Monday, June 10, 2013

އޮށް



އޮށް


އޮށަ(testis)ކީ އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. އޮށް އުރަވަޅީގެ ތެރޭގައި ހިފެހެއްޓިފައި އޮންނަނީ ސްޕަމެޓިކް ކޯޑު ގެ އެހީގައެވެ. އުރަވަޅީގެ ކޮންމެ ފަރާތެއްގައި އޮށެއް އޮންނާނެ އެވެ. ދަރިފަނި (މަނި) އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. އެއީ އޮށަކީ ވަރަށް ނާޒުކު އެއްޗަކަށް ވާތީއެވެ.

އޮށުގެ ބޭރުން އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއަކީ މަނި ރައްކާކޮށްދޭ މަނި ގުދަނެ(epididymis) ވެ. މިއީ އެތަނެއްގެ ތެރޭގައި މަނި ގުދަންކޮށް، ރައްކާކުރުމުގެ އިތުރުން، މަނި އިތުރަށް ފުރިހަމަވެގެންދާ މަރުކަޒެއް ވެސް މެއެވެ. މަނި ގުދަން''އިފެރެންޓް ޑަކްޓް''(efferent duct)ތަކާއި  މަނި ހޮޅި(vas deferens) ގުޅުވާދެއެވެ.


އޮށް ބޮޑުވެ ފުރިހަމަވުން

ބަނޑުގައި ތުއްތު ދަރިފުޅު އަށަގަންނަތާ ކުރީކޮޅު އޮށް އިންނަނީ ދަށްބަނޑުގެ ތިރީގައެވެ. ނުވަތަ ބަނޑުގެ ފަހަތު ފާރުގައެވެ.  ދުނިޔެއަށް އުފަންވުމުގެ ކުރިން (ގާތްގަނޑަކަށް މައިމީހާގެ ބަނޑަށް 8 މަސްވުމުން) ސްޕަމެޓިކް ކޯޑުގެ ތެރެއިން ގޮސް ތިރިޔަށް އުރަވަޅިއަށް އޮށް ފައިބާގޮތް ވެއެވެ. އޮށުން ދަރިފަނި އުފައްދަން ފެށުމާއެކު އޮށްވެސް ބޮޑުވާން ފަށައެވެ.

އޮށް އިންނަގޮތް

އެއް އޮށަށްވުރެ އަނެއް އޮށް ތިރީގައި އިނުމަކީ ޢާންމު ކަމެކެވެ.  އާންމު ގޮތެއްގައި ކަނާތް ފަރާތަށްވުރެ ވާތް ފަރާތުގެ އުރަވަޅި ތިރިއަށް ޖެހިފައި ނުވަތަ އެލިފައި އިންނަލެއް ބޮޑުވާނެއެވެ. މިގޮތަށް ވާތް ފަރާތު އުރަވަޅި މާބޮޑަށް ތިރިޔަށް ޖެހިފައި އިންނަނީ ވާތް ފަރާތުގެ ސްޕަމެޓިކް ކޯޑު ކަނާތް ފަރާތުގެ ސްޕަމެޓިކް ކޯޑަށް ވުރެ ދިގުވާތީ ކަމަށް ވެދާނެ އެވެ.

ނަމަވެސް ކަނާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރުމާއި ވާތް ފަރާތު އޮށް ތިރިއަށް ގޮސްފައި ހުރި ނިސްބަތް ބަލާއިރު ދެބައި ހަމަހަމަކަމަށް ދިރާސާތަކުން ދައްކައެވެ. މާނައަކީ 50 އިންސައްތަ މީހުންގެ ކަނާތު އޮށް ތިރީގައި އިންނައިރު އަނެއް 50 އިންސައްތަ މީހުންގެ ވާތު އޮށް ތިރީގައި އިނުމެވެ. އެވްރެޖް މީހެއްގެ އޮށުގެ ދިގުމިނުގައި 4.5ސމ، ފުޅާމިނުގައި 2.5ސމ، ބޯމިނުގައި 3ސމ، އަދި ވަށަމިނުގައި 1.2- 0.8 އިންޗި ހުރެއެވެ. އެވްރެޖް ގޮތެއްގައި އޮށުގެ ބަރުދަނުގައި ގާތްގަނޑަކަށް 14-10.5 ގްރާމް ހުރެއެވެ. ބައެއް ރިފަރެންސްތަކުގައި އޮށުގެ ބަރުދަނުގައި 25 ގްރާމް ހުންނަކަމަށް ބަޔާންކޮށްފައި ވެއެވެ.

އޮށުގެ ވަށައިގެން 3 ފަށަލައެއް ލެވިފައި ވެއެވެ. އެއީ:-

ޓިޔޫނިކާ ވެޖައިނަލިސް (tunica vaginalis): މިއީ އޮށުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެވެ. މިއީ އެތެރެހަށީގެ ގުނަވަންތަކުގެ ބޭރުގައިވާ ދުލިފަށަލަ(peritoneum) އިގެ ބައެކެވެ. ޓިޔުނިކާ ވެޖައިނާލިސް ބިނާވެގެންވަނީ އިތުރު 3 ފަށަލައެއްގެ މައްޗަށެވެ.

·         ވިސެރަލް ލޭޔަރ (visceral layer): މިއީ މަނިއުފައްދާ ހޮޅިތައް ރައްކާތެރިކޮށްދޭ ޓިޔޫނިކާ އަލްބުޖިނީއާ ގެ ބޭރުން ލެވިފައިވާ ފަށަލަ އެކެވެ.

·         ކޭވަމް ލޭޔަރ (cavum layer): މިއީ ކުރިން ބުނެދެވުނ ވިސެރަލް ލޭޔަރ އާއި ޕެރެއިޓަލް ލޭޔަރ އާއި ދެމެދުގައިވާ ހުސް ޖާގަ އެކެވެ.

·         ޕެރީޓަލް ލޭޔަރ (parietal layer): މިއީ އެންމެ ބޭރަށް އިންނަ ފަށަލަ އެވެ.

ޓިޔޫނިކާ އަލްބުޖިނީއާ (tunica albuginea): މިއީ ކުރިން ބުނި ފަށަލައިގެ އެތެރެއިން އިންނަ ފައިބަރުގެ ސެލޯށިތަކުން އުފެދިފައިވާ ފަށަލަ އެކެވެ. މެދުގައިވާ މިފަށަލަ އަކީ ބޯ ފަށަލަ އެކެވެ.

ޓިޔޫނިކާ ވެސްކިޔުލޯސާ (tunica vasculosa): މިފަށަލަ އެކުލެވިގެންވަނީ ކުދިކުދި ހިމަ ލޭހޮޅިތަކުގެ މައްޗަށެވެ. އެހެންކަމުން މިއީ ލޭހޮޅިތައް އެކުލެވޭ ތުނި ފަށަލަ އެކެވެ.

އޮށް އުފެދިފައިވާ ގޮތް ނުވަތަ އޮނިގަނޑު

އޮށުގެ ވަށައިގެން ލެވިފައިވާ ތިން ފަށަލައިގެ ތެރެއިން ދެވަނަ ފަށަލަ ''ޓިޔޫނިކާ އަލްބުޖިނީއާ''(Tunica albuginea) ގެ އެތެރެއިން، ކޮންމެ އޮށެއްގެ ތެރޭގައި 300-200 އާ ދެމެދުގެ އަދަދަކަށް 'ލޮބިޔޫލް" ތައް ހުރެއެވެ. އަދި މިއިން ކޮންމެ ލޮބިޔޫލް(lobule) އެއްގައި 4-1 އާ ދެމެދުގެ އަދަދަކަށް އޮޅިފައިވާ ތުނިތުނި ހޮޅިތަކެއް ވެއެވެ. މިއީ މަނި އުފައްދައިދޭ ހޮޅި(Seminiferous tubules) ތަކެވެ.

މިހޮޅިތަކުގެ ދެމެދުގައި ''ލީޑިގް ސެލް''(Leydig cell) ކިޔާ ސެލް ތަކެއް ހުރެއެވެ. މިސެލްތަކުން ''ޓެސްޓޮސްޓަރޯން'' އަދި އެންޑްރަޖަން ބާލިޣުވުމަށްފަހު އުފައްދަމުން ގެންދެއެވެ. މިހޮޅިތަކުގެ ކައިރިފަށުގައި ވަށައިގެން ލެވިފައިވާ ''ސާރޓޯލީ ސެލް''(Sertoli cell) ތަކުން ބާލިޣުވުމުން ފެށިގެން ގޮސް މުސްކުޅި ވަންދެން ސްޕާމް ސެލްތައް(sperm cells) އުފައްދައެވެ. މިއީ ދަރިފަނި ހެދިބޮޑުވުމަށް  ވެސް އެހީތެރިވެދޭ ސެލް ތަކެކެވެ. މިހޮޅިތަކުގައި އުފެދޭ މަނި، ރީޓީ ޓެސްޓިސް(rete testes) އަށް ވާޞިލްވެ، އެއަށްފަހު އިފެރެންޓް ޑަކްޓްތައް ހުރަސްކޮށް މަނި ރައްކާކޮށް ބަހައްޓައިދޭ މަނި ގުދަނަށް(epididymis) ވާޞިލްވެއެވެ. އަދި މަނިގުދަނުގައި މަނިތައް އިތުރަށް ފުރާ ފުރިހަމަވެގެން ދެއެވެ. އެއަށް ފަހު މަނިހޮޅި(vas deferens) އަށް ވާޞިލްވެއެވެ. އަދި މަނިބޭރުވުމުގެ ތެރޭގައި ކުޑަކަމުދާ ހޮޅީގެ ތެރެއިން ކުޑަކަމުދާ ހޮޅީގެ ދޮރުން ލާފައި މަނިތައް ހަށިގަނޑުން ބޭރުވެގެން ދެއެވެ.

އުރަވަޅީގެ ތެރޭގައި އޮށް އެއްކޮށްވެސް ނިވާކުރެވިފައިވަނީ ޓިޔޫނިކާ ވެޖައިނާލިސް(tunica vaginalis) އިންނެވެ. މިއީ އޮށުގެ އެންމެ ބޭރުން ލެވިފައިވާ ފަށަލަ އެވެ. މިއީ އެތެރެހަށީގެ ގުނަވަންތަކުގެ ބޭރުގައިވާ ދުލިފަށަލަ(peritoneum) އިގެ ބައެކެވެ. މިއިން ބެދިފައިވާ ކޮތަޅެއް އުފެދެއެވެ. މިކޮތަޅުގެ ތެރޭގައި ތަތް ދިޔައެއް ހުރެއެވެ. މިކޮތަޅުން އޮށުގެ ކުރިމަތި  އަދި ދެއަރިމަތި އެއްކޮށް ނިވައިކޮށްދެއެވެ. މިކޮތަޅު އޮށުގެ ސަތަހަ ތެޔޮކަންމަތީ ދަމަހައްޓައިދެއެވެ. އެކަމުގެ ސަބަބުން އޮށަށް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ހަރަކާތްތެރި ވެއެވެ.  

ކުރިން ބުނި ޓިޔޫނިކާ ވެޖައިނާލިއަސް އަށްވުރެ އެތެރެއަށް އޮށުގެ ވަށައިގެން ލެވިފައިވާ ފަށަލަ އަކީ ޓިޔުނިކާ އަލްބުޖިނީއާ(tunica albuginea) އެވެ. މިއީ އޮށުގެ ވަށައިގެން ލެވިފައިވާ ފައިބަރުގެ ސެލޯށިތަކުން އުފެދިފައިވާ ކެޕްސޫލް އެކެވެ. މިފަށަލަ އިންނަނީ އޮށުގެ އެތެރެއަށް ހުރަސްތަކެއް ވާގޮތަށް ދޭތެރެ ދޭތެރެއިން ވަކި ދުރުމިނެއްގައި ވަދެފައެވެ. މިގޮތަށް ވަންނަ ހުރަސްތަކުން ބައިބައިވެގެން އުފެދިގެން ދަނީ ލޮބިޔޫލް(lobule) ތަކެވެ. ކޮންމެ އޮށެއްގައި މިފަދަ 300-200 އާ ދެމެދުގެ އަދަދަކަށް 'ލޮބިޔޫލް" ތައް ހުރެއެވެ. މިއިން ކޮންމެ ލޯބް އެއް ނުވަތަ ލޮބިޔޫލް އެއްގެ ތެރޭގައި 10-3 އާއި ދެމެދުގެ އަދަދަކަށް ކުދި ޓިބިޔޫލް ތައް ހުރެއެވެ. މިޓިބިޔޫލް ތަކަކީ މަނި އުފައްދައިދޭ ހޮޅި(seminiferous tubules) ތަކެވެ.

އޮށުގެ ވަޒީފާ

އޮށުން ފުރިހަމަކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި، ފިރިހެނާގެ ދަރިފަނި(މަނި) އުފެއްދުން، އަދި ފިރިހެނާގެ ޖިންސީ ހޯރމޯން "ޓެސްޓޮސްޓަރޯން"(testosterone) އުފެއްދުން ފަދަ ކަންތައްތައް ހިމެނެއެވެ. ދަރިފަނި(މަނި) ތައް އުފައްދަނީ އޮށުގެ ތެރޭގައިވާ ކުދިކުދި މަނި އުފައްދައިދޭ ހޮޅި ތަކުންނެވެ. އެއަށްފަހު ދަރިފަނިތައް ވާޞިލްވަނީ ރައްކާކޮށް ބަހައްޓައިދޭ މަނި ގުދަނަށެވެ.

ފިރިހެނާގެ ހަށިގަނޑުން މަނިބޭރުކުރުމާ، ޖިންސީ ހޯރމޯން އުފެއްދުން ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ދަށުގައިވާ "ޕިޓޫއިޓަރީ ގްލޭންޑް"(pituitary gland) އިން ބޭރުކުރާ "ގޯނަޑަޓްރޮޕިކް ހޯރމޯން"(Gonadotropic hormone) ތަކުގެ ސަބަބުންނެވެ. އެގޮތުން ހިމެނޭ ހޯރމޯންތަކަކީ ލޫޓީނައިޒިންގ ހޯރމޯން(LH)، އަދި ފޮލިކިޔުލަރ-ސްޓިމިއުލޭޓިންގ ހޯރމޯން(FSH) އެވެ. ލޫޓިނައިޒިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅައިދޭ ހޯރމޯން އަކީ ހައިޕޯތަލަމަސް(hypothalamus) އިން އުފައްދާ ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން(Gonadotropin releasing hormone) އެވެ. ލޫޓިނައިޒިންގ ހޯރމޯން ދޫކުރުން މަނާކުރަނީ ޓެސްޓޮސްޓަރޯން ހޯރމޯން އެވެ، އަދި ޓެސްޓޮސްޓަރޯން ހޯރމޯން ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން(Gonadotropin releasing hormone) ދޫކުރުން މަނާކުރެއެވެ. ވީމާލޭގައި ޓެސްޓޮސްޓަރޯންގެ މިންވަރު ދަށްވާއިރު ލޫޓިނައިޒިންގ ހޯރމޮން އަދި ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން ދޫކުރުން އިޔުރުވާނެ އެވެ. އަދި ލޭގައި ޓެސްޓޮސްޓަރޯންގެ މިންވަރު މަތިވާއިރަށް ލޫޓިނައިޒިންގ ހޯރމޮން އަދި ގޯނަޑަޓްރޮޕިން ރިލީޒިންގ ހޯރމޯން ދޫކުރުން މަދުވާނެ އެވެ.

އޮށުގައި ލޭ އަދި ލިމްފް ދައުރުވާގޮތް

އޮށަށް ލޭ ފޮނުވާ ގޮތާއި ލިމްފް އައިސްފައިވާގޮތް އުރަވަޅި އާއި ތަފާތެވެ. އެގޮތުން އޮށަށް ސާފުލޭ ފޮނުވައިދޭ ލޭހޮޅި ތައް (testicular arteries) އައިސްފައިވަނީ ސީދާ ''އެބްޑޮމިނަލް އެއޯޓާ''(Abdominal aorta)އިންނެވެ. މިލޭހޮޅިތައް ބަނޑުން ތިރިއަށް އުރަވަޅީގެ ތެރެއަށް އަންނަނީ އިންގުއައިނަލް ކެނަލް ހުރަސްކޮށް، ސްޕަމެޓިކް ކޯޑުގެ ތެރެއިންނެވެ. މީގެ އިތުރުން އިންފީރިއަރ އެޕިގެސްޓްރިކް އާޓަރީ(inferior epigastric artery) އިން ނިކުމެފައިވާ ކްރިމެސްޓެރިކް އާޓަރީގެ ގޮފިތަކުން ވެސް އޮށަށް ސާފުލޭ ފޯރުކޮށްދެއެވެ. އަދި އިންފީރިއަރ ވެސައިކަލް އާޓަރީ (inferior vesical artery)އިން ނިކުމެފައިވާ އާޓަރީ އޮފް ދަ ވެސް ޑިފަރަންސް އިން ވެސް އޮށަށް ސާފުލޭ ފޯރުކޮށްދޭކަން ފާހަގަ ކުރެވެއެވެ.

އޮށުގެ ތެރެއިން ނުސާފުލޭ އަނބުރާ ގޮސް ހުސްވަނީ ޓެސްޓިކިޔުލަރ ވެއިން(testicular veins) ތަކަށެވެ. މިވެއިން ތައް އުފެދިގެން އަންނަނީ އުރަވަޅީގައި ހުންނަ ޕެމްޕިނިފޯރމް ޕްލެކްސަސް(pampiniform plexus) ތަކުންނެވެ. ވާތް ފަރާތުގެ ޓެސްޓިކިޔުލަރ ވެއިން ހުސްވަނީ އެފަރާތު ރީނަލް ވެއިން(left renal vein)  އަށެވެ. އަދި ކަނާތް ފަރާތުގެ ޓެސްޓިކިޔުލަރ ވެއިން ހުސްވަނީ ސީދާ އިންފީރިއަރ ވީނާކޭވާ(inferior vena cava)  އަށެވެ.

އުރަވަޅިއާ، މިހިސާބުގައި ހިމެނޭ އެހެން ބައިތަކަށް ލޭ ފޮނުވައިދެނީ ''އިންޓާރނަލް ޕިއުޑެންޑަލް އާޓަރީ''(Internal pudendal artery) އިންނެވެ. އޮށުން ލިމްފް ތައް ދަތުރުކުރަނީ ''ޕެރައައޮޓިކް ލިމްފް ގޮށް''(Paraaortic lymph node)ތަކަށެވެ. އަދި އުރަވަޅިން ލިމްފް ތައް ދަތުރުކުރަނީ ''އިންގުއައިނަލް ލިމްފް ގޮށް''(Inguinal lymph node) ތަކަށެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 މައުލޫމާތު :

Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

 Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

https://teachmeanatomy.info/pelvis/the-male-reproductive-system/testes-epididymis/

https://www.bartleby.com/107/258.html

 

އުރަވަޅި



އުރަވަޅި

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި(scrotum) އަކީ އޮށް، އަދި ސްޕަމެޓިކް ކޯޑު އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީ އަކީ ފުރަގަސްފަރާތު ދޮރު ނުވަތަ ދުރަނާއި، ޒަކަރާއި ދެމެދުން ހަށިގަނޑުން ބޭރަށް އެލިފައި އޮންނަ ފައިބްރޯމަސްކިޔުލަރ ކޮތަޅެކެވެ.

އިންސާނާގެ އުރަވަޅި އަކީ ވަރަށް އިހުސާސް މަތި އެއްޗެކެވެ. އެއީ އޭގައި ބީހުމުން ހިތްހަމަޖެހުން ލިއްބައިދޭ މަސްދަރެއް ކަމުގައި ބެލެވެއެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އުރަވަޅީގައި އަތްލައި، މަސާޖުކޮށް، މޮޑެ ހެދުމަކީ ފިރިހެނާއަށް ޖިންސީ ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

އުރަވަޅިން ހަށިގަނޑުން ބޭރުގައި އިނުމުގެ ހިކުމަތަކީ އުރަވަޅި އަކީ ހަށިގަނޑުގެ އެހެން ހިސާބުތަކަށްވުރެ ދަށް ފިނިހޫނުމިނެއް ބޭނުންވާ ތަނަކަށްވުމެވެ. މިގޮތަށް ދަށް ފިނިހޫނުމިނެއް ހުރުމަކީ ފިރިހެނާގެ ދަރިފަނި އުފެއްދުމަށް މުހިއްމު ކަމެކެވެ. 

އުރަވަޅި އެކުލެވި އުފެދިފައިވާގޮތް

ބަނޑުގައި ދަރިފުޅު އޮންނައިރު އުރަވަޅި އުފެދިގެން އަންނަނީ ލޭބިއޯސްކޮރޮޓަލް ސްވެލިންގ(labioscrotal swelling) ނުވަތަ ޖެނިޓަލް ސްވެލިންގ އިންނެވެ. މިއީ ތުއްތު ދަރިފުޅު ބަނޑުގައި އަށަގަންތާ 4 ހަފްތާއާއި ހިސާބުގައި އުފެދޭ ބައެކެވެ. އުރަވަޅީގެ ފާރުގެ ބޯމިނަކީ ގާތްގަނޑަކަށް 8 މިލިމީޓަރެވެ. ލޭބިއޯސްކޮރޮޓަލް ސްވެލިންގ އިން ފިރިހެނުންގެ ހަށިގަނޑުގައި އުރަވަޅި ހެދި ބޮޑުވެގެން އަންނައިރު، އަންހެނުންގެ ހަށިގަނޑުގައި ހެދިބޮޑުވެގެން އަންނަނީ ފަރުޖުގެ އަރިމަތީ ބޮޑު ތުންފަތެވެ. މާބަނޑުވުމަށްފަހު ގާތްގަނޑަކަށް 32 ހަފްތާ ހިސާބުގައި ދަށްބަނޑުން ތިރިއަށް އުރަވަޅީގެ ތެރެއަށް އޮށްފައިބާނެ އެވެ.

އުރަވަޅި މެދުން ދެބަޔަށް ބަހާލަނީ ސްކޮރޮޓަލް ރޭފީ(scrotal raphe) އިންނެވެ. މިބައި ކުރިޔަށް ގޮސް ގުޅެނީ ޒަކަރުގެ ދަށު ސަތަހައާއެވެ. ފަހަތުން ގޮސްފައިވަނީ މެދު ރޮނގުން ފުރަގަސްފަރާތާއި ދިމާލަށެވެ. ބޭރުފުށުން އުރަވަޅި ދެބައިކޮށްދެނީ ސްކޮރޮޓަލް ރޭފީ އިން ކަމަށްވިޔަސް އެތެރެއިން ދެއުރަވަޅި ވަކިކޮށްދޭ ބަޔަކީ  ސްކޮރޮޓަލް ސެޕްޓަމް(scrotal septum) އެވެ. އުރަވަޅި އެކުލެވިގެންވަނީ ދެ ފަށަލައެއްގެ މައްޗަށެވެ. އެއީ ހަން، އަދި އޭގެ ދަށުގައިވާ ޑާރޓޯސް ޓިޔުނިކާ ނުވަތަ ޑާރޓޯސް މަސްކޮޅެވެ.

ހަން (integument): އުރަވަޅިގެ ހަމަކީ އަނދިރި ، ތުނި އެއްޗެކެވެ. ހަންގަނޑު ހުންނަނީ ރޫޖެހިފައި ހުންނަ ފާޑަކަށެވެ. އުރަވަޅީގެ ހަމުގައި ހުންނަ "ސެބަޝިއަސް ފޮލިކަލް"(sebaceous follicle) ތަކުން ޚާއްޞަ ވަހެއް އެކުލެވޭ ދިޔައެއް ދޫކުރެއެވެ. އުރަވަޅީގެ ހަމުން ތެޔޮމާއްދާ، އަދި ދާ ދޫކުރެއެވެ. އުރަވަޅީގެ ހަމުގައި ވަރަށް ތުނިތުނިކޮށް އިސްތަށި ފަޅާފައި ހުރެއެވެ. މިއިސްތަށިތަކުގެ ބުޑުތައް އުރަވަޅީގެ ހަމުގެ ތެރެއިން ފާޅުވެ ފެންނަށް ހުރެއެވެ.

ޑާރޓޯސް މަސްކޮޅު (dartos muscle): މިއީ އުރަވަޅީގެ ހަމުގެ ދަށުގައި އިންނަ މަސްކޮޅެކެވެ. މިމަސްކޮޅަށް ޑާރޓޯސް ޓިޔުނިކާ(dartos tunica) މިހެން ވެސް ކިޔައެވެ. މިމަހުގެ ފައިބަރު ކުރިޔަށް ގޮސްފައިވަނީ ފުރަގަސްފަރާތާއި، އުކުޅުވަޅުގެ ސްޕަފިޝަލް ފޭޝިއާ މިދެފަށަލަ އާއި އެކުގައެވެ. އުރަވަޅީގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމުގައި މިމަސްކޮޅު ޝާމިލް ވެއެވެ. އެގޮތުން އުރަވަޅީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް މިމަސްކޮޅު ކުރުގެޅިލުމުން ހަމުގައި ރޫޖެހޭނެއެވެ. މިގޮތަށް ރޫޖެހި ކުރުގެޅި ލުމުން އުރަވަޅީގެ ސަތަހީ ސަރަހައްދު ކުޑަވެ، އުރަވަޅީގެ ހަމުން ހޫނު ބޭރުވުން ދަށްކޮށްދޭނެ އެވެ.

އުރަވަޅީގެ ވަޒީފާ

އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އަދި އޮށް ރައްކާތެރިކޮށްދިނުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ތަންކޮޅެއް ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިނަ (36.7 ޑިގްރީ ސެލްޒިއަސް)ށް، ނުވަތަ އެއަށްވުރެ މައްޗަށް، އޮށުގެ ފިނިހޫނުމިން (ގިނަ އިރުތަކެއްވަންދެން/ ދިގުމުއްދަތަކަށް) ހިނގައްޖެ ނަމަ ފިރިހެނާގެ ދަރިފަންޏަށް ގެއްލުން ލިބެއެވެ. އެހެންކަމުން ފިރިހެނާގެ ދަރިފަނީގެ ދުޅަހެޔޮކަމަށްޓަކައި ހަށިގަނޑުގެ އާންމު ފިނިހޫނު މިނަށްވުރެ ދަށް ފިނިހޫނުމިން އޮށުގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ބައެއް ކަހަލަ ހާލަތްތަކުގައި މިސާލަކަށް ކަސްރަތުކުރުން، މާބޮޑަށް ފިނިވުން، އަދި ޖިންސީ އެދުންވެރިކަން އައުން ފަދަ ހާލަތްތަކުގައި އުރަވަޅީގައި ހުންނަ މަސްކޮޅުތައް ފިތި ކުރުގެޅޭގޮތް ވެއެވެ. މިހެންވުމުން މިފަދަ ހާލަތުގައި އޮށް ހަށިގަނޑާ ކައިރިއަށް(ގާތަށް) ޖެހިލާގޮތް ވެއެވެ. މިހެންވުމުން އޮށުގެ ފިނިހޫނުމިން މައްޗަށްދާނެއެވެ. ހޫނުވުން، ނުވަތަ އަރާމުކުރުން (ކަމެއްނުކޮށްހުރުން) ފަދަ ހާލަތްތަކުގައި އުރަވަޅީގެ މަސްތައް ދޫވެ، ހަމައަކަށްއެޅި، ތިރިއަށްދެމި(ޖެހި) މަޑުކަމެއް އުރަވަޅިއަށް އަންނަގޮތް ވެއެވެ. މިހެންވުމުން އޮށް ހަށިގަނޑާ ފެއަށް(ދުރަށް) ޖެހޭގޮތް (ތިރިއަށް އެލިފައި އިންނަގޮތްވުން) ވެއެވެ. އަދި އޮށުގެ ފިނިހޫމިން ދަށްކޮށްލާނެއެވެ. މިބަދަލުތައް މިގޮތަށް އައުމުން ދޭހަކޮށްދެނީ އުރަވަޅީގެ މައި މަސައްކަތަކީ އޮށުގެ ފިނިހޫނުމިން ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައިދިނުން ކަމެވެ. އެހެންކަމުން އުރަވަޅިން އަބަދުވެސް އޮށުގެ ފިނިހޫނު މިން ހުރި މިންވަރު ބަލަމުންގެންދާނެ އެވެ. އަދި ދުޅަހެޔޮ ދަރިފަންޏެއް އުފެއްދުމަށް ބޭނުންވާނެ ފިނިހޫނު މިން އޮށުގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުން ގެންދާނެ އެވެ.

އުރަވަޅީގައި ހިމެނޭ ބައިތައް

އުރަވަޅީގެ ތެރޭގައި މައިގަނޑު 3 ބައެއް ހިމެނެއެވެ. އެއީ ސްޕަމެޓިކް ކޯޑު، އޮށް، އަދި މަނި ރައްކާކޮށްދޭ ގުދަނެވެ. މީގެ އިތުރުން އުރަވަޅީގެ ތެރޭގައި ހުންނަ ބައިތަކުގެ ތެރޭގައި މަނި ހޮޅި ،  އެކްސްޓާރނަލް ސްޕަމެޓިކް ފޭޝިއާ، މަހުގެ ފައިބަރުތައް ފަދަ ބައިތައް ހިމެނެއެވެ.

އޮށް (testes): އޮށަކީ ދަރިފަނި ނުވަތަ މަނި އުފައްދައިދޭ މަރުކަޒެވެ. ކޮންމެ އޮށަކުން ވެސް ހޯރމޯން ވެސް އުފައްދާނެ އެވެ. އެންމެ އާންމުކޮށް އުފައްދާ ހޯރމޯން އަކީ ފިރިހެން ހޯރމޯން ޓެސްޓޮސްޓަރޯން އެވެ. އޮށުން މިހޯރމޯންތައް އުފައްދަނީ ސިކުނޑީގައިވާ ހައިޕޯތަލަމަސް އަދި ޕިޓޫއިޓަރީ ގްލޭންޑްގެ އެހީގައެވެ. އޮށުގައި އުފައްދާ ދަރިފަނި ދެން ދަތުރުކުރަނީ އުރަވަޅީގެ ތެރޭގައިވާ މަނިގުދަނަށެވެ. މަނި ބޭރުވަންދެން ނޫނީ ބޭރުވާން ޖެހެންދެން މަނިކޮށާރުކޮށް ގުދަން ކުރެވިފައި ހުންނަނީ މަނިގުދަނުގައެވެ.

ސްޕަމެޓިކް ކޯޑް (spermatic cord): ސްޕަމެޓިކް ކޯޑަކީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ނުވަތަ އުފުލައިދޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ.

މަނިގުދަން (epididymis): މިއީ ކޮންމެ އޮށެއްގެ ބޮލުގައިވާ ނުވަތަ ބޯމަތީގައިވާ އެއްޗެކެވެ. ނުވަތަ ތަނެކެވެ. އާންމު ގޮތެއްގައި މަނި އުފެއްދުމަށްފަހު ހަށިގަނޑު ބޭރުކުރަންވަންދެން، ގުދަންކޮށް ކޮށާރުކޮށްފައި ހުންނަނީ މިތަނުގައެވެ.

ޑާރޓޯސް މަސްކޮޅު (dartos muscle): މިއީ އުރަވަޅީގެ ހަމުގެ ދަށުގައި އިންނަ މަސްކޮޅެކެވެ. އުރަވަޅީގެ ފިނިހޫނުމިން ކޮންޓްރޯލްކުރުމުގައި މިމަސްކޮޅު ޝާމިލް ވެއެވެ. އެގޮތުން އުރަވަޅީގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް މިމަސްކޮޅު ކުރުގެޅިލުމުން ހަމުގައި ރޫޖެހޭނެއެވެ. މިގޮތަށް ރޫޖެހި ކުރުގެޅި ލުމުން އުރަވަޅީގެ ސަތަހީ ސަރަހައްދު ކުޑަވެ، އުރަވަޅީގެ ހަމުން ހޫނު ބޭރުވުން ދަށްކޮށްދޭނެ އެވެ.

ކްރިމަސްޓެރިކް މަސްކޮޅު (cremasteric muscle: މިއީ ވެސް އުރަވަޅީގެ ތެރޭގައި އިންނަ މަސްކޮޅެކެވެ. ރައްކާތެރިކޮށްދިނުމުގެ މަސައްކަތް ކޮށްދޭ މިމަސްކޮޅަކީ ދެބަޔަށް އިންނަ މަސްކޮޅެކެވެ. އަދި ކޮންމެ ފަރާތެއްގެ އުރަވަޅީގައި ވެސް މިމަސްކޮޅު އިންނާނެ އެވެ. މިމަސްކޮޅު ބެހިފައިވާ ދެބައިން، އެއްބަޔަކީ ގަޔާއި ގާތަށްވީ ބައެވެ. މިބައި ފެށިގެން އަންނަނީ "ޕިޔުބިކް ޓިޔުބާރކްލް"(pubic tubercle) އިންނެވެ. ދެވަނަ ބަޔަކީ ގަޔާއި ދުރުވީ ބައެވެ. މިބައި ފެށިގެން އަންނަނީ އިންޓާރނަލް އޮބްލިކިޔޫ(internal oblique) މަސްކޮޅުންނެވެ.

ލޭދައުރުވުން / ފަތިނާރުތައް

އުރަވަޅިއަށް ސާފުލޭ ގެނެސްދެނީ އެކްސްޓާރނަލް ޕިޔުޑެންޑަލް އާޓަރީ(external pudendal artery) އިން ނިކުމެފައިވާ އެންޓީރިއަރ ސްކޮރޮޓަލް އާޓަރީ(anterior scrotal artery) ގެ އިތުރުން އެހިސާބުގައިވާ އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ(internal pudendal artery އިން ނިކުމެފައިވާ ޕޯސްޓީރިއަރ ސްކޮރޮޓަލް އާޓަރީ(posterior scrotal artery) އިންނެވެ. އުރަވަޅިން ނުސާފުލޭ އަނބުރާ ގެންގޮސްދެނީ ސްކޮރޮޓަލް ވެއިން(scrotal veins) ތައް މެދުވެރިގެން، އެކްސްޓާރނަލް ޕިޔުޑެންޑަލް ވެއިން(external pudendal veins) ތަކަށެވެ.

އުރަވަޅީގެ ކުރިމައްޗާއި އަރިމައްޗަށް އައިސްފައިވާ ފަތިނާރަކީ އެންޓީރިއާ ސްކޮރޮޓަލް ނާރވް(anterior scrotal nerve) ތަކެވެ. މިއި އިލިއޯއިންގުއައިނަލް ނާރވް(ilioinguinal nerve) އަދި ޖެނިޓޯފެމޯރަލް ނާރވް(genito femoral nerve) އިން ނިކުމެފައިވާ ޖެނިޓަލް ބްރާންޗް(genital branches) ތަކުން އައިސްފައިވާ ފަތިނާރު ތަކެކެވެ. އުރަވަޅީގެ ފަހަތަށް އައިސްފައިވާ ފަތިނާރަކީ ޕޯސްޓީރިއަރ ސްކޮރޮޓަލް ނާރވް(posterior scrotal nerve) ތަކެވެ. މިއީ ޕޯސްޓީރިއަރ ފެމޯރަލް ކިޔުޓެނިއަސް ނާރވް(posterior femoral cutaneous nerve) އަދި ޕިޔުޑެންޑަލް ނާރވް(pudendal nerve) އިން ނިކުމެފައިވާ ޕެރިނިއަލް ބްރާންޗް(perineal branches) ތަކުން އައިސްފައިވާ ފަތިނާރު ތަކެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :

Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

 Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

https://teachmeanatomy.info/pelvis/the-male-reproductive-system/scrotum/

https://www.bartleby.com/107/258.html

https://www.ncbi.nlm.nih.gov/books/NBK549893/

https://www.kenhub.com/en/library/anatomy/the-scrotum