Wednesday, August 7, 2019

އަލްސަރޭޓިވް ކޮލައިޓިސް

އަލްސަރޭޓިވް ކޮލައިޓިސް
އަލްސަރޭޓިވް ކޮލައިޓިސް(Ulcerative colitis)  އަކީ ދާއިމީ ސިފައެއްގައި ދިގުދެމިގެންދާ ގޮތަށް ބޮޑުގޮހޮރުގެ ބަތާނަ ދުޅަވެ، ފާރު އުފެދޭ ބައްޔެކެވެ. މިއީ ބޮޑުގޮހޮރު ދުޅަވާ ބައްޔެކެވެ. ނުވަތަ  ބޮޑު ގޮހޮރ ދުޅަވާ ބަލިތަކުގެ ގޮތުގައި ގުނާލެވޭ "އިންފްލެމޭޓަރީ ބަވަލް ޑިޒީޒް"(Inflammatory bowel disease) އެކެވެ. ލަފްޒީ ގޮތުން ބަލާއިރު "އަލްސަރޭޓިވް" ގެ މާނައަކީ "ފާރު އުފައްދަނިވި/ ފާރުއުފައްދާ" މިއެވެ. "ކޮލައިޓިސް"ގެ މާނައަކީ "ބޮޑުގޮހޮރު ދުޅަވުން" މިއެވެ. މިއީ ހަޖަމުކުރާ ނިޒާމުގައި ޚާއްޞަކޮށް ބޮޑުގޮހޮރާއި ފުރަގަސްފަރާތުގައި ދިގުމުއްދަތަކަށް ދެމިގެންދާ ގޮތަށް ދުޅަވުމާއި، ފާރުއުފެދުން ކުރިމަތިވާ ބައްޔެކެވެ. މިބަލީގެ އަސަރު ބޮޑަށް ފޯރަނީ ބޮޑު ގޮހޮރާއި، ފުރަގަސްފަރާތުގެ ބަތާނައިގެ އެންމެ އެތެރޭ ފަށަލަ އަށެވެ. ކުއްލިއަކަށް ބަލީގެ އަލާމާތްތައް ފެނުމުގެ ބަދަލުގައި މިބަލީގެ އަލާމާތްތައް މަޑުމަޑުން ގިނަ ދުވަހުންނެވެ. މިބައްޔަށް ހަގީގީ ފަރުވާ އެއް އަދި ހޯދިފައެއް ނުވެއެވެ. މިއީ ބައެއް ފަހަރު ފުރާނަ އަށް ނުރައްކާވެދާނެ މައްސަލަތައް ކުރިމަތިކުރުވާފާނެ ބައްޔެކެވެ.

އާންމު ގޮތެއްގައި އަލްސަރޭޓިވް ކޮލައިޓިސް ފެށިގެން އަންނަނީ އާދައިގެ ގޮތަކަށެވެ. އަދި މަޑުމަޑުން ހާލަތު ގޯސްވަމުން ދަނީ އެވެ. އާދައިގެ މިންވަރަކުން ފެށިގެން ނުރައްކާތެރި ދަރަޖައަކަށް ބަލީގެ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ބަލީގެ ހާލަތު ތަހައްމަލުކުރާ މީހުންނަށް ވެސް ދޭތެރެއިން ބަލީގެ އުދަނގޫތައް ލުއިވެ، ގޯސްވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު މިގޮތަށް އުދަނގޫތައް ލުއިވެފައި ހުންނަ މުއްދަތު ދެތިން ހަފްތާއިން ފެށިގެން އަހަރުތަކަށް ދެމިގެންދިއުމަކީ ވެސް ގާތް ކަމެކެވެ. 

ސަބަބު
އަލްސެރޭޓިވް ކޮލައިޓިސް ކުރިމަތިވަނީ ކީއްވެގެންކަމެއް ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ދިފާޢީ ނިޒާމުން އޭގެ ގޮތުގައި މަސައްކަތް ނުކުރުމަކީ މިބަލި ކުރިމަތިވެދާނެ ސަބަބެއްކަމަށް ބެލެވިފައި ވެއެވެ. މިސާލަކަށް ހަށިގަނޑަށް ޖަރާސީމެއް ވަނުމުން އެޖަރާސީމެއް ބޭރުކޮށްލުމަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާއިރު، ދިފާޢީ ނިޒާމުން ހަޖަމުކުރާ ނިޒާމުގެ ސެލްތަކަށް ހަމާލާދީ ދުޅަ އުފެއްދުމަކީ މިބަލި ޖެހުމަށް މެދުވެރިވެދާނެ ސަބަބެއްކަމުގައި ބެލެވިފައި ވެއެވެ. މީގެ އިތުރުން ބައެއް ފަހަރު އާއިލާގެ ތެރެއިން ވާރުތަވުމަކީ ވެސް ބަލިޖެހުމުގައި ދައުރެއް އަދާކޮށްފާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ. 

ގޮހޮރުގެ ދިފާޢީ ނިޒާމުގެ ހަރަކާތްތެރިކަން އިތުރުވުން : ބައެއް އިލްމުވެރިން ގަބޫލުކުރާ ގޮތުގައި އަލްސަރޭޓިވް ކޮލައިޓިސް ފެށިގެން އަންނަނީ ގޮހޮރުގެ ދިފާއީ ނިޒާމަށް ބުރޫއެރުމުންނެވެ. އާންމު ގޮތެއްގައި ދިފާޢީ ނިޒާމަކީ ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމު ތަކާއި، އެހެނިހެން ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދުނަ ނުދީ ރައްކާތެރިކޮށްދޭ ނިޒާމެކެވެ. ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އަލްސަރޭޓިވް ކޮލައިޓިސް ކުރިމަތިވަނީ ހަށިގަނޑަށް ވަންނަ ވައިރަސް ނުވަތަ ބެކްޓީރިޔާ ފަދަ ތަކެތިން ގޮހޮރުގެ ބަތާނަ ފަށަށް ހަމަލާ ދިނުމަށް ދިފާޢީ ނިޒާމަށް ބާރުއެޅުމުންނެވެ. ދިފާޢީ ނިޒާމުން އުފައްދާ ރައްދުގެ ތަކުގެ ސަބަބުން ބޮޑޮ ގޮހޮރުގެ ބަތާނަފަށް ދުޅަވެ، ބަލީގެ އުދަނގޫތައް ކުރިމަތިކުރުވަނީ އެވެ. 

ވިރާސީ ބަހާއެއް ހުރުން : ބައެއް ފަހަރު އަލްސަރޭޓިވް ކޮލައިޓިސް އާއިލާގެ ތެރޭގައި ދައުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އަލްސަރޭޓިވް ކޮލައިޓިސް ހުންނަ މީހުންގެ ހަށިގަނޑުން ޣައިރު ތަބީޢީ ވިރާސީ ބަހާއެއް ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް މިގޮތަށް ހަށިގަނޑުގައި ހުރެދާނެ ވިރާސީ ބަހާއާއި، އަލްސަރޭޓިވް ކޮލައިޓިސް އާއި ގުޅުމެއް ހުރިކަމެއް ޔަގީންކަމާއެކު އަދި ހޯދިފައެއް ނުވެއެވެ.

ދިރިއުޅޭ މާޙައުލުން ކުރިމަތިވާ ކަންތައްތައް : ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅެވޭ ބައެއް އާދަތަކާ، އާންމު ދިރިއުޅުމުގައި ކުރެވޭ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން އަލްސަރޭޓިވް ކޮލައިޓީސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމަށް ބައެއް ދިރާސާތަކުގައި ލަފާދީފައި ވެއެވެ. މިސާލަކަށް ތަދުކަނޑުވާ ބޭސްތައް، ދޭތެރެ ދުރުކުރާ ބޭސްތައް، އަދި ބައެއް ކަހަލަ އެންޓިބަޔޮޓިކްގެ ސަބަބުން އަލްސަރޭޓިވް ކޮލައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ކޮންމެ ވެސް މިންވަރަކަށް އިތުރުވެދާނެ ކަމަށް ބެލެވިފައި ވެއެވެ. ތެލާއި ސަރުބީ ގިނަ ކާނާ ކެއުމަކީ ވެސް އަލްސަރޭޓިވް ކޮލައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމެކެވެ. 

މަގުފަހިކުރާ ކަންތައްތައް / ހިރާސްތައް
(ހ) އުމުރު : އަލްސެރޭޓިވް ކޮލައިޓިސް އާންމު ގޮތެއްގައި ކުރިމަތިވަނީ އުމުރުން 30 އަހަރުވުމުގެ ކުރިންނެވެ. ޚާއްޞަކޮށް އުމުރުން 30-15 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ. ނަމަވެސް ކޮންމެ އުމުރެއްގައި ވެސް މިބަލި ޖެހިދާނެ އެވެ. މިސާލަކަށް ބައެއް މީހުންނަށް އުމުރުން 60 އަހަރުވުމަށްފަހު ވެސް ބަލިޖެހިދާނެ އެވެ.

(ށ) ދަރިފަސްކޮޅު/ނަސްލު : ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ޖެހިދާނެ އެވެ. ނަމަވެސް ދޮން މީހުންނަށް ބަލިޖެހުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ. ޔަހޫދީ ދަރިކޮޅުގެ މީހުންނަށް ވެސް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ. 

(ނ) އާއިލާ ތެރޭގައި ދައުރުވުން : ތިމާގެ މީހެއްގެ ގައިގައި މިސާލަކަށް މައިންބަފައިން، އެއްބަނޑު އެއްބަފާ މީހުން، ދަރިން ފަދަ މީހެއްގެ ކިބައިގައި އަލްސެރޭޓިވް ކޮލައިޓިސް ހުރިނަމަ، އެމީހަކަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. 

ވައްތަރުތައް
އާންމު ގޮތެއްގައި އަލްސަރޭޓިވް ކޮލައިޓިސް ބަހާލެވިފައިވަނީ މައްސަލަ ކުރިމަތިވާ ހިސާބަކަށް ރިއާޔަތްކޮށްގެންނެވެ. އަލްސަރޭޓިވް ކޮލައިޓިސްގެ ތެރޭގައި އަންނިވި ހިސާބުތައް ދުޅަވެ، ފާރުވުން ހިމެނެއެވެ.

(ހ) އަލްސަރޭޓިވް ޕްރޮކްޓައިޓިސް (Ulcerative proctitis):މީގެ މާނައަކީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވީ ހިސާބު ދުޅަވެ ފާރުވުމެވެ. އާންމު ގޮތެއްގައި އަލާމާތުގެ ގޮތުގައި ފެންނާނީ ބޮޑުކަމުދާއިރު ލޭއައުން އެކަންޏެވެ. މިއީ އަލްސަރޭޓިވް ކޮލައިޓިސްގެ އެންމެ އާދައިގެ ހާލަތެވެ.
(ށ) ޕްރޮކްޓޯސިގްމޮއިޑައިޓިސް(Proctosigmoiditis) : މީގެ މާނައަކީ ފުރަގަސްފަރާތާއި، ސިގްމޮއިޑް ކޮލޮން (ބޮޑުގޮހޮރުގެ ނިމޭ ހިސާބު) ދުޅަވުމެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލެޔާއެކު ބޭރަށްހިންގުން، ބަނޑުގައި ރިހުން، ބޮޑުކަމުދާއިރު ތަދުވުން ، އަދި ބޮޑުކަމުދާން ޖެހުނަސް ނުދެވި އުދަނގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ނ) ލެފްޓް ސައިޑެޑް ކޮލައިޓިސް (Left-sided colitis): މީގެ މާނައަކީ ފުރަގަސް ފަރާތާއި، ސިގްމޮއިޑް ކޯލޮން، އަދި ޑިސެންޑިންގ ކޯލޮން (ހަށިގަނޑުގެ އެތެރޭގައި ބަނޑުގެ ވާތް ފަރާތުގައި އޮންނަ ހިސާބު) ދުޅަވުމެވެ. އެހެންކަމުން މިހާލަތުގައި ދުޅަވާނީ ބޮޑު ގޮހޮރުން ބަނޑުގެ ވާތް ފަރާތުގައިވާ ހިސާބު ތަކެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލެޔާއެކު ބޭރަށްހިންގުން، ބަނޑު އަކުނިވަޔަށް ދެމުން، ބަނޑުގެ ވާތް ފަރާތުގައި ރިހުން، އަދި ބަރުދަން ލުއިވުން ހިމެނެއެވެ.
(ރ) ޕޭން ކޮލައިޓިސް (Pancolitis): މީގެ މާނައަކީ މުޅި ބޮޑު ގޮހޮރު އެއްކޮށް ދުޅަވުމެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނައިން ލެޔާއެކު ބޭރަށްހިންގުން، ބަނޑު އަކުނިވަޔަށް ދަމައި، ބަނޑަށް އުނދަގޫވެ، ރިހުން، ވާޅުވުން، އަދި އާދަޔާ ޚިލާފަށް ބޮޑަށް ބަރުދަން ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ބ) އެކިޔުޓް ސިވިއަރ އަލްސެރޭޓިވް ކޮލައިޓިސް (Acute sever ulcerative colitis): މިއީ ވަރަށް މަދުން ކުރިމަތިވާ ހާލަތެކެވެ. މިހާލަތުގައި އަލްސެރޭޓިވް ކޮލައިޓިސްގެ ސަބަބުން މުޅި ބޮޑު ގޮހޮރު ދުޅަވެގެންދެއެވެ. ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ބަނޑުގައި ރިހުން، އާދަޔާ ޚިލާފަށް ގިނައިން ބޭރަށްހިންގުން، ބޮޑުކަމުދާއިރު ލޭއައުން، ހުންއައުން، އަދި ކެއުމަށް ނުކުޅެދުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ފެނިދާނެ އަލާމާތްތައް
އަލްސަރޭޓިވް ކޮލައިޓިސްގެ އަލާމާތްތައް ބަރޯސާވަނީ ދުޅަވެފައިވާ ކުޑަބޮޑުމިނާއި، ދުޅަވެފައިވާ ހިސާބެއްގެ މައްޗަށެވެ. މިބަލީގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ބޭރަށް ހިންގުން : އާންމުކޮށް ލޭ، ނުވަތަ ދަވަ (ދޮސް) ބޮޑުކަމު ނަޖިހުގައި ހުންނާނެއެވެ.
·         ބަނޑުގައި ރިހުން، އަދި އަކުނިވަޔަށްދެމުން
·         ފުރަގަސްފަރާތަށް ތަދުވުން
·         ފުރަގަސްފަރާތުން ލޭއައުން : ބޮޑުކަމުނަޖިހާއެކު ލޭބޭރުވުން
·         އަވަސް އަވަހަށް ބޮޑުކަމުދާން ބޭނުންވުން، ނުވަތަ ބޮޑުކަމުދާން ބޭނުންވުމަށްފަހު ހިފެހެއްޓުމަށް އުނދަގޫވުން
·         ބޮޑުކަމުދާން ބޭނުންވިޔަސް، ރަނގަޅަށް ބޮޑުކަމުނުދެވުން
·         ބަރުދަން ލުއިވުން
·         ވަރުބަލިވެ، ވާޅުވުން
·         ހުންއައުން
·         ބޮޑުނުވުން (ކުޑަކުދިންނަށް)
·         މޭނުބައިކުރުން، ކާހިތްނުވުން
·         ލޭމަދުވުން
ވަރަށް މަދުން ފެނިދާނެ އަލާމާތްތައް
·         ހުޅުތަކުގައި ރިހުން
·         ލޮލަށް އުދަނގޫވުން
·         ގައިގެ އެކި ހިސާބުތަކުން ބިހިނެގުން
ގިނަ މީހުންނަށް މިބަލީގެ އުދަނގޫތައް ކުރިމަތިވަނީ އާދައިގެ ނޫނީ މެދު މިންވަރަކަށެވެ. 

ދިމާވެދާނެ ނުރައްކާތައް
·         ބޮޑުކަމުދާއިރު އާދަޔާ ޚިލާފަށް ގިނައިން ފުރަގަސް ފަރާތުން ލޭއައުން
·         ބޮޑުގޮހޮރު ފޫދިއުން
·         ހަށިގަނޑުން ވަރަށް ބޮޑަށް ފެނާއިލޮނު މަދުވުން
·         ފުރަމޭގެ ބަލިތައް ކުރިމަތިވުން (ވަރަށް މަދުން)
·         ކަށިފީވުން އަދި ކަށިތަކުގެ ވަރުދެރަވުން
·         ހުޅުތަކާއި، ހަމާއި،، ފުރަމޭ،އަދި ލޯ ދުޅަވުން
·         ގޮހޮރުގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވުން
·         ޓޮކްސިކް މެގަކޮލޮން އޭ ކިޔޭ ހާލަތެއް ކުރިމަތިވުން
·         ލޭހޮޅިތަކާއި ލޭނާރުތަކުގައި ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުވުން
ދެނެގަތުން
އަލްސެރޭޓިވް ކޮލައިޓިސް ހުރިކަން ދެނެގަންނަނީ ބަލިމީހާގެ ފުށުން ފެންނަ އަލާމާތްތަކާއި، ދޭ މައުލޫމާތުތަކާއި، އަދި ޑޮކްޓަރުން ބަލާ ބެލުންތަކާއި، ހަދާ އެކި ކަހަލަ ޓެސްޓުތަކުގެ އެހީގައެވެ. އަލްސަރޭޓިވް ކޮލައިޓިސް ދެނެގަތުން ބަރޯސާވަނީ މައިގަނޑު 4 ކަމަކަށެވެ. އެއީ:-
·         ބަލިމީހާއާއި އާއިލާގެ ޞިއްޙީ މައުލޫމާތުތައް
·         ބަލިމީހާގެ ހަށިގަނޑު ބަލާބެލުމުން ފާހަގަވާ ކަންތައްތައް : އާންމުކޮށް ބަލާނެ ކަންތައްތަކުގެ ތެރޭގައި
o       އާދަޔާ ޚިލާފަށް ބަނޑުފުއްޕާހުރިތޯ ބެލުން / ބަނޑުގައި ދުޅައެއް ހުރިތޯ ބެލުން
o       ބަނޑުގައި ކަށިގަނޑު އަޅައިގެން ގޮހޮރުގެ އަޑުތައް ހުރިތޯބެލުން
o       ބަނޑުގައި ރިހުން ހުރިތޯ ބެލުމަށް ބަނޑުގައި އިގިލިން ވަކި އުސޫލަކުން ޖަހައި ޗެކުކުރުން
·         ލެބޯޓްރީ ޓެސްޓުތައް : މީގެ ތެރޭގައި ހިމެނެނީ ލޭގެ ޓެސްޓާއި ބޮޑުކަމުނަޖިހުގެ ޓެސްޓެވެ.
·         ބޮޑޮގޮހޮރުގެ އެންޑޮސްކަޕީތައް
އާންމުކޮށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

(ހ) ލޭ ޓެސްޓުކުރުން (blood tests): ލޭޓެސްޓުކުރަނީ ލޭމަދުވުން ނުވަތަ އިންފެކްޝަނެއް ފަދަ ކަމެއް ހުރިތޯ ބެލުމަށެވެ. މީގެ އިތުރުން އިންފްލެމޭޝަން އާއި ގުޅިގެން އިތުރުވާ ބައެއް ކަހަލަ މާއްދާތައް (މާރކަރސް) އިތުރުވެފައި ހުރިތޯ އާއި، ލޭގައި ޕްރޮޓީންގެ މިންވަރު (ޚާއްޞަކޮށް އަލްބުމިންގެ މިންވަރު) ހުރިތޯ ބަލައެވެ. 

(ށ) ބޮޑުކަމު ނަޖިސް ޓެސްޓުކުރުން (stool sample): ލޭގެ ހުދު ސެލްތައް ބޮޑުކަމު ނަޖިހުގައި ހުރެއްޖެނަމަ އެއީ އަލްސެރޭޓިވް ކޮލައިޓިސް ހުރުން ކަމުގައި ވެދާނެ އެވެ. މީގެ އިތުރުން ޕެރެސައިޓް، ބެކްޓީރިޔާ، އަދި ވައިރަސް ފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ އިންފެކްޝަނެއް ހުރިތޯ ވެސް ބޮޑުކަމުނަޖިހުގެ ޓެސްޓުން ހޯދިދާނެ އެވެ.

(ނ) ކޮލޮނޮސްކަޕީ (Colonoscopy): މިއީ ކެމެރާއެއް ލައްވައިގެން ބޮޑުގޮހޮރު ތެރެ ބަލާލުމެވެ. މިޓެސްޓު ހަދާއިރު ބޮޑުގޮހޮރުން ބަޔޮޕްސީ ހެދުމަށް ސާމްޕަލް ނަގާނެއެވެ. ބައެއް ފަހަރު މިގޮތަށް ނެގޭ ޓިޝޫ ސާމްޕަލް އިން ވެސް ބަލިހުރިކަން ޔަގީންކުރެވިދާނެ އެވެ.

(ރ) ފްލަކްސިބަލް ސިގްމޮއިޑޮސްކަޕީ(Flexible sigmoidoscopy) : މިއީ ކެމެރާއެއް ލައްވައިގެން ބޮޑުގޮހޮރުގެ ނިމޭ ހިސާބު ނުވަތަ ފަހުބައި (ސިގްމޮއިޑް ކޮލޮން) ބަލާލުމެވެ. ވަރަށް ބޮޑަށް އިންފްލެމޭޝަން ހުރިކަމަށް ލަފާކުރެވޭނަމަ ކޮލޮނޮސްކަޕީގެ ބަދަލުގައި ސިގްމޮއިޑޮސްކަޕީ ހަދައިފާނެއެވެ. 

(ބ) އެކްސްރޭ ނެގުން (X-ray): ބަނޑުގެ އެކްސްރޭ އެއް ނަގައި ގޮހޮރު ފޫގޮސްފައި ހުރިތޯ އެކްސްރޭ އެހީގައި ބަލައިފާނެއެވެ.
(ޅ) ސީޓީ ސްކޭން ހެދުން (CT scan): އަލްސެރޭޓިވް ކޮލައިޓިސްގެ ސަބަބުން އެއްވެސް ކަހަލަ އިތުރު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ޝައްކުކުރެވޭނަމަ، ބަނޑުގެ ސީޓީ ސްކޭނެއް ހަދައިފާނެއެވެ. ސީޓީ ސްކޭންގެ އެހީގައި ބޮޑުގޮހޮރުގައި ފާރުހެދިފައި ހުރި މިންވަރު ވެސް ދެނެގަނެވޭނެ އެވެ.

ފަރުވާ
އަލްސަރޭޓިވް ކޮލައިޓީސްގެ ފަރުވާގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ އޮޕަރޭޝަން ކުރުމާއި، ބޭހުގެ ފަރުވާ ދިނުމެވެ. ދެވޭ ފަރުވާ ބަރޯސާވަނީ އަލްސަރޭޓިވް ކޮލައިޓިސް ކުރިމަތިވެފައިވާ މިންވަރެއްގެ މައްޗަށެވެ. ބޭހުގެ ގޮތުގައި ދީއުޅޭ ބައެއް ބޭސްތަކުން ބަލިޖެހިފައިވާ ބައެއް މީހުންނަށް އެދެވޭ ނަތީޖާތައް ފެންނައިރު، އަނެއްބައި މީހުންނަށް އެބޭސްތައް ބޭނުންކޮށްގެން ފަރުވާ ކުރިޔަސް އެންމެ އެދެވޭ  ނަތީޖާތައް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ބައެއް މީހުންނަށް އެމީހަކަށް އެންމެ ރަނގަޅު ބޭހެއް އިޚްތިޔާރުކުރުމަށް ދުވަސްކޮޅެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. 

ބޭހުގެ ފަރުވާ
(ހ) އެންޓި-އިންފްލެމޭޓަރީ ޑްރަގްސް (Anti-inflammatory drugs): މިއީ ދުޅަ ނޫނީ އިންފްލެމޭޝަން އާއި ދެކޮޅަށްދޭ ބޭސްތަކެވެ. މީގެ ތެރޭގައި ޕްރެޑްނިސޮލޮން، ހައިޑްރޮކޮޓިޒޯން ފަދަ ސްޓީރޮއިޑް އެކުލެވޭ ބޭސްތަކާއި، ސަލްފަރސެލެޒިން، މިސެލަމައިން، އޮލްސެލެޒިން، އަދި ބަލްސެލަމައިޑް ފަދަ 5-އަމައިނޯސެލިސައިލޭޓް ގްރޫޕަށް ނިސްބަތްވާ ބޭސްތައް ހިމެނެއެވެ.
ü      5 އަމައިނޯސަލިސައިލިކް އެސިޑް އެކުލެވޭ ބޭސްތައް
o       ބެލްސެލަމައިޑް / ބެލްސެލަޒައިޑް
o       މިސަލަމައިން
o       އޮލްސެލެޒިން
o       ސަލްފަރސެލެޒިން

ü      5 އަމައިނޯސަލިސައިލިކް އެސިޑް އެކުލެވޭ ބޭސްތަކުން ދިމާވެދާނެ ނޭދެވޭ އަސަރުތައް
o       ބޮލުގައި ރިހުން
o       ބަނޑުގައި ރިހުން
o       މޭނުބައިކުރުން
o       ބޭރަށްހިންގުން
ü      ކޯޓިކޯސްޓީރޮއިޑްގެ ގޮތުގައިދީއުޅޭ ބޭސްތައް
o       ބިއުޑެސޮނައިޑް
o       ހައިޑްރޯކޯޓިޒޯން
o       މީތައިލް ޕްރެޑްނިސޯން
o       ޕްރެޑްނިސޯން
ü      ކޯޓިކޯސްޓީރޮއިޑްގެ ގޮތުގައިދީއުޅޭ ބޭސްތަކުން ދިމާވެދާނެ ނޭދެވޭ އަސަރުތައް
o       އޮށާޅަނެގުން
o       އިންފެކްޝަން ހެދުމުގެ ފުރުޞަތު ބޮޑުވުން
o       ކަށީގެ ސެލޯށިތައް މަރުވުން
o       ލޭގެ ހަކުރު މަތިވުން
o       ލޭގެ ޕްރެޝަރު މަތިވުން
o       ބަރުދަން އިތުރުވުން
o       މިޒާޖަށް ބަދަލުއައުން
 (ށ) އިމިޔޫން ސިސްޓަމް ސަޕްރެސަރ (immune system suppressors): މިއީ ވެސް އިންފްލެމޭޝަން ތިރިކުރުމުގެ ބޭނުމުގައި ދޭ ބޭސްތަކެކެވެ. މިބޭސްތަކުގެ ބޭނުމަކީ އިންފްލެމޭޝަން ފެށުމުގެ ގޮތުން ދިފާޢީ ނިޒާމުން ފަށާ މަސައްކަތްތައް ކުޑަކޮށް، ހުއްޓުވައި ދިނުމެވެ. މިގުރޫޕްގައި ހިމެނޭ ބޭސްތަކުގެ ތެރޭގައި އެޒެތިއޮޕްރިން، ސައިކްލޮސޮޕޮރިން، ވިޑޮލިޒުމެބް، އަދި އިންފްލިކްސިމެބް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ އަސަރު ހަށިގަނޑުން ފެންނަށް ނުވަތަ ބަލިމީހާގެ ފުށުން ފެންނަށް 3 ހަފްތާއި 3 މަސް ދުވަހުގެ މުއްދަތެއް ނަގައެވެ. 

(ނ) އެހެނިހެން ބޭސްތައް : މިފަދަ ބޭސްތަކުގެ ތެރޭގައި ތަދުކަނޑުވާ ބޭސްތައް، ދަގަނޑު ބޭސް، އެންޓިބަޔޮޓިކް، އަދި ބޭރަށްހިންގުން ހުއްޓުވުމަށްދޭ ބޭސްތައް ހިމެނެއެވެ. 

އޮޕަރޭޝަންކުރުން
އާންމު ގޮތެއްގައި އޮޕަރޭޝަންކޮށްގެން މިބަލި ރަނގަޅު ކުރެވިދާނެއެވެ. އޮޕަރޭޝަން ކުރުމުގެ މާނައަކީ އޮޕަރޭޝަން ކޮށްގެން މުޅި ބޮޑުގޮހޮރާ، ފުރަގަސްފަރާތް އެއްކޮށް ނެގުމެވެ(Procotocolectomy). ގިނަ ފަހަރު މިގޮތަށް ކުރާ އޮޕަރޭޝަންގައި ކުޑަގޮހޮރުގެ ތިރިން "ޕައުޗެއް" ހަދައި، އެޕައުޗް ތިރިން ފުރަގަސްފަރާތު ދޮރާހަމައަށް ގެންދަނީ އެވެ. މިއިޖުރާއާތަށް ކިޔަނީ "އިލިއަލް ޕައުޗް އެނަސްޓޮމޯސިސް"(ileal pouch anastomosis) އެވެ. މިގޮތަށް ހެދުމުން ނިސްބަތުން ފަސޭހަކަމާއެކު ބޮޑުކަމު ނަޖިސް ހަށިގަނޑުން ބޭރުކުރެވެއެވެ.
ބައެއް ހާލަތުގައި މިގޮތަށް ޕައުޗެއް ނުލެއްވެއެވެ. ނުވަތަ ނުހެދެއެވެ. މިހާލަތްތަކުގައި ބަނޑުން ލޯވަޅެއްހަދައި ބޭރުގައި ހަރުކުރެވޭ ކޮތަޅަކަށް ބޮޑުކަމުނަޖިސް ދާގޮތަށް ހެދެއެވެ. މިއިޖުރާއާތަށް ކިޔަނީ "އިލިއަލް ސްޓޯމާ"(ileal stoma) އެވެ. 

ގޭގައި ކުރެވިދާނެ ކަންތައްތައް
އަލްސަރޭޓިވް ކޮލައިޓިސް ހުންނަ މީހުންނަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބައެއް ކަހަލަ ބަދަލުތަކުގެ ސަބަބުން ވެސް އެބަލީގެ އުނދަގޫތައް ލުއިކޮށްދެއެވެ. އަލްސަރޭޓިވް ކޮލައިޓިސް ފަދަ އިންފްލެމޭޓަރީ ބަވަލް ޑިޒީޒް ތައް އެމީހަކު ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ ސަބަބުން ކުރިމަތިވާކަން ޔަގީންކޮށްދޭނެ ހެއްކެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ކަހަލަ ކާބޯތަކެތީގެ ސަބަބުން ބަލީގެ އަލާމާތްތަކާ އުދަނގޫތައް އިތުރުވެ، ބަލީގެ ހާލަތު ގޯސްވެގެންދާކަން ފާހަގަ ކުރެވިފައި ވެއެވެ.
ކެއުމުގައި މަދުކުރަން، ނުވަތަ ދުރުހެލިވާންޖެހޭ ކާބޯތަކެތި
·         ކިރާއި، ކިރު އެކުލެވޭ އުފެއްދުންތައް
·         ފައިބަރު ހުންނަ ކާނާގެ ބާވަތްތައް
·         ކުޅިހަވާދުލީ ކާތަކެތީގެ ބާވަތްތައް
·         ކެފެއިން ހުންނަ ތަކެއްޗާއި ބުއިންތައް
·         ބަނގުއާވި
·         ކެބެޖު އާއިލާގެ ބާވަތްތައް : މިސާލަކަށް ކެބެޖް، ބްރޮކޮލީ، އަދި ކޮލިފްލާވަރ
·         މަދުގެ ވައްތަރުތައް، އޮށުގެ ވައްތަރުތައް، އަދި ޒުވާރި
ކެއުމުގައި ބަލަންޖެހޭ ކަންތައްތައް
·         އިރުއިރުކޮޅާ އެތިކޮޅުކޮޅުން ކަމުން ގެންދިއުން
·         ގިނައިން ދިޔާތަކެތި ބުއިން : އެންމެ ރަނގަޅީ ފެނެވެ.
ހަވާލާ
·         https://www.niddk.nih.gov/health-information/digestive-diseases/ulcerative-colitis
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment