Thursday, September 28, 2023

ވިޓަމިން ބީ12 (ކޯބަލަމިން)

ވިޓަމިން ބީ12 (ކޯބަލަމިން)

ވިޓަމިން ބީ12 (Vitamin B12)ނުވަތަ ކޯބަލަމިން(cobalamin) އަކީ އެންމެ ފަހުން ހޯދުނު ވިޓަމިން އެވެ. 1948 ވަނަ އަހަރު ހޯދުނު މިވިޓަމިނަކީ ފެނަށްގިރޭ ގަދަ ރަތްކުލައިގައި ހުންނަ ވިޓަމިނެކެވެ. މިވިޓަމިން ހޯދުނީ އިގިރޭސި ވިލާތުގެ ޑރ ސްމިތު އަދި އެމެރިކާގެ ޑރ ޕާރކަރ ބެލުމުގެ ދަށުން ދިރާސާތަކެއް ކުރި ޓީމަކުންނެވެ. އާންމު ގޮތެއްގައި މި ވިޓަމިން ލިބެނީ ޖަނަވާރުން ލިބޭ ކާބޯތަކެތިންނެވެ (ސާލިހު އަދި ވަހީދު، 2014).  


ބަނޑުގައި ހައިޑްރޯކްލޮރިކް އެސިޑް އަދި އެންޒައިމްތައް ގުޅިގެން ވިޓަމިން ބީ12 ވަކިކޮށް މިނިވަން އެއްޗަކަށް ހަދައެވެ. އެއަށްފަހު ވިޓަމިން ބީ12 އިންޓްރިންސިކް ފެކްޓަރ އާއި އެއްވެ، ކުޑަގޮހޮރުގައި ހަށިގަނޑަށް ނަގައެވެ (ހާރވަޑް.އެޑިޔު، 2023).

މަސްދަރު

ކޯބަލަމިން އެކުލެވޭ ކާބޯތަކެތީގެ ތެރޭގައި، އެއްގަމު މަސް، ޖަނަވާރުގެ ކިރު، ކިރު އުފައްދާ ތަކެތި، މޭގަނޑު، ކަނޑުމަސް، ކުކުޅު ބިސް، ހިމެނެއެވެ. ޖަނަވާރުން ލިބޭ ކޯބަލަމިން ގިނައިން ހުންނަނީ މޭގަނޑު ފަދަ އެތެރޭ ގުނަވަންތަކުގައެވެ. މިވިޓަމިނަކީ ކެއްކުމުން ނޫނީ ހޫނުން ނުވަތަ އަލިން އުނިވާ އެއްޗެއް ނޫނެވެ. އެކަމަކު ކިރު ގިނައިން ކައްކައިފިނަމަ، ކިރުގައި ހުންނަ ކޯބަލަމިންގެ %70 ގެއްލިގެން ދެއެވެ.

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ކޯބަލަމިން ހުންނަ މިންވަރު

 

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ބޯވަ

20

ކުރުމަސް

2

ފަނިހަދި

5

ކަންނެލި

2

މާނިޔާ މަސް

5

ގެރިމަސް

2

އިހި

4

ކުކުޅު ބިސް

2

ޗީޒް

3.3

ކުކުޅު މަސް

0.5

ކޯބަލަމިންގެ ފައިދާ

ކޯބަލަމިން އަކީ ލޭގެ ދިރުތައް ބައިބައިކޮށް އައު ދިރު އުފައްދައި ދިނުމަށާއި، އެމިނޯ އެސިޑް ތަކާއި ސަރުބީ ހަށިގަނޑަށް ބޭނުންހިފޭގޮތް ހަދައިދޭ (ގިރިބިންކޮށްދޭ) އެއްޗެކެވެ. ހަށިގަނޑުގެ އެކިބައިތަކުގައި ހިމެނޭ ތަފާތު ދިރުތަކުގައިވާ ޑީއެންއޭ އުފެދުމަށްވެސް އެހީވެދޭ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހަށިގަނޑުގެ ބޭރުގައި ހުންނަ ހަންގަނޑު ފަދަ ދުލިފަށްތަކާއި، ހަށިގަނޑުގެ އެތެރޭގައި ހުންނަ ގޮހޮރުގެ އެތެރެ ފަރާތުގެ ހަން، ނުވަތަ ދުލިފަށްތައް ބަލިތަކުން ދިފާޢުވުމަށް އުފައްދާ ދިރުތައް އުފެއްދުމުގައި މުހިއްމު ރޯލެއް ކޯބަލަމިން ކުޅެއެވެ. އަދި ލޭނާރުތަކުގެ ބޭރުފަށަލަ އުފައްދައި، ބެލެހެއްޓުމުގައި ވެސް މި ވިޓަމިން މުހިއްމު ރޯލެއް އަދާކުރެއެވެ. ހަށިގަނޑުގެ އެކި ބައިތަކުގައި ހިމެނޭ ތަފާތު ދިރުތަކުގައިވާ ވާރުތީ ވިސަ ތައް ހުންނަ ދިރުކަމަށްވާ ޑީއެންއޭ އުފެއްދުމަށް ވެސް މިވިޓަމިން އެހީތެރިވެދެއެވެ. (ސާލިހު އަދި ވަހީދު، 2014).

ކެލަމިން

ކޯބަލަމިން ގެ ކެލަމިން ( ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު ) ކަމަށް ބަލަނީ މީހަކަށް 2.4 މައިކްރޯގްރާމް އެވެ. ކިރުދޭ މައިން ދުވާލަކު 2.6 މައިކްރޯގްރާމް ނުވަތަ ބައެއް ޑޮކްޓަރުން ލަފާދޭގޮތުގައި 2.8 މައިކްރޯގްރާމް ނެގުން ރަނގަޅެވެ. ދުވަސްވެ، މުސްކުޅިވުމުން، ލޭގައި މިބައި މަދުނަމަ، ގިނައިން ކެއުމަށްވުރެ ހަށިގަނޑަށް ބޮޑަށް ބޭނުންހިފެނީ އިންޖެކްޝަންގެ ގޮތުގައި ނަގައިގެންނެވެ.  

ކޯބަލަމިން އެކުލެވޭ ބޭހަކީ ކެއުމުގެ ކުރިން ބޭނުންކުރަންޖެހޭނެ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ބޭހެއްގެ ގޮތުގައި މިވިޓަމިން ދޭނަމަ، ޑޯޒު މަތިކުރަން ޖެހެއެވެ. އެއީ ބޮޑުބައި ގިރިބިން ނުކުރެވި، ނަޖިހާއެކު ގެއްލިގެންދާތީ އެވެ. އިންޖެކްޝަންގެ ގޮތުގައި މިވިޓަމިންގެ 100 މައިކްރޯގްރާމް ނެގި ކަމުގައި ވިޔަސް، އޭގެ %90 ބޮޑުކަމުނަޖިހާއެކު ބޭރުވެގެން ދެއެވެ. އަނގައިން (ސަރުބަތު ނޫނީ ގުޅަބޭހުގެ ގޮތުގައި) މިވިޓަމިން ނަގާނަމަ، 1000-500 މައިކްރޯގްރާމް އާއި ދެމެދުގެ މިންވަރަކަށް ނަގަން ޖެހެއެވެ. ކުޑަދަރިފުޅަށް ބޭނުންވާތީ މަންމަގެ ކިރާއެކު ވެސް މިވިޓަމިން ބޭރުވެއެވެ (ސާލިހު އަދި ވަހީދު، 2014).

މިވިޓަމިން ބޭހެއްގެ ގޮތުގައި ބުއްދި ހަމަ ނުޖެހުމަށާއި، ލޭމަދުވުމަށް، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ގަދަ ކުރުމަށް ދެވެއެވެ. މިބައި އިތުރުވުމަކުން އެއްވެސް އިތުރު އުދަގުލެއް ދިމާވާކަން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ޕޮޓޭސިއަމް ހަށިގަނޑުގައި މަދުމީހުން މިބޭސް ބޭނުންކުރުން ރަގަޅެއް ނޫނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).  

ކޯބަލަމިން މަދުވުން

ކޯބަލަމިން ހަށިގަނޑުގައި މަދުވެގެންދަނީ ކާބޯތަކެތިން އެތެރެވުން މަދުވުމަށްވުރެ، ބޮޑަށް އެވިޓަމިން ގިރިބިން ނުކުރެވިގެން ނުވަތަ ހަށިގަނޑަށް ބޭނުންހިފޭގޮތް ނުހެދިގެންނެވެ. ނުވަތަ ގިނަ ފަހަރު މިބައި ހަށިގަނޑުން މަދުވަނީ ކާބޯތަކެތީގެ ތެރެއިން މިބައި ހަށިގަނޑަށް ނުލިބިގެނެއް ނޫނެވެ. މިބައި ހަށިގަނޑަށް ބޭނުންކުރެވެނީ އިންޓްރިންސިކް ފެކްޓަރ ކިޔާ މާއްދާއެއް ލިބިގެންކަމަށްވާތީ އެބައި ހަށިގަނޑުގައި ނުއުފެދިގެންނެވެ. މިކަން ދުވަސްވީ މީހުންގެ %20 މީހުންނަށް ދިމާވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކޯބަލަމިން މަދުވުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި ކެއުމުގައި ޖަނަވާރުން ލިބޭ ކާބޯތަކެތި ނުހިމެނުން މިސާލަކަށް ކެއުމުގައި އެއްގަމުމަސް، ކަނޑުމަސް، ކުކުޅުބިސް ފަދަ ތަކެތި ނުހިމެނުން، އިންޓްރިންސިކް ފެކްޓަރ ނުއުފެދުން ނޫނީ ނުހުރުން، ބަނޑުގައި އެކަށޭނަ ވަރަށް ގޭސް ނުއުފެދުން ނޫނީ ގޭސް މަދުކުރާ ފަދަ ބޭސް ދިގުމުއްދަތަކަށް ބޭނުންކުރުން، ކޯބަލަމިން ހަށިގަނޑަށް ނެގުމަށް ހުރަސްއެޅޭ ފަދަ ކަމެއް މެދުވެރިވުން މިސާލަކަށް ގޮހޮރުގެ އޮޕަރޭޝަނެއް ކުރުން، ސިލިއެކް ޑިޒީޒް، އަލްސަރޭޓިވް ކޮލައިޓިސް އަދި ކްރޯންސް ޑިޒީޒް ފަދަ ގޮހޮރުގެ ބައްޔެއް ހުރުން، އަދި ވިޓަމިން ހަށިގަނޑަށް ނެގުމަށް ހުރަސްއެޅޭ ފަދަ ބޭހެއް ބޭނުންކުރުން މިސާލަކަށް ހަކުރުބަލީގެ މީހުންނަށް ދީއުޅޭ ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ (ހާރވަޑް.އެޑިޔު، 2023).

ކޯބަލަމިން މަދުވުމުން ޖެހޭ ބަލިތައް ނުވަތަ ފެންނަ އަލާމާތްތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި، ހަނދާން ބަލިވުން، ބޮލުގައި ރިހުން، ކަންބޮޑުވެ އަނބުރައިގަންނަގޮތްވުން، ރުންކުރުވާގޮތްވުން ހިމެނެއެވެ. ކާހިތްނުވުމާއި ހޮނޑުލަވާގޮތް ވުމަކީ ވެސް މިވިޓަމިން މަދުވުމުން ދިމާވާ ގޮތެކެވެ. މިވިޓަމިން ހަށިގަނޑުން މަދުވުމުން ލޭގެ ހުދު ދިރު ތައް މަދުވެ، ލޭމަދުވުން، ދިފާޢީ ނިޒާމް ހީނަރުވެދެއެވެ. އަދި ލޭގެ ރަތް ދިރު ތަކުގެ ސައިޒުން ބޮޑުވެ، ލޭނާރުތަކުގެ ތެރެއިން ދަތުރުކޮށް އުޅުން ދަތިވުމުން، އަތްފައި އައްސިވެ، ހީލިކަރުވާގޮތްވުން ދިމާވެއެވެ.

ކޯބަލަމިން ގިނަވުން

ކޯބަލަމިން ގިނަވެގެން ނޫނީ އިތުރުވެގެން އެއްވެސް އިތުރު އުދަނގުލެއް ދިމާވެފައިވާކަމަށް އަދި މިހާތަނަށް އެނގިފައެއް ނެތެވެ. ބައެއް މީހުންނަށް މާގިނައިން ކެއުމުން އޮށާޅަނެގުން، ނުވަތަ އޮށާޅަ ގިނަވާގޮތް ވެއެވެ (ސާލިހު އަދި ވަހީދު، 2014). ކޯބަލަމިން އަކީ ފެނަށްގިރޭ ވިޓަމިނެއްކަމަށް ވުމުން ހަށިގަނޑުގައި އިތުރުވާ ކޯބަލަމިން ކުޑަކަމު ނަޖިހާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ. ދުވާލަކު 1000 މައިކްރޯގްރާމް ނެގިޔަސް ގެއްލުމެއް ނުވާކަން ފާހަގަ ކުރެވިފައި ވެއެވެ (ހާރވަޑް.އެޑިޔު، 2023).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.  

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/vitamin-b12/ 

No comments:

Post a Comment