ސިލިކަން
ސިލިކަން
އަކީ ބިންމަތީގައި އެންމެ އާންމު މަޢުދަނެވެ. އަދި މިއީ ހަށިގަނޑަށް ބޭނުންވާ
ޓްރޭސް އެލިމެންޓެއް ކަމަށް ބެލެވެއެވެ. ސިލިކަން އަކީ ބިމުގެ މަތީ ފަށަލައިގައި
އޮކްސިޖަން އަށްފަހު އެންމެ ގިނަ އުންސުރެވެ. މިއީ ނުމައުދަނުގެ ތެރޭގައި ހިމެނޭ
އުންސުރެކެވެ. މިއީ ދުޅަހެޔޮކަންމަތީ ހަށިގަނޑު ބެހެއްޓުމަށް ކާންޖެހޭ 21
މައުދަނުގެ ތެރޭގައި ހިމެނޭ މާމަދުން ބޭނުންވާ މައުދަނެކެވެ. މިއީ 1848ވަނަ އަހަރު
ހޯދުނު މައުދަނެއް ކަމުގައި ވިޔަސް، މިއީ ހަށިގަނޑަށް ބޭނުންވާ އޮށްޓަރެއްކަން
އެނގުނީ 1972 ވަނަ އަހަރުގައެވެ.
މަސްދަރު
ސިލިކަން
އެކުލެވޭ ކާނާގެ ތެރޭގައި، ގޮދަން، ހަނޑޫ، ކިރު، ބަރަބޯ، ކޮޕީފަތް، ލެޓިސް ފަތް، ކަންބާ،
އެވަކާޑޯ، އަދި ސްޓޯބެރީ ހިމެނެއެވެ. ކުކުޅުގެ ހަންގަޑުގައި ވެސް ސިލިކަން
ހުރެއެވެ. އެކަމަކު ގަސްގަހާ ގެހިން ލިބޭ ކާނާއަށްވުރެ، ޖަނަވާރުތަކުން ލިބޭ
ކާނާގައި ސިލިކަން މަދެވެ (ސާލިހު އަދި ވަހީދު، 2014). މީގެ އިތުރުން އާފަލު،ޗެރީ،
އޮރަންޖު، ކެރެޓް، ކެބެޖް، އަދި
ބަރަބޮލުގެ ވައްތަރުތައް، ޕީނަޓް އަދި އާމަންޑް މަދު ގައި ވެސް ސިލިކަން ހުރެއެވެ
(އޯގެނިކް ފެކްޓްސް، 2022).
ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ސިލިކަން
ހުންނަ މިންވަރު
100ގ ގައި |
މިލިގްރާމް |
100ގ ގައި |
މިލިގްރާމް |
ހިކިމޭބިސްކަދުރު |
8.30 |
ހުދުހަނޑޫ |
1.70 |
ސީރިއަލް |
6.31 |
ޕާން |
1.60 |
ދޮންކެޔޮ |
5.40 |
ބިސްކޯދު |
0.56 |
ކެރޮޓް |
2.30 |
ޕާސްތާ |
0.47 |
ރަތްހަނޑޫ |
2.00 |
ސައި/ކޮފީ |
0.28 |
ސިލިކަންގެ
ވަޒީފާ
ކަށިތައް
އުފެދުމުގައާއި، ގިރިބިންގައި ކަށިތައް ދެމެހެއްޓުމުގައި ސިލިކަން މުހިއްމު ރޯލެއް
އަދާކުރެއެވެ. މީގެ އިތުރުން ލޭނާރުތަކުގެ ދެމިކުރުވުން ހުންނަންވާގޮތުގައި
ބެހެއްޓުމަށް ވެސް ސިލިކަން އެހީތެރި ވެދެއެވެ. ހަމަ އެހެންމެ ހަށިގަނޑުގެ އެހެން
ވެސް ދެމިކުރުވާ ނާރުތަކުގައި ސިލިކަން އެކުލެވެއެވެ (ސާލިހު އަދި ވަހީދު، 2003). މީގެ
އިތުރުން ލޭނާރުތަކުގެ އެތެރެފުށުގެ ދުލިތައް އުފެދުމަށާޢި، ދެމެހެއްޓުމަށް، އަދި
އެފަދަ ހޮޅިތައް ވިލޭގޮތަށް ބެހެއްޓުމަށާޢި، އެހެން ވެސް ވިލުން ހުންނަ ނާރުތައް
މިގޮތަށް ހުރުމަށް ސިލިކަން ބޭނުންވެއެވެ. އިސްތަށިގަނޑު ރީތިކޮށް، އޮފުކޮށް
ބެހެއްޓުމަށް ވެސް ސިލިކަން އަކީ މުހިއްމު މާއްދާ އެކެވެ. (ސާލިހު އަދި ވަހީދު،
2014).
ސިލިކަން
އަކީ ކަށިތައް ވަރުގަދަ ކޮށްދޭ މައުދަނެކެވެ. މިއީ ހުޅުތަކާ ކަށިތައް ހެދިބޮޑުވެ،
ބަލަހައްޓައިދީ އޭގެ ފަހެލިކަން އިތުރުކުރުމަށް ކެލްސިއަމް އަށް އެހީތެރިވެދޭ
ކަނީޒެކެވެ. ސިލިކަން އިން ހުޅުތަކުގެ ފަހެލިކަން ހަރުދަނާކުރަން އެހީތެރިވެދެނީ
ހުޅުތަކުގައި ހިމެނޭ ޕްރޮޓީން "ކޮލަޖަން" ގެ މިންވަރު މަތިކޮށްގެންނެވެ.
މީގެ އިތުރުން ކަށިތަކުގައި ރެނދުލުމާއި، ބިނދުމާއި، މުލުން ނައްޓައިގެންދިއުން
ފަދަ ކަންކަން ފަސޭހަވާ މިންވަރު މަތިކުރުމަށް ވެސް ސިލިކަން އެހީތެރިވެދެއެވެ.
އަދި މިއީ ކަށިތަކުގައި ކެލްސިއަމް ހަރުލުން އިތުރުކުރުމަށް އެހީތެރިވެދޭ
މައުދަނެކެވެ. ސިލިކަން އަކީ އިސްތަށީގެ ދުޅަހެޔޮކަމަށް ވެސް ވާގިދޭ ކަނީޒެކެވެ. ހަންގަނޑުގެ
ދުޅަހެޔޮކަން އިތުރުކޮށްދީ، ކޮލަޖަން އިތުރުކޮށްގެން ހަމުގެ ރޫތައް ފިލުވައިދީ،
ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދިނުމަށް ވެސް ސިލިކަން އެހީތެރިވެދެއެވެ. ނިޔަފައްޗަށް ބޭނުންވާ ކާނާ ފޯރުކޮށްދީ،
ނިޔަފަތި ބިނދިގެން ދިއުން ކުޑަކޮށްދީ، ނިޔަފަތީގެ ދުޅަހެޔޮކަން ވެސް
އިތުރުކޮށްދެއެވެ (އޯގެނިކް ފެކްޓްސް.އޯރގް، 2022).
ހަށިގަނޑުގައި
ސިލިކަން
ސިލިކަން ހުންނަނީ
ކަށިތަކުގައްޔާއި، ކާޓިލޭޖް، ލޭނާރުތަކާއި، ހަންގަނޑާއި، އިސްތަށީގައެވެ. ސިލިކަން
އެންމެ ގިނައަދަދަކަށް ހުންނަނީ ކަށިތަކުގައެވެ.ދެން ކާޓިލޭޖުތަކުގައެވެ. ބޮޑުމީހެއްގެ ހަށިގަނޑުގައި 7 ގްރާމުގެ ސިލިކަން
ހުރެއެވެ.
ހަށިގަނޑަށް
ބޭނުންވާ މިންވަރު
ބޮޑުމީހެއްގެ
ދުވަހެއްގެ ކާނާގައި 50-20 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށް ސިލިކަން
އެކުލެވިފައިވުން ބޭނުމެވެ. ސިލިކަން ހަށިގަނޑަށް ގިނަގިނައިން ނެގެނީ ގަސްގަހާ
ގެހިން ލިބޭ ކާނާއިންނެވެ. މަދު މިންވަރެއް ޖަނަވާރުން ލިބޭ ކާނާއިން ވެސް
ނެގެއެވެ. ބަޔާންކުރެވިފައިވާ މިންވަރަށް ހުޅަގުގެ މީހުންގެ ކާނާގައި ސިލިކަން
ހިމެނޭއިރު، އިރުމަތީ މީހުން ޚާއްޞަކޮށް އިންޑިޔާ އަދި ޗައިނާގެ މީހުންގެ
ކެއުމުގައި 204-140 މިލިގްރާމާއި ދެމެދުގެ މިންވަރަކަށް ސިލިކަން ހިމެނެއެވެ.
މިހެންވަނީ ސިލިކަން ގިނައިން ހަށިގަނޑަށް ނެގެނީ ގަސްގަހާ ގެހިން ލިބޭ ކާނާއިން
ކަމަށްވެފައި، މިގައުމުތަކުގައި ގޮވާމާއި ތަރުކާރީ ކާމީހުން ގިނަވުމެވެ. އެކަމަކު
އެމީހުންގެ ހަށިގަނޑުގައި މިމާއްދާ މާގިނަކަމަށް ނުދައްކައެވެ (ސާލިހު އަދި
ވަހީދު، 2014).
ސިލިކަން
މަދުވުން
ސިލިކަން
ހަށިގަނޑުގައި މަދުވެއްޖެނަމަ ހިތާއި ލޭހޮޅި ތަކުގެ ބަލިތައް ޖެހުމަށް
މަގުފަހިވެއެވެ. އެއީ ސިލިކަން އަކީ ލޭނާރު ހޮޅިތަކުގެ އެތެރެ ފަށްތައް
އުފެދުމަށާއި، ދެމެހެއްޓުމަށް ބޭނުންވާ އެއްޗަކަށްވާތީ އެވެ (ސާލިހު އަދި ވަހީދު،
2003).
ސިލިކަން
މަދުވެއްޖެނަމަ، ބޮލުގެ ނާށިގަނޑާއި ހުޅުތައް ރަނގަޅަށް ނުއުފެދޭކަން 2012 ވަނަ
އަހަރު ވަނީ ދިރާސާތަކުން ސާބިތުވެފައެވެ. މީގެ އިތުރުން ސިލިކަން ހަށިގަނޑުން
މަދުވެއްޖެނަމަ، ހިތާއި ލޭހޮޅިތަކުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އެއީ
ލޭހިނގާ ހޮޅިތަކުގައި މައްސަލަ ޖެހޭގޮތް ވާތީ އެވެ. ދިރާސާތަކުން ދައްކާގޮތުގައި
ޖަނަވާރުންގެ ހަށިގަނޑުގައި ސިލިކަން މަދުނަމަ، ކަށިތައް ނިކަމެތިވެ،
އައިބުވެއެވެ. އިންސާނުންނަށް ވެސް މިހެން ދިމާވެދާނެކަމަށް ބެލެވެއެވެ. ނަމަވެސް
އަދި ހެދިފައިވާ ދިރާސާތަކުން މިކަން ސާބިތުވެފައެއް ނެތެވެ. އެއީ ބިމުން އުފެދޭ
ތަކެތި (ހަނޑޫ، ގޮވާން، ނޫނީ ގޮދަންފުށް ފަދަ ތަކެތި) ކާނާގައި އާދަކޮށް
ބޭނުންކުރާނަމަ، ފުދޭވަރަކަށް ހަށިގަނޑަށް ސިލިކަން ލިބޭތީ އެވެ (ސާލިހު އަދި
ވަހީދު، 2014). ސިލިކަން މަދުވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަށިތައް
ދެރަވުން، އިސްތަށިގަނޑު ތުނިވުން، ހަމުގައި ރޫޖެހުން، އަދި ނިޔަފަތިތައް
ބިންދައިގެންދިއުން ފަދަ ކަންތައްތައް ހިމެނެއެވެ (އޯގެނިކް ފެކްޓްސް، 2022).
ސިލިކަން
ގިނަވުން
ސިލިކަން
އަކީ ގިނައިން ކެއުމަކުން ވިހަވާ އެއްޗެއް ކަމެއް އަދި އެނގޭކަން ނެތެވެ.
އެހެންކަމުން ކާނާ މުއްސަދި ކުރުމުގެ ގޮތުން ސިލިކަން ހުންނަ ބޭހެއް
މާގަމައިން(މާބަނޑުމީހުން) ނާއި، ކިރުމައިން ކެއުން ރަނގަޅެއް ނޫނެވެ (ސާލިހު އަދި
ވަހީދު، 2014).
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް
ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު
ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު :
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
·
https://www.organicfacts.net/health-benefits/minerals/health-benefits-of-silicon.html
No comments:
Post a Comment