ފްލޮރައިޑް
ފްލޮރައިޑް
އަކީ ވެސް ޓްރޭސް އެލިމެންޓް އެކެވެ. ހަށިގަނޑަށް އެތެރެވާ ފްލޮރީން ބަދަލުވަނީ
ފްލޮރައިޑް އަށެވެ. ފްލޮރައިޑް އަކީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން
ކާނާގައި ހިމަނަންޖެހޭ 21 ކަނީޒުގެ ތެރޭގައި ހިމެނޭ ޒާރީ އުންސުރެކެވެ.
މަޞްދަރު
ފްލޮރައިޑް
ލިބޭ ކާނާގެ ތެރޭގައި ފެން، ސައި، އެއްގަމު މަސް، ކަނޑު މަސް ހިމެނެއެވެ.
ހަށިގަނޑަށް ބޭނުންވާ ފްލޮރައިޑް އާންމުކޮށް ލިބެނީ ބޯ ފެނުންނެވެ. އަދި އެންމެ
ގިނައިން ވެސް ފްލޮރައިޑް ލިބެނީ ބޯފެނުންނެވެ. ބޯފެނުގައި ފްލޮރައިޑް ހުންނަން
ޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔަށެވެ. ދުނިޔޭގެ ބައެއް ހިސާބު ތަކުގެ ފެނުގައި
ފްލޮރައިޑް ވަރަށް މަދެވެ. އެހެންކަމުން ބޯން ދޫކުރާއިރު ފެނަށް ފްލޮރައިޑް
އަޅައެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި
މިކަމާމެދު ބަހުސް ކުރެވެމުން އަދިވެސް ދެއެވެ. ނަމަވެސް ކުރެވިފައިވާ ހުރިހާ
ދިރާސާތަކަށް ބަލާ، ހުރިހާ ގައުމީ އަދި ބައިނަލް އަގުވާމީ ޖަމްއިއްޔާތަކުން
އާންމުކޮށް ދޫކުރާ ބޯފެނަށް ފްލޮރައިޑް އެޅުމަށް ބާރުއަޅައެވެ (ސާލިހު އަދި ވަހީދު، 2014). ދަތްއުގުޅާ ބޭހުގައި ވެސް
ފްލޮރައިޑް އަޅާފައި ހުރެއެވެ (ހާވަރޑް.އެޑިޔު، 2022).
ބޯފެނުގައި
ފްލޮރައިޑް ހުންނަންޖެހެނީ މިލިޔަން ބައިކުޅަ އެއްބަޔެވެ. ނުވަތަ ފެން
ލިޓަރެއްގައި 0.7 މިލިގްރާމް އެވެ. ތަނުގެ ތާފަނާ ކަމާއި، އެތަނެއްގައި ބޭނުންކުރާ
ކާބޯތަކެތީގައި ފްލޮރައިޑް ހުންނަ ވަރަށް ބަލައިގެން މިއަދަދު 1.2 މިލިގްރާމް
އާޢި، ހަމައަށް ބައެއް ރަށްތަކުގައި އިތުރު ކުރެއެވެ (ސާލިހު އަދި ވަހީދު، 2014).
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ފްލޮރައިޑް ހުންނަ މިންވަރު
100ގ ގައި |
މައިކްރޯގްރާމް |
100ގ ގައި |
މައިކްރޯގްރާމް |
އަސޭމިރުސް |
34.2 |
ބަޓަރު |
2.8 |
ގެރިމަސް |
22.4 |
ދޮން ވިލާތުބަށި |
2.3 |
ކެރޮޓް |
3.2 |
ކިޔުކަންބާ |
1.3 |
އާފަލު |
3.3 |
ފިޔާ |
1.1 |
ބޮޑު މިރުސް |
3 |
ބޮނޑިކޮޕީ |
0.9 |
ފްލޮރައިޑް
ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކަޅުސައި، ކޮފީ، ބޮލިމަސް، އިހި، ޑިނގާ، ކަކުނިމަސް
ފަދަ ކަނޑުކާނާގެ ބާވަތްތަކާއި، ހިކި މޭބިސްކަދުރު، އޯޓްމީލް އަދި އަލުވި ފަދަ
ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).
ފްލޮރައިޑްގެ
ވަޒީފާ
ފްލޮރައިޑް
ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ،
އަދި ދަތްޕިލާ ފަނިކައި، ގިރި، ހަލާކުވިޔަނުދީ
ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. ފްލޮރައިޑް އަކީ ކާނާގައި ހުންނަ
އެސިޑްގެ ސަބަބުން ދަތަށް ލިބޭ ގެއްލުންތައް ފޫބައްދައިދޭ އެއްޗެކެވެ.
މިސަބަބަށްޓަކައި ވަރަށް ގިނަ ދަތްއުގުޅާ ބޭހުގައި ފްލޮރައިޑް ހުރެއެވެ. އަދި
ފްލޮރައިޑް އަކީ ކަށި މުރަނަ ވުމާއި، އަވަހަށް ބިނދޭގޮތްވުމުން ވެސް ދުރުކޮށްދޭ
އެއްޗެކެވެ.
ހަށިގަނޑުގައި
ފްލޮރައިޑް
ހަށިގަނޑަށް
އެތެރެވާ ފްލޮރީން ބަދަލުވަނީ ފްލޮރައިޑް އަށެވެ. ފްލޮރައިޑް ހުންނަނީ ކަށިތައް،
ހަންގަނޑު، ދަތްތައް، އަދި ތައިރޮއިޑް ގްލޭންޑް ގައެވެ. ހަށިގަނޑަށް ފްލޮރައިޑް
ނަގަނީ ހަޖަމުކުރާ ނިޒާމުގެ ބައިތަކުންނެވެ. ހަށިގަނޑަށް ނަގައިނުދޭ ފްލޮރައިޑް
ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމު ނަޖިހުގެ ތެރެއިންނެވެ (ހާވަރޑް.އެޑިޔު، 2022) ފްލޮރައިޑް
އަކީ ހުންނަންޖެހޭ ވަރަށްވުރެ އިތުރުވެއްޖެނަމަ މިތަންތަނަށް (ކަށި، ދަތްތައް)
ބޭނުންވާ ކެލްސިއަމް ލިބުމުގައި ހުރަސް އަޅާ އެއްޗެކެވެ. ބޯފެނަށް ފްލޮރައިޑް
އެޅުމާ މެދު ބަހުސް ކުރެވެނީ މިސަބަބާ ހުރެއެވެ. އެމީހުންގެ ޒުވާބަކީ ބޯފެން
ހުންނަންވާނީ އިތުރު އެއްޗެއް ނާޅައެވެ. އެވްރެޖް ހަށިގަނޑެއްގައި 2.6 ގްރާމް
ފްލޮރައިޑް ހުރެއެވެ (ސާލިހު އަދި ވަހީދު، 2014).
ފްލޮރައިޑް
މަދުވުން
ކުޑަކުދިން
ދަތްފަޅަމުން އަންނަ ދުވަސްވަރު ހަށިގަނޑުގައި ފްލޮރައިޑް މަދުވެއްޖެނަމަ،
ދަތްތައް ހަލާކުވުން އަވަސްވެއެވެ. ދިވެހިން މިކިޔާ ގޮތް ދަތްފަނިކާގޮތް ނުވަތަ
ބޭރުގެ ހަރުތޮށި ހަލާކުވާގޮތް ދިމާވެއެވެ. ދަތުގެ ބޭރު ފަށަލަ އަކީ ކޮންމެ
ދުވަހަކު ވެސް ބައުފޭރާން ބާލާ އައު ފޭރާން ލާ އެއްޗެކެވެ. މާނައަކީ ދަތުގައި
ހުންނަ މައުދަންތަކުގެ ތެރެއިން ބައު މައުދަންތައް ދޫކޮށްލާ އައު މައުދަންތައް
ޖަމާކޮށްލާ އެއްޗެކެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ފްލޮރައިޑް ކާނާގައި
ހިމަނަންޖެހެއެވެ. އެއީ ފްލޮރައިޑް އަކީ ކާނާގައި ހުންނަ އެސިޑްގެ ސަބަބުން ދަތަށް
ލިބޭ ގެއްލުންތައް ފޫބައްދައިދޭ އެއްޗެކެވެ. މިސަބަބަށްޓަކައި ވަރަށް ގިނަ
ދަތްއުގުޅާ ބޭހުގައި ފްލޮރައިޑް ހުރެއެވެ. އަދި ފްލޮރައިޑް އަކީ ކަށި މުރަނަ
ވުމާއި، އަވަހަށް ބިނދޭގޮތްވުމުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. ފްލޮރައިޑް
ހުންނަންވާ ވަރަށް ހަށިގަނޑުގައި ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދޭ،
އަދި ދަތްޕިލާ ހަލާކުވިޔަނުދީ ހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ( ސާލިހު
އަދި ވަހީދު، 2014).
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ފްލޮރައިޑްގެ
ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. އަދި
ބޭނުންވަނީ ކިހާ މިންވަރެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ދުވަހެއްގެ ކެއުމުގައި
1.5 އާއި 4 މިލިގްރާމް އާއި ދޭތެރޭގެ މިންވަރެއް ހިމެނުމަށް ލަފާދެއެވެ.
ކުދިންނަށް ދޭން ރަނގަޅު ވަރަކީ ދުވާލަކަށް 2.5 މިލިގްރާމް އަށްވުރެ ގިނަނުވާ
ވަރަށެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހާވަރޑް
ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް
އުމުރުން 19 އަހަރުން މަތީގެ މީހުން ފްލޮރައިޑް ނެގުން އެދެވިގެންވާ މިންވަރަކީ
ފިރިހެނުންނަށް 4 މިލިގްރާމް އަދި އަންހެނުންނަށް 3 މިލިގްރާމް އެވެ. މީގެ
އިތުރުން މާބަނޑު މީހުންނާއި، ކިރުމައިންނަށް ވެސް އެދެވިގެންވަނީ ދުވާލަކަށް 3
މިލިގްރާމް ގެ ފްލޮރައިޑް ބޭނުންކުރުމެވެ (ހާވަރޑް.އެޑިޔު، 2022).
ފްލޮރައިޑް
ގިނަވުން
ބައެއް
ހިސާބުތަކުގައި ލިބޭ ފެނުގައި ފްލޮރައިޑް ވަރަށް ގިނައެވެ. މިގޮތަށް ފްލޮރައިޑް
ގިނަ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފްލޮރޯސިސްގެ މައްސަލަ އާއި ކުރިމަތި
ވެއެވެ. ފްލޮރޯސިސް އަކީ ދަތުގެ އޮފުކަން ކެނޑި، ދަތްތައް ރީނދޫވެ،
ކަޅުމުށިކުލައިގެ ތިކިތަކެއް ދަތުގައި ޖެހުމަށް ކިޔާނަމެކެވެ(ސާލިހު އަދި ވަހީދު،
2003، ސާލިހު އަދި ވަޙީދު، 2014). އާންމު ގޮތެއްގައި ފްލޮރޯސިސް ކުރިމަތިވަނީ
އެތަނެއްގައި ބޯން ބޭނުންކުރާ ފެނުގައި ކޮންމެ ލިޓަރަކަށް 2މިލިގްރާމް އަށްވުރެ
މަދުން ފްލޮރައިޑް ހިމަނާފައިވާނަމަ އެވެ (ހާވަރޑް.އެޑިޔު، 2022). މިކަން
ހައްލުކުރުމަށް ދުވާލަކު 2 ފަހަރަށްވުރެ ގިނައިން ފްލޮރައިޑް ހިމެނޭ ބޭހުން ދަތް
ނުއުގުޅުމާއި، ދަތްއުގުޅާއިރު އުފެދޭ ފްލޮރައިޑް އެކުލެވޭ ކުޅު ދިރުވުމުގެ
ބަދަލުގައި ބޭރުކުރުން ފަދަ ކަންތައްތައް ކުރެވިދާނެއެވެ (ހާވަރޑް.އެޑިޔު، 2022).
އާންމުކޮށް އުމުރުން 6 އަހަރު ދަށުގެ ކުދިންނަށް މިގޮތަށް އަމަލުކުރުން ބުއްދިވެރި
އެވެ. އެއީ މިއުމުރުގެ ކުދިންނަށް ފްލޮރޯސިސް ކުރިމަތިވުމުގެ ހިރާސް އިތުރުވާތީ
އެވެ. ފްލޮރޯސިސް ކުރިމަތިވުމުގެ ހިރާސް އުމުރުން 8 އަހަރުވުމުން
ދަށްވެގެންދެއެވެ. އެއީ މިއުމުރުގައި ދަތުގެ އެނަމެލް ފުރިހަމަވާތީ އެވެ (ހާރވަޑް.އެޑިޔު،
2022).
މާގިނައިން
ފްލޮރައިޑް އެތައް ދުވަހަކު ކައިފިނަމަ، ކަށިތަކުގައި ފްލޮރައިޑް ގިނަވެ،
ތައިރޮއިޑް ހޯރމޯންތައް ގިނަވާގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2014). ފްލޮރައިޑް
އަށް ވިހަވާވަރުވަނީ ދުވާލަކު ކެއުމަށް ލަފާދޭ ވަރުގެ 2500 ގުނަ އިތުރުވެގެންނެވެ
(ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ފްލޮރައިޑްއަށް ވިހަވުމަކީ
ވަރަށް ނާދިރު ކަމެކެވެ. ގިނަ ފަހަރު މިހެން ދިމާވަނީ ތަބީއީ ގޮތުން ފެނުގައި
ހުރުން ނޫނީ ފެނަށް ފްލޮރައިޑް އަޅާފައިވާ މިންވަރު މަތިވެގެންނެވެ. ނޫނީ ނޭނގި
ނަމަވެސް ފްލޮރައިޑް ސަޕްލިމެންޓް މާގިނައިން ބޭނުންކުރެވުމުންނެވެ (ހާވަރޑް.
އެޑިޔު، 2022).
ފްލޮރައިޑް
އަށް ވިހަވުމުން ފެނިދާނެ އަލާމާތްތައް
·
މޭނުބައިކުރުން
·
ހޮޑުލެވުން
·
ބޭރަށްހިންގުން
·
ބަނޑުގައި ރިހުން
·
ހުޅުތަކުގައި ރިހުން
·
ކަށިތައް ހަލާކުވުން
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.hsph.harvard.edu/nutritionsource/fluoride/
No comments:
Post a Comment