Thursday, October 3, 2019

ޗިސްމޭގެ ކެންސަރު

ޗިސްމޭގެ ކެންސަރު
ޗިސްމޭގެ ކެންސަރު(pancreatic cancer) ގެ މާނައަކީ ޗިސްމޭ(pancreas)ގައި ކެންސަރުގެ ޓިއުމަރު އުފެދުމެވެ. ޗިސްމޭގެ ކެންސަރު ފެށިގެން އަންނަނީ ޗިސްމޭގެ ތެރެއިންނެވެ. ނުވަތަ ޗިސްމޭގެ ސެލޯށީގެ ތެރެއިންނެވެ. ޗިސްމޭ އަކީ އިންސާނާގެ ހަށިގަނޑުގައި ހަކުރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ އިންސިއުލިން ފަދަ ހޯރމޯން ތަކާ، އަދި ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްތައް ދޫކުރާ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ މައިދާގެ ތިރީބައިގެ ފަހަތުން ހަށިގަނޑުގެ ހުރަހަށް ވާގޮތަށެވެ.

ޗިސްމޭގެ ކެންސަރަކީ ވަރަށް ފަސޭހައިން ކައިރީގައި ހުންނަ ސެލޯށިތަކާ ގުނަވަންތަކަށް ފެތުރޭ ކެންސަރެކެވެ. ޗިސްމޭގެ ކެންސަރުގެ ކުރީކޮޅުގައި ދެނެގަނެވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އާއިލާގައި ޗިސްމޭގެ ކެންސަރު ދައުރުވާ މީހުންނާއި، ޗިސްމޭގައި ސިސްޓް ހުންނަ މީހުންނަށް ހެދޭ ޓެސްޓުތަކުގެ ތެރެއިން ބައެއް ފަހަރު ޗިސްމޭގެ ކެންސަރު ކުރީކޮޅުގައި ފަހަރުގައި ދެނެގަނެވުމަކީ އެކަށީގެންވާ ކަމެކެވެ.

ޗިސްމޭގެ ދިގުމިނުގައި 6 އިންޗި (15ސމ) ހުރެއެވެ. ޗިސްމޭ އޮންނަނީ ނާސްޕަތީ އެއް ހެންނެވެ. ހަށިގަނޑަށް  އެތެރެވާ ހަކުރު ކޮންޓްރޯލްކުރުމަށް ބޭނުންވާ އިންސިއުލިން ދޫކުރަނީ ޗިސްމޭ އިންނެވެ. އަދި ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތަކާ ދިޔަތައް ވެސް ޗިސްމޭއިން ދޫކުރެއެވެ.

ޗިސްމޭގެ ކެންސަރުގެ ވައްތަރުތައް
ޗިސްމޭގެ ކެންސަރު ބަހާލެވިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. މި 2 ބަޔަށް ބަހާލެވިފައިވަނީ ޗިސްމޭގެ ކެންސަރުން އުފަންވެގެން އަންނަ ޗިސްމޭގެ ހިސާބަށް ގުޅުވައިގެންނެވެ. ނުވަތަ ޗިސްމޭގެ ތެރެއިން ކެންސަރު އުފަންވެގެން އަންނަ ސަރަހައްދަކާ ގުޅުވައިގެންނެވެ. އެގޮތުން ހަޖަމުކުރުމުގެ މާއްދާތައް އުފައްދާ ހިސާބުން އުފަންވާ ޗިސްމޭގެ ކެންސަރަށް ކިޔަނީ "އެކްސޯކްރައިން ޕެންކްރިއެޓިކް ކެންސަރ"(exocrine pancreatic cancer) އެވެ. އަދި އިންސިއުލިން އުފައްދާ ހިސާބުން އުފަންވާ ޗިސްމޭގެ ކެންސަރަށް ކިޔަނީ "އެންޑޮކްރައިން ޕެންކްރިއެޓިކް ކެންސަރ"(Endocrine pancreatic cancer) އެވެ.
އެކްސޯކްރައިން ޕެންކްރިއެޓިކް ކެންސަރ
ޗިސްމޭގެ ކެންސަރުގެ ތަފާތު ވައްތަރުތައް ހުއްޓަސް އާންމު ގޮތެއްގައި ޗިސްމޭގެ ކެންސަރުގެ %95 ނިސްބަތްވަނީ "ޕެންކްރިއެޓިކް އެޑީނޯކާސިނޯމާ" އަށެވެ. އެކްސޯކްރައިން ޕެންކްރިއެޓިކް ކެންސަރ ގެ އެހެނިހެން ވައްތަރުތަކުގެ ތެރޭގައި :
·         އެޑީނޯސްކޭމަސް ކާސިނޯމާ
·         ސްކޭމަސް ސެލް ކާސިނޯމާ
·         ޖަޔަންޓް ސެލް ކާސިނޯމާ
·         އެސިނަރ ސެލް ކާސިނޯމާ
·         ސްމޯލް ސެލް ކާސިނޯމާ
ޗިސްމޭގެ %95 އިންސައްތަ ހިއްސާކުރަނީ އެކްސޯކްރައިން ބަޔަށް ވުމުން، ޗިސްމޭ ގެ ކެންސަރު ގިނައިން އުފަންވެގެން އަންނަނީ ވެސް މިހިސާބުންނެވެ.
އެންޑޯކްރައިން ޕެންކްރިއެޓިކް ކެންސަރ
ޗިސްމޭގެ ބައެއް ސެލްތަކުން ހޯރމޯންތައް އުފައްދައި، ސީދާ ލޭގެ ތެރެއަށް ދޫކުރެއެވެ. މިއީ ޗިސްމޭގެ އެންޑޯކްރައިން ބައިން ކުރާ ކަމެކެވެ. މިހިސާބުން އުފަންވެގެން އަންނަ ޗިސްމޭގެ ކެންސަރަށް ކިޔަނީ "އެންޑޮކްރައިން ޕެންކްރިއެޓިކް ކެންސަރ"(Endocrine pancreatic cancer) ނުވަތަ "ނިއުރޯއެންޑޯކްރައިން ޕެންކްރިއެޓިކް ކެންސަރ" އެވެ. ނުވަތަ "އައިލެޓް ސެލް ޓިއުމަރ" އެވެ. އެންޑޯކްރައިން ޕެންކްރިއެޓިކް ކެންސަރަކީ އެހާ އާންމު ވައްތަރެއް ނޫނެވެ. މިކެންސަރަށް ނަން ދެވިފައި ހުންނަނީ އެސެލްއަކުން އުފައްދާ ހޯރމޯން އަކާ ގުޅުވައިގެންނެވެ. މިކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި:-
·         އިންސިއުލިނޯމާ
·         ގުލޫކަގަނޯމާ
·         ސޮމާޓޮސްޓެޓިނޯމާ
·         ގެސްޓްރިނޯމާ
·         ވީއައިޕޯމާ
·         ނޮން ސިކްރީޓިންގ އައިލެޓް ޓިއުމަރ
ސަބަބު އަދި ޗިސްމޭގެ ކެންސަރު ކުރިމަތިވާގޮތް
ޗިސްމޭގެ ކެންސަރު ކުރިމަތިވާ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޗިސްމޭގެ ދިރުތަކުގެ ޑީއެންއޭ އަންނަ ވިރާސީ ބަދަލަކުން ޗިސްމޭގެ ކެންސަރު ކުރިމަތިވެދާނެ އެވެ. މައިންބަފައިންގެ ފުށުން ވެސް ކެންސަރު ވާރުތަވެދާނެ އެވެ. ބައެއް ފަހަރު ގިނަ ދުވަހުން އަނެއްބައި ފަހަރު ހަމަ ކުއްލިއަކަށްވެސް ކެންސަރު ފާހަގަވެދާނެ އެވެ. އާންމު ގޮތެއްގައި ޗިސްމޭގެ ކެންސަރު ޖައްސާ ވަކި ސަބަބެއް ހޯދިފައި ނެތަސް ގާތްގަނޑަކަށް 10-5 އިންސައްތަ ޗިސްމޭގެ ކެންސަރަކީ އާއިލާގެ ތެރެއިން ދައުރުވަމުން އައިސް ކުރިމަތިވާ ކެންސަރުކަން ފާހަގަ ކުރެވިފައި ވެއެވެ. 

ޗިސްމޭގެ ކެންސަރު ކުރިމަތިވަނީ ޗިސްމޭގައި ހުންނަ ދިރު(cell)ނުވަތަ ސެލްތަކުގެ ޑީއެންއޭ އަށް ވިރާސީ ގޮތުން ބަދަލެއް(mutations)އައުމުންނެވެ. މިބަދަލާއެކު އާދަޔާ ޚިލާފަށް ކޮންޓްރޯލެއް ނެތި ބަދަލު އައިސްފައިވާ ދިރުތައް ބޮޑުވާން ފަށައެވެ. އަދި ޗިސްމޭގެ ރަނގަޅު ދިރުތައް މަރުވެދިޔަސް، ބަދަލުއައިސްފައިވާ ދިރުތައް ދިރިހުރެއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލު އައިސްފައިވާ ދިރުތައް އެކަތިގަނޑެއްގެ ގޮތުގައި ޖަމާވެ، ޓިއުމަރެއް އުފެދެއެވެ. ޗިސްމޭގެ ކެންސަރަށް އެދެވޭ ފަރުވާ ނުކުރެވިއްޖެނަމަ ކައިރިގައި ހުންނަ ގުނަވަންތަކާ ލޭހޮޅިތަކަށް ކެންސަރުގެ އަސަރު ފޯރައެވެ.

ޗިސްމޭގެ ކެންސަރު ގިނަ ފަހަރު ފެށިގެން އަންނަނީ ޗިސްމޭގެ ޑަކްޓް ގެ ބަތާނަ ފަށުގައި ހުންނަ ދިރުތަކުންނެވެ. މިދިރުތަކުން އުފަންވެގެން އަންނަ ކެންސަރަށް ކިޔަނީ "ޕެންކްރީއެޓިކް އެޑީނޯކާސިނޯމާ" އެވެ. ވަރަށް މަދުން ނަމަވެސް ޗިސްމޭގައި ހުންނަ ހޯރމޯން އުފައްދާ ދިރުތަކުން ނުވަތަ ނިއުރޯއެންޑޮކްރައިން ދިރުތަކުން ކެންސަރު އުފެދިގެން އާދެއެވެ. މިދިރުތަކުން އުފެދިގެން އަންނަ ކެންސަރަށް "އައިލެޓް ސެލް ޓިއުމަރ"(islet cell tumor)، "ޕެންކްރީއެޓިކް އެންޑޮކްރައިން ކެންސަރ"(pancreatic endocrine cancer)ނުވަތަ "ޕެންކްރީއެޓިކް ނިއުރޯއެންޑޮކްރައިން ޓިއުމަރ" ފަދަ ނަންތައް ކިޔައި އުޅެއެވެ.

މަގުފަހިކުރާ ކަންތައްތައް
ޗިސްމޭގެ ކެންސަރަށް މަގުފަހިކޮށްފާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ދާއިމީ ގޮތެއްގައި ޗިސްމޭ ދުޅަވުން ނުވަތަ ޗިސްމޭގައި ސިސްޓް އުފެދިފައިވުން
·         ހަކުރު ބަލި ޖެހިފައިވުން : ހަކުރު ބަލި ޖެހިފައިވުމަކީ ހިރާސް އިތުރުކުރާ ކަމެއްކަން ޔަގީންކަމާއެކު ހޯދިފައި ނެތަސް މި ދެބަލީގައި ގުޅުމެއް ވާކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
·         ވިރާސީގޮތުން ކެންސަރުގެ ހިރާސް އިތުރުކޮށްފާނެ ކަމެއް އާއިލާގައި ހުރުން
·         އާއިލާގެ މެންބަރަކަށް ކުރިން ޗިސްމޭގެ ކެންސަރު ޖެހިފައިވުން : ޚާއްޞަކޮށް ފުރަތަމަ ދަރަޖައިގެ ތިމާގެ މީހުންގެ ތެރެއިން މީހަކަށް ކުރިން ޗިސްމޭގެ ކެންސަރު ޖެހިފައިވުން ނުވަތަ މިފަދަ މީހަކަށް އުމުރުން 50 އަހަރުވުމުގެ ކުރިން ޗިސްމޭގެ ކެންސަރު ޖެހިފައިވުން، އަދި ވިރާސީ ގޮތުން ޗިސްމޭއަށް ކުރިމަތިވާ ބައްޔެއް (އިންހެރިޓެޑް ސިންޑްރޯމް އެއް) ކުރިމަތިވުން.
·         ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރާތާ ގިނަ ދުވަސްވާވަރަކަށް ޗިސްމޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެއެވެ.
·         އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ، ބަރުވެ، ފަލަވުން
·         އުމުރުން ދުވަސްވުން : ގިނަ މީހުންނަށް ޗިސްމޭގެ ކެންސަރު ހުރިކަން  އެނގެނީ އުމުރުން 65 އަހަރުވާ ފަހުންނެވެ. ނުވަތަ އުމުރުން 60 އަހަރުގެ ފަހުންނެވެ. ބައެއް ރިފަރެންސް ތަކުގައި އުމުރުން 45 އަހަރު ވުމަށްފަހުގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.
·         ދަރިފަސްކޮޅު : އާންމު ގޮތެއްގައި އެފްރިކަން އެމެރިކަން ދަރިފަސްކޮޅުގެ މީހުންގެ މެދުގައި ޗިސްމޭގެ ކެންސަރު އެހެން ނަސްލުގެ މީހުންނަށްވުރެ އާންމުކަން ފާހަގަ ކުރެވެއެވެ.
·         ޖިންސް : ނިސްބަތުން އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި ޗިސްމޭގެ ކެންސަރު ތަންކޮޅެއް އިތުރުކަން ފާހަގަ ކުރެވެއެވެ.
·         ކެއުން : ކެއުމުގައި ރަތްކަންގަދަ މަސް (ރެޑްމީޓް) އަދި ދަޅުގައި ބަންދުކުރިމަސް (ޕްރޮސެސްޑް މީޓް) ކެއުމުގައި ހިމެނުމަކީ ޗިސްމޭގެ ކެންސަރުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
މަތީގައިވާ ހިރާސްތައް މީހެއްގެ ކިބައިގައި ހުރުމުގެ މާނައަކީ އެމީހަކަށް ޗިސްމޭގެ ކެންސަރު ޖެހޭނެ އެކޭ ނޫނެވެ. ނަމަވެސް މިއީ ހިރާސް އިތުރުކުރާ ކަންތައްތަކެވެ. ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ހަކުރު ބަލި ހުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކޮށް، ރަނގަޅުކާނާ ނުކާނަމަ، ޗިސްމޭގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރެއެވެ.

ޗިސްމޭއަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުމީހުން
·         އުމުރުން 60 އަހަރުން މަތީގެ މީހުން
·         ފިރިހެނުން
·         ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
·         ރެޑްމީޓް (ރަތްކަންގަދަ މަސް) ކެއުމުގައި ގިނައިން ހިމަނާ މީހުން
·         ތަރުކާރީ އާއި މޭވާފަދަ ބާވަތްތައް ކެއުމުގައި ނުހިމަނާ މީހުން
·         މާބޮޑަށް ހަށިގަނޑުގެ ބަރުދަން މަތި، ފަލަ މީހުން
·         ހަކުރު ބަލި ހުންނަ މީހުން
·         ދާއިމީ ގޮތެއްގައި ޗިސްމޭ ދުޅަވުން ކުރިމަތިވެފައިވާ މީހުން
އަލާމާތްތައް
·         ބަނޑުގައި ރިހުން : ބަނޑުގެ މަތީ ބައިގައި މެދުން ރިހުމާއި، ބައެއް ފަހަރު ބުރިކަށި ފަރާތުގައި ވެސް މިރިހުން ހުރުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ މެދުން މަތީގައެވެ. މިރިހުން ކުރިޔަށް ލެނބިލުމުން ފިލައިފާނެ އެވެ.
·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން
·         ކާހިތްކެނޑުން / ނުތަނަވަސްވުން
·         ބަލީގެ ފަހު މަރުހަލާގައި ރީނދޫވުން (ހަމާއި ލޮލުގެ ހުދުކަޅި ރީނދޫވުން) : ބައެއް ފަހަރު ރީނދޫވުމާއެކު ހަންގަނޑު ކަހައި ހިރުވައިފާނެ އެވެ. އަނެއްބައި ފަހަރު ރީނދޫވިޔަސް ހަންގަނޑު ކަހައި ހިރުވުން ކުރިމަތިނުވެދާނެ އެވެ.
·         ބަނޑުދިޔާވުން/ ބޭރަށްހިންގުން
·         ބޮޑުކަމުނަޖިހުގެ ވަސްނުބައިވުން
·         މޭނައިކުރުމާ، ހޮޑުލުން
·         ވަރުބަލިވެ ވާޅުވުން
·         ބުރަކަށީގައި ރިހުން
·         ބަނޑުފުއްޕުން : ވަރަށް ގިނަ ފަހަރު އެއްޗެއް ކާލާއިރު ބަނޑުފުރޭކަމުގެ އިހުސާސްކުރެވި، ބަނޑު ފުއްޕާހެން ވެސް ބައެއް މީހުންނަށް ހީވެއެވެ.
·         ބޮޑުކަމު ނަޖިހަށް ބަދަލުއައުން
·         އިންސިއުލިން ގަވާޢިދުން އުފައްދައި ނުދިނުމުގެ ސަބަބުން ހަކުރު ބަލި ޖެހުން ނުވަތަ ލޭގެ ހަކުރުގެ މިންވަރު މަތިވުން
·         ޗިސްމޭ ދުޅަވުން ކުރިމަތިވުން
·         މާޔޫސްވުން ނުވަތަ މާޔޫސްވުމުގެ ބަލި ކުރިމަތިވުން
ބައެއް ފަހަރު ޗިސްމޭގެ ކެންސަރުގެ ވައްތަރާއި ގުޅިގެން ވެސް ދިމާވާ އަލާމާތްތައް ކޮންމެ ވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އާންމު ގޮތެއްގައި ނިއުރޯއެންޑޯކްރައިން ކެންސަރުތަކާއި ގުޅިގެން ކުރިމަތިވެދާނެ ޚާއްޞަ ބައެއް އަލާމާތްތައް ތިރީގައި މިވަނީ އެވެ.

(ހ) އިންސިއުލިނޯމާ (Insulinomas): އިންސިއުލިނޯމާގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ދާހިއްލުން، ބޮލުގައި ރިހުން، ހާސްވެކަންބޮޑުވުން، އަދި ހަކުރު ދަށްވުމުގެ ސަބަބުން އަނބުރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ގުލޫކަގަނޯމާ (Glucagonomas): ގުލޫކަގަނޯމާގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުން، އާދަޔާ ޚިލާފައި ކަރުހިއްކައި ފެންބޮވުން، މާގިނައިން ކުޑަކަމުދާންޖެހުން، އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) ގެސްޓްރިނޯމާ (Gastrinomas): ގެސްޓްރިނޯމާގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ބަނޑާއި ގޮހޮރުގައި ފާރުހެދި ބޮޑުކަމުދާއިރު ލޭއައުން، މަތިންއެރުން، އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ރ) ސޮމާޓޯސްޓެޓިނޯމާ (Somatostatinomas): ސޮމާޓޯސްޓެޓިނޯމާގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ބޭރަށްހިންގުން، ބަނޑުގައި ރިހުން، ބަރުދަން ލުއިވުން، އަދި ބޮޑުކަމުނަޖިހުން އާދަޔާ ޚިލާފަށް ނުބައިވަސް ދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ބ) ވީއައިޕޯމާ (VIPomas): ވީއައިޕޯމާގެ ސަބަބުން ކުރިމަތިވެދާނެ އަލާމާތްތަކުގެ ތެރޭގައި ވަރަށް ދިޔާކޮށް، ފެންކޮށް ބޭރަށްހިންގުން، ބަނޑުގައި ރިހުން، އަދި މޫނުމަތި ހޫނުވެ، ރަތްވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބައެއް މީހުންނަށް ޗިސްމޭއަށް ކެންސަރު ޖެހި ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ފޯރައެވެ. ޗިސްމޭއަށް ކެންސަރު ޖެހިފައިވާކަން ގިނަ ފަހަރު އެނގެނީ ކެންސަރު ފެތުރި، އެކަމާ ބެހޭގޮތުން ހޯދާ ހޯދުންތަކުގެ ތެރޭގައެވެ.

ބަލީގައި ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް / ނުރައްކާތައް
ޗިސްމޭގެ ކެންސަރު ޖެހި ގިނަ ދުވަސްވާވަރަކަށް ތަފާތު އެކިއެކި ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކާ، މައްސަލަތައް ތިރީގައި މިވަނީ އެވެ.

(ހ) ބަރުދަން ލުއިވުން : ޗިސްމޭގެ ކެންސަރު ހުންނަ މީހަކަށް ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން ބަރުދަން ލުއިވުން ކުރިމަތިވެދާނެއެވެ. ޗިސްމޭގެ ކެންސަރަކީ އޭގެ ޒާތުގައި ވެސް އެބަލީގެ ސަބަބުން ބަރުދަން ލުއިވުން ކުރިމަތިކުރުވާ ބައްޔެކެވެ. ކެންސަރުގެ ފަރުވާގެ ސަބަބުން ކުރިމަތިވާ މޭނުބައިކުރުމާ، ހޮޑުލެވުން، ޗިސްމޭ ޓިއުމަރުން މައިދާއަށް ފިއްތާތީ ކެއުމަށް ދަތިވުން، އަދި ޗިސްމޭ އިން އެކަށޭނަ ގޮތެއްގައި ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް އުފައްދައިނުދޭތީ، ކާތަކެތިން ހަށިގަނޑަށް ބޭނުންވާ ބައިތައް ހަށިގަނޑަށް ނަގައިނުދިނުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް މަގުފަހިކުރާ ކަންކަމެވެ.

(ށ) ރީނދޫވުން :ޗިސްމޭގެ ކެންސަރުގެ ސަބަބުން ފުރަމޭ އިން ކުޑަ ގޮހޮރަށް ބައިލް އުފުލައިދޭ ކޮމަން ބައިލް ޑަކްޓް ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ރީނދޫވުން ކުރިމަތިވެއެވެ. ރީނދޫވުމުން ފާހަގަވާނެ ކަންތައްތަކުގެ ހަންގަނޑު ރީނދޫވުން، ލޯރީނދޫވުން، ކުޑަކަމުނަޖިހުގެ ކުލަގަދަވުން، އަދި ބޮޑުކަމުނަޖިހުގެ ކުލަމަޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ރީނދޫވުން ކުރިމަތިވަނީ ބަނޑުގައި ރިހުން ކުރިމަތިވުމަކާ ނުލައެވެ.

(ނ) ބަނޑުގައި ރިހުން : ބޮޑުވަމުން އަންނަ ޓިއުމަރުގެ ސަބަބުން ބަނޑުގެ ފަތިނާރުތަކަށް ފިއްތުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ފަތިނާރުތައް ފިތުމަކީ ވަރަށް ތޫނު ތަދެއް އިހުސާސް ވާނެ ކަމެކެވެ.

(ރ) ގޮހޮރު ބެދުން : ޗިސްމޭގެ ކެންސަރު ކައިރީގައިވާ ގުނަވަންތަކަށް ފެތުރުމަކީ ގާތް ކަމެކެވެ. ބޮޑުވަމުން އަންނަ ޗިސްމޭ ކެންސަރުގެ ޓިއުމަރު ކުޑަގޮހޮރަށް ފެތުރުން. ނުވަތަ ކުޑަގޮހޮރުގެ ފެށޭ ބަޔަށް ޓިއުމަރުން ފިއްތުމަކީ އެކަމުގެ ސަބަބުން ކާތަކެތި މައިދާއިން ކުޑަގޮހޮރަށް ދިއުމަށް ހުރަސްއެޅޭނެ ކަމެކެވެ.

ދެނެގަތުން
ޗިސްމޭގެ ކެންސަރަށް ޝައްކު ކުރެވޭނަމަ އެކަން ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ނުވަތަ ބައެއް ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އެތެރެހަށީގެ ގުނަވަންތަކުގެ ސޫރައެއް ކުރަހައިދޭ(ދައްކައިދޭ) ޓެސްޓުތައް (imaging tests): މިޓެސްޓުތަކުގެ އެހީގައި ޗިސްމޭ ފަދަ އެތެރެހަށީގެ ގުނަވަންތައް ހުރިނެތްގޮތް ނުވަތަ އެގުނަވަންތަކުގެ ހާލަތު ފަސޭހަ ކަމާއެކު ބަލާލެވޭނެ އެވެ. ޗިސްމޭގެ ކެންސަރު ދެނެގަތުމަށް ހެދޭ މިފަދަ ޓެސްޓުތަކުގެ ތެރޭގައި ބަނޑުގެ ސްކޭން(Ultra sonography)، ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަޕީ ސްކޭން(CT scan)، މެގްނެޓިކް ރިޒޮނަންސް އިމޭޖިންގ(MRI) އަދި ބައެއް ފަހަރު ޕޮސިޓްރޯން އެމިޝަން ޓޮމޮގްރަފީ ސްކޭން(PET scan) ފަދަ ޓެސްޓުތައް ހިމެނެއެވެ.
·         ބަނޑުގެ ސީޓީ ސްކޭން ހެދުން
·         އަލްޓްރާ ސައުން / ބަނޑުގެ ސްކޭން ހެދުން
·         ބަނޑުގެ އެމްއާރުއައި ހެދުން
·         ބަނޑުގެ ޕެޓް ސްކޭން ހެދުން
(ށ) އެންޑޮސްކަޕިކް އަލްޓްރާސައުންޑް ސްކޭން ހެދުން (EUS/Endoscopic UltraSound): މިޓެސްޓުގައި ސްކޯޕެއްގެ އެހީގައި އެތެރެ ހަށީގައި ޗިސްމޭ އޮތްގޮތް ބަލާލެވޭނެ އެވެ. މިއީ އެންޑޯސްކަޕީ އާއެކު ސްކޭން ހެދުމެވެ. މިޓެސްޓު ހެދުމަށްޓަކައި  ބޭނުންކުރާ ޑިވައިސް ކާތަކެތި ހިނގާހޮޅީގެ ތެރެއިން ބަނޑާއި ހަމައަށް ގެންދެވެނީ އެންޑޮސްކޯޕެއްގެ އެހީގައެވެ. ނުވަތަ އެންޑޮސްކޯޕެއްގެ ތެރެއިންނެވެ.

(ނ) ބަޔޮޕްސީ ހެދުން (biopsy): ބަޔޮޕްސީ ހެދުމަށްޓަކައި ވަރަށް ހިމަހިމަ ކައްޓެއް ހަމުގެ ތެރެއިން އެތެރެހައްޓަށް ފޮނުވައި ޗިސްމޭއަށް ވާޞިލްވުމުން، ޗިސްމޭގެ ކުޑަ ސެލޯށި ކޮޅެއް ނަމޫނާއެއްގެ ގޮތުގައި ނަގަނީ އެވެ. ބައެއް ފަހަރު އެންޑޮސްކަޕިކް އަލްޓްރާސައުންޑް ހެދުމުގެ ތެރޭގައި ވެސް މިނަމޫނާ ސެލޯށިކޮޅު ޗިސްމޭ އިން ނަގައިފާނެ އެވެ.
ބަޔޮޕްސީ ތަފާތު ޕްރޮސީޖަރ ތަކުގެ ތެރެއިން ހެދިދާނެ އެވެ. ނުވަތަ ތަފާތު ޕްރޮސީޖަރ ތަކުގެ ތެރެއިން ބަޔޮޕްސީ ސާމްޕަލް ނެގިދާނެއެވެ. އެފަދަ ޕްރޮސީޖަރ ތަކުގެ ތެރޭގައި:-
·         ފައިން ނީޑްލް އެސްޕައިރޭޝަން
·         އެންޑޯސްކަޕިކް ރެޓްރޯގްރޭޑް ކޮލަންޖިއޯޕެންކްރިއެޓޮގްރަފީ
·         އެންޑޯސްކަޕިކް އަލްޓްރާސައުންޑް
·         ލެޕަރޮސްކަޕީ
(ރ) ލޭގެ ޓެސްޓުތައް : ޗިސްމޭގެ ކެންސަރު ދިރުތަކުން ދޫކުރާ ޚާއްޞަ ޕްރޮޓީން ނުވަތަ ޓިއުމަރ މާރކަރ ތައް ލޭގެ ތެރޭގައި ހުރިތޯ ބެލުމަށް ލޭގެ ޓެސްޓު ކުރެވެއެވެ. ޗިސްމޭގެ ކެންސަރު ހުރިތޯ ބެލުމަށް ޗެކުކުރެވޭ އެއް ޓިއުމަރ މާރކަރ އަކީ ސީއޭ19-9 އެެވެ. ނަމަވެސް މިއީ ޗިސްމޭ ކެންސަރު ހުރިކަން މުޅިން ޔަގީންކޮށްދޭ ޓެސްޓެއް ނޫނެވެ. ނޫނީ ހަމައެކަނި މުޅިން އެއަށް ކޮންމެ ފަހަރަކު ބަރޯސާވެވިދާނެ ޓެސްޓެއް ނޫނެވެ. ބައެއް ފަހަރު ފަރުވާ ފެށުމުގެ ކުރިންނާއި، ފަރުވާ ނިމުމުން ވެސް މިޓިއުމަރ މާރކަރ ގެ ލެވެލް ލޭގައި ހުރި މިންވަރު ބައެއް ޑޮކްޓަރުން ޗެކުކުރެއެވެ.

ޗިސްމޭގެ ކެންސަރު ހުރިކަން ޔަގީންވުމުން، ދެން ބަލާނީ ކެންސަރު ހުރީ ކޮން މަރުހަލާއެއްގައިތޯ އެވެ. މައިގަނޑު ގޮތެއްގައި ޗިސްމޭގެ ކެންސަރު ރޯމަން ނަންބަރު ތަކުން 0ން ފެށިގެން ގޮސް IV އަކާއި ހަމައަށް ޖުމުލަ 5 މަރުހަލާއަކަށް ނުވަތަ ދަރަޖައަކަށް ބަހާލެވިފައި ވެއެވެ.

ޗިސްމޭގެ ކެންސަރުގެ ދަރަޖަތައް
ކެންސަރެއްގެ ދަރަޖަ ކަނޑައަޅަނީ ކެންސަރަށް ފަރުވާކުރުމުގައި ބޭނުންކުރުމަށެވެ. ކެންސަރުގެ ދަރަޖަ އިން ކެންސަރު ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ އެވެ. ނޫނީ އެނގޭނެ އެވެ. މިގޮތަށް އެނގުމުން ކެންސަރަށް ފަރުވާ ކުރަން ފަސޭހަ ވެއެވެ. ޗިސްމޭގެ ކެންސަރު ގިންތިކުރެވިފައިވާ ދަރަޖަތައް ތިރީގައި މިވަނީ އެވެ.

(ހ) ދަރަޖަ 0 : ކެންސަރު  އެއްވެސް ހިސާބަކަށް ފެތުރިފައެއް ނުހުންނާނެއެވެ. ކެންސަރުގެ އަސަރު ހުންނާނީ ޗިސްމޭގެ މަތީ ފަށަލައިގެ ސެލްތަކުގައެވެ. ޗިސްމޭގެ ކެންސަރު ބޭރުފުށުން ހަމަލޮލަށް ފާހަގަނުވާނެ، ނޫނީ އިމޭޖިންގ ޓެސްޓުތަކުން ވެސް ނުދައްކާނެ އެވެ.

(ށ) ދަރަޖަ I : މިދަރަޖައިގެ ކެންސަރުގެ އަސަރު ހުންނާނީ  ހަމައެކަނި ޗިސްމޭގައެވެ. މިދަރަޖައިގައި  IAގައި ކެންސަރުގެ ބޮޑުމިން 2 ސމ އަށް ވުރެ ކުޑަވާނެ އެވެ. އަދި މިދަރަޖައިގެ IBގައި ކެންސަރުގެ ބޮޑުމިން ހުންނާނީ 4-2 ސމ ދެމެދުގެ މިންވަރެއްގައެވެ.

(ނ) ދަރަޖަ II :މިދަރަޖައިގެ ކެންސަރުގެ އަސަރު ހުންނާނީ ޗިސްމޭގައެވެ. ނޫނީ ކައިރި ހިސާބުތަކުގައެވެ. މިސާލަކަށް ކައިރީގައިވާ ލިމްފް ގޮށްތަކަށް ފެތުރިފައި ހުރެދާނެއެވެ. ދުރު ހިސާބުތަކަށް ފެތުރިފައި ނުހުންނާނެ އެވެ. ކެންސަރުގެ ބޮޑުމިން 4ސމ އަށްވުރެ ބޮޑުވާނެ އެވެ.

(ރ) ދަރަޖަ III :މިދަރަޖައިގައި ކެންސަރު ކުރިޔަށްވުރެ ބޮޑަށް ފެތުރިފައި ހުންނާނެ އެވެ. އާންމު ގޮތެއްގައި ކައިރީގައި ހުންނަ ބޮޑެތި ލޭހޮޅިތަކާއި، ފަތިނާރުތަކަށް ކެންސަރުގެ އަސަރު ފޯރާފައި ހުންނާނެ އެވެ. ނަމަވެސް ދުރު ހިސާބުތަކަށް ފެތުރިފައެއް ނުހުންނާނެ އެވެ.

(ބ) ދަރަޖަ IV :މިދަރަޖައިގެ ކެންސަރުގެ އަސަރު ހުންނާނީ ދުރު ހިސާބުތަކަށް ފެތުރިފައެވެ.

ފަރުވާ
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ. ޗިސްމޭގެ ކެންސަރުގެ ފަރުވާ ބަރޯސާވަނީ ކެންސަރުގެ މަރުހަލާ ނުވަތަ ދަރަޖަ، ކެންސަރު ހުރިތަން، ބަލިމީހާގެ ދުޅަހެޔޮކަން ހުރި މިންވަރު، އަދި ބަލިމީހާގެ ޞިއްޙަތާ ގުޅުންހުރި އެހެނިހެން ކަންކަމުގެ މައްޗަށެވެ. ގިނަ މީހުންނަށް ޗިސްމޭގެ ކެންސަރަށް ފަރުވާ ކުރުމުގައި ފުރަތަމަ އަމާޒަކީ (ކުރެވޭ ކަމަކަށްވާނަމަ، ނޫނީ ކުރެވިދާނެ ކަމަކަށް ވާނަމަ) ޗިސްމޭގެ ކެންސަރުގެ އަސަރު އެމީހެއްގެ ހަށިގަނޑުން ނައްތާލުމެވެ. އެގޮތަށް އެކަން ނުކުރެވޭކަމަށް ލަފާކުރެވޭނަމަ (ކެންސަރުގެ އަސަރު ދުއްވާލެވޭނެހެން ހީނުވާނަމަ) ދެން ބަލާނީ ކެންސަރު އިތުރަށް ފެތުރުނަނުދީ ނޫނީ ބޮޑުވިޔަނުދީ ހިފެހެއްޓުމާއި، ކެންސަރުން އިތުރު ގެއްލުންތައް ކުރިމަތިވިޔަ ނުދީ ހިފެހެއްޓުން ނުވަތަ ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުން ނޫނީ ބަލިމީހާގެ ދިރިއުޅުމުގެ ބާކީ ބައި ހިތްހަމަޖެހޭގޮތަށް ހޭދަކުރުމަށް އެހީތެރިވެދިނުމެވެ.

ޗިސްމޭގެ ކެންސަރުގެ ފަރުވާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ކުރެވޭ ކަންކަމަކީ އޮޕަރޭޝަންކުރުން، ކީމޯތެރަޕީ ދިނުން އަދި ރޭޑިއޭޝަން ތެރަޕީ ދިނުން މި 3 ކަންތަކެވެ. ބައެއް ފަހަރު މީގެ ތެރެއިން ދެކަމެއް ނޫނީ 3 ކަން އެއްކޮށްވެސް ކުރަންޖެހިދާނެ އެވެ. ނަމަވެސް ކެންސަރުގެ ފަހު މަރުހަލާއަށް އެޅުމުން ފަހަރުގައި މި ކަންކަމުން އެންމެ އެދެވޭ ނަތީޖާ ނުނިކުމެދާނެ އެވެ. މިފަދަ ހާލަތްތަކުގައި ބަލިމީހާއަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް މަސައްކަތް ކުރެވެއެވެ. މިއީ ބަލިމީހާއަށް ވީވަރަކުން ހިތްހަމަޖައްސައިދިނުމަށް ކުރެވޭ ކަމެކެވެ.

އޮޕަރޭޝަންކުރުން
ޗިސްމޭގެ ކެންސަރު ހުންނަ މީހުންނަށް އަންނަނިވި އޮޕަރޭޝަންތައް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ޗިސްމޭގެ ބޮލުގައި ހުންނަ ކެންސަރުގެ ޓިއުމަރު ނެގުމަށް އޮޕަރޭޝަންކުރުން : ޗިސްމޭގެ ކެންސަރު ހުރީ ޗިސްމޭގެ ކެންސަރުގެ ބޮލުގައި ކަމުގައިވާނަމަ، "ވިޕްލް ޕްރޮސީޖަރ" (Whipple procedure)ނުވަތަ "ޕެންކްރިއެޓިކޯޑުއަޑިނަކްޓަމީ"(pancreaticoduodenectomy)ހަދަންޖެހިދާނެ އެވެ. ވިޕްލް ޕްރޮސީޖަރ އަކީ ޗިސްމޭ ބޮލާއި(head of pancreas)، ކުޑަގޮހޮރުގެ ފުރަތަމަ ބައި "ޑޫއަޑިނަމް"(duodenum)ފިތް، އަދި ކޮމަން ބައިލް ޑަކްޓް (Common bile duct) އިން ބައެއް ނެގުމަށްޓަކައި ކުރެވޭ، ފަންނީގޮތުން އުދަނގޫ އޮޕަރޭޝަނެކެވެ. ބައެއް ހާލަތްތަކުގައި މިއޮޕަރޭޝަންގެ ތެރޭގައި މައިދާއިން ބައެއް އަދި ކައިރީގައިވާ ލިމްފް ގޮށްތައް ވެސް ނަގައިފާނެ އެވެ. މިދެންނެވި ބައިތައް އޮޕަރޭޝަންކޮށްގެން ނެގުމަށްފަހު، ޗިސްމޭ، މައިދާ، އަދި ކުޑަގޮހޮރުގެ ބާކީހުރި ބައިތައް ގުޅުވާލާނެއެވެ. މިގޮތަށް ހެދުމުން ކާތަކެތި މައިދާއިން ކުޑަ ގޮޮހޮރަށް ވާޞިލްވުމާއި، ކާތަކެތި ހަޖަމުވުމަށް ހުރަހެއް ނޭޅޭނެ އެވެ.

(ށ) ޗިސްމޭގެ ޖިސްމާއި، ނިގުލުގައި ހުންނަ ކެންސަރުގެ ޓިއުމަރު ނެގުމަށް އޮޕަރޭޝަންކުރުން : ޗިސްމޭގެ ޖިސްމާއި އަދި ޗިސްމޭގެ ނިގުލުގައި ހުންނަ ކެންސަރުގެ ޓިއުމަރު ނެގުމަށް ކުރެވޭ އޮޕަރޭޝަނަށް ކިޔަނީ "ޑިސްޓަލް ޕެންކްރިއެޓަކްޓަމީ"(distal pancretectomy)އެވެ. މިއޮޕަރޭޝަންގެ ތެރޭގައި ފަހަރުގައި ހުންކޮށި ވެސް ނަގައިފާނެ އެވެ.

(ނ) މުޅި ޗިސްމޭ އެއްކޮށް އޮޕަރޭޝަންކޮށްގެން ނެގުން (total pancreatectomy): ޗިސްމޭގެ ކެންސަރު ހުރިނަމަ ބައެއް ފަހަރު މުޅި ޗިސްމޭ އެއްކޮށް އޮޕަރޭޝަން ކޮށްގެން ނަގަންޖެހިދާނެ އެވެ. މިއޮޕަރޭޝަނަށް ކިޔަނީ "ޓޯޓަލް ޕެންކްރިއެޓަކްޓަމީ" އެވެ. ޗިސްމޭ އެއްކޮށް އޮޕަރޭޝަންކޮށްގެން ނަގައިފިނަމަ މުޅި އުމުރަށް އިންސިއުލިން، އަދި ޑައިޖެސްޓިވް އެންޒައިމްތައް ބޭހުގެ ސިފައިގައި ބޭނުންކުރަން ޖެހޭނެ އެވެ.

(ރ) ޗިސްމޭގެ  ވަށައިގެން ހުންނަ ލޭހޮޅިތަކަށް އަސަރުކުރާ ކެންސަރުގެ ޓިއުމަރު ނެގުމަށް އޮޕަރޭޝަންކުރުން : ޗިސްމޭގެ ކެންސަރުގެ ފަހު މަރުހަލާއަށް އެޅުމަށްފަހު، ޗިސްމޭގެ ވަށައިގެން ހުންނަ ލޭހޮޅިތަކަށް ކެންސަރުގެ އަސަރުކޮށްފައިވާނަމަ، ވިޕްލް ޕްރޮސީޖަރ، ނުވަތަ އެހެނިހެން އޮޕަރޭޝަންތަކެއް ނުކުރެވެއެވެ. ޗިސްމޭގެ ވަށައިގެން ހުންނަ ލޭހޮޅިތަކަށް ކެންސަރު އަސަރުކޮށްފައިވާނަމަ، އެކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރެވެނީ ވަރަށް ތަޖުރިބާހުރި، އަދި އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޑޮކްޓަރުންނަށެވެ.

މިއިން ކޮންމެ އޮޕަރޭޝަނަކީ އެ އޮޕަރޭޝަނެއްގެ ސަބަބުން، އެތެރެހަށިން ލޭހިލުމާއި، އިންފެކްޝަން ހެދުމުގެ ހިރާސް އޮވެއެވެ. އޮޕަރޭޝަނަށްފަހު ބަނޑު ރަނގަޅަށް ހުސްނުކުރެވޭނަމަ، މޭނުބައިކުރުމާ ހޮޑުލެވުން ފަދަ ކަންކަން ކުރިމަތި ވެއެވެ. މިއިން ކޮންމެ އޮޕަރޭޝަނަކަށްފަހު، ރަނގަޅުވާން ގިނަ ދުވަސްވ ނަގައެވެ.

ކީމޯތެރަޕީ ދިނުން
ކީމޯތެރަޕީގައި ކެންސަރުގެ ސެލްތައް މަރާލުމަށް އެހީތެރިވެދޭ ބޭސްތައް ބޭނުންކުރެވެއެވެ. ލެޔަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި ނުވަތަ ކާ ގުޅަ ބޭހުގެ ގޮތުގައި ވެސް ކީމޯތެރަޕީގެ ބޭސްތައް ދީއުޅެއެވެ. ކީމޯތެރަޕީއާއެކު، އެއްވަގުތެއްގައި ރޭޑިއޭޝަން ތެރަޕީ ވެސް ކުރިޔަށް ގެންގޮސްފާނެ އެވެ. އާންމު ގޮތެއްގައި ޗިސްމޭގެ ކެންސަރާއި ގުޅިގެން ކީމޯތެރަޕީ ދެނީ ޗިސްމޭގެ ކެންސަރުގެ އަސަރު ޗިސްމޭއިން ބޭރަށް ނުވަތަ ޗިސްމޭގެ ވަށައިގެންވާ ގުނަވަންތަކަށް ފޯރާފައިވާނަމަ އެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި، ބައެއް ތަންތާގައި ބައެއް ފަހަރު، އޮޕަރޭޝަން ކުރުމުގެ ކުރިން ކެންސަރުގެ ޓިއުމަރު ހިންދައި ކުޑަކޮށްލުމަށްޓަކައި ވެސް އެއް ފަހަރާ ކީމޯތެރަޕީ އަދި ރޭޑިއޭޝަން ތެރަޕީ ދީއުޅެފާނެ އެވެ. ބައެއް ފަހަރު އޮޕަރޭޝަން ކުރުމަށްފަހު، އަލުން ކެންސަރު އާލާވިޔަނުދިނުމަށް ވެސް ކީމޯތެރަޕީ ދީއުޅެއެވެ. ނަމަވެސް ޗިސްމޭގެ ކެންސަރުގެ ފަހު މަރުހަލާގައި ކީމޯތެރަޕީ ދެނީ ކެންސަރުގެ ޓިއުމަރު\ ހެދިބޮޑުވުން ހުއްޓުވައި، ބަލިމީހާ ގިނަ ދުވަހު ސަލާމަތުން ބެހެއްޓުމަށެވެ.

ރޭޑިއޭޝަން ތެރަޕީ ދިނުން
ރޭޑިއޭޝަން ތެރަޕީ އަކީ ކެންސަރުގެ ސެލްތައް ހަލާކުކޮށް ނެތިކޮށްލުމަށް އެކްސްރޭ އަދި ޕްރޮޓޯން އިން ދޫކުރާފަދަ ހަކަތަ މަތި ދޯދިތަކެކެވެ. ކެންސަރުގެ އޮޕަރޭޝަންގެ ކުރިން ނޫނީ ފަހުން ވެސް ރޭޑިއޭޝަން ތެރަޕީ ދީފާނެ އެވެ. އާންމު ގޮތެއްގައި ގިނަ ފަހަރު ރޭޑިއޭޝަން ތެރަޕީ ދީއުޅެނީ ކީމޯތެރަޕީ އާ އެކުއެކީގައެވެ. ނޫނީ އޮޕަރޭޝަންކޮށްގެން ކެންސަރުގެ އަސަރު ދުއްވައި ނުލެވޭނެހެން ހީވާނަމަ ކީމޯތެރަޕީ އާއި، ރޭޑިއޭޝަންތެރަޕީ އެކުއެކީގައި ނެގުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

ރޭޑިއޭޝަން ތެރަޕީ ދެނީ ހަށިގަނޑުގެ ވަށައިގެން އެނބުރޭގޮތަށް ހުންނަ މެޝިނެއްގެ އެހީގައެވެ. މިމެޝިންގެ އެހީގައި ހަށިގަނޑުގައި ރޭޑިއޭޝަން ދޭން ބޭނުންވާ ޚާއްޞަ ޕޮއިންޓްތަކަށް ރޭޑިއޭޝަން އަމާޒުކުރެވެއެވެ. މިގޮތަށް ރޭޑިއޭޝަން ތެރަޕީ ދިނުމަށް ކިޔަނީ "އެކްސްޓާނަލް ބީމް ރޭޑިއޭޝަން"(External beam radiation)އެވެ.  ކުރިއަރާފައިވާ ގައުމުތަކުގައި އޮޕަރޭޝަންގެ ތެރޭގައި ވެސް ރޭޑިއޭޝަން ދެއެވެ.

ޕެލިއޭޓިވް ކެއަރ
ޕެލިއޭޓިވް ކެއަރ(Palliative care) އަކީ ނުރައްކާތެރި ބައްޔަކުން ކުރިމަތިވާ ތަދާއި ރިހުމާއި، ވޭނާއި އެހެނިހެން އުދަނގޫތައް ކުޑަކޮށް، ލުއިކަން ގެނެސްދިނުމަށް އަމާޒުކޮށްގެން ބަލިމީހާއަށް ފޯރުކޮށްދެވޭ ޚާއްޞަ ފަރުވާ އެކެވެ. އޮޕަރޭޝަން ކުރުމަށްފަހު ގަޔާއި، ކީމޯތެރަޕީ، އަދި ރޭޑިއޭޝަން ތެރަޕީ ދޭ ދުވަސްވަރު ވެސް ޕެލިއޭޓިވް ކެއަރ ބަލިމީހާއަށް ފޯރުކޮށްދެވިދާނެ އެވެ.

ކެންސަރު ބަލިހުރިކަން ދެނެގަނެވުމަށްފަހު، އެހުރި ކެންސަރަކަށް އެކަށޭނަ ފަރުވާދީ، ޕެލިއޭޓިވް ކެއަރ ފޯރުކޮށްދިނުމަކީ، ބަލިމީހާއަށް ލުއިކަން އިހުސާސްކޮށްދީ، ދިގުމުއްދަތަށް ދިރިހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އާންމު ގޮތެއްގައި ޕެލިއޭޓިްވް ކެއަރ ފޯރުކޮށްދޭ ޓީމުގައި ޑޮކްޓަރުން، ނަރުހުން، އަދި ފިޒިއޮތެރަޕިސްޓުން ފަދަ ތަމްރީނު ލިބިފައިވާ އެހެނިހެން ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރިން ހިމެނޭނެ އެވެ. މިޓީމުގެ މައިގަނޑު އަމާޒަކީ ކެންސަރު ބަލީގެ އަހުލުވެރިޔާ ކުރިމަތިވާ އުނދަގޫތައް ކުޑަކޮށް ލުއިކޮށްދިނުމަށް އެހީތެރިވެދީގެން،  ބަލިމީހާއަށާއި، އޭނާގެ އާއިލާއަށް ހިތްހަމަޖެހުން ގެނެސްދީ، އުފާވެރި ދުވަސްތަކެއް ވޭތުކުރުމަށް ބާރުއަޅައިދިނުމެވެ.

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
·         ދުންފަތުގެ އިސްތިއުމާލުނުކުރުން
·         ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓޭތޯ ބެލުން
·         ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
ހަވާލާ
·         ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ-2005


No comments:

Post a Comment