Thursday, May 31, 2012

ދުންފަތުގައި ހިމެނޭ ކެމިކަލްތައް

ދުންފަތުގައި ހިމެނޭ ކެމިކަލްތައް
ދުންފަތުގެ ދުމުގައި އެކުލެވޭ ހަށިގަނޑަށް ގެއްލުން ދެނިވި ކެމިކަލްތައް
ދުންފަތުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވެއެވެ. އޭގެ ތެރޭގައި ވިހަ 400-250 އާއި ދެމެދުގެ އަދަދަކަށް ވިހަ މާއްދާ އަދި ކެންސަރު ޖައްސަނިވި މާއްދާތައް 70-50 އާއި ދެމެދުގެ އަދަދަކަށް ހިމެނެއެވެ.

ނިކޮޓީން
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފަނީ އޭގެ ދުމުގައި އެކުލެވޭ ''ނިކޮޓީން'' ގެ ސަބަބުންނެވެ. ނުވަތަ މިއީ ދެވިހިފުމަށް މެދުވެރިކުރުވާ އެންމެ ބޮޑު އެއް މާއްދާ އެވެ. މިއީ ނާރުތަކުގެ ނިޒާމް މުރާލިކޮށް، ހިތުގެ ވިންދު ޖެހުން އަވަސްކޮށް، ލޭގެ ޕްރެޝަރު މައްޗަށް ގެންދާ ކަމެކެވެ. ހަށިގަނޑަށް ދުން ވާޞިލްވާތާ 10 ސިކުންތުގެ ތެރޭގައި ނިކޮޓީން އާއި ތާރުގެ ބައިތައް ސިކުނޑިއަށް ވާޞިލްވެއެވެ. 1 މިނިޓަށްވުރެ އަވަހަށް މުޅި ހަށިގަނޑަށް ނިކޮޓީންގެ އަސަރު ފެތުރެއެވެ. އުރަމަތިން ބޭރުވާ ކިރު އަދި ހަށިގަނޑުގެ އެހެން ބައިތަކުން ވެސް ނިކޮޓީންގެ އަސަރު ފެނެއެވެ. ނިކޮޓީންގެ އެންމެ 60މލގ މީހެއްގެ ދޫމަތީގައި ބާއްވައިފިނަމަ ހިނދުކޮޅެއްގެ ތެރޭގައި އެމީހާ މަރުވެދެއެވެ. ހަށިގަނޑުގެ ހުރިހާ ބައެއްގައި ނިކޮޓީން އަށަގަނެއެވެ. ނިކޮޓީންގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ، ލޭގެ ޕްރެޝަރ މަތިވެ، އެލާރޓް( ސަމާލުކަން އިތުރުވުން)، ރިލެކްސްވާ ކަހަލަ އިހުސާސެއް ކުރެވެއެވެ. މަދުވެގެން 30 މިނިޓްގެ ތެރޭގައި ނިކޮޓީންގެ އަސަރު ކުޑަވާން ފަށައެވެ. ސިގިރެޓްގައިވާ ނިކޮޓިންގެ މިންވަރު ވަނީ 1998ގައި 10%އަށް އިތުރުކޮށްފައެވެ. ނިކޮޓީން އަށް ދެވިހިފުމުން ސިގިރޭޓް ބޯމީހާ ހާސްވެ، ވަރުބަލިވެ، ސަމާލުކަން ގެއްލެއެވެ. އާދައިގެ ސިގިރޭޓަކުން 1.2 މިލިގްރާމްގެ ނިކޮޓީން ހަށިގަނޑަށް އެތެރެވާއިރު ލައިޓް ސިގިރޭޓަކުން 0.7 މިލިގްރާމްގެ ނިކޮޓީން ހަށިގަނޑަށް އެތެރެވެއެވެ.
ނިކޮޓިން އިން ދެވިހިފާ ގޮތް
ސިގިރޭޓް ބުއިމަށްފަހު ހަށިގަނޑަށް ވާސިލްވާ ނިކޮޓިން މަސައްކަތްކުރާނީ ސިކުނޑިއަށް މެސެޖް ފޮނުވާދޭ މަގުގައެވެ. އާންމު ގޮތެއްގައި ސިކުނޑިގައިވާ ނާރުތަކުންނާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުން މެސެޖް ފޮނުވައިދެނީ ނިއުރޯޓްރާންސްމިޓާރސް މެދުވެރިކޮށެވެ.ސިގްނަލް ދަތުރުކުރާނީ އެއް ނާވް ފައިބަރ އަކުން އަނެއް ނާވް ފައިބަރ އަކަށެވެ. ނިކޮޓިން(ރަތްކުލައިގަ) ސިގްނަލް ލިބޭ ހިސާބް ބަންދުކޮށްލައެވެ.މީގެ އިތުރުން ނުބައި ސިގްނަލެއް ފޮނުވާލައެވެ.ފުރަތަމަ މި ސިގްނަލުން ފޮނުވާ މެސެޖް ގަބޫލް ނުކުރާނެއެވެ.ނަމަވެސް ފަހުން މި މެސެޖަކީ ރަނގަޅު ގޮތުގައި އަންނަ މެސެޖެއްކަމަށް ގަބޫލްކުރެވެއެވެ. ނިކޮޓީންގެ އަސަރު މަދުވެއްޖެނަމަ ހަށިގަނޑަށް ގޯހެއް އުޅޭކަމަށް ވިސްނެން ފަށައެވެ.މީގެ ސަބަބުން ބައެއް އުނދަގޫތައް ދިމާވެ އަލުން ސިގިރޭޓެއް ބޮއެ ނުލައި ނޫޅެވޭ ވަރުވެއެވެ. ސިގިރޭޓް ހުއްޓަލުމަށްފަހު ހަށިގަނޑުން ނިކޮޓީންގެ އަސަރު ފިލަމުންދާ ވަރަކަށް މި މެސެޖްތައް ރަނގަޅުކޮށްލައެވެ. (ނޯޓް: މިއީ ސީސީއެޗްޑީސީގެ ލިޔުމަކުން ނަކަލުކޮށްފައިވާ ތަންކޮޅެކެވެ)
ތާރު
ތާރު އަކީ ސިގިރޭޓްގެ ދުމުގައި ޖުމުލަ ގޮތެއްގައި ހިމެނޭ ހުރިހާ ބާވަތެއްގެ މާއްދާތަކަށް ބޭނުންކުރެވޭ ނަމެކެވެ. ނުވަތަ މިއީ ދުންފަތުގައި ހިމެނޭ ހުރިހާ މާއްދާ އެކުވެގެން އުފެދޭ ކަޅު މުށި ކުލައިގެ މާއްދާ އެކެވެ. ތާރު ގައި ހިމެނޭ ކެމިކަލް ތަކުގެ ތެރޭގައި، ނައިޓްރޯޖަން އޮކްސައިޑް، ކާބަން މޮނޮކްސައިޑް، އަދި ކާބަން ޑައިއޮކްސައިޑް ފަދަ މާއްދާތައް ހިމެނެއެވެ.ތާރު ހުންނަނީ ތަތްކޮށް ކަޅު މުށިކުލަ އަކަށެވެ. އެހެން ކަމުން ދަތްތަކާއި، ނިޔަފަތިތައް، އަދި ފުއްޕާމޭގެ ޓިޝޫ ތަކުގައި ޓާރ ހަރުލައި، އެޓިޝޫ ތަކުގެ ކުލަ މުށި ރީނދޫ ކުލައަކަށް ބަދަލުކޮށްލައެވެ. ޓާރ ގައި ''ބެންޒޯޕައިރީން'' ކިޔާ ކެންސަރު ޖައްސާ މާއްދާއެއް ހުރެއެވެ. ތާރަކީ ފުއްޕާމޭގައިވާ ނަރުވާ ލޯލި އިސްތަށިތައް (ނޭވާލާ އިރު ހަށިގަނޑަށް ވަންނަ ވިހަމާއްދާތައް ފުއްޕާމެއާ ހަމައަށް ދިޔަނުދީ ހިފަހަށްޓާދޭ ) ހަލާކުކޮށްލާ މާއްދާ އެކެވެ. އަދި ފުއްޕާމޭގެ ދެމޭބާރު ދައްކޮށްދެއެވެ. މީގެ ސަބަބުން ފުއްޕާމޭ ޕަމްޕުކުރުމަށް އުނދަގޫވޭ، އަދި އޮކްސިޖަންގެ މިންވަރު ހަށިގަނޑުގައި މަދުވެއެވެ.
ކާބަން މޮނޮކްސައިޑް
ކާބަން މޮނޮކްސައިޑް އަކީ ކުލައެއްނުވާ ވިހަ ގޭހެކެވެ. މިގޭހުގެ ބޮޑު ޑޯޒެއްގެ ސަބަބުން ލޭގައިވާ އޮކްސިޖަން ގެ ބަދަލުގައި މިގޭސް އޮކްސިޖަން ގެ މަގާމަށް ވާޞިލްވެއެވެ. ލޭގެ ރަތް ސެލްގައި ހުންނަ ހިމަގްލޯބިން އަކީ އޮކްސިޖަން ޓިޝޫތަކަށް ފޯރުކޮށްދޭ މައިގަނޑު ވަޞީލަތެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ހަށިގަނޑުގައި ހިމަގްލޯބިން އާއި އެއްވުމުގެ ބާރު އޮކްސިޖަން އަށްވުރެ ކާބަން މޮނޮކްސައިޑް އަށް ލިބިފައިވާލެއް މައްޗެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ހިތް މަސައްކަތްކުރާލެއް އަވަސްވެގެން ދެއެވެ. އެއީ ސިކުނޑި އާއި މަސްތައް އަދި އެހެނިހެން ޓިޝޫތަކަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައެވެ. މި ގޭސް ލޭގައިވާ ހިމޮގްލޮބިންއާއި އެކުވެ، ލޭގެ ރަތް ސެލް އިން ހަށިގަނޑަށް ފޮނުވައިދޭ އޮކްސިޖަންގެ މިންވަރު ދަށްކޮށްލައެވެ. ކާރބަން މޮނޯކްސައިޑް:ދުއްވާ އެއްޗެތީގެ ދުމުގައިވެސް ހުންނަ މާއްދާއެއް
ނައިޓްރޯޖަން އޮކްސައިޑް
ޖަނަވާރުތައް ބޭނުންކޮށްގެން ހެދިފައިވާ ތަޖުރިބާތައް ދައްކާ ގޮތުގައި ނައިޓްރޯޖަން އޮކްސައިޑް އަކީ ފުއްޕާމެޔަށް ގެއްލުންދެނިވި މާއްދާ އެކެވެ. ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުގައިވާ އެމްފިޒީމާ ( ފުއްޕާމޭގެ އެންމެ އެތެރޭގައި ހުންނަ ކުދިކުދި ވައިކޮތަޅުތައް ފުޅާވެ ބޮޑުވުން ) ކުރިމަތި ކުރުވުމުގައި ނައިޓްރޯޖަން އޮކްސައިޑްގެ ދައުރެއްވާކަމަށް ވަނީ ގަބޫލުކުރެވިފައެވެ.
ހައިޑްރޯޖަން ސައިނައިޑް
ފުއްޕާމޭގެ އެތެރޭގައި ކުދިކުދި ނަރުވާ ނުވަތަ އިސްތަށިތަކެއް ހުރެއެވެ. މިނަރުވާ ތަކުގެ ބޭނުމަކީ ހަށިގަނޑުން ބޭރުން ފުއްޕާމޭ އަށް ވާޞިލްވާ މާއްދާތައް ފުއްޕާމޭއިން ބޭރުކޮށް ސާފުކުރުމެވެ. ހައިޑްރޯޖަން ސައިނައިޑް ގެ ސަބަބުން ފުއްޕާމޭ އިން ހިންގާ މިބުނި ސާފު ކުރުމުގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ސިގިރޭޓްގެ ދުމުގައި ހިމެނޭ ވިހަ މާއްދާތައް ފުއްޕާމޭގައި ތަތްވެ، ހަރުލުމަށް ފުރުޞަތު ލިބިގެންދެއެވެ.
އެމޯނިޔާ: އެމޯނިޔާ(Ammonia) އަކީ ފުއްޕާމެޔަށް ގެއްލުންދެނިވި ބާރުގަދަ ކެމިކަލް އެކެވެ. ގޭތެރޭގައި ބޭނުންކުރާ ތަކެތި ސާފުކުރާ އެއްޗެތި އުފެއްދުމަށާއި، މަރުވެފައި ތިބޭމީހުން ކުނިވިޔަނުދީ ގިނަ ދުވަހު ބެހެއްޓުމަށް ބޭނުންކުރާ ފޯރމަލީން އުފެއްދުމަށް ވެސް އެމޯނިޔާ ބޭނުންކުރެއެވެ.
މައުދަންތައް:-ސިގިރޭޓްގެ ދުމުގައި ހިމެނޭ ނުރައްކާތެރި މައުދަން ތަކުގެ ތެރޭގައި ވިހާރަކަ(Arsenic)، ތިމަރަ(Lead)، އަދި ކެޑްމިއަމް ފަދަ މާއްދާތައް ހިމެނެއެވެ.
ރޭޑިޔޯއެކްޓިވް މާއްދާތައް:- މިއީ ކެންސަރު ޖެއްސުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.
އެހެނިހެން މާއްދާތައް: އޭގެ ތެރޭގައި ބެންޒީން(Benzene)، ފޯރމަލީން(Formalin)، މިތަނޯލް(Methanol)، އަދި އެސީޓައިލީން ފަދަ މާއްދާތައް ހިމެނެއެވެ

ދުންފަތުގައި ހިމެނޭ ކެންސަރު ޖައްސަނިވި ބައެއް މާއްދާތައް
·         އެސީޓައިލްޑެހައިޑް
·         އެކްރިލޯނައިޓްރައިލް
·         4 އެމިނޯބެފިނައިލް
·         ވިހާރަކަ
·         ބެންޒީން
·         ބެރީލިއަމް
·         ކެޑްމިއަމް
·         3-1 ބިއުޓެޑިން
·         އީތައިލީން އޮކްސައިޑް
·         ފޯރމަލްޑެހައިޑް
·         ފިއުރާން
·         ހެޓީރޯސައިކްލިކް އަމައިންސް
·         ހައިޑްރޭޒިން
·         އައިސޯޕްރިން
·         ތިމަރަ
·         2- ނެފްތަލިމިން
·         ނައިޓްރޯމީތޭން
·         ޕޮލޯނިއަމް 210
·         ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާރބަން
·         ވިނައިލް ކްލޮރައިޑް

No comments:

Post a Comment