ގްރޭވްސް ބަލި
ގްރޭވްސް ޑިޒީޒް(graves’ disease)
ނުވަތަ ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ބައްޔެކެވެ. ގްރޭވްސް
ބައްޔަކީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުން އިތުރުކުރާ
އެންމެ އާންމު އެއް ސަބަބެވެ. ތައިރޮއިޑް ގްލޭންޑަށް ޖެހޭ އެހެން ބަލިތަކެކޭ
އެއްފަދައިން މިއީ ވެސް އާއިލާގެ ތެރޭގައި ދައުރުވާ ބައްޔެކެވެ. ގްރޭވްސް ބައްޔަކީ
ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ "އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ.
މިބަލިޖެހެނީ ދިފާޢީ ނިޒާމުން އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ
ޚިލާފަށް ގިނައިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް
ބާރުއަޅާތީ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ތައިރޮއިޑް
ހޯރމޯން އުފެއްދުމުން "ހައިޕަތައިރޮއިޑިޒަމް"ގެ ހާލަތު ކުރިމަތި
ކުރުވައެވެ.
އާންމު ގޮތެއްގައި ހަށިދަމަނަ ތަކުގެ ބޭނުމަކީ ތަފާތު ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމުތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން ކަމަށްވިޔަސް، ގްރޭވްސް ބަލީގައި ހަށިދަމަނަ ތައް ތައިރޮއިޑް ގްލޭންޑަށް ހަމަލާ ދެއެވެ. އަދި ބައެއް ފަހަރު ލޮލުގެ ފަހަތުގައި ހުންނަ ޓިޝޫތަކަށް ( ލޮލުގެ މައްސަލަ ދިމާވާ ސަބަބު)، އަދި ކަށިމަތީގެ ހަމަށް މި ހަށިދަމަނަ ތައް ހަމަލާ ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގްރޭވްސް ބަލި ޖެހުމުން ބަލިޖެހުނު މީހާގެ އެއްލޯ ނުވަތަ ދެލޯ ހުންނާނީ އާދަޔާ ޚިލާފަށް ބޮޑަށް ބޭރަށް ނިކުމެފައެވެ.
ކޮންމެ މީހަކަށް ވެސް ގްރޭވްސް ބަލި ޖެހިދާނެ އެވެ. ނަމަވެސް އެންމެ ބޮޑަށް
ބަލި އާންމުކަމަށް ފާހަގަކުރެވެނީ އުމުރުން 40 އަހަރުން ދަށުގެ އަންހެނުންގެ
މެދުގައެވެ.
ސަބަބުތައް
ގްރޭވްސް ބަލި ކުރިމަތިވަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އަރާ ލޮޅުމެއް
ނުވަތަ ބުރޫއެއް ގެ ސަބަބުންނެވެ. މިކަންކުރިމަތިވަނީ ސީދާ ކިހިނެއްވެގެންކަން އަދި
ހޯދިފައެއް ނުވެއެވެ. ގްރޭވްސް ބައްޔަކީ ތައިރޮއިޑް ގްލޭންޑަށް ކުރިމަތިވާ
"އުޓޯއިމިޔޫން ޑިސްއޯޑަރ" އެކެވެ. މިބަލިޖެހެނީ ދިފާޢީ ނިޒާމުން
އުފައްދާ ހަށިދަމަނަތަކެއްގެ ސަބަބުން، އާދަޔާ ޚިލާފަށް ގިނައިން ތައިރޮއިޑް
ހޯރމޯން ތައް އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބާރުއަޅާތީ ކަމަށް ބައެއް
ރިފަރެންސްތަކުގައި ބަޔާންކޮށްފައި ވެއެވެ.
އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިންތިޒާމުކޮށް
ބަލަހައްޓަނީ ސިކުނޑީގައި ވާ ޕިޓޫއިޓަރީ ގްލޭންޑް އިން ދޫކުރާ ހޯރމޯން އަކުންނެވެ.
ގްރޭވްސް ބަލީގައި އުފައްދާ ހަށިދަމަނަ "ތައިރޯޓްރޯޕިން ރިސެޕްޓަރ
އެންޓިބޮޑީ"(thyrotropin receptor antibody) އަކީ ޕިޓޫއިޓަރީ ގްލޭންޑް ދޫކުރާ
ރެގިޔުލޭޓަރީ ހޯރމޯން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ތަންޒީމުކުރާ ހޯރމޯންގެ
އެއްގެ ގޮތުގައި) އެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން މިއެންޓިބޮޑީގެ
ސަބަބުން ތައިރޮއިޑް ގްލޭންޑްގެ ތަންޒީމީ މަސައްކަތަށް ލޮޅުންއަރުވައެވެ. އޭގެ
ނަތީޖާއެއްގެ ގޮތުން ތައިރޮއިޑް ގްލޭންޑް އިން އާދަޔާ ޚިލާފަށް ގިނައިން
ތައިރޮއިޑް ހޯރމޯން އުފައްދައެވެ.
ގްރޭވްސް ބަލީގައި ލޮލަށް މައްސަލަ ދިމާވާ ސަބަބު
ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް މައްސަލަ ކުރިމަތިވަނީ ލޮލުގެ މަސްތަކާއި،
ލޮލުގެ ފަހަތުގައިވާ ސެލޯށި (ޓިޝޫ) ތަކުގައި ކާބޯހައިޑްރޭޓް ޖަމާވާގޮތް
ވުމުންނެވެ. މިގޮތަށް މިހިސާބުގައި ކާބޯހައިޑްރޭޓް ޖަމާވާ ސަބަބެއް އަދި
ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން ބެލެވިފައިވާގޮތުގައި ގްރޭވްސް
ބަލީގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތަށް ލޮޅުންއަރުވާ އެންޓިބޮޑީ
ނުވަތަ ހަށިދަމަނަ ލޮލުގެ ވަށައިގެންވާ ސެލޯށިތަކަށް "ހިތްޖެހި" ނުވަތަ
"ލެބުމަކީ" ވެސް ލޮލުގެ މައްސަލަ ކުރިމަތިވުމަށް މެދުވެރިވެދާނެ
ކަމެކެވެ.
މަގުފަހިކުރާ ކަންތައްތައް
ގްރޭވްސް ބައްޔަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
(ހ) އާއިލާގެ ތެރޭގައި ބަލި ދައުރުވުން : އާއިލާގެ މެންބަރަކަށް ނުވަތަ ގާތް
ތިމާގެ މީހަކަށް ކުރިން ގްރޭވްސް ބަލި ޖެހިފައިވުމަކީ ފަހަރުގައި އެމީހަކަށް ގްރޭވްސް
ބަލިޖެހުމުގެ ފުރުޞަތު އޮވެދާނެ ކަމެކެވެ. މިއީ ފަހަރުގައި އުފެދުމުގައި އެމީހެއްގެ ހަށިގަނޑުގައި ހުރި
ވިރާސީ ބަހާއެއްގެ ސަބަބުން ކުރިމަތިވާ ކަމަކަށް ވެސް ވެދާނެ އެވެ.
(ށ) ޖިންސް : ފިރިހެނުންނަށްވުރެ އަންހެނުންނަށް ގްރޭވްސް ބަލި ކުރިމަތިވުމުގެ ފުރުޞަތު
ބޮޑުކަން ފާހަގަ ކުރެވެއެވެ.
(ނ) އުމުރު : ގްރޭވްސް ބަލި އާންމުކޮށް ކުރިމަތިވަނީ އުމުރުން 40 އަހަރު ފަހަނައަޅާދާ
ފަހުންކަން ފާހަގަ ކުރެވެއެވެ.
(ރ) އުޓޯއިމިޔޫން ޑިސްއޯޑަރ އެއް ހުރުން : ކުރިން އެހެން އުޓޯއިމިޔޫން ޑިސްއޯޑަރ
އެއް (މިސާލަކަށް ހަކުރު ބަލި ޓައިޕް1، އުޓޯއިމިޔޫން ގެސްޓްރައިޓިސް،
ވިޓިލައިގޯ ނުވަތަ ހުދުބަލި، އަދި ރާއްޖެބަލި ފަދަ ބަލިތައް ) ހުރުމަކީ ގްރޭވްސް
ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެދާނެ ކަމެކެވެ.
(ބ) ޖިސްމާނީގޮތުންނާއި ޖަޒުބާތީ ގޮތުން ވަރުބަލިވުން :
ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި، ޖަޒުބާތީ
ގޮތުން މީހާ ވަރުބަލިވުމަކީ ގްރޭވްސް ބަލި ކުރިމަތިވުން މެދުވެރިވުމަށް
ބާރުއަޅައިފާނެ ކަމެކެވެ. ޚާއްޞަކޮށް އުފެދުމުގައި ގްރޭވްސް ބަލި މެދުވެރިވުމަށް
އެހީތެރިވެދޭ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ މިފުރުޞަތު
އިތުރުވެގެންދެއެވެ.
(ޅ) މާބަނޑުވުން : މާބަނޑުވުމާއި، މިފަހުން ވިހެއުމަކީ އުފެދުމުގައި ގްރޭވްސް ބަލި
މެދުވެރިވުމަށް އެހީތެރިވެދޭ ވިރާސީ ބަހާއެއް އެމީހެއްގެ ހަށިގަނޑުގައި ހުރިނަމަ
ގްރޭވްސް ބަލި ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެދާނެ ކަމެކެވެ.
(ކ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ
ގްރޭވްސް ބަލި ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މީގެ އިތުރުން ދުންފަތުގެ
އިސްތިއުމާލުކުރާނަމަ ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް މައްސަލަތައް ދިމާވުމުގެ
ފުރުޞަތު ވެސް ބޮޑުވާކަން ފާހަގަ ކުރެވެއެވެ.
އާންމުކޮށް ފެނިދާނެ އަލާމާތްތައް
ގްރޭވްސް ބަލީގެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް
ހިމެނެއެވެ.
·
ހާސްވެކަންބޮޑުވުން / ނުތަނަވަސްވުން
·
އަތްތިލަ ނުވަތަ އަތުގެ އިގިލިތައް ތުރުތުރުއެޅުން
·
ދާހިއްލުން
·
ރަނގަޅަށް ކާއިރު ވެސް ބަރުދަން ލުއިވުން
·
ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވުން (ގޮއިޓަރު
އުފެދުން)
·
އަންހެނުންގެ މައްސަރުކަންތަކަށް ބަދަލުއައުން
·
ފިރިހެނުންގެ ޖިންސީ ބާރު ދަށްވުން
·
މާގިނައިން ބޮޑުކަމުދާންޖެހުން
·
ލޯ އާދަޔާޚިލާފަށް ބޮޑަށް ބޭރަށްޖެހި ބޭރަށް
ނިކުތުން
·
ވަރުބަލިވެ ވާޅުވުން
·
ފައި ނޫނީ ކަށިމަތި ފަދަ ހިސާބުތަކުގެ ހަންގަޑު
ބޯވެ ރަތްވުން
·
ހިތުގެ ވިންދު އަވަސްވުން / މޭތެޅުން
·
ނިދުމަށް އުނދަގޫވުން / ރަނގަޅަށް ނުނިދުން
ގްރޭވްސް ބަލީގެ ސަބަބުން ލޮލަށް އަސަރުކުރުން
ގްރޭވްސް ބަލިޖެހޭ މީހުންގެ ތެރެއިން %30 މީހުންގެ ލޮލަށް ބަލީގެ
އަސަރުކުރާކަން ފާހަގަ ކުރެވެއެވެ. ގްރޭވްސް ބަލީގައި ދިފާޢީ ނިޒާމުން
ކުރިމަތިކުރުވާ ކަންތައްތަކާއި، އިންފްލެމޭޝަންގެ އަސަރު ލޮލުގެ ވަށައިގެން ހުންނަ
މަސްތަކަށް ކުރެއެވެ. ގްރޭވްސް ބަލީގެ އަސަރު ލޮލަށް ކޮށްފިނަމަ އަންނަނިވި
އަލާމާތްތަކާއި، ނިޝާންތައް ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
·
ލޯއާދަޔާ ޚިލާފަށް ފެޔަށްޖެހި ބޭރަށް ނިކުތުން
·
ލޮލުގެ ތެރޭގައި ވެލިފުށް ފަދަ އެއްޗެއް ޖެހޭހެން
ހީވުން
·
ލޮލުގައި ރިހުން
·
ލޮލަށް ބާރުވުން
·
ލޮލުގެ ބޮޑި ފަހަތަށް ޖެހި، ލޮލުގެ ބޮޑި ދުޅަވެ
ފޮއްސިވެފައި ހުންނަހެން ހުރުން
·
ލޯރަތްވެ، ދުޅަވުން
·
އައްޔަށް ހުށަހެޅުމުން ލޮލަށް އުދަނގޫވުން
·
އެކައްޗެއް ދޭއްޗެއްގެ ގޮތުގައި (ތަކުރާރުވެފައި
އިންނަހެން) ފެނުން
·
ލޮލުގެ ފެނުން ގެއްލުން / ލޯއަނދިރިވުން
ދިމާވެދާނެ ނުރައްކާތައް
ގްރޭވްސް ބަލިޖެހިފައިވާނަމަ ނޫނީ ބަލީގައި ދިގުލައި ދިއުމުން އަންނަނިވި
ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
(ހ) މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް : ގްރޭވްސް ބަލި ހުރިމީހަކު
މާބަނޑުވުމަށްފަހު މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުގެ
ތެރޭގައި ބައިގެންދިއުން، ދުވަސްނުފުރާ ވިހެއުން، ބަނޑުގައިވާ ތުއްތު ދަރިފުޅުގެ
ތައިރޮއިޑް މައްސަލަ ދިމާވުން، ތުއްތު ދަރިފުޅު ހެދިބޮޑުނުވުން، މައިމީހާގެ ހިތުގެ
މަސައްކަތް ފޭލްވުން، އަދި މާބަނޑު ދުވަސްވަރު ލޭގެ ޕްރެޝަރު މަތިވެ މައްސަލަތައް
ދިމާވުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ށ) ހިތުގެ މައްސަލަތައް : ގްރޭވްސް ބަލި ހުރެމެ، އެކަށޭނަ ފަރުވާ
ނުދެވިއްޖެނަމަ، ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން
ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ހިތުގެ ވިންދުގެ ތަރުތީބުއޮޅުން، ހިތުގެ
މަސްތަކުގެ އޮނިގަނޑާއި، މަސައްކަތަށް ބަދަލުއައުން، އަދި ހިތުން ހަށިގަނޑުގެ އެކި
ހިސާބުތަކަށް ބޭނުންވާވަރަށް ލޭފޮނުވައިނުދިނުން ފަދަ ކަންތައްތައް ހިމެނެއެވެ.
(ނ) ތައިރޮއިޑް ތޫފާން : ތައިރޮއިޑް ތޫފާން އޭ ބުނެވޭ ބަހުގެ މާނައަކީ
ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އާދަޔާ ޚިލާފަށް އިތުރުވެ ހަލުވިވުމެވެ.
މިހާލަތަށް ބައެއް ފަހަރު "ތައިރޮއިޑް ކްރައިސިސް" ވެސް ކިޔައެވެ. މިއީ
ފުރާނައަށް ނުރައްކާވާ ހާލަތެކެވެ. މިހާލަތު ކުރިމަތިވަނީ ގްރޭވްސް ބަލިހުރެމެ
ފަރުވާ ނުކޮށް ދޫކޮށްލުމުން ނުވަތަ އެކަށޭނަ ފަރުވާ ނުލިބުމުންނެވެ.
ކުއްލިއަކަށް އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން ދޫކުރާ މިންވަރު
އިތުރުވުމުން ކުރިމަތިވެދާނެ ކަންތައްތަކުގެ ތެރޭގައި ހުންއައުން، ދާހިއްލުން،
ހޮޑުލުން، ބޭރަށްހިންގުން، ވަހުމުތައް އިތުރުވުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ފިޓުޖެހުން،
ހިތުގެ ވިންދުގެ ތަރުތީބުނުވުން،
ރީނދޫވުން (ހަމާއި، ލޯ)\، އަދި އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރު
ދަށްވެ، އަނބުރައިގަތުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން މިއީ
ކުރިންވެސް ބަޔާންކުރެވުނު ފަދައިން ވަގުތުން ޞިއްޙީ ފަރުވާ ބޭނުންވާނެ
ހާލަތެކެވެ.
(ރ) ކަށިތައް ބިނދުން : ގްރޭވްސް ބަލިހުރެމެ އެކަށޭނަ ފަރުވާ
ނުލިބިއްޖެނަމަ، ނޫނީ ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ކަށިތައް ދެރަވެ، ތުނިވެ،
ކަށިފީވުން ކުރިމަތިވެ، ފަސޭހައިން ރެނދުލައި ކަށިތައް ބިނދޭގޮތް ވެއެވެ. ކަށީގެ
ބާރު ބަރޯސާވަނީ ކެލްސިއަމް އާއި އެހެނިހެން މައުދަންތައް ހުންނަ މިންވަރެއްގެ
މައްޗަށެވެ. ތައިރޮއިޑް ހޯރމޯން މާގިނައިން އުފެއްދުމަކީ ކަށިތަކަށް ކެލްސިއަމް
ފޯރުވައިދިނުމުގެ މަސައްކަތަށް ހުރަސްއަޅާ، ބުރޫއަރުވާނެ ކަމެކެވެ.
ދެނެގަތުން
ގްރޭވްސް ބަލި ދެނެގަތުމަށްޓަކައި ޖިސްމާނީ ގޮތުން ހަށިގަނޑު ބަލައި ފާހަގަވާ
ކަންތައްތަކުގެ އިތުރުން އަންނަނިވި ޓެސްޓުތައް ހެދުމަށް ޑޮކްޓަރުން
ލަފާދީފާނެއެވެ.
(ހ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތައް ހަދައިގެން ޕިޓޫއިޓަރީ ގްލޭންޑް
އިން ދޫކުރާ ތައިރޮއިޑް ސްޓިމިޔުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން
ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކުގެ މިންވަރު ދެނެގަނެވެއެވެ. ތައިރޮއިޑް
ސްޓިމިޔުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯންތައް
ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ގްރޭވްސް ބަލި ހުންނަ މީހުންގެ
އާންމުގޮތެއްގައި ތައިރޮއިޑް ސްޓިމިޔުލޭޓިންގ ހޯމރޯންގެ މިންވަރު އާންމުކޮށް
ހުންނަ މިންވަރަށްވުރެ ދަށްވެ، ތައިރޮއިޑް ހޯރމޯންތަކުގެ މިންވަރު އާންމުކޮށް
ހުންނަ މިންވަރަށްވުރެ މަތިވާނެއެވެ.
މީގެ އިތުރުން ގްރޭވްސް ބަލި ކުރިމަތިވުމަށް މެދުވެރިކުރުވާ އެންޓިބޮޑީ ގެ
މިންގަނޑު ދެނެގަތުމަށް ވެސް ލޭގެ ޓެސްޓު ހަދައިފާނެއެވެ. ނަމަވެސް އެންޓީބޮޑީ
މިންވަރު މަތި ނޫންނަމަ، ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތްވެ ހަލުވިވެ،
އިތުރުވެފައިވަނީ އެހެން ސަބަބަކުންކަން ދެނެގަތުމަށް އެހީތެރިވެދީފާނެ އެވެ.
(ށ) ރޭޑިޔޯއެކްޓިވް އަޔޮޑިން ދީގެން ބެލުން : އަޔޮޑިން އަކީ ތައިރޮއިޑް ހޯރމޯން
އުފެއްދުމަށް ބޭނުންތެރި މާއްދާ އެކެވެ. ރޭޑިޔޯއެކްޓިވް އަޔޮޑިންގެ ކުޑަ
މިންވަރެއް ދިނުމަށްފަހު، އޭގެ ފަހުން ޚާއްޞަ ސްކޭން ކެމެރާއެއްގެ އެހީގައި
ތައިރޮއިޑް ގްލޭންޑްގައި އަޔޮޑިން ހުރި މިންވަރު ދެނެގަނެވެއެވެ. އެގޮތުން
މިކެމެރާގެ އެހީގައި ތައިރޮއިޑް ގްލޭންޑް އިން އަޔޮޑިން ނަގާ މިންވަރު، ނިސްބަތް
ނުވަތަ ރޭޓް ދެނެގަނެވެއެވެ. ތައިރޮއިޑް ގްލޭންޑް އިން ރޭޑިޔޯއެކްޓީވް އަޔޮޑިން
ނަގާފައިވާ މިންވަރުގެ އެހީގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އިތުރުވެ
މަތިވެފައިވަނީ ގްރޭވްސް ބަލި ނޫނީ އެހެން ކަމެއްގެ ސަބަބުންތޯ ދެނެގަންނަން
ފަސޭހަވެއެވެ. ފަހަރުގައި މިޓެސްޓު ސްކޭން ކުރަމުން ވެސް ހަދައިފާނެއެވެ. މީގެ
ބޭނުމަކީ ތައިރޮއިޑް ގްލޭންޑް އިން ރޭޑިޔޯއެކްޓިވް އަޔޮޑިން ނަގަމުންދާގޮތް /
މިންވަރު ބަލަމުން ގެންދިއުމެވެ.
(ނ) ތައިރޮއިޑް ގްލޭންޑްގެ ސްކޭން ހެދުން : މިއީ ތައިރޮއިޑް ގްލޭންޑް ގެ ސައިޒު
ބެލުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި މިޓެސްޓު ހަދަނީ ރޭޑިޔޯއެކްޓިވް
އަޔޮޑިން އަޕްޓޭކް ޓެސްޓު ނުހެދޭ މީހުންނަށެވެ. މިސާލަކަށް މާބަނޑު މީހުންނަށެވެ.
(ރ) އިމޭޖިންގ ޓެސްޓުތައް : އާންމު ގޮތެއްގައި ހަދާ ޓެސްޓުތަކާއި، ކްލިނިކަލް
ގޮތުން ބަލާބެލުންތަކުން ގްރޭވްސް ބަލި ހުރިކަން ދެނެނުގަނެވޭ ހާލަތްތަކުގައި
ބައެއް ފަހަރު ސީޓީ ސްކޭން ނޫނީ އެމްއާރުއައި ފަދަ ޓެސްޓުތައް ވެސް ހަދަން
ޖެހިދާނެ އެވެ.
ފަރުވާ
ގްރޭވްސް ބަލީގެ ފަރުވާ އަމާޒުކުރަނީ ތައިރޮއިޑް ހޯރމޯން އުފައްދާ މިންވަރު
ދަށްކޮށް، ތައިރޮއިޑް ހޯރމޯންތައް އިތުރުވުމުން ހަށިގަނޑަށް ކުރިމަތިވާ އަސަރުތައް
ކުޑަކުރުމުގެ މައްޗަށެވެ. އާންމުގޮތެއްގައި ދީއުޅޭ ބައެއް ފަރުވާތައް ތިރީގައި
މިވަނީ އެވެ.
(ހ) ރޭޑިޔޯއެކްޓިވް އަޔޮޑިން ތެރަޕީ : މިފަރުވާގައި އަނގައިން
ރޭޑިޔޯއެކްޓިވް އަޔޮޑިން ބަލިމީހާއަށް ދެވެއެވެ. ތައިރޮއިޑް ހޯރމޯން އުފެއްދުމަށް
އަޔޮޑިން ބޭނުންވާތީ ، ހަށިގަނޑަށް ރޭޑިޔޯއެކްޓިވްއަޔޮޑިން އެތެރެވުމުން
ތައިރޮއިޑް ސެލްތަކުން ރޭޑިޔޯއެކްޓިވް އަޔޮޑިން ތައިރޮއިޑް ގްލޭންޑް އަށް
ނަގައެވެ. އަދި މާބޮޑަށް ހީވާގިވެ، ހަރަކާތްތެރިވަމުންދާ ތައިރޮއިޑް ސެލްތައް
ރޭޑިޔޭޝަންގެ ސަބަބުން ހަލާކުކޮށްލައެވެ. މިހެންވުމުން ދެތިން ހަފްތާއިން ފެށިގެން
ގޮސް ދެތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ހިނދި، އަދި
ތައިރޮއިޑް މަތިވުމުން ފެންނަ އުނދަގޫތައް މަޑުމަޑުން ކުޑަވެގެންދެއެވެ.
(ށ) އެންޓި ތައިރޮއިޑް ބޭސްތައް : މިބޭސްތައް ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް
އިން ތައިރޮއިޑް ހޯރމޯން އުފެއްދުމުގައި އަޔޮޑިންގެ ބޭނުން ހިފުމުގެ މަސައްކަތަށް
ބުރޫއަރައެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޕްރޮފައިލް ތިއޯޔުރެސިލް އަދި
މެތިމެޒޯލް އެވެ. ޕްރޮޕައިލް ތިއޯޔުރެސިލް ބޭނުންކުރުމުން ފުރަމޭގެ ބަލިތައް
ޖެހުމުގެ ހިރާސް އިތުރުވާތީ ފުރަތަމަ ޚިޔާރުކުރާ ފަރުވާއަކީ މެތިމެޒޯލް އެވެ.
ނަމަވެސް މާބަނޑު ދުވަސްވަރުގެ ފުރަތަމަ 3 މަހުގައި ބޭނުންކުރެވޭނެ ބޭހަކީ
ޕްރޮޕައިލް ތިއޯޔުރެސިލް އެވެ. އެއީ މެތިމެޒޯލް ބޭނުންކުރުމުން ބަނޑުގައިވާ
ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު އިތުރުވާތީ އެވެ. ނަމަވެސް
ފުރަތަމަ 3 މަސް ދުވަސް ފާއިތުވެ ދިއުމުން މާބަނޑު މީހުންނަށް ވެސް މެތިމެޒޯލް
ބޭނުންކުރެވޭނެ އެވެ. ރޭޑިޔޯތެރަޕީގެ ކުރިންނާއި، އަދި ފަހުން ވެސް ސަޕްލިމެންޓަލް
ތެރަޕީ އެއްގެ ގޮތުގައި އެންޓިތައިރޮއިޑް ބޭސްތައް ދީއުޅެއެވެ. މި ދެބޭހުގެ
ސަބަބުން ވެސް ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ގައިން ބިހިނެގުން،
ހުޅުތަކުގައި ރިހުން، ފުރަމޭ ފޭލްވުން އަދި ލޭގެ ހުދު ސެލްތަކުގައި ހުންނަ
އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ދަށްކޮށްލުން ހިމެނެއެވެ.
(ނ) ބީޓަރ ބްލޮކަރސް : މިއީ ތައިރޮއިޑް ހޯރމޯންތައް އުފެއްދުން މަނާކުރާ
ނޫނީ އެކަމަށް ހުރަސްއަޅާ ބޭސްތަކެއް ނޫނެވެ. ނަމަވެސް މިބޭސްތައް ބޭނުންކުރުމުން
ހޯރމޯންގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރަށް ބަދަލުގެނުވައެވެ. ނޫނީ
ހުރަސްއަޅައެވެ. އެގޮތުން ހިތުގެ ވިންދު ހަމައަކަށް އަޅުވައި، ތުރުތުރުއެޅުން
ކުޑަކޮށްދީ، ހާސްވެކަންބޮޑުވުމާއި، ނުތަނަވަސްކަން ކުޑަކޮށްދެއެވެ. ބީޓަރ
ބްލޮކަރސް ގެ ތެރޭގައި ޕްރޯޕްރަނޮލޯލް، އެޓީނޮލޯލް، މެޓޮޕްރޮލޯލް، އަދި ނެޑޮލޯލް
ހިމެނެއެވެ.
(ރ) އޮޕަރޭޝަން ކުރުން : ތައިރޮއިޑް ގްލޭންޑް އެއްކޮށް ނެގުން ނޫނީ އެއިން
ބައެއް އޮޕަރޭޝަން ކޮށްގެން ނެގުމަކީ ގްރޭވްސް ބަލީގެ ފަރުވާގައި ކޮށްއުޅޭ
ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ، ތައިރޮއިޑް ހޯރމޯން ބޭހުގެ
ގޮތުގައި ނަގަންޖެހޭނެ އެވެ. މިއޮޕަރޭޝަން ކުރުމުގެ ތެރޭގައި އަޑުފޮށި
ކޮންޓްރޯލްކުރުމަށް އިންނަ ފަތިނާރު އަދި ތައިރޮއިޑް ގްލޭންޑް ގެ ކައިރީގައި
އިންނަ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުމުގެ ފުރުޞަތު އޮވެއެވެ.
ގްރޭވްސް ބަލީގައި ކުރިމަތިވާ ލޮލުގެ މައްސަލަތަކަށް
ފަރުވާކުރުން
ގްރޭވްސް ބަލީގައި ކުރިމަތިވާ ލޮލުގެ މައްސަލަތަކުގެ ތެރެއިން އާދައިގެ
ވަރަކަށް ކުރިމަތިވާ އުނދަގޫތަކަށް ފަރުވާކުރުމުގައި އާންމުކޮށް ފާމަސީ ތަކުން
ލިބެން ހުންނަ އާޓިފިޝަލް ޓިއަރސް (މަސްނޫޢީ ކަރުނަ) އަދި ލުބްރިކެންޓް ޖެލް
ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ލޮލުގެ ހާލަތު މާގޯސްނަމަ އަންނަނިވި ފަރުވާތައް
ކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.
·
ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުން
·
ޓެޕްރޯޓިޔުމުބެބް
·
އޯބިޓަލް ޑިކަމްޕްރެޝަން ސާޖަރީ ހެދުން
·
އޯބިޓަލް ރޭޑިޔޯތެރަޕީ
·
އައިނުގައި ޕްރިޒަމް ބޭނުންކުރުން
ހަވާލާ
·
https://www.mayoclinic.org/diseases-conditions/graves-disease
·
https://www.niddk.nih.gov/health-information/endocrine-diseases/graves-disease
No comments:
Post a Comment