ސިލިއެކް ޑިޒީޒް (ގުލޫޓަން އަށް
ތަހައްމަލުނުކުރެވުން / ގުލޫޓަން އާއި ނުގުޅުން)
ސިލިއެކް ޑިޒީޒް(Celiac disease) އަކީ ކުޑަ ގޮހޮރަށް މައްސަލަ ކުރިމަތިކުރުވާ ހަޖަމުކުރާ ނިޒާމުގެ ބައްޔެކެވެ. މިއީ ކުޑަ ގޮހޮރުގެ ބަތާނަ ފަށް ހަލާކުކޮށްލާ އޮޓޯއިމިޔޫން ކޮންޑިޝަން އެއް ނުވަތަ އޮޓޯއިމިޔޫން ޑިޒީޒް(Autoimmune disease) އެކެވެ. މިބަލި ޖެހެނީ ވިރާސީގޮތުން ބަލިޖެހުމުގެ ފުރުޞަތު (އާއިލާގެ ތެރޭގައި ބަލި ދައުރުވާ) ބޮޑު މީހުންނަށެވެ. ދުނިޔޭގެ އާބާދީގެ ކޮންމެ 100 މީހުންގެ ތެރެއިން 1 އަށް ސިލީއެކް ޑިޒީޒް ކުރިމަތިވެފައިވާނެ ކަމަށް ލަފާ ކުރެވެއެވެ. އާއިލާގެ ތެރޭގައި ބަލި ދައުރުވާ މީހުންނަށް ބަލާއިރު (މައިންބަފައިން، ދަރިން، އެއްބަނޑު އެއްބަފާ މީހުން) ކޮންމެ 10 މީހުންގެ ތެރެއިން 1 އަށް ސިލިއެކް ޑިޒީޒް ޖެހުމުގެ ހިރާސް އޮވެއެވެ. މިބައްޔަށް ބައެއް ފަހަރު "ސްޕްރޫ"(Sprue)، ނުވަތަ "ގުލޫޓަން- ސެންސިޓިވް އެންޓީރޮޕަތީ"(gluten-sensitive enteropathy) ވެސް ކިޔައެވެ.
ސިލީއެކް ޑިޒީޒް ކުރިމަތިވުމަށް މަގުފަހިވަނީ ނޫނީ
ބާރުއަޅަނީ "ގުލޫޓަން"(gluten)
ހިމެނޭ ކާބޯތަކެތި ކެއުމެވެ. ބަލީގެ ސަބަބުން
ކުޑަ ގޮހޮރުގެ ބަތާނަ ފަށް ހަލާކުވަނީ ގުލޫޓަން ހިމެނޭ ކާބޯތަކެތި ކެއުމުން ނޫނީ
ކާނާއާއެކު ގުލޫޓަން ހަށިގަނޑަށް އެތެރެވުމުން ކުރިމަތިވާ ރައްދު ފިޢުލެއްގެ
ގޮތުންނެވެ. ގުލޫޓަން އަކީ ގޮދަން، ރައި، ބާރުލީ، ސްޕެލްޓް، އަދި އޯޓު ފަދަ
ބާވަތްތަކުގައި ހުންނަ މާއްދާ އެއް ނުވަތަ ޕްރޮޓީން އެކެވެ. މިބާވަތްތަކުން
އުފައްދާފައި ހުންނަ ކާބޯތަކެތީގައި ވެސް ގުލޫޓަން ހުރެއެވެ. މީގެ އިތުރުން އެހެން
ބައެއް އުފެއްދުންތަކުގައި ވެސް ގުލޫޓަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
މިސާލަކަށް ވިޓަމިން ކަހަލަ ސަޕްލިމެންޓްތައް، ދަތްއުގުޅާ ބޭސް، ހަމާއި
އިސްތަށްޓަށް ޚާއްޞަ އުފެއްދުންތައް އަދި ތުންފަތުގައި އުގުޅާ ބާމުއި ފަދަ
އުފެއްދުންތަކުގައި ގުލޫޓަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިމައްސަލަ
ދިމާވުމުން ކުޑަގޮހޮރުގެ ހަލާކުވެފައިވާ ބަތާނަ ފަށުން ހަށިގަނޑަށް އެތެރެވާ
ކާބޯތަކެތީގައި ހުންނަ ކާނާގެ ބާވަތްތައް ހަށިގަނޑަށް ނެގުމަށް ނުކުޅެދެއެވެ.
ބައެއް ޢިލްމީ ރިފަރެންސްތަކުގައި (niddk.nih.gov) ސިލިއެކް ޑިޒީޒް އާއި ގުލޫޓަން އާއި ނުގުޅުން(gluten
sensitivity)،
އަދި ގޮދަނާއި ނުގުޅުން(Wheat allergy) މިއީ ތަފާތު ހާލަތްތަކެއް
ކަމަށް ބުނެފައި ވެއެވެ. ގުލޫޓަން އަށް ތަހައްމަލުނުކުރެވުން ނުވަަތަ ގުލޫޓަން
އާއި ނުގުޅުން ހުންނަނަމަ، ބަނޑުގައި ރިހުން، ވަރުބަލިވެ ވާޅުވުން ފަދަ ސިލިއެކް
ޑިޒީޒް ގައި ވެސް ހުންނަ އަލާމާތްތައް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް
ސިލިއެކް ޑިޒީޒް އާއި ޚިލާފަށް ގުލޫޓަން އަށް ނުގުޅުނަސް އެކަމުގެ ސަބަބުން ކުޑަ
ގޮހޮރުގެ ބަތާނަފަށް ހަލާކުކޮށެއް ނުލައެވެ.
ސިލިއެކް ޑިޒީޒް އަކީ ގޮދަނާއި ނުގުޅުމާއި ވެސް
ތަފާތު ކަމެއްކަމަށް ބައެއް ރިފަރެންސްތަކުގައި ބުނެފައި ވެއެވެ. (niddk.nih.gov) ދެހާލަތުގައި ދިފާޢީ ނިޒާމުން ގޮދަނާއި ދެކޮޅަށް ރައްދު
ފިއުލު ދެއެވެ. ނަމަވެސް ގޮދަނާއި ނުގުޅުމުން ކުރިމަތިވާ ލޯހިރުވައިކެހުން، އަދި
ނޭވާލާން އުދަނގޫވުން ފަދަ ކަންކަމަކީ ސިލިއެކް ޑިޒީޒް ގައި ކުރިމަތިވާ ކަންކަމެއް
ނޫނެވެ. މީގެ އިތުރުން ގޮދަނާއި ނުގުޅުމަކީ ދިގުމުއްދަތަކަށް ކުޑަގޮހޮރުގެ ބަތާނަ
ފަށް ހަލާކުކޮށްލާނެ ކަމެއް ނޫނެވެ.
ސިލިއެކް ޑިޒީޒް ކުރިމަތިވާ ގޮތް އެކި މީހުންނަށް
ތަފާތެވެ. ބައެއް މީހުންނަށް ބަނޑުގައި ރިއްސައި، ބޭރަށް ހިންގައިފާނެ އެވެ.
އަނެއްބައި މީހުންނަށް ބަނޑުހިކި އުދަނގޫވެދާނެ އެވެ. ނޫނީ ނުވަގުތުތަކުގައި
(ތަނަކަށް ދާން ނިކުންނަށް އުޅެނިކޮށް، ކަމެއް ފަށަށް އުޅެނިކޮށް) ފާޚާނާކުރަން
ޖެހިދާނެއެވެ. އަނެއްބައި މީހުންނަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ވެސް
ހުރެދާނެ އެވެ.
ސިލިއެކް ޑިޒީޒް އަކީ ވާރުތަވާ ކަމެކޭ ވެސް
ބުނެވެއެވެ. އާއިލާގެ ތެރޭގައި ސިލިއެކް ޑިޒީޒް ކުރިމަތިވެފައިވާ މީހަކު ހުރުމަކީ
އެމީހަކަށް ސިލިއެކް ޑިޒީޒް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މިބަލި
އެންމެ އާންމުކަމަށް ފާހަގަވަނީ ޔޫރަޕުގެ އަހުލުވެރިންގެ ތެރޭގައެވެ.
ސަބަބު
ސިލިއެކް ޑިޒީޒް ކުރިމަތިވާ ސީދާ ސަބަބެއް އަދި
ހޯދިފައެއް ނުވެއެވެ. ކުޑަ ގޮހޮރުގެ ބަތާނަ ފަށުގައި ކުޑަ ގޮހޮރުގެ ތެރެއަށް
ނިކުމެފައި ހުންނަ ''ވިލައި"(Villi) ކިޔާ ކުދިކުދި ބައިތަކެއް ހުރެއެވެ. ކާބޯތަކެތީގެ ތެރެއިން
ހަށިގަނޑަށް އެތެރެވާ ކާނާ ހަށިގަނޑުގެ ތެރެއަށް ނަގަނީ ނުވަތަ ދަމަނީ
ކުޑަގޮހޮރުގައިވާ މިފަދަ ބައިތަކުންނެވެ. ސިލިއެކް ޑިޒީޒް ހުންނަ މީހުން، ގުލޫޓަން
އެކުލެވޭ ކާނާ ކެއުމުން، އެމީހުންގެ ދިފާޢީ ނިޒާމު އެމީހުންގެ އަމިއްލަ ހަށިގަނޑާ
ދެކޮޅަށް މަސައްކަތްކޮށް ނުވަތަ ހަމަލާދީ ނުވަތަ ކުޑަގޮހޮރަށް ހަމަލާދީ(އޮޓޯއިމިޔޫން)
، ކުޑަ ގޮހޮރުގައި ހުންނަ ވިލައި ތައް ހަލާކުކޮށްލައެވެ. ވިލައި ތަކަށް ލިބޭ
ގެއްލުމުގެ ސަބަބުން ވިލައި ތަކުން ހަށިގަނޑަށް ދަގަނޑު، ވިޓަމިންތައް، ކާބޯހައިޑްރޭޓް، ޕްރޮޓީން، ކެލްސިއަމް، ފެޓް އަދި ކާނާގެ އެހެން ބައިތައް
ރަނގަޅަށް ނެގުމަށް ނުކުޅެދެއެވެ. މިކަމުގެ ސަބަބުން މިފަދަ މައްސަލަ ހުންނަ މީހުންނަށް
އެކިކަހަލަ އުނދަގޫތައް ތަހައްމަލުކުރަން ޖެހެއެވެ. އުމުރުގެ ކޮންމެ
ދުވަސްވަރެއްގައި ސިލިއެކް ޑިޒީޒް ޖެހުމަކީ ނުވަތަ ކުރިމަތިވުމަކީ ވެދާނެ
ގޮތެކެވެ.
ބައެއް ދިރާސާތައް ލަފާދޭ ގޮތުގައި ސިލިއެކް ޑިޒީޒް
ކުރިމަތިވަނީ ވަކި ކަހަލަ ވިރާސީ ބަހާއެއް އުފެދުމުގައި އެމީހުންގެ ހަށިގަނޑުގައި
ހުންނަ މީހުންގެ އެކަންޏެވެ. މިވިރާސީ ބަހާ އާންމު ގޮތެއްގައި އާބާދީ 1/3 މީހުންގެ
ހަށިގަނޑުގައި ހުންނަކަމަށް ވެއެވެ. ސިލިއެކް ޑިޒީޒް ކުރިމަތިވަނީ ކެއުމުގައި
ގުލޫޓަން ހުންނަ ކާނާ ބޭނުންކުރުމުންނެވެ. ނަމަވެސް ގުލޫޓަން ކެއުމުގައި ބޭނުންކުރާ
މީހުންނަށް ސިލިއެކް ޑިޒީޒް ކުރިމަތިވުމަށް ބާރުއަޅަނީ ސީދާ ކޮން ކަންތައްތަކެއް
ކަމެއް ދިރާސާތަކުން ހޯދިފައެއް ނުވެއެވެ. ބައެއް ފަހަރު އާއިލާތަކުގެ ތެރޭގައި
ސިލިއެކް ޑިޒީޒް ދައުރުވާކަން ފާހަގަ ކުރެވެއެވެ.
ސިލިއެކް ޑިޒީޒް އަށް މަގުފަހިކުރާ
ކަންތައްތައް
·
އާއިލާގެ މެންބަރުންގެ ތެރޭގައި ސިލިއެކް ޑިޒީޒް ކުރިމަތިވެފައިވާ
މީހަކުހުރުން : އާއިލާގެ އެއް މެންބަރެއްގެ ކިބައިގައި ހުރިނަމަ އާއިލާގެ ބާކީ
މެންބަރުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން އެކެއްގެ ކިބައިގައި މިބަލި
ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
·
އޮޓޯއިމިޔޫން ބައްޔެއްހުރުން : މިސާލަކަށް ހަކުރު ބަލި ޓައިޕް1، ރާއްޖެ ބަލި،
އޮޓޯއިމިޔޫން ތައިރޮއިޑް ބަލި، ނޫނީ މިފަދަ ފުރަމޭގެ ބަލިތައް، އަދި އެޑިސަން
ޑިޒީޒް ފަދަ ބަލިތައް ހިމެނެއެވެ.
·
ވާރުތަވާ ބައްޔެއް ހުރުން : މިސާލަކަށް ޑައުން ސިންޑްރޯމް، ޓާރނަރ ސިންޑްރޯމް
ފަދަ ބައްޔެއް ހުރުން
·
ކޯކަސިއަން ނަސްލުގެ ނުވަތަ ޔޫރަޕްގެ ނަސްލުގެ މީހަކަށްވުން
·
ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި ސިލިއެކް ޑިޒީޒް
އާންމުކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
ސިލިއެކް ޑިޒީޒް ގެ އަލާމާތްތައް އެކަކު އަނެކަކާއި
ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. މިއި ބަލި ދެނެގަތުމަށް އުނދަގޫވެދާނެ
ކަމެކެވެ. މިސާލަކަށް އެކަކަށް ބަލީގެ ސަބަބުން ބޭރަށްހިންގުން ކުރިމަތިވެފައި،
އަނެކަކަށް ބަނޑުހިކުން ކުރިމަތިވާއިރު، ދެން ހުންނަ މީހަކަށް މިފަދަ އެއްވެސް
އަލާމާތެއް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ މީހުންގެ ފުށުން އެކެއް
ނުވަތަ އެއަށްވުރެ ގިނަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް
އަނެއް ބައިމީހުންނަށް އެއްވެސް އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ބައެއް ފަހަރު ބައެއްކަހަލަ ހާލަތްތަކާ ގުޅިގެން
ސިލިއެކް ޑިޒީޒް ގެ އުދަނގޫތައް ފެށިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ
ހާލަތްތަކުގެ ތެރޭގައި އޮޕަރޭޝަނެއް ކުރުން، މާބަނޑުވުން، ވިހެއުން، ބެކްޓީރިޔާގެ
ސަބަބުން ބޭރަށްހިންގުން، ވައިރަލް އިންފެކްޝަނެއް ޖެހުން އަދި ނަފްސާނީ ގޮތުން
ބަލިކަށިވުން ފަދަ ހާލަތްތައް ހިމެނެއެވެ.
ސިލިއެކް ޑިޒީޒް އާއި ގުޅިގެން އެންމެ އާންމުކޮށް
ފެންނާނެ އަލާމާތްތަކަކީ ހަޖަމުކުރުމުގެ ނިޒާމާ ގުޅޭ އަލާމާތްތަކެވެ. މިއަލާމާތްތައް ކުޑަކުދިންގެ ފުށުން ފެންނަލެން
އާންމުކަން ފާހަގަ ކުރެވެއެވެ. މިއަލާމާތްތަކުގެ ތެރޭގައި:-
·
ބަނޑުފުއްޕުން
·
ފުރިފައި ހުންނަހެން ހީވުން
·
ބޭރަށްހިންގުން
·
ބަނޑުގައި ވައިހެދުން
·
ބަނޑުހިކުން
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ބަނޑުގައި ރިހުން
·
ބޮޑުކަމު ނަޖިހުގެ ވަސްނުބައިވެ، ތެޔޮކޮށް ތަތްކޮށްހުރުން
ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ސިލިއެކް
ޑިޒީޒް ކުރިމަތިވުމުން ފާހަގަކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި :-
·
ހަޖަމުކުރާ ގުޅޭ މައްސަލަތައް : ބަނޑުގައި ރިހުން، ބަނޑުފުފުން، ބަނޑުހިކުން،
ބޭރަށްހިންގުން، މޭނުބައިކޮށް ހޮޑުލެވުން، އަދި ބޮޑު ނަޖިސް ތެޔޮވެ، ނުބައި
ވަސްދުވުން
·
ނުތަނަވަސްވެ، ފޫހިވެ، ކެތްތެރިކަން ކުޑަވެ، މިޒާޖު ގޯސްވުން
·
ކުދިން ހެދިބޮޑުވުން ލަސްނުވުން، ނޫނީ ހެދިބޮޑުނުވުން ނޫނީ ބަރުދަން
އިތުރުނުވުން
·
ދަތުގެ ބުޑަށް
ގެއްލުންވެ، ދަތުގެކުލަބަދަލުވުން
·
ހަށިގަނޑުގެ
ބަރުހެލިވެ، އާދަޔާ ޚިލާފަށް ފަލަވުން
ފުރާވަރުގެ ކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް
·
ހަޖަމުކުރުމާ ގުޅޭ މައްސަލަތައް : ބޭރަށްހިންގުން، ބަނޑުހިކުން
·
ބާލިޣުވުން ލަސްވުން
·
އުމުރުގެ އެހެން ކުދިންނަށްވުރެ އިސްކޮޅުން ކުރުވުން / އާދަޔާ ޚިލާފަށް
އިސްކޮޅުން ކުރުވުން
·
އިސްތަށި ފޭބުން (ބޮލުންނާއި، ގައިން)
ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތައް
·
ހަޖަމުކުރުމާ ގުޅޭ މައްސަލަތައް : ބަނޑުހިކުން، ބަނޑުގައި ރިހުން،
ބަނޑުފުއްޕުން، ބަނޑުގައި ވައިހެދުން،
·
އާންމު ދުޅަހެޔޮކަން ދަށްވުން (ވަރުބަލިވެ ވާޅުވުމާއި، ކަށިތަކާއި
ހުޅުތަކުގައި ރިހުން)
·
ކާހިތްނުވުން (ބައެއް ފަހަރު ކާހިތްވުން އިތުރުވެދާނެއެވެ. ނޫނީ
ކެއުންބަދަލުނުވެ ހުރެދާނެއެވެ)
·
ބޭރަށްހިންގުން (އަބަދު ބޭރަށް ހިންގައިފާނެ އެވެ. ނޫނީ ދޭތެރެ ދޭތެރެއިން
ބޭރަށްހިންގައިފާނެއެވެ)
·
މޭނުބައިކޮށް ހޮޑުލެވުން
·
ހާސްވެ، ކަންބޮޑުވެ، މާޔޫސްވެ، ދެރަވުން
·
ބޮޑުކަމު ނަޖިހުން އާދަޔާ ޚިލާފަށް ނުބައިވަސްދުވުން : ނަޖިސް ހުންނާނީ
ތެޔޮކޮށް، ތަތްކޮށް އަދި ފްލޭޝްކޮށްލުމުން ތަތްކަމުން ނުގޮސް، ފާޚާނާ ތަށީގައި
ތަތްވެފައި ހުރެދާނެއެވެ.
·
މައްސަރު ކަންތައް ގަވާޢިދުން ނުޖެހުން
·
އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން (ބައެއް ފަހަރު ބަރުދަން އިތުރުވެދާނެ
އެވެ. ނޫނީ ބަރުދަން ބަދަލުނުވެ އެއްވަރެއްގައި ހުރެދާނެއެވެ).
·
ކަށިތަކާ ހުޅުތަކުގައި ރިހުން
·
ބޮލުގައި ރިހުން
·
ވަރުބަލިވެ ވާޅުވުން
ކޮންމެ އުމުރުފުރާއެއްގެ މީހެއްގެ ފުށުން
ވެސް ފެނިދާނެ އަލާމާތްތައް
·
ލެކްޓޯސް އިންޓޮލަރެންސް (ލެކްޓޯސް އާއި ނުގުޅުން)
·
ހަމުގައި ކުދި ބިހި ނަގައި، ހިރުވައި ކެހުން ( ޑާމަޓައިޓިސް ހާޕެޓިފޯމިސް)
·
އަނގައިގައި ފާރުހެދުން
ސިލިއެކް ޑިޒީޒް ގައި ގިނަ ދުވަސްވެ،
ކުޑަގޮހޮރުން ކާނާގެ ބާވަތްތައް ހަށިގަނޑަށް ނަގައިނުދެވުމުން ދިމާވެދާނެ
މައްސަލަތައް
·
ވަރަށް ފަސޭހައިން ހަށިގަނޑުގެ ތަންތަނުން ލޭއައުން
·
ދޫރަތްވެފައި އޮތުން
·
ވަރުބަލިވެ، ވާޅުވުން
·
ނޭފަތުން ލޭއައުން
·
ފިޓުޖެހުން
·
އަތްފައި އައްސިވުމާއި، ކަށިހަރާހެން ހީވުން
ބަލީގައި ގިނަ ދުވަސްވެ، ދިމާވެދާނެ
ނުރައްކާތަކާ މައްސަލަތައް
ބަލީގައި ގިނަ ދުވަސްވެ، ފަރުވާނުކޮށް ދޫކޮށްލުމާއި، ކެއުމުގައި ބަލައިގެން ނޫޅުމަކީ އެކަމުގެ ސަބަބުން ތަފާތު މައްސަލަތަކާއި،
ނުރައްކާތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އަންނަނިވި ހާލަތްތަކާ
މައްސަލަތައް ދިމާވުމުގެ ހިރާސް އިތުރުވެގެން ދެއެވެ.
·
ކާނާ ގޯސްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް : މިކަންކުރިމަތިވަނީ ކުޑަ
ގޮހޮރުން ހަށީގަނޑަށް ކާނާގެ ބައިތައް ނަގައިނުދެވުމުންނެވެ. ދިމާވެދާނެ
މައްސަލަތަކުގެ ތެރޭގައަި ލޭމަދުވުން ޚާއްޞަކޮށް ދަގަނޑު މަދުވެގެން ގޮސް
ލޭމަދުވުން ކުރިމަތިވުން ، ބަރުދަން
ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނަށް ރަނގަޅުކާނާ ނުލިބުމަކީ
އެކަމުގެ ސަބުން ހެދިބޮޑުވުން ލަސްވާނެ ކަމެކެވެ.
·
ކަށިތައް ދެރަވެ ނިކަމެތިވުން : މިގޮތަށް ކުރިމަތިވަނީ ކެލްސިއަމް ވިޓަމިން
ޑީ ފަދަ މާއްދާތައް ކާނާގެ ތެރެއިން ހަށިގަނޑަށް ނުލިބުމުންނެވެ. ނޫނީ
ކުޑަގޮހޮރުން އެމާއްދާތައް ހަށިގަނޑަށް ނަގައިނުދެވުމުންނެވެ. ދިމާވެދާނެ
މައްސަލަތަކުގެ ތެރޭގައި ކަށީގެތަފާތު ބަލިތައްކުރިމަތިވުން މިސާލަކަށް
ކަށިފީވުން، ކަށިތައް މަޑުވުން، ކަށިތަކުގައި ރެނދުލައި ބިދުން، މައިބަދައިގެ
ކަށިތައް ގުދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
·
ދަރިމައިނުވުމާއި، ތަކުރާރުކޮށް ބައިގެންދިއުން
·
ލެކްޓޯސް ހިމެނޭ ކިރުގެ އުފެއްދުންތަކާ ނުގުޅުން
·
ބައެއް ކަހަލަ ކެންސަރު ކުރިމަތިވުން : ކުޑަ ގޮހޮރުގެ ކެންސަރު، ލިމްފޯމާ
ފަދަ ކެންސަރުގެ ވައްތަރުތައް
·
ނާރުގެ މައްސަލަތައް : މިސާލަކަށް ވެއްޓޭބަލި ، ފިޓުޖެހުން އަަދި އަތްފައިގެ
ނާރުތައް ދުޅަވެ، އެކަމުގެ ސަބަބުން އައްސިވެ، ތަދާއި ރިހުން އިހުސާސްވުން
·
ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު ބޮޑުވުން : ކޮރޯނަރީ އާޓަރީ ޑިޒީޒް
ކުރިމަތިވުން
·
ހަކުރު ބަލިޖެހުން
·
މަލްޓިޕަލް ސްކެލިރޯސިސް
·
އޮޓޯއިމިޔޫން ބަލިތައް ކުރިމަތިވުން : އޮޓޯއިމިޔޫން ތައިރޮއިޑް ބަލި،
·
ހަމުގެ މައްސަލަތައް : މިސާލަކަށް ޑާމަޓައިޓިސް ހާޕެޓިފޯރމިސް
·
ފުރަމޭގެ ބަލިތައް
·
މައިގްރޭން ކަހަލަ ބޮލުގައި ރިހުން
·
ރަނގަޅުކާނާ ނުލިބުމުން ދިމާވާ މައްސަލަތައް : ވިޓަމިންތަކާ މައުދަންތައް
މަދުވުން
·
ވިޓަމިން އާއި މައުދަންތައް މަދުވުމުގެ މައްސަލަތައް
·
ޗިސްމޭގެ މައްސަލަތައް
·
ފިތުގެ މައްސަލަތައް
ސިލިއެކް ޑިޒީޒްގެ އަލާމާތްތައް
ކުރިމަތިވުން އެހާ ތަފާތުވަނީ ކީއްވެ؟
ސިލިއެކް ޑިޒީޒްގެ އަލާމާތްތައް އެކަކު އަނެކަކާ
ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަލާމާތްތައް ބަރޯސާވަނީ އަންނަނިވި
ކަންތައްތަކުގެ މައްޗަށެވެ.
·
ތުއްތުއިރު ގާތުން ދީފައިވާ މުއްދަތު
·
ގުލޫޓަން ކެއުމުގައި ބޭނުންކުރެވޭ މިންވަރު
·
ގުލޫޓަން އެކުލެވޭ ކާނާ ކާންފެށި އުމުރު
·
ކުޑަ ގޮހޮރަށް ގެއްލުން ލިބިފައިވާ މިންވަރު
·
އުމުރު
ބަލިދެނެގަތުން
ސިލިއެކް ޑިޒީޒް ދެނެގަތުމަކީ އެހާ ފަސޭހަ ކަމެއް
ނޫނެވެ. ބަލީގެ އަލާމާތްތައް ވެސް އެހެން ބައެއް ބަލިތަކުގެ (އިރިޓަބަލް ބަވަލް
ސިންޑްރޯމް، ލެކްޓޯސް އާއި ނުގުޅުން ފަދަ ބަލިތަކުގެ) އަލާމާތްތަކާ އެއްގޮތްކަމެއް
ހުރެއެވެ. ސިލިއެކް ޑިޒީޒް ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހަދަންޖެހުމަކީ
އެކަށީގެންވާ ކަމެކެވެ. ސިލިއެކް ޑިޒީޒް ދެނެގަތުމަށް އަންނަނިވި ކަންތައްތައް
ކުރެވެއެވެ.
(ހ) - ބަލިމީހާގެ ޞިއްޙީ ހާލަތު އަދި
ޢާއިލާގެ ޞިއްޙީ ޙާލަތާ ގުޅޭ މައުލޫމާތު އޮޅުންފިލުވުން : ސިލިއެކް ޑިޒީޒް ދެނެގަތުމަށްޓަކައި ބަލިމީހާގެ ފުށުން ބައްޔާއި ގުޅޭ ތަފާތު
މައުލޫމާތުތައް އަހައި އޮޅުން ފިލުވުމުގެ އިތުރުން، އާއިލާގެ ތެރޭގައި ސިލިއެކް
ޑިޒީޒް ޖެހިފައިވާ ނޫނީ ކުރިމަތިވެފައިވާ މީހަކު ހުރިތޯ ބަލާނެ އެވެ.
(ށ) - ޖިސްމާނީ ބެލުންތައް : އާންމު ހަށިގަނޑު ބަލައި ހެދުމުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ބަލައި ޗެކުކުރާނެ އެވެ.
v
ހަށިގަނޑުގައި ބިހިފާނޑުގެ އެއްޗެއް ނަގާފައިވޭތޯ ބެލުން، ވިޓަމިން،
މައުދަންތައް އަދި ކާނާގެ މުހިއްމު މާއްދާތައް ނުލިބުމުން ކުރިމަތިވާ ކާނާ
ގޯސްވުމުގެ އަލާމާތެއް ހުރިތޯ ބެލުން
v
ބަލިބަލާ ކަށިގަނޑުގެ އެހީގައި ބަނޑުގެ އަޑުތައް އެހުން
v
ރިހުން، ދުޅަވުން، ފުއްޕުން، ނޫނީ ފުރިފައި ހުރުން ފަދަ ކަމެއް ހުރިތޯ
ބެލުމަށް ބަނޑުބަލައި ޗެކުކުރުން
v
ދަތްތަކާއި ހިރުގަނޑަށް އައިސްފައިވާ ބަދަލުތައް ބަލައި ޗެކުކުރުން
(ނ) - ލޭގެ
ޓެސްޓުތައް : ލޭ ނަގައިގެން ސިލިއެކް ޑިޒީޒް އާއި
ގުޅިގެން ހަށިގަނޑުގައި އުފެދޭ ހަށިދަމަނަ (އެންޓިބޮޑީޒް) ހުރިތޯ ދެނެގަނެވެއެވެ.
އެންޓިބޮޑީ ޓެސްޓު ނެގެޓިވްނަމަ އިތުރު ޓެސްޓުތައް ވެސް ހަދައިފާނެ އެވެ. ލޭގެ
ޓެސްޓުތަކުން އާންމުކޮށް ބެލޭ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ.
·
ލޭގެ ކޮލެސްޓްރޯލްގެ މިންވަރު ދެނެގަތުން
·
ލޭގެ ޓެސްޓު ހެދުން (ލޭމަދުވުން ދެނެގަތުން)
·
ކޮމްޕްރެހެންސިވް މެޓަބޮލިކް ޕެނަލް
·
ލޭގައި ފޮލިކް އެސިޑް، ދަގަނޑު،ފެރިޓިން، ވިޓަމިން ޑީ، އަދި ވިޓަމިން ބީ12ގެ
މިންވަރު ބެލުން
·
ޕްރޯތްރޮމްބިން ޓައިމް ބެލުން
(ރ) - ޖެނެޓިކް ޓެސްޓު : ލޭގެ ޓެސްޓުތަކާއި، ބަޔޮޕްސީ ޓެސްޓުން ވެސް ސިލިއެކް
ޑިޒީޒް ދެނެނުގަނެވިއްޖެނަމަ، ބައެއް ފަހަރު ޑޮކްޓަރުން ވިރާސީ ބަހާތަކަށް
އައިސްފައިވާ ބަދަލުތައް ޗެކުކުރުމަށް ނުވަތަ ދެނެގަތުމަށް ޖެނެޓިކް ޓެސްޓު
ހެދެއެވެ. ޖެނެޓިކް ޓެސްޓުތަކުން ޖީން ވޭރިއެންޓް ފާހަގަނުވާނަމަ، އެމީހެއްގެ
ކިބައިގައި ސިލިއެކް ޑިޒީޒް ހުރުމުގެ ފުރުޞަތު ކުޑަ އެވެ. ނަމަވެސް ހަދާނުގައި
ބަހައްޓަންވީ މިފަދަ ޖީން އެއް ހުރުމަކީ އަދި މުޅިން ސިލިއެކް ޑިޒީޒް އެމީހެއްގެ
ކިބައިގައި ހުރުން ޔަގީންކޮށްދޭނެ ކަމެއް ނޫން ކަމެވެ. މިގޮތުން ޗެކުކުރެވޭ ދެ
އެންޓިޖަން އަކީ ހިޔުމަން ލިއުކޮސައިޓިކް އެންޓިޖަން ތައް ކަމުގައިވާ އެޗްއެލްއޭ
ޑީކިޔޫ2(HLA-
DQ2)،
އަދި އެޗްއެލްއޭ ޑީކިޔޫ8(HLA-DQ8)
އެެވެ.
(ބ) - ކުޑަ ގޮހޮރުގެ ބަޔޮޕްސީ ހެދުން :ލޭގެ ޓެސްޓުތަކުން ސިލިއެކް ޑިޒީޒް ހުރިކަމަށް ޝައްކު
ކުރެވޭނަމަ، ކުޑަގޮހޮރުން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ހެދެއެވެ. އާންމު
ގޮތެއްގައި ބަޔޮޕްސީ ހެދުމަށް ކުޑަ ގޮހޮރުން އެތިކޮޅެއް ނަގަނީ އެންޑޮސްކަޕީ
ހެދުމުގެ ތެރޭގައެވެ. ނޫނީ އެންޑޮސްކަޕީ ހަދައިގެންނެވެ.
(ޅ) - ހަމުގެ ބަޔޮޕްސީ ހެދުން : ހަމުން އެތިކޮޅެއް ނަގައިގެން ހަމުގެ ބަޔޮޕްސީ އެއް
ހެދުމުގެ ބޭނުމަކީ ހަމުގެ ޓިޝޫގައި ސިލިއެކް ޑިޒީޒް އާއި ގުޅިގެން ހަށިގަނޑުގައި
އުފެދޭ ހަށިދަމަނަ ނުވަތަ އެންޓިބޮޑީޒް ހުރިތޯ ބެލުމެވެ. ހަމުގެ ބަޔޮޕްސީ އިން
ހަށިދަމަނަ ދެނެގަނެވިފައި، އަދި ލޭގެ ޓެސްޓުތަކުން ވެސް ސިލިއެކް ޑިޒީޒް
ހުރިކަމަށް ދައްކާނަމަ، ކުޑަ ގޮހޮރުގެ ބަޔޮޕްސީ ހެދުމަކީ މުހިއްމު ކަމެއް ނޫނެވެ.
(ކ) ކެޕްސޫލް އެންޑޮސްކަޕީ ހެދުން : މިއީ ކެޕްސޫލް އެއްގެ ތެރޭގައި ކެމެރާ ހަރުކޮށްގެން
އެކެޕްސޫލް ހަށިގަނޑުގެ ތެރެއަށް ފޮނުވައިގެެން އޭގައިވާ ކެމެރާއިން ހަށިގަނޑުގެ
އެތެރޭގެ ބައިތައް ފޮޓޯ ނެގުމެވެ.
ބަލީގެފަރުވާ
ސިލިއެކް ޑިޒީޒް އަކީ އެއްކޮށް ރަނގަޅުކުރެވޭ
ބައްޔެއް ނޫނެވެ.ސިިލިއެކް ޑިޒީޒް އަށް ފަރުވާ ކުރުމުގައި ގުލޫޓަން ނުހިމެނޭ
ކެއުން ޚިޔާރު ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ގުލޫޓަން އަކީ ގޮދަން، ބާރުލީ،
އަދި ރައި ފަދަ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީން އެކެވެ.އަބަދު ކެއުމުގައި
"ގުލޫޓަން-ނުހުންނަ ކާނާ" ބޭނުންކުރާނަމަ ބަލީގެ އުދަނގޫތައް ފިލައި،
ކުޑަ ގޮހޮރުގެ "ވިލައި" ތައް ރަނގަޅުވެ ދިއުމަކީ އެކަަށީގެންވާ
ކަމެކެވެ. އެހެންކަމުން ކެއުމުގައި ގޮދަން، ރައި، ބާރުލީ، އެކުލެވޭ ބާވަތްތައް
ނުހިމަނާށެވެ.
ގުލޫޓަން ހިމެނޭ ކާބޯތަކެތި ނުގަތުމަށްޓަކައި
އެންމެ މުހިއްމު ކަމަކީ ކާބޯތަކެތި ގަންނައިރު އޭގެ ބޭރުގައިވާ ކާނާގެ ލޭބަލް
ކިޔުމެވެ. އެގޮތުން ގަންނަ ކާބޯތަކެތީގައި ގުލޫޓަން ހުރިތޯ ނުވަތަ ނެތްތޯ ބަލައި
ޔަގީން ކުރަން ވާނެއެވެ. ގުލޫޓަން ނުހިމެނޭ ކާނާގެ ބާވަތްތައް ހިމެނޭ ގޮތަށް
ކެއުން ބައްޓަންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ގޮދަނުން އުފައްދާ
ބާވަތްތައް ނޫނީ ގޮދަން ފުށުން އުފައްދާ ކާބޯތަކެތި އަހަރެމެންގެ ތެރޭގައި
ބޭނުންކޮށް އުޅޭލެން ގިނަވުމެވެ. މަޑުމަޑުން މަސައްކަތްކޮށްގެން ގުލޫޓަން ނުހިމެނޭ
ކާނާގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަންދީ އެކަމަށް ހޭނުމަކީ މުހިއްމު
ކަމެކެވެ. ސިލިއެކް ޑިޒީޒް އަށް ޑައިގްނޯސް ކުރުމުގެ ކުރިން ކެއުން މިގޮތަށް
ބަދަލުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިގޮތަށް ބަދަލުކޮށްފިނަމަ، ބަލި
ދެނެގަތުމަށް ވެސް ބައެއް ފަހަރު އުދަނގޫވުމަކީ ވެދާނެ ގޮތެކެވެ.
ގުލޫޓަން އެކުލެވޭ ބާވަތްތަކާ
ދުރުހެލިވުން
ގުލޫޓަން ހިމެނޭ ބާވަތްތައް
ސިލިއެކް ޑިޒީޒް ހުންނަ މީހުން ގުލޫޓަން ހުންނަ
ބާވަތްތަކާ ދުރުހެލިވާންޖެހެއެވެ.
·
ގޮދަން : ގޮދަން ފުށުން ހަދާފައި ހުންނަ ޕާން، ސީރިއަލް، ޕާސްތާ، ކޫކީޒް،
އަދި ކޭކު ފަދަ އުފެއްދުންތައް
·
ބާރުލީ
·
ރައި
·
ސްޕެލްޓް (ގޮދަނުގެ ބާވަތެއް)
·
ޓްރައިޓިކޭލްގެ އުފެއްދުންތައް
·
އޯޓްސް (ބައެއް ރިފަރެންސްތަކުގައި އޯޓްސް ގެ ބައެއް ވައްތަރުތަކުގައި
ގުލޫޓަން ހުންނަކަމަށް ބަޔާންކޮށްފައި ވެއެވެ).
·
ސެމޯލީނާ
·
މޯލްޓް
·
ގްރެހަމް ފުށް (ހޯވް ވީޓް ފުށެއް)
·
ފެރީނާ (މިލެޑް ވީޓްގެ ވައްތަރެއް)
ގުލޫޓަން –ނުހިމެނޭ ވައްތަރުތަކާ
ބާވަތްތައް
·
ހަނޑޫ
·
ޒުވާރި
·
ކްއިނޯއާ
·
ބިންބި
·
ބަކްވީޓް
މީގެ އިތުރުން އަންނަނިވި
ބާވަތްތަކުގައި ގުލޫޓަން އެއް ނުހިމެނެއެވެ.
·
އެއްގަމު މަސް
·
މޭވާގެ ބާވަތްތައް
·
ތަރުކާރީގެ ބާވަތްތައް
·
އަލުވި
·
ކައްޓަލަ
ހީނުކުރާ ފަދަ އުފެއްދުންތަކުގައި ވެސް ގުލޫޓަން
އެކުލެވިފައި ހުރެދާނެ އެވެ. އެގޮތުން އަންނަނިވި އުފެއްދުންތަކާއި ވައްތަރުތަކުގައި
ގުލޫޓަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
·
ގްރެވީސް، އަދި އެކި ކަހަލަ ސޯސް ތައް
·
ބައެއް ކަހަލަ ވިޓަމިން
ސަޕްލިމެންޓްތައް
·
ހާބަލް އަދި ނިއުޓްރިޝަނަލް ސަޕްލިމެންޓްތައް
·
ބައެއް ކަހަލަ ވިޓަމިންތަކާ މައުދަންތައް
·
ތުންފަތު އުގުޅާ ބާމުއި، ލިޕްސްޓިކް ފަދަ ކޮސްމެޓިިކް އުފެއްދުންތައް
·
ހަމާއި، އިސްތަށްޓަށް ޚާއްޞަ އުފެއްދުންތައް
·
ދަަތް އުގުޅާ ބޭސް
·
ސިޓީއުރަ، ސްޓޭމްޕް ގުލޫ
ހަވާލާ
·
https://medlineplus.gov/ency/article/000233.htm
·
https://familydoctor.org/condition/celiac-disease/?adfree=true
·
https://www.niddk.nih.gov/health-information/digestive-diseases/celiac-disease/definition-facts
·
https://www.mayoclinic.org/diseases-conditions/celiac-disease/symptoms-causes/syc-20352220
·
https://celiac.org/about-celiac-disease/what-is-celiac-disease
ނޯޓް : މިއީ މައުލޫމާތު
ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
No comments:
Post a Comment