Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ފުރާވަރުފެށޭ އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ފުރާވަރު ފެށޭ ނޫނީ ފުރާވަރުގެ ކުރީކޮޅުގެ އުމުރު ފުރާ (ބާރަ އަހަރާއި، ސާދަ އަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
މިއީ ޖިސްމާނީ، ނަފްސާނީ، އާތިފީ، އަދި އިޖުތިމާޢީ ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ކުދިންނަށް އަންނާނެ ދުވަސްވަރެކެވެ. ހޯރމޯން އަންނަ ބަދަލުތަކާއި ގުޅިގެން މިއުމުރަށްދާއިރު ތިބޭނީ ބާލިޣުވެފައެވެ. ފިރިހެންކުދިންގެ އަޑުބަރުވެ، މޫނާއި، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި އިސްތަށި ފަޅާނެއެވެ. އަންހެންކުދިންގެ އުރަމަތި ނިކުންނަށް ފަށާނެ އެވެ. ކުރިމަތި ފަރާތުގައި އިސްތަށި ފަޅައި، މައްސަރު ކަންތައް ޖެހެން ފަށާނެ (ބާލިޣުވާނެ) އެވެ. ބައެއް ކުދިން މިއުމުރުގައި މިބަދަލުތަކާއި ގުޅިގެން އެކުދިންގެ ސިފަޔާއި މެދު ކަންބޮޑުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ރަހުމަތްތެރިންގެ ފަރާތުން ނުފޫޒާއި، ފިއްތުންތައް އެންމެ ބޮޑަށް ކުރިމަތިވާ ދުވަސްވަރެވެ. ބައެއް ފަހަރު މިފަދަ ފިއްތުންތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ޖިންސީގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ގޯސް އާދަތަކުގެ ތެރެއަށް ކުއްޖާ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ކުދިން އަމިއްލައަށް އެކުދިން ބޭނުންވާ ޚިޔާރުތައް އިޚްތިޔާރު ކުރެއެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، އަމިއްލަ ޝަޚުޞިއްޔަތު ދެނެގަނެ، ކަންކަމަށް ހުންނަ ޝައުގުވެރިކަން އިތުރުވެއެވެ. 
  
އާތިފީ، އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް
o       ކުއްޖާގެ ސިފަޔާއި ހުންނަ ގޮތަށް ދޭ ސަމާލުކަން އިތުރުވުން
o       އެކިކަންކަމާ މެދު ފުންކޮށް ވިސްނައި، ބައެއް ފަހަރު ވަކިގޮތެއް ޚިޔާރުކުރަން ނޭނގިގެން އުޅުން
o       ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ތަޖުރިބާކުރެވޭ މިންވަރު އިތުރުވުން
o       ރަހުމަތްތެރިންގެ ފަރާތުން ނުފޫޒާއި، ފިއްތުންތައް އިތުރުވުން
o       މައިންބަފައިން ބުނާއެއްޗަކަށް މާބޮޑު ސަމާލުކަމެއް ނުދިނުން، ރުންކުރުވެ، ރުޅިއައިސްފައިހުރުން
o       ސުކޫލްގެ ވާދަވެރިކަން އިތުރުވެ، ސްޓްރެސް ބޮޑުވުން
o       ކެއުމާއި ގުޅުންހުރި މައްސަލަތައް ކުރިމަތިވުން
o       މާޔޫސްވެ، ދެރަވެ، މޮޅިވެރިވެ، ކިޔެވުމުގައި ދަށް ނަތީޖާ ލިބުން
o       އެކި ކަހަލަ ނޭދެވޭ އާދަތަކުގެ ތެރެއަށް ކުއްޖާ ދިއުމަށް މަގުފަހިވުން
ވިސްނުމާއި، އުނގެނުމަށް އަންނަ ބަދަލުތައް
o       ކަންކަމާމެދު ފުންކޮށް ވިސްނައި ހެދުން
o       ވާހަކަ ދައްކައިގެން އިހުސާސްތަކާއި ޝުޢޫރުތައް ހާމަކުރުމުގެ ގާބިލިއްޔަތު އިތުރުވުން
o       ކަންކަމުގެ ހެވާއި ނުބައި ރަނގަޅަށް ވަކިކުރަން އެނގުން
ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ޖިންސީ ގުޅުންހިންގުން ފަދަ ހައްސާސީ (ނާޒުކު) ކަންކަމާބެހޭގޮތުން ސީދާ ދަރިފުޅާ ވާހަކަ ދައްކާށެވެ. މަޑުމައިތިރިކަމާ ތެދުވެރިކަމާއެކު ވާހަކަ ދައްކާށެވެ.
·         ދަރިފުޅުގެ ރަހުމަތްތެރިންގެ ތެރެއިން ފުރާވަރަށްދާއުމުރުގެ ރަހުމަތްތެރިންނާއި ބައްދަލުކޮށް އެއީ ކޮންކަހަލަ ބައެއްކަން ދެނެގަންނާށެވެ.
·         ދަރިފުޅުގެ ސުކޫލްގައި ހިންގާ ކަންކަމަށް ޚާއްޞަ ޝައުގުވެރިކަމެއް ބަހައްޓާށެވެ.
·         އަމިއްލައަށް ކަންކަން ނިންމުމުގައި އިސްނެގުމަށް ބާރުއެޅުމާއެކު، ރަގަޅު ގޮތްތައް ޚިޔާރުކުރުމަށް ލަފާދޭށެވެ.
·         ދަރިފުޅުގެ ޚިޔާލާއި، ފިކުރަށް އިހުތިރާމް ކުރާށެވެ.ދަރިފުޅު ދައްކާ ވާހަކަ އަޑުއަހާކަން އެނގުން އެއީ ވަރަށް މުހިއްމު ކަމެކެވެ.
·         ދެބަސްވުމެއް ، ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރާނެގޮތް ކިޔައިދޭށެވެ. ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަން ހާޞިލްކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         މިއުމުރުގައި އެކަނި ސައިކަލް ދުއްވުމަކީ މަނާކަމެއްކަން ދަރިފުޅު ގާތުގައި ބުނާށެވެ. ބައިސްކަލް ދުއްވުން، ކުޅިވަރުތަކުގައި ބައިވެރިވުން، މޫދަށްއެރުން ފަދަ ކަންތައްތަކުގައި ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންޖެހޭ އުސޫލްތަކަށް ތަބާވުން މުހިއްމެވެ.
·         ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، ނަހަމަގޮތުގައި ޖިންސީ ގުޅުންހިންގުން ފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަން ދަރިފުޅަށް ވިސްނާދީފައި ބާއްވާށެވެ. މިކަންކަމާ ގުޅޭގޮތުން ދަރިފުޅުގެ ޚިޔާލު ހޯދައި، ތިބާއަށް ފެންނަގޮތް، އަދި އަމަލުކުރަންޖެހޭގޮތް ދަރިފުޅަށް ކިޔާދީފައި ބާއްވާށެވެ. ދަރިފުޅު ކުރާ  ދައްކާ ވާހަކަތައް އަޑުއަހައި، ކުރާ ސުވާލުތަކަށް ބީރުކަންފަތެއް ނުދީ، ތެދުވެރިކަމާއެކު، ސީދަލަށް ޖަވާބުދޭށެވެ.
·         ރަގަޅު ކަންކަމަށް ޝައުގުވެރިކަން ހުންނަކުދިން ރަހުމަތްތެރިންގެ ގޮތުގައި ޚިޔާރުކުރުމާއި ގެންގުޅުމަށް ދަރިފުޅަށް ބާރުއަޅާށެވެ.
·         ދަރިފުޅު އެހެން މީހަކު/ބަޔަކާއެކު ފޮނުވާނަމަ ދާތަނެއް/އުޅޭތަނެއް އެގެންވާނެ އެވެ. އަދި ތަނަކަށް ފޮނުވާނަމަ ފޮނުވަންވާނީ އިތުބާރުކުރެވޭ، ޒިންމާ ނެގޭވަރުގެ މީހަކާ އެކުގައެވެ. ސުކޫލް މަދަރުސާގެ ހަރަކާތަކަށް ދާނަމަ، ނިމޭގަޑިއާއި، ބަލައިދާންޖެހޭ ވަގުތާއި، ގެއަށް އަންނާނެ ވަގުތު ހޯދާފައި ބޭއްވުން މުހިއްމެވެ.
·         ގޭގައި އެކަނި ހުންނަން ޖެހިއްޖެނަމަ އަމަލުކުރަންޖެހޭގޮތް ރަގަޅަށް ކިޔާދީފައި ބާއްވާށެވެ. ގެއަށް ރައްޓަހި ކުދިން ގެނައުމާއި، ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރަންޖެހޭގޮތް ކިޔާދީފައި ބާއްވާށެވެ. ގޭގައި ހަދަން ދީފައި ހުންނަ ފިލާވަޅުތައް ހަދައި މުތާލިއާކޮށް، ގޭތެރޭގެ ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމަށް ބާރުއަޅާށެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ޖިސްމާނީ ގޮތުން ހަރަކާތްތެރި މީހަކަށްވުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅެވިދާނެ އެވެ. ގޭތެރޭގެ ބައެއް މަސައްކަތްތަކުގައި (ގަސްތަކަށް ފެންދިނުން، އެއްޗެހި ދޮވުން، ތަށިތެލިތައް ދޮވެހެދުން، ގޭތެރެ ފޮޅައި ސާފުކުރުން،) މައިންބަފައިންނަށް އެހީތެރިވެދީ ހެދިދާނެ އެވެ.
·         ދަރިފުޅަށް ގިނައިން ތަރުކާރީއާއި މޭވާގެ ބާވަތްތައް ދޭށެވެ. ލޮނާއި، ތެޔޮ، އަދި ހަކުރު ހުންނަ ބާވަތްތައް ވަކި މިންގަނޑަކަށް ދޭށެވެ. ހަށިގަނޑަށް ފައިދާހުރި ކާތަކެތި ބޭނުންކުރުމަށް އިސްކަން ދޭށެވެ. އާއިލާގެ އެންމެން އެކުގައި ކެއުމުގެ އާދަ އަށަގަންނުވާށެވެ.
·         ދަރިފުޅުގެ ކޮޓަރީގައި ޓީވީ ނުބަހައްޓާށެވެ. ޓީވީ ބެލުން، ކޮމްޕިއުޓަރު ކުޅުން ފަދަ ކަންތައްތަކަށް ހޭދަވާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
މައުލޫމާތު :

No comments:

Post a Comment