Monday, August 15, 2022

މާބަނޑު ދުވަސްވަރު : ދުވަސްނުފުރާ އުފަންވުން

މާބަނޑު ދުވަސްވަރު : ދުވަސްނުފުރާ އުފަންވުން

ދުވަސްނުފުރާ އުފަންވުން(preterm birth)  މާނަކުރެވެނީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން އުފަންވުމަށެވެ. އެހެންގޮތަކަށް ބުނާނަމީ ދުވަސްނުފުރާ ވިހެއުމަކީ މާބަނޑު މީހާގެ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ވިހެއުމެވެ. މާކުރީކޮޅު ނޫނީ މާއަވަހަށް ދުވަސްނުފުރާ އުފަންވާ ކުދިންނަށް ގިނަ ފަހަރު ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ، ދުވަސްނުފުރާ އުފަންވުމުން ދިމާވާ ނުރައްކާތައް ހާލަތަށް ރިޢާޔަތްކޮށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ބަނޑަށް ކުރީކޮޅު އުފަންވާވަރަކަށް، ތުއްތު ދަރިފުޅަށް ދިމާވާ ނުރައްކާތައް އިތުރުވުމުގެ ފުރުޞަތު އޮވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރަކު 15މިލިޔަން ކުދިން ދުވަސްނުފުރާ ދުނިޔެއަށް އުފަންވެއެވެ. ދުވަސްނުފުރާ އުފަންވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަކީ އުމުރުން 5 އަހަރުން ދަށުގެ ކުދިން މަރުވާ މައިގަނޑު ސަބަބެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި 2015 ވަނަ އަހަރު އެކަނި ވެސް ގާތްގަނޑަކަށް 1 މިލިޔަން ކުދިން ދުނިޔެ ދޫކޮށްފައި ވެއެވެ. ދުނިޔޭގެ 184 ގައުމަށް އަޅާބަލާއިރު ދުވަސްނުފުރާ އުފަންވާ ކުދިންގެ ނިސްބަތް އުޅެނީ %18-5 އާއި ދެމެދުގައެވެ. 


ބަހާލެވިފައިވާ ގިންތިތައް

ދުވަސް ނުފުރާ އުފަންވާ މުއްދަތަށް ބަލައި ބަހާލެވިފައިވާ ގިންތިތައް ތިރީގައި މިވަނީ އެވެ.

·         ވަރަށް ކުރީކޮޅު ދުވަސްނުފުރާ އުފަންވުން (extremely preterm): މީގެ މާނައަކީ ބަނޑަށް 25 ހަފްތާ ފުރިހަމަވުމުގެ ކުރިން އުފަންވުމެވެ.

·         ކުރީކޮޅު ދުވަސްނުފުރާ އުފަންވުން (very preterm): މީގެ މާނައަކީ ބަނޑަށް 32 ހަފްތާ ނުވަނީސް އުފަންވުމެވެ.

·         މެދުމިންވަރަކަށް ދުވަސްނުފުރާ އުފަންވުން (moderately preterm): މީގެ މާނައަކީ ބަނޑަށް 34-32 ހަފްތާއާޢި ދެމެދު އުފަންވުމެވެ.

·         ފަހުކޮޅު ދުވަސްނުފުރާ އުފަންވުން (late preterm): މީގެ މާނައަކީ ބަނޑަށް 36-34 ހަފްތާއާއި ދެމެދު އުފަންވުމެވެ.

ގިނަ ފަހަރު ދުވަސްނުފުރާ ވިހަނީ އުފަންވާން ކައިރިވެފައި ހުއްޓައެވެ.

 

ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ދުވަސްނުފުރާ އުފަންވުން ގިންތި ކޮށްފައިވަނީ 3 ބަޔަކަށެވެ. އެއީ:-

·         ވަރަށް ކުރީކޮޅު ދުވަސްނުފުރާ އުފަންވުން (extremely preterm): މިއީ ބަނޑަށް 28 ހަފްތާ ނުވަނީސް އުފަންވުމެވެ.

·         ކުރީކޮޅު ދުވަސްނުފުރާ އުފަންވުން (very preterm): މިއީ ބަނޑަށް 32-28 ހަފްތާ އާއި ދެމެދު އުފަންވުމެވެ.

·         މެދުމިންވަރަކުން ފެށިގެން ގޮސް ފަހުކޮޅު ދުވަސްނުފުރާ އުފަންވުން(moderate to late preterm) : މިއީ ބަނޑަށް 37-32 ހަފްތާއާއި ދެމެދު އުފަންވުމެވެ.

މަގުފަހިކުރާ ކަންތައްތައް

ދުވަސްނުފުރާ އުފަންވާ ވަކި ޚާއްޞަ ސަބަބެއް ގިނަ ފަހަރަކު ނުހޯދެއެވެ. ނަމަވެސް ދުވަސް ނުުފުރާ އުފަންވުމަށް މަގުފަހިކުރާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ކުރިން ދުވަސްނުފުރާ ވިހެއުން ނޫނީ ދުވަސްނުފުރާ އުފަންވުން

·          އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން

·         ކުރީފަހަރު ވިހެއިތާ 6 މަސް ނުވަނީސް ބަލިވެއިނުން

·         އައިވީއެފް ހަދައިގެން ބަލިވެއިނުން

·         ރަހިމު، ރަހިމުގެ ދޮރު އަދި ވާމަހުގައި ހުންނަ މައްސަލަތައް

·         ދުންފަތުގެ އިސްތިއުމާލުކުރުން

·         މަސްތުވާތަކެތި ބޭނުންކުރުން

·         ފެންދުލީގައި ނޫނީ ކުރިމަތި ފަރާތުގައި އިންފެކްޝަން އަށަގަތުން

·         ލޭމައްޗަށްދިއުން ، ހަކުރުބަލި ފަދަ ބައްޔެއްހުރުން

·         މާބަނޑުވުމުގެ ކުރިން ހަށިގަނޑު މާބަރުހެލިވެ، ފަލަވުން ނޫނީ ހަށިގަނޑު ހިކި އަނަރޫފަވުން

·         ފިކުރުކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވުން : ތިމާގެ މީހަކު މަރުވުން، ގެވެށި އަނިޔާލިބުން، ޖިންސީގޯނާކުރުން

·         ވަރަށް ގިނަ ފަހަރު ބައިގެން ގޮސްފައިވުން ނޫނީ ދަރިވައްޓައިލައިފައި ވުން

·         ބަނޑަށް އަނިޔާއެއް ނޫނީ ހާނިއްކައެއްވުން

·         ކަޅު ނަސްލުގެ މީހަކަށްވުން

އަލާމާތްތައް

މައިމީހާގެ ފުށުން ފާހަގަވާނެ އަލާމާތްތައް

ދުވަސްނުފުރާ ވިހެއުން ކުރިމަތިވާން އުޅޭއިރު މައިމީހާގެ ފުށުން އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ކޮންމެ 10 މިނިޓަކުން ނޫނީ އެއަށްވުރެ ވެސް އަވަހަށް ރަހިމު ކުރުގެޅި ހަރަކާތްކުރުން

·         ކުރިމަތި ފަރާތުން އަންނަ ހަޑިއެއްޗެހި އިތުރުވުން

·         ކުރިމަތި ފަރާތުން ލޭފޭބުން

·         ދަށްބަނޑަށް ބާރުވެ ރިހުން

·         އުނަގަނޑުގައި ރިހުން

·         ބަނޑަށް އުދަނގޫވުން /  ވާޅުވެފައި ހުރުން

ތުއްތު ދަރިފުޅުގެ ކިބައިން ފާހަގަވާނެ އަލާމާތްތައް

ދުވަސްނުފުރާ އުފަންވުމުން ތުއްތު ދަރިފުޅުގެ ކިބައިން ފާހަގަވެދާނެ އަލާމާތްތަކާއި ނިޝާންތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ދަރިފުޅުގެ ސައިޒުން ކުޑަވެފައި، ބޯ ނިސްބަތުން ބޮޑުވުން

·         ދުވަސްފުރާ ކުއްޖަކަށްވުރެ ފެންނަ ފެނުމަށް އަނަރޫފަކަމަށް ދެއްކުން

·         މުޅި ހަށިގަނޑުގައި ލޯލި އިސްތަށި ހުރުން

·         ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުން : ޚާއްޞަކޮށް އުފަންވާއިރު މިކަން ފާހަގަވާނެއެވެ. އެއީ  ދުވަސްނުފުރާ އުފަންވުމުން ހަށިގަނޑުގައި ހުންނަށްޖެހޭ މިންވަރު ފެޓް ނުވަތަ ސަރުބީ ނުހުންނާތީ އެވެ.

·         ނޭވާލާން އުދަނގޫވުން ނޫނީ އުދަނގުލުން ނޭވާލުން

·         ކާންދޭން އުދަނގޫވުން : މިގޮތަށް ދިމާވަނީ ދުވަސްނުފުރާ އުފަންވުމުން އެއްޗެހި ދެމުން އަދި ދިރުވުން ފަދަ ރިފްލަކްސްތައް ދަސްނުވާތީ އެކަން ކުރަން ނޭނގުމުންނެވެ.

ބަރުދަނާއި، އިސްކޮޅާއި، ބޮލުގެ ވަށަމިން ބަނޑަށްވީ ދުވަހާއި ބަލާއިރު ހުންނާނެ މިންތައް

 

ހަފްތާ (އުމުރު)

ބަރުދަން (ކިލޯ)

އިސްކޮޅު (ސމ)

ބޮލުގެވަށަމިން (ސމ)

 

ފިރިހެން

އަންހެން

ފިރިހެން

އަންހެން

ފިރިހެން

އަންހެން

40

3.6

3.4

51

51

35

35

35

2.5

2.4

46

45

32

31.5

32

1.8

1.7

42

42

29.5

29

28

1.1

1.0

36.5

36

26

25

24

0.65

0.60

31

32

22

21

 

ނުރައްކާތައް

ދުވަސްނުފުރާ އުފަންވުމަކީ ތަފާތު ނުރައްކާތައް ތުއްތު ދަރިފުޅަށް ކުރިމަތިކުރުވާނެ ކަމެކެވެ. އެގޮތުން ކުރު މުއްދަތަކަށް ކުރިމަތިވާ ނުރައްކާތަކާއި ދިގުމުއްދަތަކަށް ކުރިމަތިވާ ނުރައްކާތައް ހުރެއެވެ. އާންމު ގޮތެއްގައި ދުވަސްނުފުރާ ވިހެއުން އަވަސްވި (ބަނޑަށް ކުރީކޮޅު (ވިހެއުމާއި ކައިރި ނުވަނީސް ނޫނީ ދުވަސްފުރެން ކައިރި ނުވަނީސް) ދުވަސްނުފުރާ ވިހެއުން) ވަރަކަށް ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އިތުރުވާނެއެވެ. މީގެ އިތުރުން ނުރައްކާތައް ކުރިމަތިވުން މެދުވެރިވުމުގައި ކުއްޖާގެ ބަރުދަން ވެސް ދައުރެއް އަދާކުރެއެވެ.

ކުރުމުއްދަތަކަށް ދިމާވާ ނުރައްކާތައް

ދުވަސްނުފުރާ އުފަންވުމަށް ފަހު ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ނޭވާލުމުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންގެ ނޭވާލާ ނިޒާމް ރަނގަޅަށް ފުރިހަމަނުވާތީ ނޭވާލުމުގައި މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ފުއްފާމޭ ފުފުމަށް ބޭނުންވާ "ސާރފެކްޓަންޓް"(surfactant) ތުއްތު ދަރިފުޅުގެ ފުއްޕާމޭގައި ނުހުންނަނަމަ، ތުއްތު ދަރިފުޅަށް ނޭވާލާން އުދަނގޫވާ ހާލަތެއް ކަމުގައިވާ "ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް"(respiratory  distress syndrome) ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ މިމާއްދާ ނެތުމުގެ ސަބަބުން ފުއްޕާމޭ ފިތި، ހިނދި ކުރުނުގެޅޭނެތީ އެވެ.

 

·         ހިތުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިމާވާ އެންމެ އާންމު ހިތުގެ މައްސަލަތަކަކީ ލޭގެ ޕްރެޝަރު ދަށްވުން އަދި ޕޭޓަންޓް ޑަކްޓަސް އާރޓެރިއޯސަސް(PDA) އެވެ. ޕޭޓަންޓް ޑަކްޓަސް އާޓެރިއޯސަސް ގެ މާނައަކީ ހިތުން ހަށިގަނޑަށް ސާފުލޭ ފޮނުވައިދޭ މައިލޭހޮޅި އެއޯޓާ އާއި ހިތުން ފުއްޕާމެޔަށް ނުސާފުލޭ ފޮނުވައިދާ ޕަލްމޮނަރީ އާޓަރީ އާއި ދެމެދު ހުޅުވުމެއް ނޫނީ ލޯވަޅެއް ހުރުމެވެ. މިލޯވަޅު އާންމު ގޮތެއްގައި އޭގެ ޒާތުގައި ބެދި ރަނގަޅުވާނެ އެވެ. ނަމަވެސް ނުބެދޭ ހާލަތުގައި ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ހިތް ފޭލްވެ އެހެނިހެން ނުރައްކާތައް ނުވަތަ މައްސަލަތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭގެ ޕްރެޝަރު ދަށްނަމަ، އައިވީ ފެންދިނުން، ލޭއެޅުން އަދި ބޭސް ދިނުން ފަދަ ކަންކަމުގައި ބަލަންޖެހޭނެ އެވެ.

 

·         ސިކުނޑިއަށް ދިމާވާ މައްސަލަތައް : ދުވަސްނުފުރާ ވިހެއުން އަވަސްވި ވަރަކަށް (ބަނޑަށް ކުރީކޮޅު އުފަންވި ވަރަކަށް ) ސިކުނޑިއަށް ލޭއެޅުމުގެ ހިރާސް އިތުރުވެއެވެ. މިގޮތަށް ސިކުނޑިއަށް ލޭއެޅުމަށް ކިޔަނީ "އިންޓްރަވެންޓްރިކިއުލަރ ހިމޮރޭޖް"(intraventricular hemorrhage)  އެވެ. ގިނަ ފަހަރު މިގޮތަށް ސިކުނޑިއަށް އެޅޭ ލޭ (އާދައިގެ މިންވަރަކަށް) މާބޮޑު މައްސަލަތަކެއް ކުރިމަތިވުމަކާއި ނުލައި ރަނގަޅު ވެއެވެ. ނަމަވެސް މާގިނައިން ސިކުނޑިއަށް ލޭއެޅިފައިވާނަމަ ދާއިމަށް ސިކުނޑިއަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ.

 

·         ފިނިހޫނުމިން ހިފެހެއްޓުމުގައި ދިމާވާ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންގެ ހަށިގަނޑުން ވަރަށް އަވަހަށް ހޫނު ބޭރުކުރާނެ އެވެ. އެކުދިންގެ ހަށިގަނޑުގައި ދުވަސްފުރާ އުފަންވާ ކުދިންނެކޭ އެއްގޮތަށް ސަރުބީ ނޫނީ ފެޓް އެކަށޭނަ ވަރަކަށް ކޮށާރު ކޮށްފައެއް ނުހުރެއެވެ. ހަށިގަނޑުގެ ސަތަހައިން ބޭރުވާ އާވިން (ހޫނުން) ހަށިގަނޑުން ގެއްލޭ ބައި ހަމައަކަށް އެޅުވުމަށް ހަށިގަނޑުން ހޫނު އުފައްދައެވެ. ނަމަވެސް އާދަޔާ ޚިލާފަށް ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެއްޖެނަމަ "ހައިޕޯތާމިއާ"(hypothermia) ކިޔާ ހާލަތެއް މެދުވެރި ކުރުވައެވެ. މިހާލަތުގައި ހަކުރު ދަށްވުން ނޭވާލާން އުދަނގޫވުން ފަދަ ކަންތައްތައް ތުއްތު ދަރިފުޅުގެ ކިބައިން ފާހަގަ ކުރެވިދާނެ އެވެ. މީގެ އިތުރުން މިފަދަ ކުދިން ކެއުމުގެ ތެރެއިން ލިބޭ ހުރިހާ ހަކަތައެއް ވެސް ހަށިގަނޑު ހޫނުކަންމަތީ ބެހެއްޓުމަށް ބޭނުންކޮށްފާނެ އެވެ. ކުޑަކުޑަކޮށް ތިބޭ ދުވަސްނުފުރާ އުފަންވާ ކުދިންނަށް އެކުދިން އަމިއްލައަށް ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލްކުރެވޭ ވަރުވަންދެން ވާރމަރ އެއް ނޫނީ އިންކިއުބޭޓަރ އަށް ލައިގެން ހަށިގަނޑު ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭންޖެހެނީ މިހެންވެގެންނެވެ.

 

·         ހަޖަމުކުރާ ނިޒާމުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންގެ ހަޖަމުކުރާ ނިޒާމު ރަނގަޅަށް ފުރިހަމަނުވާތީ ހަޖަމުކުރުމުގެ ނިޒާމާއި ގުޅުންހުރި މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރެވެ. އެގޮތުން ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ "ނެކްރޮޓައިޒިންގ އެންޓީރޯކޮލައިޓިސް"(necrotizing enterocolitis)  އެވެ. މިއީ ތުއްތު ދަރިފުޅަށް ކާންދޭން ފެށުމުން ތުއްތު ދަރިފުޅުގެ ގޮހޮރުގެ ފާރުގެ ބަތާނަ ފަށުގެ ސެލްތައް ހަލާކުވެ، ދުޅަވެ، ފާރު އުފެދޭ ބައްޔެކެވެ. ދުވަސްނުފުރާ އުފަންވިޔަސް ހަމައެކަނި ގާތުންދޭ ކުދިންނަށް މިގޮތަށް ގޮހޮރު ދުޅަވެ ހަލާކުވުމުގެ ހިރާސް ކުޑައެވެ.

 

·         ލޭގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް ލޭގެ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރެވެ. އެގޮތުން އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ލޭމަދުވުން އަދި ރީނދޫވުން ހިމެނެއެވެ. އާންމު ގޮތެއްގައި ލޭގެ ރަތް ސެލްތަކުގެ މިންވަރު ދަށްވެ، ލާމަދުވުމަކީ އުފަންވާތާ ކުރީކޮޅު ކޮންމެ ކުއްޖަކަށްމެ ދިމާވުމުގެ ފުރުޞަތު އޮންނަ ކަމަކަށް ވިޔަސް، ދުވަސް ނުފުރާ އުފަންވާ ކުދިންގެ ލޭގެ ރަތް ސެލްތަކުގެ މިންވަރު ދަށްވާ ނިސްބަތް ދުވަސްފުރާ އުފަންވާ ކުދިންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. ތުއްތު އިރު ރީނދޫވުމަކީ ވެސް ވަރަށް ގިނަ ކުދިންނަށް ކުރިމަތިވާ ކަމެއް ކަމުގައިވިޔަސް ، ދުވަސްނުފުރާ އުފަންވާ ކުދިންނަށް ރީނދޫވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

 

·         މެޓަބޮލިޒަމްގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް މެޓަބޮލިޒަމް އާއި ގުޅުންހުރި މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރެވެ. އެގޮތުން މިފަދަ ކުދިންނަށް ބައެއް ފަހަރު އާދަޔާ ޚިލާފައި ލޭގައި ހަކުރު ދަށްވުން ކުރިމަތި ކުރުވައެވެ. މިގޮތަށް ދިމާވަނީ ދުވަސްފުރާ އުފަންވާ ކުދިންނަށްވުރެ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ހަށިގަނޑުގައި ގުލްކޯޒު ކޮށާރު ކޮށްފައި ހުންނަ މިންވަރު މަދުވާތީ އެވެ. އަދި މިފަދަ ކުދިންނަށް ކޮށާރު ކޮށްފައި ހުންނަ ގުލްކޯޒު ހަށިގަނޑަށް ބޭނުންހިފޭ ފަދަ އެއްޗަކަށް ބަދަލުކުރުމަށް ވެސް އުދަނގޫ ވެއެވެ.

 

·         ދިފާއީ ނިޒާމުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންގެ ދިފާޢީ ނިޒާމު ރަނގަޅަށް ފުރިހަމަނުވެ ހުރުމަކީ އެކަމުގެ ތަފާތު އިންފެކްޝަންތަކަށް މަގުފަހިކުރާނެ ކަމެކެވެ. ދުވަސް ނުފުރާ އުފަންވާ ކުދިންގެ ކިބައިގައި އަށަގަންނަ އިންފެކްޝަން ވަރަށް ފަސޭހައިން ލޭގެ ތެރެއަށް ގޮސް "ސެޕްސިސް"(sepsis) ވުމަކީ އެކަށީގެންވާ ކަމެކެވެ.

 

ދިގުމުއްދަތަކަށް ދިމާވާ ނުރައްކާތައް

ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިގުމުއްދަތަކަށް ދެމިގެންދާ ގޮތަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ސެރެބްރަލް ޕަލްސީ : ސެރެބްރަލް ޕަލްސީ(cerebral palsy) އަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެކެވެ. މިއީ ހަށިގަނޑު ހަރަކާތްކުރުމާއި، ހަމަ ހިފެހެއްޓުމާއި، ހަށިގަނޑު އެއްގޮތަކަށް (ސީދަލަށް) ބެހެއްޓުމަށް ހުރަސްއަޅާ (އަސަރުކުރުވާ ނޫނީ ބާރުފޯރުވާ) ބައްޔެކެވެ. ނޫނީ ހަށިގަނޑުގެ ހަރަކާތްކުރުމާއި، ހަމަހިފެހެއްޓުމާއި، ހަށިގަނޑުގެ ބެހެއްޓޭގޮތުގައި ހުންނަ އުނިކަމަކުން ދިމާވާ ބައްޔެކެވެ. ސެރެބްރަލް ޕަލްސީ މެދުވެރިކޮށްފާނެ ސަބަބުތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު ހެދިބޮޑުވަމުން އަންނަ ސިކުނޑީގައި އިންފެކްޝަން ހެދުން، ސިކުނޑިއަށް ލޭލިބުން މަދުވުން، ނޫނީ ސިކުނޑިއަށް އަނިޔާވުން ފަދަ ކަންތައްތައް ހިމެނެއެވެ.

 

·         އުގެނުމުގެ ނުކުޅެދުންތެރިކަން : ދުވަސްނުފުރާ ކުދިންނަކީ ދުވަސްފުރާ އުފަންވާ ކުދިންނަށްވުރެ ހުރިހާ ކަމެއްގައި ފަހަތުގައި އުޅޭ ބައެކެވެ. އެހެންކަމުން ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ސުކޫލް މަދަރުސީ ދައުރު ފެށުމަށްފަހު ކިޔެވުމުގެ ތެރެއިން ވެސް ދަތިތަކާއި ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

 

·         އަޑުއިވުމުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް އަޑުއިވުމުގެ މައްސަލަތައް ޚާއްޞަކޮށް ކޮންމެވެސް މިންވަރަކަށް އަޑުނުއިވުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ ހިރާސް ބޮޑެވެ.

 

·         ފެނުމުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް ވަރަށް ގިނަ ފަހަރު ލޮލުގެ އަލި ދުއްޔަށް ދިމާވާ ހާލަތެއް ކަމުގައިވާ "ރެޓިނޮޕަތީ އޮފް ޕްރިމެޗުރިޓީ"(retinopathy of prematurity) ކުރިމަތިވުމުގެ ހިރާސް އޮވެއެވެ. މިއީ ލޮލުގެ ފަހަތުގައި އިންނަ ލޮލުގެ އަލިދުލީގެ ލޭހޮޅިތައް ދުޅަވެ، އަލިދުލީގައިވާ އައްޔަށް ނާޒުކު ނާރވް ފަށަލައިގައި އެލޭހޮޅިތައް މާބޮޑަށް އުފެދޭގޮތް ވުމުން ދިމާވާ ކަމެކެވެ. ބައެއް ފަހަރު އަލިދުލީގައި އުފެދޭ ޣައިރު ތަބީއީ ލޭހޮޅިތަކުގެ ސަބަބުން އަލިދުލީގައި ލަކުނުލައި، އަލިދުލި އޭގެ މަކާނުން ލުހިގެން އަންނަގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތަށް ކިޔަނީ ލޮލުގެ އަލިދުލި ވަކިވުން ނުވަތަ "ރެޓިނަލް ޑިޓެކްމަންޓް"(retinal detachment) އެވެ. ލޮލުގެ އަލިދުލި އޭގެ މަކާނުން ނެއްޓުން ނޫނީ ލުހިގެން އައުމަކީ ލޮލުގެ ފެނުމަށް އަސަރުކޮށް ލޯއަނދިރިވުން ކުރިމަތިކޮށްފާނެ ކަމެކެވެ.

 

·         ދަތުގެ މައްސަލަތައް : ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދަތުގައި މެރަޖެހުން، ދަތްތައް ރަނގަޅަށް އެތުރިފައި ނުހުރުން އަދި ދަތްތައް ފެޅުން ލަސްވުން ފަދަ ދަތުގެ މައްސަލަތައް ކުރިމަތިވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

 

·         އުޅުމާއި، ނަފްސާނީ މައްސަލަތައް : ހެދިބޮޑުވުން ލަސްވުމާއި، ނަފުސާނީ މައްސަލަތައް އަދި އުޅުމާއި މިޒާޖުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ދުވަސްފުރާ އުފަންވާ ކުދިންނަށްވުރެ، ދުވަސްނުފުރާ އުފަންވާ ކުދިންގެ ތެރޭގައި އާންމުކަން ފާހަގަ ކުރެވެއެވެ.

 

·         ދާއިމީ ޞިއްޙީ މައްސަލަތައް : ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ގާތްގާތުގައި އިންފެކްޝަން ޖެހުން، ނޭވާހިއްލުން، ކާންދޭ އުދަނގޫވުން ފަދަ މައްސަލަތައް ކުރިމަތިވުން އަދި އެފަދަ މައްސަލަތައް ދާއިމީކޮށް ދެމިހުރުމުގެ ހިރާސް، ދުވަސްފުރާ އުފަންވާކުދިންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ކުދިންނަށް ކުއްލިއަކަށް ގޮތްނޭނގި މަރުވުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ ހިރާސް ވެސް އިތުރެވެ.

ދެނެގަތުން

ދުވަސްނުފުރާ އުފަންވާ ތުއްތު ދަރިފުޅު ކުޑަކުދިންގެ އައިސީޔޫ އަށް ގެންދިއުމަށްފަހު، ތުއްތު ދަރިފުޅުގެ ހާލަތު ބެލުމުގެ ގޮތުން ތަފާތު ޓެސްޓުތައް ހަދައި، ތަފާތު ކަންތައްތައް ކުރެވޭނެ އެވެ. ބައެއް ކަންކަމަކީ އައިސީޔޫގައި އޮންނަހާ ހިނދަކު ކުރެވޭނެ ކަންކަމެވެ. އަނެއްބައި ކަންކަމަކީ ހަމައެކަނި ވަކި ކަމަކަށް ޝައްކު ކުރެވިއްޖެނަމަ ކުރެވޭނެ ކަންކަމެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކާއި، ހެދިދާނެ ނޫނީ ހަދައިފާނެ ޓެސްޓުތައް ތިރީގައި މިވަނީ އެވެ.

(ހ) ހިތުގެ ވިންދު އަދި ނޭވާލުން މޮނީޓަރކުރުން : ތުއްތު ދަރިފުޅުގެ ހިތުގެ ވިންދާއި ، ނޭވާލުން މެދުނުކެނޑި މޮނީޓަރ ކުރަމުން ގެންދާނެއެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ހުރި މިންވަރު ވެސް ގަވާއިދުން ބަލަމުން ގެންދާނެއެވެ.

(ށ) ދިޔާތަކެތި ދެވޭ (އެތެރެވާ ) މިންވަރާއި، ބޭރުކުރާ މިންވަރު ބަލަމުން ގެންދިއުން : އައިވީ ގުޅައިގެންނާއި، ކާންދިނުމުގެ ތެރެއިން ތުއްތު ދަރިފުޅުގެ ހަށިގަނޑަށް އެތެރެކުރެވޭ ދިޔާތަކެތީގެ މިންވަރާއި، ކުޑަކަމު އަދި ބޮޑުކަމުދިއުމުގެ ތެރެއިން  ތުއްތު ދަރިފުޅުގެ ހަށިގަނޑުން ބޭރުކުރެވޭ ދިޔާތަކެތީގެ މިންވަރު ގަވާޢީދުން ބަލަމުން ގެންދާނެ އެވެ.

(ނ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓު ހަދައިގެން ލޭގައި ކެލްސިއަމް، ގުލްކޯޒު އަދި ބިލިރޫބިން ހުންނަ މިންވަރު ބަލަމުން ގެންދާނެއެވެ. މީގެ އިތުރުން ލޭގެ ރަތްސެލްތަކުގެ އަދަދު ލޭމަދުވުން ހުރިތޯ ދެނެގަތުމަށް ބަލާނެއެވެ. އަދި އިންފެކްޝަންގެ އަސަރު ހުރިތޯ ވެސް ލޭގެ ޓެސްޓުތަކުގެ އެހީގައި ދެނެގަނެވޭނެ އެވެ 

(ރ) އީކޯކާޑިއޯގްރާމް ހެދުން :މިއީ ތުއްތު ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ބ)  އަލްޓްރާ ސައުންޑް ސްކޭން : އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ހަޖަމުކުރާ ނިޒާމުގެ ބައިތައް، ކުޑަކަމުދާ ނިޒާމުގެ ބައިތައް، ގުރުދާ އަދި ފުރަމޭގެ ފަދަ ގުނަވަންތަކުގައި މައްސަލައެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.

(ޅ) ލޯ ޗެކުކުރުން : ލޮލުގެ ފެނުމާއި، ލޮލުގެ އަލިދުލީގެ މައްސަލައެއް ހުރިތޯ ބެލުމަށް ލޯ ޗެކުކުރެވޭނެ އެވެ.

ފަރުވާ

ދުވަސްނުފުރާ ވިހެއުމުން ދުވަސް ނުފުރާ އުފަންވާ ދަރިފުޅު ހަސްފަތާލުގައި ގިނަ ދުވަހު މަޑުކުރަންޖެހުމަކީ ނޫނީ ބާއްވަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ތުއްތު ދަރިފުޅަށް ދޭންޖެހޭ ފަރުވާއަށް ބަލައި، ނާސަރީ ނޫނީ އައިސީޔޫ ފަދަ ތަނެއްގައި އެދުމަތިކޮށްގެން ފަރުވާ ކުރިޔަށް ގެންދަން ޖެހިދާނެ އެވެ. މިފަދަ ކުދިންނަށް ފަރުވާގެ ތެރެއިން އާންމުކޮށް ކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

ސަޕޯޓިވް ކެއަރ

ސަޕޯޓިވް ކެއަރ ނޫނީ ތުއްތު ދަރިފުޅުގެ އެކިކަންކަން ފަހިކޮށްދީ އެހީތެރިވުމުގެ ގޮތުން ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         އިންކިއުބޭޓަރގައ ބޭއްވުން

·         އަސާސީ ނިޝާންތައް ނަގައި، ފާހަގަކޮށް ބަލަމުން ގެންދިއުން

·         ކާންދޭހޮޅި ލެއްވުން

·         ދޭންޖެހިއްޖެ ހިނދެއްގައި ދިޔާތަކެތި (އައިވީކޮށް/ އައިވީފެން) ދިނުން

·         ބިލިރޫބިން ހޮޅިބުރި ނޫނީ އަލީގެ ދަށުގައި ބޭއްވުން

·         ލޭއެޅުން

 

ބޭހުގެ ފަރުވާ

ފުއްޕާމޭ ފުރިހަމަކޮށް، ފުއްޕާމޭ، ހިތް އަދި ލޭދައުރުވުން ރަނގަޅުކުރުވުމަށް ފަހަރުގައި ބޭސް ދޭންޖެހިދާނެއެވެ. ހާލަތަށް ރިޢާޔަތްކޮށް ދީފާނެ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

·         ސާރފެކްޓަންޓް :މިއީ ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އަށް ފަރުވާކުރުމަށްދޭ ބޭހެކެވެ.

·         ފައިން މިސްޓް ނޫނީ އައިވީކޮށް ދޭ ބޭސް : މިފަދަ ބޭސް ދެވެނީ ހިތުގެ ވިންދު އަދި ނޭވާލުން ރަނގަޅުކުރުމަށެވެ.

·         އެންޓިބަޔޮޓިކް : މިއީ އިންފެކްޝަނެއް ހުރިނަމަ، ނޫނީ އިންފެކްޝަން އުފެދުމުގެ ފުރުޞަތު އޮތްނަމަ ދޭ ބޭހެކެވެ.

·         ޑަޔުރެޓިކްސް : މިއީ ކުޑަކަމުނަޖިސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ދޭ ބޭހެކެވެ.

·         ލޮލަށް އަޅާ ބޭސް : މިއީ ލޮލުގެ އަލިދުލީގެ މަތީގައި އާ ލޭހޮޅިތައް އުފެދުން ހުއްޓުވުމަށް ދޭ ބޭހެކެވެ.

·         ހިތުގައި ހުންނަ ލޯވަޅުތައް ބެއްދުމަށް ދޭ ބޭސްތައް

 

އޮޕަރޭޝަންކުރުން

ދުވަސްނުފުރާ އުފަންވުމުން ހުރެފާނެ ހާލަތްތައް ރަނގަޅުކުރުމަށް ބައެއް ފަހަރު އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތެއް ހުރިތޯ ޑޮކްޓަރުންނާއި ވާހަކަދައްކައި ޔަގީންކުރުން މުހިއްމެވެ.

ގެޔަށްދޫކޮށްލުން

ދުވަސްނުފުރާ އުފަންވާ ކުއްޖަކު ހަސްފަތާލުގައި އެދުމަތިކުރުމަށް ގެޔަށްދޫކޮށްލާނީ އަންނަނިވި ހާލަތްތަކުގައެވެ. ނޫނީ އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމަ އެވެ،

·         އެހީއަކާއި ނުލައި ނޭވާޅެވުން

·         ހަށިގަނޑު ފިނިހޫނުމިން އެއްހަމައެއްގައި ހިފެހެއްޓުން

·         ގާތުން ނޫނީ ބުއްފުޅިން ބޯން އެނގުން

·         މަޑުމަޑުން ބަރުދަން އިތުރުވަމުން ދިއުން

·         އެއްވެސް ކަހަލަ އިންފެކްޝަން އެއް ނުހުރުން

 

ހަސްފަތާލުން ދޫކޮށްލުމަށްފަހު އަމިއްލައަށް ގޭގައި ކުރެވިދާނެ ކަންތައްތައް

·         ހާލަތަށް ރިއާޔަތްކޮށް ތުއްތު ދަރިފުޅަށް އަޅާލައި ހަދާނެގޮތް ދަސްކޮށް އޮޅުންފިލުވުން

·         ކާންދޭނެގޮތާއި މެދު މަޝްވަރާކޮށް މައުލޫމާތު ހޯދުން

·         ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމާއި، ރައްކާތެރިކަމަށް އަބަދުވެސް ސަމާލުކަން ދިނުން

·         ގަވާއިދުން ޑޮކްޓަރަށް ދެއްކުން

·         ގަވާއިދުން ވެކްސިން ދިނުން

·         ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއި ކުރިއެރުންތައް ބަލަމުން ގެންދިއުން

 

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް

ދުވަސްނުފުރާ އުފަންވުމަކީ ފަހަރުގައި އެއްކޮށް ރައްކާތެރިވެވިދާނެ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ދުވަސްނުފުރާ އުފަންވުމުގެ ހިރާސް ކުޑަކުރުމަށްޓަކައި ނޫނީ ދުވަސްނުފުރާ ވިހެއުމުގެ ހިރާސް ކުޑަކުރުމަށްޓަކައި ދުވަސްނުފުރާ ވިހެއުން ނޫނީ އުފަންވުމަށް މަގުފަހިވާ ކަންތައްތަކާ ވީވަރަކުން ދުރުހެލިވެވިދާނެ އެވެ. އެގޮތުން ދުވަސްނުފުރާ އުފަންވުން ނޫނީ ދުވަސްނުފުރާ ވިހެއުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         ބަނގުރާ ބުއިމުން ދުރުހެލިވުން

·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން

·         މާބަނޑު ދުވަސްވަރު ގަވާއިދުން ޑޮކްޓަރަށް ދެއްކުން

·         ދުވަސްނުފުރާ ވިހެއުމުގެ އަލާމާތެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/premature-birth/symptoms-causes/syc-20376730

·         https://www.cdc.gov/reproductivehealth/maternalinfanthealth/pretermbirth.htm#:

·         https://www.who.int/news-room/fact-sheets/detail/preterm-birth 

No comments:

Post a Comment