Monday, March 9, 2015

ފިރިހެން ހަށީގައި ރަގަޅަށް ވަރުނުޖެހުން


ފިރިހެން ހަށީގައި ރަގަޅަށް ވަރުނުޖެހުން
ފިރިހެން ހަށީގައި ރަގަޅަށް ވަރުނުޖެހު(erectile dysfunction)މަކީ ފިރިހެނުންނަށް ދިމާވާ ޖިންސީ ބަލިކަށިކަމެކެވެ. ފިރިހެން ހަށީގައި ރަގަޅަށް ވަރުނުޖެހުމޭ ބުނެވެނީ "ފިރިހެން ހަށީގައި ވަރުޖެހުމާއި، ވަރުޖެހުމަށްފަހު ޖިމާޢުވެ ނިމެންދެން (ޖިންސީގުޅުން ހިންގައި ނިމެންދެން) އެކަން ދެމެހެއްޓުމަށް ނުކުޅެދުމަށް" ނިސްބަތްކޮށެވެ. މާނައަކީ " ޖިންސީ ގުޅުން ހިންގަން ތައްޔާރު ވާހިނދު ފިރިހެން ހަށި ރަގަޅަށް ދެމި ވާންވެ ވަރުނުޖެހުން، އަދި ފިރިހެން ހަށީގައި ވަރުޖެހުނަސް ޖިންސީގުޅުން ހިންގައި ނިމެންދެން އެގޮތަށް ދެމިނުހުރުމެވެ".
ފިރިހެން ހަށީގައި ވަރުޖެހޭގޮތް
ޖިންސީ ގުނަވަން އުފެދިފައިވަނީ ފުފި،ދެމުމުގެ ކުޅަދާނަކަން ލިބިފައިވާ 3 ބަޔަކުންނެވެ. އެއީ އިސްފަންޖު ގަނޑަކަށް ފެންއެޅުމުން އެ ފުފޭ ފަދައިންނެވެ. ހިތުން ހަށިގަނޑުގެ ބައިތަކަށް ފޮނުވާ ސާފު ލޭ ފިރިހެން ހަށްޓަށް ވާސިލްވާ ހިނދު ޖިންސީ ގުނަވަން ދެމި ވާންވާގޮތް ވެއެވެ. ފިރިހެންހަށި ދެމި، ސީދާވެފައި ހުންނަނީ ޖިންސީގުނަވަންގެ ޓިޝޫތަކުން ހިތަށް ލޭފޮނުވައިދޭ ލޭހޮޅި އޭގައިވާ ވެލްވްތައް ތައް ބަންދުކޮށް ލޭ އެބުރި ދިއުމަށް ހުރަސްއަޅާތީ އެވެ. އެހެންކަމުން މިބުނި ދެބާވަތުގެ ލޭހޮޅި ( ހިތުން ޖިންސީގުނަވަނަށް ލޭފޯރުކޮށްދޭ ލޭހޮޅި، އަދި ޖިންސީގުނަވަނުން އަބުރާ ހިތާއި ދިމާލަށް ލޭ ފޮނުވައިދޭ ލޭހޮޅި) ތަކަށް އެއްވެސް ގެއްލުމެއް ލިބުން ނުވަތަ އޭގެ ތަބީއަތަށް ބަދަލުއައުމަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސްއެޅޭނެ ކަމެކެވެ.

ފިރިހެންހަށީގައި ވަރުޖެހުމަށް ފަހު އެބުރި މައިތިރިވެގެން އަންނަ ހިނދު އެއަށް ފޮނުވައިދެނީ ލޭގެ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ޖިންސީ ހިލިގަތުން(sexual stimulation or irritation) އަންނަ ހިނދު ލޭ ޖިންސީގުނަވަނަށް އައުމާއި އެކު، ލޭހޮޅިތައް އޭގެ ވެލްވް ބަންދުކޮށް ފިރިހެންހަށީގެ ޓިޝޫތަކުގައި ލޭ ހިފަހައްޓައި(ހައްޔަރުކޮށް) ދެއެވެ. ނަތީޖާއެއްގެ ގޮތުން އެދެމި، ސީދާވެ، ވަރުޖެހުމޭ މިބުނާ ދަރަޖައަށް ދެއެވެ.
ފިރިހެންހަށީގައި ރަގަޅަށް ވަރުޖެހުމަށް އަންނަނިވި ކަންތައްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެ އެވެ.
·         ފިރިހެން ހަށްޓަށް ހަރަކާތާއި އިހުސާސް ގެންގޮސްދޭ ނާރުތައް ބަރާބަރަށް މަސައްކަތްކުރުން
·         އެކަށޭނަ ވަރަށް ފިރިހެން ހަށްޓަށް ލޭފޯރުވައިދިނުން
·         ފިރިހެން ހަށީގައިވާ ނުސާފުލޭހޮޅީ(vein) ގެ ތެރޭގައި "ލޭހިފަހައްޓައިފައި ބެހެއްޓުމު"ގެ ކުޅަދާނަކަން ހުރުން
·         ޖިންސީއެދުންވެރިކަން ގެނެސްދޭނެ ކަމެއް ކުރިމަތިވެ، ސިކުނޑިން އެކަމަށް މެސެޖުފޮނުވުން
ފުރިހަމައަށް ފިރިހެންހަށި ސީދާވެ ވަރުޖެހޭނީ ފިރިހެން ހަށްޓަށް ލޭ ފޮނުވައިދޭ ލޭހޮޅި ސަލާމަތުން ހުރިނަމައެވެ. އޭގައި އުނިކަމެއް ހުރިނަމަ ލޭފޮނުވުން ކުޑަކޮށްދީ ވަރުޖެހުން ކުޑަކޮށްދެއެވެ. މިސާލަކަށް މައި ލޭހޮޅިއެއްގައި ލޭގަނޑުވުން، ނުވަތަ ލޭހޮޅިއެއް ހަރުވުން ނުވަތަ ލޭހޮޅީގެ ފާރު ހަނިވުން ފަދަ ކަމެއް ކުރިމަތި ވުމަކީ ޖިންސީގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅޭ ކަންކަމެވެ. އެހެންކަމުން މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ޖިންސީ ބަލިކަށިކަން ކުރިމަތިވެދާނެ އެވެ.
ހެދުނު ފިރިހެން ހަށީގައި ވަރުޖެހެނީ ކީއްވެ؟
ނިދިން ހޭލާހިނދު މަސާނާ ކުޑަކަމުދާ ތަކެތިން ފުރިފައި ހުރުމަކީ ޖިންސީގުނަވަނުގައި ވަރުޖެހުމަށް ބާރު އަޅާދޭ ކަމެކެވެ. ރޭގަނޑުގެ ނިދީގެ ތެރޭގައި 6-3ފަހަރާއި ދެމެދުގެ އަދަދަކަށް ޖިންސީ ގުނަވަނުގައި ވަރު ޖެހެއެވެ. ވަރުޖެހުމަށް 40-10މިނިޓްގެ ދިގުމިނަށް ވަރުޖެހުން ދެމިހުރެ އެވެ. ނިދީގައި މިފަދަ ވަރުޖެހުން ކުރިމަތިވަނީ ހުވަފެން ފެނުން މެދުވެރިކުރުވާ މަރުހަލާގައެވެ. އެއީ ''ރެޕިޑް އައި މޫވްމެންޓް''އޭ ކިޔާ ވަގުތު ކޮޅެކެވެ. ބައެއް ފަހަރު ނިދީގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމުން އިހްތިލާމްވެ ހޭލެވޭގޮތް ވެއެވެ. ރޭގަނޑުގައި މިގޮތަށް ޖިންސީ ގުނަވަނުގައި ވަރުޖެހޭ ކަމުގެ ހެއްކަކީ ހެދުނު ހޭލާއިރު ޖިންސީ ގުނަވަނުގައި ވަރުޖެހިފައި ހުރުމެވެ. މިކަމުގެ ހަގީގީ ސަބަބެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.
ސަބަބު
ފިރިހެނާ ޖިންސީގޮތުން ހިލިގަތުމަކީ ސިކުނޑިއާއި، ނާރުތައް، މަސްތަކާއި، ލޭހޮޅިތައް، ހޯރމޯންތަކާއި، މީހާގެ ޖަޒުބާތީ ޝުއޫރުތައް އެކުވެ ލާމެހިގެން އުފަންވެގެން އަންނަ ކަމެކެވެ. އެހެންކަމުން މިއިން ކޮންމެ ބަޔަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ފިރިހެންހަށީގައި ވަރުނުޖެހުމަކީ ވެދާނެ ގޮތެކެވެ.
ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ބައެއް ފަހަރު ޖިސްމާނީ އަދި ނަފްސާނީ ސަބަބުތައް ގުޅިގެން ކުރިމަތިވާ ކަމަކަށް ވެދެއެވެ.
ޖިސްމާނީ ސަބަބުތައް
ވަރަށް ގިނަ ފަހަރު ފިރިހެން ހަށީގައި ވަރުނުޖެހުމުގެ ފަހަތުގައި ޖިސްމާނީ ސަބަބެއް އޮވެއެވެ. އެގޮތުން ފިރިހެންހަށީގައި ވަރުޖެހުމަށް ހުރަސްއަޅާ އާންމު (ޖިސްމާނީ) ސަބަބުތަކުގެ ތެރޭގައި:-
(ހ) - ހަކުރު ބަލި : ހަކުރު ބައްޔަކީ ހަށިގަނޑުގެ ލޭނާރުތަކާއި، ހަރަކާތާއި އިހުސާސްތައް އުފުލައިދޭ "ފަތިނާރު" ތައް ހަލާކުކޮށްލާ ބައްޔެކެވެ. އެގޮތުން ހަކުރު ބަލިޖެހުމުން ފިރިހެން ހަށްޓަށް ލޭފޯރުކޮށްދޭ ލޭނާރުތަކާއި، ހަރަކާތާއި އިހުސާސް އުފުލައިދޭ ފަތިނާރުތައް ހަލާކުވުމަކީ ވެދާނެ ކަމެކެވެ. ހަކުރު ކޮންޓްރޯލްގައި ނުބެހެއްޓޭނަމަ، ފިރިހެންހަށީގައި ވަރުނުޖެހުމުގެ މައްސަލަ ކުރިމަތިވުމަކީ ގާތްކަމެކެވެ.
ހަކުރުބަލީގެ ބައެއް ވައްތަރު ޖެހުމުން ޖިންސީގުނަވަނުގައި ވަރުޖެހުން ކުޑަކޮށް ދެއެވެ. އަދި އަންހެނާ އަށް ޖިންސީއެދުމުގެ އެންމެ މަތީ ލައްޒަތާއި ހަމައަށް ވާސިލްވުމަށް ނަގާ މުއްދަތު ދެމިގެންދެއެވެ. މިދެކަމުން ދުރުހެލިވުމަށް ކަސްރަތުކޮށްގެންނާއި، ކެއުން ވަކިގޮތަކަށް ބަދަލުކޮށްގެންނާއި އަދި ގުޅަބޭސް ނުވަތަ އިންސިއުލިން ބޭނުންކޮށްގެން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭށެވެ.
ހަކުރުގެ މިންވަރު ލޭގައި ދިގުމުއްދަތަކަށް މަތިވެގެން ދާ ހިނދު ޖިންސީ ކުޅެދުންތެރިކަމަށް އަސަރުކުރާ ފަދަ ކަންތައްތައް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ. މިގޮތުން ޖިންސީގުނަވަނަށް އައިސްފައިވާ ނާރުގައި ފައިބަރަސް ޓިޝޫ އުފެދުން، ޖިންސީގުވަނަވަނަށް ލޭ ފޮނުވައިދޭ ލޭނާރުގައި އުނިކަމެއް ހުރުން ނުވަތަ ކުރުގެޅުން، ފަދަ ކަންތައްތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ފުރިހަމައަށް ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅެއެވެ.
(ށ) - ގުރުދާގެ ބަލިތައް : ގުރުދާގެ ބަލިތަކަކީ ވެސް އޭގެ ސަބަބުން ލޭދައުރުވުމާއި، ނާރުތަކަށް، އަދި ހޯރމޯންތަކަށް އޭގެ ސަބަބުން އަސަރުފޯރުވާ ބަލިތަކެކެވެ. މިކަންކަމަށް އަސަރު ފޯރުމަކީ ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްއަޅާނެ ކަމެކެވެ. ގުރުދާގެ ބަލި ހުންނަ މީހުންނަށް ދީއުޅޭ ބޭސްތަކުގެ ސަބަބުން ވެސް ފިރިހެންހަށީގައި ވަރުނުޖެހުމަކީ ވެދާނެ ގޮތެކެވެ.
ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ ގިނަބަޔަކަށް ޖިންސީ ބާރު ކުޑަވުން ދިމާވާ ސަބަބުތަކެއްވެއެވެ. އެއީ:-
* ފިރިހެން ހޯރމޯން މަދުވުމުން ޖިންސީ އެދުންވެރިކަން ކުޑަކޮށްދެއެވެ.
* ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ މީހާއަކީ ހަކުރުބަލި ޖެހިފައިވާ މީހަކަށް ވާނަމަ ހަކުރު ބަލީގެ ސަބަބުން ޖިންސީ ނުކުޅެދުންތެރިކަން ދިމާވުމަކީ ވެދާނެ ގޮތެކެވެ.
* ގުރުދާ ފޭލްވުމުން ލޭހޮޅިތައް ހަރުވާގޮތް ވެއްޖެނަމަ އެކަމުގެ ސަބަބުން ޖިންސީ ގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅި ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތި ކުރުވައެވެ.
* ގުރުދާ ފޭލްވުމުން ލޭގެ ޕްރެޝަރ މައްޗަށް ދާގޮތް ވެއްޖެ ނަމަ އެކަމަށް ބޭނުންކުރާ ބޭހުގެ ސަބަބުން ވެސް ޖިންސީ ނުކުޅެދުންތެރިކަން މެދުވެރިކުރުވައެވެ.
* ގުރުދާ ފޭލްވުމަކީ ނަފްސާނީ ގޮތުން މީހާ އަށް އެކަމުގެ އަސަރު ފޯރާ ކަމެކެވެ. ޚާއްޞަކޮށް ޑައިލެސީސް ހަދަން ޖެހޭމީހުންނަށް ނަފްސާނީ ގޮތުން އަސަރު ކުރާމިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ.
(ނ) - ލޭހޮޅީގެ ބަލިތައް : ލޭހޮޅީގެ ބަލިތަކުގެ ސަބަބުން ލޭހޮޅިތައް ހިމަވެ، ހަނިވެ، ބެދުމަކީ ވެދާނެ ގޮތެކެވެ. ލޭހޮޅިތައް ބެދިއްޖެނަމަ ލޭދައުރުވުމަށް، ނުވަތަ ލޭފޮނުވައިދިނުމަށް ހުރަސްއަޅާނެ އެވެ. މާނައަކީ ފިރިހެން ހަށްޓަށް ލޭފޮނުވައިދިނުން މަދުވެ، ދަށްވެގެންދާނެ އެވެ. ފިރިހެން ހަށްޓަށް އެކަށޭނަ މިންވަރަށް ލޭނުލިބޭނަމަ، ފިރިހެން ހަށީގައި ވަރެއް ނުޖެހޭނެ އެވެ. ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްއަޅާ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
o       ލޭހޮޅިތައް ހަރުއެރުން
o       ނުސާފުލޭހޮޅިތައް ދެރަވެ އެއިން ލޭބޭރުވުން(venous leakage)
o       ލޭމައްޗަށްދިއުން
o       ލޭގައި ސަރުބީގެ މިންވަރު މަތިވުން
ލޭގައި ސަރުބީ ނުވަތަ ކޮލެސްޓްރޯލްގެ މިންވަރު ދިގުމުއްދަތަކަށް މަތިވެފައި ހުރެއްޖެ ނަމަ ލޭހޮޅިތައް ހަރުވުން ފަދަ ކަމެއް ކުރިމަތި ވެދާނެ ކަމަށެވެ. މިހެން ދިމާވެއްޖެ ނަމަ ފިރިހެން ހައްޓަށް ލޭފޮނުވާދޭ ލޭހޮޅި ހަރުވެ، އެއަށް ލޭ ވާސިލްވުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ގުނަވަނުގައި ވަރުޖެހުން ދަށްކޮށް ޖިންސީ ބަލިކަށިކަން މެދުވެރި ކުރުވައެވެ.
(ރ) - ނާރުގެ ބަލިތައް : ސިކުނޑިއާއި ނާރުތަކުގެ އެހީއާއި ނުލައި ފިރިހެން ހަށީގައި ވަރުޖެހުމަކީ ވާނެ ކަމެއް ނޫނެވެ. ނާރުގެ މައްސަލައެއްގެ ސަބަބުން ސިކުނޑިން ފިރިހެން ހަށްޓަށް ފޮނުވާ މެސެޖަށް ބުރޫއަރާނަމަ، ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްތަކާ ކުރިމަތިވާނެ އެވެ. އެގޮތުން ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްއަޅައިފާނެ ނާރުތަކާއި ގުޅުންހުރި ބަލިތަކުގެ ތެރޭގައި އަންނަނިވި ބަލިތައް ހިމެނެއެވެ.
o       ސްޓްރޯކް ޖެހުން
o       މަލްޓިޕަލް ސްކެލީރޯސިސް
o       އަލްޒައިމާ ބަލި
o       ތުރުތުރުއަޅާ ބަލި
(ބ) - ބައެއް ކަހަލަ އޮޕަރޭޝަންތައް ކުރުން : މަސާނާގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ހުރެގެން އޮޕަރޭޝަން ކުރުމުގެ ތެރޭގައި ފިރިހެން ހަށީގައި ވަރުޖެއްސުމުގައި ބައިވެރިވާ ނާރުތަކާއި ޓިޝޫތަކަށް އަނިޔާވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު މިގޮތަށް ނާރުތަކަށް ލިބޭ އަނިޔާ 18-6 މަސްދުވަހުގެ ތެރޭގައި ރަގަޅުވި ނަމަވެސް އަނެއްބައި ފަހަރު އެއަނިޔާ ދާއިމީ ގޮތެއްގައި ދެމިހުންނަގޮތް ވެއެވެ. މާނައަކީ ފިރިހެން ހަށީގައި ވަރުޖެއްސުމަށް އެހީވެދޭ ނާރު ހަލާކުވެ، ފިރިހެން ހަށީގައި ވަރުނުޖެހޭގޮތް ދިމާވެއެވެ. ޅިނދު ހިމެނޭ ހިސާބުގެ އެއްވެސް އޮޕަރޭޝަނެއް ކުރުމަކީ މިދެންނެވި ނާރުތަކަށް އަނިޔާ ލިބިދާނެ ކަމެއްކަން ވިސްނުމުގައި ބަހައްޓަންޖެހެއެވެ.
(ޅ) - އަނިޔާ އާއި ގެއްލުންވުން : ޅިނދު ހިމެނޭ ހިސާބު ނޫނީ ސްޕައިނަލް ކޯޑަށް އަނިޔާއެއް ލިބުން، މަސާނާ އަށް ނުވަތަ ފިރިހެން ހަށްޓަށް އަނިޔާވުމަކީ ވެސް އެކަމުގެ ސަބަބުން ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްއަޅައިފާނެ ކަމެކެވެ.
(ކ) - ހޯރމޯންގެ މައްސަލަތައް : ޓެސްޓޮސްޓަރޯން އަދި ބައެއް އެހެން ހޯރމޯން ތަކަކީ ޖިންސީ އެދުންވެރިކަމަށް ބާރުއަޅައިދޭ ހޯރމޯން ތަކެކެވެ. ޓެސްޓޮސްޓަރޯންގެ މިންވަރު މަދުވުމަކީ ޖިންސީ އެދުންވެރިކަން ކުޑަކޮށްދޭނެ ކަމެކެވެ. ޓެސްޓޮސްޓަރޯން ގެ މިންވަރު މަދުކޮށްދޭ ސަބަބުތަކުގެ ތެރޭގައި:-
o       ޕިޓޫއިޓަރީ ގްލޭންޑްގެ ޓިއުމަރެއް ހުރުން،
o       ގުރުދާގެ ބައްޔެއް ހުރުން،
o       ފުރަމޭގެ ބައްޔެއް ހުރުން،
o       މާބޮޑަށް މާޔޫސްވެ ދެރަވުން،
o       ޕްރޮސްޓޭޓް ކެންސަރަށް ހޯރމޯންގެ ފަރުވާ ނެގުން ފަދަ ކަންތައްތައް ހިމެނެއެވެ.
އާންމުގޮތެއްގައި ފިރިހެނާގެ ޖިންސީ ހޯރމޯން ޓެސްޓޮސްޓަރޯން މަދުވުމަކީ ޖިންސީ އެދުންވެރިކަން ކުޑަކޮށްދޭ ކަމެކެވެ. އެއީ މިބުނި ހޯރމޯންއަކީ ފިރިހެނުން އަންހެނުންނާއި ދިމާއަށް ލައްބުވާލުމުގައި މައިގަނޑު ރޯލް އަދާކުރާ ހޯރމޯން ކަމަށްވާތީ އެވެ.
އުރަވަޅީގެ ތެރޭގައިވާ އޮށުގައި އިންފެކްޝަން އުފެދުން، ނުވަތަ އޮށްނެގުން ފަދަ ހާލަތްތަކުގައި މެނުވީ މިބުނި ހޯރމޯން މަދުވި ސަބަބު ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ކަމުން މިހާލަތުގައި މެޑިކަލް އެތައް ޓެސްޓްތަކާއި ތަހްލީލުތަކެއް ކޮށްގެން ހޯރމޯން މަދުވި ސަބަބު ދެނެގަންނަށް ޖެހެއެވެ.
(އ) - ވީނަސް ލީކުވުން : ވީނަސް ލީކުވުމުގެ މާނައަކީ ނުސާފު ލޭހޮޅި(vein) ތަކުން ލޭބޭރުވުމެވެ. ނުވަތަ ފިރިހެން ހަށީގައި ވަރުޖެހި ހިފެހެއްޓިފައި ހުރުމަށް ބޭނުންވާވަރަށް ޖިންސީ ގުނަވަނުގައި ލޭ ރައްކާކުރެވިފައި ނެތުމެވެ. ފިރިހެން ހަށީގައި ވަރުޖެހިފައި ހުރުމަށް، ފިރިހެން ހަށީގައި ލޭހައްޔަރުވެ ހިފެހެއްޓިފައި ހުންނަން ޖެހެއެވެ. (ޖިންސީ ގުނަވަނުގައި ވަރުޖެހެނީ އެއަށް ލޭ އައުމުން އޭގައިވާ ހިތާއި ދިމާއަށް ލޭގެންގޮސްދޭ ހޮޅިތައް ފިއްތާލާތީ އެވެ. މިގޮތަށް ރަގަޅަށް އެލޭހޮޅިތައް ފިތި ބަންދު ނުވާނަމަ ޖިންސީ ގުނަވަނުގައި ލޭ ހިފެހެއްޓިފައެއް ނުހުންނާނެއެވެ. މާނައަކީ އެލޭހޮޅިތައް ހުރަސް ކޮށް ލޭދައުރުވާނެއެވެ.)  މިގޮތަށް ލޭ ހިފެހެއްޓިފައި ނުހުރެ، އަނބުރާ ހިތަށް ދިމާލަށް ދާނަމަ އެކަމަށް ކިޔަނީ "ވީނަސް ލީކުވުން"(venous leakage) މިހެންނެވެ. މިހެން ވެއްޖެނަމަ، ފިރިހެން ހަށި ވަރުޖެހޭތާ އިރުކޮޅެއްގެ ތެރޭގައި ގުނަވަން ވަޅޯވެ، ތިރިވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ ގުޅުން ހިންގުން ފުރިހަމަކުރުމަށް އުދަގޫވެގެން ދެއެވެ.
އުފެދުމުގައި ލޭހޮޅީގައި ހުންނަ އައިބެއްގެ ސަބަބުންވެސް މިކަން ކުރިމަތިވެދާނެއެވެ. މިހާލަތުގައި އެއްގޮތަކަށް ވެސް ޖިންސީ ގުނަވަނުގައި ވަރެއް ނުޖެހޭނެ އެވެ. ލޭހޮޅީގައި ހުންނަ ދެރަކަމެއްގެ ސަބަބުން ޖިންސީގުނަވަން ދެމި ވަރުޖެހުމަށް ހުރަސްއެޅޭގޮތް ބައެއް ފަހަރު ވެއެވެ. އާންމުކޮށް މިހެން ދިމާވަނީ މުސްކުޅި އުމުރަށް އެޅުމުންނެވެ. ހަމަމިހެން ހޯރމޯންއަށް އަންނަ ބަދަލެއްގެ ނުވަތަ ލޭދައުރުވުން ދަށްވުމުގެ ސަބަބުން ވެސް މިކަން ކުރިމަތި ވެދާނެއެވެ. ބައެއް ކަހަލަ ބަލިތަކާއި، އަނިޔާތަކުގެ ސަބަބުން ވީނަސް ލީކުވުމަކީ ވެދާނެ ގޮތެކެވެ.
ނޯޓް: ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ކިޔަނީ ''އާޓަރީ''އެވެ. މިލޭހޮޅިތަކުގައި ދައުރުވާ ލެޔަށް ކިޔަނީ ''އާޓަރިއަލް ބްލަޑް''(arterial blood)އެވެ. ހަށިގަނޑުގެ ތަފާތު ބައިތަކުން ހިތާއި ދިމާލަށް ލޭފޮނުވައިދޭ ލޭހޮޅިތަކަށް ކިޔަނީ ''ވެއިން'' އެވެ. މިލޭހޮޅިތަކުގައި ދައުރުވާ ލެޔަށް ކިޔަނީ ''ވީނަސް ބްލަޑް''(venous blood)އެވެ. ވީނަސް ލީކުވުން މިތާގައި ނިސްބަތްވަނީ ފަހުން މިބުނި ވައްތަރުގެ ލޭހޮޅިއަކުން ލޭ ލީކުވުމަށެވެ.
(ވ) - ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ބަނގުރާބުއިން : މި ހުރިހާ ކަމަކީ ވެސް ލޭހޮޅިތައް ހަލާކުކޮށްލާނެ ކަންކަމެވެ. މާނައަކީ އެކަންކަމުގެ ސަބަބުން ލޭހޮޅިތަކުގައި ލޭދައުރުވުމަށް ހުރަސްއަޅައި، ފިރިހެން ހަށްޓަށް ލޭފޮނުވައިދިނުން ދަށްވެ، ފިރިހެން ހަށީގައި ވަރުޖެހުމަށް ހުރަސްއަޅައެވެ. ލޭހޮޅިތައް ހަރުވުން ހުރުމާއެކު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފިރިހެން ހަށީގައި ވަރުނުޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.
(މ) - ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : ހޯދިފައިވާ ގޮތުން ތަފާތު 200 އަށްވުރެ ގިނަ ބޭހުގެ ސަބަބުން ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތި ކުރުވައެވެ. އެގޮތުން ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިކޮށްފާނެ ބޭސްތަކުގެ ތެރޭގައި:-
o       ޑަޔުރެޓިކްސް ގެ ގޮތުގައި ބޭނުންކުރާ ބައެއް ބޭސްތައް
o       ލޭމައްޗަށްދާތީ ބޭނުންކުރާ ބައެއް ބޭސްތައް
o       ބައެއް ކަހަލަ އެންޓިޑިޕްރެސަންޓްސް
o       އެންޓިއެންޒައެޓީ ޑްރަގްސްގެ ގޮތުގައި ބޭނުންކުރާ ބައެއް ބޭސްތައް
o       ފިޓުޖެހޭތީ ދޭ ބައެއް ބޭސްތައް
o       ބައެއް ކަހަލަ އެންޓިހިސްޓަމީން ތައް
o       ތަނދުކަނޑުވާތީ ދޭ ބައެއް ކަހަލަ ބޭސްތައް
o       ތުރުތުރުއަޅާ ބައްޔަށްދޭ ބައެއް ބޭސްތައް
o       ހިތުގެ ބައްޔަށްދޭ ބައެއް ބޭސްތައް
o       ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާގައި ބޭނުންކުރާ ބޭސްތައް
o       ކީމޯތެރަޕީގައި ބޭނުންކުރާ ބޭސްތައް
ލޭގެ ޕްރެޝަރ ހުންނަ މީހުންނަށް ދީ އުޅޭ ގިނަބޭސްތަކުގެ ސަބަބުން ޖިންސީގުނަވަނުގައި ވަރުޖެހުމާއި، އަދި ޖިންސީ އެދުންވެރިކަން ކުޑަކުރުވައެވެ. މިގޮތުން ފާހަގަކުރެވޭ ބޭސްތަކުގެ ތެރޭގައި މީތައިލްޑޯޕާ، ރެޒަރޕީން، ކްލޮނީޑީން، ހައިޑްރަލޭޒިން، އެޓީނޯލޯން، އަދި ޕްރޯޕްރޮނަލޯލް ފަދަ ބޭސްތައް ހިމެނެއެވެ. ހަމަމިހެން ބައެއް ކަހަލަ ޑައިޔުރެޓިކްސް ގެ ސަބަބުން ވެސް ކުރިންބުނި ކަންތައްތައް ކުރިމަތި ކުރުވައެވެ. އޭގެ ތެރޭގައި ތިއެޒައިޑް، ފުރެސިމައިޑް، އަދި ސްޕައިރޮނޯލެކްޓޯން ފަދަ ބޭސްތައް ހިމެނެއެވެ. ހަމަމިހެން މައިތިރިކުރުވާ ބޭސްތަކާއި ކަންބޮޑުވުން ކުޑަކުރުމަށް ދީ އުޅޭ ބޭސްތަކާއި އަދި މިނޫން ބައެއް ބޭސްތަކުގެ ސަބަބުން ވެސް މިކަން ކުރިމަތި ކުރުވައެވެ.
(ފ) - އާދަޔާ ޚިލާފަށް ފަލަވުން : މާބޮޑަށް ފަލަވުމަކީ ޖިންސީ ހަޔާތަށް ބުރޫ އަރުވާ އެތައް ކަމެއް ކުރިމަތި ކުރުވާ ކަމެކެވެ. މިސާލަކަށް ލޭގެ ޕްރެޝަރ މައްޗަށް ދިއުން އަދި އެއާގުޅިގެން ދީ އުޅޭ ބޭސްތަކުގެ ސަބަބުން ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅޭގޮތް ވެއެވެ. ހަކުރުބަލި ޖެހުމަށް ފަހު ގިނަ ދުވަސް ވުމުން ވެސް ޖިންސީ ނުކުޅެދުން ތެރިކަން މެދުވެރިވާ ގޮތްވެއެވެ. ހަމަމިހެން ހުޅުތަކުގައި ރިހުން ޚާއްޞަކޮށް ކަކޫ ހުޅުގައި ރިއްސުމުގެ ސަބަބުން ޖިންސީ ގުޅުން ހިންގުން ފުރިހަމަ ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.
ދަށްބަނޑުގައި މާބޮޑަށް ސަރުބީ ޖަހައި ފަލަވުމަކީ ވެސް ޖިންސީ ގުޅުން ހިންގުމަށް އުދަގޫތަކާއި ކުރިމަތި ލާން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް ފިރިމީހާގެ އިތުރުން އަނބިމީހާ އަކީ ވެސް މިބީދައިން ސަރުބީ ޖަހައި ފަލަ ވެފައިވާ މީހެއްނަމަ ޖިންސީ ގުޅުން ގާއިމްކުރުމަކީ ދަތި އުދަގޫކަމަކަށް ވެއެވެ.
ދިރާސާތަކުން އެގިފައިވާ ގޮތުގައި ފަލަމީހުންގެ ތެރޭގައި ޖިންސީ އެދުންވެރިކަން ކުޑަކުރުވާ މައިގަނޑު ސަބަބަކީ މާބޮޑަށް ހަށީގަނޑުގެ ބަރުދަން އިތުރުވުމުގެ ސަބަބުން ފިރިހެނާގެ ޖިންސީ ހޯރމޯން އެކުލެވޭ މިންވަރު މަދުވުމެވެ.
 (ދ) - އެހެނިހެން ސަބަބުތައް : ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިކޮށްފާނެ އެހެނިހެން ސަބަބުތަކުގެ ތެރޭގައި:-
·         މެޓަބޮލިކް ސިންޑްރޯމް
·         ފިރިހެން ހަށީގައި ލަކުނުލުން(pyronies disease)
·         ނިދިނައުމުގެ މައްސަލަތައް
·         ހިތުގެ ބަލިތައް
·         ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވުން، އަދި ޕްރޮސްޓޭޓް ކެންސަރަށް ފަރުވާކުރުން
ދިރިއުޅުމާއި ގުޅުންހުރި އާދަތަކާއި ކަންތައްތައް (މަގުފަހިކުރާ ކަންތައްތައް)
އަހަރެމެންގެ ދިރިއުޅުމުގެ ވަށްޓަފާޅީގެ ތެރޭގައި ގެންގުޅެވޭ ވަރަށް ގިނަ އާދަތަކަކީ އެކަންކަމުގެ ސަބަބުން ބޮލުގައި ރިހުމާއި، ފުއްޕާމޭގެ މައްސަލަތައް، ހިތުގެ މައްސަލަތައް، އަދި ވެސް އެހެނިހެން ޞިއްޙީ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކެވެ. ހަމަ މިގޮތަށް މިފަދަ ބައެއް އާދަތަކަކީ އެކަންކަމުގެ ސަބަބުން ފިރިހެންހަށީގައި ވަރުޖެހުން ކުޑަކޮށްދީ ދަށްކޮށްދޭ ކަންތައްތައް ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި:-
(ހ) ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލޭހޮޅިތައް ހަރުއެރުމުގެ ފުރުޞަތު އިތުރުކުރާނެ ކަމެކެވެ. ލޭހޮޅިތައް ހަރުއެރުމަކީ އޭގެ ސަބަބުން ލޭދައުރުވުމަށް ހުރަސްއަޅައި ފިރިހެން ހަށްޓަށް އެކަށޭނަ މިންވަރަށް ލޭފޮނުވުމަށް ހުރަސްއަޅާނެ ކަމެކެވެ. ފިރިހެން ހަށްޓަށް ލޭފޮނުވުން ދަށްނަމަ ފިރިހެން ހަށީގައި ވަރުޖެހުމުގައި ދަތި އުދަނގުލާ ކުރިމަވާނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ 50އިންސައްތަ އަކީ ޖިންސީ ނުކުޅެދުން ތެރިކަމާއި، ޖިންސީ ގުވަނުގައި ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.އެފަދަ މީހުންގެ ޖިންސީ އެދުންވެރިކަން ވެސް ކުޑަވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ބެލެވިފައިވަނީ މުޅިހަށިގަނޑަށް ގެއްލުންދޭ އާފަތެއް ކަމުގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ކާބަން މޮނޮކްސައިޑްގެ ސަބަބުން ލޭ ހޮޅިތަކުގައި ލޭދައުރުވުން ހުރަސްއެޅި، ލޭހޮޅިތައް ހަރުވެ، ގަނޑުވާގޮތް ވެއެވެ. މިގޮތުން ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅި ހަރުވެއްޖެ ނަމަ އެއަށް ލޭ ވާސިލްވުން ކުޑަވެ، ޖިންސީ ގުނަވަން ސީދާވެ، ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތި ވެއެވެ.
(ށ) އާދަޔާ ޚިލާފަށް ފަލަވުން : އެމެރިކާގެ ޔޫރޮލޮޖިކަލް އެސޯޝިއޭޝަން އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުން އާދަޔާ ޚިލާފަށް ފަލަކޮށް ބުރަހެލިކޮށް ތިބޭ ފިރިހެނުންނަށް ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ފަލަކޮށް ތިބޭ މީހުންނަށް ލޭހޮޅިތަކަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވުމަކީ ވެސް ފިރިހެން ހަށީގައި ވަރުނުޖެހުމުގެ ފުރުޞަތު މިފަދަ މީހުންނަށް އިތުރުވެގެންދާނެ ކަމެކެވެ.
(ނ) ހެލިފެލިވެ ނޫޅުން : އެމެރިކާގެ ޔޫރޮލޮޖިކަލް އެސޯޝިއޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް، އަބަދު އޮށޯވެ ނުވަތަ އިށީދެގެން އިނުމަކީ ފިރިހެން ހަށީގައި ވަރުޖެހުން ކުޑަވުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.
(ރ) ހަކުރު ކޮންޓްރޯލް ނުކުރެވުން : ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުމަކީ ހަށިގަނޑުގައިވާ ލޭނާރުތަކުގެ ލޭދައުރުވުމަށް ހުރަސްއަޅައި، އެކިއެކި ފަތިނާރު ތަކުގެ މަސައްކަތަށް ބުރޫއަރާނެ ކަމެކެވެ. މިހެންވެއްޖެނަމަ ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ގާތް ކަމެކެވެ. އެހެން ކަމުން ހަކުރު ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
(ބ) ލޭގެ ސަރުބީ މަތިވުން : ލޭގެ ސަރުބީ މަތިވުމަކީ ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ލޭހޮޅިތަކުގެ އެތެރޭ ދާރަށް ހަލާކުކޮށްލާނެ ކަމެކެވެ. މީގެ އިތުރުން ސަރުބީގެ ސަބަބުން، ލޭހޮޅިތައް ހިމަވުން، ބެދުން، އަދި ހަރުއެރުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ފިރިހެން ހަށްޓަށް ލޭފޮނުވައިދޭ ލޭހޮޅިއަކަށް މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ފިރިހެން ހަށްޓަށް ލޭލިބުން ދަށްވެ، ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ގާތް ކަމެކެވެ.
(ޅ) ބަނގުރާ ބުއިން : މާގިނައިން ބަނގުރާ ބުއިމަކީ ވެސް ލޭދައުރުވުމަށް ހުރަސްއަޅާނެ ކަމެކެވެ. ފިރިހެން ހަށްޓަށް ލޭލިބުން ދަށްވުމަކީ ފިރިހެން ހަށީގައި ވަރުނުޖެހުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން ބަނގުރާ ބުއިމަކީ ހަށިގަނޑުން ފިރިހެން ހޯރމޯން "ޓެސްޓޮސްޓަރޯން" އުފެއްދުން ދަށްކުރާނެ ކަމެކެވެ. މިހޯރމޯން އުފެއްދުން މަދުވެއްޖެނަމަ، ޖިންސީ އެދުންވެރިކަން ކުޑަވެ ދަށްވެގެންދާނެ އެވެ.
(ކ) މަސްތުވާތަކެތި ބޭނުންކުރުން : މެރިޖުއާނާ، ކޮކެއިން ފަދަ މަސްތުވާތަކެތި ބޭނުންކުރުމުން ފިރިހެން ހަށީގައި ވަރުޖެހުން ދަށްވަނީ އެފަދަ ތަކެތީގެ ސަބަބުން ލޭހޮޅިތައް ހަލާކުވެ، ލޭހިނގުމަށް ހުރަސްއަޅާތީ އެވެ.
(އ) ދިރިއުޅުމުގައި ކުރިމަތިވާ ފިއްތުންތައް : ދިރިއުޅުމުގައި ދިމާވާ ތަފާތު ފިއްތުންތަކުގެ ސަބަބުން ވަރަށް ގިނަ ފަހަރު ހާސްވެ ކަންބޮޑުވެ ފިކުރުބޮޑުވާގޮތް ވެއެވެ. ދިމާވާ އެކި ކަންތައްތަކުގެ ސަބަބުން މާޔޫސްވެ ދެރަވާ ފަހަރު އާދެއެވެ. މިއިން ކޮންމެ ކަމަކީ އެކަންކަމުގެ ސަބަބުން ފިރިހެން ހަށީގައި ވަރުނުޖެހުމަށް މަގުފަހިކުރާ ކަންތައްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
(ވ) ގިނަ ދުވަސްތަކެއް ވަންދެން ބައިސްކަލް ދުއްވުން : ބައިސްކަލް ދުއްވަން އިންނަންޖެހޭ ގޮތުން ޒަކަރަށް ލޭފޮނުވާ ލޭހޮޅިތަކާއި، ހަރަކާތް ގެންގޮސްދޭ ނާރުތައް ފިތޭގޮތް ވެއެވެ. މިހެންވުމުން ވަގުތީ ގޮތުން، ނުވަތަ ދާއިމީގޮތެއްގައި ފިރިހެންހަށީގައި ވަރުނުޖެހޭގޮތް ވެއެވެ.
ނަފްސާނީ ސަބަބުތައް
ޖިންސީ ހިލިގަތުމާއި، ޖިންސީ އޮއިވަރު ހަށިގަނޑުގައި ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ މޭސްތިރި އަކީ ސިކުނޑި އެވެ. ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވާ 20-10 އިންސައްތަ މީހުންނަށް މިކަން ކުރިމަތިވަނީ ނަފްސާނީ މައްސަލަތަކުގެ ސަބަބުންނެވެ. ބައެއް ފަހަރު ކުޑައިރު ލިބިފައި ހުންނަ ޖިންސީ އަނިޔާއެއް ނުވަތަ ޖިންސީ ގޯނާއެއްގެ ސަބަބުން ވެސް ނަފްސާނީ ކަމެއްގެ ގޮތުގައި ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.
ނަފްސާނީ ފިއްތުއްތައް، ހާސްވެފިކުރުބޮޑުވުން، ކަންބޮޑުވުން، އަދި ޖިންސީގުޅުން ހިންގުމަށް ބިރުވެތިވުމަކީ ފުރިހަމައަށް ވަރުޖެހުމަށް ހުރަސްއަޅާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން އިތުރަށް ހާސްވެ، ނުރައްކާތެރި ދަރަޖަ އަކަށް މިކަން ބަދަލުވެގެން ދެއެވެ.
ޖިންސީ ގުޅުން ހިންގުމުގެ މަސައްކަތް ކުރަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ''އުޓޮނޮމިކް ނާރުތަކުގެ ނިޒާމް''(ANS) އޭ ކިޔޭ ބަޔަކުންނެވެ. މިބައި ވަކި ދެބަޔަކަށް ބަހާލެވިފައި ވެއެވެ. ފުރަތަމަ ބަޔަކީ '' ސިމްޕަތެޓިކް ނާރު ތަކުގެ ނިޒާމް''(sympathetic nervous system)އެވެ. ދެވަނަ ބަޔަކީ ''ޕެރަސިމްޕަތެޓިކް ނާރު ތަކުގެ ނިޒާމް''(parasympathetic nervous system) އެވެ. ޖިންސީ ގުނަވަން ވަރުޖެހުން ކުރިމަތި ކުރުވަނީ ފަހުން މިބުނި ބައިންނެވެ. ޖިންސީއެދުން ހިލިގަންނަ ހިނދުގައި ޖިންސީ ގުނަވަނަށް ލޭ ފޮނުވާލުމަށް އިޝާރާތް ދެނީ މިބައިންނެވެ. މިގޮތަށް އިޝާރާތް ދިނުމުން ޖިންސީ ގުނަވަނަށް ލޭ ވާސިލްވެ މަޑުމަޑުން ދެމެމުން ގޮސް ފުރިހަމައަށް ސީދާވެ، ވަރުޖެހެއެވެ.
ފުރަތަމަ ބައިގެ ވަޒީފާ އަކީ މަނިބޭރުވުން މެދުވެރިކުރުވުމެވެ. ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ޖިންސީ އެދުންވެރިކަން އެންމެ މައްޗަށް ދިއުމުން ނުވަތަ އޭގެ ނިހާޔަތަށް ވާސިލްވުމުން މިބައިން މަނިބޭރު ކޮށްލުމަށް އިޝާރާތް ދެއެވެ. އެހިނދު މަނިބޭރުވެގެން ދެއެވެ.
ފުރިހަމަ ގޮތެއްގައި ޖިންސީ ގުޅުން ހިންގުމަށް މިދެބައި ސަލާމަތުން ހުރުމަކީ ބޭނުންތެރިކަމެވެ. އެއީ އެއްބައިގެ ހަރަކާތްތައް އިތުރުވެއްޖެ ނަމަ އަނެއްބައިގެ ވަޒީފާ ދަށްކޮށްލާތީއެވެ. މިސާލަކަށް ހާސްވެ ކަންބޮޑުވުން ނުވަތަ ޖިންސީގުޅުން ހިންގުމަށް ބިރުގަތުން ފަދަ ހާލަތްތަކުގައި ''ސިމްޕަތެޓިކް'' ނިޒާމްގެ މަސައްކަތްތައް އިތުރުވެގެންދެއެވެ. އަދި ''ޕެރަސިމްޕަތެޓިކް'' ނިޒާމްގެ މަސައްކަތް ދަށްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީގުޅުން ހިންގުމަށް ބޭނުންވާ ވަރަށް ޖިންސީގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅިގެންދެއެވެ.
ޖިންސީ އެދުންވެރިކަމާއި، ޖިންސީ ހިލިގަތުމަށް ހުރަސްއަޅާ ފާހަގަ ކުރެވޭ ނަފްސާނީ ސަބަބުތަކުގެ ތެރޭގައި:-
(ހ) މާބޮޑަށް ދެރަވެ މާޔޫސްވުން / ހިތާމަ ކުރުމުގެ ބަލި (depression): މާބޮޑަށް މާޔޫސްވެ ދެރަވުމަކީ އެކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހަށިގަނޑަށް އަސަރުކުރާނެ ކަމެކެވެ. ހިތާމަކުރުމުގެ ބައްޔަށްދޭ ބޭސްތަކުގެ ސަބަބުން ވެސް ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވެދާނެ އެވެ.
(ށ) ދެރަވުން (guilt): ވަރަށް ގިނަ ފަހަރު ފިރިހެނުންނަށް ބައިވެރިޔާގެ ހިތްއެދޭ ވަރަށް ތިމާއަށް ޖިންސީ އެދުން ފުއްދައިނުދެވިދާނެތީ އެކަމާ ދެރަވެވޭގޮތް ވުމަކީ ވެދާނެގޮތެކެވެ.
(ނ) ކަންކަމާ ފިކުރުބޮޑުވެ، ހާސްވެ ކަންބޮޑުވުން (anxiety): އެއްފަހަރު ފިރިހެން ހަށީގައި ވަރުނުޖެހޭގޮތް ވިޔަސް އެކަމާ ވިސްނުމަކީ ވަރަށްގިނަ މީހުންނަށް ވާގޮތެކެވެ. ދެވަނަ ފަހަރު ވެސް އެހެން ވެދާނެތޯ ފިކުރުކުރެވޭގޮތް ވެއެވެ. މިގޮތަށް އަބަދު އެކަމާ ވިސްނައި ފިކުރުކުރާނަމަ، ޖިންސީގުޅުން ރަގަޅަށް ނުހިންގޭގޮތް ވެއެވެ. ނުވަތަ ޖިންސީގުޅުން ނުހިންގިދާނެކަމުގެ ބިރުހީވާގޮތް ވެއެވެ. މިކަންކަމުގެ އާޚިރު ނަތީޖާއަކަށްވަނީ ފިރިހެންހަށީގައި ވަރުނުޖެހުން ކުރިމަތިވުމެވެ.
ކަންބޮޑުވުމަކީ ޖިންސީ ބާރު ކުޑަކޮށްދޭ ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބާރު ކުޑަކޮށްދޭ ކަމެއް ވެސް މެއެވެ. އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގެ ތަފާތު މަރުހަލާތަކަށް ކަންބޮޑުވުމުން އަސަރު ކުރެއެވެ. މިގޮތުން ޖިންސީ އެދުންވެރިކަން ކުޑަވުން، ފުރިހަމައަށް ޖިންސީގުނަވަނުގައި ވަރުނުޖެހުން، އަދި ޖިންސީ އެދުމުގެ އެންމެ މައްޗަށް ވާސިލްނުވުން ނުވަތަ އޭގެ ކުންނަށް ވާސިލްނުވުން، އަދި މަނިބޭރުވުމަށް އުދަގޫވުން ނުވަތަ ރަގަޅަށް ބޭރުނުވުން ފަދަ ކަންތައް ކުރިމަތިވެގެން ދެއެވެ. މާބޮޑަށް ހާސްވެ ކަންބޮޑު ވެފައިވާނަމަ އެއްގޮތަކަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހޭ ގޮތް ވެއެވެ. މާނައަކީ ޖިންސީގޮތުން ނުކުޅެދިގެންވާ މީހަކަށް އޭނާގެ ހާލަތު ބަދަލުވެއެވެ.
ކަންބޮޑުވުން ފަދަ ކަންތައް ކުޑަކުރަން ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ވެސް ނުރަގަޅު އަސަރެއް ޖިންސީ ގުޅުމަށް ފޯރުމަކީ ވެދާނެ ކަމެކެވެ. މިފަދަ ބައެއް ބޭސްތަކުގެ ސަބަބުން ރަގަޅަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހުން، އާންމުކޮށް ބޭރުވާ ވަގުތަށްވުރެ ލަހުން މަނިބޭރުވުން، ފަދަ ކަންތައް ކުރިމަތިވެއެވެ. މާއަވަހަށް މަނިބޭރުވާ މީހުންނަށް ބައެއް ފަހަރު މިކަހަލަ ބޭސް ދީ އުޅެއެވެ.
(ރ) ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް (stress): ދިރިއުޅުމުގައި ފިއްތުން ކުރިމަތިވެފައިވަނީ ތިމާކުރާ މަސައްކަތާއި ކަމަށްވެދާނެ އެވެ. ނުވަތަ މަސައްކަތުގެ މާޙައުލުން ދިމާވާ ކަމަކުން ކަމަށް ވެދާނެ އެވެ. ބައެއް ފަހަރު އެއީ ފައިސާގެ ސަބަބުން ކުރިމަތިވާ ފިއްތުން ތަކަކަށްވެދާނެ އެވެ. ނުވަތަ އާއިލާގެ ތެރޭގައި ޖެހިފައިވާ މައްސަލަ އަކުން ކަމަށް ވެސް ވެދާނެ އެވެ.
(ބ) އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުން : ތިމާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ، އަނބިމީހާގެ އެދުން ތައް ފުއްދައިނުދެވޭހެން ހީވާނަމަ، އެކަމުގެ ސަބަބުން ބައެއް ފަހަރު ފިރިހެން ހަށީގައި ވަރުނުޖެހުމަށް މަގުފަހި ކުރެއެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ކުރިން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވެފައިވާނަމަ އެވެ. އެހެނީ އެގޮތަށް ފުރަތަމަ ފަހަރު ދިމާވުމުން އޭގެ ފަހުން އެކަމާމެދު ވިސްނައި، ތިމާއަކީ ޖިންސީގޮތުން ނާގާބިލު މީހެއްކަމަށްދެކި އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ކުޑަވެގެންދާގޮތް ވެއެވެ.
(ޅ) ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް : ދެމަފިރިން ދެމެދުގައި މައްސަލަޖެހި އެކަން ހައްލުނުވެ ދިގުލައި ދިއުމަކީ ވެސް މަދުން ނަމަވެސް ފިރިހެނުންނަށް ފިރިހެން ހަށީގައި ވަރުނުޖެހުމަށް މަގުފަހިކޮށްދާނެ ކަމެކެވެ.
އަލާމާތްތައް
·         ފިރިހެން ހަށީގައި ވަރުނުޖެހުން
·         ފިރިހެން ހަށީގައި ވަރުޖެހުމަށްފަހު އެގޮތުގައި ދެމެހެއްޓުމަށް އުދަނގޫވުން
·         ޖިންސީ އެދުންވެރިކަން ކުޑަވުން
ފިރިހެން ހަށީގައި ވަރުނުޖެހުން އެކިގޮތްގޮތަށް ކުރިމަތިވެދާނެ އެވެ.
·         ދޭތެރެ ދޭތެރެއިން ނުވަތަ ކުރު މުއްދަތަކަށް ފިރިހެން ހަށީގައި ވަރުނުޖެހުން : ހުރިހާ ފިރިހެނުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވުމަކީ ވާނެ ކަމެކެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން އެގޮތަށް ކުރިމަތި ވިޔަސް އެއީ މައްސަލަ އެއް ނޫނެވެ.
·         ފިރިހެން ހަށީގައި ވަރުނުޖެހުން މަޑުމަޑުން ކުރިމަތިވަމުން އައުން : ގިނަފަހަރު މިގޮތަށް ދިމާވަނީ އޭގެ ފަހަތުގައި ޖިސްމާނީ ސަބަބެއް ފޮރުވިފައިވާނަމަ އެވެ.
·         ކުއްލިއަކަށް ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވުން : ގިނަފަހަރު މިގޮތަށް ދިމާވަނީ އޭގެ ފަހަތުގައި ނަފްސާނީ ސަބަބެއް ފޮރުވިފައިވާނަމަ އެވެ. މިފަދަ ހާލަތްތަކުގައި ހެދުނު ހޭލާއިރު ފިރިހެން ހަށީގައި ވަރުޖެހިފައި ހުރެދާނެ އެވެ. އަދި އަމިއްލައަށް ޖިންސީއެދުން ފުއްދަން ބޭނުންވާ ހިނދު ވެސް ފިރިހެން ހަށީގައި ވަރުޖެހިދާނެ އެވެ.
ދިގުލައިދިއުމުން ދިމާވެދާނެ މައްސަލަތައް
·         ޖިންސީގޮތުން ދެމަފިރިން ހިތްހަމަނުޖެހުން
·         ހާސްވެކަންބޮޑުވެ ފިކުރުބޮޑުވުން / ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުރިމަތިވުން
·         އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން
·         ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުން
·         ދަރިމައިވުމަށް ހުރަހަކަށްވުން
ދެނެގަތުން
ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ގިނަ ފަހަރު ބަލިމީހާގެ ކިބައިން އަހައި އޮޅުން ފިލުވާ މައުލޫމާތު ތަކާއި، ހަށިގަނޑު ޗެކުކޮށް ބަލާބެލުންތަކުން ދެނެގަނެވޭނެ ކަމެކެވެ. ދާއިމީކޮށް ބޭސްކާންޖެހޭ ގައިންގަޔަށް ނާރާ ބައްޔެއް ހުރެއްޖެނަމަ އެއީ ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިކޮށްފާނެ ކަމެއްކަމަށް ބަލައިފާނެ އެވެ. ގިނަ ފަހަރު ހެދޭ ޓެސްޓުތަކަކީ ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވި ސަބަބުތައް ހޯދުމަށް ހެދޭ ޓެސްޓުތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން އާންމުކޮށް ހަދައިއުޅޭ ޓެސްޓުތަކުގެ ތެރޭގައި:-
(ހ) ހަށިގަނޑު ބަލައި ޗެކުކުރުން : ހަށިގަނޑުން އާންމުކޮށް ބަލަނީ ފިރިހެންހަށި އަދި އުރަވަޅި އެވެ. މިބެލުންތަކުގެ ތެރޭގައި ފިރިހެން ހަށްޓަށް އިހުސާސް ގެނެސްދޭ ނާރު މަސައްކަތް ރަގަޅުތޯ (އިހުސާސް ހުރިތޯ) ބަލާނެއެވެ.

(ށ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތައް ހެދުމުގެ ބޭނުމަކީ ލޭމަދުވުން، ހިތުގެ ބަލިތައް، ހަކުރު ބަލި، އަދި ޓެސްޓޯސްޓީރޯން  ހޯރމޯން މަދުވުން(testosterone level) ފަދަ ކަމަކާއި ގުޅިގެން އެއްވެސް ކަހަލަ ބަދަލެއް އައިސްފައިހުރިތޯ ބެލުމެވެ. މީގެ އިތުރުން ގުރުދާ މަސައްކަތްކުރާގޮތް(RFT) ބެލުމަކީ ވެސް ލޭގެ ޓެސްޓުތައް ހެދުމުގެ ބޭނުމެކެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް(TFT) ހުރިނެތްގޮތާއި، ލޭގައި ސަރުބީ ހުރި މިންވަރު(Lipid profile) ވެސް ލޭގެ ޓެސްޓުތަކުން ދެނެގަނެވޭނެ އެވެ.

(ނ) ކުޑަކަމުދާ ތަކެތި ޓެސްޓުކުރުން : ކުޑަކަމުދާ ތަކެތި ވެސް ޓެސްޓުކުރަނީ ހަކުރުބަލި އަދި އެނޫނަސް ގުޅުންހުރި އެއްވެސް ބައްޔެއްގެ އަސަރު ކުޑަކަމު ނަޖިހުން ފާހަގަކުރެވޭތޯ ބެލުމަށެވެ. އެގޮތުން ހަކުރު، ޕްރޮޓީން، އަދި ޓެސްޓޮސްޓަރޯން ހޯރމޯން ކުޑަކަމުނަޖިހުގައި ހުރި މިންވަރު ދެނެގަނެވޭނެ އެވެ. 

(ރ) ސްކޭން ކުރުން : މިއީ އާންމު ގޮތެއްގައި ފިރިހެން ހަށްޓާއި އުރަވަޅިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގެ ތެރޭގައި ލޭދައުރުވުން ހުރިނެތްގޮތް ބެލުމަށް ކުރާ ސްކޭން އެކެވެ. ބައެއް ފަހަރު މިޓެސްޓު ހަދާއިރު ފިރިހެން ހަށީގެ ތެރެއަށް ބޭހެއް ފޮނުވައިގެން، ލޭދައުރުވުން ހަލުވިކުރުވައި، ފިރިހެންހަށީގައި ވަރުޖެއްސޭތޯ ބަލާނެއެވެ. މިގޮތަށް ހަދާ ސްކޭންގެ އެހީގައި ވީނަސްލީކުވުން، ލޭހޮޅިތައް ހަރުއެރުން، އަދި ފިރިހެން ހަށީގައި ލަކުނުލުން ފަދަ ކަމެއްހުރިނަމަ އެކަން ދެނެގަންނަން ފަސޭވާނެ އެވެ. 

" އަލްޓްރާ ސޮނޮގްރަފީގެ އެހީގައި ފިރިހެންހަށިގެ ހާލަތު ހުރިގޮތް ދެނެގަނެވިދާނެއެވެ. މިގޮތަށް ބަލާއިރު ހަމުގެ ސަތަހައިން ފެށިގެން ގޮސް އެތެރޭގެ ލޭހޮޅިތަކަން ދާންދެން ބެލެއެވެ. މީގެ ބޭނުމަކީ ލޭހޮޅިތަކުގައި ޖިންސީ ގުނަވަނަށް ލޭ ވާސިލްކޮށްދިނުމަށް ހުރަސް އަޅާފަދަ އައިބެއް ހުރިތޯ ބެލުމެވެ. "
(ބ) ރޭގަނޑު ފިރިހެންހަށީގައި ވަރުޖެހޭތޯ ބެލުމަށް ހަދާ ޓެސްޓު (overnight erection test): ގިނަ މީހުންނަށް ނިދީގައި ފިރިހެން ހަށީގައި ވަރުޖެހުމަކީ އާންމު ކަމެކެވެ. ގިނަ މީހުންނަށް ނިދީގައި 6-3 ފަހަރު ފިރިހެން ހަށީގައި ވަރުޖެހޭނެ އެވެ. މިޓެސްޓު ހެދުމަށް ނިދުމުގެ ކުރިން ޚާއްޞަ ޑިވައިސްއެއް ފިރިހެން ހަށީގެ ވަށައިގެން އޮޅާލަން ޖެހެއެވެ. މިޑިވައިސްގެ އެހީގައި ރޭގަނޑު ނިދީގައި ފިރިހެން ހަށީގައި ވަރުޖެހުނު މިންވަރާއި، ބާރު މިންކުރެވޭނެ އެވެ. މިއީ ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވާ ޖިސްމާނީ ނުވަތަ ނަފްސާނީ ކަމެއްގެ ސަބަބުންތޯ ކަނޑައެޅުމަށް އެހީތެރިވެދޭނެ ޓެސްޓެކެވެ. ރޭގަނޑު ނިދީގައި ފިރިހެންހަށީގައި ވަރުނުޖެހުމަކީ ފިރިހެން ހަށްޓަށް ލޭފޮނުވާ ލޭހޮޅިއެއް، ނުވަތަ ފިރިހެން ހަށްޓާއި ގުޅިފައިވާ ފަތިނާރެއް ގައި މައްސަލައެއް ހުރުން ކަމުގައި ވެދާނެ އެވެ. 

މިޓެސްޓު ހެދޭ އެހެން ގޮތްތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ޕްލާސްޓިކް 3 ބޭންޑް ފިރިހެން ހަށީގެ ވަށައި އޮޅާފައި ބަހައްޓައިގެން ޓެސްޓު ހެދުމާއި، ފިރިހެން ހަށީގެ ބުޑާއި، ނިމޭތާ ވަށައިގެން އިލާސްޓިކް ބޭންޑް އޮޅާފައި ބަހައްޓައިގެން ޓެސްޓުހެދުން ފަދަ ގޮތްތައް ހިމެނެއެވެ. 

(ޅ) ނަފްސާނީ މައްސަލައެއް ހުރިތޯބެލުން : ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިކޮށްފާނެ ފަދަ އެއްވެސް ކަހަލަ ނަފްސާނީ މައްސަލައެއް ކުރިމަތިވެފައިވޭތޯ ބަލިމީހާގެ ކިބައިން އަހައި އޮޅުން ފިލުވާނެ އެވެ. 

(ކ) އިތުރު ޓެސްޓުތައް : ފިރިހެން ހަށީގައި ވަރުނުޖެހުން ހުރިތޯ ބެލުމަށް ހަދާ އިތުރު ޓެސްޓުތަކުގެ ތެރޭގައި "ޕީނައިލް ބައޯތީސިއޮމެޓްރީ"(penile biothesiometry)، "ވޭޒޯއެކްޓިވް އިންޖެކްޝަން"(vasoactive injection)ޖެހުން، "ބަލްބޯކެވަރނޯސަސް ރިފްލެކްސް ޓެސްޓު"(bulbocavernosus reflex test)،"ޑައިނަމިކް އިންފިއުޒަން ކެވަރނޯސޮމެޓްރީ"(dynamic infusion cavernosography)، "ކެވަރނޯސޮގްރަފީ"(cavernosography)، "އާޓެރިއޮގްރަފީ"(arteriography) އަދި "ޕްރޮސްޓޭޓް ސްޕެސިފިކް އެންޓިޖަން"(PSA) ހުރި މިންވަރު ބެލުން ފަދަ ޓެސްޓުތައް ހިމެނެއެވެ.

ފިރިހެން ހަށީގައި ވަރުނުޖެހެނީ ޖިސްމާނީ ނުވަތަ ނަފްސާނީ ސަބަބަކުން ކަން ކަނޑައެޅިދާނެ ގޮތް
ފުރަތަމަ ގޮތް : ޖިންސީ ގުޅުން ހިންގުމަށް ނުކުޅެދިފައިވަނީ ނަފްސާނީ ނުވަތަ ޖިސްމާނީ ކަމެއްގެ ސަބަބުންތޯ ވަރަށް ފަސޭހަ އިން ބެލިދާނެއެވެ. މިކަން ދެނެގަތުމަށް ހެދުނު ގަޑީގައި ޖިންސީގުނަވަނަށް އަންނަ ބަދަލު ފާހަގަކުރާށެވެ. އާންމުގޮތެއްގައި ހެދުނު ނިދިން ހޭލާ ހިނދު ފިރިހެނުންނަށް ޖިންސީގުނަވަނުގައި ވަރުޖެހޭ ގޮތްވެއެވެ. މިގޮތަށް ހެދުނު ވަރުޖެހޭނަމަ އޭގެ މާނައަކީ ޖިންސީގުނަވަނަށް ބަރާބަރަށް މަސައްކަތްކުރެއެވެ. މި އުސްލޫބުން ބަލައިގެން ހެދުނުގަނޑީގައި ޖިންސީގުނަވަން ވަރުޖެހުން ކުރިމަތިވާ ނަމަ އޭގެ މާނައަކީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވަނީ ނަފްސާނީ ކަމެއްގެ ސަބަބުން ކަމަށެވެ.
ދެވަނަ ގޮތް : ނިދުމުގެ ކުރިން އަންނަނިވި ގޮތަށް އަމަލުކުރާށެވެ. ގުޅިފައިވާ 4 ނުވަތަ 5 ސްޓޭމްޕް ޖިންސީގުނަވަނުގެ ވަށައިގެން ނިދުމުގެ ކުރިން އޮޅާލާށެވެ. ހެދުނު ހޭލާއިރު ސްޓޭމްޕްތައް އެކަތި އަނެކައްޗާއި ވަކިވެފައި ވާނަމަ އޭގެ މާނައަކީ ނިދީގެ ތެރޭގައި ޖިންސީ ގުވަނުގައި ވަރުޖެހިފައި ވުމެވެ. މާނައަކީ ޖިސްމާނީ ސަބަބެއް ކުރިމަތި ވެފައި ނެތްކަމެވެ. އާންމުގޮތެއްގައި ފިރިހެނާއަށް ނޭގި ނަމަވެސް ނިދީގެ ތެރޭގައި 6-3ފަހަރާއި ދެމެދު ގެ އަދަދަކަށް ޖިންސީ ގުނަވަނުގައި ވަރުޖެހެއެވެ.
ފަރުވާ
ފިރިހެން ހަށީގައި ވަރުނުޖެހުމުގެ ފަރުވާގައި ފުރަތަމަ ކުރާނެ ކަމަކީ އެއްވެސް ކަހަލަ ބައްޔެއް ހުރެގެން(ޚާއްޞަކޮށް ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިކޮށްފާނެ ބަލިތަކަށް މިސާލަކަށް ހިތުގެ ބަލި، ހަކުރު ބަލި، ލޭމައްޗަށްދިއުން، ސަރުބީ މަތިވުން ފަދަ ބަލިތަކަށް) ބޭހެއް ބޭނުންކުރޭތޯ އާއި، އަދި ބޭނުންކުރަނީ ރަގަޅު ބޭސްތޯއާއި، އަދި ބޭނުންކުރަމުންދަނީ ރަގަޅަށްތޯ ބެލުމެވެ.
ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވެފައިވާ ސަބަބާއި، އެކަން ކުރިމަތިވެފައިވާ މިންވަރަށް ރިއާޔަތްކޮށް ފަރުވާ ތަފާތުވުމަކީ ވެދާނެ ކަމެކެވެ. ކޮންމެ ފަރުވާއެއް ފެށުމުގެ ކުރިން އޭގެ ފައިދާ އާއި ގެއްލުން އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ވީމާ ފަރުވާ ފެށުމުގެ ކުރިން އެފަދަ ކަންތައްތައް ޑޮކްޓަރުގެ ކިބައިން އަހައި އޮޅުން ފިލުވަން ޖެހޭނެ އެވެ. 

ގުޅަ ބޭސް
ފިރިހެން ހަށީގައި ވަރުނުޖެހުމުގެ ފަރުވާގައި ބޭނުންކުރެވޭ ގުޅަ ބޭސް ތަކަކީ ގިނަ މީހުންނަށް ވަރަށް ރަގަޅު އެއިން މަންފާ ލިބިދޭ ބޭސްތަކެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާންމުކޮށް ބޭނުންކުރެވޭ ގުޅަބޭސް ތަކަކީ:-
·         ސިލްޑެނަފިލް
·         ޓަޑަލަފިލް
·         ވާރޑިނަފިލް
·         އެވެނަފިލް
މަތީގައި ބަޔާންކުރެވުނު 4 ބޭހަކީ ވެސް ހަށިގަނޑުގައި ހުންނަ ތަބީޢީ ކެމިކަލް އެއް ކަމުގައިވާ "ނައިޓްރިކް އޮކްސައިޑް" ގެ މަސައްކަތް ހަލުވިކޮށްދީ، ފިރިހެންހަށީގެ މަސްތައް ހަމައަކަށް އަޅުވައިދީ، ފިރިހެން ހަށްޓަށް ލޭފޯރުވުން އިތުރުކޮށްދޭ ބޭސް ތަކެކެވެ. ފިރިހެން ހަށްޓަށް ލޭފޯރުވުން އިތުރުވުމަކީ ޖިންސީ އެދުންވެރިކަން އައުމުން ފިރިހެން ހަށީގައި ވަރުޖެހުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މިބޭސްތައް ކެއުން އެދެވިގެންވަނީ ޖިންސީގުޅުން ހިންގަން ފެށުމުގެ ގަޑިއެއްހާއިރު ކުރިން ހުސްބަނޑާ ހުރެއެވެ. "ނައިޓްރޯގްލައިސިރިން" ހުންނަ ބޭސްތަކާއެކު މިބޭސްތައް ބޭނުންކޮށްފިނަމަ މާބޮޑަށް ލޭގެ ޕްރެޝަރު ދަށްވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. 

ހަދާން ބަހައްޓަންވީ މިއިން ބޭސްގުޅައެއް ބޭނުންކުރުމަކުން އޭގެ ޒާތުގައި ފިރިހެން ހަށީގައި ވަރުނުޖެހޭނެ ކަމެވެ. އެހެނީ ފިރިހެން ހަށީގައި ވަރުޖެހޭނީ ޖިންސީއެދުންވެރިކަން އައުމާއެކު، ފިރިހެން ހަށީގެ އިހުސާސް ގެނައުމުގައި ބައިވެރިވާ ނާރުން ނައިޓްރީކް އޮކްސައިޑް ދޫކުރުމުންނެވެ. މިބޭސްތަކަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ބޭސްތަކެއް ނޫނެވެ. އެހެންކަމުން ރަގަޅަށް އެއްވެސް ކަހަލަ ދަތިކަމެއްނެތި ފިރިހެން ހަށީގައި ވަރުޖެހޭމީހުން މިފަދަ ބޭސްތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. 

މިބޭސްތައް ބޭނުންކުރަންޖެހޭ މިންވަރު، އޭގެ އަސަރު ދެމިހުންނަ މުއްދަތު، އަދި އެއިން ކުރިމަތިވާ ނޭދެވޭ އަސަރުތައް އެއް ބޭސް އަނެއްބޭހާއި ތަފާތެވެ. ކުރިމަތިވެދާނެ ނޭދެވޭ އަސަރު ތަކުގެ ތެރޭގައި ނޭފަތުން ފެންއައުން، މޫނުމަތި ރަތްވުން، ބޮލުގައި ރިހުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ބުރަކަށީގައި ރިހުން، އަދި ބަނޑުގެ މައްސަލަތައް ހިމެނެއެވެ.

ފިރިހެން ހަށީގައި ވަރުނުޖެހުމުގެ ފަރުވާގައި ބޭނުންކުރާ ބޭސްތައް އަންނަނިވި ހާލަތްތަކުގައި އެންމެ އެދެވޭގޮތުގައި މަސައްކަތް ނުކުރުމަކީ ވެދާނެ ގޮތެކެވެ. އަދި އޭގެ ސަބަބުން ނުރައްކަލެއް އަންނަނިވި ހާލަތްތަކުގައި ބޭނުންކޮށްފިނަމަ ދިމާވުމަކީ ވެސް ވެދާނެ ގޮތެކެވެ.
·         ނައިޓްރޭޓް އެކުލެވޭ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ހިތުގެ ބަލީގެ މީހުންނަށް ދީއުޅޭ ނައިޓްރޯގްލައިސިރިން، އަދި އައިސޯސޯބިޑް މޮނޮނައިޓްރޭޓް ފަދަ ބޭސްތައް
·         ލޭދިޔާކުރާ ބޭސް (އެސްޕިރިން) ނުވަތަ ލޭމައްޗަށްދާތީ ދޭ ބޭސްތައް ބޭނުންކުރުން
·         ހިތުގެ ބައްޔެއް ހުރުން
·         ސްޓްރޯކް ޖެހިފައިވުން
·         މާބޮޑަށް ލޭދަށްވުން ނުވަތަ ލޭމައްޗަށްދިއުން
އެހެނިހެން ބޭސްތައް
އެހެނިހެން ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ފިރިހެން ހަށްޓަށް އަލްޕްރޮސްޓަޑިލް އިންޖެކްޝަން : މިއީ އަމިއްލައަށް ޖެހިދާނެ އިންޖެކްޝަނެކެވެ. ވަރަށް ހިމަ ކަށްޓެއް އިންނަ ސިރިންޖަކުން މިއިންޖެކްޝަން ޖަހަނީ ފިރިހެންހަށީގެ ބުޑަށް ނުވަތަ އެއް އަރިމައްޗަކަށެވެ. ބައެއް ފަހަރު އެހެން ބައެއް އިންޖެކްޝަން ތައް ވެސް މިއިންޖެކްޝަން އާއެކު ފިރިހެން ހަށްޓަށް ޖެހިދާނެ އެވެ. އެގޮތުން ޕެޕެވެރިން، އަދި ފެންޓޮލަމީން ފަދަ އިންޖެކްޝަން ޖަހައި އުޅެއެވެ. މިއިން ކޮންމެ އިންޖެކްޝަނެއް ޖެހިޔަސް ގަޑިއެއް ހާއިރު ވަންދެން ފިރިހެން ހަށީގައި ވަރުޖެހިފައި ހުރެއެވެ. ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހިތަނުން ލޭއައުން، ދިގުމުއްދަތަކަށް ފިރިހެން ހަށީގައި ވަރުޖެހި ތިރިނުވެހުރުން، އަދި އިންޖެކްޝަން ޖެހިތަނުގައި ލަކުނުލުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ށ) ކުޑަކަމުދާ ހޮޅިއަށް އަލްޕްރޮސްޓަޑިލް ސަޕޮޒިޓޯރީ ލެއްވުން : މިއީ ޚާއްޞަ އާލަތެއްގެ އެހީގައި ކުޑަކަމުދާ ހޮޅީގެ ފިރިހެން ހަށީގެ ތެރޭގައި އިންނަ ބަޔަށް އަލްޕްރޮސްޓަޑިލް ސަޕޮޒިޓޯރީ ލެއްވުމެވެ. މި ސަޕޮޒިޓޯރީ ލައްވާތާ 10 މިނިޓްގެ ތެރޭގައި ފިރިހެން ހަށީގައި ވަރުޖެހޭނެ އެވެ. އަދި އެކަން 60-30 މިނިޓާއި ދެމެދުގެ ވަގުތަކަށް ދެމިހުންނާނެ އެވެ. ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކުޑަކަމުދާ ހޮޅިން ލޭއައުން، އަދި ލަކުނުލުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ނ) ޓެސްޓޮސްޓަރޯން ހޯރމޯން ދިނުން : ބައެއް ފިރިހެނުންނަށް ޓެސްޓޮސްޓަރޯން ހޯރމޯން މަދުވުމުގެ ސަބަބުން ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ވެދާނެ ގޮތެކެވެ. މިފަދަ ހާލަތުގައި ފަރުވާގެ ގޮތުގައި ޓެސްޓޮސްޓަރޯން ހޯރމޯން ދީއުޅެއެވެ.
ޓެސްޓޮސްޓަރޯން ހޯރމޯން ފަރުވާގެ ގޮތުގައި ބޭނުން ކުރިޔަސް މުޅިން ތަބީއީ ހާލަތަކަށް ބަދަލެއް ނުވެއެވެ. މިހޯރމޯން ގެ ފަރުވާ ދެވެނީ އިންޖެކްޝަނެއްގެ ސިފައިގައި ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ދަށުންނެވެ.
މިގޮތަށް ދެވޭ ހޯރމޯންގެ ފަރުވާ ގެ ސަބަބުން ޕްރޮސްޓޭޓް ގްލޭންޑް ގެ ޓިޝޫތައް މުރާލިކުރުވައެވެ. އެހެން ކަމުން ފަހަރެއްގައި ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ މިކަމުގެ ސަބަބުން ވެދާނެ ގޮތެކެވެ. އެހެންކަމުން މިފަރުވާ ދޭން ފެށުމުގެ ކުރިން އެމީހަކަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މިންވަރު ޑޮކްޓަރުން ބަލާނެއެވެ.
ބައެއް ފަހަރު މިފަރުވާގެ ސަބަބުން ފުރަމޭގައި ލަކުނުލައި، ގެއްލުން ލިބޭގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި މާގިނައިން ފެންޖަމާވާ ގޮތް ވެއެވެ. އެހެންކަމުން ހިތުގެ ބަލީގެ މީހުން، ގުރުދާގެ ބަލިމީހުން އަދި ފުރަމޭގެ ބަލިމީހުންނަށް މިފަރުވާ ދީއެއް ނަހަދައެވެ.
އިތުރު ފަރުވާތައް
ކުރިމަތިވެފައިވާ މައްސަލައަށް ބޭހުގެ ފަރުވާއިން ހައްލު ހޯދައިނުދެވިއްޖެނަމަ، އިތުރު ފަރުވާއަކަށް ގޮސްދާނެއެވެ. އެގޮތުން ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި ފިރިހެން ހަށްޓަށް ޕަމްޕު ލައްވައިގެން ފިރިހެން ހަށީގައި ވަރުޖެއްސުން، ޕީނައިލް އިމްޕްލާންޓް އޭ ކިޔާ ޑިވައިސް އެއް ފިރިހެން ހަށީގެ ދެއަރިމައްޗަށް ލެއްވުން، އަދި އޮޕަރޭޝަންކޮށްގެން ފިރިހެން ހަށްޓަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ހުންނަ މައްސަލަތައް ހައްލުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން "ކަށިހަރައިގެންދޭ ފަރުވާ"(acupuncture) އަދި "ވަހުގެ ފަރުވާ"(aromatherapy) އަދި ފަތްޕިލާވެލީގެ ފަރުވާ އިން ވެސް ފިރިހެން ހަށީގައި ވަރުނުޖެހުމުގެ މައްސަލައަށް ހައްލެއް ލިބުމަކީ ދުރުކަމެއް ނޫނެވެ. 

ކައުންސިލިންގ ހޯދުން
ފިރިހެން ހަށީގައި ވަރުނުޖެހުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ނަފްސާނީ ކަމެއްގެ ސަބަބުން ނަމަ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލިންގ ގެ އެހީ ހޯދިދާނެ އެވެ. އެގޮތުން ކައުންސިލަރ އެއްގެ ކައިރިއަށްދާއިރު ދެމަފިރިން އެކުގައި ދިއުމަކީ މުހިއްމު ކަމެކެވެ.

ރައްކާތެރިވުން:ދިރިއުޅުމުގައި ގެންނަންޖެހޭ ބަދަލުތައް، ގޭގައި ކުރެވިދާނެ ކަންތައްތައް
ވަރަށް ގިނަ ފަހަރު ފިރިހެން ހަށީގައި ވަރުނުޖެހުމަކީ ނުވަތަ އެމައްސަލަ އިތުރަށް ގޯސްވެގެންދަނީ އަމިއްލައަށް ކުރެވޭ ކަންތައްތަކެއްގެ ސަބަބުންނެވެ. ނުވަތަ ދިރިއުޅުމުގައި ޚިޔާރުކުރެވޭ އާދަތަކެއްގެ ސަބަބުންނެވެ. އެހެންކަމުން ފިރިހެން ހަށީގައި ވަރުނުޖެހުން ކުރިމަތިވެފައިވާނަމަ އަންނަނިވި ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން / ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
·         އާދަޔާ ޚިލާފަށް ބަރުނަމަ ބަރުދަން ލުއިކުރުން
·         ގަވާއިދުން ކަސްރަތުކުރުން
·         މަސްތުވާތަކެތި ބޭނުންކުރުމާއި، ބަނގުރާ ބުއިމުން ދުރުހެލިވުން
·         ދެމަފިރިން ދެމެދުގައި ޖެހޭ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުން
·         ތަފާތު ބަލިތަކަށް ބޭނުންކުރާ ބޭސްތައް ގަވާއިދުން ބޭނުންކުރުން، އަދި ބޭނުންކުރެވެމުންދަނީ ރަގަޅަށްތޯ ބެލުން
·         ހަކުރު ، ލޭގެ ޕްރެޝަރު، އަދި ސަރުބީ ގެ މިންވަރު ކޮންޓްރޯލް ގައި ބެހެއްޓުމަށް މަސައްކަތްކުރުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.ޑޮކްޓަރެއްގެ ލަފަޔާ ނުލައި މިއިން ބޭހެއް ބޭނުންކުރުން ރަގަޅެއް ނޫނެވެ.
މައުލޫމާތު :

No comments:

Post a Comment