Wednesday, October 21, 2020

ލޮލުގެ ބޮޑި

ލޮލުގެ ބޮޑި

ލޮލުގެ ބޮޑި(Eye lid)  އަކީ ލޮލުގެ މައްޗާއި ތިރިން، ލޯ ރައްކާތެރިކުރުމަށް ލެވިފައިވާ ދެފަށަލަ އެވެ. މިއީ ލޮލުގެ ކުރިމަތިން ލޯނިވައިކޮށްދޭ ނިވާފަތް ގަނޑެކެވެ. މިއީ މަސްކިޔުލޯފައިބްރަސް(musculofibrous) ނުވަތަ ހަމުގެ ތުނި ފަށަލަ އެކެވެ. ލޮލަށް ލިބޭ އަނިޔާތަކުން ލޯ ރައްކާތެރިކޮށްދޭ، ގަދަ އައްޔަށް ހުށަހެޅުމުން ލޯ މިންޖުކޮށްދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގައި އުފެދޭ ކަރުނަ މުޅި ލޮލުގެ ބޯޅައިގެ ސަތަހަ މައްޗަށް ފަތުރައި، ލޮލުގެ ތެތްކަން(ތެޔޮކަން) އެއްވަރެއްގައި ހިފަހައްޓައިދިނުމުގައި އެހީތެރިވެދެނީ ލޮލުގެ ބޮޑިއެވެ. ލޮލުގެ ބޮޑީގެ އެހީގައި އެސްފިޔަ ޖެހުމުން ލޮލުގެ ތެރެއަށް ނުވަތަ ހާމަދުލީގެ މައްޗަށް ކަރުނަތައް ފެތުރި، ލޮލުގެ ހާމަދުލި ހިކުމުން ނުވަތަ ހިކިގެންދިއުމުން ރައްކާތެރިކޮށްދެއެވެ.


ލޮލުގެ ބޮޑި ދެބަޔަކަށް ބެހިފައި ވެއެވެ. އެއީ ލޮލުގެ ތިރީ ބޮޑީ އާއި، ލޮލުގެ މަތީ ބޮޑި އެވެ. ލޮލުގެ ދެކަނަކީ ލޮލުގެ ދެބޮޑި ބައްދަލުވާ ތަނެވެ. ލޯހުޅުވާފައި އިންނައިރު ލޮލުގެ ދެބޮޑީގެ ދޭތެރެއިން ފެންނަން އިންނަ ހިސާބަށް ކިޔަނީ "ޕަލްޕެބްރަލް ފިޝަރ"(palpebral fissure) ނުވަތަ "ޕަލްޕެބްރަލް އެޕާރޗަރ"(palpebral aperture) އެވެ. އާންމު ގޮތެއްގައި ލޮލުގެ މަތީބޮޑި ތަނަވަސްވެފައި، ހަރަކާތްތެރިކަން އިތުރުވާނެ އެވެ.

އާންމު ގޮތެއްގައި ލޮލުގެ އެސްފިޔަ ތައް ފަޅާފައި ހުންނަނީ ލޮލުގެ ރަވައިގައެވެ. އާންމު ގޮތެއްގައި 3 ވައްތަރެއްގެ ގްލޭންޑްތައް އެއިން ބޭރުކުރާ ދިޔަތައް ލޮލުގެ ރަވަ ތެރެއިން ނޫނީ ހުރަސްކޮށް ދޫކުރެއެވެ. އެއީ ދާބޭރުކުރާ ގްލޭންޑްތައް، ތެޔޮބޭކުރާ ގްލޭންޑްތައް، އަދި ޓާރސަލް ގްލޭންޑް ތަކެވެ. ތެޔޮބޭރުކުރާ ގްލޭންޑް ތައް ހުންނަނީ އެސްފިޔަތަކުގެ ބުޑުގައި ހުންނަ ފޮލިކަލް ތަކުގައި ހަރުލާފައި، ނޫނީ ތަތްވެފައެވެ.  

ލޮލުގެ ބޮޑީގެ މަސައްކަތްތައް

(ހ) ލޮލުގެ ބޮޑިން އެސްފިޔަ ޖެހުމުގެ ތެރޭގައި ލޮލުގެ ތެރެއަށް (ހާމަދުލީގެ މައްޗަށް) ކަރުނައާއި، އެހެނިހެން ލޯ ތެތްކޮށްދޭ މާއްދާތައް ދޫކުރެއެވެ. މި މާއްދާތަކުގެ ސަބަބުން ލޯ ހިކުނަނުދީ، ތެތްކަންމަތީ ބަހައްޓައިދެއެވެ.

(ށ) އެސްފިޔަޖެހުމުގެ ހަރަކާތުގެ އެހީގައި ލޮލަށް ހަށިގަނޑުން ބޭރުން އެއްޗެއް ވަނުމާއި، ވެއްޓުމުން ދުރުކޮށްދެއެވެ.

(ނ) އެސްފިޔަތައް ހިފެހެއްޓުން : އެސްފިޔަތައް ހިފެހެއްޓިފައި ނޫނީ ހަރުލާފައި ހުންނަނީ ލޮލުގެ ބޮޑީގެ ދާރަފަށް ނުވަތަ ލޮލުގެ ރަވައިގައެވެ.

ލޮލުގެ ބޮޑީގެ ފަށަލަތައް

ލޮލުގެ ބޮޑި އެކުލެވިގެންވަނީ މައިގަނޑު 5 ފަށަލައެއްގެ މައްޗަށެވެ. އެ 5 ފަށަލަ މަތިން ފެށިގެން އަޑިއަށް(ފުނަށް) އެތުރިފައިވާ ތަރުތީބުން ތިރީގައި މިވަނީ އެވެ.

(ހ) ހަން، އަދި ހަމުގެ ދަށުގައިވާ ސެލޯށިތައް(Skin & subcutaneous tissue): ލޮލުގެ ބޮޑީގެ އެންމެ މައްޗަށް އިންނަ ފަށަލަ އެކުލެވިގެންވަނީ ހަމާއި، ހަމުގެ ދަށުގައިވާ ސެލޯށި ތަކުގެ މައްޗަށެވެ. ލޮލުގެ ބޮޑީގައި ހުންނަ ހަމަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ތުނި ހަމެވެ. ހަމުގެ ދަށުގައިވާ ފަށަލައިގައި، ދޫކޮށް ހުންނަ ގުޅުވަނިވި ސެލޯށި(connective tissue)  ތައް ހުރެއެވެ. އެކަމަކު މިތަނުގައި އާންމުކޮށް ހަމުގެ ދަށުގައި ހުންނަ ސަރުބީ(subcutaneous fat)  އެއް ނުހުންނާނެ އެވެ. މިހެންވުމުން ފަސޭހަކަމާއެކު ދުޅައިގެ ސަބަބުން، ނުވަތަ ލޭއެރުމުގެ ސަބަބުން ލޮލުގެ ބޮޑި ފުއްޕާގޮތްވެއެވެ.

އާންމު ގޮތެއްގައި ލޮލުގެ އެސްފިޔަތައް ހަރުލާފައި ހުންނަނީ ލޮލުގެ ބޮޑީގެ ފަށަލަތަކުގެ ތެރެއިން މިފަށަލައިގައެވެ. މިތަނުގައި ދާބޭރުކުރާ ގޮށް(sweat gland) ތަކެއް ވެސް ހުރެއެވެ. މިގޮށްތަކަށް ކިޔަނީ "ސިލިއަރީ ގްލޭންޑްސް އޮފް މޯލް"(ciliary glands of Moll)  އެވެ. މިފަށަލައިގައި އެކުލެވޭ ތެޔޮ ބޭރުކުރާ ގޮށް(sebaceous gland) ތަކަށް ކިޔަނީ "ގްލޭންޑްސް އޮފް ޒެއިސް"(glands of Zeis) އެވެ.

(ށ) އޯބިކިޔުލާރިސް އޮކިޔުލައި މަސްކޮޅު(orbiculari oculi muscle): މިއީ ލޮލުގެ ދެބޮޑި ކައިރިކޮށްދީ، ލޯ ލައްޕާލުމަށް ނޫނީ ލޯމަރާލުމަށް އެހީތެރިވެދޭ މަސްކޮޅެކެވެ. މިމަސްކޮޅު އިންނަނީ 3 ބަޔަކަށް ބެހިފައެވެ. އެއީ ޕަލްޕެބްރަލް، ލެކްރިމަލް، އަދި އޯބިޓަލް ޕާޓް އެވެ.

މިމަސްކޮޅު އުފެދި ފެށިގެން އަންނަނީ އޯބިޓްގެ ގައިގެމެދާއި ކައިރި ދާރަފަށް(medial orbital margin)، މީޑިއަލް ޕަލްޕެބްރަލް ލިގަމެންޓް(medial palpebral ligament)، އަދި ކަރުނަ ކަށިގަނޑު (lacrimal bone) ންނެވެ. މިމަސްކޮޅު ގޮސް ނިމި ހަރުލަނީ އޯބިޓްގެ ދާރަފަށުގެ ވަށައިގެންވާ ހަމާއި، މަތިންނާއި، ތިރިން އައިސްފައިވާ ޓާރސަލް ޕްލޭޓް(inferior and superior tarsal plates) އަށެވެ.

މިމަސްކޮޅުގެ ބައިތަކުގެ ތެރެއިން ޕަލްޕެބްރަލް ބައި ގެ މަސައްކަތަކީ މަޑުމަޑުން ލޯމަރާލުން ނުވަތަ ލައްޕާލުމަށް އެހީތެރިވެދިނުމެވެ. ލެކްރިމަލް ބައިގެ މަސައްކަތަކީ ކަރުނަތައް ބޭރުކުރުމަށް އެހީތެރިވެދިނުމެވެ. އޯބިޓަލް ބައިގެ މަސައްކަތަކީ ވަރަށް ބާރަށް (ފިތޭވަރަށް) ލޯމަރާލުމަށް އެހީތެރިވެދިނުމެވެ. މިމަސްކޮޅަށް އައިސްފައިވާ ފަތިނާރަކީ ކްރެނިއަލް ނާރވް ނަންބަރު 7 ނުވަތަ ފޭޝަލް ނާރވް(Facial nerve)  އެވެ.

(ނ) ޓާރސަލް ޕްލޭޓްސް (tarsal plates): މިއީ ލޮލުގެ ބޮޑީގެ ތެރޭގައި ދެބޮޑި ކައިރިކޮށްދޭ މަސްކޮޅު ''އޯބިކިޔުލާރިސް އޮކިޔުލައި" މަސްކޮޅުގެ "ޕަލްޕެބްރަލް ރީޖަން"(palpebral region) ގައި އިންނަ ޕްލޭޓް އެކެވެ. އެގޮތުން ލޮލުގެ މަތީ ބޮޑީގައި އިންނަ ޕްލޭޓަކީ "ސްޕީރިއަރ ޓާރސަސް ޕްލޭޓް"(Superior tarsus plate) އެވެ. އަދި ލޮލުގެ ތިރީ ބޮޑީގައި އިންނަ ޕްލޭޓަކީ "އިންފީރިއަރ ޓާރސަސް ޕްލޭޓް"(Inferior tarsus plate) އެވެ. ޓާރސަލް ޕްލޭޓް އެކުލެވިގެންވަނީ ވަރަށް ބޯކޮށް ހުންނަ ގުޅުވަނިވި ސެލޯށި(connective tissue) ތަކުގެ މައްޗަށެވެ. ސްޕީރިއަރ ޓާރސަސް ޕްލޭޓް ގައި ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް"(levatorpalebraesuperioris) މަސްކޮޅުން ބައެއް ތަތްލާފައި ނޫނީ ހަރުލާފައި ނޫނީ ހިފެހެއްޓިފައި ހުރެއެވެ. ލޮލުގެ ބޮޑި ތެރޭގައި ހުންނަ "މެއިބޯމިއަން ގްލޭންޑް"(meibomian gland) ތައް ހުންނަނީ ޓާރސަލް ޕްލޭޓް ގައެވެ. މިއީ ލޮލުގައި ހުންނަ ފެން، ނޫނީ ކަރުނަ އާތްވަށްވެގެން ދިއުން ލަސްކުރުމަށްޓަކައި ލޮލުގެ ތެރެއަށް ތެޔޮ މާއްދާއެއް ދޫކޮށްދޭ ، ތެޔޮ ބޭރުކުރާ ގްލޭންޑް(Sebaceous gland) އެކެވެ. މި ތެޔޮ މާއްދާގެ ސަބަބުން ލޮލުގެ ދެބޮޑި ކައިރިކޮށް ލޯލައްޕާލުމުން ލޮލުގެ ދެބޮޑި އެކަތި އަނެކައްޗާއި ތަތްވިޔަނުދީ ހިފަހައްޓައިދެއެވެ.

(ރ) ލެވޭޓަރ އެޕަރޭޓަސް (levator apparatus):މިއީ ވެސް ލޯހުޅުވުމަށް އެހީތެރިވެދޭ މަސްކޮޅުތަކެކެވެ. ލެވޭޓަރ އެޕަރޭޓަސް ގައި ހިމެނެނީ " ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް"(levatorpalpebraesuperioris) އަދި "ސްޕީރިއަރ ޓާރސަލް މަސްކޮޅު"(Superior tarsal muscle) އެވެ. މިދެމަސްކޮޅަކީ ވެސް ލޯހުޅުވައިދިނުމަށް ނޫނީ ލޮލުގެ ބޮޑި ހުޅުވައިދިނުމަށް އެހީތެރިވެދޭ ދެމަސްކޮޅެވެ.

ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް(levatorpalpebraesuperioris)  ފެށިގެން އަންނަނީ ސްފީނޮއިޑް ކަށިކޮޅުގެ ކުޑަ ފިޔަ(lesser wing of sphenoid) އިންނެވެ. މިމަސްކޮޅު ނިމިފައި އިންނަނީ ލޮލުގެ މަތީބޮޑީ އާއި، ސްޕީރިއަރ ޓާރސަލް ޕްލޭޓް(superior tarsal plate) އަށެވެ. މިމަސްކޮޅުގެ މަސައްކަތަކީ ލޮލުގެ ބޮޑި ހުޅުވައިދިނުމެވެ. މިމަސްކޮޅަށް އައިސްފައިވާ ފަތިނާރަކީ "އޮކިޔުލޮމޮޓޯރ ނާރވް"(occulomotor nerve) އިން އައިސްފައިވާ "ސްޕީރިއަރ ބްރާންޗް" އެވެ.

ސްޕީރިއަރ ޓާރސަލް މަސްކޮޅު(Superior tarsal muscle) ފެށިގެން އަންނަނީ ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް މަސްކޮޅު ގެ ދަށުންނެވެ. އަދި މިމަސްކޮޅު ނިމިފައިވަނީ ސްޕީރިއަރ ޓާރސަލް ޕްލޭޓް(Superior tarsal plate)  އަށެވެ. މިމަސްކޮޅުގެ މަސައްކަތަކީ ލޯ ހުޅުވުމުގައި ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް މަސްކޮޅަށް އެހީތެރިވެދިނުމެވެ. މިމަސްކޮޅު ފޯރުކޮށްދޭ ފަތިނާރަކީ "ސްޕީރިއަރ ސަރވައިކަލް ގޭންގްލިއަން"(superior cervical ganglion) އިން ނިކުމެފައިވާ "ސިމްޕެތެޓިކް ފައިބަރު"(sympathetic firbers) ތަކެވެ.

(ބ) ލޮލުގެހުދުކަޅީގެ މަތީގައިވާ ތުނިދުލި(conjunctiva):ލޮލުގެ ބޮޑީގެ އެންމެ އެތެރޭ ނުވަތަ އަޑީގައިވާ ފަށަލަ އަކީ ޕަލްޕެބްރަލް ކޮންޖަންކްޓައިވާ(palpebral conjunctiva) އެވެ. މާނައަކީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން ލޮލުގެ ބޮޑީގެ ތެރޭގައިވާ ބައެވެ.

ލޮލުގެ ބޮޑީގައި ލޭދައުރުވާގޮތް

ލޮލުގެ ބޮޑިއަކީ ގިނަ ލޭހޮޅިތަކެއް އެކުލެވޭ އެތަނަކަށް ގިނަ ލޭ ލިބޭ ލެއިން މުއްސަދި ތަނެކެވެ. އެގޮތުން ލޮލުގެ ބޮޑިއަށް ސާފުލޭގެނެސްދޭ ލޭހޮޅިތައް ތިރީގައި މިވަނީ އެވެ.

·         އޮފްތަލްމިކް އާޓަރީ (ophthalmic artery): ސާފުލޭ ފޮނުވައިދޭ މިލޭހޮޅި ނުވަތަ އާޓަރީން ލޮލުގެ ބޮޑިއަށް ލޭފޮނުވައިދޭ ލޭހޮޅިތަކުގެ ތެރޭގައި "ލެކްރިމަލް އާޓަރީ"، "މީޑިއަލް ޕަލްޕެބްރަލް އާޓަރީ"، "ސްޕްރައޯރބިޓަލް އާޓަރީ"، އަދި "ސްޕްރަޓްރޮކްލިއަރ އާޓަރީ" ހިމެނެއެވެ.

·         ފޭޝަލް އާޓަރީ (facial artery): ފޭޝަލް އާޓަރީ ގެ ގޮފިތަކުގެ ތެރެއިން ލޮލުގެ ބޮޑިއަށް ލޭފޮނުވައިދޭ "އޭންގިޔުލަރ ބްރާންޗް" އިންނެވެ.

·         ސްޕަފިޝަލް ޓެމްޕޯރަލް އާޓަރީ (superficial temporal artery): މިލޭހޮޅީގެ ގޮފިތަކުގެ ތެރެއިން ލޮލުގެ ބޮޑިއަށް ލޭފޮނުވައިދެނީ "ޓްރާންސްވާރސް ފޭޝަލް އާޓަރީ ބްރާންޗް" އިންނެވެ.

ނުސާފުލޭ ގެންދިއުން (venous drainage): ނުސާފުލޭ ލޮލުގެ ބޮޑިން ބޭރުކޮށްދެނީ ނޫނީ ގެންގޮސްދެނީ ލޮލުގެ ބޮޑީގެ ވަށައިގެންވާ މުއްސަދި ވިއުގަ އަކުންނެވެ. އެގޮތުން ލޮލުގެ ބޮޑީގެ ހަށިގަނޑުގެ މެދާއި ކައިރިވީ ފަރާތުން ނުސާފުލޭ ބޭރުވަނީ "މީޑިއަލް ޕަލްޕެބްރަލް ވެއިން"(medial palpebral vein) ހުރަސްކޮށް، "އޭންގިޔުލަރ ވެއިން"(angular vein) އަދި "އޮފްތަލްމިކް ވެއިން"(ophthalmic vein) ތަކަށެވެ. ލޮލުގެ ބޮޑީގެ ހަށިގަނޑުގެ މެދާއި ދުރު ފަރާތުން ނުސާފުލޭ ބޭރުވަނީ "ލޭޗްރަލް ޕަލްޕެބްރަލް ވެއިން"(lateral palpebral vein) ހުރަސްކޮށެވެ. އަދި މިލޭ ގޮސް ހުސްވަނީ " ސްޕަފިޝަލް ޓެމްޕޯރަލް ވެއިން"(superficial temporal vein) އަށެވެ.

ލޮލުގެ ބޮޑިއަށް ފަތިނާރުތައް އައިސްފައިވާގޮތް ނުވަތަ ނާރވްތައް އައިސްފައިވާގޮތް

ލޮލުގެ ބޮޑިއަށް އިހުސާސް އުފުލައިދެނީ ޓްރައިޖެމިނަލް ފަތިނާރު(trigeminal nerve) ގެ ގޮފިތަކުންނެވެ. އެގޮތުން :

ލޮލުގެ މަތީ ބޮޑިއަށް އިހުސާސް އުފުލައިދެނީ "އޮފްތަލްމިކް ފަތިނާރު"(ophthalmic nerve)، ގެ ގޮފިތަކުންނެވެ. އޭގެ ތެރޭގައި ސްޕްރައޯރބިޓަލް ބްރާންޗް، ސްޕްރަޓްރޮކްލިއަރ ބްރާންޗް، ލެކްރިމަލް ބްރާންޗް، އަދި އިންފްރަޓްރޮކްލިއަރ ބްރާންޗް ހިމެނެއެވެ.

ލޮލުގެ ތިރީ ބޮޑިއަށް އިހުސާސް އުފުލައިދެނީ "މެގްޒިލަރީ ފަތިނާރު"(maxillary nerve) ގެ ގޮފިތަކުންނެވެ. އޭގެ ތެރޭގައި އިންފްރައޯރބިޓަލް ބްރާންޗް އަދި ޒައިގޮމެޓިކޯފޭޝަލް ބްރާންޗް ހިމެނެއެވެ.

ލޮލުގެ ބޮޑީގެ މަސްތަކަށް ހަރަކާތް ގެނެސްދޭ މޮޓޯރ ފަތިނާރު ތަކުގެ ތެރޭގައި ހިމެނޭ އޯބިކިޔުލާރިސް އޮކިޔުލައި މަސްކޮޅަށް ހަރަކާތް ގެނެސްދޭ "ފޭޝަލް ފަތިނާރު"(facial nerve)، ލެވޭޓަރ ޕަލްޕެބްރޭ ސްޕީރިއޯރިސް އަށް ހަރަކާތް ގެނެސްދޭ "އޮކިޔުލޮމޮޓޯރ ފަތިނާރު"(oculomotor nerve)، އަދި ސްޕީރިއަރ ޓާސަލް މަސްކޮޅަށް ހަރަކާތް ގެނެސްދޭ ސިމްޕެތެޓިކް ފައިބަރު ތަކެވެ.

ހަވާލާ

·         https://teachmeanatomy.info/head/organs/eye/eyelids/

·         https://www.dartmouth.edu/~humananatomy/part_8/chapter_45.html

·         https://www.britannica.com/science/human-eye 

No comments:

Post a Comment