Monday, June 11, 2012

ނޭފަތް


ނޭފަތް
ނޭފަތް (Nose) ނުވަތަ ނޭފަތަކީ ނޭވާލާ ނިޒާމްގެ ބައިތަކުގެ ތެރެއިން ހަށިގަނޑުން ބޭރަށް ފެންނަ އިންނަ ގުނަވަނެކެވެ. ނޭފަތުގެ ބައްޓަން ކަނޑައަޅައިދެނީ އުފެދުމުގައި ނޭފަތުގެ ދަށުގައިވާ ''އެތުމޮއިޑް ކަށިކޮޅު''(Ethmoid bone)  އަދި ނޭފަތުގެ ދެހިނދުރި، ވަކިކުރުމަށް އިންނަ މަޑުކަށީގެ ފާރު(Nasal septum)  އިންނެވެ. ނޭފަތް ހިމެނޭ ހިސާބުގެ، އެތެރޭގެ ލޭހޮޅިތައް ސިކުނޑީގައިވާ ލޭނާރު ފުންޏަކާއި ގުޅިފައި ވެއެވެ. މިކަމުގެ ސަބަބުން ނޭފަތުގެ އެތެރޭގެ ހިސާބުތަކުގައި އަށަގަންނަ ޖަރާސީމްގެ އަސަރު، ބައެއް ފަހަރު ސިކުނޑިއަށް ފޯރާގޮތްވެއެވެ. މިބުނި ހިސާބަކީ ނޭފަތުގެ މަތިން ފެށިގެން ތިރިއަށް އަނގައިގެ ދެފަރާތުގެ ދެކަނަށެވެ. މިގޮތުން ކަނޑައެޅޭ ހިސާބަށް ޑޮކްޓަރުން ''މޫނުގެ ނުރައްކާތެރި ތިނެސްކަން''(Danger triangle of the face) އޭ ކިޔައެވެ. ނުވަތަ މޫނުގެ ނުރައްކާތެރި ހިސާބު މިހެން ވެސް ކިޔައެވެ.
ނޭފަތާއި ގުޅުންހުރި މުހިއްމު ބައިތައް
(1)- ނޭފަތުގެ ހިނދުރި (Nostril): ނޭފަތުގެ ހިނދުރި އަކީ ނޭފަތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. ނޭވާލުމުގެ ތެރޭގައި އޮކްސިޖަން ހަށިގަނޑަށް އެތެރެވެ، އަދި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވެގެން ދަނީ ނޭފަތުގެ ހިނދުރި ހުރަސްކޮށެވެ. ނޭފަތުގެ ހިނދުރީގެ ދޮރުމަތީގައި ވެސް ކުދިކުދި ލޯލި އިސްތަށިތައް ހުންނާނެ އެވެ
(2) - ނޯށުތެރެ (Nasal cavities): ނޭފަތުގެ އެތެރެ ނުވަތަ ނޯށުތެރެ އަކީ ނޭފަތުގެ ހިނދުރީގެ އެތެރެއެވެ. މިއީ މޫނުގެ މެދުގައި ނޭފަތުގެ ތެރޭގައި ވައި ޖަމާވެފައި ހުންނަ ތަނެކެވެ. މިއީ ހަށިގަނޑަށް ވައި ވަންނަ މައި ދޮރާއްޓެވެ. ނޭވާލުމުގެ ތެރޭގައި ނޯށުތެރެ ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ. އަދި މިހިސާބުގައި ހިމެނޭ ކުދިކުދި ލޯލި އިސްތަށި ތަކުގެ އެހީގައި ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުވައެވެ. ނުވަތަ މިލޯލި އިސްތަށި ތަކުގެ ސަބަބުން ހިރަފުހާއި ކުނިބުނި، ނޭވާލާ ނިޒާމާއި ހަށިގަނޑުގެ ތެރެއަށް ވާޞިލްވުމަށް ހުރަސް އަޅައެވެ. ހަމަ މިގޮތަށް ނޯށުތެރޭގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ. މިސަބަބުތަކާހުރެ ނޭފަތުގެ އެތެރޭގައި ނުވަތަ ނޯށުތެރޭގައި ފަޅާފައި ހުންނަ ލޯލި އިސްތަށިތައް އުފުރައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
ނޯށުތެރެ އެއްފަޅި އަނެއް ފަޅިއާއި ވަކިވަނީ ދެހިނދުރި ދެމެދުގައި ކައްޓާއި، މަޑުކަށިން އުފެދިފައިވާ ފާރު(Nasal septum)  އިންނެވެ. މިމަޑުކަށީގެ ފާރުގެ ކުރީބައިގައި ހުންނަނީ "ހައެލިން ކާޓިލޭޖް"(Hyaline cartilage) އެވެ. ފަހަތުގައި ބައިގައި ތިރިން ހުންނަނީ "އެތްމޮއިޑް ކަށިކޮޅު"(Ethmoid bone) ގެ ބައެކެވެ. އަދި މަތިން އިންނަނީ "ވަސްކަށި"(Nasal bone) އެވެ.
"ކަރުނަވަޅާއި ނޭފަތް ގުޅުވައިދޭ ހޮޅި"(Nasolacrimal duct)  އިންނަނީ ނޭފަތުގެ އަރިމަތިން ލޮލުގެ ކަރުނަވަޅާއި ދެމެދުގައެވެ. މާނައަކީ ކަރުނަވަޅުން ފެށިގެން ނޯށުގެ ތެރެއަށް އައިސްފައެވެ. އެހެން ކަމުން ލޮލުގައި އުފެދޭ ކަރުނަ އަހަރެމެންނަށް އެނގުމަކާ ނުލައި ވެސް އޭގެ އަމިއްލަ އިޚްތިޔާރުގައި ކަރުނަވަޅާއި ނޭފަތް ގުޅުވައިދޭ ހޮޅި ކަނޑަތުކޮށް ނޯށުގެތެރެއަށް އަންނަމުން ދާނެއެވެ. 
(3) - ނޭފަތުގެ ވަށައިގެން ހުންނަ ވައިކޮތަޅުތައް (Paranasal sinuses): ނޭފަތުގެ ވަށައިގެން ހުންނަ  ވައިކޮތަޅު ތަކަކީ މޫނުމަތީގެ ކަށިތަކުގެ ތެރޭގައި ވައި ހިފެހެއްޓިފައި ހުންނަ ހޮއިތަކެކެވެ. މިހޮއިތައް ހުންނަނީ ނޯށުތެރެއާއި ގުޅިފައެވެ. މިވައިކޮތަޅު ތަކުގެ އެތެރޭގެ ތެތް ދުލިފަށަލަ ވެސް ހުންނަނީ ނޯށުތެރޭގައި ހުންނަ ގޮތަށެވެ. މާނައަކީ ތެތްދުލި ފަށަލަ ތަކުގައި ކުދިކުދި ލޯލި އިސްތަށިތަކެއް ފަޅާފައި ހުންނާނެ އެވެ. މިވައިކޮތަޅު ތަކަކީ ބައެއް ފަހަރު އަޑު އުފެއްދުމުގައި އެހީތެރިވެދޭ ޓިޝޫ ތަކެކެވެ. މައިގަނޑު ގޮތެއްގައި ހުންނަ ވައިކޮތަޅު ތަކަކީ:-
·         މެކްޒިލަރީ ސައިނަސް
·         ފްރަންޓަލް ސައިނަސް
·         ސްފިނޮއިޑަލް ސައިނަސް
·         އެތުމޮއިޑަލް ސައިނަސް
(4) - ނޭފަތާގުޅޭ އަރުތެރެ : ނޭފަތާގުޅޭ އަރުތެރެ (Nasopharynx) ހުންނަނީ ނޭފަތުގެ މަގު ނުވަތަ ނޯށުގެ ފަހަތުގައެވެ. ނުވަތަ ނޭފަތުގެ ފަހަތުގައެވެ. މަޑު ތައްޔަށްވުރެ މަތީގައިވާ ނޭފަތާގުޅޭ އަރުތެރެ އިންނަނީ އަނގަޔާގުޅޭ އަރުތެރެ އަދި އަޑުފޮށްޓާގުޅޭ އަރުތެރެއާއި ޚިލާފަށް އަބަދުވެސް އޭގެ މަގު ހުޅުވިފައެވެ. ނޭފަތާގުޅޭ އަރުތެރެ ކުރިމަތިން ގުޅިފައިވަނީ ނޭފަތުގެ މަގު އަދި ނޭފަތުގެ ހިނދުރި އާއެވެ.

ނޭފަތުގެ އެތެރޭގެ ބަތާނަ ފަށް
ނޭފަތުގެ އެތެރޭގެ ތެތްދުލި ފަށަލައިގައި ހުންނަނީ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. މިއީ ވަރަށް ބޮޑަށް ލޭ އެކުލެވޭ ފަށަލަ އެކެވެ. މިފަށަލައިގައި ދަވަދޫކުރާ "ގޮބްލިޓް ސެލް"(Goblet cells) ތައް ހުރެއެވެ. މިބައި އެތެރެއިން ފަހަތުން ގުޅިފައި ނުވަތަ ހުޅުވިފައި އިންނާނީ އަރުތެރޭގެ ބައެއް ކަމުގައިވާ ނޭފަތާގުޅޭ އަރުތެރެ (Nasopharynx) އަށެވެ. ބޭރަށް ހުޅުވިފައި އިންނަނީ ނޭފަތުގެ ހިނދުރިންނެވެ. އަދި ބޭރުން ގުޅިފައި ހުންނަނީ މޫނުމަތީގެ ހަންގަނޑާ އެވެ.
ނޭވާލުމުގައި ނޭފަތުގެ ދައުރު
ނޭފަތަކީ ހަށިގަނޑަށް ވައި ވައްދައި ބޭރުކުރާ ފުރަތަމަ ދޮރޯއްޓެވެ. ނޭފަތުގެ މައިގަނޑު ދައުރަކީ ހަށިގަނޑަށް ނޭފަތުގެ ހިނދުރި ހުރަސްކޮށް، ނޯށުތެރެއިން ވަންނަވައި، ހޫނުކޮށްދީ، އޭގައި ތެތްކަމެއް އުފައްދައި، ފުރާނާލުމެވެ. ނޯށުތެރޭގައި ނޭފަތުގެ ފާރުން ނިކުމެފައި ހުންނަ "ކޮންކީ"(Conchae) އޭ ކިޔާ ފަށަލަތަކުގެ ސަބަބުން ނޭފަތުގެ ސާރފޭސް އޭރިޔާ މަތިކޮށްދީ، އެތެރެއަށް ވަންނަ ވައިގައި ރާޅުބާންޏެއް އުފައްދައެވެ. މިރާޅުބާނީގެ ސަބަބުން ނޯށުގެ ހުރިހާ ހިސާބަކަށް ވައި ފެތުރިގެންދެއެވެ. ސާރފޭސް އޭރިޔާ އިތުރުވުމަކީ ވައިގައި ހޫނުކަމާއި ތެތްކަން އުފައްދައިދީ، އެފުރާނާލާ މިންވަރު އިތުރުކޮށްދޭނެ ކަމެކެވެ.
·         ވައިހޫނުކޮށްލުން (warming): ހަށިގަނޑަށް ވަންނަ ވައި ހޫނުކޮށްލަދެނީ ނޯށުތެރޭގައި ލޭދައުރުވާ މިންވަރު މަތިވެ، އެހިސާބުގެ ބަތާނަ ފަށުގައި ގިނަ އަދަދަކަށް ލޭހޮޅި އެކުލެވޭތީ އެވެ. މިސަބަބާހުރެ ނޭފަތުން ލޭއަންނައިރު ހޯސްލާފައި ވަރަށް ބައިވަރު ލޭއަންނަކަން ފާހަގަވާނެ އެވެ.
·         ވައި ފުރާނައި ސާފުކޮށްލުން (filtration): ނޯށުތެރޭގައި ހުންނަ ލޯލި އިސްތަށިތަކަކީ ހަށިގަނޑަށް ވަންނަ ބޮޑެތި ޓުކުޅު ތައް ހިފެހެއްޓުމުގެ ގާބިލިއްޔަތު ލިބިފައިވާ އެއްޗެހި ތަކެކެވެ. ހިރަފުހާއި ބެކްޓީރިޔާ ފަދަ ކުދި ޓުކުޅު ތައް ދަވަތަކުގައި ތަތްލައެވެ. ދަވައަކީ ބަތާނަ ފަށުގައި ހުންނަ އެޕިތީލިއަމް ހަލާކުވިޔަނުދީ، ހިކުނުނުދީ ތެތްކަންމަތީ ހިފަހައްޓައިދޭ އެއްޗެކެވެ. ނޯށުތެރޭގައި ހުންނަ ލޯލި އިސްތަށިތަކުގެ އެހީގައި ދަވަތައް ފަހަތަށް ގެންގޮސް އަރުތެރެއަށް ފޮނުވާލައެވެ. އެއަށްފަހު އަރިދަފުހުގެ ގޮތުގައި ކެއްސާއިރު ހަށިގަނޑުން ބޭރުވެއެވެ.
·         ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން (Humidification): ތެތްދުލިފަށަލަ ތަކުގެ މަތީގައި ވައި ދައުރުވަމުންދާއިރު، އާތްވާއި ވައި އެއްވެއެވެ. ނޯށުތެރޭގެ ތެތްދުލި ފަށަލަ ހިލިގަތުމަކީ ކިނބިހިއެޅުން މެދުވެރިވާނެ ކަމެކެވެ.
·         ވަސްދުވުމުގެ ހިއްސު (sense of smell): ވަސްދުވުމުގައި ޒިންމާވާ މައިގަނޑު ގުނަވަނަކީ ނޭފަތެވެ. ވަސް ދެނެގަތުމުގެ ގާބިލިއްޔަތު ލިބިފައިވާ ނާރުތަކުގެ ނިމުން ތައް ހުންނަނީ ނޭފަތުގެ ފުރާޅުގައެވެ. އެގޮތުން މިބުނި ނާރުތަކުގެ ނިމުން ވައިގެ ތެރޭގައި ދައުރުވަމުންދާ ވަހުގެ ސަބަބުން ހީވާގިވެ، ހަރަކާތްތެރިވާން ފަށައެވެ. އެގޮތުން ނާރުތަކުގެ ނިމުން ތައް ހީވާގިވެ ހަރަކާތްތެރިވުމުން އުފެދޭ މެސެޖުތައް "އޮލްފެކްޓަރީ ނާރު"(Olfactory nerve) ގެ އެހީގައި ސިކުނޑިއަށް ފޯރައެވެ. އަދި އެމީހަކަށް އޭރަކު ދުވި ވަހެއް އިހްސާސް ކުރެވޭނެ އެވެ. ނުވަތަ އެވަސް ދުވާނެއެވެ.
·         ވައި ފުރޭނުން
·         ވައި ހޫނުކޮށްލުން
·         ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން
·         ބަސްމޮށުންތެރިކަމުގައި ތަފާތު އަޑުތައް އުފެއްދުމުގައި ބައިވެރިވުން

ލަގޮނޑި

ލަގޮނޑި
ލަގޮނޑި (Larynx)  އަކީ ކަރުގެ އެތެރޭގައި އިންނަ ގުނަވަނެކެވެ. ލަގޮނޑީގެ މަސައްކަތަކީ، ވައި ނޮޅި ހިމާޔަތްކޮށްދީ، އަޑު އުފެއްދުމުގައި ބައިވެރިވުމެވެ. ލަގޮނޑި އިންނަނީ ވައި ނޮޅީގެ މަތިން އަރުތެރޭގެ ތިރިން، ކާތަކެތި ހިގާ ހޮޅިއާއި، އަރުތެރެގުޅޭ ހިސާބުގައެވެ. ލަގޮނޑިއަށް ބައެއް ފަހަރު "އަޑުފޮށި"(voice box) މިނަމުން ވެސް މުޚާތަބު ކުރެއެވެ.
ލަގޮނޑި ހުންނަނީ ކަރުގައިވާ މައިބަދައިގެ ކަށިކޮޅުތަކުން 6-3 ވަނަ ކަށިކޮޅާއި ދެމެދާވީ ހިސާބުން އެއްހަމައެއްގައެވެ. ބާލިޣުވުމާއި ޖެހެންދެން ދެޖިންސުގެ ދެމެދުގައި ލަގޮނޑީގެ ސައިޒުގައި ކުޑަ ތަފާތެއް ހުރެދާނެ އެވެ. ބާލިޣުވުމަށްފަހު ފިރިހެނުންގެ ހަށިގަނޑުގައި ލަގޮނޑި އިތުރަށް ބޮޑުވެއެވެ. މިސަބަބާހުރެ ފިރިހެނުންގެ ހަށިގަނޑުގައި ލަގޮނޑި "އެޑަމްސް އެޕަލް"(Adam’s apple) ގެ ގޮތުގައި ބޭރުފުށަށް ނިކުމެ ފެންނަން ހުރެއެވެ. އަދި ފިރިހެނުންގެ އަޑުބަރުވެ، ވަރުގަދަ ވެއެވެ. ލަގޮނޑީގެ އެތެރޭގެ ބަތާނަ ނުވަތަ ތެތް ދުލި ފަށަލައިގައި ހުންނަ އެޕިތީލިއަމްގެ ވައްތަރަކީ "ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް"(Stratified squamous epithelium) އެވެ.
ލަގޮނޑިއަށް ލޭފޯރުކޮށްދެނީ "ސްޕީރިއަރ ލެރިންޖިއަލް އާޓަރީ"(Superior laryngeal artery) އަދި "އިންފީރިއަރ ލެރިންޖިއަލް އާޓަރީ"(Inferior laryngeal artery) އިންނެވެ. އަދި ލަގޮނޑި އަށް "ވީނަސް ޑްރެއިނޭޖް" ކުރަނީ "ތައިރޮއިޑް ވެއިން"(Thyroid veins) ތަކުގެ އެހީގައެވެ. ލަގޮނޑިއަށް ގުޅިފައިވާ ނާރު ތަކަކީ ޕެރެސިމްޕެތެޓިކް ނާރުތަކުގެ ނިޒާމުން އައިސްފައިވާ " ސްޕީރިއަރ ލެރިންޖިއަލް ނާރވް"(Superior laryngeal nerve) އަދި "ރިކަރަންޓް ލެރިންޖިއަލް ނާރވް" (recurrent laryngeal nerve)އިންނެވެ. މިދެނާރަކީ ވެސް "ވޭގަސް ނާރު"(Vagus nerve) ކުރިފަޅާފައިވާ ދެނާރެވެ. ލަގޮނޑީގެ ކޮންމެ ފަރާތެއްގައި "ސްޕީރިއަރ ސަރވައިކަލް ގެންގުލިއާ"(Superior cervical ganglia) އިން ނިކުމެފައިވާ "ސިމްޕެތެޓިކް ނާރވް"(sympathetic nerve) ތައް ހުރެއެވެ. މިނާރުތަކުން ލަގޮނޑީގެ މަސްތަކަށް ހަރަކާތް ގެނެސްދީ، ލަގޮނޑީގެ ތެތް ދުލިފަށަލަ އަށް އިހްސާސް އުފުލައިދެއެވެ.
ލަގޮނޑިއާއި ގުޅުންހުރި ހަށިގަނޑުގެ ބައިތައް
·         މަތިން : ލަގޮނޑީގެ މަތިން އިންނަނީ "ހައިއޮއިޑް ކަށިގަނޑު"(hyoid bone) އަދި ދުލުގެ ބުޑެވެ.
·         ތިރިން : ލަގޮނޑީގެ ތިރިން އިންނަނީ ނޭވާހޮޅި އެވެ.
·         ކުރިމަތިން : ލަގޮނޑީގެ ކުރިމަތިން އިންނަނީ ކަރުގެ މަސްތަކާއި، ހައިއޮއިޑް ކަށިގަނޑާއި ތަތްވެފައިވާ މަސްތަކެވެ.
·         ފަހަތުން : ލަގޮނޑީގެ ފަހަތުން އިންނަނީ މައިބަދައިގެ ކަރުގެ ހިސާބުގެ ކަށިތަކުގެ 6-3 ވަނަ ކަށިކޮޅުތަކާއި، ލަގޮނޑިއާއި ގުޅޭ އަރުތެރެ އެވެ.
·         އަރިމަތިން : ލަގޮނޑީގެ ދެއަރިމަތިން އިންނަނީ ތައިރޮއިޑް ގްލޭންޑްގެ ލޯބުތަކެވެ.
ލަގޮނޑިޔާގުޅޭ އަރުތެރެ  (Laryngopharynx) ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.މިއީ އަރުގެ ނުވަތަ އަރުތެރޭގެ އެންމެ ތިރީބައެވެ. އެހެންކަމުން އަރުތެރެ އާއި ކާތަކެތި ހިގާ ހޮޅި ގުޅުވައިދޭ ބަޔަކީ މިއީއެވެ. މިބައިގެ މަތީ ބޯޑަރު ހުންނަނީ ހައިއޮއިޑް ކަށިގަނޑު(Hyoid bone) އާއި އެއްހަމައެއްގައެވެ. އަޑުފޮށްޓާގުޅޭ އަރުތެރެ(Laryngopharynx) އިންނަނީ އެޕިގްލަޓިސްގެ މަތީ ބޯޑަރުން ފެށިގެން ތިރިއަށް ގޮސް ކްރިކޮއިޑް ކާޓިލޭޖް (Cricoid cartilage)ގެ ތިރިއާއި ހަމައަށެވެ. މިބުނި ހިސާބަކީ ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަ ހިސާބެވެ. އެހެންކަމުން އަޑުފޮށްޓާގުޅޭ އަރުތެރެ ނިމިގެން ދެން ހަޖަމުކުރާ ނިޒާމްގައި އިންނާނީ ކާތަކެތި ހިގާ ހޮޅި އެވެ.

ލަގޮނޑީގައި ހިމެނޭ މަޑުކަށީގެ ކާޓިލޭޖްތައް
ލަގޮނޑީގައި ތަރުތީބެއްނެތި އަތުރާލެވިފައިވާ ކާޓިލޭޖް ތަކެއް ހުރެއެވެ. މިކާޓިލޭޖް ތައް އެކަތި އަނެކައްޗާއި ހިފެހެއްޓިފައި ހުންނަނީ ލިގަމެންޓް ތަކުގެ އެހީގައެވެ. މައިގަނޑު ގޮތެއްގައި ހިމެނޭ ކާޓިލޭޖް ތަކަކީ:-

(1)- ތައިރޮއިޑް ކާޓިލޭޖް (Thyroid cartilage): ލަގޮނޑީގައި ހިމެނޭ ކާޓިލޭޖް ތަކުގެ ތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް ފެންނަން ހުންނަނީ ތައިރޮއިޑް ކާޓިލޭޖް އެވެ. މިއީ ހައެލިން ކާޓިލޭޖް އިން އުފެދިފައިވާ ބައެކެވެ. ތައިރޮއިޑް ކާޓިލޭޖް ހުންނަނީ ކަރުގެ ކުރިމަތީގައެވެ. ކަރުމަތިން ބޭރަށް ނިކުމެ "އެޑަމްސް އެޕަލް"(Adam’s apple) ގެގޮތުގައި ފެންނަން އެހުންނަނީ "ތައިރޮއިޑް ކާޓިލޭޖް" ކުރިމަތީ ފާރުން ނުކުމެފައި ހުންނަ ބައެވެ. ކަރުގެ ކުރިމަތީގައި އަތްލުމުން ވަރަށް ފަސޭހައިން މިތަން އިހްސާސް ކުރެވޭނެއެވެ. އަދި ވަރަށް ގިނަ ފިރިހެނުންގެ މިބައި ބޭރަށް ނިކުމެ ފެންނަން ހުންނާނެ އެވެ. ބައެއް މީހުން މިތަނަށް ދިވެހިން ލަގޮނޑި ވެސް ކިޔައި އުޅެއެވެ. ތައިރޮއިޑް ކާޓިލޭޖްގެ ކުރިމަތިން މަތި އިންނަނީ "ތައިރޮއިޑް ނޮޗް"(Thyroid notch) ގެސަބަބުން ދެބަޔަކަށް ބައިވެފައެވެ. ތައިރޮއިޑް ކާޓިލޭޖްގެ މަތީބައިގެ ބަތާނަ ފަށުގައި ހުންނަނީ ލަގޮނޑީގެ ބަތާނަ ފަށުގައި ހުންނަ ފަދައިން "ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް"(Stratified squamous epithelium) އެވެ. އަދި ތިރީބައިގެ ބަތާނަފަށުގައި ނުވަތަ ތެތްދުލި ފަށަލައިގައި ހުންނަނީ ނޭވާހޮޅީގައިހުންނަ ފަދަ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. ތައިރޮއިޑް ކާޓިލޭޖްގެ ބޭރުފުށުގައި ވަރަށް ގިނަ މަސްކޮޅުތައް ހަރުލައި ހިފެހެއްޓިފައި ހުރެއެވެ. ލަގޮނޑީގެ އަރިމައްޗާއި ކުރިމަތީގެ ބޮޑުބައެއް ހިއްސާކުރަނީ ތައިރޮއިޑް ކާޓިލޭޖް އެވެ.

(2)- ކްރިކޮއިޑް ކާޓިލޭޖް (Cricoid cartilage): ކްރިކޮއިޑް ކާޓިލޭޖް ހުންނަނީ ތައިރޮއިޑް ކާޓިލޭޖް ގެ ތިރިންނެވެ. މިއީ ވެސް ހައެލިން ކާޓިލޭޖް އިން އުފެދިފައިވާ ބައެކެވެ. "ސިގްނެޓް ރިންގ"(Signet ring) އެއްގެ ބައްޓަމަށް އިންނަ މިކާޓިލޭޖް ލަގޮނޑީގެ ވަށައިގެން ހުރެއެވެ. އަދި މިކާޓިލޭޖް އިންނަނީ ލަގޮނޑީގެ ކުރިމަތިން ހަނިކޮށް، އަދި ފަހަތުން ފުޅާކޮށެވެ. މިކާޓިލޭޖްގެ ފަހަތުގައިވާ ފުޅާބައި އިންނަނީ ތައިރޮއިޑް ކާޓިލޭޖް، އަދި އެރިޓިނޮއިޑް ކާޓިލޭޖް އާއި ގުޅިފައެވެ. ކްރިކޮއިޑް ކާޓިލޭޖްގެ ބަތާނަ ފަށުގައި ހުންނަނީ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. މިކާޓިލޭޖްގެ ބޭރު ފުށުގައި މަސްކޮޅުތަކާއި ލިގަމެންޓްތައް ހަރުލައި ހިފެހެއްޓިފައި ހުރެއެވެ. ނޭވާލާ ނިޒާމުގެ މަތީބައި ނިމޭ ހިސާބަކީ ކްރިކޮއިޑް ކާޓިލޭޖްގެ ތިރީ ބޯޑަރެވެ.

(3) - އެރިޓިނޮއިޑް ކާޓިލޭޖް (Arytenoid cartilage): މިއީ ލަގޮނޑީގެ ފުރަގަހުން ދެފަރާތުގައި ޕިރަމިޑެއްގެ ބައްޓަމަށް އިންނަ ކާޓިލޭޖެކެވެ، މިކާޓިލޭޖް ހަރުލާފައި އިންނަނީ ކްރިކޮއިޑް ކާޓިލޭޖްގެ ފަހަތުގައިވާ ފުޅާބައިގެ މަތީގައެވެ. އެހެންކަމުން ލަގޮނޑީގެ ފަހަތު ނުވަތަ ފުރަގަހު ފާރު އުފެދިފައިވަނީ މިކާޓިލޭޖުންނެވެ. މިކާޓިލޭޖްގެ ބަތާނަ ފަށުގައި ހުންނަނީ "ސިލިއޭޓަޑް ކޮލަމްނަރ އެޕިތީލިއަމް"(Ciliated columnar epithelium) އެވެ. އަޑުއުފައްދާ ވާފަށްތައް ފަހަތުން ތަތްވެ، ހަރުލާފައި އިންނަނީ "އެރިޓިނޮއިޑް ކާޓިލޭޖް"(Arytenoid cartilage) ގައެވެ. އަދި ބައެއް މަސްކޮޅު ތައް ވެސް މިކާޓިލޭޖް ގައި ތަތްވެ ހަރުލައި ހިފެހެއްޓިފައި ހުރެއެވެ.
އެޕިގްލޮޓިސް
އެޕިގްލޮޓިސް(Epiglottis) އަކީ ފަތެއްގެ ބައްޓަމަށް އިންނަ ފައިބްރޯ-އިލާސްޓިކް ކާޓިލޭޖް އެކެވެ. އެޕިގްލޮޓިސް އަކީ ލަގޮނޑީގެ މައްޗެއްގެ ގޮތުގައި ހަރަކާތްތެރިވާ ޓިޝޫ އެކެވެ. ކާތަކެތި ދިރުވާއިރު، ''އެޕިގްލޮޓިސް"(Epiglottis)ގެ އެހީގައި ލަގޮނޑީގެ މަތި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ، ވައި ނޮޅީގެ ތެރެއަށް ވަދެ، ފުއްޕާމެއާއި، ހަމައަށް ވާޞިލްވިޔަ ނުދިނުމެވެ. ނުވަތަ ކެއުމުގެ ތެރޭގައި ނޭވާ ހިނގާ މަގަށް ކާތަކެތި އެޅުނަނުދިނުމެވެ. ކާއެއްޗެއް ލަގޮނޑިޔަށް ފޯރައިގެން ލަގޮނޑި ހީވާގިވެ މުރާލި ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ  ލަގޮނޑިޔަށް ވާޞިލްވި މާއްދާއިން، ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ. އެހެން މާނައެއްގައި ބުނާނަމަ، ކެއުމުގެ ތެރޭގައި ކާއެއްޗެއް ނޭވާހިނގާ މަގަށް އެޅިއްޖެނަމަ ކޮށިއެރުން(Aspiration) ނުވަތަ ނޯށަށްއެރުން ކުރިމަތި ކުރުވައެވެ.

ލަގޮނޑީގެ އެތެރެ
އަޑުއުފައްދާ ވާފަށް(Vocal cords) ތައް ހުންނަނީ ލަގޮނޑީގެ ތެރޭގައެވެ. އަޑުއުފައްދާ ވާފަށް ތަކަކީ ދެއަރިމަތިން ދޫވެފައި (އެއްވެސް ތަނެއްގައި ތަތްވެ ހަރުލާފައިނެތް) ދެކޮޅުން ތަތްވެ ހަރުލާފައި ހުންނަ، ދޮންފޫޑު ނުވަތަ މަޑު ހުދުކުލައެއްގައި ހުންނަ ތެތް ދުލިފަށް(mucous membrane) ތަކުގެ ދެ ފަށަލަ އެވެ. އަޑުއުފައްދާ ވާފަށްތައް ކުރިމަތިން ތަތްވެ ހަރުލާފައި އިންނަނީ "ތައިރޮއިޑް ކާޓިލޭޖް"(Thyroid cartilage) ގައެވެ.ފަހަތުން ތަތްވެ، ހަރުލާފައި އިންނަނީ "އެރިޓިނޮއިޑް ކާޓިލޭޖް"(Arytenoid cartilage) ގައެވެ.
އަޑުއުފައްދާ ވާފަށް ތައް ކޮންޓްރޯލްކުރާ މަސްކޮޅުތައް ހަމައަކަށް އެޅުމުން އަޑުފޮށި ހުޅުވި ލަގޮނޑި ހުރަސްކޮށް ވައި ހިނގާ މަގު ހާމަވެގެން ދެއެވެ. މިހާލަތުގައި އަޑުއުފައްދާ ވާފަށްތައް ވައިބްރޭޓްވެގެން އުފެދޭ އަޑުގެ ތޫލިކަން ކުޑަވާނެ އެވެ. އަޑުއުފައްދާ ވާފަށްތައް ކޮންޓްރޯލްކުރާ މަސްކޮޅުތައް ފިތި ކުރުގެޅުމުން، އަޑުއުފައްދާ ވާފަށްތައް ކައިރިވެ، އަޑުފޮށި ބެދޭނެ އެވެ. މިހާލަތުގައި އަޑުއުފައްދާ ވާފަށްތައް ވައިބްރޭޓްވެގެން އުފެދޭ އަޑުގެ ތޫލިކަން ގަދަވާނެ އެވެ. އެހެންކަމުން އަޑުގެ ތޫލިކަން ބަރޯސާވާނީ އަޑު އުފައްދާ ވާފަށްތައް ފިތި ބާރުވެފައި ހުންނަ މިންވަރާއި، އަޑުއުފައްދާ ވާފަށްތަކުގެ ދިގުމިނާއި، އަދި އެހިސާބުގައިވާ މަސްކޮޅުތަކުގެ ހަރަކާތުގެ މައްޗަށެވެ. ބޭނުންނުކުރާއިރު (މިސާލަކަށް ވާހަކަ ނުދައްކާއިރު) އަޑުއުފައްދާ ވާފަށްތައް ކައިރިވެ، އަޑުފޮށި ހުންނާނީ ބެދިފައެވެ. އަޑުއުފައްދާ ވާފަށް ތަކުގެ ދެމެދުގައިވާ ތަނަށް ކިޔަނީ "ގްލޮޓިސް"(Glottis) އެވެ.
ލަގޮނޑީގެ ވަޒީފާ
(1)- އަޑުއުފެއްދުން : އަޑަށް 3 ޚާއްޞިއްޔަތެއް ލިބިފައިވެއެވެ. އެއީ ތޫލިކަން، ބަރުކަން، އަދި ޓޯން އެވެ.
·         ތޫލިކަން (pitch): އަޑުގެ ތޫލިކަން ބަރޯސާވަނީ ލަގޮނޑީގެ ތެރޭގައިވާ އަޑުއުފައްދާ ވާފަށް ތަކުގެ ދިގުމިނާއި، ވާފަށްތައް ފިތި ބާރުވެފައި ހުންނަ މިންވަރެއްގެ މައްޗަށެވެ. އަޑުއުފައްދާ ވާފަށްތައް ކުރުވި ވަރަކަށް އަޑުގެ ތޫލިކަން ގަދަވާނެ އެވެ. ބާލިޣުވާ އުމުރު ފުރާގައި، ފިރިހެނުންގެ އަޑުއުފައްދާ ވާފަށްތައް ދިގުވާން ފަށައެވެ. ފިރިހެނުންގެ އަޑުގައި އަންހެނުންގެ ހުންނަ ކަހަލަ ތޫލި އަޑެއް ނުހުންނަނީ މިހެންވެގެންނެވެ.
·         ބަރުކަން (Volume): އަޑުގެ ބަރުކަން ބަރޯސާވަނީ އަޑުއުފައްދާ ވާފަށް ތައް ވައިބްރޭޓްވާ ބާރުމިނުގެ މައްޗަށެވެ. ވާހަކަ ދެއްކުމުގައި ބޭރުވާ ވައިގެ ބާރު ގަދަވިވަރަކަށް، އަޑުއުފައްދާ ވާފަށްތައް ވައިބްރޭޓްވާ މިންވަރު ވެސް ގަދަވާނެއެވެ. އަދި އަޑު ނިކުންނަލެން ބަރުވާނެ އެވެ.
·         ޓޯން (Tone): އަޑު ޓޯން ބަރޯސާވަނީ އަނގައިގެ ބައްޓަމާއި، ދުލާއި ތުންފަތް ހަރަކާތް ކުރެވޭ ގޮތާއި، މޫނުމަތީގެ މަސްތަކުގެ ހަރަކާތާއި، ނޭފަތުގެ ވަށައިގެން ހުންނަ ވައިކޮތަޅުތަކުގެ ތެރޭގައި ވައި ހުންނަ މިންވަރު ގެ މައްޗަށެވެ.
(2)- ވާހަކަދެއްކުން : ވާހަކަދެއްކެނީ އަޑުއުފައްދާ ވާފަށްތަކުން އުފެއްދި އަޑު ކޯ ނުވަތަ ކޯތާފަތާއި ދުލާއި ތުންފަތުގެ އެހީގައި އެއަޑު ބޭރުކުރުމަށް މަސައްކަތްކުރުމުންނެވެ.
(3)- ނޭވާލާ ނިޒާމުގެ ތިރީބައި ރައްކާތެރިކުރުން : ކާތަކެތި ދިރުވުމުގެ ތެރޭގައި އަޑު ފޮށީގެ މަތި ''އެޕިގްލޮޓިސް"(Epiglottis)ގެ އެހީގައި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ، ވައި ނޮޅީގެ ތެރެއަށް ވަދެ، ފުއްޕާމެއާއި، ހަމައަށް ވާޞިލްވިޔަ ނުދިނުމެވެ. ނުވަތަ ކެއުމުގެ ތެރޭގައި ނޭވާ ހިނގާ މަގަށް ކާތަކެތި އެޅުނަނުދިނުމެވެ. ކާއެއްޗެއް ލަގޮނޑިޔަށް ފޯރައިގެން ލަގޮނޑި ހީވާގިވެ މުރާލި ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ  ލަގޮނޑިޔަށް ވާޞިލްވި މާއްދާއިން، ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ. އެހެން މާނައެއްގައި ބުނާނަމަ، ކެއުމުގެ ތެރޭގައި ކާއެއްޗެއް ނޭވާހިނގާ މަގަށް އެޅިއްޖެނަމަ ކޮށިއެރުން(Aspiration) ނުވަތަ ނޯށަށްއެރުން ކުރިމަތި ކުރުވައެވެ.
(4)- ނޭވާހިނގާ މަގުގެ ބައެއްގެ ގޮތުގައިވުން : ލަގޮނޑި އަކީ އަރުތެރެ އާއި ނޭވާހޮޅި ގުޅުވައިދޭ ތަނެވެ. މާނައަކީ ނޭވާލުމުގެ ތެރޭގައި ނޭވާހޮޅިން މައްޗާއި ތިރިއަށް ވައި ދައުރުވާއިރު ދާނީ ލަގޮނޑި ހުރަސްކޮށެވެ.
(5) – ވައިގައި ހޫނުކަމެއް އުފައްދައި، ތެތްކަމެއް އުފައްދައި، ފުރާނައި ސާފުކޮށްލުން : ނޭވާލުމުގެ ތެރޭގައި އެތެރެވާ ވައި ލަގޮނޑި ހުރަސްކޮށް ދާއިރު ވެސް އެވައިގައި ހޫނުކަމެއް އުފައްދައި، އެއަށްފަހު ތެތްކަމެއް ގެނެސް، އެވައި ފުރާނައި ސާފުކުރުމުގައި ލަގޮނޑި ވެސް ބައިވެރި ވެއެވެ.