Wednesday, October 21, 2020

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި(Conjunctiva) އަކީ އަކީ ލޮލުގެ ހުދުކަޅިއާއި، ލޮލުގެ ބޮޑިއާއި ރަވައިގެ ތެރެއިން ލެވިފައިވާ ތުނި ދުލި ފަށަލަ އެކެވެ. ލޮލުން ބޭރަށް ފެންނަށް ހުންނަ ބައިތަކުގެ ތެރެއިން ލޮލުގެ ހާމަދުލި ފިޔަވައި، އެހެން ބައިތައް ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން ނިވާކޮށްދެއެވެ. ނޫނީ ރައްކާތެރިކޮށްދެއެވެ.އެހެންކަމުން މިއީ ލޮލުގެ ހާމަދުއްޔާއި، ލޮލުގެ ބޮޑި، އަދި ލޮލުގެ ހުދުކަޅި އާއި ދެމެދު ގުޅުވައިދޭ ގުޅުމެކެވެ. ނޫނީ އެކަތި އަނެކައްޗާއި ޖެހި ބައްދަލުވާ ތަނެކެވެ. މިއީ ލޮލުގެ ބޮޑީގެ ފަހަތު ސަތަހަ އާއި، ލޮލުގެ ކުރިމަތި (ހުދުކަޅި) ނިވައިކޮށްދޭ ތުނި ދުލި ފަށަލަ އެކެވެ. ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލީގެ ޖުމުލަ ސަތަހަ(total surface area)އިގެ މިންވަރަކީ 16 ސމ އެވެ.


ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި އެކުލެވިގެންވާ ގޮތް

މިދުލިފަށް އެކުލެވިގެންވަނީ ސެލް ތަކާއި، އޭގެ ދަށުގައިވާ ބޭސްމެންޓް މެންބްރޭން ގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި މިތާގައި ހުންނަނީ ބަތާނައިގެ ސިލޯށި(epithelial tissue)  އެވެ. ލޮލުގެ ބޮޑި ބައެއް ފަހަރު ބަހާލެވޭ 4 ފަށަލައިގެ ތެރެއިން އެންމެ އެތެރޭގައިވާ ފަށަލައިގެ ގޮތުގައި ވެސް ލޮލުގެ ބޮޑީގެ ތެރޭގައިވާ މިތުނި ދުލީގެ ބައި ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ދަވަ، އަދި ކަރުނަ އުފައްދައިގެން ލޯ ތެތްކަން މަތީ ބެހެއްޓުމަށް މިފަށަލަ އެހީތެރި ވެދެއެވެ. ކުދިކުދި ލޮލަށް ނުފެންނަ ޖަރާސީމްތައް ހަށިގަނޑަށް ވަނުން މިފަށަލައިގެ ސަބަބުން މަނާޚޮށްދެއެވެ.

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި، ލޮލުގެ ބޮޑީގެ އެންމެ އެތެރެއިން ގޮސް، ފަހަތަށް ލެބި، މުޅި ލޮލުގެ ހުދުކަޅި މަތިން އައިސް ނިމެނީ ލޮލުގެ މެދުގައިވާ ލޮލުގެ ހާމަ ދުއްޔާއި ހަމައަށެވެ. އެހެންކަމުން ލޮލުގެ ހުދުކަޅި މަތީގައިވާ ތުނިދުލި މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ލޮލުގެ ބޮޑީގެ (ފަހަތު ސަތަހަ) އެންމެ އެތެރެއިން ލެވިފައިވާ ބައި(palpebral portion)، އަދި ލޮލުގެހުދުކަޅީގެ މަތީގައިވާ ބައި(bulbar portion)  މިއެވެ. ލޮލުގެ ބޮޑީގެ ފަހަތު ސަތަހަ ނިވައިކޮށްދޭ ބަޔާއި، އަދި ލޮލުގެ ކުރިމަތި ނުވަތަ ހުދުކަޅީގެ މަތި ނިވައިކޮށްދޭ ހިސާބާ ދެމެދުން ހުސްޖާގަ އެއް ނުވަތަ ތަނެއް އުފެދިފައިވެއެވެ. މިތަނަށް ކިޔަނީ "ކޮންޖަންކްޓައިވަލް ސެކް"(conjunctival sac) އެވެ. މިދެބައި ބައްދަލުވާ ތަން ކަނަށް ކިޔަނީ "ފޯނިކްސް"(fornix) އެވެ. އެހެންކަމުން ލޮލުގެ މަތީ ބޮޑިއާއި، ތިރީ ބޮޑީގެ މިބުނި ގޮތަށް އޭގެ ފަހަތު ސަތަހަ ނިވައިކޮށްދޭ ދުލިފަށަލަ ބައްދަލުވާ ކަނުގައި މިފަދަ ފޯނިކްސް އުފެދިފައިވާ އެވެ. ލޮލުގެ މަތީބޮޑީގައި މިގޮތަށް އުފެދޭ ކަނަށް ކިޔަނީ "ސްޕީރިއާ ފޯނިކްސް"(superior fornix) އެވެ. އަދި ލޮލުގެ ތިރީ ބޮޑީގައި މިގޮތަށް އުފެދޭ ކަނަށް ކިޔަނީ "އިންފީރިއާ ފޯނިކްސް"(inferior fornix) އެވެ. އާންމު ގޮތެއްގައި ކަރުނަ ދޫކުރާ ގްލޭންޑްތައް ނުވަތަ ގޮށްތައް ހުޅުވިފައި ހުންނަނީ ސްޕީރިއާ ފޯނިކްސް އަށެވެ.

އާންމު ގޮތެއްގައި ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން  ސީދާ ހުދުކަޅީގެ މަތި ނިވައިކޮށްދޭ ބައި(ނުވަތަ ބަލްބަރ ކޮންޖަންކްޓައިވާ)ގެ ވަށަމިން، އުމުރާއި ނަސްލާއި، ލޯ ހުރި މަކާނާއި، ލޮލުގެ ހާލަތާއި، އަދި މިންކުރެވޭ ގޮތަކަށް ބަލާފައި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ބަލްބަރ ކޮންޖަންކްޓައިވާގެ ވަށަމިން ހުންނަނީ 16-13މމ އާއި ދެމެދުގެ މިނެއްގައެވެ. އަދި ތަބީޢީ ގޮތެއްގައި އިންފީރިއާ ފޯނިކްސްގެ ވަށަމިން ހުންނަނީ 12-10މމ އާއި ދެމެދުގެ މިނެއްގައެވެ. އިންފީރިއާ ފޯނިކްސްގެ ވަށަމިން އުމުރުން ދުވަސްވާ ވަރަކަށް ދަށްވުމަކީ ނުވަތަ ކުޑަވުމަކީ އެކަށީގެންވާ ކަމެކެވެ.

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން ލޮލުގެ ބޮޑީގެ ފަހަތު ސަތަހަ ނިވައިކޮށްދޭ ބަޔަށް ނުވަތަ "ޕަލްޕެބްރަލް ކޮންޖަންކްޓައިވާ" އަށް ކަރުނަ ބޭރުކުރާ މަގުތަކުގެ އަނގަތައް ހުޅުވިފައި ވެއެވެ. މިހެންވުމުން ކޮންޖަންކްޓައިވަލް ސެކް ގައި ހުންނަ ކަރުނަތައް ނޭފަތުގެ ހިދުރީގެ ތެރެއަށް އޭގެ ޒާތުގައި މިބުނި ހުޅުވުމުގެ ތެރެއިން ލާފައި ދާނެއެވެ. ޕަލްޕެބްރަލް ކޮންޖަންކްޓައިވާ ގައި އާންމު ގޮތެއްގައި ރަތްކަމެއް ހުރެދާނެއެވެ. ނޫނީ ހުންނާނީ ރަތް ކުލައަކަށެވެ. އާންމު ގޮތެއްގައި ލޭމަދުވުން ހުރިތޯ ބެލުމަށްޓަކައި ލޮލުގެ އެތެރެއިން ބަލާލެވޭ ހިސާބަކީ މިއީކަން ފާހަގަ ކުރެވެއެވެ.

އާންމު ގޮތެއްގައި ބަލްބަރ ކޮންޖަންކްޓައިވާ އަކީ އެތެރެ ފެންނަ ސާފު ދުއްޔެކެވެ. ލޮލުގެ ހުދުކަޅީގެ މަތިންގޮސްފައިވާ ނޫނީ ހުދުކަޅި ނިވައިކޮށްދޭ ބަޔަކީ މިއީ އެވެ. އެހެންކަމުން ބަލްބަރ ކޮންޖަންކްޓައިވާގެ ތެރެއިން ލޮލުގެ ހުދުކަޅި ފެންނާނެ އެވެ. މިއީ ކުލައެއް ނުވާ ބައެކެވެ. ލޮލު ރޯގާ ޖެހި އާންމުކޮށް ދުޅަވަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުއްޔެވެ. މިފަދަ ހާލަތުގައި މިދުލީގެ ލޭހޮޅިތައް ދުޅަވެ، ލޯރަތްވުމަކީ އެކަށީގެންވާ ކަމެކެވެ.

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލީގެ ބަތާނައިގައިވާ ތަފާތު ސެލްތަކުގެ ތެރެއިން އެންމެ ގިނައިން ހުންނަނީ "ކިޔުބޮއިޑަލް އެޕިތީލިއަލް ސެލް"(cuboidal epithelial cell)  ތަކެވެ. މިސެލްތައް  މިހިސާބުގައި އެތުރިފައި ހުންނަނީ "ގޯބްލިޓް ސެލް"(Goblet cell) ތަކާއި، "ލެންގަރހެންސް ސެލް"(Langerhan’s cell)ތަކާއި، "މިލާނޯސައިޓް"(Melanocyte) ސެލް ތަކާއި، އަދި ލިމްފަސައިޓް (Lymphocyte) ސެލްތަކުގެ ވަށައިގެންވާ ގޮތަށެވެ. ތަބީޢީ ގޮތެއްގައި ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލީގެ ބޯމިން އެކުލެވިފައިވަނީ 6 ފަށަލައަށްވުރެ ގިނަ ސެލް ފަށަލަތަކުގެ މައްޗަށެވެ. ކޮންޖަންކްޓައިވާ ގައި ހިމެނޭ ސެލްތަކުގެ %10-5 އަކީ ދަވަދޫކުރާ "ގޯބްލިޓް ސެލް" ތަކެވެ. މިބައިގެ ބަތާނަ ފަށުގެ ދަށުގައިވާ "އެޕިތީލިއަލް ބޭސްމެންޓް މެންބްރޭން"(Epithelial basement membrane)  މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ "ޓައިޕް IV ކޮލަޖަން" (type IV collagen)ގެ މައްޗަށެވެ. އެޕިތީލިއަލް ބޭސްމެންޓް މެންބްރޭން ގެ ދަށުގައިވާ ''ސަބްސްޓެންޝިއާ ޕްރޯޕްރިއާ" އަކީ އެތަނަކަށް ގިނައިން ލޭފޯރުވައިދޭ (ލެއިން މުއްސަދި)، ދޫކޮށް ހުންނަ، ގުޅުވާދެނިވި ސިލޯއްޓެކެވެ.

ބަލްބަރ ކޮންޖަންކްޓައިވާ އޭގެ ދަށުގައިވާ "ޓެނަންސް ކެޕްސޫލް"(Tenon’s Capsule) ގައި ހަރުލާފައި ހުންނަނީ ނިސްބަތުން ދޫކޮށެވެ. ނުވަތަ ކުޑަކޮށެވެ. ލޮލުގެ ހާމަދުއްޔާއި، ލޮލުގެ ހުދުކަޅި ގުޅޭ ހިސާބުން ދެތިން މިލިމީޓަރުގެ ދުރުމިނުގައި ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލި އަދި ޓެނަންސް ފޭޝިއާ(Tenon’s Fascia) ހުންނަނީ ހަރަކާތްތެރިކަން ކުޑަކޮށެވެ. މާނައަކީ މާބޮޑަކަށް އެދެބައި ހަރަކާތެއް ނުކުރާނެއެވެ. ނޫނީ ނުގުޑާނެ އެވެ. މިހިސާބަކީ އާންމު ގޮތެއްގައި ބަތާނަ ފަށުގެ ސެލްތައް ވެސް "ކިޔުބޮއިޑަލް އެޕިތީލިއަލް ސެލް" ތަކުން "ފަތާ އެޕިތީލިއަލް ސެލް"(flattened epithelial cell) ތަކަށް ބަދަލުވާ ހިސާބެވެ.

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުއްޔަށް ލޭފޯރުކޮށްދިނުން

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުއްޔަށް އައިސްފައިވާ މައި ފަތިނާރަކީ "އޮފްތަލްމިކް ނާރވް"(ophthalmic nerve) އެވެ. ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުއްޔަށް ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވައިދޭ ސާފު ލޭފޯރުކޮށްދެނީ "ޕެރިފެރަލް ޕަލްޕެބްރަލް އާރކޭޑް"(peripheral palpebral arcade) ، އަދި "އެންޓީރިއަރ ސިލިއަރީ އާޓަރީ"(anterior ciliary artery) ތަކުންނެވެ. އަދި މި ތުނިދުލިން ނުސާފުލޭ ބޭރުކޮށްދެނީ "އެންޓީރިއާ ސިލިއަރީ ވެއިން"(anterior ciliary vein) ތަކުންނެވެ. ނުސާފުލޭ ގެންގޮސްދޭ މިލޭނާރުތަކުން އަރިމަތީގައިވާ ބައިވަރު މިފަދަ ނުސާފުލޭ އުފުލައިދޭ ލޭނާރުތަކާ ގުޅި، ގޮސް ހުސްވަނީ ލޮލުގެ ބޮޑީގައިވާ "ވީނަސް ޕްލެކްސަސް"(venous plexus) އަށެވެ. އެއަށްފަހު އެތަނުން ދެން ދަނީ "އިންފީރިއާ އޮފްތަލްމިކް ވެއިން"(inferior ophthalmic vein) ތަކާއި، "ސްޕީރިއާ އޮފްތަލްމިކް ވެއިން"(superior ophthalmic vein) ތަކަށެވެ.

ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނިދުލިން އަދާކޮށްދޭ (ފުރިހަމަކޮށްދޭ) މަސައްކަތްތައް

·         ލޮލާއި، ލޮލުގެ ބޮޑީގައި ހިމެނޭ މަޑު ސެލޯށިތައް، ލޮލުން ބޭރުން އަންނަ ހަމަލާތަކުން ރައްކާތެރިކޮށްދިނުން

·         ކަރުނައާއި ދަވަ ލޮލުގެ ތެރެއަށް ފަތުރައި، ލޮލުގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުން

·         ދިފާޢީ ސެލޯށިތައް ފޯރުކޮށްދިނުން

·         ލޯއޭގެ ޒާތުގައި އަމިއްލައަށް ހަރަކާތް ކުރުމަށް އެހީތެރިވެދިނުން

ހަވާލާ

·         https://teachmeanatomy.info/head/organs/eye/eyelids/

·         https://www.dartmouth.edu/~humananatomy/part_8/chapter_45.html

·         https://www.britannica.com/science/human-eye#ref531468

·         https://clinicalgate.com/conjunctival-anatomy-and-physiology/

ނޯޓް : މިލިޔުމަކީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment