Saturday, November 26, 2011

ވައިނޮޅި

ވައިނޮޅި
ވައިނޮޅި ނުވަތަ ނޭވާހޮޅި އާއި އޭގެ ކަފިތަކަކީ އިންސާނާގެ ނޭވާލާ ނިޒާމް އުފެދިފައިވާ ގޮތުން ލަގޮނޑިން ފެށިގެން ތިރިއަށް ގޮސް، ފުއްޕާމޭގެ ތެރެއަށް ކަފިވެގެން ވަދެ، އަދި ފުއްޕާމޭގެ ތެރޭގައި ތަފާތު ބައިތަކަށް ކަފިވެގެން ބައިވެގެން ގޮސްފައިވާ ނޭވާ ހިނގާ ކުދި ހޮޅިތަކެވެ.
ވައިނޮޅި
ވައިނޮޅި ނުވަތަ ނޭވާހޮޅި (Tracheaއަކީ  ނޭވާލާ ނިޒާމްގައި،  ލަގޮނޑިން  ފެށިގެން، ވައި ނޮޅީގެ ކަތްޕާއި، ހަމައަށް އިންނަ  ނޭވާ ދައުރުކުރާ ނުވަތަ ނޭވާ ހިނގާ ހޮޅިއެކެވެ. އެހެންކަމުން ވައިނޮޅި ގޮސްފައި އިންނަނީ ލަގޮނޑިން ފެށިގެން ތިރިއަށް، ތިނަކަށިގަނޑު(Sternum) ގެ ދަށުންނެވެ. ވައިނޮޅި ފެށިފައި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިތަކުގެ ތެރެއިން 5 ވަނަ ކަށިކޮޅާއި އެއް ހަމައަކުންނެވެ. އަދި ވައިނޮޅި ނިމިފައި އިންނަނީ ވައިނޮޅި ކަފިވާ ހިސާބުން މޭމަތި ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިތަކުގެ ތެރެއިން 4 ވަނަ ކަށިކޮޅާއި ހަމައަށެވެ.
ނޭފަތުން އެތެރެއަށް ވަންނަ ވައި ނުވަތަ އޮކްސިޖަން ފުއްޕާމެޔާއި، ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެއެތެރޭގެ ދިގު ހުރަސް ވަށަމިނުގައި  2.5-2 ސެންޓިމީޓަރު ހުންނަ، މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ނުވަތަ 6.3- 4 އިންޗިވަރު ހުރެއެވެ. އާންމު ގޮތެއްގައި ނޭވާ ހޮޅީގެ އެތެރޭގެ ވަށަމިން އަންހެނުންނަށްވުރެ ފިރިހެނުންގެ އިތުރުވާނެ އެވެ. އަދި ކުޑަކުދިންނަށްވުރެ ބޮޑެތި މީހުންގެ އިތުރުވާނެ އެވެ.
ވައިނޮޅީގައި ހިމެނޭ މަޑުކަށީގެ ބަދަތައް
ވައި ނޮޅީގެ މަތިން ތިރިއަށް ކުރިމަތިން ''ސީ އަކުރުގެ ބައްޓަމަން''(C-shapedހުންނަ މަޑުކަށިން އުފެދިފައިވާ ފުރިހަމަނުވާ (އެއްކޮށް ވަށްބުރު ފުރިހަމަނުވެ) ވަށްބުރު ތަކެއް ނުވަތަ ވައިނޮޅީގެ ބަދަ (Tracheal Cartilage) ތަކެއް ހުރެއެވެ. މިބަދަތަކުގެ ފަހަތް އުފެދިފައި ހުންނަނީ މަސް އަދި ކަނެކްޓިވް ޓިޝޫ އިންނެވެ. މިގޮތުން މިބަދަތަކުގެ ނިމުން ފަހަތުން ގުޅުވާދޭ މަސްކޮޅުތަކަށް ކިޔަނީ "ޓްރެކިއާލިސް"(Trachealis muscle) އެވެ. މިމަސްކޮޅު ތައް ކެއްސުމުގެ ތެރޭގައި ފިތި ކައިރިވެ، ކުރުގެޅޭނެ އެވެ.  ވައިނޮޅީގެ ކުރިމަތިންނާއި އަރިމަތިން ހުންނަ ވައިނޮޅީގެ ބަދަ ތަކުގެ އަދަދު އުޅެނީ 20-16 އާދެމެދުގައެވެ. މިބަދަތަކުގެ ބޭނުމަކީ ނޭވާ ހިނގާ މަގު(Airway) ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ. މަޑުކަށިން އުފެދިފައިވާ ވައިނޮޅީގެ ބަދަތަކުގެ ފުންމިނުގައި 4 މިލިމީޓަރު ހުންނައިރު، ބޯމިނުގައި 1 މިލިމީޓަރު ހުރެއެވެ. މިއީ ދެމުމުގެ ގާބިލިއްޔަތު ލިބިފައިވާ އިލާސްޓިކްކަން ގަދަ ބަދަތަކެކެވެ. އުމުރުން ދުވަސްވުމުން މިބަދަތައް ކެލްސިފައިޑްވެގެން ހަރުވެއެވެ.
ނޭވާހޮޅީގެ ފަހަތުން އިންނަނީ ކާތަކެތި ހިނގާހޮޅި އެވެ. ވައިނޮޅީގެ ވަށައިގެން ހުންނަ މަޑުކަށީގެ ބަދަތަކަކީ ކުރިން ވެސް ބުނިހެން ފުރިހަމަނުވާ ބުރު ތަކަކަށް ވުމުން ކެއުމުގެ ތެރޭގައި ކާތަކެތި ހިނގާހޮޅިން ކާތަކެތި ދައުރުވަމުން ދިޔުން ފަސޭހަ ކުރުމަށްޓަކައި، ވައިނޮޅި ފަހަތުން ބަދަތަކުގައި މަޑުކަށި ނެތި، ހުސް މަސް ހުންނަ ހިސާބުން ކުރުގެޅި ކައިރިވެލާނެ އެވެ. ކާތަކެތި ދިރުވާއިރު، ކާތަކެތި ނޭވާހޮޅި އަށް އެޅުނަ ނުދިނުމަށްޓަކައި، ނޭވާހޮޅި ފެށޭ ހިސާބުގައިވާ މަސްފޮއްޗެއް ފަދަ "އެޕިގްލަޓިސް"(Epiglottis) އިން ނޭވާހޮޅީގެ މަތި ބައްދާލާނެ އެވެ.

ވައިނޮޅީގެ ބަތާނަ ނުވަތަ ތެތް ދުލި ފަށަލަ
ވައި ނޮޅީގެ އެތެރޭ ގެ ތެތް ދުލި ފަށަލަ ނުވަތަ ބަތާނަ ފަށަލައިގައިވާ އެޕިތީލިއަމްގެ ވައްތަރަކީ ''ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް''(Pseudostratified ciliated columner epiththelium)  އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލި ފަށަލައިގައިވާ ''ގޮބްލިޓް ސެލް''(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް ލަގޮނޑި، ހުރަސްކޮށް އަރުތެރެއަށް، ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ. އަނެއް ބައި ފަހަރު މިގޮތަށް އަރުތެރެއަށް ނަރުވާތަކުގެ އެހީގައި ގެނެވޭ ހަށިގަނޑާއި ބީރައްޓަހި މާއްދާތަކާއި، ދަވަ ނުވަތަ އަރިދަފުސް ، ކެއްސުމުގެ ތެރޭގައި ހަށިގަނޑުން އަނގަ ހުރަސްކޮށް ބޭރުކޮށްލައެވެ.

ނޭވާލާ ނިޒާމްގެ އެހެން ބައިތަކެކޭ އެއްފަދައިން ވައިނޮޅީގެ އެތެރޭ ބަތާނަ ފަށު ގައި ވެސް ކުދިކުދި ނަރުވާ ފަދަ ލޯލި އިސްތަށިތައް ހުރެއެވެ. އެގޮތުން ބަތާނަ ފަށު ގެ ކޮންމެ ސެލް އަކުން 250 ލޯލި އިސްތަށި ނިކުމެފައި ހުރެއެވެ. މިބަތާނަ ފަށުގައި ވެސް ގޮބްލިޓް ސެލްތައް ހުރެއެވެ. ދުވާލަކު ½ ޖޯޑުގެ ދަވަ މިގޮބްލިޓް ސެލްތަކުން ދޫކުރެއެވެ. ކުރިން ބުނި ލޯލި އިސްތަށިތަކުގެ އެހީގައި ހިރަފުހާއި ކުނިބުންޏާއި ތަތްވެފައިވާ ދަވަ ތައް މިނިޓަކު 20-10 މިލިމީޓަރުގެ ދުރުމިނަށް ގެންދެއެވެ. އެގޮތުން ވައިނޮޅީގެ ކަފިތަކާއި، ވައިނޮޅީގެ ތެރޭގައި ހުންނަ ދަވަތައް އަރާއި ނޭވާލާ ނިޒާމްގެ މަތީބައިތަކަށް އައުމުން ކެއްސުމާއި އެކު އަނގައިން އަރިދަފުސްގެ ގޮތުގައި ބޭރުކުރެވެއެވެ. ވައިނޮޅި، ވައިނޮޅީގެ ކަފި، އަދި ލަގޮނޑީގައި ހުންނަ ނާރުތަކުގެ ކޮޅު ދަވަ، ނުވަތަ އެހެންވެސް ހަށިގަނޑާއި ބީރައްޓަހި މާއްދާއެއްގެ ސަބަބުން ހީވާގިވުމުން، ކެއްސުން ކުރިމަތިވާނެ އެވެ. ހަމަ މިއުސޫލުން އެމާއްދާތަކުގެ ސަބަބުން ނޯށުގެ ފަހަތުގައި ހުންނަ ނާރުތަކުގެ ނިމުން ހީވާގިވެ، މުރާލިވެއްޖެނަމަ، ކިނިބިހިއެޅުން ކުރިމަތި ވެއެވެ.

ވައިނޮޅި އަށް ލޭފޯރުކޮށްދެނީ "އިންފީރިއާރ ތައިރޮއިޑް އާޓަރީ" ކިޔާ ލޭހޮޅިތަކަކުންނެވެ. ވައިނޮޅީގެ ހަރަކާތްތައް ކޮންޓްރޯލްކުރަނީ "ވޭގަސް ނާރު"، އަދި "ރިކަރަންޓް ނާރު" ތަކުގެ އެހީގައެވެ.
އިންސާނާ އެތެރެއަށް ނޭވާލާ ކޮންމެ ފަހަރަކު ނޭވާހޮޅި ފުޅާވެ ދިގުވާނެ އެވެ. އަދި ބޭރަށް ނޭވާލާ ކޮންމެ ފަހަރަކު ނޭވާހޮޅި ހިމަވެ، ކުރުވާނެ އެވެ. ވައިނޮޅި ނިމިފައި އިންނަނީ ވައިނޮޅި ދެފަރާތުގެ ފުއްޕާމެޔަށް ކަފިވާ ހިސާބުންނެވެ. އެއީ ކަނާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަފި(Bronchus) އަދި ވާތު ފުއްޕާމެޔަށް ގޮސްފައިވާ ވައިނޮޅީގެ ކަތްޕެވެ.

No comments:

Post a Comment