލޮލަށް އެޅި އިންސާނާއަށް ފެނުމުގެ އިހުސާސްތައް ފެށިގެން އަންނަ ހިސާބަކީ މިއީ އެވެ. ސިކުނޑިއާއި ލޯ ލޮލުގެ މައިނާރުގެ ޒަރީޢާއިން ގުޅުވައިދޭ އެއްޗަކީ ނާރީ ސެލޯށިތަކުން އުފެދިފައިވާ ލޮލުގެ އަލިދުއްޔެވެ. އަލި އިހުސާސްކޮށް، ނަގައިދީ، އަލީގެ ސިގުނަލްތައް ސިކުނޑިއަށް ފޮނުވުމުން އަހަރެމެންނަށް ފެންނަގޮތް ވެއެވެ.
ލޮލުގެ އަލިދުލި އެކުލެވިގެންވަނީ އެތެރެފެންނަ ސާފު އެތައް ފަށަލަ ތަކެއްގެ މައްޗަށެވެ. މީގެ ތެރެއިން "ލައިޓް ސެންސިޓިވް ފޮޓޯރިސެޕްޓަރ ސެލްތައް"(light
sensitive photoreceptor cells) ނުވަތަ އައްޔަށް ހައްސާސީ، އަލިދަމައިގަންނަ ދިރުތައް ހުންނަނީ އެންމެ ފަށަލަ އެއްގައެވެ. ލޮލަށްއެޅޭ އަލި ފޮޓޯ ރިސެޕްޓަރ ސެލްތަކަށް ވާޞިލްވުމަށްޓަކައި މަތިންމަތިން އެތުރިފައިވާ އެތައް ފަށަލަތަކެއް ހުރަސްކުރަން ޖެހެއެވެ.
ލޮލުގެ އަލިދުލީގެ މެދުގައި އިންނަނީ ލޮލުގެ މައިނާރު(optic nerve) އެވެ. ލޮލުގެ މައިނާރު އިންނަނީ ވަށް-ކުކުޅު ބިސްބުރު ބައްޓަމަކަށް ހުދުކުލައިގައެވެ. މިނާރުގެ ވަށަމިނުގައި 2×1.5 މިލިމީޓަރު ހުރެއެވެ. ލޮލުގެ މައިނާރުގެ މެދުތެރެއިން ލޮލުގެ ތެރެއަށް ލޮލަށް ލޭގެންގޮސްދޭ ލޭނާރުތައް ވަދެފައި ވެއެވެ. ޖުމުލަކޮށް ބަލާނަމަ ލޮލުގެ އަލި ދުއްޔަކީ ވަށަމިނުގައި 40-30 މިލިމީޓަރު ހުންނަ ވަށް-ޑިސްކެކެވެ. ލޮލުގެ އަލިދުލީގެ ބޯމިނުގައި 0.5 މިލިމީޓަރު ހުރެއެވެ.
އަލި ލޮލަށް އެޅުމުން ލޮލުގެ ހާމަ ދުލި އަދި ލެންސް ހުރަސްކޮށް ލޮލަށް އެތެރެވެ، ރިފްރެކްޓްވެއެވެ. އަދި ފެންނަ މަންޒަރު ނުވަތަ އެއްޗެއް ލޮލުގެ އަލި ދުއްޔަށް ފޯކަސް ނުވަތަ އަމާޒުކުރެވެއެވެ. މިގޮތަށް ލޮލުގެ އަލިދުއްޔަށް އަމާޒުކުރެވުމުން ލޮލުގެ އަލިދުލީގައިވާ ކޯންސް، އަދި ރޯޑްސް ސެލްތަކުގައިވާ އައްޔަށް ހައްސާސީ މޮލާރިތައް ވަކި އަލި ދަތުރުކުރާ ވަކި ދުރުމިނެއްގެ ތެރޭގައި(specific
wavelength) އިޖާބަދީ، ނާރު ސިގުނަލްތައް ހީވާގިކޮށް މުރާލިކުރުވައެވެ. ލޮލުގެ އަލިދުލީގެ ދިރު ފަށަލަ ތަކުގެ ތެރޭގައި ހިމެނޭ ސާސްތާ ދޭދޭ ގުޅުންތައް(complex
interconnections) ނުވަތަ "ސައިނަޕްސް"(synapse) މިނާރު ސިގުނަލްތައް ވަކިގޮތަކަށް އެއްކޮށް، ލޮލުގެ މައިނާރު(optic nerve) ގެ ޒަރީޢާއިން ސިކުނޑިގައިވާ ފެނުމަށް ޚާއްޞަ މަރުކަޒު އަށް ފޮނުވާލައެވެ. ނޫނީ ގެންގޮސްދެއެވެ. އެއަށްފަހު ފެނުމަށް ޚާއްޞަ މަރުކަޒުގައި އެސިގުނަލްތައް އިތުރަށް ރާވައި ތަރުތީބުކޮށް، ފެނުން ފުރިހަމަވެގެންދިއުން ކުރިޔަށްދާން ފަށައެވެ.
ލޮލުގެ އަލިދުލީގައި ހިމެނޭ ބައިތައް
(ހ) - ލޮލުގެ އަލިދުލީގެ އަރިމަތީބައި (Peripheral
Retina): ލޮލުގެ އަލިދުލީގެ އަރިމަތީ ބަޔަކީ ލޮލުގެ އަލިދުލީގައި ހިމެނޭ "މެކިޔުލާ ލޫޓިއާ"ގެ ބޭރުން ދެފަރާތުގައިވާ ބައެވެ. މިބަޔަކީ ދެލޮލުގެ އަރިމަތިން ނުވަތަ އެއް ފަރާތުން އެއްޗެތި ފެނުމުގައި ޖާމިނުވާ ބައެވެ. އަދި ރޭގަނޑުގެ ފެނުމަށް ވެސް ޖާމިނުވާ ބަޔަކީ މިއީ އެވެ.
ފޮވެއާގެ ވަށައިގެން އިންނަ 6 މިލިމީޓަރުގެ ބޮޑުމިނުގެ އިމަކީ ލޮލުގެއަލިދުލީގެ މެދުބައެވެ. ނުވަތަ މިއީ އެހެންގޮތަކަށް ބުނާނަމަ "ސެންޓްރަލް ރެޓިނާ"(central
retina) އެވެ. މިހިސާބުން ފެށިގެން ދެން ދެފަރާތުގައި އިންނަނީ ލޮލުގެ އަލިދުލީގެ އަރިމަތީ ބައެވެ. ނުވަތަ "ޕެރިފެރަލް ރެޓިނާ"(peripheral
Retina) އެވެ. މިބައި ދެމިގެން ގޮސްފައިވަނީ ސެންޓްރަލް ރެޓިނާ އިން ފެށިގެން ގޮސް "އޯރާ ސިރޭޓާ"(Ora
Serrata) އާއި ހަމައަށެވެ. މިއީ ލޮލުގެ އަލިދުލީގެ މެދު "ފޮވެއާ" އިން ފެށިގެން 21 މިލިމީޓަރުގެ ދުރުމިނެކެވެ.
(ށ) – މެކިޔުލާ ލޫޓިއާ (Macula
Lutea): މެކިޔުލާ ލޫޓިއާ އަކީ ލޮލުގެ އަލިދުލީގެ ފަހަތު ބައިގައި މެދުގައި އިންނަ ކުޑަ ނަމަވެސް ވަރަށް މުހިއްމު ތަނެކެވެ. ކުރިމަތިން ހުރި އެއްޗެއް މިސާލަކަށް މޫނު، ނޫނީ ލިޔެފައިވާ އެއްޗެއް ނޫނީ ލިޔުމެއް ސާފުކޮށް ފެނުމަށްޓަކައި މެކިޔުލާގެ ބޭނުންތެރިކަން ބޮޑެވެ. މެކިޔުލާ ލޫޓިއާ އަކީ ވަށަމިނުގައި 6-5 މިލިމީޓަރު ހުންނަ، ރީނދޫކުލައިގައި ހުންނަ ޕެޗެއް ފަދަ ޓިޝޫ އެކެވެ. މެކިޔުލާ ލޫޓިއާގެ މެދުގައި އަޑިކޮޅެއް ވެއެވެ. މިބަޔަށް ކިޔަނީ ފޮވެއާ ސެންޓްރާލިސް އެވެ.
(ނ) – ފޮވެއާ ސެންޓްރާލިސް (Fovea
Centralis): މިއީ މެކިޔުލާ ލޫޓިއާގެ މެދުގައި އިންނަ އަޑި ކޮޅެކެވެ. ނުވަތަ ހޮޔެކެވެ. ލޮލުގެ ފެނުން އެންމެ ސާފު (ތޫނު) ހިސާބަކީ މިއީ އެވެ. ލޮލުގެ އަލިދުލީގެ ސެލްތަކުގެ ތެރެއިން ކޯންސް ސެލްތައް އެންމެ ގިނައިން ހުންނަނީ މިތާގައެވެ. އަދި މިތާގައި އެއްވެސް ވަރަކަށް ރޯޑްސް ސެލްތަކެއް ނުހުރެއެވެ. އޮޕްޓިކް ޑިސްކުގެ ވާތް ފަރާތުން 5-4.5 މިލިމީޓަރުގެ އިމެއްގައި ކުޑަކޮށް ކުކުޅު ބިސްބުރުގެ ބައްޓަމަށް އިންނަ، ލޭހޮޅި އެކުނުލެވޭ އަޑިކޮޅެއް ނުވަތަ ހޮޔެއް އިދެއެވެ. މިތަނަށް ކިޔަނީ "ފޮވެއާ ސެންޓްރާލިސް" ނުވަތަ "ފޮވެއާ" އެވެ. ފޮވެއާގެ މެދަށް ކިޔަނީ "ފޮވެއަލް ޕިޓް"(foveal
pit) އެވެ.
(ރ) – ފޮޓޯ ރިސެޕްޓަރ ސެލްތައް (Photoreceptor
Cells): ލޮލަށް ވަންނަ އަލި ސިގުނަލްތަކަށް ބަދަލުކޮށް ސިކުނޑިއަށް ފޮނުވައިދިނުމުގައި ޖާމިނުވަނީ ލޮލުގެ އަލިދުލީގައި ހުންނަ ވަކި ޚާއްޞަ ދިރުތަކެކެވެ. އެހެންކަމުން އަހަރެމެންނަށް ފެންނަނީ މިފޮޓޯ ރިސެޕްޓަރ ސެލް ތަކުގެ އެހީގައެވެ. ފޮޓޯ ރިސެޕްޓަރ ސެލްތަކުގެ ތެރޭގައި ދެވައްތަރެއްގެ ސެލްތައް ހުރެއެވެ. އެއީ "ކޯންސް"(Cones) އަދި "ރޯޑްސް"(Rods) އެވެ.
އާންމު ގޮތެއްގައި ފޮޓޯ ރިސެޕްޓަރ ސެލްތަކުގެ ދެވައްތަރެއް ހުރެއެވެ. އެއީ "ކޯންސް"(Cones) އަދި "ރޯޑްސް"(Rods) މިދެވައްތަރުގެ ސެލްތަކެވެ. އުފެދުމުގައި އޭގެ ބައްޓަމުން ދެވައްތަރުގެ ސެލްތައް ތަފާތެވެ. އަދި ކުރާ މަސައްކަތުގައި އެކި ކަހަލަ ނޫނީ އެކި ވައްތަރުގެ އައްޔަށް ހުންނަ ނާޒުކުކަމަށް ބަލާފައި ވެސް ތަފާތެވެ.
ރޮޑްސް ސެލްތައް
ރޯޑްސް(Rods) ސެލް ތަކަކީ ލޮލުގެ އަލިދުލީގައި ހުންނަ ފޮޓޯ ރިސެޕްޓަރ ސެލްތަކުގެ ވައްތަރެކެވެ. މިއީ އަލީގެ ލެވެލް އަށް ހައްސާސީ ސެލްތަކެކެވެ. ފަނޑުއަލީގައި ފެނުމަށް އެހީތެރިވެދޭ ސެލްތަކަކީ މިއީ އެވެ. އާންމު ގޮތެއްގައި ރޯޑްސް ސެލްތައް ތަރުތީބުވެފައި ބޮޑަށް ހުންނަނީ ލޮލުގެ އަލިދުލީގެ އަރިމަތީގައެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ އަރިމަތިން ފެނުމުގައި ނުވަތަ ފެނުމަށް (ބެލުމަށް) ޖާމިނުވާ ސެލްތަކަކީ މިއީ އެވެ. ކޯންސް ސެލްތަކަށްވުރެ ރޯޑްސް ސެލްތައް 1000-500 ގުނަ އައްޔަށް ހައްސާސީކަން އިތުރެވެ. ލޮލުގެ އަލިދުލީގައި ގާތްގަނޑަށް 120 މިލިޔަން ރޯޑްސް ސެލްތައް އެކުލެވިގެން ވެއެވެ.
އާންމު ގޮތެއްގައި ރޯޑްސް ސެލްތައް ގިނައިން ހުންނަނީ ރޭގަނޑުގައި ހޭލަމޭލަވެ އުޅޭ ޖަނަވާރުންގެ ގައިގައެވެ. އަދި މި ވައްތަރުގެ ސެލްތަކަކީ ފަނޑު އައްޔަށް ހައްސާސީ އެއްޗެކެވެ. އިންސާނުންނަށް ރޭގަނޑުގައި ފެނުމުގައި ބައިވެރިވާ ނޫނީ ރޭގަނޑު ފެނުމުގެ ހިއްސު ފުރިހަމަކޮށްދޭ މައިގަނޑު ސެލްތަކަކީ ރޯޑްސް ސެލް ތަކެވެ. އާންމު ގޮތެއްގައި ލޮލުގެ މުޅި އަލިދުލީގެ ތެރެއަށް އެއްވަރަކަށް ރޯޑްސް ސެލްތައް ބެހި ފެތުރިފައި ވެއެވެ.
ކޯންސް ސެލްތައް
ކޯންސް(Cones) ސެލް ތަކަކީ ލޮލުގެ އަލިދުލީގައި ހުންނަ ފޮޓޯ ރިސެޕްޓަރ ސެލްތަކުގެ ވައްތަރެކެވެ. ކުލަތައް ފެނުން ނުވަތަ "ކަލަރ ވިޝަން"(color
vision) އަށް ޖާމިނުވާ ސެލްތަކަކީ މިއީ އެވެ. ކޯންސް ސެލްތައް ބޮޑަށް ހުންނަނީ ލޮލުގެ އަލިދުލީގެ މެދުގައިވާ "މެކިޔުލާ ލޫޓިއާ"(macula
lutea) އޭ ކިޔާ ހިސާބުގައެވެ. އަހަރެމެންނަށް ވަރަށް ކަވި އެއްޗެތި ފެނުމުގައި އެހީތެރިވެދޭ ސެލްތަކަކީ މިއީ އެވެ. އިންސާނާގެ ލޮލުގެ އަލިދުލީގައި ގާތްގަނޑަކަށް 6 މިލިޔަން ކޯންސް ސެލްތައް އެކުލެވިގެން ވެއެވެ.
މައިގަނޑު ގޮތެއްގައި 3 ވައްތަރެއްގެ ކޯންސް ސެލްތައް ހުރެއެވެ. އެއީ:-
·
ރަތްކުލައަށް ހައްސާސީ ކޯންސް (Red-sensing
cones): 60 އިންސައްތަ
·
ފެހިކުލައަށް ހައްސާސީ ކޯންސް (Green-sensing
cones): 30 އިންސައްތަ
·
ނޫކުލައަށް ހައްސާސީ ކޯންސް (Blue-sensing
cones): 10 އިންސައްތަ
ކޯންސް ބޮޑަށް ހުންނަނީ އިންސާނުންނާއި، ދުވާލުގަޑީގައި ހޭލަމޭލަވެ އުޅޭ ޖަނަވާރުންގެ ގައިގައެވެ. ދުވާލު ގަޑީގައި ފެނުން ރަނގަޅަށް ބޭނުންވާ ކަންކަން މިސާލަކަށް ފޮތްކިޔުން ފަދަ ކަންކަން، އަދި ކުލަ ވަކިކުރުން ފަދަ ކަންކަމަށް ޒިންމާވާ ސެލްތަކަކީ ކޯންސް ސެލްތަކެވެ. އާންމު ގޮތެއްގައި ލޮލުގެ އަލިދުލީގެ ކޮންމެ ޔުނިޓެއްގައި ކޯންސް ހުންނަ ނިސްބަތަކުން އެލޮލަކުން އެއްޗެތި ފެނި ނަގައިގަތުން ސާފުވާނެއެވެ.
އާންމު ގޮތެއްގައި ކޯންސް ސެލްތައް ބޮޑަށް ޖަމާވެފައި ހުންނަނީ ލޮލުގެ އަލިދުލީގެ ފާހަގަކުރެވޭ ވަކި ދެހިސާބެއްގައެވެ. އޭގެ ތެރެއިން އެއް ހިސާބަކީ ލޮލުގެ އަލިދުލީގެ ފަހަތުގައިވާ "ފޮވެއާ ސެންޓްރާލިސް"(Fovea
Centralis) އޭ ކިޔާ ހޮޔެކެވެ. މިތަނުގައި ރޮޑްސް ސެލްތައް އެއްވެސް ވަރަކަށް ނުހުރެއެވެ. އަދި މިއީ ލޮލުގެ އަލިދުލީގައި އެންމެ ގިނައިން ކޯންސް ސެލްތައް ހުންނަ ހިސާބެވެ. ނުވަތަ ތަނެވެ. ދެވަނަ ހިސާބަކީ މިބުނި ހޮއިގެ ވަށައިގެންވާ "މެކިޔުލާ ލޫޓިއާ"(macula
lutea) އޭ ކިޔާ ބައެވެ.
މައިކްރޮސްކޯޕުން ބަލާއިރު ލޮލުގެ އަލިދުލި ބެހިފައިވާ ފަށަލަތައް
އާންމު ގޮތެއްގައި ލޮލުގެ އަލިދުލި އެކުލެވިގެންވަނީ ނާރީ ދިރުގެ 3 ފަށަލައާއި، ސައިނަޕްސް ތަކުގެ 2 ފަށަލައިގެ މައްޗަށެވެ. ބޭރަށް އިންނަ ނިއުކްލިއަރ ފަށަލައިގައި ހުންނަނީ ފޮޓޯ ރިސެޕްޓަރ ސެލްތައް ކަމުގައިވާ ރޯޑްސް އަދި ކޯންސް ސެލްތަކެވެ. އެތެރޭ ނިއުކުލިއަރ ފަށަލައިގައި ހުންނަނީ ބައިޕޯލަރ ސެލްތަކާއި، ހޮރައިޒަންޓަލް ސެލްތަކާއި، އަދި ގޭންގްލިއޯން ސެލްތަކުގެ ޖިސްމު(cell bodies) ތަކެވެ. ގޭންގްލިއޯން ސެލް ފަށަލައިގައި ހިމެނޭ ގޭންގްލިއޯން ސެލްތަކާއި، އެމެކްރައިން ސެލްތަކުގެ ޖިސްމު ތަކެވެ. މިނާރީ-ދިރު ފަށަލަތައް ބައިކޮށްދެނީ 2 "ނިއުރޯޕިލް"(neuropil) ފަށަލަ އިންނެވެ. ނިއުރޯޕިލް އަކީ ސައިނަޕްސްތައް ބައްދަލުވެ ދިމާވާ ތަނެވެ.
ނިއުރޯޕިލް ގެ ފުރަތަމަ ފަށަލައަކީ "އައުޓާ ޕްލެކްސިފޯމް ލޭޔަރ"(outer
plexiform layer) އެވެ. މިއީ ލޮލުގެ އަލިދުލީގެ ފޮޓޯ ރިސެޕްޓަރ ސެލްތަކުގެ ތެރޭގައި ހިމެނޭ ކޯންސް ސެލްތަކާއި، ރޯޑްސް ސެލްތަކާއި، ދިގަށް އެތުރިފައި ހުންނަ ބައިޕޯލަރ ސެލްތަކާއި(vertical
bipolar cells)، ހުރަހަށް އެތުރިފައި ހުންނަ ހޮރައިޒަންޓަލް ސެލް(horizontal
cell)ތައް ގުޅި ބައްދަލުވާ ހިސާބެވެ.
ނިއުރޯޕިލް ގެ ދެވަނަ ފަށަލައަކީ "އިނަރ ޕްލެކްސިފޯމް ލޭޔަރ"(inner
plexiform layer) އެވެ. މިއީ ދިގަށް އެތުރިފައި ހުންނަ މައުލޫމާތު-އުފުލައިދޭ ބައިޕޯލަރ ސެލްތައް ގޭންގްލިއޯން ސެލްތަކާ ގުޅުމަށްޓަކައި މަޑުކޮށްލައިގެން ތިބޭ ސްޓޭޝަނެކެވެ.
ލޮލުގެ އަލިދުއްޔަށް ލޭފޯރުކޮށްދިނުން
ލޮލުގެ އަލިދުލީގެ ތެރެއަށް ލޭނާރުތައް އައިސްފައިވަނީ ލޮލުގެ މައިނާރު ހިމެނޭ ހޮއިގެ ތެރެއިންނެވެ. ދެގޮތަކަށް ލޭ ލޮލުގެ އަލި ދުއްޔަށް ލިބެއެވެ. އެއްގޮތަކީ "ސެންޓްރަލް ރެޓިނަލް އާޓަރީ"(central
retinal artery) އިން ލިބޭ ލެޔެވެ. އަނެއް ގޮތަކީ ކޮރޮއިޑަލް ލޭހޮޅި(choroidal
blood vessels)ތަކުން ލިބޭ ލެޔެވެ. އެންމެ ގިނައިން (86-65 އިންސައްތަ) ލޭ ލިބެނީ ކޮރޮއިޑް އިންނެވެ. މިއީ އަލިދުލީގެ ބޭރުބައި (ފޮޓޯ ރިސެޕްޓަރ ސެލްތައް) ސަލާމަތުން ހުރުމަށް މުހިއްމު ލެޔެކެވެ. ބާކީ 30-20 އިންސައްތަ ލިބެނީ ސެންޓްރަލް ރެޓިނަލް އާޓަރީ އިންނެވެ. މިއީ ލޮލުގެ އަލިދުލީގެ އެތެރޭ ފަށަލަތަކުގެ ދިރުމަށް މުހިއްމު ލެޔެކެވެ. އިންސާނާގެ ލޮލުގެ އަލިދުލީގައި ސެންޓްރަލް ރެޓިނަލް އާޓަރީގެ 4 ގޮތްޕެއް ވެއެވެ. އާންމު ގޮތެއްގައި ނުސާފުލޭ ތައް ލޮލުގެ އަލިދުލިން އަނބުރާ ގެންދަނީ "ސެންޓްރަލް ރެޓިނަލް ވެއިން"(central
retinal vein) ގެ އެހީގައެވެ.
ހަވާލާ
·
https://www.dartmouth.edu/~humananatomy/part_8/chapter_45.html
·
https://www.britannica.com/science/retina
·
https://www.aao.org/eye-health/anatomy/retina-103
·
https://webvision.med.utah.edu/book/part-i-foundations/simple-anatomy-of-the-retina/
ނޯޓް : މިލިޔުމަކީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment