އެކޫއިއަސް ހިޔުމަރ
އެކޫއިއަސް ހިޔުމަރ(Aqueous humor) އަކީ ލޮލުގެ ކުރިމަތީބައިގައި ހުންނަ ސާފު ދިޔައެކެވެ. މިއީ ލޮލުގެ ކަޅުކަޅިން ލޯ ބައިކޮށްދޭ ދެބައިގެ ތެރޭގައި ހިމެނޭ ނުވަތަ ބެލެވޭ ލޮލުގެ ކަޅުކަޅިއާއި ހާމަ ދުއްޔާއި ދެމެދުގައިވާ "އެންޓީރިއަރ ޗެމްބަރ"(anterior chamber) އާއި، ލޮލުގެ ކަޅުކަޅިއާއި ލޮލުގެ ލެންސް އާއި ދެމެދުގައިވާ "ޕޯސްޓީރިއަރ ޗެމްބަރ"(posterior chamber) ފުރާލަދޭ، އެތެރެ ފެންނަ، ތުނި އަދި ސާފުކޮށް ހުންނަ "އަލްކަލައިން"(alkaline) ދިޔައެކެވެ. އާންމު ގޮތެއްގައި މިދިޔައިގައި އޮކްސިޖަންގެ ޕްރެޝަރު(O2 tension) މަތިވާނެއެވެ.
އެކޫއިއަސް ހިޔުމަރ ގައި ހިމެނޭ ކާނާގެ
ބައިތައް
އެކޫއިއަސް ހިޔުމަރ ގެ %99.9 އަކކީ ފެނެވެ. މީގެ
އިތުރުން މިދިޔައިގައި ހަކުރު، ވިޓަމިންތައް، އަދި ޕްރޮޓީންތަކާ، ކާނާގެ އެހެން
ބައިތައް ހިމެނެއެވެ. މިދިޔައިގައި ސޯޑިއަމް ކްލޮރައިޑް(NaCl) ، އަދި
ބައިކާބޮނޭޓް(HCO3) އެކުލެވިގެން
ވެއެވެ. މިބަޔާންކުރެވުނު ބައިކާބޮނޭޓް އުފެދުމަށް "ކާބޮނިކް އެންހައިޑްރޭޒް
އެންޒައިމް"(carbonic
anhydrase enzyme)
އެހީތެރިވެދެއެވެ. މީގެ އިތުރުން ހަކުރު، ޕްރޮޓީންގެ ކުޑަ މިންވަރެއް އަދި
ހައިއެލުރޮނިކް އެސިޑް(hyaluronic
acid) އެކޫއިއަސް ހިޔުމަރ ގައި ހުރެއެވެ. މިދިޔައިގައި
ވިޓަމިން ސީ ނުވަތަ އެސްކޯބިކް އެސިޑް އާއި، ލެކްޓިކް އެސިޑް ވެސް ހުރެއެވެ.
އެކޫއިއަސް ހިޔުމަރ އުފެއްދުން
އާންމު ގޮތެއްގައި މިނިޓަކު 3-2 ކިޔުބިކް
މިލިމީޓަރުގެ ރޭޓުގައި އެކޫއިއަސް އުފައްދަމުން ގެންދާނެ އެވެ. އެކޫއިއަސް ހިޔުމަރ
އުފެދިގެން އަންނަނީ ސިލިއަރީ ބޮޑީގައި ހިންގާ ލޭފުރާނާލުން(blood filtration)، އެކި މާއްދާތައް ދޫކުރުން(secretion)، އަދި އެކި
މާއްދާތައް އެއްތަނުން އަނެއްތަނަށް ފެތުރިގެންދިއުން(diffusion)
ފަދަ ކަންކަމުގެ ތެރެއިންނެވެ. މައިގަނޑު ގޮތެއްގައި އެކޫއިއަސް ހިޔުމަރ
އުފައްދަނީ ސިލިއަރީ ބޮޑީ ގައިވާ ސިލިއަރީ ޕްރޮސެސް ތަކުގެ ބަތާނަ ފަށުންނެވެ.
އެގޮތުން އެންމެ ފުރަތަމަ ސިލިއަރީ ޕްރޮސެސްގެ ބަތާނަ ފަށުން ދޫކުރަނީ ސޯޑިއަމް
އެވެ. އެއަށްފަހު ކްލޮރައިޑް އާއި، ބައިކާބޮނޭޓް އެއްވެއެވެ. މިކަން ހިނގަނީ
"ޕެސިވް ޑިފިޔުޝަން"(passive
diffusion)ގެ އުސޫލުންނެވެ. މާނައަކީ ކްލޮރައިޑް
އަދި ބައިކާބޮނޭޓް ގިނައިން ހުރި ހިިސާބުން މަދުން ހުރި ހިސާބަށް ފެތުރިގެން
ދިއުމެވެ. ނޫނީ އޭގެ މޮލާރިތައް ގިނައިން ހުރި ހިސާބަކުން މަދުން ހުރި ހިސާބަކަށް
ބަދަލުވުމެވެ. ޕެސިވް ޑިފިޔުޝަން ގެ އުސޫލުން ކްލޮރައިޑް އާއި ބައިކާބޮނޭޓް
ފެތުރިގެން ގޮސް، އެކޫއިއަސް ހިޔުމަރ އާއި އެއްވުމަށްފަހު، ދެން އޭގެ ތެރެއަށް
އެއްވެގެންދަނީ "އޮސްމޯސިސް"(osmosis)ގެ އުސޫލުން ފެނެވެ. މާނައަކީ މަދުން ހުރި ހިސާބަކުން
ގިނައިން ހުރި ހިސާބަކަށް އެއްޗެއް ބަދަލުވުމެވެ. ނޫނީ ފެތުރިގެން ދިއުމެވެ.
ލޮލުން އެއްވަރަކަށް (ވަރަށް މަދުން ނަމަވެސް)
އެކޫއިއަސް އުފައްދަމުން ގެންދާނެއެެވެ. އަދި ހަމަ އެވަރަށް ޓްރެބެކިޔުލަރ
މެޝްވޯކް ހުރަސްކޮށް،"ޑްރެއިނޭޖް އޭންގަލް" ގެ ތެރެއިން ބޭރުވެ
(ވެއިންތަކަށް ވަދެ ނޫނީ އެޅި) ހުސްވަމުންދާނެއެވެ.
އެކޫއިއަސް ހިޔުމަރ ދައުރުވެ، ހުސްވާގޮތް
ލޮލުގައި އުފެދޭ އެކޫއިއަސް ހިޔުމަރ ޕޯސްޓީރިއަރ
ޗެމްބަރ އަށް ވަނުމަށްފަހު، ލެންސްގެ ސަސްޕެންސަރީ ލިގަމެންޓްގެ ތެރެއިން ގޮސް،
އެންޓީރިއަރ ޗެމްބަރ އަށް ދަނީ ލޮލުގެ ކޮއިގެ ތެރެއިންނެވެ. އެއަށްފަހު އެކޫއިއަސް
ހިޔުމަރ ދަތުކުރަނީ ލޮލުގެ ހާމަ ދުއްޔާއި ކަޅުކަޅި ގުޅޭ ކަން ނުވަތަ އޭންގަލް(iridocorneal
angle) އާއި ދިމާލަށެވެ. މިކަނުގައި
"ފޮންޓާނާ ސްޕޭސް"(Fontana
space) ހުރަސްކޮށް، ދިޔަ ގޮސް ހުސްވަނީ "ކެނަލް
އޮފް ސްކިލެމް"(Schlemm’s
canal) އަށެވެ. ކެނަލް އޮފް ސްކިލެމް
އަކީ ތުނި ފާރެއް އެކުލެވޭ، އެއިން ވަރަށް ބޮޑަށް ފުރާނަލަދޭ (ބޮޑެތި ޕްރޮޓީން
މޮލާރި ތައް ވެސް ފުރާނައިލެވޭ) ނުސާފުލޭ އެކުލެވޭ ޗެނަލް އެކެވެ. މިތަނުން
އެކޫއިއަސް ހިޔުމަރ ދަނީ "އެކޫއިއަސް ވެއިން"(aqueous veins) އަށެވެ. އެއަށްފަހު އެންމެ ފަހުން ގޮސް ހުސްވަނީ "އެކްސްޓްރާ
އޮކިޔުލަރ ވެއިން"(extraoccular
vein) ތަކަށެވެ.
އެކޫއިއަސް ހިޔުމަރ އުފައްދައި، ބޭރުކުރުމުގައި
ހަމަހަމަކަން ގެއްލިއްޖެނަމަ، ލޮލުގެ އެތެރޭގެ ޕްރެޝަރު މަތިވެގެންދާގޮތް ވެއެވެ.
އެކޫއިއަސް ހިޔުމަރގެ މަސައްކަތް ނުވަތަ
ވަޒީފާ
1. ލޮލުގައި ލޭއެކުނުލެވޭ ބައިތަކަށް (ލެންސް އަދި
ހާމަދުލި) ކާނާ ފޯރުކޮށްދިނުން : އެގޮތުން އެމިނޯއެސިޑް ތަކާއި، ގުލްކޯޒު
ފޯރުކޮށްދެއެވެ.
2. ކޮރޮއިޑަލް ލޭހޮޅިތަކުން ޕްރެޝަރު ލޮލުގެ
ކުރިމަތީ ބައިތަކަށް ގެންގޮސްދިނުން : ލޮލުގެ އެތެރޭގެ ޕްރެޝަރު އެއްވަރެއްގައި
ހިިފެހެއްޓުމަށް އެހީތެރިވެދެއެވެ.
3. ލޮލަށް ވަންނަ އަލި ނުވަތަ އެޅޭ އަލި
ރިފެރިކުރުމުގެ މަސައްކަތުގައި ނޫނީ ނިޒާމުގައި ބައިވެރިވުން.
4. ލޮލުން ބޭކާރު މާއްދާތައް ބޭރުކުރުމުގައި
ބައިވެރިވުން
5. ލޮލުގެ ބައްޓަން އެއްގޮތަކަށް ދެމެހެއްޓުމުގައި
އެހީތެރިވެދިނުން
6. ލޮލުގެ ކުރިމަތީ ބަޔަށް ވިޓަމިންސީ
ގެންގޮސްދެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓް އެކެވެ.
7. ލޮލުގެ ހާމަދުލި ފުޅާވެ ބޮޑުވުމަށް އެހީތެރިކަން
ފޯރުކޮށްދިނުން : މިއީ ހިރަފުހާއި، ވަޔާއި، މަލުކުނޑި އަދި އެހެން ހަށިގަނޑާއި
ބީރައްޓަހި މާއްދާތައް ލޮލަށް ވަނުމުން ހިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ
ކަމެކެވެ.
ހަވާލާ
·
https://visioneyeinstitute.com.au/eyematters/aqueous-humour/
·
https://www.britannica.com/science/aqueous-humor
·
https://www.nvisioncenters.com/education/aqueous-and-vitreous/
No comments:
Post a Comment