Saturday, November 2, 2024

ކުޑަކުދިން އާދަޔާ ޚިލާފަށް ބަރުހެލިވުން

ކުޑަކުދިން އާދަޔާ ޚިލާފަށް ބަރުހެލިވުން

ކުޑަކުދިން އާދަޔާ ޚިލާފަށް ފަލަވެ، ހަށިގަނޑު ބަރުހެލިވު(childhood obesity)މަކީ ކުޑަކުދިންނާއި ފުރާވަރު ކުދިންނަށް ދިމާވާ ޞިއްހީ މައްސަލަ އެކެވެ. މިގޮތަށް އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަކީ އެކަމުގެ ސަބަބުން ތަފާތު ޞިއްހީ މައްސަލަތައް ފެންމަތިކުރުވާނެ ކަމެކެވެ. އޭގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި، ތަފާތު ނަފްސާނީ މައްސަލަތައް ހިމެނެއެވެ.

ޗައިލްޑްހުޑް އޮބޭސިޓީ ކަމުގައި ބެލެވެނީ ކުއްޖާގެ އުމުރު، ޖިންސް، އަދި އިސްކޮޅާއި ބަރުދަނާއި އަޅާ ބަލާއިރު ބީއެމްއައި ހުންނަންޖެހޭ މިންގަނޑަށްވުރެ މަތީގައި ހުރުމެވެ. އެގޮތުން 2 އަހަރުން މަތީގެ ކުދިންނަށް ބީއެމްއައި 95 ޕަސެންޓައިލް އަށްވުރެ މަތީގައި ހުރިނަމަ އެއީ އޮބޭސިޓީ ކަމުގައި ބެލެވިދާނެއެވެ.


ސަބަބު

ކޮންމެ ކުއްޖަކަށް ވެސް ހަކަތަ ބޭނުންވަނީ ދުވާލެއްގެ މައްޗަށް ވަކި ވަރަކަށެވެ. ނަމަވެސް އާންމުކޮށް އުޅޭ އުޅުމުގެ ކެއުމުގެ ތެރެއިން މާގިނައިން ހަކަތަ އެތެރެވާނަމަ، އެހަކަތަ ހަށިގަނޑުގައި ރައްކާކުރެއެވެ. ނޫނީ ކޮށާރު ކުރެއެވެ.

އާދަޔާ ޚިލާފަށް ފަލަވާން މެދުވެރިވަނީ ގިނަ ފަހަރު ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ ބައެއް އާދަތަކުގެ ސަބަބުންނެވެ. އެގޮތުން ހެލިފެލިވެއުޅުން މަދުވުމާއި، ކަސްރަތު ނުކުރެވުމާއި، މާގިނައިން ކެއުމާއި، ކާއިރު ފޮނިކާތަކެތި އަދި ހަކުރުއެޅި ބުއިންތައް ގިނައިން ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ވިރާސީ ގޮތުން ފަލަވުން މެދުވެރިވާ ފަދަ ޖީން އެއް ހަށިގަނޑު ހުރުމާއި، ހޯރމޯން އަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް އާދަޔާ ޚިލާފަށް ފަލަވާގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އާދަޔާ ޚިލާފަށް ފަލަވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކެއިންބުއިން : ހަކަތަ ގިނައިން އެކުލެވޭ ކާބޯތަކެތި މިސާލަކަށް ޖަންކު ފުޑް، ފޮނިކާތަކެތި، އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ފަދަ ހަކުރުއެޅި ބުއިންތައް ބޭނުންކުރުމަކީ އާދަޔާ ޚިލާފަށް ހަށިގަނޑު ފަލަވެ، ބަރުހެލިވުމަށް މަގުފަހިކުރާ ކަމެކެވެ. އާންމުކޮށް ފެންނަ ބުއިންތައް މިސާލަކަށް ކޮކާކޯލާ، ފެންޓާ، ރެޑްބުލް، ފަދަ ބުއިންތަކާއި، ކުދިންނަށް އިންޓަވަލްއަށްދޭ ޖޫސް ޕެކެޓް ތައް ފަދަ ބުއިންތަކުގައި އާންމު ގޮތެއްގައި ސުކޫލް އުމުރުފުރާގެ ކުއްޖަކަށް ހަށިގަނޑަށް ދުވާލަކަށް ލިބެންޖެހޭ ވަރަށް ވުރެ ގިނައިން ހަކުރު ހުރެއެވެ.

(ށ) ކަސްރަތު ނުކުރެވުން : އެކަށޭނަ ވަރަށް ހެލިފެލިވެއުޅުން މަދުވުމާއި ކަސްރަތު ނުކުރެވުމަކީ ވެސް ކުޑަކުދިންނާއި، ފުރާވަރު ކުދިން ފަލަވުމަށް މަގުފަހިވާ ކަމެކެވެ. ސަބަބަކީ ހަށިގަނޑުން ސަރުބީ އެންދުމަށް އެއްވެސް ކަހަލަ ކަސްރަތެއް މިއުމުރުފުރާ ގެ ކުދިން ނުކުރުމެވެ. މިސާލަކަށް ޓީވީ ބެލުން، ފޯނާއި ކުޅުން ފަދަ ގޮތްގޮތުން ސްކްރީން މީޑިޔާ ބޭނުންކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކީ ހެލިފެލިވެއުޅުން މަދުވެ، ފަލަވުމަށް މަގުފަހިކުރާ ކަމެކެވެ. އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ކުދިން ސުކޫލުން ގެޔަށް ދާ ގޮތަށް އެއްވެސް ކަސްރަތެއް ކޮށްނުލައި، ގޭގައި އަބަދު އޮށޯވެ ނޫނީ އިށީދެގެން ތިބޭކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ބުނާނަމަ ކާން ނޫނީ ކިޔަވާން ވެސް ގިނަކުދިން ތިބެނީ އިށީދެ ނޫނީ އޮށޯވެގެންނެވެ.

(ނ) އާއިލާގެ ތެރެއިން ފަލަވުން ވާޞިލްވަމުން އައުން : އާއިލާގެ މެންބަރުންނަކީ ކުރިން ވެސް ފަލަކޮށް ތިބޭ ބައެއް ނަމަ، އެކުއްޖަކު ފަލަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ ފަހަރު މިގޮތަށް ދިމާވަނީ ފަލަވުމަށް މެދުވެރިވާ ޖީން އެއް މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވެފައި ހުންނާތި ކަމަށް ވެދާނެ އެވެ. އަދި މިފަދަ އާއިލާތަކުގެ މެންބަރުން ކަސްރަތު ނުކުރުމާއެކު، ކެއުން ބުއިމުގައި ހަކަތަ ގިނަ ކާބޯތަކެތި ބޭނުންކުރާނަމަ ފަލަވެގެން ދިއުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

(ރ) ނަފްސާނީ މައްސަލަތައް : ކުއްޖާގެ ކިބައިގައި، މައިންބަފައިންގެ ކިބައިގައި ނޫނީ އާއިލާގެ ތެރޭގައި ނުތަނަވަސްވުމާއި، ފިކުރުބޮޑުވުން ފަދަ ކަންތައްތައް އިތުރުނަމަ، އެކަމުގެ ސަބަބުން ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ފަލަވުމަށް މަގުފަހިކުރުވައެވެ. އާންމު ދިރިއުޅުމުގައި ދިމާވާ ފޫހިކަމާ، މާޔޫސްކަމާ، މޮޅިވެރިކަން އަދި ފިކުރުތަކުން ސަލާމަތްވުމަށް ބައެއް ކުދިންނާއި، މީހުން މާގިނައިން ކާ ކަން ފާހަގަ ކުރެވެއެވެ. އޭގެ ނަތީޖާ އަކީ އާދަޔާ ޚިލާފަށް ފަލަވެގެން ދިއުމެވެ.

(ބ) ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : ބައެއް ކަހަލަ ބޭސްތައް މިސާލަކަށް ސްޓީރޮއިޑް އެމިޓްރިޕްޓަލިން ޕެރޮކްސީޓިން އަދި ނާރުގެ ބޭހެއް ކަމުގައިވާ ގާބާޕެންޓިން އަދި ލޭމައްޗަށްދާތީ ބޭނުންކުރާ ބޭހެއް ކަމުގައި ޕްރޮޕްރަނޮލޯލް ބޭނުންކުރުމަކީ ފަލަވުމަށް މަގުފަހިކުރާ ކަމެކެވެ.

ވިރާސީގޮތުން މަގުފަހިކުރާ ކަންތައްތައް

·         އާއިލާގެ ތެރޭގައި ފަލަކަން ވާރުތަވަމުން އައުން – މިސާލު އާއިލާގެ ގިނަ މެންބަރުންނަކީ ފަލަމީހުންކަމުގައިވުން

·         މާބަނޑު ވުމުގެ ކުރިން މައިމީހާ އާދަޔާ ޚިލާފަށް ފަލަވުން

·         މާބަނޑު ދުވަސްވަރު މަންމައަށް ހަކުރުބަލި ތަހައްމަލުކުރަންޖެހިފައިވުން

·         މާބަނޑު ދުވަސްވަރު މައިމީހާ އާންމުކޮށް ބަރުވާންޖެހޭ ވަރަށް ވުރެ އިތުރަށް ބަރުވުން

އާއިލާގެ ތެރެއިން ދިމާވެދާނެ ކަންތައްތައް

·         ކެއުމަށް ބޭނުންކުރެވޭ ކާބޯތަކެތީގެ ބާވަތްތައް – ހަކުރު ގިނަ، ތެޔޮ ގިނަ ކާނާ ކެއުން

·         ހަކުރުއެޅި ބުއިންތައް ބޭނުންކުރުން

·         ކާ ކޮންމެ ފަހަރަކު އާދަޔާ ޚިލާފަށް ގިނައިން ނޫނީ މާގިނައިން ކެއުން

·         ސްނެކް ގެ ގޮތުގައި ވެސް ޕްރޮސެސް ފުޑް އާންމުކޮށް ބޭނުންކުރުން ނޫނީ ޖަންކް ފުޑް ބޭނުންކުރުން

·         އަބަދު ބޭރުން ކެއުން

·         ސްކްރީން ޓައިމް އިތުރުވުން

·         ހަރަކާތްތެރިކަން މަދުވުން

·         ނިދި މަދުވުން

·         ދުންފަތުގެ ދުމަށް ހުށަހެޅުން

އިޖުތިމާއީ ގޮތުން މަގުފަހިކުރާ ކަންތައްތައް

·         ރަނގަޅު ކާބޯތަކެތީގެ އަގުބޮޑުވުން

·         ޕްރޮސެސް ޖަންކު ފުޑް ފަސޭޙައިން ލިބެންހުރުން

·         ރަނގަޅު ކާބޯތަކެތި ލިބެން ނެތުން

·         ކުޅިވަރުކުޅެ ކަސްރަތުކޮށް ހަދާނެ ތަން ނެތުން

ބައެއް ކަހަލަ ބަލިތައް

·         ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ފަލަވުމަށް މަގުފަހިވާ ހާލަތްތައް

o       ތައިރޮއިޑް ދަށްވުން

o       ކުޝިންގ ސިންޑްރޯމް : އެޑްރީނަލް ކޯޓެކްސްގެ މަސައްކަތް ހަލުވި، ކޯޓިޒޯލް ދޫކުރުން އިތުރުވުމުން ދިމާވާ ބައްޔެއް!

o       ހައިޕޯތަލަމަސް ގައި ޓިއުމަރެއް އުފެދުން –

o       ގްރޯތު ހޯރމޯން ޑެފިސިއެންޝީ ކުރިމަތިވުން

·         ވިރާސީގޮތުން ކުރިމަތިވާ ބައެއް ހާލަތްތަކުގެ ސަބަބުން ފަލަވުމަށް މަގުފަހިވާ ހާލަތްތައް

o       ޕްރޭޑަރ ވިލީ ސިންޑްރޯމް

o       ބްރެޑެޓް ބީޑްލް ސިންޑްރޯލް

o       އަލްސްޓްރޯމް ސިންޑްރޯމް

o       އުފެދުމުގައި ލެޕްޓިން (ބަރުދަން ކޮންޓްރޯލްކުރުމަށް އެހީވެދޭ ހޯރމޯން އެއް) މަދުވުން

އަލާމާތްތައް

ފެންނަ ފެނުމަށް ބަރުކޮށް ހުންނަ ކޮންމެ ކުއްޖަކީ އަދި ފަލަކުއްޖެކޭ ނުބުނެވޭނެ އެވެ. ނޫނީ އާދަޔާ ޚިލާފަށް ބަރުދަން އިތުރު ކުއްޖެހޭ ނުބުނެވޭނެ އެވެ. ބައެއް ކުދިން އާންމުކޮށް އުމުރުގެ އެހެން ކުދިންނާއި އަޅާ ބަލާއިރު ތަންކޮޅެއް ބިޔަކަމަށް ނޫނީ ބަރުކަމަށް ފެންނަ ފެނުމަށް ހީވެދާނެ އެވެ. އަދި ހެދިބޮޑުވުމުގެ އެކި މަރުހަލާތަކާ ދުވަސްވަރަކަށް ރިއާޔަތްކޮށް އެކި ކުދިންގެ ގައިގައި ސަރުބީ ހުންނަ މިންވަރު ތަފާތު ވެދާނެ އެވެ. އެހެންކަމުން ކުއްޖާ ބޭރު ފުށުން ފެންނަ ފެނުމަށް ބަލާފައި އަދި އެއީ އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލި ފަލަކުއްޖެކޭ ބުނަން އުދަނގޫވެދާނެ އެވެ.

މީހެއްގެ ނޫނީ ކުއްޖެއްގެ ބަރުދަން ހުންނަށްޖެހޭ ވަރަށްވުރެ ބަރުކަމަށް ބަލަނީ އެކުއްޖާގެ ބަރުދަނާއި އިސްކޮޅު އަޅާ ކިޔާ ބަލާ މިންގަނޑަކުންނެވެ. މިމިންގަނޑަށް ކިޔަނީ "ބޮޑީ މާސް އިންޑެކްސް" ނުވަތަ "ބީއެމްއައި" އެވެ. އާންމު ގޮތެއްގައި ބޮޑެތި މީހުންގެ ކަލްކިޔުލޭޝަން ހަދައިގެން ބީއެމްއައި ހޯދިޔަސް ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ބީއެމްއައި ބަލަނީ އެކަމަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ ޗާޓަކުންނެވެ. އާންމު ގޮތެއްގައި ބީއެމް އައި ހުންނަންޖެހޭ އެންމެ އެދެވޭ މިންގަނޑަކީ 24.9 -18.5 އާއި ދެމެދެވެ. 18.5 އަށްވުރެ ދަށްނަމަ އެއީ މާ ބަރުދަން ލުއިކަމަށް ބެލެވޭނެ އެވެ. 30-25 އާއި ދެމެދު ހުރެއްޖެނަމަ އެއީ ތަންކޮޅެއް ބަރު ކަމުގައި ބެލެވޭނެ އެވެ. އަދި 30 އަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔަށް ޚިލާފަށް ބަރު ނޫނީ އޮބޭސިޓީ ކަމުގައި ބެލެވޭނެ އެވެ.

އާންމު ގޮތެއްގައި ކުޑަކުދިންނާއި ފުރާޥަރު ކުދިންގެ ބީއެމްއައި ބަލަނީ ޗާޓު ބޭނުންކޮށްގެންނެވެ. ޗާޓު ހުންނަނީ ބަރުދަން އަދި އިސްކޮޅު އެނގޭނެ ގޮތަށް ބައްޓަންކޮށްފައެވެ. އެގޮތުން ޗާޓުން ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރިނަމަ އެއީ ހުންނަންޖެހޭ މިންވަރަށް ވުރެ ބަރު ކަމުގައި ބެލެވެއެވެ. އަދި 95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔާ ޚިލާފަށް ފަލަވެ ބަރުހެލިވުން ނުވަތަ އޮބެސިޓީ ކަމުގައި ބެލެވެއެވެ. 99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތިނަމަ އޭގެ މާނައަކީ ސިވިއަރ އޮބޭސިޓީ އެވެ.

ދިމާވެދާނެ ނުރައްކާތައް

ޖިސްމާނީ ނުރައްކާތައް

·         ހަކުރުބަލިޖެހުން

·         ލޭމައްޗަށްދިއުން

·         ލޭގެ ސަރުބީ މަތިވުން

·         ހުޅުތަކުގެ މައްސަލަތައް : ހުޅުތަކުގައި ރިހުން

·         ނޭވާލުމުގެ މައްސަލަތައް : ނޭވާކުރުވުން ، ނިދީގައި ނޭވާހުއްޓުން

·         ފުރަމޭގައި ސަރުބީ ޖެހުން

·         އޯވަރީގައި ސިސްޓް އުފެދުން

·         ޑިޕްރެޝަން

އިޖުތިމާޢީ ގޮތުން ދިމާވާ މައްސަލަތައް

·         ހަނގާކުރުން އަދި ގަނާކުރުން

·         މަލާމާތްކުރުން / ފުރައްސާރަކުރުން

·         އަމިއްލަ ނަފުސަށް އިތުބާރު ކުޑަވުން

·         ހާސްވެ ކަންބޮޑުވުން

·         މާޔޫސްވެ މޮޅިވެރިވެ، ދެރަވުން

ދެނެގަތުން

ކުޑަކުދިންނާއި ފުރާވަރުކުދިން އާދަޔާ ޚިލާފަށް ފަލަކަމަށް ގަބޫލުކުރެވޭނަމަ އެކަން ޔަގީންކުރުމަށް ނޫނީ އިސްކޮޅާއި އުމުރާއި އަޅާ ބަލާއިރު ބަރުދަން އިތުރުތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިދާނެއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުން ގިނަ ފަހަރު ބޮޑީ މާސް އިންޑެކްސް ނުވަތަ ބީއެމްއައި ބަލައި ޗެކުކުރާނެއެވެ. އާންމު ގޮތެއްގައި ކުޑަކުދިންނާއި ފުރާވަރު ކުދިންގެ ބީއެމްއައި ބަލަނީ ޗާޓު ބޭނުންކޮށްގެންނެވެ. ޗާޓު ހުންނަނީ ބަރުދަން އަދި އިސްކޮޅު އެނގޭނެ ގޮތަށް ބައްޓަންކޮށްފައެވެ. އެގޮތުން ގްރޯތު ޗާޓުން ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރިނަމަ އެއީ ހުންނަންޖެހޭ މިންވަރަށް ވުރެ ބަރު ކަމުގައި ބެލެވެއެވެ. އަދި 95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތިނަމަ އެއީ އާދަޔާ ޚިލާފަށް ފަލަވެ ބަރުހެލިވުން ނުވަތަ އޮބެސިޓީ ކަމުގައި ބެލެވެއެވެ. 99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތިނަމަ އޭގެ މާނައަކީ ސިވިއަރ އޮބޭސިޓީ އެވެ. އަދި 80 ޕަސެންޓައިލްގައި ހުރިނަމަ އޭގެ މާނައަކީ އެކުއްޖެއްގެ ބީއެމްއައި ހުންނާނީ ހުންނަށްޖެހޭ ވަރަށް ވުރެ ދަށުގައެވެ. ނޫނީ އެކުއްޖެއްގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ ދަށްވުމެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ތައްޔާރުކޮށް އަމަލުކުރާ މިންގަނޑުތައް ތިރީގައި މިވަނީ އެވެ.

ޕަސެންޓައިލް

ދޭހަވާ މާނަ ނޫނީ ހާލަތު

ބީއެމްއައި 94 – 85 ޕަސެންޓައިލް ގައި ހުރުން

ބަރުދަން ހުންނަންޖޭ މިންވަރަށް ވުރެ އިތުރު

95 ޕަސެންޓައިލްއަށްވުރެ ބީއެމްއައި މަތީގައި ހުރުން

އާދަޔާ ޚިލާފަށް ބަރުދަން އިތުރުވެ، ފަލަވެ ބުރަހެލިވުން

99 ޕަސެންޓައިލް އަށްވުރެ ބީއެމްއައި މަތީގައި ހުރުން

ނުރައްކާތެރި ދަރަޖައަކަށް ބަރުދަން އިތުރުވެ، ފަލަވެ ބުރަހެލިވުން

 

ގްރޯތު ޗާޓުން ބީއެމްއައި ބެލުމުގެ އިތުރުން އަންނަނިވި ކަންތައްތަކަށް ޑޮކްޓަރުން ސަމާލުކަންދީ ބަލައި ޗެކުކުރާނެއެވެ.

·         އާއިލާގެ ތެރޭގައި ބަރުދަން އިތުރުވުން އަދި އެއާއި ގުޅުންހުރި މިސާލަކަށް ހަކުރުބަލި ފަދަ މައްސަލަތައް ހުރިތޯބެލުން

·         ދަރިފުޅުގެ ކެއުމުގެ އާދަ ގެންގުޅޭގޮތް

·         ދަރިފުޅުގެ ހަރަކާތްތެރިކަން ހުރިގޮތް

·         ދަރިފުޅުގެ ހުރި އެހެނިހެން ޞިއްޙީ މައްސަލަތައް

·         ނަފްސާނީ ދުޅަހެޔޮކަން ހުރިނެތްގޮތް

މީގެ އިތުރުން އަންނަނިވި ލޭގެ ޓެސްޓުތައް ހެދުމަށް ލަފާދީފާނެ އެވެ.

·         ލޭގައި ހަކުރުގެ މިންވަރު ހުރިނެތްގޮތް ބެލުން

·         ލޭގައި ސަރުބީގެ މިންވަރު ހުރިގޮތް ބެލުން

·         ބަރުދަން އިތުރުވެ ފަލަވުމާއި ގުޅިގެން ބަދަލު އަންނަ ހޯރމޯންގެ މިންވަރު ހުރިނެތްގޮތް ބެލުން

ފަރުވާ

ފަރުވާ ބަރޯސާވަނީ ކުއްޖާގެ އުމުރާއި ކުއްޖާގެ ކިބައިގައި ހުރި އެހެނިހެން ޞިއްޙީ މައްސަލަތަކަށެވެ. ފަރުވާގެ ތެރޭގައި ކުއްޖާގެ ކެއުމުގެ އާދަކާދަ އަށް ބަދަލުގެނައުން އަދި ހަރަކާތްތެރިކަމަށް ބަދަލު ގެނައުން ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ބޭސް ބޭނުންކުރަން ލަފާދީފާނެއެވެ. ނޫނީ ބަރުދަން ލުއިކުރުމަށް ހެދޭ ސާޖަރީ ހެދުމަށް ވެސް ލަފާދީފާނެ އެވެ.

ބޮޑީމާސް އިންޑެކްސް 94-85 ޕަސެންޓައިލް އާއި ދޭތެރޭގައި ހުންނަ ކުދިންނަށް ފަރުވާކުރުން

ބޮޑީމާސް އިންޑެކްސް 94-85 ޕަސެންޓައިލް އާއި ދޭތެރޭގައި ހުންނަ ކުދިންނަށް ނުވަތަ ހުންނަށްޖެހޭ ވަރަށްވުރެ ބަރުދަން ތަންކޮޅެއް އިތުރު ކުދިންނަށް (2 އަހަރުން މަތިނަމަ) ފަރުވާކުރުމުގައި ބާރުއަޅަނީ ބަރުދަން އިތުރުވިޔަ ނުދިނުމަށްޓަކައި ނޫނީ ބަރުދަން އިތުރުވުން ލަސްކުރުމަށްޓަކައި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށެވެ. މިގޮތަށް ހެދުމުން އިސްކޮޅުން ދެމުނަސް، ކުއްޖާގެ ބަރުދަން އިތުރުނުވެ، މަޑުމަޑުން ކުއްޖާގެ ބަރުދަން ނުވަތަ ބީއެމްއައި ހުންނަށްޖެހޭ މިންގަނޑަށް ދަށްވުމުގެ ފުރުޞަތު ބޮޑުވެ، ފަހިވެގެން ދެއެވެ.

ބޮޑީމާސް އިންޑެކްސް 95 ޕަސެންޓައިލް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ކުދިންނަށް ފަރުވާކުރުން

އުމުރުން 11-6 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ބޮޑީމާސް އިންޑެކްސް 95 ޕަސެންޓައިލް ނުވަތަ އެއަށްވުރެ މަތީގައި ހުންނަ ކުދިންނަށް ނުވަތަ އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލި، ފަލަކުދިންނަށް ފަރުވާކުރުމުގައި ބާރުއަޅަނީ ކެއުމަށް ބަދަލު ގެނެސްގެން މަޑުމަޑުން ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށެވެ. އެގޮތުން މަހަކު ބަރުދަނުން ލުއިކުރަން ޖެހޭނީ 2/1 ކިލޯ ގްރާމެވެ. އާދަޔާ ޚިލާފަށް ފަލަ، ބަރުހެލި ކުދިން ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި ބާރުއަޅަނީ ކެއުމަށް ބަދަލު ގެނެސް ހަފްތާއަކު ގިނަވެގެން 1 ކިލޯގްރާމް ބަރުދަނުން ލުއިކުރުމަށެވެ.

އާންމު ގޮތެއްގައި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ ބަރުދަން އެކަށޭނަ ވަރެއްގައި ހިފެހެއްޓުމަށް ބޭނުންކުރެވެނީ އެއް އުކުޅުތަކެކެވެ. އެގޮތުން މިންހެޔޮ ކާނާ ބޭނުންކުރުން (އެގޮތުން ކާ މިންވަރު، ކާބޯތަކެތީގެ ވައްތަރު)، އަދި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެއެވެ. ގިނަ ފަހަރު ބަރުދަން ލުއިކުރުން ކާމިޔާބުވެގެންދަނީ ކުއްޖާގެ ބަރުދަން ލުއިކުރުމަށް މައިންބަފައިންދޭ ޝައުގުވެރިކަމާ، ބަހައްޓާ ފަރުވާތެރިކަމާ، ކުއްޖާވެސް އަމަލީގޮތުން ކުރާ މަސައްކަތުގެ މައްޗަށެވެ.

މިންހެޔޮކޮށް ކެއުން

·         ތަރުކާރީ އާއި މޭވާގެ ބާޥަތްތައް ބޭނުންކުރުމަށް އިސްކަންދިނުން – 5 އަތްގޮށީގެ މިންވަރު ކޮންމެ ދުވަހަކު

·         ހަކުރު އެޅި ބުއިންތައް ދިނުން މަދުކުރުން

·         ޖަންކު ފުޑް /ފާސްޓް ފުޑް ބޭނުންނުކުރުން

·         އެންމެން އެކުގައި ކެއުން – ސްކްރީން މީޑިޔާ ބޭނުންކުރާއިރު ނުކެއުން – ގިނައިން ކެވުން، އަވަހަށް ކެވުން

·         އެތިކޮޅުކޮޅުން ކަމުން ގެންދިއުން

ޖިސްމާނީ ހަރަކާތްތެރިކަން

·         ސްކްރީން މީޑިޔާ ބޭނުންކުރުން މަދުކުރުން

·         ކޮންމެ ދުވަހަކު މަދުވެގެން  1 ގަޑިއިރު ކަސްރަތުކުރުން

·         ހެލިފެލިވެއުޅުމާއި ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން

ބޭސް ބޭނުންކުރުން

ބޮޑެތި ކުދިންނާއި، ފުރާވަރުކުދިންނަށް ބައެއް ފަހަރު ބަރުދަން ލުއިކުރުމަށް ބޭސް ބޭނުންކުރަން ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ.

ރައްކާތެރިވުން

·         މައިންބަފައިން ދަރިންނަށް ނަމޫނާ ބަޔަކަށްވުން : އެގޮތުން ކަސްރަތުކުރުން، މިންހެޔޮ ކެއުން އާދައަކަށް ހެދުން

·         ގޭގައި މިންހެޔޮކޮށް ކެވޭނެ ގޮތް ފަހިކޮށްފައި ބެހެއްޓުން އަދި މައިގަނޑު ކެއުމުގެ އިތުރުން މިންހެޔޮ ކެއުމުގެ ގޮތުގައި ބޭނުންކުރެވިދާނެ ޚިޔާރުތައް ފަހިކޮށްފައި ބެހެއްޓުން މިސާލު : ލޯފެޓް ޔޯގަޓް + މޭވާގެ ބާވަތްތައް + މޭވާ ތަރުކާރީގެ ބާވަތްތައް + ލޯފެޓް މިލްކް އަދި ސީރިޔަލް

·         އަލަށް އެއްޗެއް ކާންދޭން މަސައްކަތްކުރާއިރު ތަކުރާރުކޮށް އެތައް ފަހަރަކު އެލިބޭނެގޮތް ހަމަޖެއްސުން ނޫނީ ދިނުން : ސަބަބަކީ އެއް ފަހަރު ދެފަހަރު ދީގެން ކުދިން އަދި އެއެއްޗަކާ ގަޔާނުވެދާނެ އެވެ. އާންމު ގޮތެއްގައި ކުދިން އަލަށް ދޭ އެއްޗަކާ ގަޔާވުމަށް ގިނަ ދުވަސް ނެގުމަކީ ވެދާނެ ގޮތެކެވެ.

·         ދަރިންނަށް އިނާމެއް ދޭއިރު ކާއެއްޗެއް ނޫން އެހެން އެއްޗެއް ދިނުން : މިސާލަކަށް ބައެއް ފަހަރު ކުއްޖަކު ވަކި ކަމެއް ކުރުމުން މެޓާ، ޗޮކްލެޓް ނޫނީ ކޮންމެވެސް ޞިއްހަތާ އެހާ ރައްޓަހި ނޫން ކާބޯތަކެތި އިނާމެއްގެ ގޮތުގައި ދެވޭ ފަހަރު އާދެއެވެ. މިގޮތަށް ދޭ ކާބޯތަކެއްޗަކީ ޞިއްހީ ގޮތުން ރަނގަޅު ނޫން ތަކެއްޗަށް ވެފައި އެތަކެތި އާންމުކޮށް ބޭނުންކުރުމުން ކުއްޖާ ފަލަވެ ނޭދެވޭ އާދަ އެކުއްޖެއްގެ ކިބައިގައި އަށަގަތުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

·         ނިދި ފުރިހަމަކުރުމަށް ބާރުއެޅުން : ބައެއް ދިރާސާތަކުން ދައްކާގޮތުގައި ނިދިމަދުވުމަކީ ފަލަވުމަށް ބާރުއަޅާ ކަމެކެވެ. ނިދިމަދުވުމުން ހޯރމޯން އަންނަ ބަދަލުތަކުގެ ސަބަބުން ކާހިތްވުން އިތުރުވާކަން ހޯދިފައި ވެއެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

·         https://www.mayoclinic.org/diseases-conditions/childhood-obesity/symptoms-causes/syc-20354827

·         https://www.cdc.gov/obesity/php/data-research/childhood-obesity-facts.html 

No comments:

Post a Comment