ނިކަލް
ނިކަލް(nickel) އަކީ ހަށިގަނޑަށް ބޭނުންވާ ޒާރީ ވަށްތި(trace element) ތަކުގެ
ތެރޭގައި ހިމެނޭ މާއްދާ އެކެވެ. ނިކަލް އަކީ ހުދު ރިހި ކުލައިގެ ދަޅައަކާއި އެކު
ކުޑަ ރަންކުލައެއް ފާއްދާލާ މައުދަނެކެވެ (ސާލިހު އަދި ވަހީދު، 2014). މިއީ
ފެނާއި، ވެލި އަދި ކާބޯތަކެތީގައި ވެސް ހުންނަ މައުދަނެކެވެ
(އުޔިރުއޮންލައިން.އިން، 2022).
ވަރަށް ގިނަ
އެހެން މައުދަނަށް ހަރުކަން ގެނައުމަށް ނިކަލް އެއްކުރެއެވެ. އެހެންކަމުން
އާންމުކޮށް ގެންގުޅޭ މައުދަނީ ގަހަނާއާއި، ވަކި ލާރި އާއި، ތަޅުދަނޑި ފަދަ
ތަކެތީގައި މިމާއްދާ ހުރެއެވެ. ނިކަލް އަކީ ގައިގައި އުގުޅުމުން އަދި ބައެއް
މީހުން ކެއުމުން ނޭސަރު ނުވަތަ އެލާޖީވާ މާއްދާ އެކެވެ. ބެލެވިފައިވާ ގޮތުގައި
އާބާދީގެ %15 މީހުންނަކީ ނިކަލް އަށް ނޭސަރުވާނެ މީހުންނެވެ. އެހެން ނަމަވެސް މިއީ
ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާބޯތަކެތީގައި ހިމަނަންޖެހޭ 21 ވައްތަރުގެ
ކަނީޒުގެ ތެރެއިން މާމަދުން ބޭނުންވާ ޒާރީ ވަށްތި ނުވަތަ އުންސުރެކެވެ (ސާލިހު
އަދި ވަހީދު، 2014).
ނިކަލްގެ
މަސްދަރު
ތަރުކާރީގައި
ނިކަލް ހުންނަވަރު ގިނަކަން ފާހަގަކުރެވެއެވެ. ނިކަލް ގިނައިން ހުންނަ ތަކެތީގެ
ތެރޭގައި ތޮޅިއާއި، ތޮޅިއޮށް، ކިރު ބުސްތާން (ކެއުމަށް ބޭނުންނުކުރާ ބޯތޮށިގަނޑެއް
އޮންނަ ކާއޮށެއް. މިސާލަކަށް ރަންބުސްތާން، މަބުސްތާން) ކޮޕީފަތް، ލެޓިސް ފަތް، އަދި އެކިވައްތަރުގެ މަދު ހިމެނެއެވެ. އަދި
ކޮކޯ ޕައުޑަރު އާއި ބޭކިން ޕައުޑަރު ނުވަތަ ފޯޑަރުގައި ވެސް ނިކަލް ގިނައަދަދަކަށް
ހުރެއެވެ (ސާލިހު އަދި ވަހީދު، 2014).
މީގެ އިތުރުން އާމަންޑް މަދު، އަދި ޗޮކްލެޓް ގައި ވެސް ނިކަލް ހުރެއެވެ
(އުޔިރުއޮންލައިން.އިން، 2022).
100ގ ގައި |
މައިކްރޯގްރާމް |
100ގ ގައި |
މައިކްރޯގްރާމް |
ކޮކޯފުށް |
980 |
ބިންބި |
500 |
އަކުރޯދުމަދު |
510 |
ޑިނގާ |
500 |
ބަދަންމަދު |
510 |
ޗޮކްލެޓް |
260 |
ބިންމަދު |
510 |
ވިލާތުބަށި |
100 |
ކެށޫމަދު |
510 |
އަލަނާސި |
100 |
ނިކަލްގެ
ވަޒީފާ
ހަށިގަނޑުގައި
ނިކަލް އަދާކުރާ ދައުރު ކަނޑައެޅިގެން އަދި ހޯދިފައެއް ނެތެވެ. މިއީ ދިރުތަކުގައި
ވާރުތީ ސާމާރު ނުވަތަ ވާރުތީ ވިސަތައް (ވާރުތަވާ ޖިސްމާނީ އަދި ޝަޚްޞީ ސިފަތައް) އަށެގެންނެވުމަށް
ބޭނުންވާ މާއްދާއެއްކަމަށް ބެލެވެއެވެ(ސާލިހު އަދި ވަހީދު، 2014). އެހެންކަމުން
ހަށިގަނޑުގައި ނިކަލް ބޮޑަށް ހުންނަނީ ހަށިގަނޑުގައި ހިމެނޭ ނިއުކްލިކް އެސިޑް
ޚާއްޞަކޮށް ދިރުތަކުގައި ހުންނަ ރައިބޯނިއުކްލިކް އެސިޑްތަކުގައެވެ
(އުޔިރުއޮންލައިން.އިން، 2022). ހަށިގަނޑުގައި ހުންނަ ޕްރޮޓީން އާއެކު ނިކަލް
މަސައްކަތްކުރެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ގުލްކޯޒު ބޭނުން ހިފޭގޮތް ހެދުމަށް
މަސައްކަތްކުރާ ޅިންތާ ނުވަތަ އެންޒައިމް ތަކާއެކު ހަރަކާތްތެރިވެއެވެ. ނިކަލް
އަކީ މާމަދުން ހޭކިލާފައި ހުންނަ ޒާރީ ވަށްތިތަކެކޭ އެއްގޮތަށް ހަށިގަނޑުގެ
ޅިންތާ(އެންޒައިމް) ތަކުގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ މާއްދާ އެއް
ކަމަށް ބެލެވެއެވެ (ސާލިހު އަދި ވަހީދު، 2014). އުރަމަތިން ބޭރުވާ ކިރު
އުފެއްދުމުގައި ބައިވެރިވާ ޕްރޯލެކްޓިން ހޯރމޯން އުފެދުމުގައި ވެސް ފަހަރުގައި
ނިކަލް ބައިވެރިވެދާނެ ކަމަށް ބެލެވިފައި ވެއެވެ. މީގެ އިތުރުން ހަށިގަނޑަށް
ދަގަނޑު ނެގުމުގައި ވެސް ނިކަލް ބައިވެރިވެއެވެ. ހަކުރާއި، އެޑްރިނަލިން ގިރިބިން
ކުރުމުގައި ވެސް ނިކަލް ހިއްސާވެއެވެ . ސަރުބީ އާއި، ދިރުތަކުގެ ތުނާލިތަކާއި،
އަދި އެކި ހޯރމޯންތަކުގެ މަސައްކަތުގައި ވެސް ނިކަލް އެހީތެރިވެދެއެވެ ކަށިތައް
ވަރުގަދަކުރުމާއި، ލޭގެ ރަތްސެލްތައް އުފެއްދުމުގައި ވެސް ނިކަލް ބައިވެރިވެއެވެ (އުޔިރުއޮންލައިން.އިން،
2022).
އިންސާނާގެ
ހަށިގަނޑުގައި ނިކަލް
އާދައިގެ ރޫފައެއްހުރި
ބޮޑު މީހެއްގެ ހަށިގަނޑުގައި ނިކަލް އެކުލެވިގެންވަނީ ގާތްގަނޑަކަށް 10 މިލިގްރާމް
ގެ މިންވަރަށެވެ. އަދި ހަށިގަނޑުގައިވާ ގިނަ ސެލޯށި ތަކުގައި ނިކަލް
އެކުލެވިގެންވެއެވެ (ސާލިހު އަދި ވަހީދު، 2014). ހަށިގަނޑަށް އެތެރެވާ ނިކަލް
ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ދެއެވެ. ނަމަވެސް އެންމެ ގިނައިން ދަނީ ކަށިތައް،
ގުރުދާ، އަދި ފުއްޕާމެޔަށެވެ. ފުއްޕާމެޔަށް ދަނީ ކަރަނބުވެފައިވާ ވައިގެތެރެއިން
ނޭވާލާ ނިޒާމަށް ހިނގައްޖެނަމަ އެވެ. ލޭގެތެރެއަށް ދާ ނިކަލް ހަށިގަނޑުން ބޭރުވަނީ
ކުޑަކަމު ނަޖިހުގެ ތެރެއިންނެވެ. ކާބޯތަކެތިން އެތެރެވާ ނިކަލް ހަށިގަނޑުން
ބޭރުވަނީ ބޮޑުކަމު ނަޖިހާއެކުގައެވެ. ނަމަވެސް އެންމެ އާންމުކޮށް ހަށިގަނޑުން
ނިކަލް ބޭރުވަނީ ކުޑަކަމު ނަޖިހާއެކުގައެވެ. ބޮޑުކަމު ނަޖިހާއެކު ބޭރުވަނީ
ހަށިގަނޑަށް އެތެރެވި ނަމަވެސް ހަޖަމުނުވެ ހުންނަ ނިކަލް އެވެ.
ކެއުމަށް
ލަފާދޭ މިންވަރު
ނިކަލްގެ
ކަނޑައެޅިފައިވާ ވަކި ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) އެއް
ނޯވެއެވެ. ދުވަހެއްގެ ކެއުމުގައި ނިކަލް ހިމަނަންޖެހޭ މިންވަރާއި މެދު ތަފާތު
އަދަދުތައް ހުރެއެވެ. މިއަދަދުތައް ހިމެނެނީ 170 އާއި 700 މައިކްރޯގްރާމް އާއި
ދެމެދުގައެވެ. ކާނާގައި ހުންނަ ނިކަލް ހަށިގަނޑަށް ނެގެނީ %10-1 އާއި
ދެމެދުގައެވެ. ހުރިހާ މުއްތިދާރުން ވެސް ލަފާދެއްވަނީ ދުވާލަކު ނިކަލް 1
ގްރާމަށްވުރެ ގިނައިން ނުކެއުމަށެވެ. ހަށިގަނޑަށް ނިކަލް ތަހައްމަލުކުރެވޭ ގިނަ
މިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު 1000 މައިކްރޯގްރާމް ނުވަތަ 1
މިލިގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014).
ނިކަލް
މަދުވުން
ނިކަލް
ހަށިގަނޑުން މަދުވުމަކުން އެއްވެސް އަލާމާތެއް އަދި ނުރައްކަލެއް ވެސް ދިމައެއް
ނުވެއެވެ. ނަމަވެސް ގުރުދާ އަދި ފުރަމޭގެ ބަލިތައް ޖެހިފައިވާ މީހުންގެ ލޭގައި
ނިކަލް ހުންނަވަރު މަދުވެފައި ހުންނަކަން ފާހަގަ ކުރެވިފައި ވެއެވެ (ސާލިހު އަދި
ވަހީދު، 2014). ނިކަލް މަދުވުން ކުރިމަތިވަނީ ލޭގައި އެކަށޭނަ ވަރަށް ނިކަލް
ނުހުރެއްޖެނަމަ އެވެ (އުޔިރުއޮންލައިން.އިން، 2022).
ނިކަލް
ގިނަވުން އަދި ނިކަލްއަށް ނޭސަރުވުން
ނިކަލް އަކީ
ގައިގައި އުގުޅުމުން އަދި ބައެއް މީހުން ކެއުމުން ނޭސަރު ނުވަތަ އެލާޖީވާ މާއްދާ
އެކެވެ. ބެލެވިފައިވާ ގޮތުގައި އާބާދީގެ %15 މީހުންނަކީ ނިކަލް އަށް ނޭސަރުވާނެ
މީހުންނެވެ. ނިކަލް ހަށިގަނޑުގައި ގިނަވެގެން
ވިހަވާވަރެއް ވެސް އެނގޭކަން ނެތެވެ. ކާބޯތަކެތީގައި ހުންނަ ނިކަލް
ގިރިބިންކޮށްދޭލެން މަދުކަމުން އަނގައިން ކައިގެންނެއް މިމާއްދާއަށް ވިހަވާނޭ
ކަމަކަށް ނުވެއެވެ. އެކަމަކު މިއީ ވަރަށް ގިނަ މީހުން ގެ ހަމުގައި ކޭތުމުން
ނޭސަރުވާ އެއްޗެކެވެ. ބައެއް ގަހަނާގައި މިމާއްދާ ހުންނާތީ އާންމުކޮށް ޖެހިފައި
ހުންނަ ތަންތަނުން ބިހިނަގާ ކަހާގޮތް ވެއެވެ. މިސަބަބާހުރެ ބައެއް އަތުކުރީގަޑީގެ
ތޮށިގަނޑު ހަދާފައި ހުންނަނީ ނިކަލް ނުލައި ނުވަތަ ނިކަލް ފްރީކޮށެވެ.
ހަމައެފަދައިން އަގޮޓި އަދި ކަންފަތުގައިލާ މުދި އަދި އުޅާ ވެސް ނިކަލްއާއި ނުލައި
ހަދައެވެ. ނިކަލް އަށް ނޭސަރުވާ މީހުންގެ ޖީބުގައި ތަޅުދަނޑިފަތި ބޭއްވުމާއި،
ވަކިލާރި ގެންގުޅުން މަދުކުރުން ރަނގަޅެވެ. އެއީ ތުނި ފޮތީގެ ތެރެއިން ވެސް
ނިކަލްގެ އަސަރު ހަމަށްކުރާތީ އެވެ. ނިކަލްއަށް ނޭސަރުވާ މީހުން ނިކަލް ހުންނަ
ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ޗޮކްލެޓް ، ކޮކޯ ފަދަ ތަކެތި މާގިނައިން ކާނަމަ،
ނޭސަރު ވެދާނެ އެވެ. އެހެންކަމުން ނިކަލް އަށް ނޭސަރުވާ މީހުން ނިކަލް ގިނައިން
ހުންނަ ތަކެތި ( މިސާލަކަށް ކޮކޯފުށް، އަކުރޯދުމަދު، ބަދަންމަދު، ބިންމަދު،
ކެށޫމަދު، ބިންބި، ޑިނގާ، ޗޮކްލެޓް، ވިލާތުބަށި، އަލަނާސި) ކެއުމުން ދުރުހެލިވާންޖެހެއެވެ
(ސާލިހު އަދި ވަހީދު، 2014).
ދިރާސާތަކުން
ދައްކަނީ ޑެންމާކު، ފިންލެންޑް ފަދަ ގައުމުތަކުގައި ދިރިއުޅޭ އަންހެނުންގެ 10
އިންސައްތަ މީހުން އަދި ފިރިހެނުންގެ 2 އިންސައްތަ މީހުން ނިކަލް އަށް ނޭސަރުވާ
ކަމަށެވެ. އާންމު ގޮތެއްގައި ބަލަނީ އާބާދީގެ 15އިންސައްތަ މީހުން ނިކަލް އަށް
ނޭސަރުވާ ކަމަށެވެ. ކުއްތާ އާއި މުސަޅު ނިކަލް ކެއުމުން ވިހަވާކަން 1826 ވަނަ
އަހަރު ހޯދިފައި ވެއެވެ. އެކަމަކު އޭގެ 90 އަހަރު ފަހުން 1936 ވަނަ އަހަރު
ނިކަލްގެ ކުޑަ މިންވަރެއް އިންސާނުންނަށް ބޭނުންވާކަން ސައިންސްވެރިންނަށް އެނގުނެވެ.
އަދި 1970 ވަނަ އަހަރު ނިކަލް އަކީ އިންސާނާގެ ހަށިގަނޑުގައި ކޮންމެހެން
ހުންނަންޖެހޭ އެއްޗެއްކަން ސާބިތުކުރެވުނެވެ(ސާލިހު އަދި ވަހީދު، 2014).އާދަޔާ
ޚިލާފަށް ނިކަލް ހުންނަންޖެހޭވަރަށްވުރެ ގިނަވެއްޖެނަމަ، ތައިރޮއިޑް އާއި ކެންސަރު
އަދި ހިތުގެ ބަލިތައް ޖެހޭގޮތް ދިމާވެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު
އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ
"މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟"
މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި
އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
ހަވާލާ
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު ޞާލިހް، ޑރ
ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014.
މިނިސްޓްރީ އޮފް ހެލްތު
No comments:
Post a Comment