Wednesday, November 18, 2015

މާބަނޑުދުވަސްވަރު އައްސިވުން

މާބަނޑު ދުވަސްވަރު - އަތްތިލައާއި، އިނގިލިތައް އައްސިވުން
ބަލިވެއިންނަ %70 އަންހެނުންނަށް ދެއަތްތިލައާއި، އިނގިލިތައް އައްސިވުން މާބަނޑުވުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި ކުރިމަތިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް މިކަން ކުރިމަތިވަނީ ބަލިވެއިނުމަށްފަހު، އެންމެ ފަހު6 މަހުގެ ތެރޭގައި ޚާއްޞަކޮށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް އަތްފައި ފޮއްސިވާން ފެށުމަށްފަހުގައެވެ.
ސަބަބު
މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކަށް ތަދުވެ، ކަށިހަރާހެންހީވެ، އައްސިވުން ކުރިމަތިވަނީ ''ކާޕަލް ޓަނެލް ސިންޑްރޯމް''(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ''ކާރޕަލް ޓަނެލް'' އަކީ އަތުކުރި ނުވަތަ ކުޑަހުޅުގައި އިންނަ ''ޓަނެލް'' އެކެވެ. ބޮޑުވައި އިގިލި،ޝަހާދަތް އިގިލި، މެދު އިގިލި، އަދި ކަށި އިގިލީގެ  ހަރަކާތްތައް ކޮންޓްރޯލްކުރާ ފަތިނާރު(Median nerve) ދަނީ މި''ޓަނެލް''ގެ ތެރެއިންނެވެ. ''ކާޕަލް ޓަނެލް ސިންޑްރޯމް'' ޖެހުމުން މި''ޓަނެލް'' ދުޅަވެ، ކުރިން ދެންނެވުނު ނާރުފިތި އަތްތިލައާއި އިގިލިތައް އައްސިވާގޮތްވެއެވެ.
މާބަނޑު ދުވަސްވަރު އަތްތިލަ ދުޅަވެ، ފޮއްސިވުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ފޮއްސިވެ ދުޅަވުމުން، ކާޕަލް ޓަނެލް އަށް ފިއްތާނެއެވެ. މާނައަކީ ކާޕަލް ޓަނެލްގެ ތެރެއިން ގޮސްފައިވާ ފަތިނާރަށް ވެސް ފިއްތާނެއެވެ. މިހެންވުމުން އަތްތިލައާއި، އިނގިލިތައް އައްސިވެ، ކަށިހަރާހެން ހީވާނެއެވެ.
ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް
ކާޕަލް ޓަނެލް ސިންޑްރޯމް އުނދަގޫތައް ބޮޑަށް ކުރިމަތިވަނީ ނޫނީ ގޯސްވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ހަދާންކުރަންވީ މިއަލާމާތްތަކަކީ އަބަދު ފެންނަން ހުންނަ އަލާމާތްތަކެއް ނޫންކަމެވެ. މާނައަކީ އަލާމާތްތައް ފެނިލާފައި ރަނގަޅުވެފައި، އަނެއްކާވެސް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :-
  • ދެއަތްތިލައާއި، އިނގިލިތައް އައްސިވުން : ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ އައްސިވުން
  • ދެއަތްތިލައާއި، އިނގިލިތަކުގައި ރިއްސުން : ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ ގައި ރިއްސުން
  • ދެއަތްތިލައާއި އިނގިލިތަކުގައި ކަށިހަރާހެން ހީވުން : ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ ގައި ދިލަނަގައި، ކަށިހަރާހެން ހީވުން
  • ދެއަތްތިލައާއި، އަތުކުރި، އަދި މުލައްދަނޑީގައި ރިހުން
  • ދެއަތްތިލައާއި، އިނގިލިތަކުގެ ވަރުދެރަވެ، އަތުގެ އިނގިލިތައް ބޭނުންކޮށްގެން ކަންކަން ކުރަން އުނދަގޫވުން
  • ދެއަތްތިލައާއި، އިނގިލިތައް ދުޅަވުން، ނޫނީ ދެއަތްތިލައާއި، އިނގިލިތަކުގެ ހަން ހިކިފައިހުރުން
މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކުގެ އައްސިވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
  • ދެއަތްތިލަ ހަރަކާތްކުރުން (ހެލުވުން) އިތުރުކުރުން : މިގޮތަށް ހެދުމުން ތަދާއި، އައްސި ކުޑަވުމަށް އެހީތެރިވެދެއެވެ.
  • ރޭގަނޑު ދެއަތްތިލައަށް ތަދުވެގެން ނިދިން ހޭލެވޭނަމަ ނިދަން އޮންނަގޮތް ބަދަލުކުރުން
  • ކަށިހަރައިގެންދޭ ފަރުވާ ނެގުން : ނަމަވެސް މިފަދަ ކަމެއް ކުރަންވާނީ ޑޮކްޓަރަކާ މަޝްވަރާކުރުމަށްފަހު، އެކަމުގެ ފަންނާއި، ހުނަރާއި، ތަމްރީނު ރަނގަޅަށް ލިބިފައިވާ ފަންނުވެރިއެއްގެ އެހީގައެވެ.
  • އަތްތިލައާއި، އިނގިލިތަކުގައި ހުންނަ ދުޅަ ތިރިކުރުމަށް ބާރުގަދަ ބޭސްތައް ބޭނުންނުކުރުން
  • ކަސްރަތުކުރުން : ކަސްރަތުކުރުމަކީ އައްސިވުން ކުޑަކޮށްދޭ ކަމެކެވެ.
  • ނިދާއިރު އަތްމަތީގައި ބޯއަޅައިގެން ނުނިދުން : ރޭގަނޑު ނިދާއިރު އަތްމަތީގައި ބޯއަޅާލައިގެން ނިދުމަކީ ރަގަޅުކަމެއް ނޫނެވެ. މިގޮތަށް އޮވެ ނިދުމުން ''ޓަނެލް''އަށް ޕްރެޝަރ އިތުރުވެ، އައްސިވުން ގަދަވެއެވެ.
  • ދެއަތްތިލައާއި އިނގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާ ދުރުހެލިވުން : މިސާލަކަށް ޓައިޕްކުރުން
  • ރޭގަނޑު ނިދާގަޑީގައި ދެއަތްތިލައާއި އަތުކުރި، ނުލެއްބޭނެ (ގުދުނުވާނެ)ގޮތް ހެދުން : އެގޮތުން ދެއަތްތިލައާއި އަތުކުރި ގުދުނުވެ، ސީދަލަށް ސާބިތުކަންމަތީ ބެހެއްޓުމަށްޓަކައި ނިދާގަޑީގައި އޮއްޓު އެއް ފަދަ އެއްޗެއް އަތުގައި ހަރުކުރެވިދާނެ އެވެ.
މައުލޫމާތު :

މާބަނޑުދުވަސްވަރު ފުރަގަސްފަރާތު ބަލީގެ އުނދަގޫވުން



މާބަނޑު ދުވަސްވަރު - ފުރަގަސްފަރާތު ބަލި
މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ކުރިމަތިވުމަކީ އާންމު ކަމެކޭ ބުނެވިދާނެ އެވެ. ބަލިވެއިންނަ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. އާންމު ގޮތެއްގައި މިބަލީގެ އުދަނގޫތައް ފެންނަނީ މާބަނޑުވުމަށްފަހު، ފަހު 3 މަސް ދުވަހުގެ ތެރޭގައެވެ. ފުރަގަސް ފަރާތު ބައްޔަކީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެން ހުންނަ ނުސާފުލޭ ދައުރުކުރާ ހޮޅިތައް ދުޅަވެ، ފުއްޕުމެވެ. މިއީ ވަރަށް ވޭންހުރި ކަމެކެވެ. ބައެއް މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަނގޫ އެންމެ ފުރަތަމަ ވެސް ފެންމަތިވަނީ މާބަނޑު ދުވަސްވަރުކަމުގައި ވުމަކީ ވެދާނެ ގޮތެކެވެ. ބަލިވެއިނުމުގެ ކުރިން ފުރަގަސްފަރާތް ފޭބުން ފަދަ ކަމެއް ހުރިނަމަ، މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ފެނުމަކީ ވަރަށް ގާތް ކަމެކެވެ. ބައެއް ފަހަރު ވިހެއުމުގެ ތެރޭގައި ފުރަގަސްފަރާތް ފައިބާގޮތް ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ވިހެއުމަށްފަހު އަންނަ ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި މިބަލީގެ އުދަނގޫ ކޮންމެ 4 އަންހެނުންގެ ތެރެއިން އެކަކަށް ކުރިމަތިވެއެވެ. 

ސަބަބު
ފުރަގަސްފަރާތު ބައްޔަކީ ބަނޑުހިކުމާ ވެސް ގުޅުންހުރި ކަމެކެވެ. ބަނޑުހިކުމާއެކު، މާބަނޑު ދުވަސްވަރު ފުރަގަސް ފަރާތަށް ބާރުބޮޑުވެ، ބޮޑުވަމުން އަންނަ ރަހިމުން ނުސާފުލޭ ދައުރުކުރާ ލޭހޮޅިތަކަށް ފިއްތުމަކީ މާބަނޑު އަންހެނުންނަށް ފުރަގަސްފަރާތު ބަލި މެދުވެރިވާ މައިގަނޑު ސަބަބެވެ. ގިނައިރު ކޮއްޅަށް ހުރުމަކީ ވެސް ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް މެދުވެރިވުމަށް މަގުފަހިކުރާ ކަމެކެވެ. މާބަނޑު ދުވަސްވަރު އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން، ލޭހޮޅިތައް ފުޅާވުމަކީ ވެސް ފުރަގަސްފަރާތުގެ ވަށައިގެން ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅިތައް ފުއްޕައި، ފުރަގަސްފަރާތް ފޭބުމަށް މެދުވެރިވެދާނެ ސަބަބެކެވެ. ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ ހަރަކާތްތައް ލަސްކޮށް، ބަނޑުހިކުމަށް މަގުފަހިކުރުވައެވެ. 

މިކަން ކުރިމަތިވަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ދުޅަވެ ފުއްޕުމުގެ ސަބަބުންނެވެ.މިގޮތަށް ދުޅަވެ،ފުއްޕަން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ.  ބަނޑުހިކުންކުރިމަތިވެފައި ވާނަމަ ފުރަގަސްފަރާތު ބަލި އިތުރަށް ގޯސްވެ، ފުރަގަސްފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާހިރުވުމާއި،ރިއްސުން، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ފެނިދާނެ އަލާމާތްތަކެވެ. 

ފުރަގަސްފަރާތުގައި ދުޅަވެފައި ހުންނަ ލޭނާރުތައް ކުޑަކުޑަ ފެހި އޮށެއްގެ ސައިޒުން ފެށިގެން ގޮސް، މޭބިސްކަދުރެއްގެ ސައިޒާ އެއްވަރަށް ހުރުމަކީ ވެދާނެ ގޮތެކެވެ. ފުރަގަސްފަރާތު ބަލީގެ އަސަރު ބައެއް ފަހަރު ބޭރުފުށަށް ނުފެނި ހަމައެކަނި ފުރަގަސްފަރާތުގެ އެތެރޭގައި ހުރެދާނެ އެވެ. މިއީ އެތެރެއަށް ފުރަގަސްފަރާތް ފޭބުމެވެ. އާންމު ގޮތެއްގައި ދިވެހިން މިކިޔާ ފުރަގަސްފަރާތް ފޭބުމަކީ ފުރަގަސްފަރާތު ބަލީގެ ބޭރަށް ނިކުންނަ ވައްތަރެވެ. މިވައްތަރުގައި ދުޅަވެ ފުއްޕާފައިވާ ލޭނާރުތައް ބޭރަށްނިކުމެ ފައިބައިފައި ހުންނާނެ އެވެ. 

މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
ވިހެއުމަށް ފަހު ކުރުމުއްދަތެއްގެ ތެރޭގައި ގިނަ މީހުންނަށް ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ލުއިވެ ރަގަޅުވެގެން ދެއެވެ. ނަމަވެސް އާދައިގެ ވަރަކަށް އުދަނގޫތައް ކޮންމެ 7 މީހުންގެ ތެރެއިން އެކަކަށް ކުރިމަތިވެއެވެ. އަދި އޮޕަރޭޝަނަކށް ދާންޖެހޭ ވަރަށް ބޮޑަށް ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް މެދުވެރިވަނީ ކޮންމެ 40 މީހުންގެ ތެރެއިން އެކަކަށެވެ.
މާބަނޑު ދުވަސްވަރު ކުރިމަތިވާ ފުރަގަސްފަރާތު ބަލީގެ އުދަނގޫތައް ކުޑަކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·         ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން
·         މާގިނަ އިރުކޮޅަށް ނުވަތަ އިށީދެ ނުއިނުން
·         ތާފަނާ ފެނުން ދުވާލަކު 3 ނުވަތަ 4ފަހަރު ފެންވެރުން ( މިގޮތަށް ފެންވަރާއިރު ބޭކިން ސޮޑާ އެޅިދާނެއެވެ)
·         ކަސްރަތު ކުރުން
·         ފުރަގަސްފަރާތު ބައްޔަށް ޚާއްޞަކޮށްގެން އުފައްދާފައި ހުރި ކްރީމެއް ނުވަތަ "ބޭކިންގ ސޮޑާ" ކަހަލަ އެއްޗެއް ހިރުވާ ކަހާ ހިސާބުގައި އުގުޅިދާނެއެވެ. މިގޮތަށް ހެދުމުން ހިރުވުން ކުޑަކޮށްދޭނެ އެވެ.
·         ފޮތިގަނޑަކަށް ގަނޑުފެން އަޅައިގެން "އައިސްޕެކް" ތައްޔާރުކޮށް، ފުރަގަސްފަރާތް ފައިބާފައިވާ ހިސާބު ބޮޑިތާންކުރުން : މިގޮތަށް ހެދުމުން ދުޅަތިރިކޮށްދީ، ތަދުކަނޑުވައިދޭނެ އެވެ.
·         ކޮންމެ ދުވަހަކު ދެތިން ފަހަރު 15-10 ވަރަކަށް މިނިޓް ވަންދެން ބޮޑު ތަށްޓަކަށް ތާފަނާ ފެން އެޅުމަށްފަހު، އޭގެ ތެރެއަށް އެރިއިނުން : މިއީ ވެސް ދުޅަތިރިކޮށްދީ، ތަދުކަނޑުވައިދޭނެ ކަމެކެވެ.
·         ބޮޑުކަމު ގޮސް ނިމިގެން ކޮންމެ ފަހަރަކު ފުރަގަސްފަރާތް ހުދުކުލައިގެ މަޑު ޓިޝޫއަކުން ސާފުކުރުން
މާބަނޑު ދުވަސްވަރު ފުރަގަސްފަރާތު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
·         ބަނޑުހިކުމުން ރައްކާތެރިވުން : ބަނޑުހިކުމުން ރައްކާތެރިވުމަށް :-
o       ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުން
o       ގިނައިން ދިޔާތަކެތި ބޭނުންކުރުން
o       ޕްރޫން ޖޫސް ބޭނުންކުރުން
o       ވީހާވެސް ގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުން
o       ގަވާއިދުން ކަސްރަތުކުރުން
·         ބޮޑުކަމުދާން ޖެހުމުން ނުގޮސް ހިފަހައްޓައިގެން ނުހުރުން
·         ބޮޑުކަމުދާއިރު ބާރުނުލުން
·         ކޮންމެ ދުވަހަކު "ކީޖެލް އެކްސަސައިޒު" ހެދުން : މިއީ ފުރަގަސްފަރާތު ދޮރުގެ ވަށައިގެން ހުންނަ މަސްތައް ވަރުގަދަކޮށްދީ، އެހިސާބުގެ ލޭދައުރުވުން ރަގަޅުކޮށްދޭ ކަސްރަތެކެވެ.
·         މާގިނަ އިރުކޮޅަށް ނުވަތަ އިށީދެ ނުއިނުން : މަސައްކަތުގެ ގޮތުން ގިނައިރު އިށީދެ އިންނަން ޖެހޭނެމަ ދޭތެރެ ދޭތެރެއިން ތެދުވެލާ ހިނގާލާ ހެދުން ރަގަޅެވެ.
މައުލޫމާތު :

މާބަނޑުދުވަސްވަރު ހިރުގަނޑުން ލޭއައުން



މާބަނޑު ދުވަސްވަރު - ހިރުގަނޑުން ލޭއައުން
ހިރުގަނޑުން ލޭއައުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން %50އިންސައްތަ އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ.
ސަބަބު
މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން ހޯރމޯންގެ މިންވަރު އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ރަތްވެ، ދަތްއުގުޅާއިރު ފަސޭހައިން ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ  މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ. 

ދިމާވެދާނެ މައްސަލަތައް
ހިރުގަނޑު ދުޅަވެ، ހިރުގަނޑުން ލޭއަންނަ މައްސަލައަށް ފަރުވާނުކޮށް ދޫކޮށްލުމަކީ އޭގެ ސަބަބުން ދަތުގެ ވަށައިގެންވާ ޓިޝޫތައް ހަލާކުވެ، ދުޅަވެގެންދާނެ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އިތުރަށް ގޯސްވެގެންދާގޮތްވެއެވެ. މީގެ އިތުރުން ހިރުގަނޑު ދުޅަވުމަށް ފަރުވާ ނުކޮށްފިނަމަ ހިރުގަނޑުގައި މުލިހި އުފެދި، ހިރުގަނޑުން ދޮސް ނުކުތުމަކީ ވެދާނެ ގޮތެކެވެ. އަދި ދަތްތައް ހިފެހެއްޓުމަށްޓަކައި ހުންނަ ކަށިތަކާއި، އެއްސުންތަކަށް ގެއްލުންވުމަކީ ވެދާނެ ގޮތެކެވެ. މިކަމުގެ ސަބަބުން ދަތްހެލޭގޮތްވެ، ދަތް ފޭބުމަކީ ވެސް ވެދާނެ ގޮތެކެވެ. 

މާބަނޑު ދުވަސްވަރު ހިރުގަނޑު ދުޅަވެ، ހިރުގަނޑުން ލޭއައުމަކީ ސީދާ އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ގެއްލުންތަކެއް ލިބިދާނޭ ކަމެއްކަން ޔަގީންކޮށްދޭފަދަ އިލްމީ ހެކިތަކެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ޞިއްޙީ ތަޖުރިބާކާރުން ލަފާކުރާގޮތުގައި ދަތްތަކުގެ ވަށައިގެންވާ ޓިޝޫތަކާއި ހިރުގަނޑު ހަލާކުވެ، ދުޅަވުމަކީ ދުވަސްނުފުރާ ވިހެއުން، ވިހާއިރު ތުއްތުކުއްޖާގެ ބަރުދަން ލުއިވުން، އަދި ވިހެއުމުގެ ތެރޭގައި ދިމާވާ އިތުރު މައްސަލަތަކާ ގުޅުންހުރި ކަމަކަށްވުމަކީ ވެދާނެ ގޮތެކެވެ. 

ހިރުގަނޑުން ލޭއައުން ކުޑަކުރުމަށް ނޫނީ ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް
·         ދަތްއުގުޅުން : ދަތްއުގުޅުމަކީ ހިރުގަނޑުން ލޭއަންނަ ކަމަކަށް ވިޔަސް، ގަވާއިދުން ދަތްއުގުޅުމަކީ ހިރުގަނޑުން ލޭއައުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދަތްއުގުޅާއިރު، ހިރުގަނޑުން ލޭއަންނަކަމުގައި ވާނަމަ މަޑުބުރަހަކުން ދަތްއުގުޅުމަށް އާދަކުރާށެވެ. ދަތް އުގުޅަން ބޭނުންކުރާ ބޭހަކީ ވެސް "ނާޒުކު ދަތްތަކަށް ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ" ބޭހަކަށް ހަދާށެވެ. ދުވާލަކު ދެފަހަރު 5މިނިޓް ވަންދެން ދަތްއުގުޅުމާއި،ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ހަޑިކޮޅު(ކާއެތިކޮޅު) ނައްޓައި، ދެދަތް ދޭތެރެ، ރަނގަޅަށް ސާފުކުރުން މުހިއްމެވެ.
·         އަނގަދޮވުން : ކޮންމެ ދުވަހަކުވެސް ސާފު ފެނުން ރަގަޅަށް އަގަދޮންނާށެވެ. އަނގަދޮންނަ ފެނެއް ބޭނުންކުރުމަކީ އަގަޔާއި، ހިރުގަނޑުގެ ބަލިތަކުން ދުރުކޮށްދޭނެ ކަންކަމެވެ. އަނގަ ދޮންނަ ފެނެއް ބޭނުންކުރާނަމަ، ފްލޮރައިޑް ހުންނަ، ބަނގުރާ އެކުނުލެވޭ ފެނެއް ބޭނުންކުރުމަށް ސަމާލުކަން ދޭށެވެ.
·         ނޭފަތާއި، ހިރުގަނޑުން ލޭއަންނަކަމުގައި ވާނަމަ ގިނަގިނައިން ފެންބުއިމާއި، އޮރެންޖް ޖޫސް، އަދި ވިޓަމިންސީ އެކުލެވޭ ކާނާ ބޭނުންކުރުމަށް އާދަކުރާށެވެ. އެހެނީ މިފަދަ ކާނާގެ ސަބަބުން ކުދިކުދި ލޭހޮޅިތަކުގެ ބާރު ގަދަކޮށް ލޭއައުން ކުޑަކޮށްދެއެވެ.
ކުޅާއި، ކާތަކެއްޗާއި، ބެކްޓީރިޔާގެ ސަބަބުން ދަތުގައި ހަރުލާ މެރައާއި، ކޮބަޑި އުފެދުމަކީ އެސާފުކުރުމުގެ ތެރޭގައި ހިރުގަނޑުން ލޭއައުން މެދުވެރިކޮށްފާނެ ކަމެކެވެ. މެރައާއި، ކޮބަޑި ޖެހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ހެދުނު އެއްފަހަރު ދަތް އުގުޅުން އަދި ރޭގަނޑު އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ދަތް އުގުޅާށެވެ. މަދުވެގެން ދެމިނިޓެއް ހާއިރު ވަންދެން ދަތް އުގުޅަންވާނެއެވެ. ދަތް އުގުޅާއިރު ފްލޮރައިޑް އެކުލެވޭ ދަތް އުގުޅާ ބޭސް ޚިޔާރުކުރުން ރަނގަޅެވެ. ކެއިންބުއިމަށްފަހު ދަތް އުގުޅުން ރަނގަޅީ ގަޑިއެއްހާއިރު ކޮށްފައެވެ. މިއީ ހިރުގަނޑުގެ ބުޑު ރައްކާތެރިކޮށްދޭނެ ކަމެކެވެ.
·         ދަތް އުގުޅާ ބުރުގެ ގޮތުގައި "ރިޗާޖުކުރެވޭ" ކަރަންޓް ދަތް އުގުޅާ ބުރުހެއް ވެސް ބޭނުންކުރެވިދާނެ އެވެ. މިފަދަ ބުރުސް ތައް ބައްޓަންކޮށްފައި ހުންނަނީ މެރައާއި ކޮބަޑި ފިލުވުމަށް އެހީތެރިވެދޭނެ ފަދަ ގޮތަކަށެވެ. ބުރުހުގައި ބޭނުންކުރެވޭ ވަގުތު ފާހަގަކުރެވޭނެ ގޮތަށް ހުރުމުގެ އިތުރުން، ކަރަންޓުގެ އެހީގައި ބުރުގެ ކޮޅު އެނބުރޭ ގޮތަށް ވެސް ހުރެއެވެ.
·         ދަތްތަކުގެ ދެމެދުގައި ހަރުލާފައި ހުންނަ ކާއެތިކޮޅާއި، ހަޑި ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ސާފުކުރާށެވެ. މިއީ ވެސް ހިރުގަނޑުން ލޭއައުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ހުއްޓާލާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހިރުގަނޑުގެ ބަލިތައް އިތުރަށް ގޯސްކުރާ ކަމެކެވެ.
·         ހަކުރު ބަލި ހުންނަ މީހަކުނަމަ، ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބަލާށެވެ. ހިރުގަނޑު ދުޅަވުމާއި، ހިރުގަނޑުން ލޭއައުން ފަދަ ހިރުގަނޑުގެ ބަލިތަކަކީ ހަކުރު ބަލީގެ މީހުންގެ މެދުގައި އާންމު ބަލިތައް ކަން ފާހަގަ ކުރެވެއެވެ.
·         އަނގަ ދޮންނަ ފެނަކުން އަނގަދޮންނާށެވެ.
ދަތެއްގައި ރިހުން، ދަތެއް ހެލުން، ހިރުގަނޑުން ގިނައަދަދަކަށް ލޭއައުން، މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. 
މައުލޫމާތު :
·         ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}