Wednesday, October 21, 2020

ލޮލުގެ ހުދުކަޅި

 

ލޮލުގެ ހުދުކަޅި

ލޮލުގެ ހުދުކަޅި(Sclera) އަކީ އަކީ ލޮލުތެރޭގައި ހުދުކޮށް ފެންނަން އިންނަ ބައެވެ. މިއީ ލޮލުގެ ރައްކާތެރިކަމަށްޓަކައި ލޮލުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެކެވެ. މިފަށަލައިގައި ކޮލަޖަން އަދި  ހަރު ފައިބަރު ޓިޝޫ ހިމެނެއެވެ. ހުދުކަޅިއަށް އިގިރޭސިން "ސްކެލިރާ" މިނަން ދެވިފައިވާ އޭގެ "ހަރުކަމަށް" ރިޢާޔަތްކޮށްގެންނެވެ. ލޮލުގެ ހުދުކަޅި އަކީ އޭގެ ޒާތުގައި ފުސްކަމެއް ހުންނަ އެއްޗެކެވެ. މިގޮތަށް ދިމާވަނީ އޭގައި ހިމެނޭ "ގުޅުވާދެނިވި ޓިޝޫ ލެމިއްލާ"ތައް(connective tissue lamellae)  އެތުރިފައިވާ އެތުރުމުގައި އެއްވެސް ކަހަލަ އިންތިޒާމެއް ނުހުންނާތީ އެވެ.


ލޮލުގެ ހުދުކަޅި ހިމެނެނީ ލޮލުގެ ބޯޅަ ބެހިފައިވާ ތިން ފަށަލައިގެ ތެރެއިން އެންމެ ބޭރު ފައިބަރީ ފަށަލަ އިގެ ތެރޭގައެވެ. އެގޮތުން އެންމެ ބޭރު ފައިބަރީ ފަށަލައިގެ ފަހަތު 6/5 ހިއްސާކުރަނީ ހުދުކަޅި އެވެ. އުފެދުމުގައި ލޮލުގެ ބޯޅަ ބެހިފައިވާ މައިގަނޑު ތިން ފަށަލަ އަކީ  އެންމެ ބޭރަށް އިންނަ ފައިބަރީ ފަށަލަ(Fibrous layer)، މެދު ތެރޭގައިވާ ލޭނާރީ ފަށަލަ(vascular layer)، އަދި އެންމެ އެތެރޭގައިވާ ނާރީ ފަށަލަ(inner nervous layer) އެވެ. އެންމެ ބޭރު ފައިބަރީ ފަށަލަ އިގައި ހިމެނެނީ ލޮލުގެ ހާމަ ދުލި(cornea) އަދި ހުދުކަޅި(Sclera) އެވެ. މެދުތެރޭގައިވާ ލޭނާރީ ފަށަލައިގައި ހިމެނެނީ ލޮލުގެ ކަޅުކަޅި(Iris)، ސިލިއަރީ ބޮޑީ(ciliary body)، އަދި ކޮރޮއިޑް(choroid) އެވެ. އެންމެ އެތެރޭގައިވާ ނާރީ ފަށަލައިގައި ހިމެނެނީ ލޮލުގެ އަލިދުއްޔެ(retina)ވެ.

ލޮލުގެ ހުދުކަޅީގެ ވަޒީފާ

1. ލޮލުގެ އެތެރޭގެ ނާޒުކު ބައިތައް ރައްކާތެރިކޮށްދިނުން

2. ލޮލުގެ ބޭރުގައިވާ މަސްތަކަށް ހިފެހެއްޓުން ގެނެސްދިނުން

ލޮލުގެ ހާމަ ދުއްޔާއި، ހުދުކަޅިއަކީ އެކަތި އަނެކައްޗާއި ގުޅިފައިވާ ދެ ސިލޯއްޓެވެ. މިފަށަލައިގެ މައިގަނޑު ވަޒީފާ އަކީ ލޮލަށް އޭގެ ބައްޓަން ގެނެސްދީ، އެތެރޭގެ ބައިތައް ރައްކާތެރިކޮށް ދިނުމެވެ. ލޮލުގެ އެންމެ ބޭރަށްވާ ފައިބަރީ ފަށަލައިގެ %85 (ލޮުލުގެ ފައިބަރީ ފަށަލައިގެ ފަހަތު 6/5 ބައި) އެކުލެވިގެންވަނީ ހުދުކަޅީގެ މައްޗަށެވެ. ލޮލުގެ ބޭރުގައިވާ މަސްތައް ހަރުލާފައި ހުންނަނީ ހުދުކަޅީގައެވެ. ލޮލުގެ ހަރަކާތްތައް ކުރުމުގައި ޒިންމާވާ މަސްތަކަކީ މިމަސްކޮޅުތަކެވެ. ބޭރުން ބަލާއިރު ލޮލުން ހުދުކޮށް ފެންނަ ބަޔަކީ ލޮލުގެ ހުދުކަޅި އެވެ.  

އެކުލެވިގެންވާގޮތާއި، ގުޅިފައިވާ ބައިތައް

ހުދުކަޅި އެކުލެވިގެންވަނީ ފައިބަރީ ސެލޯށިތަކުގެ މައްޗަށެވެ. ލޮލުގެ ގޮބޮޅީގައި ހިމެނޭ މަސްތަކުގެ ޓެންޑަންތައް ހުންނަނީ ލޮލުގެ ހުދުކަޅީގައި ހަރުލައި ހިފެހެއްޓިފައެވެ. ލޮލުގެ ފަހަތުން ލޮލުގެ މައިނާރު ހުދުކަޅީގެ ތެރެއަށް ވަދެފައިވަނީ "ލެމިނާ ކްރިބްރޯސާ"(lamina cribrosa) ކިޔާ "ބާރުދެރަ ޕްލޭޓް" އެއް ހުރަސްކޮށެވެ. ލޮލުގެ ހުދުކަޅީގެ ބޭރުން ލޮލޮގެ ގޮބޮޅި ވަށައިގެން ތުނި ފަށަލަ އެއް އިނދެއެވެ. މިފަށަލައަށް ކިޔަނީ "ޓެނަންސް ކެޕްސޫލް"(tenon’s capsule) އެވެ. މިކެޕްސޫލް  ލޮލުގެ ފަހަތުން (އެތެރެއިން) ލޮލުގެ މައިނާރުން ފެށިގެން ގޮސް ދެފަރާތުން ލޮލުގެ ހުދުކަޅިއާއި، ލޮލުގެ ހާމަދުލި ގުޅޭ  ހަތަރުއަނގޮޅި(limbus)އާއި ހިސާބަށް އިނދެއެވެ. މިފަށަލައަކީ ލޮލުގެ އޯބިޓް ގައި ހުންނަ ސަރުބީ އާއި ލޮލުގެ ގޮބޮޅި ވަކިކޮށްދޭ ފަށަލަ އެވެ.

ލޮލުގެ ހުދުކަޅީގެ ކުރިމަތީ ބަޔަށްވުރެ ފަހަތް ބޯވާނެއެވެ. ފަހަތު ބައިގެ ބޯމިނުގައި 1 މިލިމީޓަރު ހުރެއެވެ. ހުދުކަޅީގެ ބޭރު ސަތަހަ ހުންނަނީ ހުދުކުލައިގައެވެ. ލޮލުގެ ހުދުކަޅީގެ ބޭރު ސަތަހަ އާންމުކޮށް ހުންނަނީ އޮމާންކޮށެވެ. ނަމަވެސް ލޮލުގެ ހުދުކަޅިއަށް ލޮލުގެ ބޭރުގައިވާ މަސްތަކުގެ ތެރޭގައި ހިމެނޭ އެކިވައްތަރުގެ މަސްކޮޅުތަކުގެ ތެރެއިން "ރެކްޓަސް މަސްކޮޅު"(recti muscles) ތައް އަދި "އޮބްލިކިޔޫ މަސްކޮޅު"(oblique muscles) ތައް ގުޅިފައި ވާ ހިސާބު ނުވަތަ ހުދުކަޅީގައި ހަރުލާ ހިސާބު ހުންނަނީ އޮމާންކޮށެއް ނޫނެވެ. ބޭރު ސަތަހައިގެ ކުރިމަތީ ބައި ނިވާކުރެވިފައިވަނީ ހުދުކަޅީގެ މަތީގައިވާ ތުނިދުލީގެ ފަށަލަ(conjunctiva) އަކުންނެވެ. ހުދުކަޅީގެ އެތެރޭގެ ސަތަހަ ހުންނަނީ މުށިކުލައިގައެވެ. އެތެރޭ ސަތަހައިގައި ކުދިކުދި އަޑިކޮޅުތައް ހުރެއެވެ. ސިލިއަރީ ފަތިނާރު ތަކާއި، ސިލިއަރީ ލޭހޮޅިތައް ފެތިފައި ހުންނަނީ މިއަޑިކޮޅުތަކުގެ ތެރެއަށެވެ. ހުދުކަޅީގެ އެތެރޭ ސަތަހަ އާއި ކޮރޮއިޑް ގެ ބޭރު ސަތަހަ ވަކިކޮށްދެނީ "ސްޕެޓިއަމް ޕެރިކޮރޮއިޑީލޭ"(spatium perichorioideale) ކިޔާ "ލިމްފް ސްޕޭސް"(lymph space) އަކުންނެވެ. "ލެމިނާ ސްޕްރަކޮރޮއިޑީ"(lamina suprachorioidea) ކިޔާ ލޯލި ސެލިޔުލަރ ސެލޯށިތައް ނުވަތަ ތުނި ދުއްޔެއް މި ތަން ހުރަސްކޮށް އެތުރިފައި ވެއެވެ.

ލޮލުގެ ހުދުކަޅީގެ ތެރެއަށް ވަރަށް ގިނަ ފަތިނާރު ތަކާއި، ލޭނާރުތައް ވަދެފައި ވެއެވެ. އެގޮތުން މިފަދަ ނާރުތައް ވަންނަ އެންމެ ބޮޑު ހޮޔަކީ "ޕޯސްޓީރިއަރ ސްކެލިރަލް ފޮރަމެން"(posterior scleral foramen) އެވެ. ލޮލުގެ މައިނާރު ލޮލުގެ ތެރެއަށް ވަދެފައިވަނީ މިހޮއިގެ ތެރެއިންނެވެ.

ލޮލުގެ ކުރިމަތިން ހުދުކަޅި އިންނަނީ ލޮލުގެ ހާމަ ދުއްޔާއި ގުޅިފައެވެ. އެގޮތުން ލޮލުގެ ހުދުކަޅި އާއި، ލޮލުގެ ހާމަދުލި ގުޅޭ ހަތަރު އަގޮޅިއަށް ކިޔަނީ "ސްކެލީރޯ-ކޯނިއަލް ޖަންކްޝަން"(sclera-corneal junction) ނުވަތަ "ލިމްބަސް"(limbus) އެވެ. 

ހުދުކަޅީގެ މައިކްރޮސްކޯޕިކް އޮނިގަނޑު އެތުރިފައިވާގޮތް

ހުދުކަޅި އެކުލެވިގެންވަނީ ނޫނީ އުފެދިފައިވަނީ ހުދު ފައިބަރީ ސެލޯށިތަކާއި، ލޯލި ނޫނީ ތުނި އިލާސްޓިކް ފައިބަރުތަކާއި، ފަތި ނުވަތަ ފަތާ(flattened) ގުޅުވާދެނިވި(connective) ކޯރޕަސަލްތައް ގުޅި ލާމެހި، މަސްހުނިވެގެންނެވެ. މީގެ ބައެއް ކޯރޕަސަލް ތައް ހުންނަނީ ފައިބަރު ތަކުގެ ދެމެދުގައި ހުންނަ ހުސް ތަންތަނުގައެވެ. އަދި ބައެއް ކޯރޕަސަލް ތަކުގައި ޕިގްމެންޓް ހުރެއެވެ. މިފައިބަރުތައް ގުޅިގެން ދިގަށް އެތުރިފައި ހުންނަ ބަންޑަޅި ތައް އުފެދިފައި ހުރެއެވެ. ހުދުކަޅީގައި އެހާގިނަ ލޭނާރުތަކެއް ނުހުރެއެވެ. ސައިޒުން ކުދި ކުދިކުދި ލޭހޮޅިތައް ހުރެއެވެ. ހުދުކަޅި އަށް އައިސްފައިވާ ފަތިނާރު އައިސްފައިވަނީ "ސިލިއަރީ ނާރވް"(ciliary nerve) އިންނެވެ.

ހަވާލާ

·         https://www.britannica.com/science/human-eye

·         https://teachmeanatomy.info/head/organs/eye/eyeball/

·         https://www.britannica.com/science/human-eye/Extraocular-muscles#ref531500

·         https://www.bartleby.com/107/

·         https://www.bartleby.com/107/225.html

·         https://www.dartmouth.edu/~humananatomy/index.html

ނޯޓް : މިއީމައުލޫމާތުފެތުރުމުގެނިޔަތުގައިލިޔެފައިވާލިޔުމެކެވެ.

 

 

No comments:

Post a Comment