Wednesday, February 25, 2015

ހާސްވެކަންބޮޑުވުން

ހާސްވެ ކަންބޮޑުވުން
ހާސްވެ ކަންބޮޑުވު(anxiety)މަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. ދޭތެރެ ދޭތެރެއިން ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކާއި ގުޅިގެން ހާސްވެ ކަންބޮޑުވުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އާންމު ގޮތެއްގައި ހާސްވެ ކަންބޮޑުވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި، ފިކުރާއި، އިހްސާސާއި، އުޅުމަށެވެ. މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިހްސާސްވާ ހިތްހަމަނުޖެހުމާއި، އުދަގުލާއި، ކަންބޮޑުވުމާއި، ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް (Anxiety) ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ. 


ނޯޓް : މިލިޔުމުގައި ބޮޑަށް ބަލާލާފައިވާނީ އާންމުކޮށް ދިމާވާ ހާސްވެކަންބޮޑުވުން(generalized anxiety disorder) މިމައުޟޫއަށެވެ. 

ހާސްވެކަންބޮޑުވުމަކީ ކުޑަކުދިންނާއި، ބޮޑެތި މީހުންނަށް ވެސް ދިމާވެދާނެ މައްސަލަ އެކެވެ. އާންމުކޮށް ދިމާވާ ހާސްވެ ކަންބޮޑުވުމުގެ އަލާމާތްތައް ޕެނިކް ޑިސްއޯޑަރ ، އޮބްސެސިވް ކަމްޕަލްސިވް ޑިސްއޯޑަރ، އަދި އ ހާސްވެ ކަންބޮޑުވުމުގެ އެހެނިހެން ވައްތަރުތަކުގެ އަލާމާތްތަކާ ވަރަށް އެއްގޮތެވެ. އަލާމާތްތައް އެއްގޮތް ވިޔަސް މިއިން ކޮންމެ ކަމަކީ ވަކި ހާލަތްތަކެއްކަން ހަދާންކުރަން ޖެހެއެވެ.
ހާސްވެ ކަންބޮޑުވުމަކީ ގިނަ ފަހަރު ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމެކެވެ. މިފަދަ މީހަކާއެކު ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއެކު ދިރިއުޅުން ހޭދަކުރަން އެނގުމަކީ އެކުގައި އުޅޭ މީހުންނަށް ބޭނުންތެރި ކަމެކެވެ. 

ހާސްވެ ކަންބޮޑުވާން މެދުވެރިވެދާނެ ބައެއް ސަބަބުތައް
ހާސްވެ ކަންބޮޑުވުން ކުރިމަތިވަނީ ކިހިނެއްވެގެންކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިމައްސަލަ ކުރިމަތިވެދާނެ ބައެއް ސަބަބުތަކާއި، އެކަމަށް މަގުފަހިކޮށްފާނެ ބައެއް ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ. ބައެއް ފަހަރު ހާސްވެ ކަންބޮޑުވުމަކީ ކޮންމެ ވެސް ވަރަކަށް ވާރުތަކުރާ ކަމެއްކަމަށް ވެސް ބެލެވިފައި ވެއެވެ. 

އާންމުކޮށް ހާސްވެ ކަންބޮޑުވުން ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·         މީހާގެ ޝަޚުޞިއްޔަތު : މީހާގެ މިޒާޖު ރުންކުރު، ވިސްނުންތައް ސަލަބީ ކޮށް ހުންނަ މީހުންނަށް ހާސްވެ ކަންބޮޑުވުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
·         ވާރުތަވުން : ހާސްވެ ކަންބޮޑުވުމަކީ ބައެއް ފަހަރު އާއިލާގެ ތެރޭގައި ވާރުތަވަމުން އަންނަ ކަމަކަށް ވެދާނެ އެވެ.
·         އަންހެނުން : ހާސްވެ ކަންބޮޑުވުން ނިސްބަތުން އަންހެނުންނަށް ކުރިމަތިވާ މިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ.

އާންމުކޮށް ހާސްވެކަންބޮޑުވުން ކުރިމަތިވެދާނެ ސަބަބުތަކުގެ ތެރޭގައި:-
(ހ) - ކުރެވޭ ތަޖުރިބާއަކުން

މިސާލަކަށް : ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ ހާނީއްކައެއްގެ ސަބަބުން
·         ލޯބިވާގާތްމީހަކުމަރުވުން
·         ވަރިކުރުމުގެ ސަބަބުން
·         އާސުކޫލަކަށް ނުވަތަ އާވަޒީފާއަކަށް ބަދަލުވުން
·         އާގެއަކަށް ބަދަލުވުން
·         މާބޮޑަށް މަސައްކަތް ބުރަވުން
·         ނިކޮޓީން އަދި ކެފޭއިން އެކުލެވޭ ބާވަތްތައް ބޭނުންކުރުމަށްފަހު ކުއްލިއަކަށް ހުއްޓާލުން
·         ގައިގައި ހުރި ޞިއްޙީ މައްސަލަ އަކާމެދު މާބޮޑަށް ވިސްނުން
·         އެކިއެކި ޚަރަދުތައް ބެލެހެއްޓުމުގައި ދަތިތަކާއި ކުރިމަތިވުން
·         ބޭނުންކުރަމުންދާ ބޭހެއްގެ ނޭދެވޭ އަސަރުކުރުން
(ށ) - މާހައުލުން
މިސާލަކަށް މަންމަ ފަސޭހައިން ކަންކަމާއި ހާސްވެ ކަންބޮޑުވާނަމަ ދަރިފުޅުވެސް ކަންތައްތައް ދިމާވުމުން ހާސްވެ ކަންބޮޑުވާ ކުއްޖަކަށް ވެއެވެ. މިއީ ވާރުތަވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ހާސްވެ ކަންބޮޑުވުމުން ފެނިދާނެ އަލާމާތްތައް
ހާސްވެ ކަންބޮޑުވުމާއި ގުޅިގެން ކުރިމަތިވާ އަލާމާތްތައް އެކަކު އަނެކަކާ ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން އާންމު ގޮތެއްގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:- 

·         ނިދިމަދުވުން / މާގިނައިންނިދުން
·         ބުނެދޭން ނޭގޭ އުދަގޫ އިހްސާސްތަކެއް ކުރެވުން
·         މީހުންނާއި ކުރިމަތިލާން ނުކުރުން
·         އިސްނަގަން ފަސްޖެހުން
·         ބޮލުގައި ރިހުން
·         ގައިގައި ރިހުން
·         ކުދިކުދި ކަންތައްތަކާ ވިސްނާ ފިކުރުބޮޑުވުން
·         ކަންތައްތަކަށް ދޭ ސަމާލުކަންކުޑަވުން
·         ކަންތައްތަކާ ދޭތެރޭ ރަގަޅަށް ނުވިސްނުން
·         ނުތަނަވަސްވުން
·         ވަރުބަލިވުން / ވަރުދެރަވުން
·         ވިންދު އަވަސްވުން
·         ނޭވާކުރުވުން / އަވަސް އަވަހަށް ނޭވާލުން
·         މާގިނައިން ދާހިއްލުން
·         ގިނައިން ފާހާނާއަށް ދާންޖެހުން
·         ތުރުތުރުއެޅުން
·         މޭނުބައިކުރުން
·         ނުކެވުން / މާގިނައިން ކެވުން
·         ހިމޭނުން ނުހުރެވުން
މިއީ ހާސްވެ ކަންބޮޑުވާމީހުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކެވެ. ހާސްވެ ކަންބޮޑުވާ ކޮންމެ މީހަކަށް މީގައި ބަޔާންކޮށްފައި ހުރި ހުރިހާ ކަމެއް ދިމާނުވެ ހިގައިދާނެއެވެ. ނަމަވެސް މީގެތެރެއިން 3 ކަމެއް ދިގުމުއްދަތަކަށް ހުންނަނަމަ އެއީ ހާސްވެ ކަންބޮޑުވުން ކަމަށް ވެދާނެއެވެ. 

ދިގުލައި ދިއުމުން ދިމާވެދާނެ މައްސަލަތައް
ހާސްވެ ކަންބޮޑުވުން ކުރިމަތިވެ ދިގުލައި ދިއުމަކީ އެކަމުގެ ސަބަބުން ދިރިއުޅުމުގެ ތަފާތު ކަންކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. އެގޮތުން ދިމާވެދާނެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި:-
·         ދިރިއުޅުމުގެ އެކި ކަންކަމަށް ބުރޫއެރުން
·         ނިދިނައުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވުން
·         ކަންކަމަށް ސަމާލުކަން ނުދެވި އެކި މަސައްކަތްތައް ނިންމުމަށް ނަގާ ވަގުތު ދިގުވެގެން ދިއުން
މީގެ އިތުރުން ހާސްވެ ކަންބޮޑުވުމަކީ ތިމާގެ ކިބައިގައި ހުރި ނަފްސާނީ އަދި ޖިސްމާނީ ބަލިތަކުގެ ހާލަތު އިތުރަށް ގޯސްކޮށްފާނެ ކަމެކެވެ. އެގޮތުން ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އިތުރަށް ގޯސްވެގެންދާ ކަންތައްތަކުގެ ތެރޭގައި:-
·         މާބޮޑަށް މާޔޫސްވެ ދެރަވުން ނުވަތަ ހިތާމަކުރުމުގެ ބަލި
·         ނިދިނައުން
·         މަސްތުވާތަކެތި ބޭނުންކުރުން
·         ބަނޑާއި ގޮހޮރުގެ މައްސަލަތައް އިތުރަށް ގޯސްވުން
·         ބޮލުގައި ރިހުން
·         ހިތުގެ މައްސަލަތައް އިތުރަށް ގޯސްވުން
ހާސްވެ ކަންބޮޑުވުން ދެނެގަތުން
ހާސްވެކަންބޮޑުވުން ދެނެގަތުމަށް ފަސޭހައަކަށް އަންނަނިވި ކަންތައްތައް ޑޮކްޓަރުން ފުރިހަމަކުރާނެ އެވެ.
·         އެއްވެސް ޞިއްޙީ މައްސަލައެއް ހުރިތޯ ހަށިގަނޑު ބެލުން
·         އެއްވެސް ޞިއްޙީ މައްސަލައެއ ހުރިތޯ ލޭ، ކުޑަކަމުދާ ތަކެތި، ޓެސްޓުކުރުން
·         ބަލިމީހާގެ ބަލީގެ މާޒީ، ގުޅުންހުރި މައުލޫމާތުތައް އޮޅުންފިލުވުން
·         ބަލި ދެނެގަތުމަށް ފަސޭހަ އަކަށް ނަފްސާނީ ބަލީގެ މީހުންނަށް ޚާއްޞަ ސުވާލު ކަރުދާހެއް ބޭނުންކޮށްގެން ސުވާލުކޮށް މައުލޫމާތު ތައް އޮޅުންފިލުވުން
ހާސްވެ ކަންބޮޑުވުން ދެނެގަތުމަށް އެކަމަށް ތައްޔާރުކުރެވިފައިވާ ޚާއްޞަ ކްރައިޓީރިއާ އެއް ބޭނުން ކުރެވެމުން ދެއެވެ. އެއީ އެމެރިކަން ސައިކެޓްރިކް އެސޯސިއޭޝަން އުފައްދާފައިވާ "ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ -5"(DSM-5) ގެ ނަމުން ނަންދީފައިވާ އޭގައި ތަފާތު 5 ނުކުތާއެއް ހިމެނޭ ކްރައިޓީރިއާ އެކެވެ.

އެގޮތުން "ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑަރ -5"(DSM-5)ކްރައިޓީރިއާ ގައި ހިމަނާފައިވާ 5 ނުކުތާ އަކީ:-
·         މަދުވެގެން 6 މަސް ދުވަހުގެ މުއްދަތަކަށް، ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކާމެދު ނުވަތަ ހިނގާ ހަރަކާތްތަކާ މެދު، ހަފްތާގެ ގިނަ ދުވަސްތަކުގައި އާދަޔާ ޚިލާފަށް ބޮޑަށް ވިސްނައި، ފިކުރުބޮޑުވެ، ކަންބޮޑުވުން
·         ހިތްހަމަނުޖެހުމު(ނުތަނަވަސްކަން)ގެ އިހުސާސް ކޮންޓްރޯލްކުރަން އުދަނގޫވުން
·         ބޮޑެތި މީހުންނަށް ކުރިމަތިވާ 3 އަލާމާތެއް (މަދުވެގެން) ހުރުމާއެކު ކުޑަކުދިންނަށް އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރިމަތިވެފައިވުން
o       ބުނެދޭން ނޭގޭ އުދަގޫ އިހްސާސްތަކެއް ކުރެވުން
o       ވަރުބަލިވުން
o       ކަންކަމަށްދޭ ސަމާލުކަން ކުޑަވުން
o       ކަންތައްތަކާ ދޭތެރޭ ރަގަޅަށް ނުވިސްނުން
o       މަޑުންނުހުރެވުން
o       ގައިގައި (މަސްތަކުގައި) ރިހުން
o       ނިދުމުގެ މައްސަލަތައް (ނިދިނައުން) ކުރިމަތިވުން
·         ހާސްވެކަންބޮޑުވުމުގެ ސަބަބުން ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫއެރުން
·         ކުރިމަތިވެފައިވާ ހާސްވެ ކަންބޮޑުވުން އެހެން ނަފްސާނީ (ޕެނިކް ޑިސްއޯޑަރ، ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ) މަސްތުވާތަކެތި ބޭނުންކުރުން، އަދި ޞިއްޙީ އެހެން މައްސަލައަކާ ގުޅިފައި ނުވުން
އާންމުކޮށް ހާސްވެކަންބޮޑުވުން ކުރިމަތިވަނީ ނަފްސާނީ އެހެން މައްސަލަތަކާއެކުގައެވެ. މިއީ ހާސްވެކަންބޮޑުވުން ދެނެގަތުމަށް ކުރިމަތިވާ ގޮށްޖެހުމެކެވެ. ނުވަތަ އެކަން ދެނެގަތުން އުދަނގޫވާ ކަމެކެވެ. އެގޮތުން ހާސްވެކަންބޮޑުވުމާއެކު ކުރިމަތިވެދާނެ ނަފްސާނީ އެހެނިހެން މައްސަލަތަކުގެ ތެރޭގައި:-
·         ބިރުގަތުން (އެކި ކަހަލަ ކަންކަމަށް ބިރުގަތުން)
·         ޕެނިކް ޑިސްއޯޑަރ
·         މާބޮޑަށް މާޔޫސްވެ ދެރަވުން (ހިތާމަކުރުމުގެ ބަލި)
·         މަސްތުވާތަކެތި ބޭނުންކުރުން
·         ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ
ފަރުވާ
ހާސްވެ ކަންބޮޑުވުމަށް ދެވޭ މައިގަނޑު ދެފަރުވާ އަކީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމާއި،(ނަފްސާނީ ފަރުވާPsychotherap)) ބޭހުގެ ފަރުވާ(medication) ނެގުމެވެ. ބައެއް ފަހަރު ވާހަކަ ދެއްކުމާއެކު ބޭސްވެސް ބޭނުންކުރުމަކީ މަންފާކުރަނިވި ކަމަކަމަށް ވެއެވެ. 

ނަފްސާނީ ފަރުވާ
ނަފްސާނީފަރުވާ އަކީ ދިމާވެފައިވާ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރުމެވެ. އެގޮތުން ކައުންސެލަރުން ހާސްވެކަންބޮޑުވުން ކުޑަކުރުމަށް ހެދޭނެ ގޮތްތައް ކިޔާދެއްވާނެ އެވެ. މިއީ ވަރަށް ގިނަ މީހުންނަށް ލުއި ލިބޭ ކަމެކެވެ. "ކަގްނިޓިވް ބިހޭވިއަރަލް ތެރަޕީ" އަކީ ހާސްވެކަންބޮޑުވުން ހުންނަ މީހުންނަށްދީއުޅޭ ނަފްސާނީ ފަރުވާގެ ތެރޭގައި ހިމެނޭ ވަރަށް ބޭނުންތެރި ފަރުވާ އެކެވެ. މިފަރުވާގައި ހާސްވެކަންބޮޑުވުމުގެ ސަބަބުން ބަދަލު އައިކަންކަން އަލުން އަނބުރާ ކުރެވޭނެ ހުނަރުތަކާއި، ގޮތްތައް އޮޅުން ފިލުވައިދީ ދަސްކޮށްދެވޭނެ އެވެ. އަދި މަޑުމަޑުން އެގޮތަށް މަސައްކަތްކޮށްގެން ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިދެވޭނެ އެވެ. 

ބޭހުގެ ފަރުވާ
ވަރަށް ގިނަ ވައްތަރުގެ ބޭސްތައް ހާސްވެކަންބޮޑުވުމަށް ފަރުވާ ކުރުމުގައި ވެސް ބޭނުންކުރެވެއެވެ. އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ ބޭސްތަކަކީ:-
·         އެންޓިޑިޕްރެސެންޓްސް : މީގެ ތެރޭގައި އެސިޓަލޯޕްރަމް، ޕެރޮކްސީޓިން، ވެންލެފެކްސިން ފަދަ ބޭސްތައް ހިމެނެއެވެ.
·         ބެންޒޯޑައެޒީޕިން : މީގެ ތެރޭގައި އަލްޕްރަޒޯލަމް، ޑައެޒީޕަމް، ލޮރަޒީޕަމް އަދި ކްލޯރޯޑައެޒިޕޮކްސައިޑް ފަދަ ބޭސްތައް ހިމެނެއެވެ.
·         ބިޔޫސްޕައިރޯން : މިބޭހުގެ އަސަރު ފެނުމަށް ދެތިން ހަފްތާވަރު ނަގާނެ އެވެ. 

ހާސްވެ ކަންބޮޑުވުން ކުޑަކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް
·         ރަގަޅުކާނާކެއުން އަދިގަޑިންގަޑިއަށްކެއުން
·         ކެފޭއިން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރުން: މިސާލު ޗޮކްލެޓް، ކޯލާ، ކޮފީ، ކަޅުސައި ފަދަ ތަކެތި
·         ގަވާޢިދުން ކަސްރަތުކުރުން
·         ހިތްހަމަޖެހޭ ކަމެއްކުރުން:  މިސާލު މިއުޒިކެއް އަޑުއަހާލުން، ފިލްމް ބެލުން، ރައްޓެއްސަކާ ބައްދަލުކުރުން
·         ހާސްވެ ކަންބޮޑުވުން މާގިނަދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން
·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން
·         ރަގަޅަށް ނިދި ފުރިހަމަކުރުން 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މަޢުލޫމާތު :
·         ކުލުނު 245 - ހާސްވެ ކަންބޮޑުވުން – އޮގަސްޓް 2008

No comments:

Post a Comment