Friday, January 22, 2016

ޒިކާ ވައިރަސް ބަލި

ޒިކާ ވައިރަސް ބަލި
ޒިކާ ވައިރަސް ބަލި ނުވަތަ ޒިކާ ހުމަކީ ވައިރަސް އަކުން ޖެހޭ މަދިރީގެ ޒަރީޢާއިން ފެތުރޭ ބައްޔެކެވެ. ޒިކާ ވައިރަސް ބައްޔަކީ އެތައް ދުވަހަކަށް ފަހު، އަލަށް ފެންމަތިވެގެން އުޅޭ ބައްޔެކެވެ. މިބަލި ފުރަތަމަ ފެނިފައިވަނީ ރީނދޫ ހުމުގެ ވައްތަރެއް މޮނީޓަރ ކުރުމަށް ހިންގި މަސައްކަތްތަކުގެ ތެރޭގައި ރާމާމަކުނުގެ ގައިން 1947 ވަނަ އަހަރު ޔޫގެންޑާ އިންނެވެ. އިންސާނުންނަށް މިބަލިޖެހޭކަން ފުރަތަމަ ފާހަގަކުރެވުނީ 1952 ވަނަ އަހަރު ޔޫގެންޑާ އަދި ޓެންޒޭނިޔާ އިންނެވެ. މިބަލި އެމެރިކާ، އެފްރިކާ، އޭޝިޔާ އަދި ހުޅަގު ޕެސިފިކްގެ ގައުމުތަކުގައި މީގެ ކުރިން ފެތުރިފައިވާކަން ފާހަގަ ކުރެވެއެވެ. މިބަލި ފެތުރޭކަމަށް ބޮޑަށް ފާހަގަ ކުރެވިފައިވަނީ މަދިރި ގިނައިން އުޅޭ ހޫނު ހިސާބުތަކުގައެވެ.


މިފަހަކަށް އައިސް ޒިކާ ވައިރަސް ބަލި ރޯގާއެއްގެ ސިފައިގައި އެއްފަހަރާ ފުރަތަމަ ފެތުރިގެން ދިޔައީ ޕެސިފިކް ސަރަހައްދުގައި 2007 ވަނަ އަހަރުގައެވެ. އެއަށްފަހު 2013 ވަނަ އަހަރު ފްރެންޗް ޕޮލިނީސިއާ ގައެވެ. 2015 ވަނަ އަހަރު އެމެރިކާ ބައްރުން ބްރެޒިލް އަދި ކޮލަމްބިޔާ އިން މިބަލި ފެނުނުއިރު، އެފްރިކާ ބައްރުގެ ކޭޕް ވާޑް (ކޮއްދިއްވާރު) އިން މިބަލިން ފެނިފައިވެއެވެ. އޭގެ ފަހުން އެމެރިކާ ބައްރުގެ 18 ގައުމަކުން މިބަލި ފެނުނުކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ބަލިޖެހޭގޮތް ނުވަތަ ބަލިފެތުރޭގޮތް
ޒިކާ ވައިރަސް ބަލި ޖެހެނީ ފްލޭވިވައިރަސް އާއިލާ އަށް ނިސްބަތްވާ "ޒިކާ ވައިރަސް" ގެ ސަބަބުންނެވެ. އަދި ޒިކާ ވައިރަސް ބަލި ފަތުރަނީ އީޑީޒް މަދިރީގެ ސަބަބުންނެވެ. މިއީ ޑެންގީހުން، ޗިކަންގުންޔާ، އަދި ރީނދޫ ހުން ފަތުރާ މަދިރިވެސް މެއެވެ. ޒިކާ ވައިރަސް ބަލި ޖެހެނީ ބަލީގެ ވައިރަސް އުފުލާ އީޑީޒް (އީޑީޒް އިޖިޕްޓައި) މަދިރިއެއް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުގައި ހެފުމުން ނުވަތަ ދަތްއެޅުމުންނެވެ. 

އަލާމާތްތައް
ޒިކާ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް ހޭދަވާ މުއްދަތު އަދި މުޅިން ސާފެއް ނުވެއެވެ. ބެލެވޭގޮތުގައި ބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. ޒިކާ ވައިރަސް ބަލި ޖެހުމުން ފެންނަ އަލާމާތްތަކަކީ ޑެންގީ ހުން ޖެހުމުން ފެނިދާނެ އަލާމަތްތަކެކެވެ. އެގޮތުން ޒިކާ ވައިރަސް ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހަމުގައި ރަތްކުލައިގެ ބިހިތަކެއްނެގުން، ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ހުޅުތަކުގައި ރިހުން، ނުތަނަސްވުން، ވަރުބަލިވުން، ފަދަ އަލާމާތްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ބަލީގެ އުނދަގޫތައް ދެމިހުންނަނީ  ގާތްގަނޑަކަށް 7-2 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ.

ފަހަރުގައި ދިމާވެދާނެ ނުރައްކާތައް
2007 ވަނަ އަހަރުގެ ކުރިން ރޯގާއެއްގެ ސިފައިގައި އެއްފަހަރާ މިބަލި ގިނަބަޔަކަށް ޖެހިފައިނުވާތީ، ބައްޔާއި ގުޅިގެން ދިމާވެދާނެ ނުރައްކާތައް މާބޮޑަށް ހޯދައި ދެނެގަނެވިފައެއް ނުވެއެވެ. 2013 ވަނަ އަހަރު ޕެސިފިކްގެ ފްރެންޗް ޕޮލިނީސިއާގައި ޒިކާ ވައިރަސް ބަލި ފެތުރުނު ދުވަސްވަރު، އެއާއެކު ޑެންގީ ހުން ވެސް އެހިސާބުގައި ފެތުރުނެވެ. މިރޯގާ ފެތުރުނު ދުވަސްވަރު އެހިސާބުން "ގިލައިން ބަރ ސިންޑްރޯމް"(Guillain barre syndrome)ގެ ހާލަތްތައް އާދަޔާ ޚިލާފަށް ގިނައިން ފާހަގަ ކުރެވިގެންދިޔައެވެ. އެއަށްފަހު ޒިކާ ވައިރަސް ބަލި 2015 ވަނަ އަހަރު ބްރެޒިލްގައި ފެތުރުނު އިރުވެސް ގިލައިން ބަރ ސިންޑްރޯމްގެ ހާލަތްތައް ބަލި ފެތުރުނު ހިސާބުގައި އިތުރުވިކަން  ބްރެޒިލްގެ ޞިއްހީ އިދާރާތަކަށް ފާހަގަ ކުރެވުނެވެ.

2015 ވަނަ އަހަރު ރޯގާއެއްގެ ސިފައިގައި ބްރެޒިލްގައި ޒިކާ ވައިރަސް ފެތުރުނު އިރު، އެދުވަސްވަރު ވައިރަސް ފެތުރުނު ހިސާބުގައި އުފެދުމުގައި ހުންނަ ޢައިބެއްކަމުގައިވާ "އުފަންވާއިރު ބޯމާކުޑަވުން"(microcephaly) ކުރިމަތިވެފައިވާ ކުދިން އުފަންވި ނިސްބަތް އިތުރުވިކަން ފާހަގަ ކުރެވުނެވެ. ޞިއްހީ އިދާރާތަކުން މިހާރުދަނީ ޒިކާ ވައިރަސް އާއި، އުފެދުމުގައި މާބޯކުޑަވުމާއި، ހުރި ގުޅުން ހޯދުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ.

ދެނެގަތުން
ޒިކާ ވައިރަސް ބަލި ދެނެގަންނަނީ "ޕޮލިމަރޭޒް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓެއްގެ އެހީގައެވެ. އަދި ލޭގައި ވައިރަސް ހުރިތޯ ކަލްޗަރކޮށްގެން ބެލެއެވެ. ލޭގެ ޓެސްޓެއް ހަދައިގެން ޒިކާ ވައިރަސް ބަލި ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.

ފަރުވާ
ޒިކާ ވައިރަސް ބައްޔަކީ ވަރަށް އާދައިގެ އުނދަގޫތަކެއް ދިމާވާ ބައްޔަކަށްވުމުން، މިބައްޔަކަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ބަލިޖެހޭ މީހުން ވީވަރަކުން އަރާމުކުރުމަކީ މުހިއްމު ކަމެކެވެ. ގިނައިން ދިޔާތަކެތި ބޭނުންކުރުމާއެކު، ހުންނަ އުނދަގޫތައް ލުއިކުރުމަށް ބޭސް ބޭނުންކުރެވިދާނެއެވެ. މިބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއް  އަދި ތައްޔާރުކުރެވިފައެއް ނުވެއެވެ.

ރައްކާތެރިވުން
ޒިކާ ވައިރަސް ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމަކީ މަދިރި އުފެދުން މަދުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމެވެ.
މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރެވިދާނެ ކަންތައްތައް
·         ފެންއަޅާފައި ހުންނަ ތަކެތީގެ ރަގަޅަށް މަތިޖަހާފައި ބަހައްޓާށެވެ. ފެން ނަގާ ތާނގީތަކަށް މަދިރި ނުވަދެވޭގޮތަށް މަތިޖަހާ ވައި ހިނގަށް ހުންނަ ހޮޅިހޮޅީގައި މަދިރިއަށް ނުވަދެވޭ ގޮތަށް ދާކޮޅެއް ޖަހާށެވެ.
·         ފެން ހިންދާ ވަޅުގަނޑާއި، ނަޖިސް ވަޅުގަނޑަށް މަދިރިއަށް ނުވަދެވޭގޮތަށް ބަންދު ކުރާށެވެ. ވަސް ހޮޅީގައި ވެސް މަދިރިއަށް ނުވަދެވޭ ގޮތަށް ދާ ޖަހާށެވެ. އެހެން ނޫނީ އެފަދަ ތަންތަނަކީ މަދިރި އާލާވާ ތަންތަން ކަމުގައި ވެދާނެއެވެ.
·         މަދިރި އުފެދޭގޮތަށް ހުންނަ ކުނި ބުނި ނައްތާލުން މުހިއްމު އެވެ. އުކާލާފައި ހުންނަ ދަޅު، ފުޅި، ތަށި އަދި ނާއްޓަކީ ފެން އެޅިގެން ފެން ހަރުލައި، އެފެނުގައި މަދިރި އުފެދޭނެ އެއްޗެއްސަށްވާނެ އެއްޗެއްސެވެ. މިފަދަ އެއްޗެތި އެއްކޮށް އުކާލާށެވެ. ނޫނީ ވަޅުލާށެވެ. ނޫނީ އަންދާލާށެވެ.
·         ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވިދާނެއެވެ. މަދިރި ފަނިއަޅާ ވަޅުވަޅަށް މަސްލައިގެން މަދިރި ގިނަވިޔަނުދީ ކޮންޓްރޯލް ކުރެވިދާނެއެވެ. މީގެ އެއްވައްތަރަކީ ގައްޕީޒް އެވެ. ފަނި މަރަން ޖަހާ ކަހަލަ ބޭސް ބޭނުންކުރުމުން މަދިރި ފަނި މަރުވާނެއެވެ.
·         މަދިރި މަރަން ބޭނުންކުރާ ބޭސް ބޭނުންކޮށްގެން މަދިރި ކޮންޓްރޯލް ކުރެވިދާނެއެވެ.

މަދިރި ނުހަފާނެ ގޮތަކަށް ހަށިގަނޑު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް
ގައިގައި މަދިރި ނުހަފާނެ ގޮތް ހެދުމަށްޓަކައި ތިރީގައި މިވާ ކަންތައް ކުރެވިދާނެއެވެ.
·         މަދިރި ދުންދަނޑި ޖެހުން ނުވަތަ ކަރަންޓްގައި ޖަހައިގެން މަދިރި ދުރުކުރާ ދުންދަނޑި ބޭނުންކުރުން
·         ވިއްސާރަ މޫސުމްގައި މަދިރި ދުންދަނޑި ބޭނުން ކުރިޔަސް ކަރަންޓުން ބޭނުންކުރާ މަދިރި ދުރުކުރާ ގުޅަބޭސް ބޭނުންކުރިޔަސް ރަގަޅުވާނެ އެވެ. މެންދުރުން އެބުރުނީއްސުރެ އިރުއޮއްސުމާއި ދޭތެރޭ ގައްޔާއި، އިރު އަރާ ވަގުތު އެންމެ ހެދުނާ މިތަކެތީގެ ބޭނުންކުރުން ރަގަޅެވެ. ސަބަބަކީ އެވަގުތު ތަކީ ޑެންގީ ހުން ޖައްސާ މަދިރި އެންމެ ބޮޑަށް ހަފާނެ ވަގުތުތައް ކަމަށްވާތީ އެވެ.
·         މަދިރި ދުރުކުރާ ބޭސް: މަދިރި ދުރުކުރުމަށްޓަކައި ގައިގައި އުގުޅަން ހުންނަ ބޭސް ހާމަކޮށް ހުންނަ ހަންގަނޑުގައި އުގުޅުމުން ވެސް މަދިރި ނުހަފާނެ އެވެ. ގައިގާ އުގުޅަން ހުންނަ މިފަދަ އެއްޗެތި ކުޑަކުދިންނާއި މުސްކުޅިންގެ ގައިގާ އުގުޅުމުގައި ސަމާލުވާން ޖެހޭނެއެވެ.
·         މަދިރި ދައުޖެހުން: ކުޑަ ދޮރުތަކާއި މަދިރި ވަންނަން ހުންނަ އާނގަތަކުގައި މަދިރި ދާ ޖެހުމަކީ ގޭތެރެއަށް މަދިރި ނުވަންނާނެ ކަމެކެވެ. މީގެ އިތުރުން މަދިރިގެ ބޭނުންކުރެވިދާނެ އެވެ.
·         ޑެންގީ ޖެހިފައި ތިބޭ ބަލިމީހުން ރައްކާތެރިކުރުން: ޑެންގީ ހުން ޖެހެނީ ޑެންގީ ގެ ޖަރާސީމް ހުންނަ އަންހެން މަދިރި ޑެންގީ ޖެހިފައިވާ މީހެއްގެ ގައިން ލޭބުއިމުންނެވެ. އެހެންވީމާ ޑެންގީ ހުން ޖެހިފައި ތިބޭ މީހުންގެ ކައިރީގައި މަދިރި ދުންދަނޑި ފަދަ އެއްޗެތި ޖެހުމާއި މަދިރިގެ ޖަހައިގެން އެމީހުން ރައްކާތެރިވެ ތިބުމަކީ ބަލި ފެތުރުން ހުއްޓުވޭނެ ގޮތެކެވެ. ގަޔަށްދޫކޮށް ހުންނަ ހެދުން ލުމަކީ ވެސް މުހިއްމު ކަމެކެވެ.
·         ހަވީރު ވުމުން ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަކީ ގޭތެރެއަށް މަދިރިވަނުން މަދުކުރެވޭނެ ގޮތެކެވެ.

މައުލޫމާތު :

No comments:

Post a Comment