Tuesday, August 24, 2021

މައިދާގައި ފާރުހެދުން

 

މައިދާގައި ފާރުހެދުން

މައިދާގައި ފާރުހެދު(peptic ulcer)މަކީ މައިދާ ނުވަތަ ބަނޑުގެ އެންމެ އެތެރޭ ދުލިފަށް ނުވަތަ ބަނޑުގެ ބަތާނަފަށުގައި، އަދި ކުޑަ ގޮހޮރުގެ އެންމެ މަތީބައިގައި ފާރުހެދުމެވެ. މިއީ ބަނޑުގެ އެންމެ އެތެރޭގެ ތެތް ދުލިފަށަލަ ނުވަތަ ބަތާނަ ފަށުގައި ފާރުހެދުމެވެ. އާންމު ގޮތެއްގައި ބަނޑުގެ ނުވަތަ މައިދާގެ އެތެރޭގައި އުފެދޭ ފާރަށް ކިޔަނީ ގެސްޓްރިކް އަލްސަރ(gastric ulcer) އެވެ. އަދި ހަމަ މިގޮތަށް ކުޑަގޮހޮރުގެ ފެށޭ ބައި ނުވަތަ މައިދާއާއި ޖެހިގެން އިންނަ ބައިގައި އުފެދޭ ފާރަށް ކިޔަނީ ޑޫއަޑީނަލް އަލްސަރ(duodenal ulcer) އެވެ.

ކޮންމެ އުމުރެއްގެ މީހަކަށް ވެސް މައިދާގައި ފާރުއުފެދުން ކުރިމަތިވެދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް މައިދާގައި ފާރުހެދެނީ އުމުރުން 60 އަހަރުން މަތީގެ މީހުންގެ އެވެ. އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި މައިދާގައި ފާރުހެދުމުގެ މައްސަލަ އިތުރުކަން ފާހަގަ ކުރެވެއެވެ.


ވައްތަރުތައް

މައިދާގެ ފާރުގެ ދެވައްތަރެއް ހުރެއެވެ. އެއީ އަންނަނިވި ވައްތަރުތަކެވެ.

(ހ) ގެސްޓްރިކް އަލްސަރ (gastric ulcer): މިއީ ބަނޑުގެ އެތެރޭގައި އުފެދޭ ފާރެވެ.

(ށ) ޑޫއަޑީނަލް އަލްސަރ (duodenal ulcer): މިއީ ކުޑަ ގޮހޮރުގެ ފެށޭބައި ނޫނީ މަތީބައި "ޑޫއަޑީނަމް" ގައި އުފެދޭ ފާރެވެ.

ސަބަބު

މައިދާގައި ފާރު އުފެދެން މެދުވެރިވާ އެންމެ އާންމު ސަބަބުތަކަކީ ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން އަށަގަތުމާއި، ދިގު މުއްދަތަކަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުމެވެ. ފިކުރުބޮޑުވުން، ކުޅިތެޔޮ ހަވާދުލީ ބާވަތްތައް ބޭނުންކުރުމުން މައިދާގައި ފާރެއް ނުއުފެދޭނެ އެވެ. ނަމަވެސް މައިދާގައި ފާރުހެދުމުން ދިމާވާ އުދަނގޫތައް އިތުރަށް ގޯސްވެގެންދިއުމަކީ ވެދާނެ ގޮތެކެވެ.

މައިދާގައި ފާރު އުފެދެނީ ހަޖަމުކުރާ ނިޒާމުގައި ހުންނަ އެސިޑްގެ ސަބަބުން ކުޑަ ގޮހޮރު ނޫނީ މައިދާގެ އެންމެ އެތެރޭ ފަށަލަ ނުވަތަ ބަތާނަފަށް ވިރި ނޫނީ ގިރިދިއުމުންނެވެ. މިގޮތަށް އުފެދޭ ފާރުގައި ރިހި، އެއިން ލޭއައުމަކީ އެކަށީގެންވާ ކަމެކެވެ. މައިދާގައި ފާރު އުފެދެން މެދުވެރިވާ އެންމެ އާންމު ސަބަބުތައް ތިރީގައި މިވަނީ އެވެ.

(ހ) ބެކްޓީރިޔާ : ހެލިކޮބެކްޓަރ ޕައިލޮރި(Helicobacter pylori) އޭ ކިޔާ ބެކްޓީރިޔާ އަކީ ކުޑަގޮހޮރާއި، މައިދާގެ ބަތާނަ ފަށް ނިވައިކޮށް، ރައްކާތެރިކޮށްދޭ ލޮނދިފަށަލައިގެ ތެރޭގައި އާންމުކޮށް ދިރިއުޅޭ ޖަރާސީމެކެވެ. އާންމުކޮށް މިބެކްޓީރިޔާގެ ސަބަބުން މައްސަލަތަކެއް ކުރިމަތި ނުކުރުވިޔަސް، މިބެކްޓީރިޔާގެ ސަބަބުން ބަނޑާއި ކުޑަގޮހޮރުގެ ބަތާނަ ފަށް ދުޅަކުރުވައި، ފާރުއުފައްދައެވެ.

ހޯދިފައިވާ ގޮތުގައި އާބާދީތަކުގެ %50 މީހުންގެ ހަށިގަނޑުގައި މިޖަރާސީމު ހުރެއެވެ. އަދި ބެލެވިފައިވާ ގޮތުގައި އެކަކު ގައިން އަނެކާގެ ގަޔަށް މިޖަރާސީމު ވާޞިލްވަނީ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނެވެ. އަދި ގިނަ ފަހަރު މިގޮތަށް އެކަކު ގައިން އަނެކާގެ ގަޔަށްއަރަނީ އުމުރުގެ ކުރީކޮޅުގައެވެ. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހަށިގަނޑުގައި ހުއްޓަސް ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރެއް ނުކުރެއެވެ. މިޖަރާސީމު ހުރެގެން މައިދާގައި ފާރުއުފެދުން ކުރިމަތިވަނީ އިންފެކްޝަން ހުންނަމީހުންގެ ތެރެއިން އެންމެ %15-10 މީހުންގެކަން ފާހަގަ ކޮށްލެވެއެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން : ތަދުކަނޑުވާ ބޭސްތައް އާންމުކޮށް ބޭނުންކުރުމަކީ ބަނޑާއި ގޮހޮރުގެ ބަތާނަފަށް ހިލިގަނެ، ދުޅައުފައްދާނެ ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި  އެސްޕިރިން، ބުރޫފަން، ނެޕްރޮކްސިކަމް، ޑައިކްލޯފިނެކް، އަދި ކީޓޯޕްރޯފެން ފަދަ ބޭސްތައް ހިމެނެއެވެ. އާންމުކޮށް ބޭނުންކުރާ ޕެރަސިޓަމޯލް ނުވަތަ ޕެނަޑޯލްގެ ސަބަބުން މައިދާގައި ފާރުއުފެދުން ކުރިމައްޗެއް ނުވާނެއެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ބަނޑުގައި އުފެދޭ ގޭހުން ބަނޑުގެ އެތެރޭ ބަތާނަފަށް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ކެމިކަލް އެއް އުފެއްދުމަށް ހުރަސްއަޅައެވެ.

ތަދުކަނޑުވާ ބޭސް ބޭނުންކުރުމުގެ ސަބަބުން ބަނޑުގައި ފާރުހެދުމުގެ ފުރުޞަތު އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

·         ތަދުކަނޑުވާ ބޭހުގެ މަތީ މިންވަރެއް (ޑޯޒެއް) ބޭނުންކުރުން

·         އުމުރުން 70 އަހަރަށްވުރެ މަތިވުން

·         އަންހެނަކަށްވުން

·         ތަދުކަނޑުވާ ބޭސް ބޭނުންކުރާ ދުވަސްވަރު ސްޓީރޮއިޑް ބޭނުންކުރުން

·         މެދުނުކެނޑި ދިގުމުއްދަތަކަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން

·         މައިދާގައި ފާރު ހެދުމުގެ މައްސަލަ ކުރިން ވެސް ހުރުން

(ނ) އެހެން ބޭސްތައް ބޭނުންކުރުން : ތަދުކަނޑުވާ ބޭސްތަކުގެ އިތުރުން އެހެން ބައެއް ބޭސްތައް ބޭނުންކުރުމަކީ ވެސް ބަނޑާއި ގޮހޮރުގައި ފާރުއުފެދުމުގެ ހިރާސް އިތުރު ކޮށްފާނެ ކަމެކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސްޓީރޮއިޑް، ލޭގަނޑުވިޔަނުދޭ ބޭސްތައް، އެސްޕިރިން، އެލެންޑްރޮނޭޓް، އަދި ރިސެންޑްރޮނޭޓް ފަދަ ބޭސްތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް

އަންނަނިވި ކަންތައްތަކަކީ މައިދާގައި ފާރުހެދުމަށް މަގުފަހިކުރާ ކަންތައްތަކެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު އަށަގެންފައިވާ މީހުންނަށް މައިދާގައި ފާރުހެދުމުގެ ހިރާސް އިތުރުކޮށްދޭ ކަމެކެވެ.

·         ބަނގުރާ ބުއިން : ބަނގުރަލަކީ ބަނޑުގައި ގޭސް އުފެއްދުން އިތުރުކޮށްދީ، ބަނޑުގެ ބަތާނަ ފަށުގައި ހުންނަ ލޮދިފަށަލަ ގިރުވައި، ހަލާކުކޮށްލާ އެއްޗެކެވެ.

·         ފިކުރުބޮޑުވުން

·         ކުޅި، ތެޔޮ، ހަވާދުލީ ކާތަކެތި ބޭނުންކުރުން

·         އާއިލާ ތެރޭގައި ބަލި ދައުރުވަމުން އައުން

·         ފުއްޕާމޭ، ގުރުދާ، ނުވަތަ ފުރަމޭގެ ބައްޔެއް ހުރުން

އަލާމާތްތައް

·         ބަނޑުގައި ދިލަނަގައި ރިއްސުން

·         ފުރިފައި ހުންނަހެން ހީވުން

·         އަނގައިން ވައިލެވުން

·         ބަނޑުފުއްޕުން

·         ތެޔޮ އެއްޗެހި ކެއުމުން އުދަނގޫވުން

·         މެއިންދިލަނެގުން / މޭއެންދުން

·         މޭނުބައިކުރުން

މައިދާގައި ފާރުހުރުމުން ކުރިމަތިވާ ބަނޑުގައި ރިއްސުން

މައިދާގައި ފާރުހެދުމުން ފެންނާނެ އެންމެ އާންމު އަލާމާތަކީ ދިލަނަގައި، ބަނޑުގައި ރިހުމެވެ. މިގޮތަށް ރިހޭއިރު އެންމެ ބޮޑަށް ރިހުން ހުންނާނީ ބަނޑުގެ މެދުގައެވެ. މައިދާގައި ފާރުހުރުމުން އުފެދޭ ބަނޑުގައި ރިހުން ބަނޑުގެ މެދުން ފެށިގެން މައްޗަށް ކަރާއި ހަމައަށް އަދި ތިރިއަށް ފޫޅާއި ހަމައަށް އަދި ފުރަގަހަށް ނުވަތަ ބުރަކަށްޓަށް ވެސް ގޮސްފައި ހުރެދާނެ އެވެ. ދެތިން މިނިޓުން ފެށިގެން ގޮސް، ދެތިން ގަޑިއިރަށް ވެސް ނުފިލައި ބަނޑުގައި ރިހުން ހުރެދާނެއެވެ. އާންމު ގޮތެއްގައި ތަދުވާން ފަށަނީ ކެއުމަށްފަހު ދެތިން ގަޑިއިރުގެ ތެރޭގައެވެ. ބައެއް ފަހަރު ބަނޑުގައި ރިހިގެން ރޭގަނޑު ހޭލެވިދާނެ އެވެ.

ގިނައިރު ނުކައި ހައިބަނޑާއި ހުރުމާއި، ބަނޑުގައި އުފެދޭ އެސިޑްގެ ސަބަބުން ބަނޑުގެ ރިހުން އިތުރަށް ގޯސްވެއެވެ. ބަނޑުގައި އެސިޑާއި، އަލްކަލައިންގެ މިންވަރު ހަމަހަމަކޮށްދީފާނެ ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ބަނޑުގައި އެސިޑްގެ މިންވަރު ދަށްކޮށްދޭނެ ބޭސް ބޭނުންކުރުމަކީ ބަނޑުގެ ރިހުން ލުއިކޮށްދޭނެ ކަންތައްތަކެވެ. އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދެމެދުގައި، އަދި ރޭގަނޑުގައި ބަނޑުގެ ރިހުން ފަހަރުގައި އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. ހެދުނު ގަޑީގައި ވެސް ބަނޑުގައި ރިއްސައިފާނެއެވެ. ކޮފީ، ކޯލާ، އޮރެންޖު ޖޫސް ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރިހުން އިތުރުވެދާނެ އެވެ. އެސްޕިރިން ފަދަ ބޭހެއް ބޭނުންކުރުމުން ވެސް ރިހުން އިތުރުވެދާނެއެވެ.

ނުރައްކާތެރިކަން އަންގައިދޭ އަލާމާތްތައް

ވަރަށް ގިނަ މީހުންނަށް މައިދާގައި ފާރުހެދިފައި ހުއްޓަސް އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް މަދުން ނަމަވެސް މައިދާގެ ފާރުގެ ސަބަބުން ނުރައްކާތެރި އަލާމާތްތަކާއި، ނިޝާންތައް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކާއި، ނިޝާންތައް ތިރީގައި މިވަނީ އެވެ.

·         ހޮޑުލެވުން، ހޮޑުގައި ލޭހުރުން

·         ބޮޑުކަމުނަޖިސް ކަޅުކުލައިގައި ހުރުން

·         ނޭވާލާން އުދަނގޫވުން

·         އަނބުރައިގަނެ، ހޭނެތެން އުޅޭހެން ހީވުން

·         މޭނުބައިކޮށް ހޮޑުލެވުން

·         އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން

·         ކެއުމަށް ބަދަލުއައުން ( ކާހިތްނުވުން)

ނުރައްކާތައް

މައިދާގައި ފާރުހެދި އެކަމަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، އަންނަނިވި ކަންތައްތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) އެތެރެ ހަށިން ލޭއައުން : މިއީ މައިދާގައި ފާރުއުފެދުމުން ކުރިމަތިވާ އެންމެ އާންމު އެއް ނުރައްކަލެވެ. އާންމު ގޮތެއްގައި މިގޮތަށް އެތެރެހަށިން ބޮޑަށް ލޭފައިބަނީ މައިދާގައި ފާރުއުފެދުނީ ލޭހޮޅިއެއް ހުރި ހިސާބެއްގައި ކަމުގައި ވާނަމަ އެވެ. ވަރަށް ލަސްލަހުން ވެސް އެތެރެއިން ލޭފައިބައިފާނެ އެވެ. މިހެންވެއްޖެނަމަ ލޭމަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރުބަލިވެ، ނޭވާކުރުވެ، ވިންދު އަވަސްވެ، މީހާ ދޮންފޫޑުވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ފަހަރު ކުއްލިއަކަށް ވަރަށް ބައިވަރު ލޭވެސް ފައިބައިފާނެ އެވެ. މިހާލަތުގައި ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާކުރަން ޖެހިދާނެއެވެ. އަދި ލޭއަޅަން ވެސް ޖެހިދާނެ އެވެ. މާގިނައިން ލޭފައިބާނަމަ، ހޮޑުގައި ނޫނީ ބޮޑުކަމު ނަޖިހުގައި ލޭހުރެދާނެ އެވެ.

(ށ) މައިދާ ތޮރުފި، ފޫދިއުން : މައިދާގެ ފާރުގެ ސަބަބުން މައިދާ ނުވަތަ ކުޑަގޮހޮރުގެ ބަތާނަފަށް ގިރި ފޫދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ އެކަށީގެންވާ ކަމެކެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ ވަރަށް ފަސޭހައިން ލޭގައި އިންފެކްޝަން އަށަގަތުމަށް މެދުވެރިވެދާނެ ކަމެކެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމުން ފެންނާނެ އެންމެ އާންމު އަލާމާތަކީ ކުއްލިއަކަށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައި ގޯސްވުމެވެ. އެތެރެހަށީގައި އިންފެކްޝަން އަށަގަތުމަކީ އަވަސް ފަރުވާ ބޭނުންވާނެ ހާލަތެކެވެ.

(ނ) ކާތަކެތި ދައުރުވާ މަގުބެދުން : މައިދާގެ ފާރުގެ ސަބަބުން ކާތަކެތި ދައުރުވާ މަގުބެދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ކާތަކެތި ދައުރުވާ މަގު ބެދެނީ ދުޅަވުމުގެ ސަބަބުން ނުވަތަ ލަކުނުލުމުގެ ސަބަބުންނެވެ. މިގޮތަށް ކާތަކެތި ދައުރުވާ މަގުބެދުމުން ހޮޑުލެވުން، ފުރިފައި ހުންނަހެން ހީވުން، ލޭމަދުވުން، އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.

(ރ) ބަނޑުގެ ކެންސަރުޖެހުން : ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން ހުންނަ މީހުންނަށް ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ދެނެގަތުން

މައިދާގައި ފާރުހެދިފައި ހުރިކަން ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ ބަލިމީހާގެ ކިބައިން ބޭނުންވާ އެންމެހާ މައުލޫމާތު އަހައި އޮޅުން ފިލުވުމާއި، ޖިސްމާނީ ގޮތުން ބަލިމީހާގެ ހަށިގަނޑުގައި ބަލަންޖެހޭ ބެލުންތައް ބަލައި ފާސްކުރުމެވެ. އެއަށްފަހު އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމުހުރިތޯ ބެލުމަށް ޓެސްޓުކުރުން : ހެލިކޮބެކްޓަރ ޕައިލޮރީ ހުރިތޯ ދެނެގަތުމަށް ލޭ، ބޮޑުކަމުނަޖިސް އަދި ޔޫރިއާ ބްރެތު ޓެސްޓު ހަދައިފާނެއެވެ. އެންމެ ޞައްޙަ ޓެސްޓަކީ ޔޫރިއާ ބްރެތު ޓެސްޓެވެ.

ބްރެތު ޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯއެކްޓިވް ކާބަން ހުންނަ އެއްޗެއް ކާން ނުވަތަ ބޯންޖެހެއެވެ. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމަކީ ބަނޑުގައި ހުންނަ މާއްދާތައް ހަލާކުކޮށްލާ އެއްޗެކެވެ. ރޭޑިޔޯ އެކްޓިވް ކާބަން ހުންނަ އެއްޗެއް ބުއިމަށްފަހު ނުވަތަ ކެއުމަށްފަހު ކޮތަޅެއްގެ ތެރެއަށް ފުމެލަންބުނެއެވެ. އެއަށްފަހު އެކޮތަޅު ބަންދުކުރެވެއެވެ. ހެލިކޮބެކްޓަރ ޕައިލޮރީ އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ ބްރެތު ނަމޫނާ ސާމްޕަލްގައި ކާބަން ޑައިއޮކްސައިޑްގެ ގޮތުގައި ރޭޑިޔޯ އެކްޓިވް ކާބަން ހުންނާނެ އެވެ. ޓެސްޓު ހެދުމުގެ ކުރިން ގޭހުގެ ބޭސް ބޭނުންކުރާނަމަ ހުއްޓާލުން ބުއްދިވެރި އެވެ. އެއީ ގޭހުގެ ބޭސް ބޭނުންކުރާ ދުވަސްވަރު ބްރެތު ޓެސްޓު ހަދައިފިނަމަ ފޯލްސް ޕޮޒިޓިވް ނަތީޖާ އެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގެ ޓެސްޓު ހަދަނީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމަށް އެންޓިބޮޑީ ހަށިގަނޑުގައި އުފެދިފައި ހުރިތޯ ބެލުމަށެވެ. ބޮޑުނަޖިހުގައި ވެސް މިޖަރާސީމުގެ އަސަރު ހުރިތޯ ޓެސްޓު ކުރެވެއެވެ.

(ށ) އެންޑޮސްކަޕީ ހެދުން : އެންޑޮސްކަޕީގެ އެހީގައި މައިދާގައި ފާރުހެދިފައިވޭތޯ ބެލޭނެ އެވެ. މައިދާއިން ފާރުގެ އަސަރު ހުންނަ ހިސާބުން ބަޔޮޕްސީ ހެދުމަށްޓަކައި އެތިކޮޅެއް އިންޑޮސްކަޕީ ހެދުމުގެ ތެރޭގައި ނެގޭނެ އެވެ. ބަޔޮޕްސީ ސާމްޕަލް ލެބޯޓަރީގައި ހަދާ ޓެސްޓުން ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިކަން ދެނެގަނެވޭނެ އެވެ.

އެންޑޮސްކަޕީ އިން މައިދާގައި ފާރުހުރިކަން ފާހަގަވެއްޖެނަމަ، ފަރުވާކުރުމަށްފަހު ވެސް ފޮލޯއަޕް އެންޑޮސްކަޕީ އެއް ހަދަން ބުނާނެ އެވެ. މިއީ މައިދާގައި އުފެދުނު ފާރު، ފަސޭހަވެފައިވޭތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. މައިދާގައި ފާރުހެދުމުން އެންޑޮސްކަޕީ ހެދުމަށް ލަފާދޭ ހާލަތްތަކުގެ ތެރޭގައި އުމުރުން ދޮށިވުން، މައިދާގައި ހެދިފައިވާ ފާރުން ލޭއަންނަ ކަމުގެ ނިޝާނެއް ފާހަގަވުން، އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން، އަދި ކާތަކެތި ދިރުވުމަށް އުދަނގޫވުން ފަދަ ހާލަތްތައް ހިމެނެއެވެ.

(ނ) ބޭރިއަމް ސްވެލޯވް ޓެސްޓުހެދުން : މިއީ ހުދުކުލައަށް ހުންނަ ބޭރިއަމް ކިޔާ ދިޔައެއް ބޯންދިނުމަށްފަހު ހަޖަމުކުރާ ނިޒާމުގެ ބައިތަކުގެ އެކްސްރޭ ނެގުމެވެ. އެގޮތުން ކާތަކެތި ހިނގާހޮޅި، މައިދާ އަދި ކުޑަ ގޮހޮރުގެ އެކްސްރޭ ނެގެއެވެ. ބޭރިއަމް ބޯންދީފައި މިއެކްސްރޭ ނެގުމުން ހަޖަމުކުރާ ނިޒާމުގެ ބައިތަކުގައި ހެދިފައި ހުންނަ ފާރު ރީތިކޮށް ފެންނަށް ހުންނާނެ އެވެ.

(ރ) އިމޭޖިންގ ޓެސްޓުތައް : މީގެ ތެރޭގައި އެކްސްރޭ ނެގުން އަދި ސީޓީ ސްކޭން ހެދުން ހިމެނެއެވެ.

ފަރުވާ

އެކަށޭނަ ފަރުވާ ދެވިއްޖެނަމަ މައިދާގައި އުފެދޭ ފާރު ގިނަ ފަހަރު މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. މައިދާގައި އުފެދޭ ފާރުގެ ފަރުވާ ބަރޯސާވަނީ ފާރު ހެދުމަށް ކުރިމަތިވި ސަބަބަކަށެވެ. އާންމު ގޮތެއްގައި ފަރުވާގެ ތެރޭގައި ހިމެނެނީ ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހަށިގަނޑުގައި ހުރިނަމަ އެޖަރާސީމު މަރާލައި ނައްތާލުމާއި، ތަދުކަނޑުވާ ބޭސް ބޭނުންކުރުން ހުއްޓާލުން ނުވަތަ މަދުކުރުމާއި، އަދި ފާރުހިއްކުމަށް ބޭސް ބޭނުންކުރުމެވެ.

މައިދާގައި ފާރުހެދުމުން ފަރުވާގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ ބޭސްތައް ތިރީގައި މިވަނީ އެވެ.

1. ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު މަރާލުމަށް އެންޓިބަޔޮޓިކް ބޭނުންކުރުން : ޓެސްޓުތަކުން ހަޖަމުކުރާ ނިޒާމުގައި ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިކަމަށް ދައްކައިފިނަމަ، އެކަމުގެ ފަރުވާގެ ގޮތުގައި ޑޮކްޓަރުން އެންޓިބަޔޮޓިކް ވަކި އުސޫލެއްގެ ދަށުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ބޭނުންކުރުމަށް ލަފާދޭނެ އެވެ. މިގޮތަށް ލިޔެދެއްވާ އެންޓިބަޔޮޓިކް ފަދަ ބޭސްތައް އިރުޝާދު ދީފައިވާ ގޮތަށް ހުއްޓާނުލާ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމު ގޮތެއްގައި މިހާލަތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ލަފާދެނީ ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތަށެވެ. އެންޓިބަޔޮޓިކް ބޭނުންކުރާއިރު އެކުއެކީގައި ގިނަ ފަހަރު ގޭހުގެ ބޭސް ވެސް ބޭނުންކުރުމަށް ލަފާދޭނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރާއިރު އާންމު ގޮތެއްގައި 2 އެންޓިބަޔޮޓިކް އެއް އެކުގައި ބޭނުންކުރުމަށް ލަފާދީފާނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރާތާ މަދުވެގެން 4 ހަފްތާ ފަހުން އަލުން ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ހުރިތޯ ޓެސްޓުކުރަން ޖެހޭނެ އެވެ.

2. އެސިޑް އުފެއްދުން މަނާކުރާ، ފާރު ހިކުމަށް ބާރުއަޅާ ބޭސް ބޭނުންކުރުން : މިފަދަ ބޭސްތަކަށް ކިޔަނީ "ޕްރޮޓޯން ޕަމްޕް އިންހިބިޓަރ"(proton pump inhibitors) އެވެ.  މިބޭސްތަކުން އެސިޑް އުފެއްދުން މަދުކުރުވަނީ ހަޖަމުކުރާ ނިޒާމުގައި ދިރުތަކުގައި އެސިޑް އުފެއްދުމަށް ޒިންމާވާ ބައިތަކުގެ މަސައްކަތަށް ހުރަސްއަޅައިގެންނެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި އޮމެޕްރަޒޯލް، ލެންސޮޕްރަޒޯލް، އިސޮމެޕްރަޒޯލް، ރެބިޕްރަޒޯލް އަދި ޕެންޓަޕްރަޒޯލް ފަދަ ބޭސްތައް ހިމެނެއެވެ. މިފަދަ އެއްވެސް ބޭހެއް ޑޮކްޓަރުންގެ ލަފަޔާއި ނުލައި، އަމިއްލައަށް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި 8-4 ހަފްތާގެ މުއްދަތަށް މިބޭސްތައް ބޭނުންކުރުމަށް ލަފާދޭނެ އެވެ.

3. އެސިޑް އުފެއްދުން މަދުކުރާ ބޭސް ބޭނުންކުރުން : މިބޭސްތައް އެސިޑް ބްލޮކަރ(acid blockers) އަދި ހިސްޓަމިން ބްލޮކަރ(histamine blockers) މި ދެނަން ވެސް ކިޔައި އުޅެއެވެ. މިއީ މައިދާއިން އެސިޑު އުފައްދައި، ހަޖަމުކުރާ ނިޒާމަށް ދޫކުރުން ދަށްކޮށް މަދުކޮށްދޭ ބޭސްތަކެކެވެ. މިބޭސްތައް ބޭނުންކުރުމުން މައިދާގެ ފާރާއި ގުޅިގެން ހުންނަ ރިހުމާއި ތަދު ކުޑަކޮށްދީ، ފާރު ރަނގަޅުވެ ފަސޭހަވުމަށް ބާރުއަޅައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ފެމޮޓިޑިން، ނިޒަޓިޑިން އަދި ސިމެޓިޑިން ފަދަ ބޭސްތަކެވެ.

4. ބަނޑުގެ އެސިޑްތައް ހަމައަކަށްއަޅުވައިދޭ ނުވަތަ ހަމަހަމަކޮށްދޭ (ނިއުޓްރަލައިޒްކޮށްދޭ) ގޭހުގެ ބޭސް ބޭނުންކުރުން : އެންޓަސިޑް އަކީ މިފަދަ ބޭސްތަކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން މައިދާގެ ހުންނަ އެސިޑް-ބޭސްގެ ނިސްބަތް ހަމަހަމަކޮށްދީ، ގޭހުގެ ސަބަބުން އުފެދިފައި ހުންނަ ތަދާއި ރިހުން ލުއިކޮށްދެއެވެ. އެންޓަސިޑްގެ ތެރޭގައި އެލޫމިނިއަމް ހައިޑްރޮކްސައިޑް، މެގްނީޒިއަމް ހައިޑްރޮކްސައިޑް، މެގްނީޒިއަމް ކާބޮނޭޓް، ކެލްސިއަމް ކާބޮނޭޓް އަދި މެގްނީޒިއަމް ޓްރައިސިލިކޭޓް ފަދަ ބޭސްތައް ހިމެނެއެވެ.

5. މައިދާއާއި، ކުޑަގޮހޮރުގެ ބަތާނަފަށް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ބޭސް ބޭނުންކުރުން : މިފަދަ ބޭސްތަކަށް "ސައިޓޯޕްރޮޓެކްޓިވް އެޖެންޓް"(cytoprotective agents) މިހެން ކިޔައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ސަކްރަލްފޭޓް، އަދި މައިސޮޕްރޮސްޓޯލް ފަދަ ބޭސްތައް ހިމެނެއެވެ.

ފުރަތަމަ ފަށާ ފަރުވާ ނިމުމަށްފަހު ފޮލޯއަޕްހެދުން

އާންމު ގޮތެއްގައި މައިދާގައި ހެދިފައިވާ ފާރު ދެވޭ ފަރުވާގެ އެހީގައި ގިނަ ފަހަރު އެއްކޮށް ރަނގަޅުކުރެވެއެވެ. ނަމަވެސް ފަރުވާ ދެމުންދާއިރު ވެސް ނޫނީ ދީ ނިމުނުއިރު ވެސް އަލާމާތްތަކަށް ބަދަލެއް ނައިސް އުދަނގޫތަކަށް ލުއިކަން ނުލިބޭނަމަ، ޑޮކްޓަރުން ފާރު ފަސޭހަނުވަނީ ކީއްވެގެންތޯ ބެލުމަށް އެންޑޮސްކަޕީ އެއް ހެދުމަށް ލަފާދީފާނެ އެވެ.

އާންމު ގޮތެއްގައި ފަރުވާ ފެށުމުގެ ކުރިން ހަދާ އެންޑޮސްކަޕީ އިން ފާރުހުރިކަން އެނގުމުން، ފަރުވާ ދީ ނިންމާފައި ވެސް އެންޑޮސްކަޕީއެއް ހަދާނެއެވެ. މިއީ މައިދާގައި އުފެދުނު ފާރު ފަސޭހަވިތޯ ބެލުމަށް ހެދޭ އެންޑޮސްކަޕީ އެކެވެ.

ފަރުވާއާއެކު ވެސް މައިދާގައި އުފެދިފައިވާ ފާރު ފަސޭހަނުވުން

ބައެއް ފަހަރު ބޭސް ބޭނުންކުރި ނަމަވެސް މައިދާގައި އުފެދިފައިވާ ފާރު ފަސޭހަނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ބޭސް ބޭނުންކުރުމުން ފަސޭހަނުވާ ފާރަށް ކިޔަނީ "ރެފްރެކްޓަރީ އަލްސަރ"(Refractory ulcer)  އެވެ. ބޭސް ބޭނުންކުރި ނަމަވެސް ފާރު ފަސޭހަނުވުމަށް ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެފަދަ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

·         ޑޮކްޓަރުން ލިޔެދީފައިވާ ގޮތަށް ގަވާޢިދުން ބޭސް ބޭނުންނުކުރުން

·         ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ލިޔެދީފައިވާ އެންޓިބަޔޮޓިކަށް ނުގުޑުން

·         ބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ވެސް ދުންފަތުގެ އިސްތިއުމާލުކުރުން

·         ބޭސް ބޭނުންކުރަމުންދާ ދުވަސްވަރު ވެސް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން

ވަރަށް މަދުން ނަމަވެސް އަންނަނިވި ކަންތައްތަކުގެ ސަބަބުން ފާރު ފަސޭހަނުވެ ހުންނަގޮތް ވެއެވެ.

·         އާދަޔާ ޚިލާފަށް ގިނައިން ބަނޑުގައި ގޭސް އުފެއްދުން

·         ހެލިކޮޓަރ ބެކްޓަރ ޕައިލޮރީ ނޫން އެހެން އިންފެކްޝަނެއް ހުރުން

·         ބަނޑުގެ ކެންސަރު ޖެހިފައިވުން

·         މައިދާގައި އެހެން ބައްޔެއްގެ ސަބަބުން ފާރުއުފެދުން : މިސާލަކަށް ކްރޯންސް ޑިޒީޒް

ރެފްރެކްޓަރީ އަލްސަރ އަށް ފަރުވާކުރުމުގައި އެންމެ މުހިއްމު އެއްކަމަކީ މިގޮތަށް ބޭސް ބޭނުންކުރުމުން ފާރު ފަސޭހަނުވުމަށް މެދުވެރިވާ ސަބަބެއް ނުވަތަ ކަމެއް ނައްތާލުމެވެ. މިސާލަކަށް ފާރު ފަސޭހަވުމަށް ހުރަސްއަޅަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ކަމުގައިވާނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމެވެ. އަދި އެއާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމެވެ.

މައިދާގައި ފާރުހެދި، އެތެރެހަށިން ލޭއައުން، މައިދާ ނުވަތަ ގޮހޮރުގެ ފޫދިއުން ފަދަ ކަމެއް ވެއްޖެނަމަ އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިހާރު އާންމުކޮށް ބޭނުންކުރެވޭ ބޭސްތަކުން މައިދާގައި އުފެދޭ ފާރު ފަސޭހަކުރެވޭތީ، އޮޕަރޭޝަންކުރަންޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

ރައްކާތެރިވުން

މައިދާގައި ފާރުހެދުމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމަކީ މައިދާގައި ފާރުހެދުމުން ފަރުވާގެ ގޮތުގައި ގޭގައި ކުރުމަށް ވެސް ބާރުއަޅާ ކަންތައްތަކެވެ. އެގޮތުން އަންނަނިވި ކަންތައްތައް ފާހަގަ ކޮށްލެވެއެވެ.

(ހ) އިންފެކްޝަންތަކުން  ޚާއްޞަ ހެލިކޮބެކްޓަރ ޕައިލޮރީ އިންފެކްޝަން ޖެހުމުން ރައްކާތެރިވުން : ހެލިކޮބެކްޓަރ ޕައިލޮރީ ޖަރާސީމު ފެތުރޭ ސީދާގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އެކަކު ގައިން އަނެކާގަޔަށް ދަނީ ފެން، ނޫނީ ކާބޯތަކެތީގެ ޒަރީޢާއިން ކަމަށް ބައެއް ހޯދުންތަކުން ލަފާދީފައި ވެއެވެ. ތަފާތު އިންފެކްޝަންތަކުން ރައްކާތެރިވުމަށް އެންމެ މުހިއްމު އެއްކަމަކީ އަތުގެ ސާފުތާހިރުކަމަށް ރައްކާތެރިވުމެވެ. އެއަށްފަހު ކާބޯތަކެތީގެ ސާފުތާހިރުކަން ދެމެހެއްޓުމެވެ.

(ށ) ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން މަދުކުރުން : ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން ވީވަރަކުން މަދުކުރުމަކީ މުހިއްމު ކަމެކެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރާއިރު، ބަނގުރާ ފަދަ ތަކެތި ބުއިމަކީ އިތުރަށް މައިދާގައި ފާރުހެދުމުގެ ހިރާސް ބޮޑުކޮށްދޭނެ ކަމެކެވެ. ތަދުކަނޑުވާ ބޭހެއް ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެއާއި އެކުއެކީގައި ގޭހުގެ ބޭހެއް ބޭނުންކުރުން މުހިއްމެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް / ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް

·         ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުން މަދުކުރުން

·         ފިކުރުތަކާ ދުރުހެލިވުން، އަދި ފިކުރުތައް ހައްލުކޮށް، ކުޑަކުރާނެގޮތް ދަސްކުރުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ބަނގުރާ ބޭނުންކުރުމުން ދުރުހެލިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/peptic-ulcer/symptoms-causes/syc-20354223

·         https://www.nhs.uk/conditions/stomach-ulcer/

·         https://www.webmd.com/digestive-disorders/peptic-ulcer-overview

·         https://my.clevelandclinic.org/health/diseases/10350-peptic-ulcer-disease

 

No comments:

Post a Comment