ލޮލުގެ ހާމަދުލި
ލޮލުގެ ހާމަދުލި(Cornea) އަކީ ލޮލުގެ އެންމެ ބޭރުގައި ލޮލުގެ ކުރިމަތީ ބައިގައި ރައްކަލެއްގެ ގޮތުން ހުންނަ ވަރުގަދަ އެތެރެ ފެންނަ ދުއްޔެކެވެ. ލޮލުގެ ބޯޅައިގައި އެންމެ ބޭރުގައިވާ ފައިބަރީ ފަށަލައިގެ 1/6 ބައި ނުވަތަ %15 ހިއްސާކުރަނީ ލޮލުގެ ހާމަ ދުއްޔެވެ. ލޮލުގެ ހާމަ ދުއްޔާއި، ހުދުކަޅިއަކީ އެކަތި އަނެކައްޗާއި ގުޅިފައިވާ ދެ ސިލޯއްޓެވެ. އެހެންކަމުން ފައިބަރީ ފަށަލައިގެ ކުރިމަތީ 1/6 ހިއްސާކުރަނީ ލޮލުގެ ހާމަ ދުއްޔެވެ.
ލޮލުގެ ހާމަދުލީގެ
ބޯމިނުގައި ގާތްގަނޑަކަށް 1- 0.5 މިލިމީޓަރު ހުރެއެވެ. އަދި ލޮލުގެ ހާމަދުލީގެ
ވަށަމިނުގައި ގާތްގަނޑަކަށް 11 މިލިމީޓަރު ހުރެއެވެ.
ލޮލުގެ ހާމަދުލީގެ ވަޒީފާ
1. ލޮލުގެ ތެރެއަށް
އަލިވަނުމަށް އެހީތެރިވުން : ލޮލުގެ ހާމަ ދުއްޔަކީ އެތެރެ ފެންނަ ސާފު ދުއްޔަކަށް
ވުމުން ލޮލަށް އެޅޭ އަލި ނުވަތަ ވަންނަ އަލި ލޮލުގެ އެތެރެއަށް ދެމުމުގައި ނުވަތަ
ނެގުމުގައި ލޮލުގެ ހާމަދުލީގެ ބޭނުން ހިފައެވެ. ނޫނީ އެހީތެރިކަން ހޯދައެވެ.
2. ލޮލުގެ ހާމަދުއްޔަކީ
ލޮލަށް އެޅޭ އަލި ރިފެރިކުރުމުގެ މަސައްކަތުގައި ބައިވެރިވެ ހިއްސާވާ ބައެކެވެ.
ލޮލުގެ ހާމަ ދުލި މަސައްކަތްކުރަނީ ކޮންވެކްސް ލެންސް އެއްގެ ސިފައިގައެވެ. ނުވަތަ
ކޮންވެކްސް ލެންސް އެއްގެ ގޮތުގައެވެ.
3. ލޮލުގެ ހާމަ ދުއްޔަށް
ލިބިފައިވާ ތަންޒީމީ "ކާރވޭޗަރ"ެ(regulalr
curvature) ސަބަބުން "ޝާޕް ރެޓިނަލް
އިމޭޖް"(sharp retinal image) އެއް އުފެދިގެން ދިއުމަށް މަގުފަހި ވެއެވެ.
4. ލޮލުގެ އެތެރޭގައިވާ
ލޮލުގެ ނާޒުކު ބައިތައް ލޮލުގެ ހާމަދުލިން
(ހުދުކަޅިއާއި ގުޅިގެން) ރައްކާތެރިކޮށްދިނުން : ލޮލުގެ ހާމަ ދުލި، ލޮލުގެ
ލެންސްް އާއި ގުޅިގެން، ލޮލަށް އިރުގެ އަލިން އެޅޭ އަލްޓްރާ ވައިލެޓް ދޯދިތަކުން
ލޯ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރެއެވެ.
ކޯނިއަލް ރިފްލެކްސް
ކޯނިއަލް ރިފްލެކްސް(corneal reflex) އަކީ ލޮލުގެހާމަދުލީގައި ބީހުމުން އޭގެ ޒާތުގައި އުފެދިގެންދާ
ރިފްލެކްސް އެކެވެ. މި ރިފްލެކްސް ކުރިމަތިވާގޮތް ތިިރީގައި މިވަނީ އެވެ.
އެއް ފަރާތުގެ ލޮލުގެ
ހާމަދުލީގައި އެއްޗަކުން (މިސާލަކަށް ކަފަކޮޅެއް) ޖައްސައިފިނަމަ، ދެފަރާތު ލޮލުގެ
ވެސް އެސްފިޔަ ޖެހޭނެ އެވެ. ކޯނިއަލް ރިފްލެކްސް އަކީ ސްޕަފިޝަލް ރިފްލެކްސް(superficial reflex) އެކެވެ. މިރިފްލެކްސް ހިނގުމަށްޓަކައި ފުރަތަމަ ލޮލުގެ ހާމަދުލިން
"އޭފެރެންޓް އިމްޕަލްސް"(Afferent impulse) ނުވަތަ ނާރީ ސިގުނަލްތައް 5 ވަނަ ކްރެނިއަލް ނާރު(5th cranial nerve) ނުވަތަ ޓްރައިޖެމިނަލް ނާރު(trigeminal
nerve)ގެ ގޮތްޕެއްގައި
ކަމުގައިވާ "އޮފްތަލްމިކް ނާރު"(ophthalmic
nerve) ގެ ޒަރީޢާއިން ސިކުނޑީގެ
"ޕޮންސް"(pons) އަށް ފޯރުވައެވެ. ސިކުނޑީގެ ޕޮންސް އަށް ނާރީ ސިގުނަލް
ވާޞިލްވުމުން 7 ވަނަ ކްރެނިއަލް ނާރު(7th cranial nerve) ނުވަތަ ފޭޝަލް ނާރު ގެ ދެފަރާތުގެ ނިއުކްލިއަސް(nucleus) ހީވާގިކޮށް މުރާލިކުރުވައެވެ. އެއަށްފަހު ސިކުނޑިން އީފެރެންޓް
އިމްޕަލްސް"(Efferent impulse) ނުވަތަ ނާރީ ސިގުނަލްތައް ފޭޝަލް ނާރު
(Facial nerve)ގެ ޒަރީޢާޢިން ފޮނުވައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެފަރާތުގެ ލޮލުގައި
ވެސް ލޯ ލެއްޕުމަށް ނުވަތަ ލޮލުގެ ބޮޑި ކައިރިކުރުމަށް އެހީތެރިވެދޭ މަސްކޮޅު
"އޯބިކިޔުލާރިސް އޮކިޔުލައި"(Orbicularis occuli) ކުރުގެޅިގެން ދެއެވެ. އެކަމުގެ ސަބަބުން ދެލޮލުގައި ވެސް
އެސްފިޔަޖެހުން ކުރިމަތި ކުރުވައެވެ. ކޯނިއަލް ރިފްލެކްސް އަކީ އަސާސީ ގޮތުން
ބަލާއިރު، އެކަމުގެ ސަބަބުން ލޮލަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމެކެވެ.
ލޮލުގެ ހާމަ ދުއްޔާއި ހުދުކަޅި ގުޅޭ ހަތަރުއަގޮޅި
ލޮލުގެ ހާމަ ދުއްޔަކީ ލޮލުގެ ކުރިމަތިން ހުދުކަޅި އާއި ގުޅިފައިވާ އެއްޗެކެވެ. އެގޮތުން ލޮލުގެ ހުދުކަޅި އާއި، ލޮލުގެ ހާމަދުލި ގުޅޭ ހަތަރު އަގޮޅިއަށް ކިޔަނީ "ސްކެލީރޯ-ކޯނިއަލް ޖަންކްޝަން"(sclera-corneal junction) ނުވަތަ "ލިމްބަސް"(limbus) އެވެ. "ސްކެލީރޯ-ކޯނިއަލް ޖަންކްޝަން"(sclera-corneal junction) ގެ ކުރިމަތިން ލޮލުގެ ހާމަ ދުލި އެތެރެފަރާތަށް ވާގޮތަށް ބޯ ދާރައެއްހެން "ފުއްޕާފައި: ވެއެވެ. މީގެ ފަހަތުގައި ލޮލުގެ ކަޅުކަޅި އާއި ލޮލުގެ ހާމަދުލި ތަތްވާ ހިސާބާއި "ސްކެލީރޯ-ކޯނިއަލް ޖަންކްޝަން" އާއި ދެމެދު "ހޮހަޅަ"(furrow) އެއް ކަހަލަ ސިފަޔަށްވާ ބައެއް ވެއެވެ. މިބަޔަށް އާރތަރ ތޯމަސް ކިޔާ ޢިލްމުވެރިޔަކު ދީފައިވާ ނަމަކީ ސަލްކަސް ސާކިޔުލާރިސް ކޯނިއޭ"(sulcus circularis coreneae) އެވެ. މިތަން ބޭރުން ބޯޑަރުކުރެވިފައިވަނީ ހުދުކަޅީގެ "ސައިނަސް ވީނަސަސް"(sinus venosus sclerae) ގެ އެތެރޭ ފާރު އުފެދިފައިވާ "ޓްރެބެކިޔުލާ މެޝްވޯކް"(trabecular meshwork) ނުވަތަ "ޓްރެބެކިޔުލާ ޓިޝޫ"(trabecular tissue) އިންނެވެ. މިޓިޝޫ އާއި ކަޅުކަޅީގެ ކުރިމަތިންވާ ފަރާތުން ހިފެހެއްޓިފައިވާ ދާރަ އާއި ދެމެދު ކަނެއް ނުވަތަ "އޭންގަލް" އެއް އުފެދިފައި ވެއެވެ. މިތަނަށް ކިޔަނީ "އިރިޑޯ ކޯނިއަލް އޭންގްލް"(irido-corneal angel) ނުވަތަ " ފިލްޓްރޭޝަން އޭންގްލް"(filtration angel of eye) އެވެ. ފިލްޓްރޭޝަން އޭންގަލް ގެ ބޭރުން ހުދުކަޅީގެ ސެލޯށިން ބޭރަށް ނިކުމެފައިވާ "ތިނެސްކަން" ސަރަހައްދެއް ނޫނީ ތަންކޮޅެއް ވެއެވެ. މިތަނަށް ކިޔަނީ "ސްކެލިރަލް ސްޕަރ"(Scleral spur) އެވެ.
ލޮލުގެ ހާމަދުލި އިންނަނީ ލޮލުގެ ހުދުކަޅި ނިމިފައިވާ ތަނުން ދެފަރާތުން ކުރިމައްޗަށް "ކޮންވެކްސް" (convex) ނުވަތަ ކުކުޅުބިސް ބުރު ބައްޓަމުގެ އަރިމަތި އިންނަހެން ލޮލުގެ ކުރިމަތިން ލެބި ނިކުމެފައެވެ. ލޮލުގެ ހާމަދުލި އިންނަނީ ކުރިމަތިން ކޮންވެކްސްކޮށް،(ގުދުކޮށް) ހުދުކަޅިން ނިކުމެފައިވާ "ގުއްބެއްގެ''(dome) ސިފަޔަށެވެ. ލޮލުގެ ހާމަދުލި އުފެދުމުގައި ހިމެނިފައިވާ "ގުދުކަން/ލެނބުންކަން"(curvature) އެކިމީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިގުދުކަން ހަޔާތުގެ އެކި ދުވަސްވަރު ވެސް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވާ ވަރަކަށް ބަދަލުއަންނަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ލޮލުގެ ހާމަދުލީގެ ބޯކަން ހުންނަނީ އެއްވަރެއްގައެވެ.
ލޮލުގެ ހާމަދުލީގެ އޮނިގަނޑު އެތުރިފައިވާގޮތް
ލޮލުގެ ހާމަދުލި އެކުލެވިގެންވަނީ ކުރިމަތިން ފަހަތަށް އެތުރިފައިވާ 4 ފަށަލައެއްގެ މައްޗަށެވެ. މި 4 ފަށަލަ އަކީ ލޮލުގެ ހާމަދުލީގެ ބަތާނަފަށް ނުވަތަ "ކޯނިއަލް އެޕިތީލިއަމް"(corneal epithelium)، ސަބްސްޓެންޝިއާ ޕްރޯޕްރިއާ(substantia
propria) ، ޕޯސްޓީރިއަރ އިލާސްޓިކް ލެމިނާ (Posterior
elastic lamina)، އަދި އެންޓީރިއަރ ޗެމްބަރ ގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް "އެންޑޯތީލިއަމް(endothelium of anterior chamber)" އެވެ.
ކޯނިއަލް އެޕިތީލިއަމް
ލޮލުގެ ހާމަދުލީގެ ބަތާނަފަށުން ހާމަދުލީގެ ކުރިމަތި ނިވާކޮށްދެއެވެ. އަދި މިބައި އެކުލެވިގެންވަނީ އެތައް ސެލް ފަށަލަތަކެއްގެ މައްޗަށެވެ. އެންމެ ފުނުގައި ހުންނަ ފަށަލަތަކުގެ ސެލްތައް ހުންނަނީ ކޮލަމްތަކެއްގެ(columnar) ސިފަޔަށް އެތުރިފައެވެ. އެޖެހިގެން އިންނަ 3-2 ފަށަލައިގެ ސެލްތައް ހުންނަނީ "ޕޮލީހެޑްރަލް"(polyhedral)ގެ ސިފަޔަށެވެ. ނުވަތަ ބައްޓަމަށެވެ. މިސެލްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުންނަނީ "ޕްރިކަލް ސެލް"(prickle cell) ތަކެވެ. އެޖެހިގެން ހުންނަ 4-3 ފަށަލައިގައި ހުންނަނީ ފަތާ ނިއުކްލިއަސްތަކެއްލާފައިވާ "ސްކޭމަސް ސެލް"(squamous cell) ތަކެވެ.
ސަބްސްޓެންޝިއާ ޕްރޯޕްރިއާ
"ސަބްސްޓެންޝިއާ ޕްރޯޕްރިއާ"(substantia propria) އަކީ ފައިބަރީ ވަރުގަދަ އެތެރެ ފެންނަ ފަށަލަ އެކެވެ. މިފަށަލަ އެކުލެވިގެންވަނީ އެކަތިމައްޗަށް އަނެކަތި ޖަމާވެފައިވާ ފަތިކޮށް ހުންނަ ނުވަތަ ފަތިކުރެވިފައިވާ 60 ވަރަކަށް ތުނި ދުލިތަކަކުންނެވެ. ނުވަތަ ފަށަލަ ތަކަކުންނެވެ. މިތުނި ދުލި ނުވަތަ ފަށަލަތަކަށް ކިޔަނީ "ލެމިލޭ"(lamellae) އެވެ. މިލެމިލޭ ތައް އޭގެ ޒާތުގައި އުފެދިފައިވަނީ "ގުޅުވާދެނިވި ސެލޯށި"(connective tissue) ތަކުގެ ބަދަލުކުރެވިފައިވާ ފައިބަރު ބަންޑަޅި ތަކަކުންނެވެ. މިފައިބަރު ތަކަކީ ސީދާކޮށް ލޮލުގެ ހުދުކަޅީގެ ފައިބަރުތަކާއި ގުޅި ކުރިޔަށްގޮސްފައިވާ ފައިބަރުތަކެކެވެ. މިތުނި ދުލިތައް އެކަތި އަނެކައްޗާއި ގުޅިފައިވަނީ ދެމެދުގައި "ސިމެންތި"(cement) ކަހަލަ މާއްދާ އަކުންނެވެ. އަދި މިތުނި ދުލިތަކުގެ ދެމެދުގައިވާ ކުޑަ ހުސްކަމެއް ނޫނީ ހުސް ޖާގަ އެއް ހުރެއެވެ. ނުވަތަ ޖާގަތަކެއް ނޫނީ ބައިތަކެއް ވެއެވެ. މިބައިތަކަށް ކިޔަނީ "ކޯނިއަލް ސްޕޭސް"(Corneal space) އެވެ. މިއިން ކޮންމެ ހުސްޖާގަ އެއްގެ ތެރޭގައި ސާބިތުވެ ހުންނަ ފަތާ ގުޅުވާދެނިވި ޓިޝޫތަކުގެ ސެލް އެއް ވެއެވެ. މިސެލްއަށް ކިޔަނީ "ކޯނިއަލް ކޯރޕަސަލް"(Corneal corpuscle) އެވެ.
ކޯނިއަލް އެޕިތީލިއަމް ނުވަތަ ލޮލުގެ ހާމަދުލީގެ ބަތާނަފަށުގެ ދަށުން ދެން ޖެހިގެން އިންނަ ތުނި ފަށަލަ އަކީ ތުނި ދުއްޔެކެވެ. މިތުނި ދުއްޔަށް ކިޔަނީ "އެންޓީރިއަރ އިލާސްޓިކް ލެމިނާ"(anterior elastic lamina) އެވެ. މިދުލި އެކުލެވިގެންވަނީ ގާތްގާތުގައި އެތުރިފައިވާ ފިބްރިލް ތަކަކުންނެވެ. ނަމަވެސް ސަބްސްޓެންޝިއާ ޕްރޯޕްރިއާ އާއި ޚިލާފަށް މިތުނި ދުލިފަށަލައިގެ ތެރޭގައި ކޯނިއަލް ކޯޕަސަލް އެއް ނުހުންނާނެ އެވެ. އެހެންކަމުން ބައެއް ފަހަރު މިބަޔަށް ސަބްސްޓެންޝިއާ ޕްރޯޕްރިއާގެ "ކޮންޑެންސްޑް" ބައޭ ކިޔައި އުޅެއެވެ.
ޕޯސްޓީރިއަރ އިލާސްޓިކް ލެމިނާ
ޕޯސްޓީރިއަރ އިލާސްޓިކް ލެމިނާ(posterior elastic lamina) އަކީ ސަބްސްޓެންޝިއާ ޕްރޯޕްރިއާ ގެ ފުރަގަހު ނުވަތަ ފަހަތު ސަތަހަ ނިވައިކޮށްދޭ ފަށަލަ އެކެވެ. މިއީ އިލާސްޓިކް، އެތެރެ ފެންނަ ސާފު ވަރަށް ވެސް ތުނި ދުއްޔެކެވެ. މިއީ ފެން، ބަނގުއާވި، ނުވަތަ އެސިޑް އެޅުނު ނަމަވެސް ފުސްނުވާނެ ދުއްޔެކެވެ. ސަބްސްޓެންޝިއާ ޕްރޯޕްރިއާ އާއި ވަކިވެއްޖެނަމަ އޭގެ ޒާތުގައި މިތުނި ދުލި އޮޅިގެންދާނެއެވެ. ނޫނީ ފަތްޖެހިގެންދާނެއެވެ.
ލޮލުގެ ހާމަދުލީގެ ދާރަ ފަށާ ހަމައިން ޕޯސްޓީރިއަރ އިލާސްޓިކް ލެމިނާ ފައިބަރު ތަކަކަށް ބައިބައިވެ، "ޓްރެބެކިޔުލަރ ޓިޝޫ"(Trabecular tissue) އުފެދެއެވެ. އަދި މިގޮތުން އުފެދޭ ޓްރެބެކިޔުލަރ ޓިޝޫތަކުގެ ދެމެދުގައި އުފެދޭ ހުސްޖާގަ ނުވަތަ ޖާގަތަކަށް ކިޔަނީ "ސްޕޭސަސް އޮފް ފޮންޓަނާ"(spaces of Fontana) ނުވަތަ " ސްޕޭސަސް އޮފް އޭންގަލް އޮފް އައިރިސް"(Spaces of angle of iris) އެވެ.
އެންޓީރިއަރ ޗެމްބަރ ގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް
އެންޓީރިއަރ ޗެމްބަރ ގެ އެތެރެއިން ލެވިފައިވާ ބަތާނަފަށް (endothelium of anterior chamber) ނުވަތަ "އެންޑޯތީލިއަމް އޮފް އެންޓީރިއަރ ޗެމްބަރ" އަކީ "އިލާސްޓިކް ލެމިނާ"ގެ ފުރަގަސް ފަރާތް ނިވައިކޮށްދޭ ފަށަލަ އެކެވެ. މިތާގައި ހުންނަނީ ފަތި ނުވަތަ ފަތާކޮށް ހުންނަ، އޭގައި ނިއުކްލިއަސް އެކުލެވިފައިވާ "ޕޮލީގޯނަލް"(polygonal) ސެލް ތަކެކެވެ.
ލޮލުގެ ހާމަދުއްޔަށް ކާނާފޯރުކޮށްދިނުން
އާންމު ގޮތެއްގައި ލޮލުގެ
ހާމަދުއްޔަކީ ލޭހޮޅިތައް އެކުލެވޭ ބައެއް ނޫނެވެ. މިއީ އެއްވެސް ވަރަކަށް
ލޭއެކުލެވޭ ތަނެއް ނޫނެވެ. ލޭހޮޅިތައް އެކުނުލެވުމާއި، ލޭއެކުލެވިގެންނުވުމަކީ
ލޮލުގެ ހާމަދުލީގެ އެތެރެފެންނަ ފެނުމާއި، އޭގެ ސާފުކަން ދެމެހެއްޓުމަށް(Maintain transparency) މުހިއްމު ކަމެކެވެ. ލޮލުގެ ހާމަ ދުއްޔަށް ލިބޭ ހަކަތައިގެ މައި
މަޞްދަރަކީ ގުލްކޯޒެވެ. ލޮލުގެ ހާމަ ދުއްޔަށް އޮކްސިޖަން އާއި ކާނާ ހޯދަނީ
އޭގައިވާ ލިމްފް ހޮޅި(lymph vessels)ތަކުންނާއި، ކައިރީގައިވާ އެކޫއިއަސް ހިޔުމަރ(aqueous
humor) އިންނާއި، އަދި ލޮލުގެ
ހާމަދުއްޔާއި، ހުދުކަޅި ގުޅުވައިދޭ ކަނު(limbus)ގައިވާ ހިމަލޭހޮޅިތަ(capillaries)ކުން ފުރާނާ ލެއިންނެވެ. ލޮލުގެ ހާމަދުލީގައި އެސްކޯބިކް އެސިޑް ނުވަތަ
ވިޓަމިން ސީ(vitamin C / ascorbic acid) އަދި ގުލޫޓަތިއޯން(glutathione) އެކުލެވިގެން ވެއެވެ.
ލޮލުގެ ހާމަދުލީގެ ލޭހޮޅިތަކާއި ފަތިނާރުތައް
ލޮލުގެ ހާމަ ދުއްޔަކީ ލެއިން މާމުއްސަދި ސެލޯއްޓެއް ނޫނެވެ. ނޫނީ ލޭ އެއްވެސް
ވަރަކަށް އެކުލެވޭ ތަނެއް ނޫނެވެ. ލޮލުގެ ހާމަދުއްޔަށް އައިސްފައިވާ ހިމަލޭހޮޅިތައް(Capillaries) އައިސްފައިވަނީ "އެންޓީރިއާ ސިލިއަރީ އާޓަރީ"(anterior ciliary artery) އިންނެވެ. ލޮލުގެ ހާމަދުލީގައި "ލިމްފެޓިކް ވެސެލް"(Lymphatic vessels) ތައް ވެސް
މަދުން ވިޔަސް އެކުލެވެއެވެ.
ލޮލުގެ ހާމަ ދުއްޔަށް ފަތިނާރު އައިސްފައިވަނީ 5 ވަނަ ކްރެނިއަލް ނާރވް(5th
cranial nerve) އިން ކުރިފަޅައި ނިކުންނަ އޮފްތަލްމިކް ފަތިނާރު(ophthalmic
nerve) ގެ ގޮތްޕެއް ކަމުގައިވާ ސިލިއަރީ(ciliary branch) ގޮފިންނެވެ. ނުވަތަ ސިލިއަރީ ނާރވް(ciliary nerve) އިންނެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ އިރު ލޮލުގެ ހާމަދުލީގެ އަރިމަތިން "އެނިޔުލަރ ޕްލެކްސަސް"(annular plexus) އުފެދިފައި ވެއެވެ. މިތަނުން ސަބްސްޓެންޝިއާ ޕްރޯޕްރިއާގެ ތެރެއަށް ފަތިނާރު ފައިބަރުތައް ވަދެފައި ވެއެވެ.
·
https://www.britannica.com/science/human-eye
·
https://teachmeanatomy.info/head/organs/eye/
·
https://teachmeanatomy.info/head/organs/eye/eyeball/
·
https://www.bartleby.com/107/
·
https://www.dartmouth.edu/~humananatomy/index.html
·
https://www.dartmouth.edu/~humananatomy/part_8/chapter_46.html
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment