Saturday, November 12, 2011

ލޭގެ ޕްލާޒްމާ


ލޭގެ ޕްލާޒްމާ
ލޭގެ ޕްލާޒްމާ(Plasma)  އަކީ ލޭގެ ސެލްތައް އެއެއްޗެއްގެ ތެރޭގައި ގެބިފައި ހުންނަ ދިޔަވަރެވެ. ނުވަތަ މިއީ ލޭގެ ދިޔާ ބައެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ލޭގެ ސެލްތައް އޭގެ ތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކޯރެވެ.  މުޅި ލޭގެ ވޮލިއުމްގެ 60-55 އިންސައްތަ އަކީ ޕްލާޒްމާ އެވެ. ޕްލާޒްމާ އަކީ ސާފު ރީނދޫ ކުލައަކަށް ހުންނަ ދިޔައެކެވެ.

ޕްލާޒްމާގެ 90 އިންސައްތަ އަކީ ފެނެވެ. 10 އިންސައްތަ އަކީ އެހެނިހެން މާއްދާތަކެވެ. އެހެނިހެން މާއްދާތަކުގެ ތެރެއިން 7.1 އިންސައްތަ އަކީ ''ޕްލާޒްމާ ޕްރޮޓީން''(Plasma protein) އެވެ. 2 އިންސައްތަ އަކީ ލިޕިޑް، ހޯރމޯން،ހަށި ދަމަނަތަކާއި، އެންޒައިމް، އަދި ތަފާތު ކާނާގެ މާއްދާތަކާއި، ހަށިގަނޑުން ބޭރުކުރަންޖެހޭ ބޭކާރު މާއްދާތަކެވެ. 0.9 އިންސައްތަ އަކީ ތަފާތު މައުދަންތަކެވެ. އޭގެ ތެރޭގައި ސޯޑިއަމް، ކެލްސިއަމް، ޕޮޓޭސިއަމް، ފޮސްފަރަސް،އަދި މެގްނީޒިއަމް އަދި މިނޫންަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ލޭގަނޑުވުމަށް އެހީވެދޭ ޕްރޮޓީން ( Clotting factors/ Clotting protein ) އާއި، އަލްބިޔުމިން ވެސް ޕްލާޒްމާގެ ތެރޭގައި ހުރެއެވެ.

ލޭގައި ''ލިޕިޑްސް'' ނުވަތަ ސަރުބީ ނުވަތަ ތެޔޮ ( Lipids)އެކުލެވޭ މިންވަރު އިތުރުވާ ހާލަތްތަކުގަޔާއި، ގިނައަދަދަކަށް ފެޓް(ސަރުބީ އަދި ތެޔޮ) ހިމެނޭ ކާނާ ބޭނުންކުރާ ފަހަރުތަކުގައި ޕްލާޒްމާގެ ކުލަ ކިރުކުލައަށް ބަދަލުވެއެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް  ލޭގެތެރޭގައި ދައުރުވަމުންދާއިރު އެކިއެކި ޓިޝޫތަކާއި، ސެލްތަކަށް ވާސިލްކޮށްދެއެވެ. ނުވަތަ ފަތުރާދެއެވެ. މިގޮތަށް ވާސިލްކޮށްދޭ ދިނުމުގައި އަބަދުވެސް އެމާއްދާތައް މަތީދަރަޖަ އަކަށް ހުރި ހިސާބުތަކުން މަދު އަދަދަކަށް އެކުލެވޭ ހިސާބުތަކަށް ގެންގޮސްދެއެވެ. ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރަނީ މިއާޚިލާފަށެވެ. މިފަދަ ބޭކާރު މާއްދާތައް އެއުފައްދާ ސެލްތަކުން ލޭގެތެރެއަށް އާދެއެވެ. އެއަށްފަހު ހަށިގަނޑުން އެމާއްދާތައް ބޭރުވަނީ ގުރުދާ ( Kidney)އާއި، ފުއްޕާމޭ ( Lung ) ގެ ޒަރީޢާއިންނެވެ.

ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.މީގެތެރެއިން 4ގްރާމް އަކީ އަލްބިޔުމިން އެވެ. 2.7ގްރާމަކީ ގްލޯބިޔުލިން ގެ ބާވަތްތަކެވެ. 0.3ގްރާމަކީ ފައިބްރިނަޖަން(Fibrinogen) އެވެ. މިބަޔާންކުރެވުނު ޕްރޮޓީން ތަކަކީ އެކިއެކި ކަންކަމުގައި އޭގެ ދައުރު އަދާކުރާ މާއްދާތަކެވެ. މިސާލަކަށް އަލްބިޔުމިން ޕްލާޒްމާގެ ''އޮންކޮޓިކް ޕްރެޝަރ'' ( Oncotic pressure ) ވަކި ވަރެއްގައި ހިފަހައްޓައެވެ. ގްލޯބިޔުލިންތައް އޭގެ ދައުރު ހަށިގަނޑު ބަލިތަކުން ދިފާޢުކުރުމުގައި އަދާކުރެއެވެ. ފައިބްރިނަޖަން ލޭމަނާކުރުމުގައި ހަރަކާތްތެރިވެއެވެ. އެންޒައިމްތައް އެތެރޭގައި ހިގާ ކެމިކަލް ރިއެކްޝަންތަކުގައި ބައިވެރިވެއެވެ.

ޓިއުބަކަށް ލޭއެޅުމަށްފަހު ''ސެންޓްރިފިއުޖް ( Centrifuge )ކުރުމުން އޭގެ އެންމެ ތިރީގައި ހުންނާނީ ލޭގެ ރަތް ސެލް ތަކެވެ. މެދުގައި ހުންނާނީ ލޭގެ ހުދު ސެލް ތަކާއި، ޕްލޭޓްލިޓް ތަކެވެ.އެންމެ މަތީގައި ރީދޫ ކުލައިގައި ހުންނާނީ ޕްލާޒްމާ އެވެ.
ޕްލާޒްމާއާއި، ސީރަމްގެ ތަފާތު
ލޭގަނޑުވުމުގައި ޕްލާޒްމާގެ ތެރޭގައި ގަނޑުނުވެ ހުންނަ ދިޔާބަޔަށް ކިޔަނީ ''ސީރަމް'' ( Serum)އެވެ.ސީރަމްގައި ފައިބްރިނަޖަންއެއް ނުހުރެއެވެ. ފައިބްރިނަޖަން އަކީ ލޭގަނޑުވުމަށް އެހީވެދޭ އަސާސީ ޕްރޮޓީންއެވެ. ހަމަ މިހެން ފެކްޓާރ5، ފެކްޓާރ8 އެއް ވެސް ނުހުރެއެވެ. އެއީ މިމާއްދާތައް ލޭގަނޑުވުމުގެ ތެރޭގައި ބޭނުން ކުރެވިގެންދާތީއެވެ. އެހެންކަމުން ޕްލާޒްމާ ގަނޑުވިޔަސް ސީރަމް ގަނޑެއް ނުވާނެއެވެ. ސީރަމްގައި ސެރަޓޮނިން މަތީ ދަރަޖައަކަށް ހުރެއެވެ. ލޭގައި އެކިއެކި މާއްދާތައް ހުރި މިންވަރު ބެލުމަށް ސީރަމް ތަޙުލީލު ކުރެވެއެވެ.

ޕްލާޒްމާ ޕްރޮޓީން
ޕްލާޒްމާގައި އެކުލެވޭ ފެން ފިޔަވައި ބާކީ %10 ބެހިފައިވާ އިރު %7 އަކީ ޕްލާޒްމާ ޕްރޮޓީންއެވެ. މިގޮތުން މައިގަނޑު 3 ޕްރޮޓީންއެއް ޕްލާޒްމާގައި ހުރެއެވެ. އެއީ އަލްބިޔުމިން(Albumin)، ގްލޯބިޔުލިން(Globulin) ތައް، އަދި ފައިބްރިނަޖަން(Fibrinogen)އެވެ. މީގެ އިތުރުން އެހެން ބައެއް ޕްރޮޓީންތަކުގެ ކުޑަމިންވަރެއް ޕްލާޒްމާ ގައި ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ ބައެއް ހޯރމޯންތަކާއި،ޕްރޯތްރޮމްބިން(Prothrombin)އަދި ލޭގަނޑުވުމަށް ބޭނުންވާ ބައެއް އެހެން މާއްދާ ތަކެވެ. ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 8-6ގްރާމާ ދެމެދުގެ މިންވަރަކަށް ޕްލާޒްމާ ޕްރޮޓީން ހުރެއެވެ. އެވްރެޖްގޮތެއްގައި ހުންނަނީ ކޮންމެ ޑެސިލިޓަރެއްގައި 7ގްރާމެވެ.

ޕްލާޒްމާ ޕްރޮޓީން ގެ ވައްތަރުތައް
އަލްބިޔުމިން
ޕްލާޒްމާގައި އެންމެ ގިނައިން ހުންނަނީ އަލްބިޔުމިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 4ގްރާމްގެ އަލްބިޔުމިން ހުރެއެވެ. އެހެންކަމުން ޕްލާޒްމާ ޕްރޮޓީންގެ 60އިންސައްތަ އަކީ އަލްބިއުމިން އެވެ. އަލްބިޔުމިންގެ މޮލިކިއުލާ ބަރުދަން(M.w)އަކީ 6900އެވެ.

ގްލޯބިޔުލިން
ގްލޯބިޔުލިންތަކުގެ ތެރޭގައި ހިމެނެނީ އަލްފާ 1،2، ބީޓާ1،2، އަދި ގާމާ ގްލޯބިޔުލިން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 2.7ގްރާމްގެ ގްލޯބިޔުލިން ހުރެއެވެ. ގްލޯބިޔުލިންގެ މޮލިކިއުލާ ބަރުދަން އުޅެނީ 15600-90000އާއި ދެމެދުގައެވެ.

ފައިބްރިނަޖަން
ޕްލާޒްމާގައި އެންމެ މަދުން ހުންނަނީ ފައިބްރިނަޖަން އެވެ. އެވްރެޖްގޮތެއްގައި ކޮންމެ ޑެސިލިޓަރެއްގައި 0.3ގްރާމްގެ ފައިބްރިނަޖަން ހުރެއެވެ.ފައިބްރިނަޖަންގެ މޮލިކިއުލާ ބަރުދަނަކީ 340000އެވެ.

ޕްލާޒްމާ ޕްރޮޓީން އުފެދުން
ގާމާ ގްލޯބިޔުލިން(gamma globulin) ފިޔަވައި އެހެން ހުރިހާ ޕްލާޒްމާ ޕްރޮޓީންތަކެއް އުފެދެނީ ފުރަމޭގެ ތެރޭގައެވެ. ގާމާ ގްލޯބިޔުލިން އުފެދެނީ ''ލިމްފޮއިޑް ޓިޝޫ''(Lymphoid tissue)ތަކުގެ ތެރޭގައި '' ޕްލާޒްމާ ސެލް''(Plasma cells) އޭ ކިޔޭ ސެލްތަކަކުންނެވެ. ގާމާ ގްލޯބިޔުލިން އުފެދެނީ ބެކްޓީރިއާ ނުވަތަ އެހެންވެސް ހަށިގަނޑާއި ނުރައްޓަހި އެއްޗެއް ބީ ލިމްފަސައިޓް ހީވާގިކުރުމުންނެވެ. ގާމާ ގްލޯބިޔުލިންތަކަށް ''އިމިއުނޯ ގްލޯބިއުލިންސް''(Ig)، ނުވަތަ ހަށިދަމަނަ(Antibodies)އޭ ވެސް ކިޔައި އުޅެއެެވެ. ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ތެރޭގައި ޕްލާޒްމާ ޕްރޮޓީންތައް ބީވެގެން ދިއުމުން އަލުން އެޕްރޮޓީންތައް އުފައްދައެވެ. ބައެއް އިންފެކްޝަންތައް ނުވަތަ ބަލިތައް މިބުނި ގޮތަށް އަލުން ޕްލާޒްމާ ޕްރޮޓީން އުފެދުމަށް ހުރަސްއަޅައެެވެ.

އެއްއަހަރު ފުރިހަމަނުވާ ތުއްތު ކުދިންގެ ހަށިގަނޑުގައި ޕްލާޒްމާ ޕްރޮޓީން އެކުލެވޭ މިންވަރު ދަށެވެ. މައިގަނޑު ގޮތެއްގައި މިނިސްބަތް ދަށީ އަލްބިއުމިން އެކުލެވޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. މާބަނޑުވުމަށް ފަހު ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އަލްބިއުމިން އަދި ގްލޯބިއުލިންގެ މިންވަރު ޕްލާޒްމާގައި ދަށްވެއެވެ. ނަމަވެސް ފައިބްރިނަޖަންގެ މިންވަރު މިމުއްދަތުގެ ތެރޭގައި މަތިވެއެވެ.

ޕްލާޒްމާ ޕްރޮޓީންގެ މަސްދަރު
އާންމުގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އުފެދެނީ ކާނާގައި ހިމެނޭ ޕްރޮޓީން(Food protien)ތަކުންނެވެ. ނަމަވެސް ހައިކަންމަތީ ގިނައިރު ނުކައި ހުރެއްޖެނަމަ ނުވަތަ ބަނޑުހައިހޫނުކަން ދިގުމުއްދަތަކަށް އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޓިޝޫތަކުގައި ހިމެނޭ ޕްރޮޓީން(Tissue protein)ތަކުން ވެސް ޕްލާޒްމާ ޕްރޮޓީން އުފެދެއެވެ. މިބުނި ދެއުސްލޫބުގެ ދަށުން ޕްލާޒްމާ ޕްރޮޓީން އުފެދޭގޮތް ތިރީގައި މިވަނީ އެވެ.

ކާނާގައި ހިމެނޭ ޕްރޮޓީން
ކާނާގައި ހިމެނޭ ޕްރޮޓީން ޕްލާޒްމާ ޕްރޮޓީން އުފެއްދުމަށް އެންމެ އެކަށީގެންވަނީ ކާނާގައި ހިމެނޭ ޕްރޮޓީން އަންނަނިވި ގޮތްތަކަށް ހުރި ނަމައެވެ.
·         ކާނާގައި ހިމެނޭ ޕްރޮޓީންގެ އޮނިގަނޑާއި، ޕްލާޒްމާ ޕްރޮޓީންގެ އޮނިގަނޑު އެއްގޮތްވުން
·         ބަޔޮލޮޖިކަލް ވެލިއޫ މަތި ޕްރޮޓީންތަކެއްކަމުގައިވުން ނުވަތަ އަމިނޯއެސިޑްތަކުން މުއްސަދިވެފައިވާ ޕްރޮޓީންތަކެއް ކަމުގައިވުން
·         މަހުން ނެގޭ ޕްރޮޓީން އަލްބިއުމިން އުފެދުމަށް ބާރު އަޅައެވެ. ހަމަމިހެން ގަސްގަހާގެހީގެ ބާވަތްތަކުން ނެގޭ ޕްރޮޓީންތައް ގްލޯބިއުލިންތައް އުފެދުމަށް ބާރު އަޅައެވެ. އިންފެކްޝަން ނުވަތަ ބަލީގެ ހާލަތްތަކުގައި މިބުނި ދެގޮތަށް ޕްރޮޓީން އުފެދުން ދަށްކުރެއެވެ.

ޓިޝޫގައި ހިމެނޭ ޕްރޮޓީން
މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.
·         ސާބިތު ޕްރޮޓީންތައް(Fixed proteins) : މިއީ ސެލްތަކުގެ ދިރުމަށް ކޮންމެހެން ބޭނުންވާ ޕްރޮޓީން ތަކެވެ. މިޕްރޮޓީންތައް ސެލްތަކުން ބޭރަށް ނުނިކުތުމުގެ ސަބަބުން ޕްލާޒްމާ ޕްރޮޓީންތަކަށް ބަދަލެެެއް ނުވެއެވެ.
·         ރިޒާވަރގެ ގޮތުގައި ހުންނަ ޕްރޮޓީންތައް(Reserve proteins) : މިޕްރޮޓީންތައް ދެބަޔަކަށް ބެހިގެންވެއެވެ.
o       އާވެއާވެ ހުންނަ ޕްރޮޓީންތައް(Labile proteins) : މިވައްތަރުގެ ޕްރޮޓީންތަކުގެ އޮނިގަނޑު ޕްލާޒްމާ ޕްރޮޓީންތަކާއި އެއްގޮތެވެ. ޕްލާޒްމާ ޕްރޮޓީންގެ މިިންވަރު ދަށްވެއްޖެ ނަމަ މަދު މިނިޓުކޮޅެއްގެ ތެރޭގައި ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުން ނިކުމެ، ލޭގެތެރެއަށް ވާސިލްވެއެވެ. އެއީ ހަށިގަނޑުން ލޭބޭރުވުން ފަދަ ކަމެއްގެ ސަބަބުން ޕްރޮޓީންތައް ލެއިން މަދުވިޔަނުދީ ސާބިތުކަންމަތީ އޭގެ މިންވަރު ދެމެހެއްޓުމަށްޓަކައެވެ.
o       ބޭނުންވާ ވަރަށްވުރެ އިތުރަށް ހުންނަ ޕްރޮޓީންތައް(Dispensable proteins) : މިވައްތަރުގެ ޕްރޮޓީންތައް ފުރަމޭއަށް ވާސިލްވެ، ހަކަތަ އުފެއްދުމުގައި ބައިވެރިވެއެވެ. އަދި ބަނޑުހައިހޫނުކަން އިހްސާސްކުރަންޖެހިފައިވާ ހާލުގައި ޕްލާޒްމާ ޕްރޮޓީންތައް އުފައްދައެވެ.

ޕްލާޒްމާ ޕްރޮޓީންގެ ވަޒީފާ
·         ލޭމަނާކުރުމާއި، ލޭއައުން ހުއްޓުވުން(Hemostasis) : ފައިބްރިނަޖަން، ތްރޮމްބިން، އަދި ލޭގަނޑުވުމުގެ މަސައްކަތުގައި ބައިވެރިވާ އެހެނިހެން ބައެއް މާއްދާ ތަކަކީ ޕްލާޒްމާ ޕްރޮޓީން ތަކެވެ.

·         ކާނާގެ ގޮތުގައި ބޭނުންކުރުން: ދިގުމުއްދަތަށް ހައިހޫނުކަމުގައި ހޭދަކުރާނަމަ ޓިޝޫތަކަށް ބޭނުންވާ ކާނާގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ބޭނުން ކުރެވެއެވެ. އެއީ ހަށިގަނޑުގައި ރައްކާކުރެވިފައި ހުރި ޕްރޮޓީންތައް މަދުވެ ދިއުމަށްފަހު ގައެވެ.

·         ކާބަންޑައި އޮކްސައިޑް އުފުލުން: ޓިޝޫތަކުން ފުއްޕާމެޔަށް ގެންދާ 10އިންސައްތަ ކާބަންޑައި އޮކްސައިޑް ފުއްޕާމެޔަށް ދަނީ ޕްލާޒްމާ ޕްރޮޓީންތަކާއި އެއްވެގެންނެވެ. މިގޮތުން ''އަމައިނޯ ގްރޫޕް''(Amino group)ގެ ޕްލާޒްމާ ޕްރޮޓީންތަކާއި، ކާބަންޑައި އޮކްސައިޑް އެއްވެ، ފުއްޕާމެޔަށް ވާސިލްވަނީ '' ކާބަމައިނޯ ކޮމްޕައުންޑް'' (Carbamino compound)އެއްގެ ގޮތުގައެވެ. ފުއްޕާމޭގައި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވުމުން، ޕްރޮޓީންތަކުގެ ''އަމައިނޯ ގްރޫޕް'' އަލުން އެޕްރޮޓީންތަކުގައި ރައްކާކުރެއެވެ.

·         ކުދިލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ''(Permeability) ކޮންޓްރޯލްކުރުން : ޕްލާޒްމާ ޕްރޮޓީންތައް ކުދިލޭހޮޅި ތަކުގެ ފާރުގައިވާ ''ލޯވަޅު''(Pore)ތައް ބަންދުކުރުމުން އެލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ'' އަށް ވަކި ހުދޫދެއް ކަނޑައެޅިގެން ދެއެވެ. ޕްލާޒްމާ ޕްރޮޓީންތައް މަދުވުން ނުވަތަ ލޭގައި ޕްރޮޓީން މަދުވުން(Hypoproteinemia) ގެ ހާލަތުގައި ކުދި ލޭހޮޅިތަކުގެ ''ޕާމިއެބިލިޓީ'' މަތިވެ، ''އެޑީމާ''(Odema) އުފެދޭގޮތް ވެއެވެ. ''އެޑީމާ''ގެ މާނައަކީ ހަށިގަނޑުގެ ޓިޝޫ ނުވަތަ ގުނަވަނެއް ނުވަތަ މުޅިހަށިގަނޑުގައި ފެންފަދަ ދިޔާ މާއްދާއެއް ޖަމާވުމުގެ ސަބަބުން އެޖަމާވި ތަނެއް ދުޅަވެ ފޮއްސިވެ، ފުފޭގޮތްވުމެވެ.

·         ހޯރމޯންތަކުގެ ހަރަކާތް : ބައެއް ހޯރމޯންތަކަކީ އެ ހޯރމޯންތައް އަމާޒުކުރެވިފައިވާ ސެލްތަކާއި ދިމާލަށް ޕްލާޒްމާގެ ތެރޭގައި ދައުރުވެގެން ވާސިލްވާ އެއްޗެކެވެ. މިސާލު: ޕިޓޫއިޓަރީ ހޯރމޯންތަކާއި، އަދި ޕެރަތައިރޮއިޑް ހޯރމޯން އޭގެ އަމާޒަށް ވާސިލްވަނީ ލޭގެ ތެރެއިންނެވެ.

·         ހަށިގަނޑު ބަލިތަކުން ދިފާޢުކުރުން : ގާމާ ގްލޯބިއުލިން ތަކަކީ ބެކްޓީރިއާ އަށް ހަމަލަދީ، ވިހަތަކުގެ ބާރު ކަނޑުވައިދޭ ހަށިދަމަނަ ތަކެކެވެ. އެހެންކަމުން ގާމާ ގްލޯބިއުލިންތަކަށް ''އިމިއުނޯގްލޯބިއުލިްންސް''(Ig) އޭ ކިޔައެވެ.

·         ރައްކާކުރުމާއި، ހިމާޔަތް ކުރުން: ޕްލާޒްމާ ޕްރޮޓީންތައް ވަރަށް ގިނަ މާއްދާތަކާއި ދޫދޫކޮށް(loosely) ތަތް ނުވަތަ އެއްވެއެވެ. މިގޮތުން ޕްލާޒްމާ ޕްރޮޓީން އެމާއްދާތަކާއި އެއްވާ މާއްދާތަކުގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ނުވަތަ ތައިރޮކްސިން އާއި، ކޯޓިޒޯލް ހޯރމޯންއާއި، ދަނގަޑު އަދި ކޮޕަރ ހިމެނެއެވެ. މިގޮތަށް އެއްވުމުން މިމާއްދާތައް ޓިޝޫތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު ފެތުރިގެންދިއުމާއި، ކުޑަކަމުދާތަކެއްޗާއި އެކު މިމާއްދާތައް ބޭރުވެގެން ދިއުން ހިމާޔަތް ކޮށްދެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތައް ގުރުދާގެ ''ގްލޯމެރިޔޫލް''(Glomerule)ތަކުން ފުރާނަ ނުދޭތީ އެވެ. ހަމަމިހެން މިބުނި ގޮތަށް އެއްވުމުން މިމާއްދާތަކުގެ ރިޒާވަރެއްގެ ގޮތުގައި ޕްލާޒްމާ ޕްރޮޓީންތައް ހަރަކާތްތެރި ވެއެވެ. އެއީ ޕްލާޒްމާ ޕްރޮޓީންތަކުން މިމާއްދާތައް ބޭރުކުރާމިންވަރު ލަސްވާތީ އެވެ.

·         ލެއަށް ތަތްކަން ނުވަތަ އޮލަކަން(Viscosity) ގެނައުން: ލޭ ތަތްކަން ނުވަތަ އޮލަކަން ދެމެހެއްޓުމުގައި ލޭގެ ރަތް ސެލް ތަކާއެކު ޕްލާޒްމާ ޕްރޮޓީންތައް ބައިވެރިވެއެވެ. މިމަސައްކަތުގައި ބައިވެރިވަނީ  ފައިބްރިނަޖަން އާއި ގްލޯބިއުލިން ތަކެވެ. އެއީ މިބުނި ދެމާއްދާގެ މޮލިކިއުލާ ބަރުދަން މަތިކަމުންނެވެ. މިކަމުގެ ސަބަބުން ކުދި ކުދި ލޭހޮޅިތަކުގައި ލޭދައުރުވުމާއި ދެކޮޅަށް ބާރެއް (Peripheral vascular resistance) އުފައްދައެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރ ދެމެހެއްޓުމުގައި އެހީތެރިވެދެއެވެ. އަރިމަތީ ލޭހޮޅިތަކުގައި ނުވަތަ ކުދިކުދި ލޭހޮޅިތަކުގައި  ލޭދަރުވުމާއި ދެކޮޅު ބާރު ކަނޑައަޅަނީ ދެކަމެއްގެ ސަބަބުންނެވެ. އެއީ ލޭހޮޅިތަކުގެ ވަށަމިނާއި، ލޭގެ އޮލަކަމެވެ.

·         ޓިޝޫ ތަކުގެ ދިޔާބައި(Tissue fluid) އުފެދުން: ހަށިގަނޑުގައި ދިޔާތަކެތި ހުންނަނީ ޕްލާޒްމާއާއި، ސެލްތަކުގެ ދެމެދުގައިވާ ހުސްތަނުގައި ހުންނަ ދިޔާތަކެތި(Interstitial fliud)އާއި ދެމެދު ބަދަލުވެ، ބަދަލުވެއެވެ. މިގޮތަށް ބަދަލުވަނީ ކުދިލޭހޮޅިތަކުގައި ހިގާ ފުރޭނުން(Filtration)އަދި ދެމުން ނުވަތަ ނެގުން (Absorption)، މިދެކަމުގެ ސަބަބުންނެވެ.

o       ފުރޭނުމުގެ ބާރު(Filtraion force) އަކީ މައިގަނޑުގޮތެއްގައި ''ހައިޑްރޯސްޓެޓިކް ކެޕިލަރީ ޕްރެޝަރ''(Hydrostatic capillary pressure)އެވެ.
o       ދެމުމުގެ ބާރު(Absorption force) އަކީ ޕްލާޒްމާ ޕްރޮޓީންގެ ''އިފެކްޓިވް އޮސްމޮޓިކް ޕްރެޝަރ''(Effective osmotic pressure)އެވެ. މާނައަކީ އޭގެ ''އޮންކޮޓިކް ޕްރެޝަރ''(Oncotic pressure)އެވެ.

ލޭގައި ޕްރޮޓީން މަދުވުމުން އޮންކޮޓިކް ޕްރެޝަރ ދަށްވެއެވެ. މިހެންވުމުން ސެލްތަކުގެ ދެމެދުގައި ހުންނަ ދިޔާބައި ދަމާވަރަށްވުރެ، ފުރޭނިގެންދާވަރު އިތުރުވެއެވެ. މިއާގުޅިގެން މިބުނި ދިޔާތަކެތި ގިނައަދަދަކަށް ޖަމާވެ ފޮއްސިވާ ގޮތްވެއެވެ.

·         ލޭގެ ''ބަފަރ ކުރުމުގެ ބާރު''(Buffering power)ގެ 15-7 އިންސައްތަ އުފައްދަނީ ޕްލާޒްމާ ޕްރޮޓީންގެ ސަބަބުންނެވެ. ލޭގެ ޕީއެޗް(PH) 7.4ގައި ހުންނައިރު ޕްލާޒްމާ ޕްރޮޓީން މަސައްކަތް ކުރަނީ ބާރުދެރަ އެސިޑެއްގެ ގޮތުގައެވެ. އަދި ''ބޭސް''(Base)ތަކާއި އެއްވެއެވެ. މިގޮތުން މައިގަނޑު ގޮތެއްގައި ޕްލާޒްމާ ޕްރޮޓީން އެއްވަނީ ''ސޯޑިއަމް އަޔަން''(Na+)އާއި އެވެ. މިސާލަކަށް ލެކްޓިކް އެސިޑް (Lactic acid) ފަދަ ބާރުގަދަ އެސިޑެއް ''ބަފަރ''ވާގޮތް ތިރީގައި މިވަނީ އެވެ.

ލެކްޓިކް އެސިޑް + ސޯޑިއަމް ޕްރޮޓިނޭޓް             ސޯޑިއަމް ލެކްޓޭޓް + ޕްރޮޓިނިކް އެސިޑް

( ނޯޓް: ބަފަރ : ބަފަރ އޭ ކިޔަނީ ދިޔާ ނުވަތަ ގިރިގެންދާ އެއްޗެއް ނުވަތަ ސޮލިއުޝަންއެއް ގައި ހައިޑްރޯޖެން އަޔަން އެކުލެވޭ މިންވަރު ކޮންޓްރޯލްކުރާ މާއްދާތަކަކަށެވެ. މިގޮތުން ''ބަފަރ ސިސްޓަމް'' އަށް އެސިޑެއް އެއްކުރެވޭ ހިނދު ހައިޑްރޯޖެން އަޔަން އޭގެ ތެރެއަށް ދަމާލައެވެ. އަދި ބޭސްއެއް އެއްކުރެވޭ ހިނދު ހައިޑްރޯޖެން އަޔަން އެއިން ބޭރުކުރެއެވެ. މިނިޒާމް އަދާކުރާ ވަޒީފާ ތަކުގެ ތެރޭގައި ލޭގައި އެސިޑް، އަދި ބޭސް އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމާއި، ގުރުދާގެ ހޮޅިތަކުގެ ޕީއެޗް ވަކިވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ. މިނިޒާމްގައި ނެގެޓިވް ޗާޖު ހުންނަ މޮލިކިއުލްތަކަށް ކިޔަނީ ''ބަފަރ އޭނައިއަންސް''(Buffer anions)އެވެ. މީގެ ތެރޭގައި ހިމެނެނީ ބައިކާބޮނޭޓް، ޕްރޮޓީން އަދި ފޮސްފޭޓް ފަދަ މާއްދާ ތަކެވެ. ޕޮޒިޓިވް ޗާޖު ހުންނަ މޮލިކިއުލްތަކަށް ކިޔަނީ  ''ބަފަރ ކޭޓައިއަންސް''(Buffer cations)އެވެ. މީގެތެރޭގައި ހިމެނެނީ ސޯޑިއަމް، ޕޮޓޭޝިއަމް، ކެލްސިއަމް އަދި މެގްނީޒިއަމް އެވެ. )

އަލްބިޔުމިން / ގްލޯބިޔުލިންގެ ނިސްބަތް
އަލްބިޔުމިން/ ގްލޯބިޔުލިން ރޭޝިއޯގެ މާނައަކީ އަލްބިއުމިންއާއި ނިސްބަތްކުރާ އިރު ގްލޯބިއުލިން ޕްލާޒްމާގައި ހުރި މިންވަރެވެ. މިމިންވަރު ބަރޯސާވަނީ ޕްރޮޓީންތައް ވަކިކުރުމަށް ބޭނުންކުރާ ގޮތެއްގެ މައްޗަށެވެ. މިޕްރޮޓީންތައް ހުރި މިންވަރު ވަކިކުރުމަށް ނުވަތަ ކަނޑައެޅުމަށް ''ކެމިކަލް ފްރެކްޝަނޭޝަން''(Chemical fractionation) ބޭނުންކޮށްފިނަމަ އަލްބިއުމިން/ ގްލޯބިއުލިން ރޭޝިއޯ ހުންނަނީ 1.7-1.6އާއި ދެމެދުއެވެ. ''އިލެކްޓްރޯފޮރީސިސް'' (Electrophoresis)ގެ އެހީގައި މި ޕްރޮޓީން ހުރި މިންވަރު ކަނޑައަޅާނަމަ އަލްބިއުމިން/ގްލޯބިއުލިންގެ ރޭޝިއޯ އަކީ 1.2އެވެ.

އަލްބިއުމިން/ގްލޯބިއުލިން ރޭޝިއޯ ހުރިނެތްގޮތް ބެލުމަކީ ބައެއް ބަލިތައް ދެނެގަތުމުގައި އެހީތެރިވެދޭ ކަމެކެވެ. މިސާލަކަށް މިރޭޝިއޯ ނުރައްކާތެރި ފުރަމޭގެ ބަލިތަކުގައި ދަށްވެއެވެ. އެއީ ފުރަމޭއިން އަލްބިއުމިން އުފައްދާ މިންވަރު ދަށްވާތީއެވެ. އެހެންކަމުން ފުރަމޭ މަސައްކަތްކުރާ މިންވަރު ބެލުމަށް ކުރެވޭ ޓެސްޓެއްގެ ގޮތުގައި މިރޭޝިއޯ ބޭނުންކުރެވެއެވެ. ހަމަމިހެން ބައެއް ބާވަތުގެ އިންފެކްޝަންއާއި ގުޅިގެންވެސް މިރޭޝިއޯ ދަށްވެއެވެ. އެއީ އިންފެކްޝަންއާއި ގުޅިގެން ގާމާ ގްލޯބިއުލިން އުފައްދާ މިންވަރު މަތިވާތީއެވެ. ގްލޯބިއުލިން އެކުލެވޭ މިންވަރު ދަށްވެއްޖެ ނަމަ މިރޭޝިއޯ މަތިވެއެވެ. މިސާލަކަށް އެއިޑްސް ބައްޔާއި، އަދި ލޭގައި ގާމާ ގްލޯބިއުލިން ގެ މިންވަރު ދަށްވުން (Hypogamma-globulinemia)، ނުވަތަ އުފެދުމުގައި ގާމާ ގްލޯބިއުލިން ނެތުން ފަދަ ހާލަތްތަކުގައި މިރޭޝިއޯ މަތިވެއެވެ.

No comments:

Post a Comment