Saturday, November 26, 2011

ނޭވާލާ ނިޒާމް

ނޭވާލާ ނިޒާމް
ނޭވާލާ ނިޒާމް(Respiratory system) އަކީ އިންސާނުންނާއި ޖަނަވާރުންގެ ނޭވާލުމުގެ ދައުރު އަދާކުރާ ނިޒާމެވެ. އިންސާނުންގެ ހަށިގަނޑުގައިވާ ނޭވާލާ ނިޒާމް ބިނާވެގެންވަނީ ފުއްޕާމޭ، ވައިބޭރުވާ މަގުތައް، އަދި ނޭވާލުމުގައި ބައިވެރިވާ މަސްތައް ފަދ އެތަކެއް ތަފާތު ޓިޝޫތަކެއްގެ މައްޗަށެވެ. މިހުރިހާ ބައިތައް ގުޅިގެން ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ސާފުވައި ނުވަތަ އޮކްސިޖަން ވެއްދުމާއި، ހަށިގަނޑުން ނުސާފުވައި ނުވަތަ ކާބަންޑައި އޮކްސައިޑް ބޭރުކުރުމުގައި ބައިވެރިވެއެވެ. ފުއްޕާމޭ ގެ ތެރޭގައި ކުދި ވައިކޮތަޅުތަކުގެ ނިޒާމްގެ ތެރޭގައި އޮކްސިޖަން އާއި ކާބަންޑައި އޮކްސައިޑް ލެޔާއި، ފުއްޕާމޭގައި ހިމެނޭ ގޭސް ނުވަތަ ވައި އެކުލެވޭ މާހައުލާއި ދެމެދު، ''ޑިފިއުޝަން''(Diffusion) ގެ އެހީގައި ބަދަލު ބަދަލުވެ ހުރެއެވެ.
ލޭގެ ތެރޭގައި ހުންނަ ކާބަންޑައި އޮކްސައިޑް ފަދަ ވިހަ ގޭސްތައް ވަކިކޮށް ބޭރުކުރުމަށް ނޭވާލާ ނިޒާމް އެހީތެރިވެދެއެވެ. ހަމަ މިހެން ހަށިގަނޑު ގެ އެކި ހިސާބުތަކުން ހިތަށް އައިސް ހިތުން ފުއްޕާމެޔަށް ފޮނުވާލޭ އޮކްސިޖަން-މުއްސަދި ލެޔަކަށް ހެދުމަށް ފުއްޕާމޭ އެހީތެރިވެދެއެވެ. ހަމަ މިހެން ލެއިން ކުރިންވެސް ބުނިހެން ކާބަންޑައި އޮކްސައިޑް ވަކިކޮށް ބޭރުކުރުމަކީ ހަށިގަނޑުގައި ހިމެނޭ އެސިޑް-ބޭސް ގެ ހަމަހިފެހެއްޓުމަށް ވަރަށް ބޭނުންތެރި ކަމެކެވެ.
ނޭވާލާ ނިޒާމް އުފެދިފައިވާގޮތް
އިންސާނުންގެ ނޭވާލާ ނިޒާމް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. އެއީ ނޭވާލާ ނިޒާމްގެ މަތީބަޔާއި، ނޭވާލާ ނިޒާމްގެ ތިރީބައެވެ. މީގެ އިތުރުން ވައި ނޮޅި އަދި ފުއްޕާމޭ ވެސް ހިމެނެއެވެ. ހަށިގަނޑަށް ވައި ވަނުމަށްފަހު ދައުރުވަމުން ފުއްޕާމޭ އަށް ވާޞިލްވަނީ އަންނަނިވި ބައިތައް ހުރަސްކޮށެވެ.
·         ނޭފަތުގެ ހިނދުރި
·         ނޭފަތުގެ އެތެރެ / ނޯށުތެރެ
·         އަރުތެރެ
·         ލަގޮނޑި (އަޑުފޮށި)
·         ވައިނޮޅި / ނޭވާހޮޅި
·         ވައިނޮޅީގެ ކަފި
·         ވައިނޮޅީގެ ކުދިކަފިތައް
·         ނޭވާލުމުގައި ބައިވެރިވާ ވައިނޮޅީގެ ކުދިކަފިތައް
·         ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ނުވަތަ ކުދި ވައިބޮކިތައް
ނޭވާލާ ނިޒާމްގެ މަތީބައި
ނޭވާލާ ނިޒާމްގެ މަތީބައި (Upper respiratory tract) ފެށިގެން އަންނަނީ ނޭފަތުގެ ހިނދުރި އާއި ހިސާބުންނެވެ. ނޭފަތުގެ ހިނދުރި ހުޅުވިފައި އިންނަނީ ނޭފަތު އެތެރެއާއި ގުޅިފައިވާ،އަރު ނުވަތަ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ ''ނޭފަތާގުޅޭ އަރުތެރެ''(Nasopharynx) އަށެވެ. މިހިސާބުން ފުރިހަމަކޮށްދޭ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·         ވައި ފުރޭނުން
·         ވައި ހޫނުކޮށްލުން
·         ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން
·         ބަސްމޮށުންތެރިކަމުގައި ތަފާތު އަޑުތައް އުފެއްދުމުގައި ބައިވެރިވުން
ނޭފަތާގުޅޭ އަރުތެރެ ހުޅުވިފައި އިންނަނީ އަނގައިގެ ފަހަތުގައިވާ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ ''އަނގަޔާގުޅޭ އަރުތެރެ''(Oropharynx) އަށެވެ. އަނގަޔާގުޅޭ އަރުތެރެ ގުޅިފައި އިންނަނީ ކަރުތެރޭގެ ބައެއް ކަމުގައި ބެލެވޭ ''ލަގޮނޑިޔާގުޅޭ އަރުތެރެ''(Laryngopharynxއާއެވެ. އެއަށްފަހު ލަގޮނޑިއަށް ވާޞިލްވެއެވެ. އަޑު އުފައްދާ ވާފަށްތައް(Vocal cords) ހުންނަނީ ލަގޮނޑި ނުވަތަ އަޑު ފޮށީގެ ތެރޭގައެވެ. އެއަށްފަހު ''ގްލޮޓިސް''(Glottis) ހުރަސްކޮށް ވައި ނޮޅި(Trachea) އަށް ވާޞިލްވެއެވެ. ވައިނޮޅި ތިރިއަށް ގޮސް ދެކަފިވާ ހިސާބުން ބެލެވެނީ އެއީ ނޭވާލާ ނިޒާމުގެ ތިރީބައިގެ ގޮތުގައެވެ.
 ނޭވާލާ ނިޒާމްގެ ތިރީބައި
ނޭވާލާނިޒާމުގެ ތިރީބައި (Lower respiratory tract) ފެށެނީ ވައިނޮޅި ތިރިއަށް ގޮސް ދެކަފިވާ ހިސާބުންނެވެ. މިހިސާބުން ވައި ނޮޅި ތިރިއަށް ގޮސް ދެފަރާތަށް ބެހިފައި ވެއެވެ. އަދި މިގޮތުން ކޮންމެ ފަރާތެއްގައި ވައި ނޮޅީގެ ކަތްޕެއް އިނދެއެވެ. ވައި ނޮޅީގެ ކަފިތައް(Bronchi) އިތުރަށް ކަފިވެގެން ގޮސް ވައި ނޮޅީގެ ކުދި ކަފިތައް(Bronchioles)އުފެދެއެވެ. އަދި ފަހުން މިބުނި ވައި ނޮޅީގެ ކުދި ކަފިތައް ގޮސް ގުޅެނީ ނޭވާލުމުގައި ބައިވެރިވާ މިފަދަ ކުދިކުދި ކަފި( Respiratory bronchioles) ތަކާއެވެ. ، އަދި މިފަދަ ކުދި ކަފިތައް ވައިކޮތަޅުތަކާއި ގުޅުވައިދޭ ހޮޅި(Alveolar duct)، ހުރަސްކޮށް ގޮސް ގުޅެނީ ކުދި ވައިކޮތަޅު(Alveoli) ތަކާއެވެ.
ނޭވާލާ ނިޒާމްގެ މުހިއްމު ބައިތައް
1-      ނޭފަތް
ނޭފަތް (Nose) ނުވަތަ ނޭފަތަކީ ނޭވާލާ ނިޒާމްގެ ބައިތަކުގެ ތެރެއިން ހަށިގަނޑުން ބޭރަށް ފެންނަ އިންނަ ގުނަވަނެކެވެ. ނޭފަތުގެ ބައްޓަން ކަނޑައަޅައިދެނީ އުފެދުމުގައި ނޭފަތުގެ ދަށުގައިވާ ''އެތުމޮއިޑް ކަށިކޮޅު''(Ethmoid boneއަދި ނޭފަތުގެ ދެހިނދުރި، ވަކިކުރުމަށް އިންނަ މަޑުކަށީގެ ފާރު(Nasal septumއިންނެވެ. ނޭފަތް ހިމެނޭ ހިސާބުގެ، އެތެރޭގެ ލޭހޮޅިތައް ސިކުނޑީގައިވާ ލޭނާރު ފުންޏަކާއި ގުޅިފައި ވެއެވެ. މިކަމުގެ ސަބަބުން ނޭފަތުގެ އެތެރޭގެ ހިސާބުތަކުގައި އަށަގަންނަ ޖަރާސީމްގެ އަސަރު، ބައެއް ފަހަރު ސިކުނޑިއަށް ފޯރާގޮތްވެއެވެ. މިބުނި ހިސާބަކީ ނޭފަތުގެ މަތިން ފެށިގެން ތިރިއަށް އަނގައިގެ ދެފަރާތުގެ ދެކަނަށެވެ. މިގޮތުން ކަނޑައެޅޭ ހިސާބަށް ޑޮކްޓަރުން ''މޫނުގެ ނުރައްކާތެރި ތިނެސްކަން''(Danger triangle of the face) އޭ ކިޔައެވެ. ނުވަތަ މޫނުގެ ނުރައްކާތެރި ހިސާބު މިހެން ވެސް ކިޔައެވެ.
2-      ނޭފަތުގެ ހިނދުރި
ނޭފަތުގެ ހިނދުރި (Nostril)އަކީ ނޭފަތުން ބޭރަށް ހުޅުވިފައި އިންނަ ހުޅުވުމެވެ. ނޭވާލުމުގެ ތެރޭގައި އޮކްސިޖަން ހަށިގަނޑަށް އެތެރެވެ، އަދި ކާބަން ޑައިއޮކްސައިޑް ހަށިގަނޑުން ބޭރުވެގެން ދަނީ ނޭފަތުގެ ހިނދުރި ހުރަސްކޮށެވެ.
3-     ނޭފަތުގެ އެތެރެ ނުވަތަ ނޯށުތެރެ
ނޭފަތުގެ އެތެރެ ނުވަތަ ނޯށުތެރެ (Nasal cavityއަކީ ނޭފަތުގެ ހިނދުރީގެ އެތެރެއެވެ. މިއީ މޫނުގެ މެދުގައި ނޭފަތުގެ ތެރޭގައި ވައި ޖަމާވެފައި ހުންނަ ތަނެކެވެ. ނޭވާލުމުގެ ތެރޭގައި ނޯށުތެރެ ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ. އަދި މިހިސާބުގައި ހިމެނޭ ކުދިކުދި ލޯލި އިސްތަށި ތަކުގެ އެހީގައި ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުވައެވެ. ނުވަތަ މިލޯލި އިސްތަށި ތަކުގެ ސަބަބުން ހިރަފުހާއި ކުނިބުނި، ނޭވާލާ ނިޒާމާއި ހަށިގަނޑުގެ ތެރެއަށް ވާޞިލްވުމަށް ހުރަސް އަޅައެވެ. ހަމަ މިގޮތަށް ނޯށުތެރޭގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ. މިސަބަބުތަކާހުރެ ނޭފަތުގެ އެތެރޭގައި ނުވަތަ ނޯށުތެރޭގައި ފަޅާފައި ހުންނަ ލޯލި އިސްތަށިތައް އުފުރައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
4-     އަރުތެރެ
އަރުތެރެ (Pharynx)  އަކީ އަނގަ، އަދި ނޯށުގެ ފަހަތުން ކާތަކެތި ހިގާ ހޮޅިއާއި، ލަގޮނޑި ނުވަތަ އަޑު ފޮށި، އަދި ވައި ނޮޅީގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ. މިއީ ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމްގައި ވެސް ޝާމިލްވާ ޓިޝޫ އެކެވެ.

5-     ލަގޮނޑި
ލަގޮނޑި (Larynxނުވަތަ އަޑުފޮށްޓަކީ ކަރުގެ އެތެރޭގައި އިންނަ ގުނަވަނެކެވެ. ލަގޮނޑީގެ މަސައްކަތަކީ، ވައި ނޮޅި ހިމާޔަތްކޮށްދީ، އަޑު އުފެއްދުމުގައި ބައިވެރިވުމެވެ. ލަގޮނޑި އިންނަނީ ވައި ނޮޅީގެ މަތިން އަރުތެރޭގެ ތިރިން، ކާތަކެތި ހިގާ ހޮޅިއާއި، އަރުތެރެގުޅޭ ހިސާބުގައެވެ. ކާތަކެތި ދިރުވުމުގެ ތެރޭގައި އަޑު ފޮށީގެ މަތި ''އެޕިގްލޮޓިސް"(Epiglottis)ގެ އެހީގައި ބައްދާލައެވެ. މީގެ ބޭނުމަކީ ކާތަކެތި ، ވައި ނޮޅީގެ ތެރެއަށް ވަދެ، ފުއްޕާމެއާއި، ހަމައަށް ވާޞިލްވިޔަ ނުދިނުމެވެ. ނުވަތަ ކެއުމުގެ ތެރޭގައި ނޭވާ ހިނގާ މަގަށް ކާތަކެތި އެޅުނަނުދިނުމެވެ. ކާއެއްޗެއް ލަގޮނޑިޔަށް ފޯރައިގެން ލަގޮނޑި ހީވާގިވެ މުރާލި ވެއްޖެނަމަ ކެއްސުން ކުރިމަތި ކުރުވައެވެ. މިގޮތުން ކެއްސުން ކުރިމަތިވަނީ  ލަގޮނޑިޔަށް ވާޞިލްވި މާއްދާއިން، ފުއްޕާމޭ ހިމާޔަތްކޮށް ރައްކާކުރުމަށް ޓަކައެވެ. އެހެން މާނައެއްގައި ބުނާނަމަ، ކެއުމުގެ ތެރޭގައި ކާއެއްޗެއް ނޭވާހިނގާ މަގަށް އެޅިއްޖެނަމަ ކޮށިއެރުން(Aspiration) ނުވަތަ ނޯށަށްއެރުން ކުރިމަތި ކުރުވައެވެ.
6-     ވައިނޮޅި
ވައިނޮޅި ނުވަތަ ނޭވާހޮޅި (Tracheaއަކީ  ނޭވާލާ ނިޒާމްގައި،  ލަގޮނޑިން  ފެށިގެން، ވައި ނޮޅީގެ ކަތްޕާއި، ހަމައަށް އިންނަ ނޭވާ ދައުރުކުރާ ނުވަތަ ނޭވާ ހިނގާ ހޮޅިއެކެވެ. އެހެންކަމުން ވައިނޮޅި ނިމިފައި އިންނަނީ ވައިނޮޅި ދެފަރާތުގެ ފުއްޕާމެޔަށް ކަފިވާ ހިސާބުންނެވެ. އެއީ ކަނާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަފި(Bronchus) އަދި ވާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަތްޕެވެ. ނޭފަތުން އެތެރެއަށް ވަންނަ ވައި ނުވަތަ އޮކްސިޖަން ފުއްޕާމެޔާއި، ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެއެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެތެރޭ ބަތާނަ ފަށަލައިގައިވާ އެޕިތީލިއަމްގެ ވައްތަރަކީ ''ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް''(Pseudostratified ciliated columner epiththeliumއެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލި ފަށަލައިގައިވާ ''ގޮބްލިޓް ސެލް''(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް ލަގޮނޑި، ހުރަސްކޮށް އަރުތެރެއަށް، ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.
7-      ވައި ނޮޅީގެ ކަފި
ވައި ނޮޅީގެ ކަފި (Bronchusއަކީ  ވައި ނޮޅިިން، ފުއްޕާމެއަށް، ވައި ފޮނުވައިދިނުމަށް ވައި ނޮޅީގެ ނިމޭ ހިސާބުން ކަފިވެގެން ދެފަރާތުގެ ފުއްޕާމޭގެ ތެރެއަށް ވަދެފައިވާ ވައިދައުރުވާ ކަފި ތަކެކެވެ. މިގޮތުން ވައި ނޮޅިން ކޮންމެ ފަރާތެއްގެ ފުއްޕާމެއަށް ކަތްޕެއް ވަދެފައިވެއެވެ. ވައިނޮޅި އެކޭ އެއްފަދައިން ވައިނޮޅީގެ ކަފީގައި ވެސް ވައިނޮޅީގައި ހުރި ފަދަ މަޑުކަށީގެ ބަދަތައް އޭގެ ވަށައިގެން ސީއަކުރުގެ ބައްޓަމަށް ވަށްބުރުތަކެއް ހެން އެތުރިފައި ހުރެއެވެ.
ކަނާތު ވައި ނޮޅީގެ ކަފި ކުރުވެފައި، ފުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިކަފި އިންނަނީ ،ވައި ނޮޅިއާއި ތަންކޮޅެއް ބޮޑަށް ސީދާވާގޮތަށެވެ. ކަނާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 3 ބަޔަށް ކަފިވެފައެވެ. ވާތު ވައި ނޮޅީގެ ކަފި އިންނަނީ، ފުއްޕާމޭގެ ތެރޭގައި އިތުރު 2 ބަޔަށް ކަފިވެފައެވެ. ވައިނޮޅީގެ ކަފިތައް ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކަށް ކަފިވެގެން ނުވަތަ ބައިވެގެން ދެއެވެ.
8-      ވައިނޮޅީގެ ކުދިކަފި
ވައިނޮޅީގެ ކުދިކަފި(Bronchioles) ތަކަކީ ވައިނޮޅީގެ ކަފި ފުއްޕާމެޔަށް ވަނުމަށްފަހު އޭގެ ތެރޭގައި ކަފިވެފައިވާ ކުދިކަފިތަކެކެވެ. މިއީ ފުއްޕާމޭގެ ތެރޭގައި މުޅިން ހުންނަ ކަފިތަކަކަށް ވުމުން، ވައިނޮޅި، އަދި ވައިނޮޅީގެ ކަފީގެ ބޭރުގައި ހުންނަ މަޑުކަށީގެ ބަދަތައް މިކަފިތަކުގެ ބޭރުފުށަކު ނުހުންނާނެ އެވެ. ފުއްޕާމޭގެ ތެރޭގައި އިތުރު ކުދިކުދި ކަފިތަކަކަށް މިކަފިތައް ބައިބައިވެގެން ގޮސްފައި ހުރެއެވެ. އެގޮތުން ފުއްޕާމޭގެ ތެރޭގައި ވައިނޮޅީގެ ކަފިތައް ބައިވެގެންދާއިރު، ވައިނޮޅީގެ ކުދި ކަފިތައް ފެށޭ ކަފި ތައް(Primary bronchioles) އަދި ވައިނޮޅީގެ ކުދި ކަފިތައް ނިމޭ ކަފި(Terminal bronchioles) ތައް ހުރެެއެވެ. ފަހުން މިބުނި ކަފިތައް އިތުރަށް ބައިވެގެން ގޮސް ނޭވާލުމުގައި ޝާމިލްވާ ކުދިކަފި(Respiratory bronchioles) ތައް އުފެދިގެން ދެއެވެ. އަދި ފަހުން މިބުނެވުނު ކަފިތައް މިކަފިތަކާއި ވައިކޮތަޅުތައް ގުޅުވައިދޭ ހޮޅި(Alveolar ducts) ތައް ހުރަސްކޮށް، ގޮސް ހުސްވަނީ ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު ނުވަތަ ވައިބޮކި(Alevolus) ތަކަށެވެ.
9-     ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު
ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅު (Alveolusނުވަތަ ވައިބޮކި ތަކަކީ  ފުއްޕާމޭގެ ތެރޭގައި ލެޔާއި ފުއްޕާމެޔާއި ދެމެދު ހިގާ ގޭސްތައް ބަދަލުކުރުމުގެ މަސައްކަތް(އޮކްސިޖަން ލެޔަށް ފޯރުކޮށްދީ، ކާބަން ޑައިއޮކްސައިޑް ފުއްޕާމޭގެ ތެރެއަށް ދޫކުރުން) ހިންގާ މައިމަރުކަޒެވެ.
ވައިނޮޅީގެ ކުދި ކަފިތަކުގެ ކޮޅުގައި ވައިކޮތަޅު(Alveolus) ތައް ނުވަތަ ވައިބޮކިތަކެއް ހުރެއެވެ. ފުއްޕާމޭގައި ގާތްގަނޑަކަށް 500 – 300 މިލިޔަނާއި ދެމެދުގެ އަދަދަކަށް ވައިބޮކި ހުރެއެވެ. ކޮންމެ ވައިބޮތްކެއްގެ ވަށައިގެން ކުދިކުދި، ހިމަ ލޭނާރުތަކުން ފުރިފައިވާ ދާގަނޑެއް ވެއެވެ. މިވައިކޮތަޅު ތަކުގެ ބޯމިނުގައި 0.2 މައިކްރޯމީޓަރު ހުރެއެވެ. ކުދި ވައިކޮތަޅުގެ ފާރުގައި މައިގަނޑު 3 ވައްތަރެއްގެ ސެލް ހުރެއެވެ

·         ފުރަތަމަ ވައްތަރުގެ ސެލް: މިއީ ވައިކޮތަޅުގެ ފާރު ބިނާވެގެންވާ ސެލްތަކެވެ. ނުވަތަ ވައިކޮތަޅުތައް ބިނާކޮށްދޭ ސެލްތަކެވެ.
·         ދެވަނަ ވައްތަރުގެ ސެލް: މިސެލްތަކުން ''ސާރފެކްޓަންޓް'' (Surfactants)ކިޔާ މާއްދާއެއް ދޫކުރެއެވެ.
·         ތިންވަނަ ވައްތަރުގެ ސެލް:  މިއީ މެކްރަފޭޖް ތަކެވެ. މިސެލްތަކުން ބެކްޓީރިއާ ފަދަ ހަށިގަނޑާ ނުގުޅޭ މާއްދާތައް މަރައި ނެތިކޮށްލައެވެ.
ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ.އެތެރެއަށް ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު(Alveolus) ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ކުދި ލޭހޮޅިތަކުގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.  

10- ފުއްޕާމޭ
މިއީ ނޭވާލުމުގެ ނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އަދި މައި ގުނަވަނެވެ.ފުއްޕާމޭ (Lung)  ގެ މައިގަނޑު މަސައްކަތަކީ ޖައްވުން ސާފުވައި ނުވަތަ އޮކްސިޖަން އެތެރެއަށް ނޭވާލާއިރު، ހަށިގަނޑުގެ އެތެރެ އަށް ފޯރުކޮށްދިނުމާއި، ލޭގައި ހުންނަ ވިހަ ކާބަންޑައި އޮކްސައިޑް ފުއްޕާމޭގެ ޒަރީޢާއިން ބޭރަށް ނޭވާލާއިރު، ހަށިގަނޑުން ބޭރުކުރުމެވެ.ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ''ޕަލްމޯ،ނިއުމޯ'' (Pulmo/pneumo) މިބަސްތަކުން  ދޭހަކޮށްދެނީ ފުއްޕާމެޔާ ގުޅުންހުރި މިހެންނެވެ.
 ނޭވާލާ ނިޒާމް ހެދިބޮޑުވުން
މާބަނޑު ދުވަސްވަރު ކުޑަ ދަރިފުޅު ބަނޑުގައި ހޭދަކުރާއިރު އެކުއްޖާގެ ނޭވާލާ ނިޒާމް ހޭދަކުރަނީ ހިމޭންކަންމަތީގައެވެ. ނުވަތަ ''ޑޯރމެންޓް''ކޮށެވެ. މާނައަކީ މާބޮޑު ހަރަކާތެއް ނެތިއެވެ. ދުވަސް ނުފުރާ ވިހާ ކުދިންނަށް ބައެއް ފަހަރު ނޭވާލުން ފޭލްވުން ފަދަ ކަމެއް ދިމާވުން އެކަށީގެންވެއެވެ. އެއީ ފުއްޕާމޭގެ ވައިކޮތަޅުގައި ދެވަނަ ވައްތަރުގެ ސެލް ރަގަޅަށް ފުރިހަމަ ނުވާތީއެވެ.
ނޭވާލާނިޒާމްގެ ވަޒީފާތައް
1-ވައި ދައުރުކުރުމާއި ނޭވާލުން
ވައިދައުރު ކުރުވުމަކީ އޮކްސިޖަން އެތެރެއަށް ނޭވާލާއިރު ހަށިގަނޑުގެ ތެރެއަށް ގެނެސް (ސާފުވައި އެތެރެއަށް ގެނައުން) ، ކާބަންޑައި އޮކްސައިޑް ބޭރަށްނޭވާލާއިރު (ނުސާފުވައި ބޭރުކުރުން) ، ހަށިގަނޑުން ބޭރުކުރުމެވެ. އެހެންކަމުން ވައިދައުރުވުމުގައި ޝާމިލްވާ އެންމެ އަސާސީ ދެކަމަކީ އެތެރެއަށް ނޭވާލުމާއި ބޭރަށް ނޭވާލުމެވެ.
ވައި ދައުރުކުރުން(Ventilation) ( ސާފުވައި އެތެރެއަށް ގެނެސް، އަދި ނުސާފުވައި ބޭރުކުރުން ) ކުރިމަތިވަނީ ''އުޓޮނޮމިކް ނާރުތަކުގެ ނިޒާމް''(Autonomic nervous system) ގެ ބެލުމުގެ ދަށުންނެވެ. އަދި ނޭވާލުމުގެ މަސައްކަތުގައި ސިކުނޑީގައިވާ ބައިތަކެއް ކަމަށްވާ ''ބްރެއިން ސްޓެމް'' (Brain stem) ، ''މިޑައްލާ އޮބްލޮންގާޓާ''(Medulla oblongata) ، އަދި ''ޕޮންސް''(Pons) ބައިވެރިވެއެވެ. ސިކުނޑީގެ މިބުނި ހިސާބުގައި ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު(Respiratory cenetre) އަދި ބްރެއިން ސްޓެމް މެދާއި ތިރީ ބައިގައި ގުޅިފައިވާ ''ނިއުރޯން''(Neuron) ތަކުގެ ސިލްސިލާއެއް ވެއެވެ.
ނޭވާލުމުގެ މަސައްކަތް ކޮންޓްރޯލްކުރުން : ނޭވާލުމުގެ ހަރަކާތް ރާވައި، ހިންގައި، ކުރިއަށްގެންދަނީ ނުވަތަ ކޯޑިނޭޓް ކުރަނީ މިބުނި ނިއުރޯން ތަކާއި، ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުންނެވެ. މިހިސާބުގައި ނިއުމޯޓެކްސިކް ސެންޓަރު(Pneumotaxic centre) އަދި އެޕްނިއުސްޓިކް ސެންޓަރު(Apneustic centre) ވެއެވެ.
ކުޑަ ދަރިފުޅު ތުއްތު އިރު މިއީ ވަރަށް ނުރައްކާތެރި އަދި ނާޒުކު ހިސާބެކެވެ. ކުޑަ ދަރިފުޅު ވެއްޓޭގޮތަކުން ނުވަތަ މާބާރަށް ތަޅުވާ ހަލުވާ ލައިފިނަމަ މިހިސާބުގައިވާ ނިއުރޯންތަކަށް ގެއްލުން ލިބުމަކީ ވެދާނެ ގޮތެކެވެ. އަދި އެކަމުގެ ސަބަބުން ''ޝޭކެން ބޭބީ ސިންޑްރޯމް'' (Shaken baby syndrome)ކުރިމަތިވެ ކުޑަދަރިފުޅު މަރުވުމަކީ ވެދާނެ ގޮތެކެވެ.  އެހެންކަމުން ތުއްތު އިރު ކުޑަދަރިފުޅު މައްޗަށް ނަގައި އެއްލައި މާބާރަށް ތަޅުވައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
(ހ) - އެތެރެއަށް ނޭވާލުން : އެތެރެއަށް ނޭވާލުން(Inspiration) ފެށިގެން އަންނަނީ މޭމަތީގެ ކަށިތަކުގެ މެދުގައި އެތުރި ފައި ހުންނަ ''އެކްސްޓަރނަލް އިންޓަކޯސްޓަލް މަސް (External intercostals muscle) ތަކުގެ ސަޕޯޓާއެކު ''ޑައަފްރަމް''(Diaphragm) އިންނެވެ. އާންމު ގޮތެއް ގައި ( އެއްވެސް ހަރަކާތެއް ނެތި / އަރާމްކުރާ ވަގުތު ) މިނިޓަކު 20- 10 ނުވަތަ 15-25 ފަހަރާއި ދެމެދުގެ މިންވަރަކަށް ނޭވާލައެވެ.ެ. މީހަކު މިނިޓަކު ނޭވާލަނީ 15-12 ފަހަރާއި ދެމެދުގެ އަދަދަކަށް ނަމަ ދުވާލަކު 17000 ފަހަރު، އަދި އަހަރަކު 6 މިލިޔަން ފަަހަރު އެމީހަކު ނޭވާލާނެ އެވެ.  ގަދަ ހަރަކާތެއްގައި ( މިސާލަކަށް ފުޓްބޯޅަ ކުޅެން ދުވުން، ބުރަ މަސައްކަތެއް ކުރުން ފަދަ ކަމެއް ) ނަމަ ނޭވާލާ މިންވަރު މިނިޓަކު 35 އަށް އަރައެވެ. މިފަދަ ޙާލަތްތަކުގައި ނޭވާލުމުގެ މަސައްކަތުގައި ''އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް''(Accessory respiratory muscle) ބައިވެރިވެއެވެ. މިބުނި މަސްތަކުގެ ގޮތުގައި ބެލެވެނީ ''ސްޓާރނޯ ކްލީޑޯ މަސްޓޮއިޑް''(Sternocleido muscle)، ''ޕްލެޓީސްމާ''(Platysma)، އަދި ކަރުގެ ''ސްޓްރެޕް'' މަސްތަކެވެ.
އެތެރެއަށް ނޭވާލުން މައިގަނޑު ގޮތެއްގައި ހިންގަނީ ޑައަފްރަމް އިންނެވެ. ޑައަފްރަމް ފިތި ކުރުގެޅުމުން (ކޮންޓްރެކްޓްވުމުން) ''މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި''(Rib cage) ފޭވެ ނުވަތަ ފުޅާވެ، ''މައިދާގައިވާ ތަކެތި''(Abdominal contents) ތިރިއަށް ދެއެވެ. މިހެންވުމުން މޭމަތި ހިމެނޭ ހިސާބު އެތެރޭގައިވާ ގުނަވަންތަކާއި ބައިތައް ހުންނަ ސަރަހައްދު ނުވަތަ ''ތޮރަސިކް ކެވިޓީ''ގެ(Thoracic cavity) ސައިޒު ބޮޑުވެ، މޭމަތި އޮންނަ ހިސާބު ނުވަތަ ތޮރަކްސް(Thorax)ގެ އެތެރޭގެ ޕްރެޝަރު(Intrathoracic pressure) ދަށްވެއެވެ. މިގޮތަށް އެތެރޭގެ ޕްރެޝަރު ދަށްވުމުން ސާފު ވައި ނޭވާލާ ނިޒާމްގެ މަތީބަޔަށް ވާޞިލްވެ، ދައުރުވަމުން އައިސް ފުއްޕާމެޔަށް ފޯރައެވެ.
ގަދަ ކަމުން އެތެރެއަށް ނޭވާލާއިރު މިސާލަކަށް އަހަރެމެން ފުން ނޭވާއެއް އެތެރެއަށްލާއިރު، ''އެކްސްޓާރނަލް އިންޓަކޯސްޓަލް މަސަލް'' (External Intercostal Muscle)އަދި ''އެކްސަސަރީ ރެސްޕިރޭޓަރީ މަސަލް''(Accesory respiratory muscle) ތައް ގުޅިގެން ތޮރަސިކް ކެވިޓީ އިތުރަށް ފުޅާ ކުރުވައެވެ.
(ށ) - ބޭރަށް ނޭވާލުން : ބޭރަށް ނޭވާލުން (Expiration)ބެލެވެނީ  ''ޕެސިވް ޕްރޮސަސް''(Passive process)  އެއްގެ ގޮތުގައެވެ.ގަދަކަމުން ބޭރަށް ނޭވާލެވެނީ ބަނޑާއި،''އިންޓާރނަލް އިންޓަކޯސްޓަލް''(Internal intercostals muscle) މަސްތަކުގެ އެހީގައެވެ. ފުއްޕާމެޔަށް ތަބީޢީ ގޮތުން އިލާސްޓިކް(ދެމޭގޮތެއް) ކަމެއް ލިބިފައިވެއެވެ. އެތެރެއަށް ނޭވާލުމުގައި ކުރިމަތިވާ، ޑައަފްރަމް ފިތި، މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި، ފުޅާވުމުގެ ބަދަލުގައި ބޭރަށް ނޭވާލާއިރު ޑައަފްރަމް ހަމައަކަށް އެޅި، މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި، ހިނދި ހަނިވެގެން ދެއެވެ. އެއާއެކު ވައި ބޭރަށްލާ ނޭވަޔާއެކު ބޭރުވެގެން ދެއެވެ.
2- ލޭދައުރުކުރުން
ހިތުގެ ކަނާތް ފަރާތު ތިރީގައިވާ  ކަނާތު ވެންޓްރިކްލް(Right ventricle) އިން ހިތުން ފުއްޕާމެޔަށް ފޮނުވާ ލޭ ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާދޭ މައި ލޭހޮޅި ޕަލްމޮނަރީ ޓްރަންކް(Pulmonary Trunk) އަށް ވާޞިލްވެ ދެއެވެ. ޕަލްމޮނަރީ ޓްރަންކް(Pulmonary Trunk)  ދެ ލޭހޮޅިއަށް ކަފިވެގެން ގޮސްފައިވެއެވެ. އެއީ ކަނާތް ފަރާތު ފުއްޕާމެޔަށް ލޭގެންގޮސްދޭ ލޭހޮޅި(Right Pulmonary Artery)  އާއި ވާތް ފަރާތު ފުއްޕާމެޔަށް ލޭގެންގޮސްދޭ ލޭހޮޅި (Left Pulmonary Artery)އެވެ. އަދި މިގޮތުން ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ތަކުގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމެއަށެވެ.
ވައި ދައުރުކުރާ މަގުގެ އެކި ހިސާބު ތަކުގައި މިލޭހޮޅިތައް ކަފިވެގެން އިތުރު ކުދި ގޮފިތައް އުފެދިފައި ވެއެވެ. ފުއްޕާމޭގެތެރޭވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް(ލޭގައި ހިމެނޭ ވިހަ ކާބަންޑައި އޮކްސައިޑް ބޭރަށް ނޭވާލާއިރު،ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފުއްޕާމޭގެ ތެރެއަށް ގެނައުމާއި، އަދި އެތެރެއަށް ނޭވާލާއިރު، ފުއްޕާމެޔަށް ވާޞިލްވާ ސާފުވައި ހަށިގަނޑުގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ލޭގެ ތެރެއަށް ދޫކުރުން) ފުރިހަމަކޮށް ނިމުމުން ފުއްޕާމެޔަށް ވާޞިލްވި ލޭ އަނބުރާ ޕަލްމޮނަރީ ވެއިން(Pulmonary Vein) ތައް ހުރަސްކޮށް ހިތުގެ ވާތް ފަރާތުގައިވާ ވާތު އެޓްރިއަމް(Left Atrium) އަށް ވާޞިލްވެއެވެ.
އިންސާނާގެ ހަށިގަނޑުގައި ލޭދައުރުވާ ގޮތް
ހަށިގަނޑުގެ އެކި ޓިޝޫތަކުން އޮކްސިޖަން އެކުނުލެވޭ ލޭ ވާޞިލްވަނީ ހިތުގެ ކަނާތް ފަރާތުން މަތީގައިވާ ކަނާތު އެޓްރިއަމް(Right atrium) އަށެވެ. އެއަށްފަހު ދެން ވާޞިލްވަނީ ''ޓްރައިކަސްޕިޑް ވޭލް''(Tricuspid valve) ހުރަސްކޮށް ކަނާތް ފަރާތު ތިރީގައިވާ  ކަނާތު ވެންޓްރިކްލް(Right ventricle) އަށެވެ. ކަނާތު ވެންޓްރިކްލް އިން ސެމިލޫނަރ ޕަލްމޮނަރީ ވޭލް(Semi-lunar pulmonary valve) ހުރަސްކޮށް ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ހޮޅިއަށް ދެއެވެ. ހިތުން ފުއްޕާމެޔަށް ލޭފޮނުވާ ލޭހޮޅި(Pulmonary artery) ގެ އެހީގައި ދެން ލޭ ވާޞިލްވަނީ ފުއްޕާމެއަށެވެ. ފުއްޕާމޭގެ ތެރޭގައި ފުއްޕާމެޔަށް ވާޞިލްވި ލޭގެ ސެލްތަކަށް އާ އޮކްސިޖަން ހޯދައިދެއެވެ. މާނައަކީ ލެޔަކީ އޮކްސިޖަން އާއި އެކުވެފައިވާ އެއްޗަކަށް ހަދައިދެއެވެ. ނުވަތަ އޮކްސިޖަން-މުއްސަދި ލެޔަކަށް ބަދަލު ކޮށްލައެވެ. އެއަށްފަހު މިލޭ ފުއްޕާމެއިން އަނބުރާ ހިތަށް ފޮނުވައެވެ. މިގޮތުން ފުއްޕާމޭގެ ތެރޭގައި އޮކްސިޖަން އާއި އެއްވެފައިވާ ލޭ ފުއްޕާމެއިން ހިތަށް ލޭ ވާޞިލްވަނީ ފުއްޕާމެއިން ހިތަށް ލޭފޮނުވައިދޭ ލޭހޮޅީ(Pulmonary vein) ގެ އެހީގައެވެ. 
ބަޔާންކުރެވުނު ގޮތަށް ފުއްޕާމެއިން ހިތަށް ފޮނުވުނު ލޭ ވާޞިލްވަނީ ހިތުގެ ވާތް ފަރާތު މަތީގައިވާ ވާތު އެޓްރިއަމް(Left atrium)އަށެވެ. އެއަށްފަހު ''ބައިކަސްޕިޑް ވޭލް''(Bicuspid valve) ހުރަސްކޮށް ހިތުގެ ވާތް ފަރާތުގެ ތިރީގައިވާ ވާތު ވެންޓްރިކްލް(Left ventricle) އަށް ވާޞިލްވެ، އެތަނުން ސެމިލޫނަރ އައޮޓިކް ވޭލް(Semi-lunar arotic valve) ހުރަސްކޮށް އެހިސާބުން ނިކުމެފައިވާ ހިތުގެ ބައިތަކަށް ލޭފޮނުވައިދޭ ބޮޑު ލޭހޮޅި(Aorta) ކަނޑަތުކޮށް ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން-މުއްސަދި ލޭ ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ބައިތަކުގައި އޮކްސިޖަން އިން މުއްސަދިވެފައިވާ ލޭ ދައުރުވާން ފަށައެވެ.
ހަށިގަނޑުގެ ތެރޭގައި ލޭދައުރުވަމުންދާއިރު ލޭގެ ތެރޭގައި ހިމެނޭ އޮކްސިޖަން އަދި ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑުގެ އެކިއެކި ސެލްތަކަށް ފޯރުކޮށްދެއެވެ. އަދި ހަށިގަނޑުގެ ސެލްތަކުން ކާބަންޑައިއޮކްސައިޑް އަދި ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ލޭގެ ތެރެއަށް އާދެއެވެ. ހަށިގަނޑުގެ އެކި ހިސާބުގައިވާ ލޭހޮޅިތަކުން ހިތާ ދިމާލަށް ފޮނުވާ ލޭ ހިތަށް ވާޞިލްވަނީ މައި ދެ ލޭހޮޅި އަކުންނެވެ. އެއީ ހިތަށްވުރެ މަތީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Superior vena cava)  އަދި ހިތަށްވުރެ ތިރީގައިވާ ހަށިގަނޑުގެ ބައިތަކުން ހިތަށް ލޭ ގެނެސްދޭ މައި ލޭހޮޅި(Inferior vena cava) އިންނެވެ. މިދެލޭހޮޅިވެސް ގުޅިފައިވަނީ ހިތުގެ ކަނާތް ފަރާތު މަތީގައިވާ ''ކަނާތު އެޓްރިއަމް'' އަށެވެ. ހިތުގެ ދެފަޅީގައިވާ ދެ އެޓްރިއަމް އަށް ބަލާއިރު ޖާގައިގެ ގޮތުން ބޮޑީ ކަނާތު އެޓްރިއަމް އެވެ. ނަމަވެސް ދެއެޓްރިއަމް ވެސް ލޭ ވާޞިލްވަނީ އެއްވަރަކަށެވެ.
3- ގޭސް ބަދަލުކުރުން  
ގޭސް ބަދަލުކުރުމަކީ(Gas exchange) ލޭގައި ހިމެނޭ ވިހަ ކާބަންޑައި އޮކްސައިޑް ބޭރަށް ނޭވާލާއިރު، ހަށިގަނޑުން ބޭރުކުރުމަށްޓަކައި ފުއްޕާމޭގެ ތެރެއަށް ގެނައުމާއި، އަދި އެތެރެއަށް ނޭވާލާއިރު ފުއްޕާމެޔަށް ވާޞިލްވާ ސާފުވައި ހަށިގަނޑުގެ އެކި ހިސާބަށް ފޯރުކޮށްދިނުމަށް ލޭގެ ތެރެއަށް ދޫކުރުމެވެ.
ނޭވާލާ ނިޒާމްގެ މައިގަނޑު އެއް މަސައްކަތަކީ ގޭސް ބަދަލު ކުރުމެވެ.އެތެރެއަށް ނޭވާލުމުގެ ތެރޭގައި ގޭސް ބަދަލު ކުރުމުގެ މަސައްކަތް ހިގަނީ ކުދި ވައިކޮތަޅު(Alveolus) ތަކާއި އެވައިކޮތަޅު ތަކުގެ ފާރުގައިވާ ކުދިކުދި ލޭހޮޅި (Pulmonary Capillaries)ތަކާ ދެމެދުގައެވެ. ވައިކޮތަޅު ތަކުގެ ފާރަކީ ވަރަށް ތުނި އެއްޗެކެވެ. ގާތް ގަނޑަކަށް އޭގެ ބޯމިން އުޅެނީ 0.2 މައިކްރޯމީޓަރު ގައެވެ. ވައިކޮތަޅުގެ ފާރުގައިވާ ކުދި ލޭހޮޅިތަކުގެ ފާރަކީ ވެސް ތުނި އެހާމެ ތުނި އެއްޗެކެވެ. އެހެންކަމުން ފަސޭހަ ކަމާއެކު އެދެމެދުގައި ގޭސް ބަދަލުކުރެވެއެވެ.  
ވައިކޮތަޅު ގައި ހިމެނޭ ވައި ނުވަތަ އޮކްސިޖަން ފުއްޕާމޭގެ ތެރޭގައިވާ ކުދި ލޭހޮޅިތަކު(Pulmonary Capillaries)ގެ ތެރެއަށް(ލޭގެ ތެރެއަށް) އައުމުން ، އެކުދި ލޭހޮޅިތަކުގެ ތެރޭގައި ހިމެނޭ(ލޭގައި ހިމެނޭ) ކާބަންޑައި އޮކްސައިޑް، ވައިކޮތަޅުގެ ތެރެއަށް ފޮނުވާލައެވެ. މިހާލުގައި އެކުދި ލޭހޮޅިތަކުގެ ތެރޭގައިވާ ގައިވާ ލޭ ހުންނާނީ އޮކްސިޖަން- މުއްސަދި އެއްޗެއްގެ ގޮތުގައެވެ. އަދި ކާބަންޑައި އޮކްސައިޑް ފުއްޕާމޭގައި ހިފެހެއްޓިފައި ހުރެއެވެ. އަދި ބޭރަށް ނޭވާލުމުގެ ތެރޭގައި ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކޮށްލައެވެ.
އާދައިގެ ޞިއްޙަތު ސަލާމަތުން ހުރި މީހަކު ރަގަޅަށް ހުންނައިރު ނޭވާލާ ކޮންމެ ފަހަރަކު 250މލ ގެ އޮކްސިޖަން ފުއްޕާމޭގެ ތެރެއަށް ކޮންމެ މިނިޓަކު ވަދެއެވެ. އަދި 200މލ ގެ ކާބަންޑައި އޮކްސައިޑް ކޮންމެ މިނިޓަކު ފުއްޕާމެއިން ބޭރުކޮށްލައެވެ.
4- އަޑުތައް އުފެއްދުން
ތަފާތު އަޑުތައް އުފެއްދުމަށް ނޭވާލާ ނިޒާމްގައި ޝާމިލްވާ ބައެއް ޓިޝޫތައް ހިއްސާ ވެއެވެ. އަހަރެމެންގެ އަރުތެރެ އާއި ލަގޮނޑީގެ ތެރޭގައި ވައި ދަތުރުކުރާއިރު، ލަގޮނޑީގައި ހިމެނޭ އަޑުއުފައްދާ ވާފަށް ތައް ވައިބްރޭޓްވެ، ވާހަކަ ދެއްކުމާއި، އެހެނިހެން ކަންކަމުގައި އިންސާނާ ބޭނުންކުރާ އަޑުތައް އުފެދިގެން ދެއެވެ.
5- ނޭވާލާ ނިޒާމްގެ މަތީބައިގެ ބައިތަކުން ފުރިހަމަކޮށްދޭ މަސައްކަތްތައް
ނޭވާލާ ނިޒާމްގެ މަތީބައިގެ ބައިތަކުގެ ގޮތުގައި ހިމެނޭ، ނޭފަތް، އަރުތެރެ، ލަގޮނޑި ފަދަ ޓިޝޫތަކަކީ އަންނަނިވި ކަންކަން ފުރިހަމަކުރުމުގައި އެކި މިންވަރަކަށް ބައިވެރިވާ ޓިޝޫ ތަކެކެވެ.
·         އެތެރެއަށް ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ވަންނަ ވައި ފުރޭނުން : މިގޮތުން ނޭފަތުގެ އެތެރޭގައި ހުންނަ ހިމަ ލޯލި އިސްތަށި ތަކަކީ ވައިގެ ތެރޭގައި ހިމެނޭ ހިރަފުހާއި، އެހެނިހެން ހަށިގަނޑާ ބީރައްޓަހި މާއްދާތައް ވަކިކޮށް ހަށިގަނޑުން ބޭރުކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. އަދި މިއިސްތަށިތަކުގެ ސަބަބުން އެފަދަ ހިރަފުހާއި ކުނިބުނި ފުއްޕާމެޔާއި ނޭވާލާ ނިޒާމްގެ ތެރެއަށް ވަނުމަށް ހުރަސްތަކާ ކުރިމަތިވެއެވެ. މީގެ އިތުރުން، ނޯށުތެރޭގައި އުފެދޭ ދަވަ މިބުނި ލޯލި އިސްތަށި ތަކުގެ އެހީގައި ފަހަތަށް ގެންގޮސް އަރުތެރެއަށް ފޯރުކުރުވައި، ދިރުވާލައެވެ.
·         އެތެރެއަށް ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ވަންނަ ވައި ހޫނުކޮށްލުން ނުވަތަ ވައިގައި ހަށިގަނޑާއި އެކަށޭނަ ފިނިހޫނުމިނެއް އުފެއްދުން
·         އެތެރެއަށް ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ވަންނަ ވައިގެ ތެރޭގައި ތެތްކަމެއް އުފެއްދުން : ނޭވާލުމުގެ ތެރޭގައި ނޯށުތެރެ ހުރަސްކޮށް ވައި ދައުރުވާ ދައުރުވުމުގައި އެވައި ފިނި ނުވަތަ މަޑު ތެތްކަމެއް ހުންނަ އެއްޗަކަށް ހަދައެވެ.
·         ބަސްމޮށުންތެރިކަމުގައި ތަފާތު އަޑުތައް އުފެއްދުމުގައި ބައިވެރިވުން
·         ހަށިގަނޑަށް ގެއްލުންދެނިވި މާއްދާތަކުން ރައްކާތެރިކުރުން : އެގޮތުން ނޭފަތުގެ ތެރޭގައި ހުންނަ ލޯލި އިސްތަށިތަކުގެ އެހީގައި ހިރަފުހާއި ކުނިބުނި، ހަށިގަނޑުގެތެރެއަށް ވަނުމަށް ހުރަސް އަޅައެވެ. ނޭވާހިނގާމަގަށް، ކާއެއްޗެއް، ނުވަތަ އެހެންވެސް މާއްދާއެއް އެޅިއްޖެނަމަ، އެއެއްޗެއް ބޭރުކުރުމަށްޓަކައި، ކެއްސުން، ނުވަތަ ކިނބިހިއެޅުން ކުރިމަތި ކުރުވައެވެ.
ނޭވާލުމާއި، އޯޓޮނަމިކް ނާރުތަކުގެ ނިޒާމް
ނޭވާލުމުގެ މަސައްކަތް ހިންގައި ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ ބައެއް ކަމުގައިވާ "އޯޓޮނަމިކް ނާރުތަކުގެ ނިޒާމް"(Autonomic nervous system) އިންނެވެ.  ނޭވާ ހިފަހައްޓައިގެން އިންސާނަކަށް ހުރެވޭނީ ވަކި ވަގުތަކަށެވެ. ނޭވާ ހިފަހައްޓައިގެން ގިނައިރުވުމުން ހަށިގަނޑުން އެނޭވާދޫކޮށްލުމަށް ބާރުއަޅައެވެ. ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު(Respiratory centre) ތައް ހުންނަނީ ސިކުނޑީގައިވާ "ބްރެއިން ސްޓެމް"(Brain stem)ގެ ބައެއް ކަމުގައިވާ "މިޑައްލާ އޮބްލަންގާޓާ"(Medulla oblongata) ގައެވެ. މިމަރުކަޒުތަކުގައި ހިމެނޭ ނާރު ސެލްތަކުން ޑައަފްރަމް(Diagphragm)  އަދި "މޭމަތީގެ ކަށިތަކުގެ މެދުގައިވާ މަސް"(Intercostal muscle)  ތަކަށް ވަކި އުޞޫލެއްގެ މަތިން ކޮންޓްރެކްޓްވެ، ރިލެކްސް ވުމަށް ސިގްނަލް ފޮނުވަމުން ގެންދާނެ އެވެ. ނަމަވެސް ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު ތަކަށް ބާރުފޯރުވާ ކަންތައްތަކެއް ވެއެވެ.
·         އޮކްސިޖަން (O2): ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ މައިލޭހޮޅީ(Aorta) ގަޔާއި، އަދި ސިކުނޑިއަށް ލޭފޮނުވައިދޭ މައި ލޭހޮޅީ(Carotid artery) ގައި "ޕެރިފެރަލް ކީމޯރިސެޕްޓަރު"(Peripheral chemoreceptor) އޭ ކިޔޭ ޚާއްޞަ ނާރު ސެލް ތަކެއް ވެއެވެ. މި ނާރު ސެލްތަކުގެ ބޭނުމަކީ ލޭގައި އޮކްސިޖަން ހިމެނޭ މިންވަރު ބަލައި، ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު(Respiratory centers) ތަކަށް އެކަން އެންގުމެވެ. ލޭގައި އޮކްސިޖަން ހިމެނޭ މިންވަރު ދަށްވެއްޖެނަމަ، މި ނާރު ސެލްތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް ނޭވާލުން އިތުރުކޮށް، އަވަސްކުރުމަށް އިރުޝާދު ދޭނެ އެވެ.
·         ކާބަންޑައިއޮކްސައިޑް (CO2): ކުރިން ބުނި ޕެރިފެރަލް ކީމޯރިސެޕްޓަރު ތަކުން ލޭގައި ކާބަންޑައިއޮކްސައިޑް ހިމެނޭ މިންވަރު ވެސް ބަލާނެއެވެ. މީގެ އިތުރުން ސިކުނޑީގެ "މިޑައްލާ އޮބްލަންގާޓާ" ގައި ހުންނަ "ސެންޓްރަލް ކީމޯރިސެޕްޓަރު"(Central chemoreceptor) ތަކުން ސިކުނޑިއާއި ސްޕައިނަލް ކޯޑް ގެ ވަށައިގެންވާ ހިސާބުގައި ހުންނަ ދިޔަ(Cerebrospinal fluid) އިގެ ތެރޭގައި ކާބަންޑައި އޮކްސައިޑް ހުންނަ މިންވަރު ބަލާނެއެވެ. ކާބަންޑައި އޮކްސައިޑް ލޭގެތެރެއިން ސިކުނޑީގެ ވަށައިގެން ހުންނަ ދިޔައިގެ ތެރެއަށް ވަރަށް ފަސޭހައިން  ދާގޮތްވާނެއެވެ. ކާބަންޑައި އޮކްސައިޑްގެ މިންވަރު މާމަތިވެއްޖެނަމަ، ސެންޓްރަލް އަދި ޕެރިފެރަލް ކީމޯރިސެޕްޓަރު ތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް ނޭވާލުން އިތުރުކޮށް، އަވަސްކުރުމަށް އިރުޝާދު ދޭނެ އެވެ. ނޭވާލުން އިތުރުވެ އަވަސްވުމުން، ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުވެ، އޭގެ މިންވަރު ހަށިގަނޑުގައި ހަމައަކަށް އެޅި، ނޭވާލުން ވެސް މަޑުމަޑުން ދަށްވެ، ހަމައަކަށް އެޅޭނެ އެވެ.
·         ހައިޑްރޯޖަން އަޔަން (ph): ކުރިން ބުނެވުނު ޕެރިފެރަލް ކީމޯރިސެޕްޓަރާއި، ސެންޓްރަލް ކީމޯރިސެޕްޓަރަކީ ވެސް ސިކުނޑީގައި ވަށައިގެންވާ ހިސާބުގައި ހުންނަ ދިޔަ، އަދި ލޭގައި ހިމެނޭ ހައިޑްރޯޖަން އަޔަން އަށް ނާޒުކު އެއްޗެކެވެ. މާނައަކީ ސިކުނޑީގެ ވަށައިގެން ހުންނަ ދިޔަ އާއި ލޭގައި ހައިޑްރޯޖަން އަޔަން ހުންނަ ގޮތަކަށް ބަލާފައި ކުރަންޖެހޭ ކަމެއް ކުރުމަށް އެ ރިސެޕްޓަރުތަކުން ބާރު އެޅުމެވެ. ހައިޑްރޯޖަން އަޔަން ގެ މިންވަރު މަތިވެއްޖެނަމަ ( އެދިޔައެއް އެސިޑަށް ބަދަލުވުން) މި ރިސެޕްޓަރުތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކުގެ މަސައްކަތް އަވަސްކޮށް ހަލުވި ކުރުމަށް އަންގާނެ އެވެ. ސިކުނޑީގެ ވަށައިގެން ހުންނަ ދިޔަ އާއި ލޭގައި ކާބަންޑައި އޮކްސައިޑް، އަދި ބައިކާބޮނޭޓް ހުންނަ މިންވަރަކީ ހަށިގަނޑުގައި ހައިޑްރޯޖަން އަޔަން އެކުލެވޭ މިންވަރަށް ބާރު ފޯރުވާ އެއްޗެކެވެ.
·         ދެމި،ފުޅާވުން (Stretch): ފުއްޕާމެޔާއި މޭމަތީގެ އެތެރޭގެ ފާރު(Chest wall) ގައި ހުންނަ ސްޓްރެޗް ރިސެޕްޓަރު(Stretch receptor) ތަކުން މިގުނަވަންތައް ދެމިފުޅާންވެ، ވާންވާ މިންވަރު ބަލާނެ  އެވެ. ފުއްޕާމޭ މާބޮޑަށް ދެމި، ފުފި، ފުޅާވެއްޖެނަމަ، މިދެންނެވި ރިސެޕްޓަރު ތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު ތަކަށް ބޭރަށް ނޭވާލުމަށް އަންގައި، އެތެރެއަށް ނޭވާލުން ހުއްޓުމަށް އަންގާނެ އެވެ. މިކަމުގެ ސަބަބުން ފުއްޕާމޭ މާބޮޑަށް ދެމި، ފުފި، ފުޅާވުމުގެ(Over-inflation) ސަބަބުން ފުއްޕާމެޔަށް އަނިޔާވުމުން މިންޖުކޮށް ދޭނެއެވެ.
·         ސިކުނޑީގެ ސެންޓަރު ތަކުން އަންނަ ސިގްނަލް ތައް : ސިކުނޑީގެ ތެރޭގައިވާ "ހައިޕޯތަލަމަސް" ، އަދި "ކޯޓެކްސް" ގައި ހުންނަ ނާރު ސެލްތަކުން ވެސް ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒު ތަކަށް ބާރުފޯރުވައެވެ. ތަދާއި، ރުޅި ފަދަ ވަރުގަދަ ޖަޒުބާތީ އޮއިވަރުގެ ތެރޭގައި ހައިޕޯތަލަމަސް(Hypothalamus) އިން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް އެތާގެ މަސައްކަތް އަވަސްކޮށް، ހަލުވި ކުރުމަށް އަންގާނެ އެވެ. ކޯޓެކްސް ގައި ހިމެނޭ ނާރު ސެލްތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް ދިމާވެފައިވާ ޖަޒުބާތީ އޮއިވަރަ (އުފާވުން، ދެރަވުން، ހިތްހަމަނުޖެހުން، ރުޅިއައުން ފަދަ ކަންތައްތައް) ކާއި ގުޅޭގޮތުން، އެތާގެ މަސައްކަތް އަވަސްކޮށް ހަލުވިކުރުމަށް، ނޫނީ ލަސްކުރުމަށް، ނޫނީ ނޭވާ ހިފަހައްޓާލުމަށް އަންގާނެއެވެ. ކުރިންބުނި ކަންތައް ( އޮކްސިޖަން މަދުވުން، ކާބަންޑައި އޮކްސައިޑް ގިނަވުން، ހައިޑްރޯޖަން އަޔަން އަށް ބަދަލުއައުން) ތަކަކީ މިކަންތައްތަކަށް ބާރުފޯރުވާ ފަދަ ކަންތައްތަކެވެ.
·         ތަފާތު ކެމިކަލްތައް (Chemical irritants): ނޭވާހިނގާ މަގުގެ ތެރޭގައި ހުންނަ ނާރު ސެލްތަކުން އެމަގަށް ހިރަފުސް، ދުން، ކުނިބުނި، ފެން، ސިގިރޭޓްގެ ދުން، ފަދަ އެއްޗެއް އެޅިއްޖެނަމަ، އެކަން ދެނެގަންނާނެ އެވެ. މިފަދަ ހާލަތުގައި، މި ނާރު ސެލްތަކުން ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކަށް، ނޭވާލުމުގައިވާ ބައިވެރިވާ މަސް ތައް ކުރުގަޅުވައި، ފިއްތާލުމަށް އަންގާނެއެވެ. މިހެންވުމުން ކެއްސުން ނުވަތަ ކިނބިހިއެޅުން މެދުވެރިވާނެ އެވެ. ކެއްސާއި ކިނބިހި އެޅުމުގެ ތެރޭގައި، ހަލުވި ބާރުމިނެއްގައި އަންނަ ވަޔާއެކު، އެމަގަށް އެޅުނު މާއްދާއެއް ބޭރުކޮށްލާނެ އެވެ.
ބައެއް ފަހަރު ނޭވާލުން ކޮންޓްރޯލްކުރާ މަރުކަޒުތަކުގެ މަސައްކަތަށް ލޮޅުން އަރައި، އާދަޔާ ޚިލާފަށް ގިނައިން ސިގްނަލްތައް ޑައަފްރަމް އަށް ފޮނުވައެވެ. ނަތީޖާއެއްގެ ގޮތުން ބޭނުމެއްނެތް ސިފައެއްގައި ޑައަފްރަމް ކުރުގެޅި "އުކުޑިކޮށްޓުން"(Hiccup) ކުރިމަތި ކުރުވައެވެ.


No comments:

Post a Comment