Saturday, January 7, 2023

އަޔަޑިން

އަޔަޑިން

އަޔަޑިން(iodine)  އަކީ އިންސާނުންނަށް ވަރަށް މުހިއްމު ޒާރީ ވައްތި އެކެވެ. އަޔަޑިން އަކީ ކަޅުނޫކުލައިގެ މައުދަނެކެވެ. މިމައުދަނަށް މިނަން ދެވުނީ އެންދުމުން ނުކުންނަ ދުމުގައި ދަނބުކުލަ ހުންނާތީ، ޔޫނާނީ ބަހުން ދަނބުކުލައަށް ކިޔާ ނަން ދިނީމައެވެ. މިއީ ފަސޭހައިން ފެނަށްގިރޭ މައުދަނެކެވެ. އަދި ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާނާގައި ހިމަނަންޖެހޭ 21 މައުދަންގެ ތެރެއިން ވަރަށް މުހިއްމު ޒާރީ އުންސުރެކެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މައުދަންތަކުގެ ތެރެއިން ފުރަތަމަ އެނގުނު އެއް މައުދަނެވެ. އަދި މިހާތަނަށް ޖެހެންދެން ވެސް ކުރެވުނު ދިރާސާތަކުން ދައްކަނީ މިއީ އިންސާނުންނަށް ވަރަށް މުހިއްމު ޒާރީ އުންސުރެއް ކަމެވެ (ސާލިހު އަދި ވަހީދު، 2014).


ގޮއިޓަރ ނުވަތަ ކަރުގޮނޑި(goiter) އަކީ އަންޒަމާނުއްސުރެ މީހުންނަށް ޖެހޭ ބައްޔެކެވެ. މިއީ ޖަޕާން ފިޔަވައި ދުނިޔޭގެ ގިނަ ގައުމު ތަކުގެ ކޮންމެވެސް ހިސާބެއްގައި އުޅުނު ބައްޔެކެވެ. މިބައްޔަށް މޫދު ހުއި އަންދައިގެން އޭގެ އަޅި ބޭސްކޮށް ހެދިއެވެ. ފަހުގެ ހޯދުންތަކުން އެނގުނީ ޖަޕާންގައި މިބަލި ނުޖެހެނީ އެމީހުން ކެއުމުގައި މޫދުހުއި ބޭނުންކުރާވަރު ގިނަ ކަމުންނެވެ (ސާލިހު އަދި ވަހީދު، 2014).  

އަޔަޑިން އަލަށް ފެނުނީ 1811 ވަނަ އަހަރު ޑރ ބީ ކޯޓޮއިސްއަށް އިއްތިފާގުން މޫދު ހުއިގެ އަޅިންނެވެ. އެކަމަކު މިމާއްދާ އެހެން މާއްދާތަކާ ވަކިކުރެވުނީ 1819 ވަނަ އަހަރު ފައިޕް ކިޔާ ޑޮކްޓަރަކަށެވެ. އެކަމަކު އަޔަޑިން އަކީ ކަރުގޮނޑިއަށް ފަރުވާއެއްކަމަށް ސާބިތު ކުރެވުނީ މީގެ ސަތޭކައެއްހާ އަހަރު ފަހުން އެމެރިކާގެ ސުކޫލްކުދިންގެ މެދުގައި މޭރައިން އާޢި ކިމްބޯ ކުރި ދިރާސާ އަކުންނެވެ (ސާލިހު އަދި ވަހީދު، 2014).

ކަރުގޮނޑި އުފެދުނު ނުދިނުމަށް މިއީ އަބަދުހެން ކާނާގައި ހިމަނަންޖެހޭ ބައެކެވެ. އެހެންކަމުން މިބައި ކާނާގައި މަދުވެދާނެކަމަށް ބަލައި ގައުމުތަކުގައި އެތަންތާގެ ސަރުކާރުތަކުން ކަންކަން ބޭނުންކުރާ ލޮނު އުފައްދާއިރު މިބައި އެއްކުރަން މަޖުބޫރު ކުރުވައެވެ. އަދި ސަރުކާރުތަކުން އަޔަޑިން ނާޅާ ލޮނު ބޭނުން ނުކުރުމަށް އަންގަމުން ގެންދެއެވެ (ސާލިހު އަދި ވަހީދު، 2014).  

މަޞްދަރު

އަޔަޑިން އަކީ ބިމުގެ މަތީ ފަށަލައިގައި އެކުލެވިގެންވާ ފަސޭހައިން ފެނަށްގިރޭ މާއްދާ އެކެވެ. އެހެން ކަމުން ފުރިހަމައަށް އަޔަޑިން ހުންނަ ބިމެއްގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި ފުރިހަމައަށް އަޔަޑިން އެކުލެވިގެންވާނެއެވެ. އާންމުކޮށް ފަރުބަދަމަތީ ރަށްތަކުގެ ބިމުގައި އަޔަޑިން ހުންނަލެން މަދުވާނެއެވެ (ސާލިހު އަދި ވަހީދު، 2003). އަދި ފެންބޮޑުވެގެން ކަނޑަށް ފެންގަނޑު ދެމިގެންދާ ރަށްތަކުގައި ވެސް އަޔަޑިން މަދުވެއެވެ. އަދި އަޔަޑިންގެ ބައި މަދު ބިންތަކުގައި ހައްދާ ގަސްގަހާގެހިން ލިބޭ ކާބޯތަކެތީގައި އަޔަޑިން މަދުވާނެއެވެ. އެއީ އަޔަޑިން އަކީ ބިމުގެ މަތީ ފަށަލައިގައި ހުންނަ މައުދަނަކަށްވެފައި ފެނަށް ގިރޭލެން އަވަސްވެފައި، ފެންގަނޑާއެކު ކަނޑަށް ދެމިގެންދާތީ އެވެ. މޫދުގެ ލޮނުގަނޑުގައި އަޔަޑިން ގިނަވަނީ މިހެންވެގެންނެވެ (ސާލިހު އަދި ވަހީދު، 2014).

ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ އެއްގަމު މަސް، ކަނޑުމަސް، އަދި ދޫނި ސޫފާސޫފީގެ މަހުގައި، އެކުލެވޭ އަޔަޑިންގެ މިންވަރު އެތަކެތި ކައިބޮއިއުޅޭ ތަކެތީގެ ގޮތުން ތަފާތު ވެއެވެ. މިސާލަކަށް ގެރިމަސް އަދި ގެރިކިރުގައި އެކުލެވޭ އަޔަޑިންގެ މިންވަރު މަދުވާނެއެވެ. އެއީ އޭތި ކައިއުޅޭ ފަތްޕިލާވެލީގައި އަޔަޑިން މަދުވީމައެވެ. އެކަމަކު ކަނޑުމަހުގެ ބާވަތްތަކުގައި (ޚާއްޞަކޮށް ފަޅުގައި އުޅޭ މަހުގައި) އަޔަޑިން ގިނަވާނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑުގައި އަޔަޑިން ހުރުމާއި، އެފަދަ މަސްތައް ކައިއުޅޭ މޫދު ހުއިގައި އަޔަޑިން އެކުލެވޭ މިންވަރު ގިނަވީމައެވެ (ސާލިހު އަދި ވަހީދު 2003، ސާލިހު އަދި ވަހީދު، 2014). ބައެއް ދިރާސާ ވެރިން ވިދާޅުވާގޮތުގައި ތައިރޮއިޑް ގްލޭންޑް އަށް ތައިރޮއިޑް އުފެއްދެނީ ހަމައެކަނި އަނގައިން އެތެރެވާ އޯގަނިކް (ދިރޭ ނަސްލުތަކާ ގުޅިފައިވާ) އަޔަޑިން އިންނެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އާންމު ގޮތެއްގައި ހުންނަނީ ބިމާއި، ކަނޑުގައެވެ. އަޔަޑިން އާންމު ކޮށް ހުންނަނީ ޖަނަވާރުގެ ޕްރޮޓީން އާޢި، މޫދުހުއި، އަދި ފޯޓިފައިޑް ކިރު، ސީރިއަލް އަދި ޕާން ގައެވެ. އަޔަޑިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި ކަނޑުވިނައިގެ ބާވަތްތައް، ކަނޑުމަސް، ބޮލިމަސް، އިހި، ޑިނގާ، މިޔަރުމަސް، ކިރާޢި ކިރުގެ އުފެއްދުންތައް، ކުކުޅުބިސް، ގެރިމޭ، ގެރިމަސް، ކުކުޅުމަސް ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).  

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި އަޔަޑިން ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ހިކި މޫދުހުއި

63500

ޔޯގަޓް(ދަހީ)

33.1

އަލުވިތޮއްޓާއެކު

7700

ކުކުޅުބިސް

12

އަވެލި

66.7

ދިޔާ ގެރިކިރު

24.8

ފަޅުމަސް

48

ބޮލިމަސް (ގޮޅާ/ރާކަނި/ހަންދާ

14

ހިމަގޮދަން

46.6

ކަނޑުމަސް

30

ހަށިގަނޑުގައި އަޔަޑިން

ބޮޑު މީހެއްގެ ހަށިގަނޑުގައި 50-20 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށް އަޔަޑިން ހުރެއެވެ. މީގެ ތެރެއިން 60 އިންސައްތަ އަށްވުރެ ގިނަބައި ހުންނަނީ ތައިރޮއިޑް ގްލޭންޑް ގެ ތެރޭގައެވެ. ބާކީ ބައި ހުންނަނީ ލޭގައި ހުންނަ ތައިރޮއިޑް ހޯރމޯން ގަޔާއި، ބިސްރަވަ، އަދި މަސްތަކުގައެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިންގެ ވަޒީފާ

އަޔަޑިން އަކީ ތައިރޮއިޑް ހޯރމޯން ކަމަށްވާ ތައިރޮކްސިން އުފެއްދުމަށް އެންމެ ބޮޑަށް ބޭނުންވާ އެއް މާއްދާ އެވެ. އިންސާނާގެ ސިކުނޑި އާއި ސިކުނޑިއާއި ގުޅިފައިވާ ނާރުތައް ފުރިހަމަވުމާއި، އޭގެ މަސައްކަތް އެންމެ ފުރިހަމައަށް ހިންގުމަށާއި، ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި، ހަށިގަނޑަށް ހަކަތަ ބޭނުންވާ ވަރު ރަމަތަކުރުމަށާއި، ހަށިގަނޑުގެ ފިނިހޫނުމިން (ތާފަނާމިން) ހުންނަން ޖެހޭ މިންވަރު އޭގެ ރާޖީގައި ނުވަތަ މަތީ މިނާއި، ދަށުމިނާއި ދެމެދުގައި ހިފެހެއްޓުމަށް ތައިރޮއިޑް ހޯރމޯން ވަރަށް މުހިއްމު ދައުރެއް ކުޅެއެވެ. އަދި މީގެ އިތުރުން ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ދުވަސްވަރު މިހޯރމޯން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ (ސާލިހު އަދި ވަހީދު، 2014).

ހަށިގަނޑަށް ބޭނުންވާ މިންވަރު

އަޔަޑިންގެ ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ކަމަށް ބަލަނީ އުމުރުން 19 އަހަރުން މަތީގެ ފިރިހެނުންނާއި އަންހެނުންނަށް 150 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު،  2003، ސާލިހު އަދި ވަހީދު، 2014). އަޔަޑިންގެ ކެލަމިން ކަމަށް ބެލެވެނީ އުމުރުން 8-1 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 90 މައިކްރޯގްރާމް، އަދި އުމުރުން 13-9 އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކަށް 120 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).

އަޔަޑިން އެކުލެވޭ ބޭސްތައް ބޭނުންކުރެވޭ ކަންތައްތަކުގެ ތެރޭގައި އަޔަޑިން މަދުވުމުން ދިމާވާ ކަންތައްތަކަށާއި، އަދި އުރަމަތީގައި ހިމެނޭ ފައިބްރޯސިސްޓް އަށް ދޭ ފަރުވާއެއްގެ ގޮތުގައި ހިމެނެއެވެ. ނަމަވެސް ބޭހެއްގެ ގޮތުގައި ޚާލިޞް އަޔަޑިން ކާންވާނީ އެކަމުގެ ޚާއްޞަ މާހިރެއްގެ ލަފާގެ މަތިންނެވެ. ހަށިގަނޑަށް އަޔަޑިން ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވަހަކު 1100 މައިކްރޯގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).  

އަޔަޑިން މަދުވުން

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އަޔަޑިން ހަށިގަނޑުގައި މަދުނަމަ ތައިރޮއިޑް ބޮޑުވުން ފަދަ މައްސަލަތައް ޖެހުން ވަރަށް ކައިރިވާނެއެވެ. މިބައި ހަށިގަނޑުގައި ހަމައަށް ބެހެއްޓުމަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަޔަޑިން އެޅި ލޮނު ކާތަކެތި ކެއްކުމުގައި ބޭނުންކުރުމެވެ. ބޮޑެތި ވަމުން އަންނަ ކުދިންނަށް އަޔަޑިން މަދުވެއްޖެނަމަ ތޫނުފިލިކަން ވެސް ދަށްވެއެވެ. (ސާލިހު އަދި ވަހީދު، 2003).

ފެނިދާނެ އަލާމާތްތައް

·         ލޭފަނޑުވުން

·         ވަރުނެތުން

·         ކަންނެތްވުން

·         އެއްދާންކުރާހިތްނުވުން

·         ވިންދު ލަސްވުން

·         ލޭގެ ޕްރެޝަރު ދަށްވުން

·         މޮޓާވުން

މާބޮޑަށް އަޔަޑިން މަދުވެއްޖެނަމަ ލޭގައި ކޮލެސްޓްރޯލް ގިނަވުން އަދި ހިތުގެ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ. މިބައި ހަށިގަނޑުގައި ހަމައަށް ބެހެއްޓުމަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަޔަޑިން އެޅި ލޮނު ކާތަކެތި ކެއްކުމުގައި ބޭނުންކުރުމެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން އަޔަޑިން މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބަނޑުހިކުން، ވާޅުވުން، ފިނިވުމުން އުދަނގޫވުން، ހަންގަޑު ކަހައި ހިރުވުން، އިސްތަށިތައް ހިކުން، އަދި ބަރުދަން ލުއިވުން ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022).

އަޔަޑިން މަދުވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ ތެރޭގައި މާބަނޑު މީހުން، އަޔަޑިން އެޅި ލޮނު ބޭނުންނުކުރާ މީހުން، ހުސް ތަރުކާރީ ފަދަ ތަކެތި މައިގަނޑު ކެއުމުގައި ކައިއުޅޭ މީހުން އަދި ބިމުގައި އަޔަޑިން މަދު ހިސާބުތައް މިސާލަކަށް ފަރުބަދަ މަތީ ހިސާބުތަކުގައި ދިރިއުޅޭ މީހުން ފަދަ ފަރާތް ތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022).

އަޔަޑިން ގިނަވުން

އަޔަޑިން ކެއުމުގައި ގިނަވެގެން ލިބިދާނެ ގެއްލުމެއް އެނގޭކަން ނެތެވެ. ނަމަވެސް މާގިނައިން ހަށިގަނޑަށް އަޔަޑިން އެތެރެވުމުން ވިހަވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބަނޑުގައި ރިހުން، މޭނުބައިކުރުން، ހޮޑުލެވުން، އަނގަ،ކަރު،ބަނޑުން ދިލަނެގުން އަދި ހޭނެތުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022). އަޔަޑިން އަށް ވިހަވުމުގެ ހިރާސް އޮންނަ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، އަދި ތައިރޮއިޑް ބަލި ހުންނަ މީހުން ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/iodine/

  

No comments:

Post a Comment