Sunday, July 25, 2021

ކާޕަލް ޓަނެލް ސިންޑްރޯމް

 

ކާޕަލް ޓަނެލް ސިންޑްރޯމް

އަތްތިލަ އައްސިވާ ބަލި ނުވަތަ ކާޕަލް ޓަނެލް ސިންޑްރޯމް(Carpal Tunnel Syndrome)  އަކީ އަތުކުރީގައިވާ ފަތިނާރަކަށް ފިތުމުން ކުރިމަތިވާ ހާލަތެކެވެ. އާންމު ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތުކުރީގައިވާ "މީޑިއަން ނާރވް"(median nerve)  އަށް ފިތިގެންނެވެ. ނޫނީ އެފަތިނާރަށް ބާރުވެ، ފިތޭތީ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އަށް ބައެއް ފަހަރު "މީޑިއަން ނާރވް ކޮމްޕްރެޝަން"(median nerve compression) މިހެން ކިޔައި އުޅެއެވެ.

ކާޕަލް ޓަނެލް

ކާޕަލް ޓަނެލް(Carpal tunnel) އަކީ އަތްތިލައިގެ ބަނޑުފުށުގައި އިންނަ، އޭގެ ތެރެއިން ފަތިނާރުތައް އަތުގެ އިގިލިތަކަށް ގޮސްފައިވާ ހަނި މަގެކެވެ. އެގޮތުން އަތްދަނޑިން ފެށިގެން ގޮސް އަތްތިލައިގެ ތެރެއަށް މީޑިއަން ނާރވް ވަދެފައިވަނީ މިހަނިމަގު ނުވަތަ ޓަނެލްގެ ތެރެއިންނެވެ. މިޓަނެލްގެ ފުޅާމިނަކީ ގާތްގަނޑަކަށް އިންޗި އެކެވެ. މިޓަނެލްގެ ފުލާއި، އަރިމަތީގައިވަނީ އަތުކުރީގެ ކަށި(carpal bones) ތަކެވެ. ޓަނެލްގެ މަތި ނިވާކުރެވިފައިވަނީ ގުޅުވާދެނިވި ސެލޯށިތަކުން އުފެދިފައިވާ ވަރުގަދަ ލިގަމެންޓެއް ކަމުގައިވާ "ޓްރާންސްވާރސް ކާޕަލް ލިގަމެންޓް"(transverse carpal ligament)  އިންނެވެ.  އަތްތިލައިގެ އިގިލިތައް ލެންބުމަށް ބޭނުންވާ 9 ޓެންޑަން(tendons)  ގެ އިތުރުން މީޑިއަން ނާރވް ވެސް ގޮސްފައިވަނީ މި ޓަނެލްގެ ތެރެއިންނެވެ.


ކުޑަވައި އިގިލި ފިޔަވައި އަތުގެ އިގިލިތަކުގެ ބަނޑުފުށަށް އިހުސާސް ގެނެސްދެނީ މިފަތި ނާރުންނެވެ. މީގެ އިތުރުން ބޮޑުވައި އިގިލީގެ ބުޑުގައި ވަށައިގެން ހުންނަ މަސްކޮޅުތައް ހަރަކާތް ކުރުމަށް ވެސް މީޑިއަން ނާރވް އެހީތެރިވެދެއެވެ. ކުޑަވައި އިގިލި ފިޔަވައި އެހެން އިގިލިތަކުގެ ހަރަކާތާއި، އިހުސާސް ގައި ވެސް މީޑިއަން ނާރވް ބައިވެރިވެއެވެ.

މީޑިއަން ނާރވް އަށް ފިތި ވާންވެ ބާރުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަތްތިލައިގައި ރިހުން، އައްސިވުން، އަތްތިލައިގައި ކަށިހަރާހެން ހީވުން، އަދި އަތްތިލައިގެ ބާރުދޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުރިމަތިވާގޮތް

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތްތިލައިގައި ކާޕަލް ޓަނެލްގެ ތެރޭގައި ހުންނަ ޓެންޑަންތަކުގެ ވަށައިގެން ހުންނަ ސެލޯށި ތައް ނުވަތަ ޓިޝޫތައް ދުޅަވެ، މީޑިއަން ނާރވް އަށް ފިތޭގޮތްވުމުންނެވެ. ނުވަތަ މީޑިއަން ނާރވް ފިތި ބާރުވުމުންނެވެ. މިސެލޯށި ތަކަށް ކިޔަނީ "ސައިނޯވިއަމް"(synovium) އެވެ. ސައިނޯވިއަމް އަކީ ބަޔާންކުރެވުނު ޓެންޑަންތައް "ތެޔޮކަންމަތީ ބަހައްޓައިދީ"(Lubrication) އިގިލިތައް ފަސޭހައިން ހަރަކާތްތެރިކުރުމަށް އެހީވެދޭ އެއްޗެކެވެ. ސައިނޯވިއަމް ދުޅަވުމުން ކާޕަލް ޓަނެލްގެ ތެރޭގައި މީޑިއަން ނާރވް އަށް އިންނަ ޖާގަ ކުޑަވެ، މީޑިއަން ނާރވް އަށް ފިތޭގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަތްތިލައިގައި ރިހުން، އައްސިވުން، ކަށިހަރާހެންހީވުން، އަދި ބާރުދެރަވުން ކުރިމަތިކުރުވައެވެ.

ސަބަބު

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވަނީ އަތުކުރީގައިވާ ފަތިނާރުތަކުގެ ތެރެއިން "މީޑިއަން ނާރވް'' އަށް ފިތި ބާރުވުމުންނެވެ. ކާޕަލް ޓަނެލް އަށް ފިއްތައި، ބާރުކުރާ ކޮންމެ ކަމެއްގެ ސަބަބުން މީޑިއަން ނާރވް އަށް ފިތި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަތުގެ ނުވަތަ އަތްތިލައިގެ އިގިލިތައް ތަކުރާރުކޮށް ބޭނުންކުރަންޖެހޭ ފަދަ ކަންތައްތައް މިސާލަކަށް ޓައިޕުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ފެށިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. އަތުކުރި ބިއްދައިގެން ދިއުން، ނޫނީ އަތުކުރީގެ ކަށިތަކުގައި ރެނދުލުން ފަދަ ކަންކަމުގެ ސަބަބުން ކާޕަލް ޓަނެލް ހިމަވެ ނޫނީ ހަނިވެ އޭގެތެރެއިން ގޮސްފައިވާ މީޑިއަން ނާރވް އަށް ހިލިގަތުން ކުރިމަތިކުރުވައި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތި ކުރުވައެވެ. ރޫމަޓޮއިޑް އާތުރައިޓިސް ނުވަތަ ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން އަތުކުރީގެ ހުޅުތައް ދުޅަވުމަކީ ވެސް ކާޕަލް ޓަނެލް އަށް ފިތި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވަފާނެ ކަމެކެވެ. ތައިރޮއިޑްގެ މައްސަލަތަކުގެ ތެރެއިން ތައިރޮއިޑްގެ މަސައްކަތްތައް ދަށްވުން ނުވަތަ ހައިޕޯތައިރޮއިޑިޒަމް،މާބޮޑަށް ފަލަވެ ބަރުހެލިވުން، ހަކުރު ބަލި، އަދި މާބަނޑުވުން ފަދަ ކަންކަމުގެ ސަބަބުން ވެސް ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ވަރަށް ގިނަ ފަހަރު އެންމެ ކަމެއްގެ ސަބަބުން ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިނުވެ ހިނގައިދާނެ އެވެ. ނަމަވެސް ބައިވަރު ކަންކަން އެއްވުމުން ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެގެންދާކަން ފާހަގަ ކުރެވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމާއި، ވަރަށް ގިނަ ކަންތައްތަކާއި ގުޅުން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައްތަކަކީ ސީދާ ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވާ ކަންކަމުގައި ނުވިކަމުގައި ވިޔަސް، އެކަންކަމުގެ ސަބަބުން މީޑިއަން ނާރވް ހިލިގަނެ، އެފަތިނާރަށް ގެއްލުންކުރުވައިފާނެ ކަންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އަންނަނިވި ކަންތަކަކީ ކާޕަލް ޓަނެލް ސިންޑްރޯމް އަށް މަގުފަހިކުރުވައިފާނެ ކަންތައްތަކެވެ.

(ހ) އެނަޓަމިކަލް ފެކްޓަރ : އަތްތިލައިގެ ކުޑަހުޅު ނުވަތަ އަތުކުރި ބިނދުން ނޫނީ ރެނދުލުން، އަތުލުކުރީގެ ހުޅު ނެއްޓުން ، އަތުކުރީގެ ކުދި ކަށިތައް އައިބުކުރުވައިދޭ އާތުރައިޓިސް ކުރިމަތިވުން ފަދަ ކަންކަމަކީ ކާޕަލް ޓަނެލްގެ އެތެރޭގެ ޖާގަޔަށް ބަދަލު ގެނެސް، މީޑިއަށް ނާރވް އަށް އޮއްބައި، ފިތޭގޮތް މެދުވެރިކުރުވާ ކަމެކެވެ.

(ށ)  ޖިންސް : ކާޕަލް ޓަނެލް ސިންޑްރޯމް ފިރިހެނުންނަށްވުރެ އަންހެނުންގެ ތެރޭގައި އާންމުކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަންހެނުންނަށް ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ 3 ގުނަ އިތުރެވެ. މިއީ ފަހަރުގައި އަންހެނުންގެ ކާޕަލް ޓަނެލް ނިސްބަތުން ފިރިހެނުންނަށްވުރެ ކުޑަވުމުން ވެދާނެ ގޮތެއް ކަމަށް ބެލެވެއެވެ.

(ނ) ފަތިނާރު ތަކަށް ގެއްލުން ލިބެނިވި ހާލަތްތައް : ހަކުރު ބަލި ފަދަ ދާއިމަށް ބޭސްކާ ބަލިތަކުގެ ސަބަބުން ނާރުތަކަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން މީޑިއަން ނާރވް އަށް ވެސް ގެއްލުން ލިބި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ރ) އިންފްލެމޭޝަންތައް : ރާއްޖެ ބަލި ފަދަ ބަލިތަކުގެ ސަބަބުން އަތުކުރީގެ ޓެންޑަން ތަކުގެ ބަތާނަފަށަށް ގެއްލުންދީ، ކާޕަލްޓަނެލްއަށް ފިތި، މީޑިއަން ނާރވް އަށް ފިތި، ބާރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ކުރިމަތިވުން ގާތެވެ.

(ބ) ބައެއް ކަހަލަ ބޭސްތައް : އުރަމަތީގެ ކެންސަރުގެ ފަރުވާގައި ބޭނުންކުރާ "އެނަސްޓްރޮޒޯލް" އާއި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމާއި ގުޅުމެއްވާކަމަށް ބައެއް ދިރާސާތަކުން ފާހަގަ ކުރެވިފައި ވެއެވެ.

(ޅ) މާބޮޑަށް ފަލަވުން : މާބޮޑަށް ބަރުހެލިވެ ފަލަވުމަކީ ކާޕަލް ޓަނެލް ސިންޑްރޯމް އަށް މަގުފަހިކުރާ ކަމެކެވެ.

(ކ) ހަށިގަނޑުގައި ހިމެނޭ ދިޔާތަކެތީގެ މިންވަރަށް ބަދަލުއައުން : ހަށިގަނޑުގައި ދިޔާތަކެތި ޖަމާވެ، ފޮއްސިވުމަކީ ކާޕަލް ޓަނެލްގައި ޕްރެޝަރު މަތިވެ، މީޑިއަން ނާރވް އަށް އޮއްބައި ފިއްތައިފާނެ ކަމެކެވެ. މިއީ މާބަނޑު ދުވަސްވަރު، އަދި އިއްދައިން ކެނޑުމަށްފަހު އާންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ވިހެއުމަށްފަހު އޭގެ ޒާތުގައި މަޑުމަޑުން ރަނގަޅުވެގެން ދެއެވެ.

(އ) އެހެން ބައެއް ޞިއްޙީ މައްސަލަތައް : އިއްދައިންކެނޑުން، ތައިރޮއިޑް މައްސަލަތައް، ގުރުދާ ފޭލްވުން، އަދި ލިމްފްއެޑީމާ ފަދަ މައްސަލަތަކަކީ ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންކަމެވެ.

(ވ) މަސައްކަތުގެ މާހައުލުން ދިމާވެދާނެ ކަންތައްތައް : ވައިބްރޭޓްވާ ފަދަ އާލާތެއް އަތާއި އިގިލިތަކުގެ އެހީގައި ބޭނުންކުރަން ޖެހޭނަމަ، ނޫނީ އަބަދު އަތުގެ ކުޑަހުޅު ލަންބަންޖެހޭ ކަހަލަ މަސައްކަތެއް ކުރާނަމަ، މިސާލަކަށް ޓައިޕުކުރުން، ފެހުން، ވިޔުން، ބޯކޮށުން، މިއުޒިކުކުޅުން، ބޭކަރީގައި މަސައްކަތްކުރުން ފަދަ ކަންކަމުގެ ސަބަބުން ކުރިން ވެސް ގެއްލުން ލިބިފައިވާ ފަތިނާރަކަށް ނޫނީ ނާރަށް އިތުރަށް ވާންވެ، ފިތޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް އެފަދަ ކަމެއް ކުރަނީ ފިނި މާހައުލެއްގައި ކަމުގައިވާނަމަ އެކަން އިތުރުވެގެން ދެއެވެ. ނަމަވެސް މިފަދަ ކަންތައްތަކުގެ ސަބަބުން ސީދާ ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިކުރުވާކަން އިލްމީ ގޮތުން ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.

ކޮމްޕިއުޓަރު ބޭނުންކުރުމާއި، ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމާއި ގުޅުމެއް ވޭތޯ ބެލުމަށް ވަރަށް ގިނަ ދިރާސާތައް ހެދިފައި ވެއެވެ. އެގޮތުން ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި މައްސަލަ ކުރިމަތިވަނީ ކީބޯޑު ބޭނުންކުރުމަކުން ނޫނެވެ. އޭގެ ބަދަލުގައި މައުސް ބޭނުންކުރުމުންނެވެ. ދިގު މުއްދަތަކަށް ކޮމްޕިއުޓަރު ބޭނުންކުރުމުން އަތުކުރީގައި ރިއްސުން ކުރިމަތި ކުރުވި ނަމަވެސް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތި ކުރުވާ ކަމެއް ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.

(މ) ވާރުތަވުން : ކާޕަލް ޓަނެލް އުފެދުމުގައި ކުޑަކޮށް ހުންނަ މީހުންނަށް ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. މިފަދަ ހާލަތްތަކާއި ގުޅިގެން އާއިލާގެ ތެރޭގައި ކާޕަލް ޓަނެލް ސިންޑްރޯމް ދައުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ފ) އަތުގެ އިގިލިތައް ތަކުރާރުކޮށް ބޭނުންކުރަންޖެހުން : މަސައްކަތުގެ ގޮތުން ނަމަވެސް އަތުގެ ނުވަތަ އަތްތިލައިގެ އިގިލިތައް ތަކުރާރުކޮށް ބޭނުންކުރަންޖެހޭ ފަދަ ކަންތައްތައް މިސާލަކަށް ޓައިޕުކުރުން، ވިޔުން، ފެހުން ފަދަ ކަންތައްތަކުގެ ސަބަބުން ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ފެށިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ.

(ދ) މާބަނޑުވުން : މާބަނޑުވުމުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ފޮއްސިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފޮއްސިވުން ކުރިމަތިވުމުން ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފެންނަމުން އަންނަނީ މަޑުމަޑުން ލަސްލަހުންނެވެ. އެގޮތުން އަތްތިލައާއި އިގިލިތައް އައްސިވުން، ކަށިހަރާހެންހީވުން، ދިލަނެގުން އަދި ރިހުން މިއީ އެންމެ ފުރަތަމަ ފެންނަށް ފަށާނެ އަލާމާތްތަކެވެ. މިއުދަނގޫތައް ކުޑަވައި އިގިލި ފިޔަވައި އެހެން ހުރިހާ އިގިލިތަކަކުން ފާހަގަ ކުރެވިދާނެ އެވެ. މިކަންކަން ބައެއް ފަހަރު އަތްދަނޑިން ވެސް ފާހަގަ ކުރެވިދާނެ އެވެ.

ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފުރަތަމަ ފާހަގަވާން ފަށަނީ ރޭގަނޑުގައެވެ. އެއީ ރޭގަނޑު ނިދާގަޑީގައި ގިނަ މީހުން އަތުކުރި ލަންބާލައިގެން އޮވެ ނިދާތީ އެވެ. އެކަމުގެ ސަބަބުން މީޑިއަން ނާރވް ފިތޭތީއެވެ. ނޫނީ ފިއްތާތީ އެވެ. ބައެއް ފަހަރު މިއުދަނގޫތައް ވާތީ ނިދިން ހޭލެވި އަތްތިލަ ތަޅުވާލަން ނޫނީ ހަރަކާތްކޮށްލަށް ބޭނުންވެދާނެ އެވެ. އުދަނގޫތައް އިތުރުވަމުން އަންނަވަރަކަށް ދުވާލު ގަޑީގައި ވެސް މިއުދަނގޫތައް ފާހަގަކުރެވެން ފަށާނެ އެވެ. ދުވާލުގަޑީގައި މިއުދަނގޫތައް ބޮޑަށް ފާހަގަކުރެވެނީ އަތްތިލައާއި އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ (ފެހުން، ވިޔުން، ފޮތެއްހިފައިގެން އިނުން، ނޫސްކިޔުން، ޓައިޕުކުރުން، ފޯނާއި ކުޅުން ފަދަ ) ކަމެއް ކުރުމުގެ ތެރޭގައެވެ.

ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް ފެންނަށް ފަށާތާ ކުރީކޮޅު އަލާމާތްތައް ފެނިލާފައި ރަނގަޅުވެލާފައި ނޫނީ އައިސްފައި ގޮސްދާނެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް އުދަނގޫތައް ކުރިމަތިވާ މިންވަރު އިތުރުވެގެންދެއެވެ.

ބައެއް ފަހަރު ކުރިން ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން އަންނަނިވި ކަންތައްތައް ވެސް ކުރިމަތިވެދާނެ އެވެ.

·         އަތުގެ އިގިލިތައް ދުޅަވެފައި ހުންނަހެން ހީވުން

·         އަތްތިލައިގައި ހުންނަ ރިހުން މައްޗަށް ގޮސް އަތްދަނޑި، މުލައްދަނޑި އަދި ކޮނޑުހުޅާއި ހަމައަށް ފޯރުން

·         ކުޑަވައި އިގިލި ނޫން އެހެން އިގިލިތަކަށް "ޝޮކެއް" އަންނަ ކަހަލަ އިހުސާސްވުން

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވެ، ގިނަ ދުވަސްވާވަރަކަށް އަތްތިލައިގެ ހުންނަ މުށްކެވުމުގެ ބާރަށް ބަދަލު އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         އަތުން ހިފައިގެން ހުންނަ އެއްޗެއް އަތުން ދޫވެ، ވެއްޓުން

·         ގަމީހުގައި ގޮށްއެޅުވުން، ވިޔުން ފަދަ ކަވި މަސައްކަތްތައް ކުރަން އުދަނގޫވުން

·         ކުރިން މުށްކެވި ގޮތަށް މުށްކަވަށް އުދަނގޫވުން

އާންމު ގޮތެއްގައި ކާޕަލް ޓަނެލް ސިންޑްރޯމް ފެންނަން ފަށަނީ ލަސްލަހުން މަޑުމަޑުންނެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ހުރިނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އައްސިވުން ނުވަތަ / އަދި ކަށިހަރާހެންހީވުން : އަތްތިލަ ނޫނީ އިގިލިތައް (ކުޑަވައި އިގިލި ފިޔަވައި) އައްސިވެ، އަތްތިލައާއި އިގިލިތަކުގައި ކަށިހަރާހެން ހީވެދާނެއެވެ. އާންމު ގޮތެއްގައި މިގޮތަށް އައްސިހުރުމާއި، ކަށިހަރާހެން ހީވުން ކުރިމަތިވަނީ ކުޑަވައި އިގިލި ނޫން އެހެން އިގިލިތަކަށެވެ. އެހެންކަމުން ކުޑަވައި އިގިލި ނޫން އެހެން އިގިލިތަކުގައި އިލެކްޓްރިކް ޝޮކެއް ދިނުމުން ވާކަހަލަ އިހުސާސެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އައްސިވެ، ކަށިހަރާހެން ހީވުމާއެކު ބައެއް ފަހަރު ދިލަނަގައި ހިރުވައިފާނެ އެވެ. ކާޕަލް ޓަނެލް ސިންޑްރޯމް އާއި ގުޅިގެން އަތްތިލައިގައި ހުންނަ ކަށިހަރާހެން ހީވާ ކަހަލަ އިހުސާސް އަތްތިލައިން މައްޗަށް ގޮސް އަތްދަނޑީގައި ވެސް ކަށިހަރާހެން ހީވުމަކީ ވެދާނެ ގޮތެކެވެ. އަދި މައްޗަށް ގޮސް ކޮނޑުހުޅާއި ހަމައަށް ވެސް އައްސިވުމާއި ކަށިހަރާހެންހީވުމުގެ އިހުސާސް ފެތުރިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އައްސިވުމާއި ކަށިހަރާހެންހީވުން އެންމެ ފުރަތަމަ ފާހަގަވަނީ ނިދާ ގަނޑީގައެވެ. އެހެންކަމުން ބައެއް ފަހަރު މިއުދަނގޫތަކުގެ ސަބަބުން ނިދާފައި އޮއްވައި ހޭލެވުމަކީ އެކަށީގެންވާ ކަމެކެވެ.ދުވާލު ގަޑީގައި މިއުދަނގޫތައް ބޮޑަށް އިހުސާސްވާނީ ފޯނާއިކުޅުން، ފޯނުގެންގުޅުން، ފޮތްކިޔަން ފޮތެއްގައި ހިފުން، ނޫސް ކަރުދާހެއް ހިފައިގެންއިނުން، ނުވަތަ ދުއްވާ އެއްޗެއްގެ ހުންގާނުގައި ހިފައިގެން އިނުން ފަދަ އަތުގެ ކުޑަހުޅު ލަންބާލައިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކުރުމުގެ ތެރޭގައެވެ.

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވާތާ ކުރީކޮޅު އަތްތިލަ ތަޅުވާލުމުން ފަހަރުގައި  އައްސިވުން ފަދަ ބަލީގެ އުދަނގޫތައް ލުއިވެދާނެ އެވެ. ނަމަވެސް ގިނަ ދުވަސްވުމުން މިގޮތަށް އަތްތިލަ ތަޚުވާ ހެދިޔަސް އައްސިކަން ފިލައިނުދެއެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ގިނަ ދުވަސްވާވަރަކަށް އަތްތިލައިގައި ހުންނަ މުށްކެވުމުގެ ބާރު ކުޑަވަމުން ދެއެވެ. ގިނަ ދުވަސްވާވަރަކަށް އަތްތިލައިގައި ރިހުމާއި، ވާޅުވުން އިތުރުވެގެން ދެއެވެ.

ކާޕަލް ޓަނެލް ސިންޑްރޯމް ކުރިމަތިވުމުން އާންމުކޮށް މީޑިއަން ނާރވް މަސައްކަތް ކުރަމުން އައިގޮތަށް (މީޑިއަން ނާރވް އަށް ފިތޭތީ) އޭގެ ވަޒީފާ އަދާކުރުމަށް ނުކުޅެދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންނަނިވި ކަންތައްތައް ކުރިމަތިވެއެވެ.

·         ފަތިނާރުން ފޮނުވާ ސިގުނަލް ފޮނުވުން ލަސްވުން

·         އިގިލިތަކުގެ އިހުސާސް ދަށްވުން

·         އަތުގެ ބޮޑުވައި އިގިލި ބޭނުންކުރަން ދަތިވުން

(ށ) ބާރުދޫވުން ނުވަތަ ވަރުދެރަވުން : އަތުގެ ބާރު ދޫވެ، އަތުން ހިފައިގެން ހުންނަ އެއްޗެއް އަތުން ދޫވެ ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އަތުން އެއްޗެތި ހިފައިގެން ހުރުމަށް ނުވަތަ އުޅުމަށް އުދަނގޫވެދާނެ އެވެ. މިއީ އަތްތިލަ އައްސިވެފައި ހުރުމުގެ ސަބަބުން ނުވަތަ ބޮޑުވައި އިގިލީގައި އެއްޗެތީގައި ހިފުމަށް ހުންނަ މަސްތަކުގެ ބާރުދޫވުމުގެ ސަބަބުން ކުރިމަތިވާ ކަމަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

ކާޕަލް ޓަނެލް ސިންޑްރޯމް ދެނެގަތުމަށްޓަކައި މައިގަނޑު ގޮތެއްގައި ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ބަލިމީހާގެ ގާތުގައި އަހައި އޮޅުން ފިލުވޭ މައުލޫމާތުތައް  : ބަލިމީހާގެ ކިބައިން ބަލިމީހާއަށް ކުރިމަތިވެފައިވާ އުނދަގޫތަކާ ބެހޭގޮތުން ޑޮކްޓަރުން ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވައި ހަދާނެއެވެ. އަތުގެ ކުޑަވައި އިގިއްޔަކީ މީޑިއަން ނާރވް އިން އިހުސާސް ފޯރުކޮށްދޭ ފަތިނާރަކަށް ނުވުމުން އެއިގިލި އައްސިވުމާއި، ރިހުން ފަދަ ކަންކަމަކީ ކާޕަލް ޓަނެލް ސިންޑްރޯމް ނޫން އެހެން މައްސަލައަކަށް ވުމަކީ ގާތް ކަމެކެވެ.

ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް އާންމުކޮށް ފާހަގަވާން ފަށަނީ ނޫސް ކަރުދާސް، ފޯނު، އުޅަނދެއްގެ ހުންގާނު ފަދަ އެއްޗެއް ބޭނުންކުރާ ވަގުތުގައެވެ. ނޫނީ އެފަދަ އެއްޗެއް ބޭނުންކުރުމުގެ ތެރޭގައެވެ. މިއުދަނގޫތައް ރޭގަނޑު ކުރިމަތިވެ، އެކަމުގެ ސަބަބުން ރޭގަނޑު ނިދާފައި އޮއްވައި ހޭލެވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ހެދުނު ހޭލާއިރު އަތްތިލަ އާއި، އިގިލިތައް އައްސިވެފައި ހުރިކަން ފާހަގަ ކުރެވިދާނެ އެވެ.

(ށ) ޖިސްމާނީ ގޮތުން ބަލިމީހާގެ ހަށިގަނޑު ބެލުން (physical examination): ޖިސްމާނީ ގޮތުން ބަލާބެލުމުގައި އިގިލިތައް، އަތްތިލަ، އަތްދަނޑި، މުލައްދަނޑި، އަދި ކޮނޑު ގެ މަސްތަކާއި، ނާރުތަކުގެ މަސައްކަތް ހުރިނެތްގޮތް ބަލާނެއެވެ. ޖިސްމާނީ ގޮތުން ބަލިމީހާ ބެލުމުގައި އަތުގެ އިގިލިތަކުގެ އިހުސާސް ހުރިނެތްގޮތް، އަދި އަތްތިލައިގެ މަސްތަކުގެ ބާރު ހުރިނެތްވަރު ޑޮކްޓަރުން ބަލާނެއެވެ. އަތުކުރި ލެންބުމާއި، ފަތިނާރަށް އޮއްބުން، ނޫނީ ފިތައި ހެދުން ފަދަ ކަންކަމަކީ ވަރަށް ގިނަ މީހުންނަށް ބަލީގެ އުނދަގޫތައް ފެންނަށް ނޫނީ ފާހަގަވާން ފަށާނެ ކަމެކެވެ.

(ނ) ޓިނެލް ސައިން (Tinel Signs): މިޓެސްޓު ހެދުމަށްޓަކައި ރިފްލެކްސް ހެމަރ (ޑޮކްޓަރުން ބޭނުންކުރާ މަރުތެޔޮ ފަދަ އާލާތް) އަކުން އަތުކުރީގައިވާ މީޑިއަން ނާރވް ގައި މަޑުމަޑުން ޖަހާލާނެއެވެ. ނޫނީ ރިފްލެކްސް ހެމަރ އިން މީޑިއަން ނާރވް މައްޗަށް އޮއްބައި ފިއްތާލާނެ އެވެ. މިގޮތަށް ފިއްތާލުމުން ކަށިހަރާހެން ހީވާނަމަ، ނޫނީ ކަރަންޓް ޝޮކެއް ލިބުނު ކަހަލަ އިހުސާސެއްވާނަމަ އޭގެ މާނައަކީ ޓެސްޓު ޕޮޒިޓިވް ވުމެވެ. މާނައަކީ ފަހަރުގައި ކާޕަލް ޓަނެލް ސިންޑްރޯމް އެމީހަކަށް ކުރިމަތިވެފައި ވުމެވެ.

(ރ) ފެލެންސް މެނޫވަރ  (Phalen’s Maneuver): މިއީ ވެސް އަތުކުރި ލަންބާލައިގެން ހަދާ ޓެސްޓެކެވެ. ނުވަތަ "ރިސްޓް ފްލެކްޝަން ޓެސްޓް" އެކެވެ. މިޓެސްޓު ހެދުމަށްޓަކައި އަތްތިލަކުރިޔަށް އިގިލިތައް ތިރިޔަށް ވާގޮތަށް ( 90 ޑިގްރީ ވާގޮތަށް) ލަންބާލައިގެން 2-1 މިނިޓް ވަންދެން ހުންނާނީ އެވެ. މިގޮތަށް ހުރުމުން އިގިލިތައް އައްސިވެ، ކަށިހަރާހެން ހީވާނަމަ އޭގެ މާނައަކީ ކާޕަލް ޓަނެލް ސިންޑްރޯމް ހުރުމެވެ.

(ބ) ޓޫ-ޕޮއިންޓް ޑިސްކްރިމިނޭޝަން ޓެސްޓު (Two point discrimination test): މިޓެސްޓު ހެދުމަށްޓަކައި އަށް ފަރާތް ހުންނަ، ކޮންމެ ފަރާތަކުން ތިނޯހެއް ފަދަ އެއްޗެއް ނުވަތަ އެއްޗެތި ތަކެއް ހަރުކޮށްފައިވާ ފަތާކޮށް އޮންނަ ކުޑަ އަދަވާތެއް ބޭނުންކުރާނެއެވެ. މިއަދަވާތަށް ކިޔަނީ " ޓޫ ޕޮއިންޓް ޑިސްކް-ކްރިމިނޭޓަރ"(2point disk criminator) އެވެ. މިއަދަވާތުގައި ތިނޯސް ފަދަ އެއްޗެތި ހަރުކޮށް ހުންނަނީ ކޮންމެ ދޭތި ދެމެދުގައި ވަކި ދުރުމިނެއް ހުންނަ ގޮތަށެވެ. މިސާލަކަށް ފުރަތަމަ ދެ ތިނޯސް ހަރުކޮށްފައިވަނީ ¼ ސެންޓިމީޓަރު ދުރުމިނުގައި ނަމަ، 2 ވަނަ 2 ތިނޯސް ހަރުކޮށްފައި ހުންނަނީ ½ ސެންޓިމީޓަރު ދުރުމިނުގައެވެ. 3 ވަނަ ދެތިނޯސް ހަރުކޮށްފައި ހުންނަނީ 1 ސެންޓިމީޓަރުގެ ދުރުމިނުގައެވެ. އަދި ޖެހިގެން އިންނަ 2 ތިނޯސް ހަރުކޮށްފައި އިންނަނީ 1.5 ސެންޓިމީޓަރުގެ ދުރުމިނުގައެވެ. އަދި އަށްފަރާތުން ކޮންމެވެސް އެއް ފަރާތެއްގައި ތިނޯސް ފަދަ އެންމެ އެއްޗެއް ހަރުކޮށްފައި ހުރެދާނެ އެވެ. މިޓެސްޓު ހަދާއިރު ބަލިމީހާގެ ގައިގައި މިއަދަވާތް ޖެއްސުމަށްފަހު (ނުފެންނަހެން / ލޯމަރައިންހުރުމަށްބުނެފައި) ބަލިމީހާއަށް އިހުސާސްވަނީ ކިތައް ޕޮއިންޓްތޯ އޮޅުން ފިލުވާނެއެވެ. އެގޮތުން ދުރުން ހުރި ޕޮއިންޓްތަކުން ( 1.5 ސެންޓިމީޓަރުން) ޖައްސަމުން ، އަހަމުން ގެންގޮސް، އެންމެ ފަހުން އެންމެ ޕޮއިންޓެއް ގައިގައި ޖެއްސުމަށްފަހު އިހުސާސްވާގޮތް އަހައި އޮޅުން ފިލުވާނެއެވެ. މީގެ ބޭނުމަކީ ކައިރި ދެޕޮއިންޓެއް އިހުސާސްވޭތޯ ދެނެގަތުމެވެ. އެގޮތުން އެންމެ ޕޮއިންޓެއް އިހުސާސްވަނީ ކޮން ދުރުމިނެއްގައި ހަރުކޮށްފައިވާ ދެ ތިނޯހެއް ޖެއްސުމުންތޯ ބަލާނެއެވެ. އެގޮތުން ފާހަގަވާ ދުރުމިނަކީ "ތްރެސްހޯލްޑް ފޮރ ޑިސްކްރިމިނޭޝަން"(threshold for discrimination)  އެވެ. އާންމު ގޮތެއްގައި 0.5 ސމ ދުރުމިނުގައި ދެ ޕޮއިންޓް ހުރިނަމަ، ވަކި ދެޕޮއިންޓެއްގެ ގޮތުގައި ( ވަކި ދޭއްޗެއް ޖެހުނުކަމުގެ އިހުސާސް) ފާހަގަކުރެވޭނެ އެވެ. ނޫނީ އިހުސާސް ކުރެވޭނެ އެވެ. ނަމަވެސް ދެޕޮއިންޓް ޖެއްސި ކަމުގައި ވިޔަސް އެންމެ ޕޮއިންޓެއް ޖެހުނުކަމުގެ އިހުސާސް ކުރެވޭނަމަ އެއީ ކާޕަލް ޓަނެލް ސިންޑްރޯމް ހުރުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

(ޅ) ނާރވް ކޮންޑަކްޝަން ސްޓަޑީ  (Nerve conduction study): މިއީ ކާޕަލް ޓަނެލް ސިންޑްރޯމް އާއި އަދި ބައެއް އެހެން ފަތިނާރު ތަކާއި ގުޅޭ ބަލިތައް ދެނެގަތުމަށް ހަދައިފާނެ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށްޓަކައި 2 އިލެކްޓްރޯޑް އުޅަބޮށީގެ ކައިރިން ހަމުގައި ހަރުކުރެވެއެވެ. އެއަށްފަހު ޑިވައިސް އެއްގެ އެހީގައި މީޑިއަން ނާރވް އަށް އިލެކްޓްރިކް ކަރަންޓް ފޯރުވައިދެވެއެވެ. އެއަށްފަހު ކާޕަލް ޓަނެލްގެ ތެރޭގައި ފަތިނާރުގެ އިލެކްޓްރިކް އިމްޕަލްސް ނުވަތަ ކަރަންޓް ސިގްނަލް ދައުރުވުމުގައި ލަސްކަމެއް ހުރިތޯ ނުވަތަ ނެތްތޯ ބެލޭނެ އެވެ. ނާރވް ކޮންޑަކްޝަން ސްޓަޑީ ގެ އެހީގައި ފަތިނާރެއްގައި ކަރަންޓް ސިގުނަލް، ނުވަތަ ފަތިނާރަކުން މަސްކޮޅަކަށް ކަރަންޓް ސިގުނަލް ގެންގޮސްދެނީ ކިހާ އަވަހަކަށްކަން މިންކޮށްދޭނެ އެވެ. ކުރިން ބުނި ގޮތަށް އުޅަބޮށީގެ ކައިރީގައި 2 އިލެކްޓްރޯޑް ހަރުކުރުމަށްފަހު، އާދައިގެ މިންވަރަކަށް މީޑިއަން ނާރވް އަށް ކަރަންޓް ފޯރުކޮށްދިނުމަށްފަހު، ކަރަންތް ސިގުނަލް އުޅަބޮށިން ފެށިގެން އަތުގެ އިގިލިތަކާއި ހަމައަށް ދިއުމަށް ހޭދަވާ ވަގުތު މިންކުރެވެއެވެ. އެގޮތުން އުޅަބޮއްޓާއި ހަމައިން އަތުގެ އިގިލިތަކާއި ހަމައަށް ކަރަންޓް ސިގުނަލް ދިއުމަށް ވަގުތު ނަގާ މިންވަރު ގިނަވާވަރަކަށް އޭގެ މާނައަކީ މީޑިއަން ނާރވް އަށް ލިބިފައިވާ ގެއްލުން ބޮޑުވުމެވެ.

(ބ) އިލެކްޓްރޯމެޔޯގްރަފީ (Electromyography): މިއީ މީޑިއަން ނާރވް އިން ކޮންޓްރޯލްކުރާ މަސްތަކަށް ގެއްލުން ލިބިފައިހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. ނުވަތަ މަސްތަކުގެ އިލެކްޓްރިކަލް އެކްޓިވިޓީ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށްޓަކައި އަތާއި، އަތްތިލައިގައި މީޑިއަން ނާރވް އިން އިމްޕަލްސް ލިބޭ މަސްކޮޅުތަކަށް ކުޑަ ތިނޯހެއް ފަދަ އިލެކްޓްރޯޑް އެއް ކޮށްޕާލާނެއެވެ. ނުވަތަ ހަރުކޮށްލާނެއެވެ. ހަރުކުރި އިލެކްޓްރޯޑް އިން މަސްކޮޅުތަކަށް ކަރަންޓް ސިގުނަލް ފޯރުވައިދޭނެއެވެ. މި އިލެކްޓްރޯޑް ހަރުކުރުމަށްފަހު އަތްތިލަ އެތައް ފަހަރަކު މުށްކެވުމަށްފަހު ، އަލުން އަތްތިލަ ހުޅުވައި ހަދަންޖެހިދާނެއެވެ. މި ޓެސްޓު ހެދުމުން މީޑިއަން ނާރވް އަށް ގެއްލުން ލިބިފައިވާނަމަ އެކަަން ދެނެގަނެވެއެވެ.

(ނ) އިމޭޖިންގ ޓެސްޓުތައް (Imaging tests): އަތުކުރި، ނޫނީ އަތްތިލައިގެ ކަށިތަކުގައި ރެނދުލުން، ބިނދުން، ނޫނީ އެކަށިތަކުގައި އާތުރައިޓިސްގެ އަސަރު ހުރިތޯ ބެލުމަށް ބައެއް ފަހަރު އަތްތިލައާއި، އަތުކުރީގެ އެކްސް ރޭ ނެގެއެވެ. ނަމަވެސް އެކްސް ރޭ ނެގުމަކީ ކާޕަލް ޓަނެލް ސިންޑްރޯމް ދެނެގަތުމަށް އެހާ ބޭނުންތެރި ކަމެއް ނޫނެވެ. ބައެއް ފަހަރު މިހިސާބުގެ ސްކޭން އެއް ވެސް ހަދައިފާނެއެވެ. ނޫނީ އެމްއާރުއައި ވެސް ހަދައިފާނެއެވެ. އެކްސްރޭ އަކުން އާތުރައިޓިސްގެ އަސަރުތައް ދެނެގަނެވުމުގެ އިތުރުން ކަށިތަކުގައި ރެނދެއް ހުރިނަމަ އެކަމެއް ދެނެގަނެވޭނެ އެވެ. އެމްއާރުއައި ނުވަތަ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި މީޑިއަން ނާރވް ފިތިފައިވުން، ނުވަތަ ދުޅަވެފައިވުން ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.

ފަރުވާ

ކާޕަލް ޓަނެލް ސިންޑްރޯމް ގެ އުދަނގޫތައް ފެންނަށް ފެށުމާއެކު ފަރުވާކުރަން ފެށުމަކީ މުހިއްމު ކަމެކެވެ. އަލާމާތްތައް ފެންނަށް ފަށާތާ ކުރީކޮޅު ވަރަށް ކުދިކުދި ކަންތައްތައް ކޮށްލައިގެން ބަލީގެ އުދަނގޫތަކަށް ލުއިކަން ހޯދިދާނެއެވެ. އެގޮތުން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         އަތްތިލައާއި އިގިލިތައް ބޭނުންކުރަންޖެހޭ މަސައްކަތްތައް ކުރާއިރު ދޭތެރެ ދޭތެރެއިން ހުސްވަގުތުކޮޅު ނެގުން

·         ބަލީގެ އުދަނގޫތައް އިތުރުވެދާނެ ފަދަ ކަންކަމާއި އަމަލުތަކުން ދުރުހެލިވުން

·         އަތްތިލައިގައި އުފެދޭ ދުޅަ ތިރިކުރުމަށްޓަކައި އައިސް ޕެކް ނުވަތަ ކޯލްޑް ޕެކް ޖެއްސުން

ފަރުވާގެ ގޮތުގައި ކުރެވޭ އެހެން ކަންތައްތަކުގެ ތެރޭގައި އަތުކުރީގައި ހުޅުގާޑުޅުން، ބޭސް ބޭނުންކުރުން، އަދި އޮޕަރޭޝަންކުރުން ހިމެނެއެވެ. އަތުކުރީގައި ހުޅުގާޑު އެޅުން ފަދަ ކަންކަމުން ފައިދާކުރަނީ އާދައިގެ ވަރަކުން ފެށިގެން މެދުމިންވަރަކަށް ބަލީގެ އުދަނގޫތައް ކުރިމަތިވާނަމަ އެވެ.

ސާޖަރީ ނޫން އެހެން ފަރުވާތައް

ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ސާޖަރީ ނޫން އެހެން ފަރުވާތައް ބޭނުންކޮށްގެން ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ކުޑަކޮށް ލުއިކަން ހޯދައިދެވިދާނެ އެވެ.

(ހ) އަތުކުރީގައި ހުޅުގާޑު އެޅުން  (Wrist splint or Braces): ރޭގަނޑު ނިދާއިރު އަތުކުރީގައި ހުޅުގާޑު އެޅުމަކީ ރޭގަނޑުގެ ވަގުތުތަކުގައި ކުރިމަތިވެދާނެ އައްސިވުން، އަދި ކަށިހަރާހެން ހީވުން ފަދަ އުނދަގޫތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އަތުކުރީގައި ހުޅުގާޑު އަޅުވަނީ އަތްތިލައިގެ ހަރަކާތްތައް ކުޑަކޮށް، މީޑިއަން ނާރވް އަށް ފިއްތާ ފިއްތުން ކުޑަކުރުމަށްޓަކައެވެ. އަތުކުރީގައި ހުޅުގާޑު ރޭގަނޑު ނިދާއިރު އެޅިކަމުގައި ވިޔަސް އެކަމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ވެސް ބަލީގެ އުދަނގޫތަކަށް ލުއިކަން ލިބެއެވެ. ރޭގަނޑު ނިދާއިރު އަތުކުރީގެ ހުޅުގާޑު އެޅުމަކީ މާބަނޑު ދުވަސްވަރު ކާޕަލް ޓަނެލް ސިންޑްރޯމްގެ އުދަނގޫތައް ލުއިކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު ގޮތެކެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން  (NSAIDs): ކާޕަލް ޓަނެލް ސިންޑްރޯމް އާއި ގުޅިގެން އަތްތިލައާއި އިގިލިތަކުގައި އުފެދޭ ރިހުމާއި ތަދު ކުޑަކުރުމަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް މިފަދަ ބޭސްތައް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްފަހު ގައެވެ. އަމިއްލައަށް މިފަދަ ބޭސްތައް ޑޮކްޓަރަކަށް ދެއްކުމަކާއި ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

(ނ) ކޯޓިކޯސްޓީރޮއިޑް  (Corticosteroids): ކާޕަލް ޓަނެލް ސިންޑްރޯމް އާއި ގުޅިގެން އުފެދޭ ރިހުމާއި ތަދު ކުޑަކުރުމަށް ބައެއް ފަހަރު ކާޕަލް ޓަނެލް އަށް ކޯޓިޒޯން ފަދަ ކޯޓިކޯސްޓީރޮއިޑް އިންޖެކްޝަން ޖަހައިފާނެ އެވެ. މިއިންޖެކްޝަން ޖެހުމަށް ބައެއް ފަހަރު ސްކޭންގެ އެހީ މާނައަކީ ސްކޭންކޮށްގެން ބަލަމުންގެންދަމުން މިއިންޖެކްޝަން ޖަހަން ޖެހިދާނެ އެވެ.

ކޯޓިކޯސްޓީރޮއިޑް އަކީ ކާޕަލް ޓަނެލް ސިންޑްރޯމް އާއި ގުޅިގެން އުފެދޭ ދުޅައާއި އިންފްލެމޭޝަން ކުޑަކޮށްދޭނެ ކަމެކެވެ. ދުޅަ ތިރިވުމަކީ މީޑިއަން ނާރވް އަށް އިންނަ ޕްރެޝަރު (ފިތޭގޮތްވުން) ކުޑަކޮށްދޭނެ ކަމެކެވެ. އިންޖެކްޝަން އާއި އަޅާބަލާއިރު ގުޅަ ބޭހުގެ ގޮތުގައި ކޯޓިކޯސްޓީރޮއިޑް ބޭނުންކޮށްގެން މާބޮޑު ފައިދާއެއް ވާކަމަކަށް ނުދައްކައެވެ.

އޮޕަރޭޝަންކުރުން / ސާޖަރީ ހެދުން

ކާޕަލް ޓަނެލް ސިންޑްރޯމް ގެ އުދަނގޫތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާނަމަ، ނޫނީ ކާޕަލް ޓަނެލް ސިންޑްރޯމް އަށް ދޭ އެހެން ފަރުވާ ތަކުން ލުއިކަން ނުލިބުނުމަ، ދެން އޮންނަނީ އޮޕަރޭޝަން ކުރުމެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ހުރުމުން ކުރެވޭ އޮޕަރޭޝަނުގެ ބޭނުމަކީ މީޑިއަން ނާރވް އަށް ފިއްތާ ލިގަމެންޓް ބުރިކޮށްލައިންގެ، ކާޕަލް ޓަނެލް އަށް ނުވަތަ މީޑިއަން ނާރވް އަށް ފިތޭފިތުން ނައްތާލުމެވެ. ނުވަތަ މީޑިއަން ނާރވް ފިތި ބާރުވުމުން ކުޑަކުރުމެވެ.

ކާޕަލް ޓަނެލް ސިންޑްރޯމް ހުރެގެން އޮޕަރޭޝަން ކުރާއިރު ދެގޮތަކަށް އޮޕަރޭޝަން ކޮށްދާނެއެވެ.

(ހ) އެންޑޯސްކަޕިކް ސާޖަރީ (Endoscopic surgery): މިއީ އަތްތިލަ، ނުވަތަ އަތުކުރިން ކުޑަ ތަންކޮޅެއް ކަފާލައި އޭގެތެރެއިން ކުޑަކުޑަ ކެމެރާއެއް ލައްވާފައިވާ އެންޑްސްކޯޕް އެއް ލައްވައިގެން ކާޕަލް ޓަނެލް އަށް ފިއްތާ ކާޕަލް ލިގަމެންޓް ބުރިކޮށްލުމަށް ކުރެވޭ ސާޖަރީ އެކެވެ. ބައެއް ފަހަރު ބައެއް ޑޮކްޓަރުން އެންޑޮސްކޯޕް ގެ ބަދަލުގައި ސްކޭންކޮށްގެން ބަލަމުންގެންދަމުން ވެސް ކާޕަލް ލިގަމެންޓް ބުރިކޮށްލައެވެ. މިގޮތަށް އޮޕަރޭޝަން ކުރުމުން ބަލިމީހާއަށް ސާޖަރީއަށްފަހު ތަދު އިހުސާސް ކުރެވޭލެން ކުޑަކަން ފާހަގަ ކުރެވެއެވެ.

(ށ) އޯޕަން ސާޖަރީ  (open surgery): މިއީ އަތްތިލައިގެ ހުދުހަމުގައި ކާޕަލް ޓަނެލް އާއި ދިމާލު މަތިން ތަންކޮޅެއް ކަފާލައިގެން ކާޕަލް ލިގަމެންތް ބުރިކޮށްލައި، މީޑިއަށް ނާރވް އަށް ފިތޭ ފިތުން ކުރުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.

ސާޖަރީ ހެދުމުގެ ކުރިން ކޮންމެ ސާޖަރީއެއްގެ ފައިދާ އާއި ގެއްލުން އަޅާކިޔައި، ޑޮކްޓަރާއި މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. ސާޖަރީއާއި ގުޅިގެން އަންނަނިވި ހިރާސްތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

·         ރަނގަޅަށް ކާޕަލް ލިގަމެންޓް ބުރިކޮށްނުލެވި އިނުން

·         ސާޖަރީ ކުރިތަނުގައި ލަކުނުލުން

·         ސާޖަރީ ކުރި ތަނުގެ ފާރުކޮޅުގައި އިންފެކްޝަން ހެދުން

·         އޮޕަރޭޝަން ކުރެވުނު ހިސާބުގައި ހުރި ލޭހޮޅިތަކާއި، ފަތިނާރު ތަކަށް ގެއްލުންވުން

ސާޖަރީއަށް ފަހު ރަނގަޅުވުމުގެ މަރުހަލާގައި ކާޕަލް ލިގަމެންޓް ކުރިއެކޭ އެއްގޮތަށް ހެދިބޮޑުވަމުން އަންނައިރު މީޑިއަން ނާރވް އަށް ކާޕަލް ޓަނެލްގެ ތެރެއިން އެކަށޭނަ ޖާގަ ލިބިގެން ދެއެވެ. އޮޕަރޭޝަނަށްފަހު އެތެރޭގެ ފާރުހިކި ރަނގަޅުވުމަށް ދެތިން މަސްވަރު ނަގައިފާނެއެވެ. ނަމަވެސް ބޭރުފުށުން ހަމުގައި ހުންނަ ފާރުހިކި ރަނގަޅުވާން ނަގާނީ ގާތްގަނޑަކަށް ދެތިން ހަފްތާ އެވެ. ސާޖަރީއަށް ފަހު ބުރިކޮށްލެވުނު ލިގަމެންޓް އެއްކޮށް ރަނގަޅުވަންދެން އަތްތިލައާއި އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ނުކޮށް މަޑުޖައްސާލުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އަތްތިލައާއި އިގިލިތައް ބޭނުންކުރަމުން ގެންދަންޖެހޭނީ މަޑުމަޑުން ކުރަމުން ބޭނުންކުރަމުން ގޮސް، އާންމުކޮށް ކުރަމުން އައިގޮތަށް ބޭނުންކުރަން ފަށާ ގޮތަށެވެ. މާނައަކީ ކުއްލިއަކަށް އޮޕަރޭޝަން ކުރާތާ ކުރީކޮޅުގައި، މާބޮޑަށް އަތްތިލައާއި އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ ކަންތައްތައް ނުކުރުމެވެ. ނޫނީ އެފަދަ ކަންތައްތައް ކުރުމުން ދުރުހެލިވުމެވެ.

ރައްކާތެރިވުން

ކާޕަލް ޓަނެލް ސިންޑްރޯމް އިން ރައްކާތެރިވުމަށް ކުރެވޭނެ ވަކި ކަންތައްތަކެއް ނުހުރެއެވެ. ނަމަވެސް ތިރީގައި މިވާ ކަންތައްތަކަކީ އެކަންކަމުގެ ސަބަބުން އަތްތިލައާއި، އިގިލިތަކަށް ކުރާ ބާރު ކުޑަކޮށްދޭނެ ކަމެކެވެ.

(ހ) ކީބޯޑު ފަދަ އެއްޗެއް ބޭނުންކުރާއިރު އަތްތިލައާއި، އަތުކުރި، އަދި އިގިލިތަކަށް ކުރާ ބާރުކުޑަކުރަން މަސައްކަތްކުރުން 

(ށ) އަތްތިލައާއި، އިގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތެއް ކުރާނަމަ، ދޭތެރެ ދޭތެރެއިން މަސައްކަތް މެދުކަނޑާލައި، ހުސްވަގުތުކޮޅެއް ހޭދަކުރުން

(ނ) އިށީދެގެން މަސައްކަތެއް ކުރާނަމަ، އިށީދެގެން އިންނަށް ޖެހޭ ރަނގަޅުގޮތް ޚިޔާރުކުރުން

(ރ) ކޮމްޕިއުޓަރު މަސައްކަތެއް ކުރާއިރު ބޭނުންކުރަން ފަސޭހަ ކޮމްޕިއުޓަރު މައުސް އެއް ޚިޔާރުކުރުން

(ބ) ފިނި މާހައުލެއްގައި މަސައްކަތްކުރާނަމަ އަތްތިލަ ހޫނުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން


ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

ހަވާލާ

·         https://www.mayoclinic.org/diseases-conditions/carpal-tunnel-syndrome/symptoms-causes/syc-20355603

·         https://www.webmd.com/pain-management/carpal-tunnel/carpal-tunnel-syndrome

·         https://wa.kaiserpermanente.org/kbase/topic.jhtml?docId=hw212331

·         https://orthoinfo.aaos.org/en/diseases--conditions/carpal-tunnel-syndrome/

·         https://orthoinfo.aaos.org/globalassets/pdfs/carpel-tunnel-syndrome.pdf

 

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް

 

ބިސްރަވައިގައި ސިސްޓް އުފެދޭ ބަލި

ބިސްރަވަ ނުވަތަ އޯވަރީގައި ސިސްޓް އުފެދޭ ބަލި (Polycystic Ovary Syndrome)ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަކީ ދަރިމައިވުމުގެ އުމުރުފުރާގެ އަންހެނުންގެ މެދުގައި އާންމު ހޯރމޯނަލް ޑިސްއޯޑަރ އެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް ބައެއް ފަހަރު މައްސަރުކަންތައް ވަރަށް ކުޑަކޮށް ޖެހިދާނެ އެވެ. އަނެއްބައި ފަހަރު މައްސަރު ކަންތައް ޖެހުމަށްފަހު ރަނގަޅުނުވެ ދިގުލައި ހިނގައިދާނެ އެވެ. މިމައްސަލަ ހުންނަ އަންހެނުންގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން " އެންޑްރޯޖަން" ގެ ނިސްބަތް މަތިވެދާނެ އެވެ.

ސަބަބު

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިކުރުވާ ސީދާ ނޫނީ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އަންނަނިވި ކަންތައްތަކަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތައް ކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

(ހ) – އިންސިއުލިންގެ މިންވަރު މާމަތިވުން : ހަށިގަނޑުގައި ހަކުރު ގެ މިންވަރު ކޮންޓްރޯލް ކުރާ ހޯރމޯން އިންސިއުލިން އުފައްދާ މިންވަރު މަތިވުމަކީ އެކަމުގެ ސަބަބުން އެންޑްރޯޖަން ހޯރމޯން އުފެއްދުން އިތުރުވެދާނެ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބިސްރަވައިން ބިސްދޫކުރުމުގެ މަސައްކަތަށް ބުރޫއަރާ ގޮތް ވެއެވެ. މާބޮޑަށް ބަރުހެލިވެ ފަލަވުމަކީ ވެސް އިންސިއުލިން އުފެއްދުން އިތުރުކުރާ ކަމެކެވެ.

(ށ) – ކޮންމެ ވެސް މިންވަރަކަށް އިންފްލެމޭޝަން އުފެދުން : ދިރާސާތަކުން ދައްކާގޮތުގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ކިބައިން ކޮންމެވެސް މިންވަރަކަށް އިންފްލެމޭޝަންގެ އަސަރު ފެނެއެވެ. މިފަދަ އިންފްލެމޭޝަންގެ ސަބަބުން ބިސްރަވައިގައި ސިސްޓް އުފެދިފައި ހުންނަ ބިސްރަވައިން އެންޑްރޯޖަން އުފެއްދުމަށް ބާރުއަޅައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހިތާއި، ލޭހޮޅިތަކުގެ މައްސަލަތައް މެދުވެރިކުރުވައެވެ.

(ނ) – ވާރުތަވުން : ދިރާސާތަކުން ދައްކާގޮތުގައި ބައެއް ކަހަލަ ވިރާސީ ބަހާތައް ހުރުމާއި، ބިސްރަވައިގައި ސިސްޓް އުފެދުމާއި ގުޅުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް އާއިލާތަކުގެ ތެރޭގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލަ ވާރުތަވަމުން އަންނަ ކަމެއްގެ ގޮތުގައި ދައުރުވާކަން ފާހަގަ ކުރެވެއެވެ. މާނައަކީ އާއިލާގެ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ ބައެއްގެ ކިބައިގައި ކުރިން ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ، އެއާއިލާގެ އެހެން މެންބަރުންގެ ކިބައިގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ހުރުމުގެ ފުރުޞަތު އޮތުމެވެ.

(ރ) – އެންޑްރޯޖަންގެ މިންވަރު މަތިވުން : ބިސްރަވައިން އާދަޔާ ޚިލާފަށް ގިނައިން އެންޑްރޯޖަން އުފެއްދުމުގެ ސަބަބުން މޫނުމަތިން އޮށާޅަނެގުމާއި، އާދަޔާ ޚިލާފަށް ގިނައިން އިސްތަށިފެޅުން ފަދަ ކަންތައްތައް ކުރިމަތިވެއެވެ.

އިންސިއުލިން އަށް އިޖާބަނުދިނުން

އިންސިއުލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ޗިސްމޭ އިން އުފައްދާ ހޯރމޯން އެކެވެ. މިއީ ލެއިން ހަށިގަނޑުގެ ސެލްތަކަށް ނޫނީ ދިރުތަކަށް ގުލްކޯޒު ނުވަތަ ހަކުރު ގެންގޮސްދިނުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ. ހަށިގަނޑުގެ ދިރުތަކުގެ ތެރޭގައި  ގުލްކޯޒު ބައިކޮށް ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެއެވެ.

އިންސިއުލިން އަށް އިޖާބަ ނުދިނުމުގެ މާނައަކީ ހަށިގަނޑުގެ ސެލޯށިތައް އިންސިއުލިންގެ މަސައްކަތަށް އިޖާބަނުދިނުމެވެ. މިހެންވުމުން ހަށިގަނޑުން އިތުރު އިންސިއުލިން އުފެއްދުމަށް ބާރުއަޅައެވެ.

އިންސިއުލިންގެ މިންވަރު މަތިވުމުން ބިސްރަވައިން ޓެސްޓޮސްޓަރޯން އުފެއްދުން އިތުރުކުރެއެވެ. މިއީ ބިސްރަވައިގައި އުފެދޭ ފޮލިކަލް (ބިސްރަވައިގެ ތެރޭގައި ބިސް ހެދިބޮޑުވާ ކޮތަޅުތައް) ތައް ހެދިބޮޑުވުމަށް ހުރަސްއަޅައި، ބިސްދޫކުރުމުން ދުރުކޮށްދޭ ހޯރމޯން އެކެވެ.

އިންސިއުލިން އަށް އިޖާބަ ނުދިނުމަކީ އެކަމުގެ ސަބަބުން ބަރުދަން އިތުރުވުމަށް ވެސް މަގުފަހިވާ ކަމެކެވެ. މާނައަކީ އޭގެ ސަބަބުން ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އުދަނގޫތައް އިތުރުވެގެން ދެއެވެ.


ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ ވަރަށް ގިނަ މީހުންގެ އަންނަނިވި ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

-          ޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު މަތިވުން : މިއީ ފިރިހެން ހޯރމޯން އެއްގެ ގޮތުގައި ބެލެވޭ ހޯރމޯން އެއް ކަމުގައި ވިޔަސް ވަރަށް މަދު މިންވަރަކަށް އަންހެނުންގެ ހަށިގަނޑުގައި ވެސް މިހޯރމޯން އުފައްދައެވެ.

-          ލޫޓިނައިޒިންގ ހޯރމޯންގެ މިންވަރު މަތިވުން : މިއީ ބިސްރަވައިން ބިސްދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ނަމަވެސް މާގިނައިން އުފައްދައިފިނަމަ އޭގެ ނޭދެވޭ އަސަރު ބިސްރަވަ އަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

-          ސެކްސް ހޯރމޯން ބައިންޑިންގ ގްލޯބިޔުލިންގެ މިންވަރު ދަށްވުން : މިއީ ޓެސްޓޮސްޓަރޯންއާއި ތަތްވެ، އޭގެ އަސަރު ކުޑަކުރުވައިދޭ، ލޭގައި އެކުލެވޭ ޕްރޮޓީން އެކެވެ.

-          ޕްރޯލެކްޓިން ހޯރމޯންގެ މިންވަރު މަތިވުން : މިއީ މާބަނޑު ދުވަސްވަރު އުރަމަތީގެ ގޮށްތަކުން ކިރު އުފައްދައިދިނުމަށް އެހީތެރިވެދޭ ހޯރމޯން އެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި މިފަދަ ހޯރމޯންތަކުގެ ހަމަހަމަކަން ގެއްލެނީ ކީއްވެގެންކަން ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.

ފާހަގަކުރެވޭ އަލާމާތްތަކާ ނިޝާންތައް

ކޮންމެ މީހަކަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތައް ނޫނީ އުނދަގޫތައް ކުރިމަތި ނުވެދާނެ އެވެ. އަދި އަލާމާތްތައް ފެނުނު ކަމުގައި ވިޔަސް އެކި މީހުންނަށް އެކި މިންވަރަށް އަލާމާތްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މީހުންނަށް ހަމައެކަނި މައްސަރު ކަންތަކަށް ބަދަލު އައިސް އުނދަގޫތައް ކުރިމަތިވެދާނެ އެވެ. އަނެއް ބައި މީހުންނަށް ދަރިމައިވުމުގައި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އަދި އަނެއް ބައި މީހުންނަށް މައްސަރުކަންތައް ތަރުތީބުން ކުރިމަތިނުވުމާއެކު، ދަރިމައިވުމުގައި ވެސް ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތަކާއި، ނިޝާންތައް އާންމު ގޮތެއްގައި ފުރާވަރުގެ ދުވަސްވަރު، ބާލިޣުވާތަނާހެން ނުވަތަ މައްސަރުކަންތައް ޖެހެން ފަށާތާ ކުރީކޮޅު ފެންނަށް ފަށައެވެ. އަނެއްބައި ފަހަރު މިބަލީގެ އަލާމާތްތައް ތަންކޮޅެއް ލަހުން ވެސް ފެންނަށް ފަށައިފާނެއެވެ. ޚާއްޞަކޮށް ހަށިގަނޑުގެ ބަރުދަން އިތުރުވެ ފަލަވުމުން މިބަލީގެ އަލާމާތްތައް ފެންނަށް ފެށުމަކީ އެކަށީގެންވާ ކަމެކެވެ.

މައިގަނޑު ސިފަތައް

އިގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާރވިސް އިން ހާމަކޮށްފައިވާ ގޮތުގައި ތިރީގައި ބަޔާންކޮށްފައިވާ 3 ކަމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް މައިގަނޑު 3 ސިފަ ނުވަތަ ދިމާވެދާނެ މައިގަނޑު 3 ކަންތަކެވެ. އެހެންކަމުން އަންނަނިވި ކަންތައްތަކުގެ ތެރެއިން މަދުވެގެން 2 ކަމެއް ތަޖުރިބާ ކުރެވޭނަމަ ނޫނީ ކުރިމަތިވެފައިވާނަމަ، އެއީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކަމުގައި ބެލެވިދާނެ އެވެ.

(ހ) – ގަވާޢިދުން މައްސަރުކަންތައް ނުޖެހުން : މީގެ މާނައަކީ ބިސްރަވަ އިން ގަވާއިދުން ބިސްދޫކުރަމުން ނުދިއުމެވެ. ގަވާޢިދު މައްސަރު ކަންތައް ނުޖެހުން، ނޫނީ މައްސަރު ކަންތައް މާބޮޑަށް ދިގުލައި ދިއުން ފަދަ ކަންކަމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގައި ފެންނަ އެންމެ އާންމު އަލާމާތް ތަކެވެ. މިސާލަކަށް އަހަރެއްގެ ތެރޭގައި 9 ފަހަރަށް ވުރެ މަދުން މައްސަރު ކަންތައް ޖެހިދާނެ އެވެ. ނޫނީ ދެމައްސަރު ދޭތެރޭގައި 35 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެދާނެ އެވެ. ނޫނީ މައްސަރު ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލޭފައިބައިފާނެ އެވެ.

(ށ) –އެންޑްރޯޖަން ގެ މިންވަރު މަތިވުން : އަންހެނާގެ ހަށިގަނޑުގައި ފިރިހެން ހޯރމޯން "އެންޑްރޯޖަން"ގެ ނިސްބަތް މަތިވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑުން ތަފާތު ނިޝާންތައް ފެނިދާނެ ކަމެކެވެ. އެގޮތުން ފެނިދާނެ ނޫނީ ފާހަގަ ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މޫނުމައްޗާއި، ހަށިގަނޑުގެ އެކި ހިސާބުތަކުގައި މާގިނައިން އިސްތަށިފެޅުން، ދޭތެރެއަކުން ވަރަށް ބޮޑަށް މޫނުމަތީގައި އޮށާޅަނެގުން، އަދި ފިރިހެނުންނެކޭ އެއްބީދައިން ބޮލުން އިސްތަށި ފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) – ބިސްރަވައިގައި ބައިވަރު ސިސްޓް އުފެދުން : މީގެ މާނައަކީ ބިސްރަވަ ބޮޑުވެ، އޭގެ ތެރޭގައި ދިޔާތަކެތިން-ފުރިފައިވާ ކޮތަޅުތަކެއް (ފޮލިކްލްސް) އުފެދުމެވެ. ބިސްރަވަ ސައިޒުން ބޮޑުވެ، އޭގެ ތެރޭގައި ސިސްޓް އުފެދި، ބިސްރަވައިން ދޫކުރާ ބިސްތަކުގެ ވަށައިގެން ސިސްޓް ތައް އުފެދޭގޮތް ވެއެވެ. ނޫނީ ހަރުލާފައި ހުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބިސްރަވައަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށް ހުރަސްތަކާ ކުރިމަތިވެއެވެ.

ޕޮލީސިސްޓިކް އޯވަރީ

ޕޮލީސިސްޓިކް އޯވަރީގެ މާނައަކީ މީގެ މާނައަކީ ބިސްރަވަ ބޮޑުވެ، އޭގެ ތެރޭގައި ދިޔާތަކެތިން-ފުރިފައިވާ ކޮތަޅުތަކެއް (ފޮލިކްލްސް) އުފެދުމެވެ. ނުވަތަ ބައިވަރު ސިސްޓް ބިސްރަވައިގައި ނޫނީ އޯވަރީގައި ހުރުމެވެ. އާންމު ގޮތެއްގައި މިފަދަ ބީދައިން ސިސްޓް އުފެދިފައި ހުންނަ އޯވަރީ އެއްގައި ވަރަށް ބައިވަރު ސިސްޓް ތައް ހުރެއެވެ. މިސިސްޓް ތަކުގެ ސައިޒު އުޅެނީ 8 މިލިމީޓަރު ވަރުގައެވެ.

ފޮލިކްލް ތަކަކީ ބިސް އޭގެ ތެރޭގައި ހެދިބޮޑުވާ ރަނގަޅަށް ފުރިހަމަނުވާ ކޮތަޅު (ސެކް) ތަކެއް ފަދަ އެއްޗެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގައި މި ސެކް ތަކުން ބިސްދޫކުރަން ނުކުޅެދެއެވެ. މާނައަކީ ބިސްރަވައިން ބިސް ދޫނުކުރުމެވެ. ބެލެވިފައިވާގޮތުގައި އިގިރޭސި ވިލާތު ގައި ކޮންމެ 10 މީހުންކުރެ 1 އަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލަ ދިމާވެފައިވާ މީހެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން ½ އަށްވުރެ ގިނަ މީހުންނަށް ބަލީގެ އަލާމާތްތައް ނޫނީ އުނދަގޫތައް ކުރިމައްޗެއް ނުވެއެވެ.

އަލާމާތްތައް

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގެ ނިޝާންތަކާއި، އަލާމާތްތައް އެކަކު އަނެކަކާއި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ޢާންމު ގޮތެއްގައި ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ އޭގެ އަލާމާތްތައް ފެންނަށް ފަށަނީ ފުރާވަޅުގެ ފަހުކޮޅުގައެވެ. ނުވަތަ އުމުރުން 20 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         މައްސަރު ކަންތައް ގަވާއިދުން ނުޖެހުން ، ނޫނީ އެއްގޮތަކަށް ވެސް މައްސަރުކަންތައް ނުޖެހުން

·         ދަރިމައިވުމަށް އުނދަގޫވުން – މިއީ ބިސްރަވައިން ބިސްދޫކުރުން ތަންޒީމުނުވުމުން ނޫނީ އެއްގޮތަކަށް ވެސް ބިސްރަވައިން ބިސްދޫނުކުރުމުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.

·         މާގިނައިން އިސްތަށި ފެޅުން – ޚާއްޞަކޮށް މޫނު، މޭމަތި، ބުރަކަށި ނުވަތަ ފިދު މަސްގަނޑުގައި އާދަޔާ ޚިލާފަށް އިސްތަށި ފަޅާފައި ހުރެދާނެ އެވެ.

·         ބަރުދަން އިތުރުވުން

·         ބޮލުން އިސްތަށި ފޭބުން ނުވަތަ ބޮލުގެ އިސްތަށިގަނޑު ތުނިވުން

·         ހަންގަނޑު ތެޔޮވުން ނޫނީ ހަމުން އޮށާޅަނެގުން

ދަރިމައިނުވުން

ދަރިމައިނުވުން ނުވަތަ ދަރިމައިވުމަށް އުނދަގޫވުމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ނޫނީ ދަރިމައިނުވުމަށް ދިމާވާ އެންމެ އާންމު ސަބަބަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އެވެ. ވަރަށް ގިނަ މީހުންނަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިކަން ދެނެގަނެވެނީ ދަރިޔަކު ހޯދަން ބޭނުންވެ، ކާމިޔާބު ނުވުމުން އެކަން ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރެއިންނެވެ.

އާންމު ގޮތެއްގައި ކޮންމެ މައްސަރެއްގެ ތެރޭގައި މަހަކު އެއްފަހަރު ބިސްރަވައިން ރަހިމުގެ ތެރެއަށް ބިސްދޫކުރަމުން ގެންދާނެއެވެ. ނަމަވެސް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ މިގޮތަށް ބިސްރަވައިން ބިސްދޫކުރުމަށް ހުރަސް އަޅައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މައްސަރުކަންތައް ނުޖެހުން، ނޫނީ މައްސަރު ކަންތައް ތަރުތީބު ނުވުން ފަދަ ކަންތައް ކުރިމަތިވެ، ދަރިމައިވުމަށް ހުރަސްއެޅޭގޮތް ވެއެވެ.

ނުރައްކާތައް

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         ދަރިމައިނުވުން

·         މާބަނޑު ދުވަސްވަރު ހަކުރުމަތިވުން

·         މާބަނޑު ދުވަސްވަރު ލޭމައްޗަށްދިއުން

·         ދުވަސްނުފުރާ ވިހެއުން

·         ބައިގެންދިއުން

·         ސަރުބީ ޖަމާވެ، ފުރަމޭ ދުޅަވުން

·         ހަކުރު ބަލި ޖެހުން

·         ސަރުބީ މަތިވުން

·         ލޭމައްޗަށްދިއުން

·         މެޓަބޮލިކް ސިންޑްރޯމް ކުރިމަތިވުން

·         ނިދީގައި ނޭވާ ހުއްޓުން

·         މާޔޫސްވުން، ހާސްވެކަންބޮޑުވުން، އަދި ކެއުމާއި ގުޅުންހުރި ސިއްޙީ މައްސަލަތައް ކުރިމަތިވުން

·         ޣައިރު ތަބީޢީ ގޮތެއްގައި ކުރިމަތި ފަރާތުން ލޭއައުން

·         ރަހިމުގެ ބަތާނަ ފަށުގައި ކެންސަރު އުފެދުން

ދެނެގަތުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ދެނެގަތުމަށްޓަކައި ހެދޭ ވަކި ޚާއްޞަ ޓެސްޓެއް ނުހުރެއެވެ. ފެށުމުގެ ގޮތުން އާންމު ގޮތެއްގައި ބަލިމީހާގެ ފަރާތުން މައްސަރުގެ ކަންތައް ހުރިނެތް ގޮތާއި، ބަރުދަން ހުރިނެތްގޮތް ، އަދި އެހެނިހެން ގުޅުންހުރި މުހިއްމު ކަންތައްތައް އަހައި، ސާފުކޮށް، އޮޅުންފިލުވައި، ބަލައިހަދާނެއެވެ. ޖިސްމާނީ ބެލުންތަކުގެ ތެރެއިން މޫނުމަތީގައި އޮށާޅަނެގުން، މާގިނައިން އިސްތަށިފެޅުން ފަދަ ކަމެއް ހުރިތޯ ބަލާނެއެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިކަމަށް ޝައްކުވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ލަފާދީފާނެއެވެ.

(ހ) – ޕެލްވިކް އެގްޒާމް : ޕެލްވިކް އެގްޒާމްގެ މާނައަކީ ޅިނދު ހިމެނޭ ހިސާބު ނުވަތަ އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތައް ހިމެނޭ ހިސާބު ބަލައިހެދުމެވެ. އެގޮތުން މިހިސާބުގައި ޣައިރު ތަބީޢީ އުފެދުމެއް ، ނޫނީ ދުޅައެއް ނޫނީ ގަނޑެއް ފަދަ އެއްޗެއް އުފެދިފައިވޭތޯ ޑޮކްޓަރުން ބަލާނެއެވެ.

(ށ) – ލޭގެ ޓެސްޓުހެދުން : ލޭގެ ޓެސްޓު ހަދައި ފަހަރުގައި ލޭގައި އެންޑްރޯޖަން ހުރި މިންވަރު ބަލައިފާނެ އެވެ. މީގެ އިތުރުން ލޭގައި ހަކުރު، އަދި ސަރުބީ ހުރި މިންވަރު (ޖުމުލަ ކޮލެސްޓްރޯލް އަދި ޓްރައިގްލައިސެރައިޑްގެ މިންވަރު) ވެސް ދެނެގަނެފާނެ އެވެ. ފަހަރުގައި ގުލުކޯޒް ޓޮލެރެންސް ޓެސްޓު ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

(ނ) – ޓްރާންސްވެޖައިނަލް އަލްޓްރާ ސައުންޑް : މިއީ ކުރިމަތި ފަރާތަށް އެއްޗެއް (ޓްރާންސްޑިޔުސަރ) ލައްވައިގެން ސްކޭންކުރުމެވެ.  ރަހިމުގެ ބޯމިނާއި، ބިސްރަވައިގެ ހާލަތު ހުރިނެތްގޮތް ސްކޭންކޮށްގެން ދެނެގަނެވޭނެ އެވެ. ނޫނީ ދެނެގަންނާނެ އެވެ.

ފަރުވާ

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް އަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ ފަރުވާ އަމާޒުކުރަނީ އެމައްސަލަ ދިމާވެފައިވާ ކޮންމެ މީހެއްގެ ހުރި ވަކި ޙާލަތަށެވެ. މިސާލަކަށް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެގެން ދަރިމައިނުވާނަމަ އެކަމަށެވެ. މާގިނައިން ހަށިގަނޑުން އިސްތަށި ފަޅާފައިވާނަމަ އެކަމަށެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރިނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ވަކި ބޭސްތަކެއް ވެސް ބޭނުންކުރަން ލަފާދީފާނެ އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން

ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން މައިގަނޑުގެ ގޮތެއްގައި މަސައްކަތްކުރަނީ ކަސްރަތުކޮށްގެންނާއި، ދުޅަހެޔޮ ގޮތެއްގައި ކެއުންބުއިން ބައްޓަން ކޮށްގެން ހަށިގަނޑުގެ ބަރުދަން އެއްހަމައެއްގައި ބެހެއްޓުމަށެވެ. ނުވަތަ ހަށިގަނޑުގެ ބަރުދަން ބޭނުންވާ ނޫނީ ހުންނަންޖެހޭ ހަމަމިނަށް ތިރިކުރުމަށް ނުވަތަ ދަށްކުރުމަށެވެ. ބަރުދަން ހަމައަކަށްއެޅި، މީހާގެ ބަރުހެލިކަން ކުޑަވެގެން ދިއުމަކީ ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ މައްސަލައަށް ލުއިކަން ލިބި، އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަރިމައިނުވުމުގެ މައްސަލައަށް ކުރިއެރުން ލިބިގެން ގޮސްފާނެ ކަމެކެވެ.

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެ، މާބޮޑަށް ހަށިގަނޑު ބަރުހެލިނަމަ، ކަސްރަތުކޮށްގެންނާއި، ދުޅަހެޔޮ ކެއުން ބުއިމެއް ޚިޔާރުކޮށްގެން ބަރުދަން ލުއިކުރެވިއްޖެނަމަ، ބަލީގެ ބައެއް އުދަނގޫތައް ކުޑަކުރެވިދާނެ އެވެ. އެގޮތުން ހަށިގަނޑުގެ ބަރުދަނުން 5% ލުއިކޮށްލެވުނަސް ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމްގެ އުދަނގޫތަކަށް ލުއިކަން ލިބި ބަދަލުތައް އަންނަކަން ފާހަގަ ކުރެވެއެވެ. ބަރުދަން ލުއިކުރުމަށްޓަކައި ކުރިން ވެސް ބަޔާންކުރި ފަދައިން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުން މުހިއްމެވެ. ފައިދާހުރި ކާނާގެ ގޮތުގައި ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމެނުން (ދުވާލަކު 5 މުށް ނޫނީ 5 އަތްގޮށީގެ މިންވަރު) މުހިއްމެވެ. މީގެ އިތުރުން ކެއުމުގައި ހޯލް ފުޑް ( ހޯލް ގްރެއިން، ހޯލްމީލް ބްރެޑް، ސީރިޔަލް އަދި ރަތްހަނޑޫ ފަދަ ބާވަތްތައް ) ގެ ބާވަތްތައް ހިމެނިދާނެއެވެ. އެއްގަމު މަހާއި، ކަނޑުމަސް އަދި ކުކުޅު މަސް ވެސް ކެއުމުގައި ހިމެނުން ރަނގަޅެވެ.

ހަށިގަނޑުގެ ބަރުދަން ހުރީ އެކަށޭނަ ވަރެއްގައި ތޯ ބެލުމަށްޓަކައި ބޮޑީ މާސް އިންޑެކްސް ހުރި މިންވަރު ދެނެގަތުން ރަނގަޅެވެ. އާންމު ގޮތެއްގައި ބޮޑީ މާސް އިންޑެކްސް ހުންނަންޖެހެނީ 24.9 – 18.5 އާއި ދެމެދުގައެވެ.

ބޭސް ބޭނުންކުރުން

ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ކުރިމަތިވުމުގެ ސަބަބުން މައްސަރުކަންތަކަށް ބަދަލުއައިސް އޭގެ އިންތިޒާމަށް ބަދަލު އައިސްފައިވާ މީހުންނަށް މައްސަރުކަންތައް ހަމަމަގަށް އެޅުވުމަށްޓަކައި ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. މާގިނައިން އިސްތަށި ފަޅާފައިހުރިނަމަ އެކަން ކުޑަކުރުމަށް ވެސް ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ދޭތެރެ ދުރުކުރާ ބޭސް (ކޮމްބައިންޑް) : ދޭތެރެ ދުރުކުރާ ބޭސްތަކުގެ ތެރެއިން އެސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯން ހިމެނޭ ބޭސް ދިނުމަކީ އެންޑްރޯޖަން އުފެއްދުން ދަށްކޮށްދީ، އެންޑްރޯޖަން އުފެއްދުން ކޮންޓްރޯލްކޮށް ތަންޒީމުކޮށްދޭނެ ކަމެކެވެ. ހަށިގަނޑުގެ މިދެންނެވި ފަދަ ހޯރމޯންތަކުގެ މިންވަރު ހަމައަކަށް އެޅުމަކީ ރަހިމުގެ ބަތާނަފަށަށް ކެންސަރު ޖެހުން، ރަހިމުން އާދަޔާ ޚިލާފަށް ލޭފޭބުން، ހަށިގަނޑުން މާގިނައިން އިސްތަށިފެޅުން އަދި މޫނުމަތީގައި މާގިނައިން އޮށާޅަނެގުން ފަދަ ކަންތައްތަކުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ.

ހަމައެކަނި ޕްރޯޖެސްޓިން ހޯރމޯންގެ ފަރުވާ : ކޮންމެ 1 ، 2 މަހަކަން ޕްރޯޖެސްޓަރޯން ހޯރމޯން 14-10 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަކީ މައްސަރުކަންތައް ހަމައަކަށް އެޅި، ރަހިމުގެ ބަތާނަ ފަށަށް ކެންސަރު ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. ޕްރޯޖެސްޓަރޯން ހޯރމޯންގެ ފަރުވާ އަކީ އެންޑްރޯޖަން ހޯރމޯންގެ މިންވަރު ހަމައަކަށް އަޅުވައިދީ އަދި ދަރިމައިވުމުން ދުރުކޮށްދޭ ފަރުވާ އެއް ނޫނެވެ. ދަރިމައިވުމުން ރައްކާތެރިވުމަށް ބޭނުންވާ ރަނގަޅީ ހަމައެކަނި ޕްރޯޖެސްޓިން ހުންނަ މިނީ ޕިލް ނުވަތަ ޕްރޯޖެސްޓިން އެކުލޭވެ ރަހިމަށް ލައްވާ އެތިކޮޅު ބޭނުންކުރުމެވެ.

އެހެނިހެން ބޭސްތައް : ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުރެ ދަރިޔަކު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ އާންމުކޮށް އަދި އެންމެ ފުރަތަމަ ދީއުޅޭ ބޭހަކީ "ކްލޮމިފިން" އެވެ. ކްލޮމިފިން އަކީ ބިސްރަވައިން ބިސްދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ކްލޮމިފިން ބޭނުންކޮށްގެން ބިސްދޫކުރުން ކާމިޔާބުނުވެއްޖެނަމަ، "މެޓްފޯރމިން" ކިޔާ ބޭހެއް ދީއުޅެއެވެ. މެޓްފޯރމިން އަކީ ހަކުރު ބައްޔަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. ޕޮލީސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަ މީހުންނަށް މެޓްފޯރމިން ދިނުމުން ލޭގައި އިންސިއުލިންގެ މިންވަރު ދަށްކޮށްދީ ހަކުރުގެ މިންވަރު ވެސް ދަށްކޮށްދެއެވެ. ބައެއް ފަހަރު ބިސްރަވައިން ބިސްދޫކުރުމަށް ބާރުއެޅުމަށްޓަކައި ކްލޮމިފިންގެ ބަދަލުގައި ލެޓްރޯޒޯލް ކިޔާ ބޭހެއް ވެސް ދީއުޅެއެވެ.

ލެޕަރޯސްކަޕިކް އޯވަރިއަން ޑްރިލިންގ : މިއީ ލޭޒަރ ނުވަތަ ހީޓް ގެ އެހީގައި ބިސްރަވައިގައި ހުންނަ އެންޑްރަޖަން އުފައްދާ ސެލޯށިތައް ހަލާކުކޮށްލުމަށް ހެދޭ އާދައިގެ ސަޖިކަލް ޕްރޮސީޖަރ އެކެވެ. މިޕްރޮސީޖަރ ހެދުމުން ޓެސްޓޮސްޓަރޯން ހޯރމޯން އަދި ލޫޓިނައިޒިންގ ހޯރމޯންގެ މިންވަރު ދަށްކޮށްދީ އަދި ފޮލިކްލް ސްޓިމިޔުލޭޓިންގ ހޯރމޯންގެ މިންވަރު މަތިކޮށްދެއެވެ.

ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތަކާއި ގޭގައި ކުރެވިދާނެ ކަންތައްތައް

(ހ) ހަށިގަނޑުގެ ބަރުދަން އެއްހަމައެއްގައި ބެހެއްޓުމަށް މަސައްކަތްކުރުން : ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ އިންސިއުލިން އަދި އެންޑްރޯޖަންގެ މިންވަރު ދަށްކޮށްދީ، ބިސްދޫކުރުން އަލުން ފަށައިދީފާނެ ކަމެކެވެ. އެހެންކަމުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވެގެން ނަމަވެސް ބަރުދަން ލުއިކުރުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ.

(ށ) ކާބޯހައިޑްރޭޓް ކެއުމުގައި ހިމެނޭ މިންވަރު މަދުކުރުން : ކާބޯހައިޑްރޭޓް ގިނައިން ހުންނަ ކާނާ ކެއުމަކީ ލޭގެ އިންސިއުލިންގެ މިންވަރު އިތުރުކޮށްދާނެ ކަމެކެވެ. ކާބޯހައިޑްރޭޓް ކެއުމުގައި ހިމަނާއިރު ސާދާ ކާބޯހައިޑްރޭޓްގެ ބަދަލުގައި ސާސްތާ ކާބޯހައިޑްރޭޓް ހިމެނޭ ވައްތަރުތައް ކެއުމުގައި ހިމެނުން މުހިއްމެވެ. ސާސްތާ ކާބޯހައިޑްރޭޓް ބޭނުންކުރުމުން ސާދާ ކާބޯހައިޑްރޭޓް އާއި ޚިލާފަށް ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މައްޗަކަށް ނުދާނެ އެވެ. އޭގެ ބަދަލުގައި ސާސްތާ ކާބޯހައިޑްރޭޓްގައި ހިމެނޭ ހަކުރު ހަށިގަނޑަށް ނަގާނީ ވަރަށް ލަސްލަހުން މަޑުމަޑުންނެވެ.

(ނ) ހަރަކާތްތެރިވެ އުޅުން : ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. ޕޮލީސިސްޓް އޯވަރީ ސިންޑްރޯމް ހުރިނަމަ، ވަކިން ޚާއްޞަކޮށް ގަވާޢިދުން ކަސްރަތުކުރަން ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، ނޫނީ ބަރުދަން އެއްވަރެއްގައި ބަހައްޓައިދީ ، ބަލީގެ އުދަނގޫތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/pcos/symptoms-causes/syc-20353439

·         https://www.nhs.uk/conditions/polycystic-ovary-syndrome-pcos/