Sunday, October 3, 2021

ކަރުނަހޮޅި ބެދުން

 

ކަރުނަހޮޅި ބެދުން

ކަރުނަ ހޮޅި ބެދު(blocked tear duct) މަކީ ލޮލުގައި އުފެދޭ ކަރުނަ ބޭރުކޮށްދޭ މަގު ބެދުމެވެ. އާންމުގޮތެއްގައި ކަރުނަ ދޫކުރާ ގޮށްތަކުން ބޭރުކުރާ ކަރުނަތައް ލޮލުން ބޭރުވަނީ ނޭފަތުގެ ތެރެއަށެވެ. އެއީ ކަރުނަ އުފައްދާ ދޫކުރާ ނިޒާމްގައި ހިމެނޭ ހޮޅިތަކުންނެވެ. ކަރުނަވަޅު ބެދުމަކީ ކަރުނަހޮޅީގެ ކޮޅު ބެދިފައި ހުރުމެވެ. ނުވަތަ ކަރުނަހޮޅީގެ ކޮޅު ހުޅުވިފައި ނުހުރުމެވެ. ކަރުނަހޮޅި ބެދިއްޖެނަމަ، ލޯހިރުވައި ކަހައި، ލޮލުން ފެން(ކަރުނަ) އައިސް، ކަރުނަވަޅުގެ ތެރޭގައި ކަރުނަ ޖަމާވެ، ކަރުނަވަޅު ދުޅަވެ، ރަތްވާގޮތް ވެއެވެ. އަދި ބައެއް ފަހަރު ކަރުނަވަޅު ގައި ޖަރާސީމް އަށަގަންނަ ގޮތް ވެއެވެ.

ކަރުނަހޮޅި ބެދުމަކީ އަލަށް އުފަންވާ ތުއްތު ކުދިންނަށް ވަރަށް އާންމުކޮށް ދިމާވެދާނެ ކަމެކެވެ. އަލަށް އުފަންވާ ކޮންމެ 100 ކުއްޖަކުން 6 ކުއްޖަކަށް ކަރުނަހޮޅި ބެދުމުގެ މައްސަލަ ދިމާވެއެވެ. އުފަންވާއިރު ކަރުނަހޮޅި ބެދިފައި ހުރުމަށް ކިޔަނީ "ނޭފަތާއި، ކަރުނަވަޅާއި ގުޅުވައިދޭ ހޮޅި ބެދުން "(Nasolacrimal duct blockage) އެވެ. ތުއްތު ކުދިންނަށް ކުރިމަތިވާ ކަރުނަ ހޮޅި ބެދުމުގެ މައްސަލަ އެއްވެސް ކަމެއް ނުކުރި ކަމުގައި ވިޔަސް ގިނަ ފަހަރު އޭގެ ޒާތުގައި އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި ރަނގަޅުވެދެއެވެ.  

ބޮޑެތި މީހުންނަށް ކަރުނަހޮޅި ބެދުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއްނޫނެވެ. ބޮޑެތި މީހުންނަށް ކަރުނަހޮޅި ބެދުން ކުރިމަތިވަނީ ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުންނެވެ. އިންފެކްޝަން ސަބަބުން ވެސް ބޮޑެތި މީހުންނަށް ކަރުނަހޮޅި ބެދުން ކުރިމަތިވެދާނެ އެވެ. އަދި ވަރަށް މަދު ފަހަރަކު ކަރުނަހޮޅި ހިމެނޭ ހިސާބުގައި އުފެދޭ ޓިއުމަރެއްގެ ސަބަބުން ވެސް ކަރުނަހޮޅި ބެދިދާނެ އެވެ.

ސަބަބު

ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކަރުނަހޮޅި ބެދުން ކުރިމަތިވެދާނެ އެވެ. އެންމެ އާންމުކޮށް ކުރިމަތިވަނީ ތުއްތު ކުދިންނަށް ކަމުގައި ވިޔަސް މަދުން ނަމަވެސް ބޮޑެތި މީހުންނަށް ވެސް ކަރުނަހޮޅި ބެދުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ކަރުނަހޮޅި ބެދެން ދިމާވެދާނެ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ. 

(ހ) - އުފެދުމުގައި ކަރުނަހޮޅި ބެދިފައިހުރުން : ވަރަށް ގިނަ ކުދިން އުފަންވާއިރު ގުދުރަތީ ގޮތުން ކަރުނަހޮޅި ބެދިފައި ހުރެއެވެ. މިގޮތަށް ދިމާވެދާނެ އެއް ސަބަބަކީ އުފެދުމުގައި ވެސް ނޫނީ އުފަންވިއިރު ވެސް ކަރުނަ އުފައްދައި ދޫކުރާ ނިޒާމު ރަނގަޅަށް އުފެދިފައި ނޫނީ ފުރިހަމަވެފައި ނެތުމެވެ. ނޫނީ އުފަންވި އިރުވެސް ލޮލުން ކަރުނަހޮޅިއަށް ހުޅުވިފައި އިންނަ ހޮއި ބެދުން ނުވަތަ އެހޮއި އުފެދިފައިނެތުމެވެ. ބައެއް ފަހަރު ކަރުނަހޮޅީގައި ހުންނަ މައްސަލައަކުން ވެސް ކަރުނަހޮޅި ބެދިދާނެ އެވެ. މިސާލަކަށް ނޭފަތަށް ކަރުނަތައް ހުސްވާ ހޮއިގެ އަނގަމަތީގައިވާ ތުނި ދުލި ނުހުޅުވި ހުރުމުން ނޫނީ ލެއްޕިފައި ހުރުމުން ކަރުނަހޮޅި ބެދިދާނެއެވެ.

(ށ) - އުމުރުން ދުވަސްވުމުން އަންނަ ބަދަލުތައް : އުމުރުން ދުވަސްވާވަރަކަށް ކަރުނަވަޅު ކަރުނަ ބޭރުކުރާ ހޮއިތައް ހިމަވެ، ބެދޭގޮތް ވެއެވެ.

(ނ) - އިންފެކްޝަން ނޫނީ އިންފްލެމޭޝަން ހެދުން : ލޯ، ނޭފަތް، އަދި ކަރުނަދޫކުރާ ނިޒާމުގައި އުފެދޭ އިންފެކްޝަން ނުވަތަ އިންފްލެމޭޝަންތަކުގެ ސަބަބުން ވެސް ކަރުނަހޮޅި ބެދޭގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ލޮލުން ކަރުނަ ނޭފަތަށް ގެންގޮސްދޭ ހޮޅީގައި ޖަރާސީމްއެޅުމަކީ ކަރުނަހޮޅި ބެދެން މެދުވެރިވެދާނެ ކަމެކެވެ.

(ރ) - އަނިޔާއެއް ނުވަތަ ގެއްލުމެއްވުން : މޫނަށް ލިބޭ އަނިޔާއެއްގައި ކަށިތަކަށް ގެއްލުންވެ، ރަނގަޅުވާއިރު، ކަރުނަދޫކުރާ ނިޒާމާއި ކައިރި ބައިތަކުގައި ލަކުނުހެދިއްޖެނަމަ، ކަރުނަހޮޅި ބެދި، އެކަށޭނަ ގޮތެއްގައި ކަރުނަ ބޭރުކުރަން ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ހިރަފުހުގެ ކުދި ޓުކުޅުތައް(particles)  ނުވަތަ ދޫވެފައިވާ ހަމުގެ ދިރުތަކުގެ ސަބަބުން ވެސް ކަރުނަހޮޅި ބެދިގެން ހިނގައިދާނެ އެވެ. މިސާލަކަށް ވަސްކަށީގައި ހުންނަ ޢައިބެއްގެ ސަބަބުން ކަރުނަހޮޅި ފިތި ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ.

 

(ބ) - ޓިއުމަރެއް އުފެދުން : ނޭފަތުގައި ، ނޫނީ ލޮލުގައި ނޫނީ ކަރުނަ ދޫކުރާ ނިޒާމު ހިމެނޭ ހިސާބުގައި އުފެދޭ ޓިއުމަރެއްގެ ސަބަބުން ވެސް ކަރުނަހޮޅި ބެދިގެން ދިއުމަކީ ވެދާނެ ކަމެކެވެ.

(ޅ) - ލޮލަށް ޖައްސާ ތިކި : ގުލަކޯމާ ފަދަ ބަލިތަކަށް ފަރުވާކުރުމަށް ދިގުމުއްދަތަކަށް ލޮލަށް ޖައްސާ ތިކި ބޭނުންކުރުމަކީ  ވެސް ކަރުނަހޮޅި ބެދިގެން ހިނގައިދާނެ ކަމެކެވެ.

(ކ)  ކެންސަރަށް ފަރުވާކުރުން : ކެންސަރަށް ފަރުވާކުރުމުގައި ދެވޭ ކީމޯތެރަޕީ، އަދި ރޭޑިޔޭޝަން ތެރަޕީ ފަދަ ފަރުވާތަކުގެ ނޭދެވޭ އަސަރެއްގެ ގޮތުން ކަރުނަހޮޅި ބެދިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކަރުނަހޮޅި ބެދެން ދިމާވާ އެންމެ އާންމު ސަބަބަކީ ކަރުނަހޮޅީގެ ކޮޅު ނިވާކުރެވިފައިވާ ތުނި ދުލިފަށަލަ ނުހުޅުވި، ލެއްޕިފައި ހުރުމެވެ. އާންމު ގޮތެއްގައި އުފަންވުމާއެކު މިހޮޅި ހުޅުވިގެންދާނެ އެވެ. މިގޮތަށް ކަރުނަހޮޅީގެ ކޮޅު ހުޅުވިފައި ނެތުމުން ކަރުނަ ލޮލުން ބޭރުކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އާންމުގޮތެއްގައި ކަރުނަ ދޫކުރާ ގޮށްތަކުން ކަރުނަ ބޭރުކުރަން ފަށާނީ އުފަންވާތާ ދެތިން ދުވަހާއި ދެތިން ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. ވީމާ ކަރުނަ ދޫކުރަން ފެށުމުގެ ކުރިން ކުއްޖާއަށް އެކަމުގެ އުދަނގޫ އިހްސާސް ނުވެދާނެ އެވެ.

ބޮޑެތި މީހުންނަށް ކަރުނަހޮޅި ބެދުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި، ކަރުނަހޮޅީގެ އެތެރޭގެ ފަށަލަ ބޯވުން، ނޭފަތުގެ މައްސަލައެއްހުރުން، ސައިނަސްގެ ކަންތައް ހުރުން، ލޮލުގެ ވަށައިގެންވާ ކަށިތަކާއި، ޓިޝޫތަކަށް ލިބޭ އަނިޔާތައް، ޓިއުމަރ އުފެދުން، އަދި ޖަރާސީމްއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

މަގުފަހިކުރާ ކަންތައްތައް

ކަރުނަހޮޅި ބެދުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އުމުރު : އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ކަރުނަހޮޅި ބެދުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

(ށ) ދިގުމުއްދަތަކަށް ލޯދުޅަވެ އިންފްލެމޭޝަން އުފެދުން : ލޯހިރުވައި ކަހައި ރަތްވެ، ދުޅަވެ، ލޮލުރޯގާ އޭ ބުނާގޮތަށް ލޯދުޅަވެ އިންފްލެމޭޝަން އުފެދިފައި ހުރުމަކީ ކަރުނަހޮޅި ބެދުމަށް މަގުފަހިވެދާނެ ކަމެކެވެ.

(ނ) ކުރިން ލޮލުގެ އޮޕަރޭޝަނެއްކޮށްފައިވުން : ކުރިން ލޮލުގެ، ލޮލުގެ ބޮޑީގެ، ނޭފަތުގެ، ސައިނަސްތަކުގެ އޮޕަރޭޝަނެއް ކޮށްފައިވުމަކީ އެއޮޕަރޭޝަނަށް ފަހު ފާރު ފަސޭހަވުމުގެ ތެރޭގައި ކަރުނަ ދޫކުރާ ނިޒާމަށް ފާރު ފަސޭހަވާއިރު އުފެދޭ ލަކުނުގެ އަސަރު ކޮށްފާނެ ކަމެކެވެ. މިގޮތަށް ކަރުނަދޫކުރާ ނިޒާމަށް ލަކުނުގެ އަސަރު ކޮށްފިނަމަ ކަރުނަހޮޅި ބެދެން މަގުފަހިވާގޮތް ވެއެވެ.

(ރ) ގުލަކޯމާ : ގުލަކޯމާގެ ފަރުވާގައި ލޮލުގައި އުގުޅަންދޭ ބޭސްތަކުގެ ސަބަބުން ބައެއް ފަހަރު ކަރުނަހޮޅި ބެދުމަށް މަގުފަހިވާކަމަށް ފާހަގަ ކުރެވިފައި ވެއެވެ.

(ބ) ކުރިން ކެންސަރަށް ފަރުވާކޮށްފައިވުން : ކުރިން ކެންސަރަށް ފަރުވާ ކުރުމުގެ ގޮތުން ކީމޯތެރަޕީ ނުވަތަ ޜޭޑިއޭޝަން ނަގާފައިވާނަމަ ޚާއްޞަކޮށް ރޭޑިއޭޝަން މޫނަށް ނުވަތަ ބޮލަށް ދީފައިވާނަމަ އެކަމުގެ ސަބަބުން ކަރުނަހޮޅި ބެދުމަށް މަގުފަހިވާ ގޮތް ވެއެވެ.

އަލާމާތްތައް

އުފަންވާއިރު ކަރުނަހޮޅި ބެދިފައިތިބޭ ތުއްތު ކުދިންނަށް އެކަމުގެ އުދަގޫތައް ވާންފަށާނީ ކަރުނަ ދޫކުރާ ގޮށް(lacrimal gland) ތަކުން ކަރުނަ އުފައްދަން ފެށުމުންނެވެ. ކަރުނަ އުފައްދަން ފަށާނީ އުފަންވާތާ ދެތިން ދުވަހާއި ދެތިން ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އާންމު ގޮތެއްގައި ކަރުނަހޮޅި ބެދުމުން ދިމާވާ އުނދަގޫތައް ކުރިމަތިވަނީ ކޮންމެ ވެސް އެއްލޮލަކަށެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-

·         މާގިނައިން ލޮލުން ފެންފޭބުން : ލޯ ފަހަރުގައި ތެތްކޮށް ހުރެދާނެ އެވެ. އަދި ބައެއް ފަހަރު ފެން ފައިބައިފާނެ އެވެ. އަދި އަނެއްބައި ފަހަރު ފެން ނުފައިބައި ވެސް ހުރެދާނެ އެވެ. އާދަޔާ ޚިލާފަށް ގިނައިން ލޮލުން ފެން އަންނަނީ ވަރަށް މަދު ކުއްޖެއްގެ އެވެ.

·         މަޑުލުން: މަޑު ރީނދޫ ކުލައެއްގައި ހުންނަ މާއްދާއެއް ލޮލުގެ ނޭފަތާއި ކައިރިވީ ކަނުގައި ނުވަތަ ކަރުނަވަޅު ގައި  ޖަމާވާނެއެވެ. މިމާއްދާ އެސްފިޔަތަކުގަޔާއި، ލޮލުގެ ހުދުކަޅި ، އަދި ލޮލުގެބޮނޑީގެ ދަށުގައިވާ ތުނި ދުލީގައި ވެސް ހަރުލާފައި ހުރެދާނެ އެވެ. ނަތީޖާއެއްގެ ގޮތުން މިބުނި ދުލިފަށަލަ އެއްބައި އަނެއްބަޔާއި ތަތްވުމަކީ ވެސް ވެދާނެ ގޮތެކެވެ. ޚާއްޞަކޮށް ނިދިން ހޭލާއިރު މިބުނިގޮތަށް ތަތްވެފައި ހުރެދާނެ އެވެ.

·         ލޮލުގެ ބޮނޑި ރަތްވެ ދުޅަވުން: ކަރުނަހޮޅީގެ އެއްބައި، ނުވަތަ ކަރުނަހޮޅި އެއްކޮށް ބެދިއްޖެނަމަ، ކަރުނަވަޅުގައި ކަރުނަތައް ޖަމާވެ، ކަރުނަ އުފައްދާ ބޭރުކުރާ ނިޒާމްގެ ތެރޭގައި ޖަރާސީމް އެޅުމުގެ ފުރުޞަތު ބޮޑުވެއެވެ. ނުވަތަ ޖަރާސީމް އަޅައެވެ. އެގޮތުން މިބުނި ހިސާބުތަކުގައި ޖަރާސީމް ހަރުލުމުން، ހުންއައުން، ރަތްވެދުޅަވުން، ނޭފަތުގައި ބީހުމުން ތަދުވުން، އަދި ލޮލުގެ ބޮޑީގައި ދަވަ ނުވަތަ ދޮސްހެދުން އެކަށީގެން ވެއެވެ.

·         ލޯ (ލޮލުގެ ހުދުކަޅި) ރަތްވުން

·         ދޭތެރެ ދޭތެރެއިން ލޯދުޅަވެ، އިންފެކްޝަން ހެދުން (ފިޔާތޮށި ލޯ ނުވަތަ ޕިންކް އައި ކުރިމަތިވުން)

·         ކަރުނަވަޅު ދުޅަވެ، ރިއްސުން

·         ލޮލުގެ ފެނުން ދަށްވުން

ބޮޑެތި މީހުންގެ ފުށުން ފެނިދާނެ އަލާމާތްތައް

·         ލޮލުގެ ބޮޑީގައި ދޮސް ނުވަތަ ދަވަހެދި ހަރުލުން

·         ލޮލުގެ ފެނުން ފުސްވުން

·         ލޮލުގައި މަޑުލުން

·         ލޯރަތްވުން

·         ކަރުނަވަޅު ކައިރިން ދުޅަވުން

ކުޑަކުދިންގެ ފުށުން ފެނިދާނެ އަލާމާތްތައް

·         ލޯރަތްވުން : އާންމުކޮށް މިހެން ދިމާވަނީ ތުއްތު ދަރިފުޅު ލޯއުގުޅުމުންނެވެ.

·         ތުއްތު ދަރިފުޅުގެ ކޯތާފަތް މައްޗަށް ކަރުނަތައް ފޭބުން

·         ކަރުނަވަޅު ކައިރިއަށް ކަރުނަތައް ޖަމާވުން

·         ލޮލުގައި މަޑުލުން

 

ދިމާވެދާނެ ނުރައްކާތައް

ކަރުނަހޮޅި ބެދުމުން ކަރުނަ ދޫކުރާ ނިޒާމުން ކަރުނަ ބޭރުވާންޖެހޭ ގޮތަށް ބޭރުނުވެ، ކަރުނަ ދޫކުރާ ނިޒާމުގެ ތެރޭގައި ކަރުނަތައް ހިފެހެއްޓި ހަރުލާގޮތް ވެއެވެ. މިގޮތަށްވުމުން ލޮލުގެ ތެރޭގައި ބެކްޓީރިޔާ، ވައިރަސް، ފަންގަސް ފަދަ ޖަރާސީމުތަކުގެ ސަބަބުން އިންފެކްޝަން އުފެދި، އިންފްލެމޭޝަން އުފެދުމުގެ މަގުފަހިވެގެންދެއެވެ. ކަރުނަހޮޅި ބެދުމުން ކަރުނަދޫކުރާ ނިޒާމުގެ ކޮންމެ ބައެއް ގައި ވެސް އިންފެކްޝަން ހެދިދާނެ އެވެ. މީގެ އިތުރުން ލޮލުގެ ހުދުކަޅި ނިވައިކޮށްދޭ ތުނިދުލީގައި ވެސް އިންފެކްޝަން އަށަގަތުމަކީ އެކަށީގެންވާ ކަމެކެވެ.

ދެނެގަތުން

ކަރުނަހޮޅި ބެދިފައި ހުރިކަން ދެނެގަތުމަށް ބަލިމީހާގެ ކިބައިން ތަފާތު މައުލޫމާތުތައް އަހައި އޮޅުން ފިލުވުމުގެ އިތުރުން ލޮލާއި، ނޭފަތް ބަލައި ޗެކުކުރާނެ އެވެ. ކަރުނަހޮޅި ބެދިފައިވާކަމަށް ޝައްކުކުރެވޭނަމަ އެކަން ޔަގީންކުރުމަށްޓަކައި ނުވަތަ ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ.

(ހ) - ޓިއަރ ޑްރެއިނޭޖް ޓެސްޓު (tear drainage test): މިއީ ކަރުނަ ދޫކޮށް ބޭރުކުރަނީ ކިހާ އަވަހަށްކަން ދެނެގަތުމަށް ނުވަތަ މިންކުރުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށް ކޮންމެ ލޮލަކަށް (ލޮލުގެ ސަތަހައަށް) ޚާއްޞަ ޑައި އެއްގެ ތިއްކެއް ޖައްސާނެ އެވެ. 5 މިނިޓް ހޭދަވެ ދާއިރު ލޮލަށް ޖެއްސި ޑައި ގެ ގިނަ މިންވަރެއް ލޮލުގެ ތެރޭގައި ހުރިނަމަ އެއީ ކަރުނަހޮޅި ބެދިފައިވުން ކަމުގައި ބެލެވިދާނެ އެވެ.

(ށ) - އިރިގޭޝަން އެންޑް ޕްރޯބިންގ (irrigation and probing): ކަރުނަދޫކުރާ ނުވަތަ ބޭރުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސަލައިން ފެން ކަރުނަ ދޫކުރާ ނިޒާމުގެ ތެރެއަށް ފްލަޝްކޮށް ދޮވެލާނެ އެވެ. އެގޮތުން ކަރުނަވަޅު ގައި އިންނަ ކަރުނަހޮޅީގެ ހޮއި(punctum) އިން ހިމަ ޕްރޯބެއް ކަރުނަހޮޅީގެ ތެރެއަށް ކޮށްޕައި، ބެދުމެއް ހުރިތޯ ބަލާނެ އެވެ. ބައެއް ފަހަރު މިގޮތަށް ޕްރޯބެއް އެތެރެއަށް ލައްވައި ނެރެލުމުން ވެސް ކަރުނަހޮޅި ބެދިފައިވާ ބެދުން ރަނގަޅުކޮށްދެއެވެ.

(ނ) - ލޮލުގެ އިމޭޖިންގ ޓެސްޓުތައް (eye imaging tests): މިޓެސްޓު ހެދުމަށް ކަރުނަވަޅުން ކަރުނަހޮޅީގެ ހޮއިގެ ތެރެއިން ކަރުނަދޫކުރާ ނިޒާމަށް ކޮންޓްރާސްޓް ޑައި އެއް ފޯރުކޮށް ދެވޭނެ އެވެ. އެއަށްފަހު ކަރުނަހޮޅި ބެދިފައިވާ ހިސާބާއި، އޭގެ ސަބަބުން ދެނެގަތުމަށްޓަކައި އިމޭޖިންގ ޓެސްޓުތައް ހެދޭނެ އެވެ. އާންމުކޮށް ހަދައިއުޅޭ ޓެސްޓު ތަކުގެ ތެރޭގައި އެކްސްރޭނެގުން، ސީޓީ ސްކޭން ހެދުން އަދި މެގްނެޓިކް ރިސޮނަނަސް އިމޭޖިންގ ނުވަތަ އެމްއާރުއައި ހެދުން ފަދަ އިމޭޖިންގ ޓެސްޓުތައް ހިމެނެއެވެ.

ފަރުވާ

ކަރުނަހޮޅި ބެދުމުން ދެވޭ ފަރުވާ ބަރޯސާވަނީ ކަރުނަހޮޅި ބެދެން ދިމާވި ސަބަބެއް ނުވަތަ ކަމެއްގެ މައްޗަށެވެ. ދިމާވި މައްސަލަ ނުވަތަ ކަރުނަހޮޅި ބެދިފައިވާ ބެދުން ރަނގަޅުކޮށް ، ހައްލުކުރުމަށް އެއްކަމަކަށްވުރެ ގިނަ ކަންތައްތައް ވެސް ކުރަންޖެހިދާނެ އެވެ. ކަރުނަހޮޅި ބެދުނީ ޓިއުމަރެއްގެ ސަބަބުންނަމަ، ފަރުވާ އަމާޒުކުރާނީ ޓިއުމަރު ހެދުމަށް މެދުވެރިވި ސަބަބަކަށެވެ. ޓިއުމަރު ނެގުމަށް އޮޕަރޭޝަން ވެސް ކޮށްދާނެ އެވެ. ނުވަތަ ޓިއުމަރު ހިންދާލުމަށް އެހެން ފަރުވާތަކުގެ ބޭނުން ވެސް ހިފައިފާނެއެވެ. ކަރުނަހޮޅި ބެދުމުން އާންމުކޮށް ދެވޭ ބައެއް ފަރުވާތައް ތިރީގައި މިވަނީ އެވެ.

(ހ) - އިންފެކްޝަނަށް ބޭސް ދިނުން : ކަރުނަހޮޅި ބެދިފައިވަނީ އިންފެކްޝަން އެއްގެ ސަބަބުންކަމަށް ލަފާކުރެވޭނަމަ، ޑޮކްޓަރުން ލޮލަށްޖައްސާ ތިކި، ނޫނީ ގުޅަބޭހުގެ ގޮތުގައި އެންޓިބަޔޮޓިކް ލިޔެދެއްވާނެ އެވެ.

(ށ) - މަސާޖުކުރުން، އެއަށްފަހު މަޑުކޮށް، ބަލަމުންގެންދިއުން (watch, wait and massage): އުފަންވާއިރު ކަރުނަހޮޅި ބެދިފައިވާ ތުއްތު ކުދިންނަށް އާންމު ގޮތެއްގައި އެއްވެސް ފަރުވާއެއް ބޭނުމެއް ނުވާނެ އެވެ. މިގޮތަށް ދިމާވަނީ އުފަންވާއިރު ބައެއް ކުދިންގެ ކަރުނަދޫކުރާ ނިޒާމު ރަނގަޅަށް އުފެދި ފުރިހަމަނުވާތީ އެވެ. މިފަދަ ކުދިންގެ ކަރުނަދޫކުރާ ނިޒާމު ފުރާފުރިހަމަވަނީ އުމުރުގެ ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައެވެ. އާންމު ގޮތެއްގައި ކަރުނަ ދޫކުރާ ނިޒާމުން ނޭފަތަށް ހުޅުވިފައިވާ ހޮއިގެ މަތީގައި ތުނި ދުލިފަށަލައެއް އިންނާނެ އެވެ. ކަރުނަހޮޅި ބެދިފައިވާ ބެދުން ރަނގަޅުނުވާނަމަ، ޑޮކްޓަރުން ކުރިން ބަޔާންކުރެވުނު ހޮއި ހުޅުވާލުމަށްޓަކައި މަސާޖު ކުރާނެގޮތް އޮޅުން ފިލުވައިދެއްވާނެ އެވެ.

ކަރުނަހޮޅި ބެދިފައިވަނީ މޫނުމައްޗަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމުގައިވާނަމަ، އެއަނިޔާއިން ރަނގަޅުވެ ފަސޭހަވަންދެން މަޑުކުރުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. އަނިޔާގެ ސަބަބުން އުފެދިފައިވާ ދުޅަ ތިރިވާ ވަރަކަށް ބެދިފައިވާ ހޮޅި ހުޅުވިގެންދިއުމަކީ އެކަށިގެންވާ ކަމެކެވެ.

(ނ) - ޑައިލެޓޭޝަން، ޕްރޯބިންގ، އަދި ފްލަޝިންގ (dilatation, probing and flushing): ކުޑަކުދިންނަށް މިކަންކުރާނަމަ ހޭނައްތަންޖެހެއެވެ. މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ކަރުނަވަޅުގައިވާ ކަރުނަހޮޅީގެ ހޮއި ޚާއްޞަ އަދަވާތެއް ބޭނުންކޮށްގެން ފުޅާކޮށްލު(dilatation) މެވެ. އެއަށްފަހު އެތަނުން ޕްރޯބް (probing)އެއް ކަރުނަދޫކުރާ ނިޒާމުގެ ތެރެއަށް ފޯރުކޮށްލެވެއެވެ. ކަރުނަވަޅުގައިވާ ހޮއި އެއްބައި ބެދިފައިވާނަމަ، ބޮޑެތި މީހުންގެ މިގޮތަށް ޕްރޯބެއް ލައްވައި ހޮއި ފުޅާކޮށްލުމަށް ކަރުނަދޫކުރާ ނިޒާމު ފްލަޝްކޮށް(flushing) ދޮވެލެވެއެވެ.

(ރ) - ސްޓެންޓިންގ ނުވަތަ އިންޓިޔުބޭޝަން (stenting or intubation): މިއީ އާންމުކޮށް ހޭނައްތައިގެން ކުރެވޭ ކަމެކެވެ. މިއިޖުރާއާތުގައި ޕޮލީޔުރެތޭން ނުވަތަ ސިލިކޯން އިން ހަދާފައިވާ ހިމަހޮޅި އެއް ކަރުނަވަޅުގައިވާ ހޮއިގެ ތެރެއިން ( ދެހޮއިގެ ތެރެއިން ނޫނީ ކޮންމެވެސް އެއްހޮޔަކުން) ކަރުނަދޫކުރާ ނިޒާމުގެ ތެރެއަށް ފޯރުވެއެވެ. މިހޮޅި ކަރުނަދޫކުރާ ނިޒާމުން ގޮސް ނޭފަތުގެ ތެރެއަށް ފޯރުވެއެވެ. ލެއްވުނު ހޮޅިން ތަންކޮޅެއް ލޮލުގެ ކަރުނަވަޅުން ފެންނަށް އިންނާނެ އެވެ. ލެއްވުނު ހޮޅި 3 މަސްދުވަންދެން ނުނަގައި ބަހައްޓާނެ އެވެ. ބައެއް ފަހަރު މިހޮޅި ހުރުމުގެ ސަބަބުން އިންފެކްޝަން ހެދުމަކީ ވެދާނެ ގޮތެކެވެ.

(ބ) - ބެލޫން ކެތީޓަރު ލައްވައި ފުޅާކޮށްލުން (balloon catheter dilatation): މަތީގައި ބަޔާންކުރެވުނު އިޖުރާއާތު ތައް ހަދައިގެން ވެސް ކަރުނަހޮޅީގައި ބެދިފައިވާ ބެދުން ރަނގަޅުނުވި ނަމަ މިއިޖުރާއާތު ހެދިދާނެއެވެ. މިއީ އާންމު ގޮތެއްގައި ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކަރުނަހޮޅި ބެދިފައިވާނަމަ އަމަލުކުރެވިދާނެ ގޮތެކެވެ. ބޮޑެތި މީހުންނަށް މިއިޖުރާއާތު ހެދެނީ ކަރުނަވަޅުގައިވާ ހޮއިގެ އެއްބައި ބެދިފައިވާނަމަ އެވެ. މިއިޖުރާއާތު ހެދުމަށްޓަކައި އެންމެ ފުރަތަމަ ހޭނައްތާނީ އެވެ. އެއަށްފަހު ނޭފަތުގެ ތެރެއިން ކަރުނަހޮޅީގެ ތެރެއަށް ކެތީޓަރެއް ލައްވާނީ އެވެ. ކެތީޓަރުގެ ކޮޅުގައި ހިނދިފައިވާ ބެލޫން އެއް އިންނާނެއެވެ. ކެތީޓަރު ލެއްވުމަށްފަހު ދެތިން ފަހަރު ކެތީޓަރުގެ ކޮޅުގައިވާ ބެލޫން ފުއްޕައި ހިންދާނީ އެވެ.

އޮޕަރޭޝަންކުރުން

މިއީ ބެދިފައިވާ ކަރުނަހޮޅި ރަނގަޅުކުރުމަށް ދެވޭ ފަރުވާ އެކެވެ. ބެދިފައިވާ ކަރުނަހޮޅި ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށް ކިޔަނީ "ޑެކްރީއޯސިސްޓޯރައިނޯސްޓަމީ"(dacryocystorhinostomy)  އެވެ. މިއޮޕަރޭޝަންގައި ބެދިފައިވާ ކަރުނަހޮޅި ހުޅުވާލަދީ ފަސޭހަކަމާއެކު ކަރުނަދޫކުރާ ނިޒާމުން ނޭފަތުގެ ތެރެއަށް ކަރުނަތައް ވާޞިލްވާގޮތް ހެދޭނެ އެވެ. ހޭނައްތައިގެން ނޫނީ އައްސިކޮށްގެން ވެސް މިއޮޕަރޭޝަން ކޮށްދާނެއެވެ.

ކަރުނަހޮޅި ބެދިފައިވާ މިންވަރަކާއި، ހިސާބަކަށް ރިއާޔަތްކޮށް އޮޕަރޭޝަނުގައި ތަރުތީބުކުރެވޭ ފިޔަވަޅުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

 

·         އެކްސްޓާރނަލް ޑެކްރީއޯސިސްޓޯރައިނޯސްޓަމީ (external dacryocystorhinostomy): މިއޮޕަރޭޝަން ކުރުމަށްޓަކައި ނޭފަތުގެ އަރިމަތިން ލެކްރިމަލް ސެކް ކައިރިން ތަންކޮޅެއް ކަފާލާނެއެވެ. އެއަށްފަހު ސްޓަންޓް އެއް ލައްވައިގެން ލެކްރިމަލް ސެކް އާއި ނޭފަތުގެ ހިނދުރި ނުވަތަ ނޭފަތުގެ ހޮއި އާއި ގުޅުވާލެވެއެވެ.  

·         އެންޑޮސްކަޕިކް ޑެކްރީއޯސިސްޓޯރައިނޯސްޓަމީ (endoscopic dacryocystorhinostomy): މިއޮޕަރޭޝަންގައި ނޭފަތުގެ ތެރެއަށް ހުޅުވިފައި ކަރުނަހޮޅީގެ ހޮއިން އެންޑޮސްކޯޕް އަދި އޮޕަރޭޝަންކުރަން ބޭނުންވާ އަދަވާތް ކަރުނަދޫކުރާ ނިޒާމުގެ ތެރެއަށް ފޯރުވޭނެ އެވެ.

ރައްކާތެރިވުން

އުމުރުން ދުވަސްވުމުން ކަރުނަހޮޅި ބެދުމުގެ މައްސަލަ ދިމާވުން ކުޑަކުރުމަށްޓަކައި ލޮލުގައި އިންފްލެމޭޝަން އަދި އިންފެކްޝަން ހެދުމުގެ ފުރުޞަތު ކުޑަކުރުމަކީ މުހިއްމު ކަމެކެވެ. ލޮލުގައި އިންފެކްޝަން ހެދުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރެވިދާނެ އެވެ.

·         ގިނަގިނައިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން

·         ލޮލުގައި އަތްލައި، އަތް އުގުޅައި ނުހެދުން

·         ބޭނުންކުރައްވާ އައިލައިނަރ، އަދި މަސްކަރާ ފަދަ ތަކެތި ގަވާއިދުން ބަދަލުކުރެއްވުން

·         ކޮންޓެކްޓް ލެންސް ބޭނުންކުރައްވާނަމަ ގަވާއިދުން ސާފުކޮށް ބެލެހެއްޓުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

 

https://www.mayoclinic.org/diseases-conditions/blocked-tear-duct/symptoms-causes/syc-20351369

https://my.clevelandclinic.org/health/diseases/17260-blocked-tear-duct-nasolacrimal-duct-obstruction

 

 

 

No comments:

Post a Comment